ހިތާމަ ލޯބީގެ

ހަނދުމަ

އަޖުނާދުގެ ކަޅިއެޅުންތައް ޖޭސްމީނަށް އަމާޒުވަމުން ދިޔައިރު، އެކަމާމެދު ޖޭސްމީން ވިސްނާ ފިކުރުކުރަމުންދާކަމެއް އަޖުނާދަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އޭނާގެ ހުރިހާ ވިސްނުމެއް ވެސް އަމާޒުވެފައިހުރީ ޖޭސްމީންގެ ފުރިހަމަރީތި ޗާލާކީ ހަށިގަނޑަށެވެ. ހެދިހުރި އެފުރިހަމަހަށިގަނޑާއި އެހަށިގަނޑަށް އިތުރަށް ފުރިހަމަކަން ގެނެސްދޭ އައިބެއްނުވާ ފުރިހަމަގުނަވަން ތަކަށެވެ. އެފަދަ ފުރިހަމަ ޗާލާކީ މަލެއް ބިނދެލެވޭހާ ގާތުގައިވާނަމަ އެމަލެއް ބިނދެލާ އެމަލުގެ ފޮނިމީރުކަން އިހުސާސްކޮށްލަން ބޭނުންނުވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމުގައި އަޖުނާދުގެހިތް އަބަދުވެސް ބުނަމުންދެއެވެ.

މާލެތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސެނީއެވެ. ދޮރޯށިކައިރީ މަޑުކޮށްލައިގެން މީހެއްގެ އިންތިޒާރުގައި ކަހަލަގޮތަކަށް ޖޭސްމީން ހުރިއިރު، އޭނާގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން ދެވަނަފަންގިފިލާގެ އޯޕަންއެއަރގައި އަޖުނާދު ހުރިކަމެއް ޖޭސްމީންއަކަށް އަދި އެހެން މީހަކަށް ވެސް ނޭނގެއެވެ.

ގެކައިރިއަށް އައިސް މަޑުކޮށްލި ޕްރައިވެޓްކާރުން ފޭބި ޒުވާނާއާއެކު ޖޭސްމީންގެ ދަރިފުޅު ލޭމަން ފޭބި މަންޒަރު ފެނުމާއެކު އަޖުނާދު ހައިރާންވެގެން ދިޔައެވެ. ހަމައެހެންމެ އެއްފަހަރާ އެތައް ސުވާލެއް އުފެދި އެމަންޒަރަށް އިތުރުސަމާލުކަމެއް ދެވުނުއިރު، ޖޭސްމީންއާ ދިމާއަށް އައި އެޒުވާނާ އާއި ޖޭސްމީންގެ ހަރަކާތްތަކަށް ސަމާލުވެވުނެވެ.

ލޭމަން ގޮވައިގެން އައިސް ޖޭސްމީންކައިރީ ބަހައްޓަމުން، ޖޭސްމީންއާ ގާތްވެލައި އެޒުވާނާކޮށްލި ހަރަކާތާއެކު އަޖުނާދަށް ލޯ މަރާލެވުނީ އެމަންޒަރުން ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންކަން ޔަގީނެވެ.

ގޭތެރޭގެ މަސައްކަތްތައް ނިންމާލާ ތާހިރުވެލައިގެން ދަރިފުޅު ނިންދެވުމަށްފަހު، ޖޭސްމީން ކޮޓަރިން ނުކުތްއިރު ދިހައެއް ޖަހަނީ އެވެ. ވަރަށްރީއްޗަށް މޭކަޕްކޮށްލައި އެންމެމިހާރުގެ ހެދުމެއްލައިގެން ހުރި ޖޭސްމީންގެ ފުރިހަމަކަން ފެނުމާއެކު އަޖުނާދުގެ ހުރިހާހިއްސެއް އެއްފަހަރާ ގަނޑުވި ކަހަލައެވެ. ބުނާނެއެއްޗެއް ކުރާނެހަރަކާތެއް ނޭނގިފައި ހިލައިގެބުދެއް ފަދައިން ކަޅިވެސްޖަހާނުލައި ޖޭސްމީންއަށް ބަލަހައްޓައިގެން އިނދެވުނީ ކިހާއިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. ހަމައެހެންމެ ޖޭސްމީން އެތަނުން ދިޔައީ ކޮންއިރަކުކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. މީގެކުރިން އޭނާއަށް ފެނިފައިވާ ޖޭސްމީން ކުރިޔަށްވުރެ މިހާރު މާފުރިހަމަކަން ފެންނަކޮންމެމީހަކު ވެސް ގަބޫލުކުރާނެކަން އަޖުނާދަށް ޔަގީނެވެ.

ޚިޔާލީދުނިޔެއަކަށް ގެއްލިފައި އިން އަޖުނާދު ސިއްސައިގެން ދިޔައީ އޭނާގެ އަންހެނުން މަރިޔަންދީ ވާހަކަދެއްކި އަޑަށެވެ.

” އަހަރެންނަށް ހީވަނީ ޖޭސްމީން މިހާރު އެއުޅެނީ މާރަނޅަކަށް ނޫންހެން . . . އެހެން އުޅެނިކޮށް ކަމެއް ދިމާވެއްޖެއާ ގޯސްވާނީ އަހަރުމެން . . . . އޭނަ ކައިރީ ބުނޭ އެހެން ނޫޅޭށޭ. ” މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަން ފިލުވާލާ ހިތަށް ވެރިވަމުންދިޔަ އުދާސްކަމުން ދުރުވާން މަސައްކަތްކުރަމުން އަޖުނާދު ވާހަކަދެއްކިއެވެ. މިއަދު ހަވީރު ފެނުނު މަންޒަރުގެ ސަބަބުން އަޖުނާދަށްވަނީ ވަރަށްބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ. ޖޭސްމީންގެފަރާތުން އޭނާ އުންމީދުކުރަމުންއައި ވަގުތު ގާތްވަމުން ދަނިކޮށް ކުއްލިއަކަށް މިފެނުނު މަންޒަރާއެކު އޭނާގެ އުންމީދުތައްވަނީ ވިއްސިވިހާލިވެގެން ގޮސްފައެވެ.

” ދެން . . . އަޖުނާދު ދައްކާ ވާހަކަ. އެއީ ވެސް މިހާރު ކުޑަކުއްޖެއް ނޫނޭ. އޭނައަށް ވެސް އުޅެންވީގޮތާއި ނޫޅެންވީ ގޮތް މިހާރު އެނގޭނެ. ” އަޖުނާދު ކައިރީ ގޮނޑިސެޓްގައި އިށީންނަމުން މަރިޔަންދީ ވާހަކަދެއްކިއެވެ.

” އާން. އެހެންވެތާ ކުރިން ވެސް ކައިވެނީގެ ބޭރުން ކުއްޖަކު ލިބިފައި އެހުރީ. ” މަލާމާތްކުރާޒާތަށް ހީލަމުން އަޖުނާދު ބުނެލި ޖުމްލައާއެކު މަރިޔަންދީގެ ހިތަށް ވިހަ ތީރެއް ހަރާލިކަހަލައެވެ. އޭނާގެ ފިރިމީހާގެ ފަރާތުން ދުވަހަކު ވެސް އަހަން ބޭނުންނުވާ އެޖުމްލަ އާއެކު މަރިޔަންގެދީގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ރޮއިރޮއިފައި އޭނާގާތު ޖޭސްމީން ދެއްކި ވާހަކަތަކެވެ.

މެންދަމުންއަލިވެ ދޭއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ޖޭސްމީނަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ މޫނުގައި ކޮންމެވެސް މީހެއްގެ އަތްތިލަ ބީހިލިކަހަލަ އިހުސާސެއް ވެގެންނެވެ. އަވަސް އަވަހަށް ލޯހުޅުވާލަމުން ފުންމައިގެން ތެދުވިއިރު އެނދު ކައިރީ ހުރީ އަޖުނާދެވެ. އަޖުނާދު ފެނުމާއެކު ޖޭސްމީންގެ ހިތުގައި އެއްފަހަރާ އެތައްސުވާލެއް އުފެދި ކަންބޮޑުވުން ހިތަށް ވެރިވިއެވެ.

” ކީއްކުރަން ތިޔައައީ؟ ” ޖޭސްމީން މަސައްކަތްކުރީ ވީހާވެސް މަޑުމަޑުން އެސުވާލުކުރަން ނަމަވެސް، ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ކޮންމެވެސްވަރަކަށް ހަރުކަށިކަން އެކުލެވިފައިވާ ރާގަކަށް ވެސް މެއެވެ.

” ކީކޭ؟ ކަލެއަށް އިނގޭތަ މަމީ މިގޭ ކާކުކަން؟ މަ ބުނާގޮތެއް ހަދައިގެން އުޅުނިއްޔާ މިގޭގައި އުޅެވޭނީ. އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާތި. އަހަރުމެންގެ ހެޔޮކަމުން ކަލެއަށް މިގޭގައި ތިހެން ތިޔައުޅެވެނީ. ” ޖޭސްމީންއާ ވާހަކަދައްކަމުން އޭނާއާގާތްވުމަށް އަޖުނާދު މަސައްކަތްކުރަމުން ދިޔައިރު، އޭނާގެ ނިކަމެތިކަމާއި އޭނާގެ ހާލަތު ވިސްނި ޖޭސްމީންގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

ކޮންމެގޮތެއް ވިޔަސް އަމިއްލަ ދިފާޢުގައި ކުރެވުނު މަސައްކަތެއް ކުރަންޖެހޭނެކަން ގަބޫލުކުރާ ޖޭސްމީން އިނީ ވަގުތަކަށް ވިސްނައިގެންނެވެ. ޖޭސްމީންގެ މޫނުގައި ދެއަތުން ހިފަހައްޓާލައި ޖޭސްމީންގެ މޫނާއިދިމާއަށް ގުދުވަމުންދިޔަ އަޖުނާދު ކޮށްޕާލުމަށްފަހު ޖޭސްމީން ދުވެފައިގޮސް ފާޚާނާއަށް ވަދެ ދޮރުލެއްޕިއެވެ.

ކަންތައްދިމާވިގޮތުން އަޖުނާދުގާތަށް ވަރަށް ރުޅިއައެވެ. އެހެނަސް މިވަގުތައް އެންމެރަނގަޅުވާނީ މިތަނުން ނުކުތުން ކަމަށްވާތީ އަވަސް އަވަހަށް އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ހެނދުނު ދިހައެއްޖަހާކަން ހާއިރެވެ. ކުއްލިއަކަށް މީހަކު އައިސް އަޖުނާދުއާ ބައްދަލުކޮށްލަން ބޭނުންކަމަށް ބުނުމުން އަޖުނާދަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. ކީއްކުރަންއައި ކާކުކަން ނޭނގުނުނަމަވެސް އެމީހާއާ ބައްދަލުކުރަން އަޖުނާދު އެއްބަސްވިއެވެ.

އޮފީސްތެރެއަށް ވަދެގެން އަޖުނާދުއާ ދިމާއަށް އައި ޒުވާނާ ފެނުމާއެކު އަޖުނާދަށް ލިބިގެންދިޔަ ހައިރާންކަމާއި ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. ރޭގައި އޭނާ ކަންތައްކުރިގޮތް ޖޭސްމީން ކިޔައިދިނީބާއޭ ވެސް ހިތަށް އެރިއެވެ. އެއްފަހަރާ އެތައްސުވާލެއް އުފެދި ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި އިނދެވުނީ ކިހާއިރެއްވަންދެންކަން އޭނާއަކަށް ނޭނގުނެވެ.

” ކަލޭ ހަނދާންކުރާތި. މީގެފަހުން ޖޭސްމީންގައިގަ އިނގިލިކުރި ޖައްސާލިޔަސް އެއިނގިއްޔެއް ބިންދާލާނަން. ” އަޖުދާންއާ ދިމާއަށް އެހެންބުނުމަށްފަހު، އަޖުނާދު ބުނާއެއްޗަކަށް ބަލާވެސްނުލާ އެޒުވާނާ ނުކުމެގެން ހިނގައްޖެއެވެ. އެޒުވާނާއަކީ ޖޭސްމީންގެ ލޯބިވެރިޔާ ކަމާއި ޖޭސްމީން އޭނާގާތު އެވާހަކަދެއްކީކަން އަޖުނާދަށް ޔަގީންވިއެވެ.

ޖޭސްމީންގެ އެޢަމަލުގެ ސަބަބުން އަޖުނާދުގާތަށް ވަރަށް ރުޅިއައެވެ. އެއާއެކު އެރުޅިވެރިކަމުގެ އަލިފާންގަނޑު ރޯވެ އަނދާން ވެސް ފެށިއެވެ.

ގެއަށް ފޯނުކޮށް މިހާރުން މިހާރަށް ޖޭސްމީން ގެއިން ނެރެލުމަށް އަޖުނާދު އަމުރުކުރި ނަމަވެސް، އެގޮތަށް ޢަމަލުކުރާކަށް މަރިޔަންދީ އެއްބަހެއް ނުވިއެވެ. ޖޭސްމީންއަކީ އެހީވާނެ އެއްވެސް މީހަކުނެތި ކުޑަކުޑަ ކުއްޖަކުގޮވައިގެން އެކަނިމާއެކަނި އުޅެމުންދާ ޒުވާނެއް ކަމާއި އޭނާއަށް އެހީވުމުން ލިބޭނެ އެއްވެސް ގެއްލުމެއްނެތްކަމުގައި ތަކުރާރުކޮށް މަރިޔަންދީ ބުންޏެވެ. ގޭތެރޭގެ ހުރިހާކަމެއްގައި އޭނާއަށް އެހީތެރިކަމާއި އެއްބާރުލުންދީ ކޮންމެކަމެއް އަމިއްލަކަމެއްގެ ގޮތުގައި ދެކިގެން ކުރަމުންދަނީ ހަމައެކަނި އެގޭގައި އޭނާއަށް ހުރެވޭނެހެން ހަމަޖައްސައި ދިނުމުން ކަމަށް ބުނެ އޭނާ ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރަންޖެހޭނެކަމުގައި ވެސް މަރިޔަންދީ ބުންޏެވެ.

މަރިޔަންދީގެ ވާހަކަތަކާ ދެކޮޅަށް ދެއްކޭނެހެއްކެއް ނެތުމުން އަޖުނާދު އޭނާގެ ވިސްނުން އެހެންގޮތަކަށް ބަދަލުކޮށްލިއެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ މަގްސަދު ހާސިލުކުރަން އޭނާ ބޭނުންވިއެވެ. އެގޭގައި އުޅެންޏާއި އޭނާ ބޭނުންކަމެއް ވާނެއެވެ.

މެންދުރުފަހު ދޭއްޖަހާކަން ހާއިރެވެ. މޭޒުމަތީގައިއޮތް އޭނާގެ މޯބައިލްފޯނު ރިންގުވާންފެށުމުން އަޖުނާދު ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އެހެންކަމުން އެއީ މާމުހިންމުކަމެއްކަމުގައި ނުދެކި އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިއުމަށް އަޖުނާދު އަވަސްވެ ގަތެވެ.

ރިސެޕްޝަނުން ޕާސްކޮށްލި ފޯނަށް ޖަވާބުދިނުމާއެކު އެކޮޅުން ވާހަކަދެއްކަންފެށީ ފިރިހެނެކެވެ.

” މިދިޔަމަހުގެ މުސާރަ ލިބިއްޖެދޯ؟ ގެއަށްގޮސް ޖޭސްމީންއަށް ތިންހާސް ރުފިޔާދޭތި. ” އަމުރުވެރިރާގަކަށް އެހެންބުނުމާއެކު އެކޮޅުން ފޯނުކަނޑާލިއެވެ. އަޖުނާދު ބުނާ އެއްޗެއް ބެލުމަކީ އޭނާއަށް އެހާމުހިންމު ކަމަކަށް ނުވާކަހަލައެވެ.

އަޖުނާދަށް ފޯނުކޮށް އެއަމުރުކުރި މީހަކީ ޖޭސްމީންގެ ލޯބިވެރިޔާކަން އަޖުނާދަށް އެއަޑުން ޔަގީންވިއެވެ. އެއާއެކު އޭނާގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.

ޖޭސްމީންގެ ލޯބިވެރިޔާގެ ސަބަބުން އޭނާއަށް މިހާރު އުޅެން އުނދަގޫވެއްޖެކަމަށާއި މިހާރުން މިހާރަށް އޭނާ ފޮނުވާލުމަށް އަޖުނާދު އަމުރުކުރުމުން މަރިޔަންދީއަށް ގޮތްހުސްވިއެވެ. ފިރިމީހާއަށް ކިޔަމަންވާން ޖެހޭނެކަމާއި ފިރިމީހާއަށް އެހީވުމަކީ މަރިޔަންދީގެ ވެސް ޒިންމާއެއްކަން އަޖުނާދު ހަނދާންކޮށްދިނެވެ.

ކުއްލިއަކަށް ފޯނަށް މެސެޖެއް އައުމުން ސިހިފައި އަވަސް އަވަހަށް އަޖުނާދު ފޯނުބަލާލިއިރު އެމްއެމްއެސް އެއް އައީއެވެ. އެމްއެމްއެސް ހުޅުވާލުމާއެކު ފެނުނުފޮޓޯއިން އޭނާގެ ހިއްސުތައް ގަނޑުވިކަހަލައެވެ. ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން އިނދެވުނީ ކިހާ އިރެއްވަންދެންކަން ވެސް ނޭނގުނެވެ.

ގަނޑުވެފައި ކަހަލަގޮތަކަށްއިން އަޖުނާދު ސިހުނީ އޮފީހުގެ މަސައްކަތުމީހާ އައިސް އަޖުނާދުއާ ބައްދަލުކުރަން މީހަކު އައިސް ބޭރުގައިހުރި ވާހަކަ ބުނުމުންނެވެ. އެއީ ޖޭސްމީންގެ ލޯބިވެރިޔާކަމާއި އޭނާއާ ބައްދަލުނުކޮށް ނުވާނެކަން އަޖުނާދަށް ޔަގީންވިއެވެ. ކޮންމެގޮތަކުން ނަމަވެސް އަބުރު ރައްކާތެރިކޮށް ދުނިޔޭގެލަދުން ސަލާމަތްވުމަކީ ކޮންމެމީހަކު ވެސް އެންމެބޮޑު އިސްކަންދޭ ކަންތައްކަމަށްވާތީ އަޖުނާދު ވެސް އެކަމަށް އަވަސްވެގަތެވެ.

” ހަމަމިހާރު ގެއަށް ފޯނުކޮށްފައިބުނޭ ޖޭސްމީން ގޭގައި ބަހައްޓާށޭ. ” އެޒުވާނާ ވަދެގެން އައިސް އަޖުނާދުގާތަށް ހުއްޓެމުން އަމުރުވެރިކަމާއެކު ބުނެލިއެވެ. އަޖުނާދުއާދިމާއަށް އެހެންބުނުމަށްފަހު އޭނާގެ އާދައިގެމަތިން އަޖުނާދަށް އެއްވެސް ސަމާލުކަމެއްނުދީ ދާން ފެށުމުން އެޒުވާނާއަށް އަޖުނާދު ގޮވާލިއެވެ.

” އަހަރެން ކަލެއާ ބައްދަލުކުރާނަން އަންނަމަހު ހަތްވަނަ ދުވަހު އިނގިރޭސިވިލާތުން. ކަލޭ އެތަނަށް ދާއިރު ޖޭސްމީންއާ އޭނާގެ ދަރިފުޅު ގޮވައިގެން ދާތި. އަހަރެން ކަލެއަށް އިންތިޒާރުކުރާނަން. އަދި އެވީޑިއޯތައް ވެސް ކަލެއަށް އިންތިޒާރުކުރާނެ. އޯކޭ ބައީ ބުރޯ. ” އަޖުނާދު ދައްކާވާހަކަތައް އަޑުއަހާކަށް އެޒުވާނާ ބޭނުމެއްނުވިއެވެ. އޭނާ ދައްކަންވީ ވާހަކަތައް ދެއްކުމަށްފަހު، އޮފީހުންނުކުމެގެން ދިޔައީއެވެ.

ކަންތައް ދިމާވިގޮތުން އަޖުނާދަށް ވަރަށްބޮޑު ބަދަލެއް އަންނަމުންދާކަން މަރިޔަންދީއަށް ފާހަގަވަމުންދިޔަ ނަމަވެސް އެވާހަކައެއް ނުދައްކައެވެ. އަޖުނާދު އެވާހަކަ ދައްކާނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރަމުންދާ ކަހަލައެވެ.

މިފަހަރުގެ ސްކޫލްބަންދާއި ދިމާކޮށް އިނގިރޭސިވިލާތަށް ދާއިރު ޖޭސްމީން އާއި އޭނާގެ ދަރިފުޅުގޮވައިގެން ދިއުމަށް ބޭނުންވާ ވާހަކަ އަޖުނާދު ބުނުމުން މަރިޔަންދީއަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. އެއްފަހަރާ އެތައްސުވާލެއް އުފެދުނު ވެސް މެއެވެ.

ޖޭސްމީން އާއި އޭނާގެ ލޯބިވެރިޔާ ސުޒެއިން ބޭނުންވިގޮތަށް ޖޭސްމީންގެ ދަރިފުޅު ލޭމަން އާއި އަޖުނާދުގެ ޓެސްޓްތައް ހެދިއެވެ. ޖޭސްމީންގެ ހުރިހާވާހަކަތަކެއް ދިމާވެ ލޭމަންގެ ބައްޕައަކީ އަޖުނާދުކަން ހުރިހާ ޓެސްޓްތަކުން ޔަގީންވިއެވެ. އެވާހަކަތައް ގަބޫލު ނުކުރެވިގެން ކަހަލަގޮތަކަށް ދެއަތަކަށް ބޯހޫރަލަ ހޫރާލަ ގޮނޑީގައިއިން އަޖާނާދުގެ ހަނދާނަށް އެރޭ އައީ ކުއްލިއަކަށެވެ.

އެއީ މީގެ ހަތަރުވަރަކަށް އަހަރު ކުރިއެވެ. ޖޭސްމީން އާއި އަޖުނާދު ބައްދަލުވީ އަޖުނާދުމެން ހިންގަމުންދާ ކުންފުނީގެ އޮފީހުން ވަޒީފާއެއް ހޯދަން ޖޭސްމީން އުޅުނު އުޅުމުގެ ތެރެއިންނެވެ. ޖޭސްމީން އޮފީހަށް އައި ފުރަތަމަ ދުވަހު ވެސް އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް އަޖުނާދުގެ ހިތް ލެނބުނެވެ. އެރީތި ފުރިހަމަމަލުގެ ފޮނިކޮޅުބޯލަން ބޭނުންވިއެވެ.

ގަދަވަޔާއެކު ވިދާގުގުރާ ވެހެމުންދިޔަ ވާރޭ ނުވައެއް ޖަހަންވީރު ވެސް ހުއްޓައެއް ނުލައެވެ. މާލެތެރެއަށް ވެރިވެފައިވާ ހަމަ ހިމޭންކަމާއެކު ބައެއްހިސާބުތަކަށް ވެރިވެފައިވާ އަނދިރިކަން ފިޔަވާ އެހެން އެއްވެސްކަމެއް މަގުމަތީގައި ނުވާކަހަލައެވެ.

ވަޒީފާއެއް ލިބޭތޯ އެތަންމިތަނަށް ސިޓީލައިގެން އާދޭސްކުރަމުންދިޔަ ޖޭސްމީން އިންޓިވިއުއަށް ދިޔުމަށް ހަމަޖައްސާފައިވާ ގަޑިޔަކީ ނުވަގަޑި ބަޔެވެ. ކިތަންމެ ވިއްސާރަ ނަމަވެސް، ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކިތަންމެ ބިރުގަނެ ޖެހިލުންވި ނަމަވެސް، އިންޓަވިޔުއަށް ދިއުމަށް ޖޭސްމީން ބޭނުންވިއެވެ. އެތައްދުވަހެއްގެ މަސައްކަތުން މިލިބުނު ފުރުސަތު ގެއްލުވާލާކަށް އޭނާ ބޭނުންމެއް ނުވިއެވެ.

ކުލީކާރެއް ހޯދުމުގައި ދިމާވި ދަތިކަމުގެ ސަބަބުން ޖޭސްމީނަށް އޮފީހަށް ދެވުނީ ގަޑިޖެހިގެންނެވެ. އިންޓަވިއުއަށް ގަޑިޖެހުނު މީހަކަށް ފުރުސަތު ދެވެން ނެތްކަމަށްބުނެ އޮފީހުން ނުކުންނަން އަޖުނާދު އުޅުނު ނަމަވެސް، ކަންތައްވީގޮތް ކިޔައިދީ އޭނާއަށް އެހެން ނުހެދުމަށް ޖޭސްމީން އެދެމުންދިޔަ އެދުމުގެ ސަބަބުން އަޖުނާދު އަނެއްކާ ވެސް އޮފީހަށް ވަނެވެ.

ޖޭސްމީނަށް ވަޒީފާ ހަމަޖައްސައިދެވެން އޮތްގޮތް ބުނެ އަޖުނާދު ދެއްކި ވާހަކަތަކާއި އޭނާގެ ޢަމަލުތައް ހުރިގޮތުން އަވަހަށް އެތަނުން ނުކުމެގެން ދާން ޖޭސްމީނު އުޅުނު ނަމަވެސް އޭނާއަކަށް އެފުރުސަތެއް ނުލިބުނެވެ. އަޖުނާދު ހުރީ އެވަރު ވިސްނައިގެންނެވެ. އޭނާގެ ބާރުގެދަށަށް ޖޭސްމީން ގެންގޮސް އޭނާގެ އެދުންވެރިކަމުގެ ކަރުހިއްކުން ފިލުވާލީ ޖޭސްމީން ކުރަމުންދިޔަ އާދޭހާއި ރޮމުންދިޔަ ރުއިމަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. ރަހުމެއް ހަމްދަރްދީއެއް އަގަލެއް ކުލުނެއް ވެސް ނެތިއެވެ.

” ދަރިފުޅާ! ” ޖޭސްމީންގެ ދަރިފުޅު ލޭމަންއާ ދިމާއަށް އަތްކޮށްލަމުން އަޖުނާދު އެހެން ބުނިނަމަވެސް އަޖުނާދު ބޭނުންވި ފުރުސަތު އޭނާއަކަށް ނުލިބުނެވެ.

އަޖުނާދުގާތަކަށް ލޭމަން ނައެވެ. ލޭމަންގެ ބައްޕައަކީ އަޖުނާދުކަމުގައި ލޭމަންއަކަށް ގަބޫލެއް ނުކުރެވުނު ކަހަލައެވެ.

” މިއޮތީ މެމޮރީކާރޑު. އަހަރެން ބޭނުންވި ކަންތައް މިއަދު ކާމިޔާބު ވެއްޖެ. އިރާދަކުރެއްވިއްޔާ ދެން ދުވަހަކު ވެސް ޖޭސްމީން އާއި ލޭމަންގެ އުނދަގުލެއް ކަލެއަކަށް ނުޖެހޭނެ. ” އަޖުނާދުގެ އަތަށް މެމޮރީކާރޑެއް ދެމުން ސުޒެއިން ވާހަކަ ދެއްކިއެވެ.

އޭނާއަށް އިތުރުދަރިއަކު ނުލިބޭނެކަމަށް ޑޮކްޓަރުން ބުނެފައިވާތާ ހަތަރުއަހަރުތެރޭ އޭނާއަށް ދަރިއަކު ލިބުމުން އަޖުނާދަށް ކިތަންމެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، އެކަމުގެ ސަބަބުން އޭނާއަށް ޙަޤީޤީއުފަލެއް ނުލިބުނެވެ. ކިތަންމެ ބޭނުންވި ނަމަވެސް އެދަރިފުޅު އޭނާގެ ގާތުގައި ބަހައްޓާކަށް ޖޭސްމީން ބޭނުމެއްނުވިއެވެ. އެކަންތައް އޭނާއަށް ހަނދުމަ ވީއިރު ވަގުތުވަނީ ފާއިތުވެފައެވެ.

ނިމުނީ

2
0

4 ކޮމެންޓް - ލިޔުން: ”ހަނދުމަ“

  1. މިއީ ވަރަށް ތަފާތު ވަރަށް ރީތި ވާހަކަ އެއް. އެހާ މަދު ބަސް ކޮޅެއްގެ ތެރޭގައި ތިޔަ ކިޔާލަދިނީ ވަރަށް ދިގު އަދި އެހާމެ ފުރިހަމަ ވާހަކައެއް. ކީޕް އަޕް ދަ ގުޑް ވާރކް.

    1

    0

Leave a Reply

Your email address will not be published.