ހަޤީޤީ ލޯބީގެ

ކަނދުފަތި

މިއީ ހދ އަތޮޅުރަށެއްގައި ހިނގާފައިވާ ހަޤީޤީހާދިސާއެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. ނަންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް ފައި ވީނަމަވެސް ހާދިސާއަށް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ.

އުމުރުން ވިއްސަކަށް އަހަރުގެ ޒުވާން ނަސީފާ އަކީ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ލޫޅާފަތި ކުލަދޮން ޒުވާނެކެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑަކާއި ދޮންމޫނުގެ އިތުރުން ރީތި ދެލޮލަކީ ވެސް އޭނާގެ މޫނުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ. ރަށުގެ ޒުވާން ފިރިހެންކުދިން ފާހަގަކުރަމުންދާ ރީތި އަންހެން ކުދީންގެ ތެރޭގައި ވެސް ނަސީފާގެ ނަން ހިމެނެނީ ލިސްޓްގެ ކުރީން ޖާގަލިބޭ ނަންތަކުގެ ތެރޭގައެވެ.

ރަށުގައި ދިރިއުޅޭ ޒުވާނުންނާއި ރަށަށް އައިސް ގޮސްވާ ޒުވާނުންގެ ތެރެއިން އެންމެގިނަ ޒުވާނުން އެމަލަކަށް އެދިއެދި ތިބި އެއްމަލަކީ ނަސީފާއެވެ. ނަސީފާއަކީ އެފަދަ އެތައް ޒުވާނެއްގެ ހިތުގެ މަލަކާއެވެ. ހިތުގެ ވިންދާއި ތެޅުމެވެ.

ނަސީފާގެ ލޯތްބަށްޓަކައި ފެންބޮވައިގެންފައިވާ މީހުންގެ ތެރޭގައި ރަށުގެ ނިކަމެތި ފަގީރު ޢާއިލާތަކުގެ މެންބަރުންނުން ފެށިގެން ރަށުގެ ގަދަރުވެރި ތަނަވަސް ޢާއިލާތަކުގެ ޒުވާނުންނާއި އިއްޒަތްތެރިންގެ ދަރިން ވެސް ހިމެނެއެވެ. އޭގެތެރޭގައި އަބަދުގެ އަބަދަށް ނަސީފާއާއެކު އުޅެން ބޭނުން މީހުންނާއި މަލުގެ ފޮނިބޯލަން ބޭނުންވާ މީހުން އުޅޭކަން ނަސީފާއަށް ވެސް އެނގެއެވެ.

ނަސީފާގެ ލޯތްބަށް އެދި އާދޭސް ކުރަމުންދިޔަ ޒުވާނުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދިޔަ ނަމަވެސް އެއިން އެއްވެސް ހުށަހެޅުމަކަށް ސަމާލުކަމެއް ނުދީ ނަސީފާ ހުރީ ސަބަބުތަކެއް އޮތީމައެވެ. ނަސީފާގެ ލޯބި ކާމިޔާބުކުރަން ބޭނުންނަމަ އެސަބަބުތައް ހޯދައި އެކަން ފުރިހަމަކުރަން ޖެހޭނެކަމުގައި ނަސީފާގެ ހިތް ބުނަމުންދިޔައެވެ.

އުމުރުގެ ޒުވާން ދުވަސްތައް ގުނަމުންދިޔަ ސާޒިންއަކީ އަމިއްލަ މަސައްކަތުން ދިރިއުޅުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ ޒުވާނުންގެ ތެރެއިން ފާހަގަކޮށްލެވޭފަދަ މަސައްކަތްތެރި ހީވާގި ޒުވާނެކެވެ. ބޭބެއެއްގެ އެހީތެރިކަމާއެކު އޭނާ ދަސްކުރި ވަޑާމުގެ މަސައްކަތުގައި މިއަދު އޭނާ ވަނީ އަމިއްލައަށް ކޮޅަށްތެދުވެ ހިންދެމިލާފައެވެ. އެތައްބަޔެއްގެ ލޯތްބާއި ތައުރީފުލިބުނު އެތައް މަސައްކަތެއް ކޮށްފައެވެ.

ނަސީފާގެ ހިތުގައި ސާޒިންގެ ސޫރަ ކުރެހިގެން ދިޔައީ އޭނާގެ ރައްޓެއްސެއްގެ ގެއަށް ދިޔަދުވަހަކު އެގެއިން ސާޒިން ފެނުނު ހިސާބުން ނެވެ. ގިނަބަޔެއްގެ ތައުރީފު ލިބުނު ރީތި އެތައް މަސައްކަތެއް ކޮށްފައިވާ އެޒުވާނާގެ ރީތިކަމާއި ފިރިހެންވަންތަކަން ނަސީފާގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ފޯރިކަހަލައެވެ. މަސައްކަތްތެރި ހީވާގި އެޒުވާނާއަކީ ދިރިއުޅުމެއް ފަށަން އެންމެ އެކަށީގެންވާ ޒުވާނާކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

ސާޒިންގެ އެއްވެސް އިސާރާތަކާއި ނުލައި ސާޒިންގެ ހަޔާތަށް ނަސީފާ އައުން ވެގެންދިޔައީ ސާޒިންއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ. އެހާމެބޮޑު އުފަލަކަށެވެ. ރަށުގެ އެތައް ޒުވާނުންނެއްގެ ހުށަހެޅުންތައް އަނބުރައި ރައްދު ކުރުމަށްފަހު ސާޒިންގެ ހަޔާތަށް ނަސީފާ އައީ އޭނާ އަމިއްލައަށް ބޭނުންވެގެން ނެވެ. ނަސީފާއަށް ޓަކައި ސާޒިންގެ ހިތް ވެސް އެދި ދޮވަމުންދިޔަ ގޮވުން ޙަޤީޤަތަކަށް ވެގެންދިޔައީ އޭނާ ހީވެސް ނުކުރާ ފަދަ ނަސީބުވެރި ގޮތަކަށެވެ.

ސާޒިން އާއި ނަސީފާގެ ނަން ލޯބިވެރިންގެ ލިސްޓަށް އިތުރުވުން ވެގެން ދިޔައީ ބައެއް މީހުންނަށް ގަބޫލްކުރަން ދަތިވި ކަމަކަށެވެ. އެވާހަކަތައް ގަބޫލުކުރަން ބައެއް މީހުނަށް ދަތިވިއެވެ.

އެހެން ވެސް ލޯބިވެރީން ފަދައިން ނަސީފާ އާއި ސާޒިން ވެސް އެދެމީހުންގެ ލޯބީގެ ބައްދަލުވުންތައް ބާއްވާން ފެށިއެވެ. ނަސީފާ އާއި ސާޒިން ވެސް އެދެލޯބިވެރިންގެ ލޯބީގެ ބައްދަލުވުންތައް ބާއްވަމުންދަނީ ރަށުގެ އެހެންވެސް ޒުވާން ލޯބިވެރިން ފަދައިން އިރާކޮޅުގެ ވަގުތުތަކުގައި ރަށުގެ އަތިރިމަތިފަދަ ތަންތަނުގައެވެ. ހޭޅިފަށުގައިވާ ގަސްގަހާ ގެއްސާއި ތަރިރު ހަނދު ހެކިކޮށް ވައުދުތަކާއި އަހުދުތައް ވަމުންދަނީ ދުވަހަކު ވެސް ވަކިނުވެ އުމުރުދުވަހު އެކުގައި އުޅުމަށެވެ. އެކުގައި ހޭދަ ކުރަމުންދިޔަ ލޯބީގެ ވަގުތުތަކުގައި ލިބިމުންދިޔަ އުފަލާއި ހިތްހަމަ ޖެހުންތަކުގެ ސަބަބުން ދެމީހުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ހަލީފުއަކީ ނަސީފާގެ ލޯތްބަށް ފެންބޮވައިގެންފައިވާ ޒުވާނުންގެ ތެރޭން، ނަސީފާ އާއި ސާޒިންގެ ލޯބި ގަބޫލްނުކުރާ ޒުވާނެކެވެ. ބަލިކަށި މުށިމަހަކަށް ފާރަލައިގެން ހަންޖެއް އުޅޭފަދައިން ނަސީފާގެ ފަހަތުން މިހާރު ވެސް މުގޯލި އަޅަމުންދާ ޒުވާނެކެވެ.

ހަލީފުއަކީ ރިޒޯޓެއްގައި ވަޒީފާ އަދާކުރަމުންދާ ޒުވާނަކަށްވާތީ ވަރަށް މަދުންނޫނީ ރަށުގައެއް ނުހުރެވެއެވެ. އެހެންކަމުން ހަލީފުއަށް ޖެހުނީ މިކަމުގައި ވެސް އެހެން މީހެއްގެ އެހީތެރިކަން ހޯދާށެވެ. ނަސީފާއާ އޭނާއާ ދެމެދު ދަމާނެ ކަނދު ފައްޗެއް ނުވަތަ އޭނާ އާއި ނަސީފާ ތަތްކުރާން ތެރަސްފުޅިއެއް ހޯދާށެވެ.

ނަސީފާއާ ގުޅުން ބަދަހިކުރުމަށް ހަލީފު އެހީހޯދީ އޭނާގެ އެންމެގާތް ރަހުމަތްތެރިޔާ އަލީގެ ކިބައިންނެވެ.

ހަލީފުގެ އެދުމުގެމަތިން ހަލީފުއާއެކު އަލީ ވަރަށް ގިނައިން ނަސީފާމެން ގެއަށް ދެއެވެ. އެހެނަސް ނަސީފާއަށް ސާޒިން ކުރާ އިތުބާރެއްގެ ބޮޑުކަމުންނާއި ވާލޯތްބެއްގެ ބޮޑުކަމުން އެކަމަކަށް އަޅައެއްނުލަ އެވެ. ސާޒިން ގަބޫލް ކުރާގޮތުގައި ނަސީފާ އޭނާ އަކަށް ދެރައެއް ނުދޭނެއެވެ.

ނަސީފާ އާއި ސާޒިން އެދެމީހުންގެ އާދައިގެމަތިން ލޯބީގެ ވަގުތުތައް ހޭދަކޮށްލުމަށްޓަކައި އަތިރި މަތީގައިވާ ގަސްތައް ކައިރީގަ ތިއްބެވެ. ސާޒިންގާތު ނަސީފާ ބުނަމުންދަނީ ހަލީފުގެ އުނދަގޫ ކުރުންތަކާއި ޖެއްސުން ކުރުންތައް ކުރިމަތިވަމުން އަންނަ ވާހަކައެވެ. ނަސީފާ އާއި ސާޒިން ރައްޓެހިވެގެންއުޅޭ ވާހަކަ އާއި ކައިވެނިކުރާންއުޅޭ ވާހަކަ ބުނުމުން ވެސް އޭނާ އެކަމަށް އަޅާނުލާ ވާހަކައެވެ. ނަސީފާގެ މީހެއްގެ ގޮތުގައި ސާޒިން ހުރިހާ ދުވަހަކު ނަސީފާ ވެސް ސާޒިންގެ މީހެއްގެ ގޮތުގައި ހުންނާނެ ވާހަކައެވެ.

ނަސީފާގެ ލޯބި ހޯދުމަށްޓަކައި ހަލީފުއަށް ކުރެވޭންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދިޔައެވެ. ނަސީފާގެ ލޯބި ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ އިތުރުން ނަސީފާ އާއި ސާޒިން ދުރުކުރުމަށް ވެސް ހަލީފު މަސައްކަތްތަކެއް ކުރަމުންދިޔަ އެވެ. ހަލީފަށް ގަބޫލް ކުރެވޭގޮތުގައި އޭނާއަށް ނަސީފާ ކާމިޔާބު ނުވެގެން އުޅެނީ ސާޒިންއާ އޭނާގެ މެދުގައި އޮތް ލޯބީގެ ގުޅުމުގެ ސަބަބުންނެވެ.

ހަލީފުއަށް ނަސީފާގެ ލޯބި ހޯދައިދިނުމާއި ނަސީފާ އާއި ސާޒިން ދުރުކުރުމަށްޓަކައި ކުރެވޭންހުރި ހުރިހާކަމެއް ހަލީފު ކުރަމުންދިޔައިރު އޭނާގެ އެކުވެރި އަލީ އެއިން ކޮންމެކަމެއްގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދެމުންދިޔައެވެ.

ހަލީފު އޭނާގެ ޗުއްޓީ ހަމަވުމުން އަނެއްކާވެސް ރިޒޯޓަށް ހިނގައްޖެއެވެ. ހަލީފު ރިޒޯޓަށް ދިޔަނަމަވެސް އަލީ އޭނާގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ. ރެއަކާދުވާލު އެތައްފަހަރަކު ނަސީފާއާ ބައްދަލުކޮށް ތަފާތު ވާހަކަތައް ދައްކައި ހަލީފު އަށް ނަސީފާގެ ލޯބި ލިބޭނެގޮތްވޭތޯ އެތައް މަސައްކަތެއް ކުރަމުން ގެންދިޔައެވެ. ހަލީފުއަށް ފޯނުކޮށް ވާނުވާ އަންގަމުން ގެންދިޔައެވެ.

ނަސީފާ އާއި ސާޒިން ދުރުކުރުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވާގޮތް ނުވުމުން އަލީގެ ރުޅިވެރިކަން އިތުރުވިއެވެ. ސާޒިންގެ ބައިސްކަލް ހަލާކުކޮށްލައި އޭނާގެ ގައިގާ ތަޅައިގަންނާން ވެސް މަސައްކަތްކުރިއެވެ.

އަލީމެންގެ ޢަމަލުތައް ކޮންމެގޮތަކަށް ހުރި ނަމަވެސް ސާޒިން އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ސާޒިންގާތު ނަސީފާ ބުނަމުން ދަނީ އަލީމެން ކޮންމެ އެއްޗެކޭ ކީ ނަމަވެސް އަޅާނުލުމަށާއި، އޭނާ ހުންނާނީ ސާޒިންގެ މީހެއްގެ ގޮތުގައި ކަމަށެވެ.

ދުވަސްތައް މާޒީއާ އެކުވަމުން އައިސް އެއްދުވަހެއްގެ އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ސާޒިންއާ ބައްދަލު ކުރަން ނަސީފާ އައިއިރު ހަލީފު އޭނާއަށް ފޮނުވި ސިޓީއެއް ގެނެސް ސާޒިން އަތަށް ދިނެވެ. އެއީ ނަސީފާގެ ލޯތްބަށް އެދި ވަރަށް އަސަރާއެކު ހަލީފު ލިޔެފައިވާ ސިޓީއެކެވެ. ނަސީފާގެ ލޯތްބަށް އެދުމުގެ އިތުރުން އޭނާއަށް ނަސީފާ ލިބެއްޖެނަމަ ކޮށްދޭނެކަންތަކާއި ގެންގުޅޭނެ އަރާމުގޮތުގެ ވާހަކަތައްފަދަ މުހިންމު އެތައް ވާހަކައެއް އޭގައި ލިޔެފައިވެއެވެ. ޖަވާބު ވަރަށް އަވަހަށް ދިނުމަށް ވެސް އެދިފައިވެއެވެ.

އެސިޓީ ކިޔުމަށްފަހު ނަސީފާގާތު ސާޒިން ބުނީ ސިޓީގެޖަވާބު ދިނުމަށެވެ. ސާޒިން އެހެން ބުނި ނަމަވެސް އެ ސިޓީގެ ޖަވާބުދޭން ބޭނުން ނޫންކަމަށް ނަސީފާ ބުނުމުން ސާޒިން އެކަމަކާ އަޅައެއް ނުލައެވެ.

އަލީމެންގެ އުނދަގޫކުރުންތަކާއި ޖެއްސުން ކުރުންތައް ބޮޑުކަމުން ދުވަސް ކޮޅަކަށް ބައްދަލުވުންތައް މެދުކަނޑާލުމަށް ނަސީފާ އެދުމުން ސާޒިން އެކަމަށް މަރުހަބާކީ އުފަލާއި ހިތްހަމަޖެހުމާއި އެކުއެވެ.

ސާޒިން އާއި ރިލުވާން ބައްދަލުވީ މަގުމަތީންނެވެ. ސާޒިން އާއި ރިލުވާން ވާހަކަދައްކަމުންދިޔަ ދިއުމުގައި ނަސީފާ އާއި ސާޒިންގެ މެދުގައި އޮތް ލޯބީގެގުޅުން ކަނޑާލީތޯ ރިލުވާން އެހުމުން ސާޒިންއަށް ލިބިގެންދިޔައީ ހައިރާންކަމެވެ. ތިހެން ތިޔައެހީ ކީއްވެގެންތޯ ސުވާލުކޮށްލީ ހައިރާންކަމާއި ނުތަނަވަސްކަމާއެކު އެހާމެ އަވަހަށެވެ.

ސާޒިންގެ ސުވާލަށް ޖަވާބުދެމުން ރިލުވާނު ބުނީ އަލީ އާއި ނަސީފާ މާ ގާތްގޮތަކަށް ތިއްބާ ފެނުމުން އަހާލީ ކަމަށެވެ.

ރިލުވާނުގެ ވާހަކައާ ގުޅުވައިގެން ސާޒިން ބުނީ އޭނާއާ ނަސީފާގެ މެދުގައިވާ ލޯބީގެ ގުޅުމަށް އެއްވެސް ބަދަލެއް ނާއްނަކަމަށާއި އެގުޅުން ބަރާބަރަށް ކުރިޔަށްދާ ކަމަށެވެ. އަދި އެފަދަ މަންޒަރުތައް ފެންނަނަމަ އޭނާއަށް އަންގާލަ ދިނުމަށް ވެސް އެދުނެވެ.

ޖެހިގެން އައި ދުވަހު ނަސީފާއާ ބައްދަލުކޮށް ސާޒިން އެވާހަކަދެއްކުމުން، ނަސީފާ ވަރަށް ދެރަވިއެވެ. މީހުން ދައްކާ ފާޑުފާޑުގެ ވާހަކަތައް އަޑުނޭހުމަށް އެދެމުން ނަސީފާ ބުނީ ފިހާރައަކަށް ދާން ނުކުތްވަގުތު އަލީއާ ދިމާވެގެން އޭނާ ނަސީފާގެ އަތުގައި ހިފަހައްޓާ މަޑުކުރުވީ ކަމަށެވެ. އަދި މަންމައަށް ގޮވާލާނެކަމަށް ބުނުމުން ދޫކޮށްލި ކަމަށް ވެސް ބުންޏެވެ.

ރިލުވާނުގެ ވާހަކަތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައިހުރި ސާޒިންއަށް ނަސީފާގެ ވާހަކަތައް އިވުމުން ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ނަސީފާ ދެކެ އޭނާ ވާ ލޯތްބެއްގެ ބޮޑުކަމުންނާއި ނަސީފާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އެވާހަކަތައް ގަބޫލުކުރި އެވެ.

ނަސީފާ އާއި ސާޒިން ބައްދަލުކުރިތާ ދެތިން ރެއެއްފަހުން ސާޒިން އާއި ރިލުވާނު އަނެއްކާ ވެސް ބައްދަލު ވިއެވެ. ސާޒިންއާ ވާހަކަދައްކަމުން ރިލުވާން ބުނީ އަލީ އާއީ ނަސީފާ ޤަވާއިދުން ބައްދަލުކުރަމުން އަންނަކަމަށާއި އެ ދެމީހުންގެ ފަރާތުން ފެންނަމުންދާ މަންޒަރުތަކަކީ ދެލޯބިވެރިންގެ ފަރާތުން ފެންނަފަދަ މަންޒަރުތަކެއް ކަމަށެވެ. ނަސީފާގެ ވާހަކަތައް ކޮންމެގޮތަކަށް ހުރި ނަމަވެސް ސާޒިންއަށް އެމަންޒަރު ފެނިއްޖެނަމަ ރިލުވާންގެ ވާހަކަތައް ގަބޫލްކުރާނެ ކަމަށެވެ.

ރިލުވާންގެ ވާހަކަތައް ގަބޫލްކުރުމުގެ ކުރީން ސާޒިން ގޮސް ނަސީފާއާ ބައްދަލުކުރިއެވެ. އޭނާއަށް އިވެމުންދާ ވާހަކަތަކާއި ބެހޭގޮތުން ސުވާލުކުރި އެވެ. ސާޒިންގެ ސުވާލުތަކަށް ނަސީފާއަކަށް ޖަވާބެއް ނުދެވުނެވެ. ސާޒިން ދައްކަމުންދިޔަ ވާހަކަތަކަށް ނަސީފާ ސަމާލުކަމެއް ވެސް ނުދިނެވެ. ނަސީފާގެ އެޢަމަލުތަކުން ސާޒިންއަށް ޔަގީންވީ ރިލުވާނު ދެއްކީ ތެދުވާހަކަތަކެއް ކަމެވެ. އެގޮތަށް ކަންތައް ދިމާވުމުން ސާޒިން ކިތަންމެ ދެރަވި ނަމަވެސް ހިތްވަރު ކުރިއެވެ.

ދެން ފެންނަން ފެށީ ނަސީފާ އާއި އަލީ ނުހަނުލޯބީން އެކުގައި އުޅެމުންދާ މަންޒަރެވެ. އެކުގައި ހިނގާލާން ގޮސް އުޅޭ މަންޒަރާއި ރަށުގެ އަތިރިތަކާއި ހޭޅިފަށުން ބައްދަލުކުރާ މަންޒަރެވެ.

ނަސީފާގެ އެޢަމަލުތަކުގެ ސަބަބުން ސާޒިންއަށް ލިބުނު ހިތާމަތަކާއި ހިތްދަތިކަން އިތުރުވެގެން ދިޔައެވެ. އަންހެންކުދިން މަތިން ފޫހިވެ އަންހެން ކުދިންނަކީ މަކަރުވެރި ކެހިވެރި ބައެއްކަމުގައި ވެސް ނިންމިއެވެ. ނަސީފާ ދެކެ ކިތަންމެ ލޯބިވި ނަމަވެސް އޭނާގެ ފައިދަށަށް ވެއްޓި އާދޭސް ކުރާކަށް ވެސް ނަސީއަށް އުނދަގޫކޮށް ޖެއްސުން ކުރާކަށް ވެސް ސާއިފް ބޭނުމެއްނޫނެވެ.

ނަސީފާގާތަށް އަލީ ދިޔައީ ހަލީފަށް ނަސީފާ ހޯދައިދިނުމަށް ހަލީފުގެ ފަރާތުން ގެންގުޅުނު ކަނދުފައްޗެއްގެ ގޮތުގައި ނަމަވެސް މަންޒަރު ބަދަލުވެގެން ދިޔައީ ހީކުރިގޮތަކަށް ނޫނެވެ. ހަލީފާއި އަލީގެ ގުޅުންކެނޑި ނަސީފާ އާއި އަލީގެ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައީއެވެ. ނަސީފާ ކައިވެނި ކުރީ ހަލީފުގެ ކަނދުފައްޗާއި އެވެ. ލަނޑު ލިބުނީ ސާޒިންއަކަށް ނޫނެވެ. ސާޒިންއަށް ލަނޑުދޭން އުޅުނު ހަލީފަށެވެ.

ނިމުނީ

1
0

4 ކޮމެންޓް - ލިޔުން: ”ކަނދުފަތި“

Leave a Reply

Your email address will not be published.