ބިރުވެރި ލޯބީގެ

ނިދީީތެރޭން ( ނިމުން )

ވިސާމް ދިޔަގޮތަށް ގޮސް ވަނީ ބޮޑުގެއެއްގެ ގޯތިތެރެއަށެވެ. ވިސާމްގެ ފަހަތުން އަލީ އަހްމަދު ގޮވައިގެން އައި މީހުން ވެސް އެގޯތިތެރެއަށް ވަނެވެ. ގެ އާއި ގޯތިތެރެއަށް ނަޒަރު ހިންގާލުމުން އެތަނަކީ މީހުން ދިރިނޫޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ތަނެއްކަން އެނގެއެވެ. ފެންނަމުންދިޔަ މަންޒަރުތަކާއި ވިސާމަށް އައިސްފައިވާ ބަދަލުގެ ސަބަބުން އަލީ އަހްމަދުގެ ކަންބޮޑުވުމާއި ހާސްވުން އިތުރުވެގެންދިޔަ އެވެ.

” ކަލޭގެ ސަބަބުން މިއަދު އަހަރެން މިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައި .. ނީނާގެ ސިފާގައި ހުރި ޖިންނި އަކާއި އަހަރެން ކައިވެނި ކުރުވީ ކަލޭ. މިކަމުން އަހަރެން ސަލާމަތް ނުވަނީސް ކަލެއަކަށް ސަލާމަތެއް ނުވެވޭނެ. މިހާރުން މިހާރަށް މަސައްކަތް ފަށާ. ” އަލީ އަހްމަދާއި ދިމާއަށް އަންނަމުން އަމުރުވެރިކަމާއިއެކު ވިސާމް ވާހަކަދެއްކިއެވެ. އަލީ އަހްމަދު ދެކެ އޭނާ ރުޅިއައިސްފައި ހުރިވަރު އޭނާގެ އަޑާއި ހަރަކާތުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ.

އަލީ އަހްމަދު ބެލެހެއްޓުން ސާނިއު އާއި ގިޔާސްއާ ހަވާލުކުރުމަށްފަހު ނަޒްހީން ގޮވައިގެން ވިސާމް އެތަނުން ނުކުތެވެ.

ނަޒްހީންގެ ވާހަކަތައް ކަނުލައި އަޑުއެހުމަށްފަހު ވިސާމް އޭނާގެ މަސައްކަތް ފެށުމަށް ނިންމިއެވެ. އަލީ އަހްމަދު ލައްވައި އަނެއްކާ ވެސް ފަންޑިތަ އާއި ސިހުރު ހާހޫރަ ހަދައިގެން އެ ރޫހާނީ މަޚްލޫޤާއި ކުރިމަތިލުމަކީ ވިސާމަށް ގަބޫލުކުރަން ފަސޭހަކަމަކަށް ނުވިއެވެ.  ފަންޑިތަ އާއި ސިހުރު ހާހޫރަ އަކީ ވިސާމް މިހާރު ގަބޫލުކުރާ އެއްޗެއް ނޫނެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރުން މިހާރަށް ވެސް އެމަސައްކަތް ފެށިދާނެ ގޮތްތައް ނަޒްހީން ކިޔައިދެމުން ދިޔައެވެ. ނަޒްހީން ދައްކަމުންދިޔަ މަގުން ވިސާމް މަސައްކަތް ފެށިއެވެ.

ދީނީގޮތުން ބޭނުންތެރި މުހިންމު މަޢުލޫމާތުތައް ހިމެނޭ ދީނީ ސައިޓްތަކާއި އެފަދަ އެހެން ވެސް ތަންތަނަށް ވަދެ އޭނާ ބޭނުންވާ މަޢުލޫމާތުތައް ހޯދައި އެއްކުރުމުގެ މަސައްކަތް ވިސާމް ކުރަމުންދިޔައެވެ.

މުހިންމު މަސައްކަތެއް ކޮށްލުމަށްކަމަށް ބުނެ ކުއްލިއަކަށް ފުރައިގެންދިޔަ ވިސާމް އެރަށަށް ދިޔައީ ކީއްކުރަން ކަމެއް ނީނާއަކަށް ނޭނގެއެވެ.

މަސައްކަތްތައް ހުރިގޮތުން މިރޭ ރަށަށް ނުދެވިދާނެކަމަށް ނީނާއަށް ފޯނުކޮށްފައި ވިސާމް ބުންޏެވެ.

ނެޓުން ހޯދާން ބޭނުންވާ މަޢުލޫމާތުތައް ހޯދައި ނިންމާލުމަށްފަހު ވިސާމްގެ އަމާޒަކަށްވީ މިސްކިތެވެ. އޭނާގެ މަސައްކަތްތައް ގުޅިފައިވަނީ ކީރިތިޤުރުއާނާއި ކަމަށްވާތީ މިސްކިތަށް ގޮސް އޭނާ ހިތުދަސްކުރާން ބޭނުންވާބައިތައް ހޯދައި ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުން، އޭނާއަށް ހިތްވަރާއި ކާމިޔާބު ދެއްވާތޯ ދުޢާ ދަންނަވަމުން ދިޔައެވެ.

ކުރަމުންދާ މަސައްކަތަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބުގެ ސަބަބުން ވިސާމްގެ އުންމީދު އާވެފައި ވެއެވެ.

ވަގުތުތައް ފާއިތުވަމުންއައިސް އިރުއޮއްސުމާއި ގާތްވެއްޖެއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަން ވެސް ވެރިވަމުން ދިޔައެވެ. އާންމުމައި ދާންތަކާއި މަގުތަކުން މީހުން ފެނުން މަދުވަމުން ދިޔައެވެ.

އަލީ އަހްމަދުގެ ވާހަކަތަކުން ވިސާމަށް އެނގުނުގޮތުގައި މިއީ ޔަގީން އެއްޗެކެވެ. އެމަޚްލޫޤު ޖެހޭނީ ވިސާމް ދޫކޮށްލާފައި އަބަދުގެ އަބަދަށް ދާށެވެ. އެހެން ނުވެއްޖެނަމަ އެމަޚްލޫޤު ޖެހޭނީ އަލީ އަހްމަދުގެ އަތުން މަރުވާށެވެ. މިރެއަކު އެމަޚްލޫޤަށް އެހެންގޮތެއް ނޯއްނާނެ އެވެ.

އަލީ އަހްމަދު އެދުނުފަދައިން އޭނާއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވިސާމް އެއްބަސްވިއެވެ. އެމަސައްކަތް އެންމެ ފަސޭހައިން ކާމިޔާބުވާނީ އޭނާގެ އެހީތެރިކަން ލިބިގެންކަން ވިސާމަށް ވެސް އެނގެއެވެ. އެ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދޭން ވިސާމް އެއްބަސްވި ނަމަވެސް އެކަމަކީ އޭނާ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭކަމަކަށް ނުވާތީ ހިތްވަނީ ނުތަނަވަސް ވެފައެވެ.

އަލީ އަހްމަދު ގޮވައިގެން ވިސާމްމެން ރަށަށް އައީ ރޭގަނޑު އެގާރަ ޖަހާކަން ހާއިރުއެވެ.

ކޮޓަރިތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ކޮޓަރިތެރޭގައި ރަސްކަން ކުރަމުންދަނީ ދިއްލާފައިވާ މަޑުރަތްކުލައިގެ ނިދާބޮކީގެ ފަނޑުއަލިކަމެވެ. ކޮޓަރީގެ ހުރިހާދޮރެއް ލައްޕާ ތަޅުލާފައިވާއިރު ކުޑަދޮރުތައްހުރީ ދޮރުފޮތި ވެސް ދަމާފައެވެ.

ވިސާމް ގެއަށް ވަދެ އޭނާގެ މައިންބަފައިން ނެރެގެން އެހެން ގެއަކަށް ގެންދިޔަ އެވެ.

ނިދާ މަރުވެފައިވާ ފަދައަކުން އެނދުގައި އޮށޯވެލައިގެން އުއްޑުން ނީނާ އޮތްއިރު އޭނާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނެއެވެ.

ވަރަށް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލަމުން އަލީ އަހްމަދާއި ވިސާމް އެތެރަށް ވަނެވެ. ބިރުގަނެ ޖެހިލުންވި ނަމަވެސް މިކަން މިފަހަރު ނިންމަން ވިސާމް ބޭނުން ވެއެވެ. ރަށަށް ދިމާވެފައިވާ ނުރައްކަލާއި ބިރުވެރިކަމަކީ ނީނާ ކަން ވިސާމަށް ޔަގީނެވެ. އޭނާގެ ސަބަބުން ރަށަށް ދިމާވި އެމުސީބާތުން ރަށް ސަލާމަތްކުރުމަކީ އޭނާގެ ވާޖިބެކެވެ. އޭނާ ކުރި ކުށެއްގެ އަދަބު އެހެންމީހުނަށް ލިބޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

އަލީ އަހްމަދު އައިސް ނީނާގާތަށް ހުއްޓެމުން އޭނާގެ އަތުގައިހުރި ފެންތައްޓެއް ކިޔަވާފައި ނީނާގެ މޫނަށް ފެންފޮދެއް ވިހެލި އެވެ. ސިފްޒާގެ މުޅިހަށިގަނޑަށް  ހަރަކާތް އައިސް ލޯ ހުޅުވާލާން މަސައްކަތް ކުރިއެވެ.

ފެންތަށިގެން ގޮސް މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭނާ ގެންގުޅޭ ފޮތްތަކުގެ ތެރޭންފޮތެއް ނަގައި ކޮންމެވެސް އެއްޗެއް ކިޔަވާން ފެށިއެވެ.

އަލީ އަހްމަދުގެ ކިޔެވެލި ދިގުވަމުން ބާރުވަމުން ދާވަރަކަށް ނީނާގެ ހަށިގަނޑަށް އަރަމުން ދިޔަ ބާރު ބޮޑުވަމުން ދިޔައެވެ. ކުއްލިއަކަށް ލޯ ހުޅުވާލަމުން ރުޅިވެރިކަމާއެކު އަލީ އަހްމަދަށް ބަލާލިއެވެ. ނީނާގެ މޫނުމައްޗަށް ބަދަލުތަކެއް އަންނަމުން ދިޔަކަން ވިސާމަށް ވެސް ފާހަގަ ކުރެވެމުންދިޔަ އެވެ.

ފެންނަމުންދިޔަ މަންޒަރުތަކުގެ ސަބަބުން ވިސާމް ބިރުގަތް ނަމަވެސް އެއިން އެއްވެސްކަމަކަށް އަލީ އަހްމަދު ސަމާލުކަމެއް ނުދެއެވެ. އޭނާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައީ އުންމީދާއި ޔަގީންކަމާއި އެކުގައެވެ.

ރުޅިވެރިކަމާއިއެކު ވަރަށްބާރަށް ހަޅޭލަވައިގަންނަމުން ފުންމައިގެން ކަހަލަގޮތަކަށް ނީނާ ކޮޅަށްތެދުވިއެވެ. ކަމަކަށް ސަމާލުކަންދޭ ވަރަށްވުރެ ބޮޑަށް އޭނަ ހުރީ ރުޅިއައިސް ރަތްވެފައިކަން އޭނާގެ އަޑާއި ހަރަކާތެއް އެނގުނެވެ.

އަލީ އަހްމަދާއި ވިސާމް ވިއްސާލާފައި ފުންމައިގެން ކަހަލަގޮތަކަށް ނީނާ ގޮސް ކުޑަދޮރުން ބޭރަށް ދެމިގަތެވެ. ނީނާ ގޮސް  ބިއްލޫރިގަނޑުގައި ޖެހިފައި ބިއްލޫރިތައް ފުނޑުފުނޑުވެގެން ފޭބި ނަމަވެސް އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ވައިގެތެރޭގައި އުދުހިފައި ކަހަލަގޮތަކަށް ނީނާ ގޮސް ގޭތެރެއަށް ދެމިގަތެވެ.

ކަންތައް ދިމާވި ގޮތުގެ ސަބަބުން އަލީ އަހްމަދު ކަންބޮޑުވެ ހާސްވެއްޖެއެވެ.

ވައިމަތި ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. ވިދާގުގުރައި ގަދަވަޔާއެކު ވާރޭ ވެހޭން ފަށައިފިއެވެ. ޖަހާލާ ބާރު ގުގުރިއާއެކު ކަންފަތްތަކަށް ކެތްނުވެގެން ދާއިރު ވިދާލާ ވިދުވަރުން ދުވާލުގެ އަލިކަންފަދަ އަލިކަން ވެރިވެގެން ދިޔައެވެ. އެއްފަހަރާ މިދިމާވި ދެކަންތަކުގެ ސަބަބުން ދެމީހުންގެ ކަންބޮޑުވުން ވެސް އިތުރުވެގެން ދިޔައެވެ.

ހާސްވެ ކަންބޮޑުވެފައިތިބި އަލީ އަހްމަދާއި ވިސާމަށް އިތުރު ހާސްކަމަކާއި ނުތަނަވަސްކަމެއް ކުރިމަތިވީ ޖަހާލިބާރު ގުގުރި އަކާއިއެކު ހޮޅިބުރިތައް ފުނޑު ފުނޑުވެގެން ތަޅުންމައްޗަށް ފޭބުމުންނެވެ. ގޭތެރަށް އަނދިރިކަން ވެރިވެގެން ދިޔައިރު ތަނެއްދޮރެއް އެނގޭވަރެއް ނުވެއެވެ.

ކޮޓަރީބޭރު ކުޑަދޮރު ކައިރީގައިހުރި ނީނާ، އަލީ އަހްމަދަށް ފެނުނީ ވިދާލި ވިދުވަރުގެ އަލި އެޅުމުންނެވެ. ނީނާއަށް ހިލަމެއް ވެސް ނުވާނެހެން އަލީ އަހްމަދު މަޑުމަޑުން އެދިމާއަށް ދިޔައެވެ.

ކުޑަދޮރު ކައިރިއަށް ހުއްޓެމުން އަލީ އަހްމަދު ބަލާލިއިރު ނީނާއެއް ނެތެވެ. އޭނާގެ ފަހަތުން މީހެއްގެ ހިލަމެއް ވީހެން ހީވެގެން އަލީ އަހްމަދު ބަލާލިއިރު ވަރަށް ރުޅިއައިސްފައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ނީނާ ހުއްޓެވެ. އެހާފަސޭހައިން އޭނާއަށް ނީނާ ފާހަގަކުރެވުނީ ވިދާލި ވިދުވަރުގެ އަލިންނެވެ. ވިދުވަރުގެ އަލި ކެނޑުމާއިއެކު އަލީ އަހްމަދު ނީނާ ގެއްލުނެވެ.

މީހެއްގެ ހިލަމެއް ނުވި ނަމަވެސް ނީނާގެ ބާރުހުނުމާއި ރުޅިވެރި ހަޅޭކުގެއަޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ.

ކުރިޔަށް ދެވޭތޯ މަސައްކަތް ކުރަމުންދިޔަ އަލީ އަހްމަދުގެފައި މުށިތަކުން ނެއްޓިގެން ދިޔައީ އެހެން އެއްވެސް މީހެއްގެ އެހީއަކާއި ނުލައެވެ. ވައިގެތެރޭގައި ލުއިފަތެއް ދައުރުވެލާހެން އަލީ އަހްމަދު ވިއްސައިގެން ގޮސް ފެންޑާތެރޭ ހުރި ކުޑަދޮރުސެޓްގައި ޖެހިފައި އަނގަވަތަށް ވެއްޓި އަނގަ އާއި ނޭފަތް ފަޅައިގެން ހިނގައްޖެއެވެ. އެހީއަކަށް އެދި އާދޭސް ކުރަމުން ހަޅޭލަމުން ރޮމުންދިޔަ އަލީ އަހްމަދުގެ އަނގަ އާއި ނޭފަތުން ހޯސްލާފައި ލޭ ފައިބަމުން ދިޔައެވެ.

ވިސާމް ސިއްސައިގެންދިޔައީ އަލީ އަހްމަދުގެ އާދޭހުގެ އަޑަށެވެ. އަވަސް އަވަހަށް ފޯނުނަގައި އަލިކުރަމުން ފެންޑާއަށް ނުކުތެވެ.

ވިސާމް ފެންޑާއަށް ނުކުތްއިރު އަލީ އަހްމަދު އޮތީ ފެންޑާތެރޭ މުށިތައް މަތީގައެވެ. އޭނާއަށް އެހީވުން ހުއްޓާލާފައި ގޮސް ނީނާ މައިތިރިކުރުމަށް އަލީ އަހްމަދު ބުންޏެވެ. ނީނާ މައިތިރިކޮށް އެކަމުން ސަލާމަތް ނުވެއްޖެނަމަ އެމަޚުލޫޤުގެ ނުރައްކާތެރިކަން ކުރިޔަށްވުރެ އިތުރުވެގެންދާނެ ކަމަށާއި ވިސާމަށް އޭނާ މައިތިރި ކުރެވޭނީ ކިހިނެތްކަން އަލީ އަހްމަދު ކިޔައިދިނެވެ.

އަލީ އަހްމަދަށް މިކަމުގައި ކާމިޔާބެއް ނުލިބުނުކަމަށް ނިންމައި އޭނާގެ ރޭވުމާއި އެއްގޮތަށް މަސައްކަތް ފެށުމަށް ވިސާމް ނިންމިއެވެ. މިހާރު މީ އޭނާގެ ވަގުތުކަމާއި އޭނާއަށް ހުރަސް އަޅާނެ އެއްވެސް މީހަކު ނުހުންނާނެކަން ވެސް އޭނާއަށް އެނގެއެވެ.

ކުރާން މިއުޅޭ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާތޯ ދުޢާ ދަންނަވަމުން ވިސާމް އޭނާގެ މަސައްކަތާއި ދިމާއަށް އެނބުރުނެވެ.

ކުރަމުންދާ ވިއްސާރައަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައި ނަމަވެސް މުޅިއަކުން ނުހުއްޓެއެވެ. މަގުބައްތިން ގެ އާއި ގޯތިތެރެއަށް ފޯރާފައިވާ އަލީގެ ސަބަބުން ގޭ ތެރެއަށް ކޮންމެވެސްވަރެއްގެ އަލިކަމެއް ފޯރާފައިވެއެވެ.

ގޭތެރޭގެ އެތަން މިތަން ހޯދަމުން ހޯދަމުން ވިސާމް އައިސް ބަދިގެފަރާތަށް ނުކުތްއިރު ސިފްޒާހުރީ ބަދިގޭ ދޮރުކައިރީގައެވެ. ވިސާމް ފެނުމާއިއެކު ސަލާމަތަށް އެދެމުން އޭނާގެ އަމިއްލަކަރުގައި ހިފާ ބާރުކުރާން ފެށިއެވެ. ނީނާއަށް އެހީވުމަށް ވިސާމް އަވަސްވެގަތެވެ.

ދުވެފައިދިޔަ ވިސާމަށް ނީނާއާ ހަމައަށް ނުދެވެނީސް ނީނާ އަތްދަމާލަމުން ކޮށްލި ހަރަކާތާއިއެކު ވިސާމް ވިއްސައިގެން ގޮސް ފާރުބުޑަށް ޖެހިއްޖެއެވެ. ޖެހުނުގޮތުން އުނަގަނޑަށް ތަދުވި ނަމަވެސް މަސައްކަތް ހުއްޓާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނީނާއާ ދިމާއަށް ބަލާލަމުން ވިސާމް ތެދުވިއިރު، އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ އޭނާއަށް މަލާމަތްކުރަމުން ނީނާ ހެނީއެވެ. ލިބުނު ކާމިޔާބަށް ފަހުރުވެރި ވެފައިވާ ފަދައެވެ.

ވިސާމް ދެވަނަ ފަހަރަށް ވެސް ނީނާއާ ދިމާއަށް ދުއްވައިގަތެވެ. މިފަހަރު ވެސް ކަންތައްވީ ކުރިންވެސް ވީހެންނެވެ. އެހެނަސް އޭނާއަށް ފުރުސަތު ލިބޭނެކަން ވިސާމަށް ޔަގީންވާތީ އުންމީދު ނަގައެއްނުލައެވެ. މަޑުމަޑުން ކޮޅަށް ތެދުވަމުން ނީނާއަށް ބަލާލިއެވެ.

އަލީ އަހްމަދެކޭ އެއްފަދައިން ވިސާމަށް ވެސް އޭނާ ބޭނުން ގޮތްތައް ހަދާލެވޭތީ ނީނާ ހުރީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ. ވިސާމަށް މަލާމަތްކޮށް ހެމުން އޭނާއާ ދިމާއަށް ވައްތަރުޖައްސަމުން އަތްތިލަބަޑިޖަހާ ނަށާން ވެސް ފެށިއެވެ. ވިސާމަށް މަލާމަތްކޮށް ހީހީފައި ވައްތަރު ޖައްސަމުންދިޔަ ނީނާގެ ވާހަކަ އާއި ރާގު ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ.

ވިސާމަށް ގޮވާލަމުން އޭނާއަށް އެހީތެރިވެދީ މިކަމުން ސަލާމަތް ކޮށްދިނުން އެދި ރޮއި އާދޭސްކުރާން ފެށިއެވެ.

ނީނާއާ ދިމާއަށް ބަލަހައްޓައިގެން ހުރުންފިޔަވާ އެހެން ހަރަކާތެއް ނުކުރި ނަމަވެސް ވިސާމް ސިއްރު ސިއްރުން ކޮންމެ ވެސް އެއްޗެއް ކިޔަވަމުން ދިޔައެވެ.

ނީނާގެ މޫނުމަތީގެ ކުލަވަރާއި ހަރަކާތް އަނެއްކާ ވެސް ބަދަލުވެގެން ދިޔައީ ކުރީ ހުރި ހާލަތަށެވެ. ވިސާމަށް މަލާމަތްކޮށް އޭނާއާ ދިމާއަށް ވައްތަރު ޖައްސާ ހޭންފެށިއެވެ. ހީވަނީ މޮޔަވެގެން އުޅޭ ހެންނެވެ.

ވަގުތަށް ވިސްނައި ސަމާލުވެގެން ހުރި ވިސާމް އޭނާގެ ކިޔެވުންތައް ފެށިއެވެ. ފަހަރަކަށް ވުރެ ފަހަރެއް އަޑު ބާރުކުރަމުން އައިސް ކުއްލިއަކަށް ސިފްޒާގެ އަތުގައި ހިފިއެވެ.

ވިސާމްގެ ކުއްލި އެހަރަކާތާއިއެކު ނީނާއަށް ހުއްޓުންއެރި އެވެ. ހިލައިގެބުދެއް ފަދައިން ޖަޒުލާނަށް ބަލަހައްޓައިގެން ހުއްޓި ޖެހިފައި ހުރީއެވެ. އުންމީދާއި ޔަގީންކަމާއި އެކު ވިސާމް ކުރިޔަށް ގެންދިޔައެވެ.

ވިސާމްގެ ކިޔެވުން ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން އައިސް ވަރަށް ބާރު ވެއްޖެއެވެ. ވިސާމްގެ އަތްދަށުން ސަލާމަތްވާން އުޅޭ ފަދައަކުން ނީނާ ތެޅިފޮޅޭން ފެށިއެވެ. ރުޅިވެރިކަމާއި ނަފްރަތާއިއެކު ބާރުބާރަށް ހަޅޭލަމުން ވިސާމްގެއަތް ފޮޅުވާލާފައި ދާން ވެސް މަސައްކަތް ކުރިއެވެ. ވިސާމް ހުރީ އެވަރު ވިސްނައިގެން ކަމަށްވާތީ ކުރިޔަށްވުރެ ބާރަށް ނީނާގެ ދެއަތުގައި ހިފެހެއްޓިއެވެ.

ނީނާ މައިތިރިކުރެވޭތޯ މަސައްކަތް ކުރަމުން އޭނާގެ ކިޔެވުން ފުރިހަމަކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ވިސާމްގެ އަތްދަށުން ނީނާ ދެމިގަތް ނަމަވެސް ސަލާމަތްވެގެން ދެވޭގޮތެއް ނުވިއެވެ.

ވިސާމް އެއްލިއަތުން ހިފުނީ ނީނާގެ ފުރަގަހުން އޭނާގެ ކޮނޑުގައެވެ. އެއާއެކު އަވަސް އަވަހަށް އަނެއް ކޮނޑުގައި ވެސް ހިފެހެއްޓި އެވެ.

ވިސާމް ވަރަށް މަސައްކަތުން ނީނާގެ ކަންފަތާއި ވިސާމްގެ އަނގަ ކައިރިކޮށް ކިޔެވުން ބާރުކޮށްލި އެވެ. ނީނާއަށް އެހެން ވަމުންދަނީ ކީއްވެގެންކަމާއި ވިސާމް އަތްދަށުން ދެމިގަނެގެން ދާން އެއުޅެނީ ކީއްވެގެންކަން ވިސާމަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އަބަދު ވެސް އެކަމަށް ސަމާލުވަމުން ދިޔައެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައިރު ވިސާމް އޭނާގެ މަސައްކަތާއިގެން ކުރިޔަށްދިޔައެވެ. ކުރަމުންދާ މަސައްކަތް ކާމިޔާބުވަމުންދާ ކަމުގައި އޭނާއަށް ގަބޫލު ކުރެވެމުން ދިޔައެވެ.

ވިސާމްގެ އަތްދަށުން ސަލާމަތްވުމުގައި އެއްވެސް ކާމިޔާބެއް ކުރިއެރުމެއް ނުހޯދުނު ނީނާގެ ހަށިގަނޑުން މަޑުމަޑުން ބާރު ދޫވާން ފެށިއެވެ. ޖަޒުލާންގެ ފުރިހަމަ ބާރުގެދަށަށް އަންނާން ފެށިއެވެ.

ވިސާމް އޭނާގެ މަސައްކަތް ފުރިހަމަކަމާއި ކާމިޔާބާއެކު ނިންމާލުމަށް މަސައްކަތް ކުރަމުންދަނިކޮށް އަނެއްކާ ވެސް ނީނާގެ ހަށިގަނޑަށް ބާރުއަރަން ފެށިއެވެ. މިފަހަރު އަރަމުންދިޔަ ބާރަކީ ކުރިޔަށްވުރެ ވެސް ވަރުގަދަ ބާރެއްކަން ވިސާމަށް އެނގު ނެވެ. އެހެންވެ އޭނާ އެކަމަށް ސަމާލުވި އެވެ.

މިއީ އެންމެފަހު އެތިފަހަރުކަމާއި މިފަހަރު ކޮންމެގޮތަކުން ނަމަވެސް ކާމިޔާބު ކުރެވިއްޖެނަމަ އޭނާއަށް ކާމިޔާބު ލިބުނީކަން ވިސާމަށް އެނގެއެވެ. މަސައްކަތް ކުރިޔަށްވުރެ ހަލުވިކޮށްލައި ހިތްވަރު އާކުރިއެވެ.

ކޮންމެ ގޮތަކުން ނަމަވެސް ވިސާމްގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔަ ނީނާއަށް ކާމިޔާބު ލިބޭގޮތެއް ނުވި އެވެ.

ނީނާގެ އަނގައިން ނުކުމެގެންދިޔަ ދުންކޮޅުން އުފެދުނު ބުޅަލެއްފަދަ މަޚްލޫޤް ފުނޑުފުނޑުވެ ކުނޑިތަކެއް ފަދައިން ބިންމައްޗަށް ފޭބީ ވިސާމް ބަލަން ހުއްޓައެވެ. ނީނާގެ ހަރަކާތް ހުސްވެ ޚަބަރު ހުސްވެގެން ކަހަލަގޮތަކަށް ވިސާމްގެ އަތު ތެރެއަށް ދެމިއްޖެއެވެ.

މެންދަމުން އަލިވެ ފަތިސް އަތަށް އަޅާލިއިރު ވިއްސާރައިގެ އަސަރު މުޅިންފިލައި ދުނިޔެމަތި އަލިވެއްޖެއެވެ. ވިދާގުގުރުން ހުއްޓި ވައި ވެސް ހިނދިއްޖެއެވެ.

މިސްކިތުތާޅަފިލިން ރަށުތެރެއަށް އިއްވާލި ފަތިސްނަމާދު ވަގުތުގެ ބަންގީގެއަޑާއިއެކު ރަށުތެރަށް ދިރުން އަންނަން ފެށިއެވެ. މަގުތަކުން މީހުން ފެންނާން ފެށިއެވެ.

އާދުވަހަކަށް އިރުއަރައި ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. ރޭގައި ބޮޑުކަންތައްގަނޑެއް ހިނގާދިޔަކަމެއް އެކަމާއި ގުޅުންހުރި ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ނޭނގެއެވެ. އެހެންކަމުން އެކަން އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ.

ވިސާމްމެން ކުރި މަސައްކަތް ސަތޭކަ އިންސައްތަ ކާމިޔާބުވިކަމުގެ ޔަގީންކަން އެމީހުނަށް އޮތް ނަމަވެސް އެވާހަކަތައް ދައްކާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އެހެންކަމުން އެކަމާބެހޭ އެއްވެސް ވާހަކައެއް ހާމައެއް ނުވެއެވެ.

އެބިރުވެރިކަމުން ސަލާމަތް ވީތީ ވިސާމް އުފާކުރިއެވެ. ޝުކުރު ދަންނަވަންޖެހޭ ފަރާތްތަކަށް ޝުކުރު ދަންނަވައި އުޅުން އިސްލާހް ކުރިއެވެ. އެފަދަކަމެއް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅައި ދީނީ ކަންކަމަށް ދޭންވީ ސަމާލުކަން ދިނުން އިތުރުކުރިއެވެ. މަސައްކަތް ކުރީ އޭނާ ނަމަވެސް އެކަމުގައި އޭނާއަށް ކާމިޔާބު ލިބުނީ އެހެންފަރާތަކުން އެގޮތަށް އެކަންވުމަށް މެދުވެރި ކުރެއްވީތީކަން އޭނާ ހަނދާނެއް ނުނެތެއެވެ.

ނުހަނު އަރާމުގައި ނިދާލާފައި އޮތް ވިސާމަށް ސިއްސައިގެން ގޮސް ހޭލެވުނީ އަލީ އަހްމަދު ގޮވާއަޑަށެވެ. އަވަސް އަވަހަށް ލޯ ހުޅުވާލަމުން ވިސާމް ބަލާލިއިރު އޭނާއަށް އޮވެވުނީ ގުރައިދޫގައި އެދެމީހުން ދިރިއުޅެމުންދާ ކޮޓަރިތެރޭގައެވެ. ހިނގާދިޔަ ކަންތައް ހިނގައި އެދިޔައީ ހުވަފެނެއްގައިކަން ވިސާމަށް އެނގުނީ އެހިސާބުންނެވެ. އެއީ ނިދީތެރޭން ހިނގާދިޔަ ކަމެއް ނަމަވެސް އޭނާ ދެނެއް ފަންޑިތައެއް ނުހަދާނެއެވެ.                                          ނިމުނީ

1
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 15 ވަނަ ޕާޓެވެ.

12 ކޮމެންޓް - ލިޔުން: ”ނިދީީތެރޭން ( ނިމުން )“

  1. ވާހަކަ އެއްކޮށް ކިޔައިފިން ….. ކުދކުދ މިސްޓޭކް ހުއްޓަސް ޖުމްލަކޮށް ބަލާއިރު ވާހަކަ ވަރަށް ރީތި. ގެނެސް ދިނުން މޮޅު

    0

    0

Leave a Reply

Your email address will not be published.