ހިތާމަ މަޖާ ލޯބީގެ

ހޭލާށެ ހޭލާ

ދިހައެއް ޖަހާކަން ހާއިރެވެ. އޮފީހުގައި ކުރަންހުރި މަސައްކަތްތައް ހަމައަކަށް އަޅުވާލުމަށްފަހު، ޝާލިޝް އޭނާގެ އާދައިގެމަތިން ފޭސްބުކަށް ވަނެވެ.
” ޔާޝާ ” ފޭސްބުކަށް ވަނުމާއިއެކު އެންމެފުރަތަމަ ވެސް ފެނުނީ ކޮންމެވެސް މީހަކު ފޮނުވާފައިވާ ފުރެންޑް ރިކްއެސްޓެކެވެ. ނަމެއްގެ ގޮތުގައި ޔާސާ ޖަހާފައިވާއިރު ޕްރޮފައިލް ޕިކްޗަރ އަކަށް ބޭނުންކޮށްފައިވަނީ ޒުވާން ރީތި އަންހެން ކުއްޖެއްގެ ފޮޓޯ އެކެވެ. ކުލައަލި ދޮން ރީތި މޫނެކެވެ. ފުރަތަމަ ނަޒަރުން ވެސް ސަޢުޤުވެރި ވެވޭހާ ފުރިހަމައެވެ.
އެޑްކުރުމުގެ ކުރިން އޭނާއާބެހޭ އިތުރު މަޢުލޫމާތެއް ލިބޭތޯ ބަލާލިއިރު، ސީ.އެޗް.އެސް.އީ ގުރޭޑް ބާރާގައި ކިޔަވަމުންދާކަން ފިޔަވާ އެހެން އެއްވެސް މަޢުލޫމާތެއް ލިބޭކަށް ނެތެވެ.
ޔާޝާ އާއި ޝާލިޝް އެންމެ ފުރަތަމަ ވާހަކަދެއްކީ އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ޔާޝާ އަމިއްލައަށް ޝާލިޝްއަށް ގޮވައި ހާލުއަހާލުމުން، ހާލު ރަނގަޅުކަމަށް ބުނެ ޝާލިޝް ވެސް ޔާޝާގެ ހާލު އަހާލިއެވެ.
ހާލުއަހާލުމުން ފެށުނު ވާހަކަތައް އެދުވަހު ނިންމާލީ ދެމީހުން ދެމީހުނަށް ތަޢާރަފް ވަމުންނެވެ. ދެމީހުން ވެސް ދެމީހުންގެ އާންމު މަޢުލޫމާތު ހިއްސާ ކުރަމުންނެވެ.
ސީ.އެޗް.އެސް.އީ ގުރޭޑް ބާރާގައި ތަޢުލީމު ހާސިލު ކުރަމުންދާ، އުމުރުން އަށާރައަހަރުގެ އާއިޝަތު ނިޔާޝާއަކީ އައްޑުއަށް ޒުވާނެކެވެ. މައިންބަފައިންނާއިއެކު މާލެއަށް ބަދަލުވެ މާލޭގައި ދިރިއުޅެމުންދަނީ ތަޢުލީމު ހާސިލު ކުރުމަށްޓަކައެވެ. ނިޔާޝާގެ އިތުރުން އެޢާއިލާގައި އެހެން ތިންކުއްޖަކު ވެސް މާލޭގައި ކިޔަވަމުންދިޔަ އެވެ.
ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާކުރަމުންދާ ވިއްސަކަށް އަހަރުގެ އަހްމަދު ޝާލިޝްއަކީ މާލެއަށް އުފަން މާލޭގެ ރައްވެއްސެ ކެވެ. ކައިވެންޏަކާއިމެދު ވިސްނަމުން ރަނގަޅު ބައިވެރިއަކު ލިބޭތޯ އަތްފުނާއަޅަމުންދިޔަ ޝާލިޝްއަށް ނިޔާޝާއާ ބައްދަލުވުން އެއީ ނަސީބެކޭ ހިތަށް އެރީ ނިޔާޝާގެ ބަސްމަގު ހުރިގޮތުންނާއި ވާހަކަ ދެއްކުމުގައި ގެންގުޅުނު ގާތްގޮތުންނެވެ.
ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު ޝާލިޝް އާއި ނިޔާޝާގެ މެދުގައިވާ ގުޅުން ވެސް ދުވަހަކަށްވުރެ ދުވަހެއް ގާތްވަމުން ބަދަހިވަމުން ދިޔައެވެ. ވާހަދައްކަމުން އައި ވާހަކަދެއްކުން ވެސް ފަހަރަކަށްވުރެ ފަހަރެއް އިތުރު ވަމުން އައިސް ދުވާލަކު އެތައްފަހަރަކު ވާހަކަދައްކައިގެން ނޫނީ ހިތްހަމަ ނުޖެހޭ ދުވަސް ގިނަވާން ފެށިއެވެ. ވާހަކަދައްކަން ހޭދަކުރާ ވަގުތު ގިނަވަމުން ދިޔައެވެ.
ނިޔާޝާއާ ވާހަކަދެއްކުން އިތުރުވަމުންދާ ވަރަކަށް ޝާލިޝްގެ ހިތުގައި ނިޔާޝާއާ މެދުގައި އޮތް ސައުގުވެރިކަން އިތުރުވަމުން ދިޔައެވެ. ނިޔާޝާއަށް ވުރެ ބޮޑަށް ވާހަކަދައްކަން ބޭނުންވެގެން އުޅެނީ ޝާލިޝް އެވެ.
ޝާލިޝްގެ ހިތުގައި ނިޔާޝާއާމެދު އުފެދުނު ސައުގުވެރިކަން ސިއްރުކޮށްގެން ހުރެވުނީ ދުވަސްކޮޅަކުއެވެ. އިޙްތިޔާރުން ބޭރުގައި ނަމަވެސް ނުކިއްސަރުކޮށް ނަމަވެސް އެވާހަކަ ބުނެވިއްޖެއެވެ. ނިޔާޝާގެ ފަރާތުން ޖަވާބެއް ނައެވެ. އޮފްލައިން ވީގޮތަށް އޮން ވެސް ނުވިއެވެ.
ލިބުނު މާޔޫސްކަމުން ހިތްދަތިވެ ކަރުއެލިފައިހުރި ޝާލިޝްއަށް ނިޔާޝާގެ ހަބަރެއްވީ ދެދުވަސް ފަހުންނެވެ. އެންމެ ފުރަތަމަ ވެސް ބުނީ އޭނަފަދަ ފަސްކުޅަނދު ހަމަނުވާ ރާއްޖެތެރޭ މީހަކާއި މާލޭ މީހަކު އިންނަން މާލޭގެ ޢާއިލާއަކުން ގަބޫލުނުވާނެ ވާހަކައެވެ. އޭނާއަށް މަލާމަތް ނުކުރަން އެދޭ ވާހަކައެވެ.
ނިޔާޝާގެ ވާހަކަތަކަށް ރައްދުދެމުން ޝާލިޝްގެ ދެއްކި ވާހަކަތަކުގެ ސަބަބުން ނިޔާޝާ ހިތްހަމަ ޖެހުނެވެ. އުފާވިއެވެ.
ނިޔާޝާ އާއި ޝާލިޝްގެ މެދުގައި އޮތް ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވެގެންދިޔައީ ދެޒުވާނުން ވެސް އެގޮތް ބޭނުންވުމުން ނެވެ. އެކަމަށް ހިތް އެދުމުންނެވެ.
ކިޔެވުމުގެ ކަންތައް ހުރި ގޮތުންނާއި ގޭތެރޭގެ ކަންތައްތައް ހުރިގޮތުން މިދުވަސްވަރު ބައްދަލުނުވާނެކަމަށް ނިޔާޝާ ބުނި ބުނުން ޝާލިޝް ގަބޫލުކުރިއެވެ.
ސީދާސީދާކޮށް ބައްދަލުކުރެވެން ނެތުމުން އެކަކު އަނެކަކަށް ފޮޓޯ ފޮނުވުމަށާއި އެކެއް ވެސް އަނެކެއްގެ ފޮޓޯ އެހެން މީހަކަށް ނުފޮނުވުމަށް ނިޔާޝާ އާއި ޝާލިޝް ނިންމިއެވެ. ނިޔާޝާއެކޭ އެއްފަދައިން ޝާލިޝް ވެސް ނިޔާޝާއަށް ފުރިހަމަ އިތުބާރު ކުރިއެވެ.
ނިޔާޝާގެ ހެދިހުރި އަންހެންވަންތަ ފުރިހަމަ ހަށިގަނޑު ފެނުމާއިއެކު ޝާލިޝްގެ ހިތް އުފަލުން ފުރުނެވެ. ލިބުނު ނަސީބާއި މެދު އުފާކުރިއެވެ. އެފަދަ ރީތި ފުރިހަމަ އަންހެންކުއްޖަކު އޭނާގެ ހަޔާތަށް އައީތީ ފޮނި ވެވުނެވެ. ފޮޓޯގަނޑު ބޮޑުކޮށް އެކިފަހަރު އެކިގޮތަށް އެކި ދިމާއިން އެތައް ފަހަރަކު ބެލިއެވެ.
” ވާއޮ … ހޭންސަމް. ” ހުސްގަޔާއި ހުރި ޝާލިޝްގެ ފޮޓޯއަށް ބަލާލަމުން ނިޔާޝާ މެސެޖް ކުރިއެވެ. އެ ފޮޓޯގަނޑުގެ ސަބަބުން ނިޔާޝާގެ ސައުގުވެރިކަން އިތުރުވިކަން ނިޔާޝާ އިތުރަށް ދެއްކި ވާހަކަތަކުން ޝާލިޝްއަށް އެނގުނެވެ.
ނިޔާޝާ އާއި ޝާލިޝް، އެ ދެލޯބިވެރިންގެ އާދައިގެމަތިން މިރޭ ވެސް ނިދަން އަރައި ތިބީ މެސެންޖަރ އިން ވާހަކަ ދައްކާށެވެ.
ކުއްލިއަކަށް ނިޔާޝާ ކޮށްލި ސުވާލާއިއެކު ޝާލިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނިޔާޝާއަށް އެކަން އެންގުމުގެ ގޮތުން ރުޅިވެރި މޫނެއް ވެސް ފޮނުވާލިއެވެ.
” ހިހި. ރުޅި އައީތަ ؟ …. އެއީ އެހެން ބުނި އެއްޗެއް ނޫނޭ. މިހާރު ދެން އުޅެއެއްނު ބޯއީ ވެސް ބޯއީ ލައިކްވާ … އެހެންވެ އެހެން އަހާލީ … އެއީ މަޖާ. ” ނިޔާޝާ ކޮށްލި މެސެޖް ކިޔާލި ނަމަވެސް ޝާލިޝް ޖަވާބެއް ނުދެއެވެ. ނިޔާޝާގެ އެސުވާލުގެ ސަބަބުން މޫޑު ގެއްލުނީތީ އިތުރު ވާހަކައެއް ނުދައްކާ ލޮގްއައުޓް ވިއެވެ.
ނިޔާޝާއާ ވާހަކަ ނުދައްކާ ހުރުމަކީ ޝާލިޝްއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.
ޝާލިޝް އާއި ނިޔާޝާގެ މެދުގައި ބަދަލުކުރެވެމުންދިޔަ ފޮޓޯތަކުގެ ސަބަބުން ނިޔާޝާ ދެކިލުމުގެ އެދުން ޝާލިޝްގެ ހިތުގައި އިތުރުވަމުން ދިޔައެވެ. ނިޔާޝާއަކީ އޭނާ ހީކުރިވަރަށްވުރެ އީޒީ ކުއްޖެއްކަން އެނގުނު ހިސާބުން ފެށިގެން ޝާލިޝްގެ ނިޔަތްވަނީ ބަދަލުވެފައެވެ. އެރީތި މަލުގެ ފޮނިކޮޅު ބޯލަން ފުރުސަތު ލިބިދާނެކަން އެނގުނު ހިސާބުން ފެށިގެން އެކަމަށް އޭނާގެ ހިތް އެދެންފެށީ ކެތްނުވާ ވަރަށެވެ.
ސީދާސީދާކޮށް ބައްދަލުކުރުމަށް ޝާލިޝް އެދެމުންދިޔަ ވަރުން އެކަމަށް ނިޔާޝާ އެއްބަސްވި އެވެ.
އޮއްސުނު އިރާއިއެކު މާލެތެރެއަށް އަނދިރިކަން ވެރިވި ނަމަވެސް، ފިހާރަތަކާއި މަގުތަކުގައި ދިއްލާފައިވާ އަލިގަދަ ހޮޅިބުރިތަކާއި ބޮކިތަކުގެ ސަބަބުން މަގުތައް ފެންނަނީ ދުވާލު ފަދައިން އަލިވެފައި ވަނިކޮށެވެ. އާންމު މައިދާންތަކުން ކޮންމެ ވެސް ވަރަކަށް މީހުން މަދުވި ނަމަވެސް މަގުތަކުން ފެންނަމުންދިޔަ ހަލަބޮލިކަމަށް މާބޮޑު ބަދަލެއް ނާދެއެވެ.
ނިޔާޝާ އާއި ޝާލިޝް ވާހަކަދައްކައި މަޝްވަރާކޮށް ނިންމިފަދައިން، ނިޔާޝާއާ ބައްދަލުކުރުމަށްޓަކައި، ހެދިގޮނޑުދޮށް ސަރަހައްދަށް ޝާލިޝް ދިޔައީ އަށެއް ޖަހާކަން ހާއިރުއެވެ.
ގަޔަށްބާރު އަތްދިގު ރަތްކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސެއްލައި ބޫޓަކަށް އަރައިގެން ހުރިއިރު ޝާލިޝްގެ ފިރިހެން ވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް ދައްކައިދެއެވެ.
ހެދިގޮނޑުދޮށް ސަރަހައްދަށް ޝާލިޝް ވަތްއިރު އެތަނުގައި މީހުން ގިނައެވެ. އެކުވެރިންގެ ގުރޫޕްތަކާއި ލޯބިވެރިންގެ ޖޯޑުތަކުގެ އިތުރުން އެކިވަރުގެ ޢާއިލާތައް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
” ޝާލިޝް! ” ކޮންމެ ވެސް ފިރިހެނަކު ގޮވާލިއަޑަށް ޝާލިޝް ދިޔައީ ސިއްސައިގެންނެވެ. ނިޔާޝާއާ ބައްދަލުކުރަން އައި ފުރަތަމަ ފަހަރު ވެސް ރައްޓެއްސަކާއި ދިމާވުމުން ކޮންމެ ވެސް ވަރަކަށް ނުތަނަވަސް ވެސް ވިއެވެ.
ޝާލިޝް ބަލާލިއިރު ޒުވާންފުރައިގެ ފިރިހެންކުއްޖަކު އޭނާއާ ދިމާއަށް އަންނަނީ އެވެ. މީގެކުރިން ދުވަހަކު ވެސް ދެކެފައިނުވާ އެޒުވާނާއަށް ޝާލިޝް އެނގުމުން ޝާލިޝް ހައިރާންވިއެވެ. އެއްފަހަރާ އެތައް ސުވާލެއް ހިތުގައި އުފެދުނެވެ.
” ތިއީ ޝާލިޝް ދޯ ؟ …. މިއީ އާރާޝް. ނިޔާޝާގެ ބޭބެ. ކުޑަކަމެއް ދިމާވެގެން ނިޔާޝާއަށް ނާދެވުނީމަ އަހަރެން މިއައީ ޝާލިޝް ބަލައި. ހިނގާދާން ގެއަށް. ” އައިގޮތަށް އައިސް ޝާލިޝްގެ ކޮނޑަށް އަތްވައްޓާލަމުން ގާތްކަމާއިއެކު އާރާޝް ވާހަކަ ދެއްކިއެވެ.
” ހާދަ ސަޅި ޅިޔަނެކޭ ކޮއްކޮ މި ސެޓްކޮށްލީ. ” ކުރިޔަށްވުރެ ބޮޑަށް ޝާލީސްއާ ގާތަށް ޖެހިލަމުން އާރާޝް ބުނެލިއެވެ. އާރާޝްގެ ފަރާތުން ފެނުނު ގާތްކަމަކީ ނިޔާޝާ ދެކެ އޭނާ ވާ ލޯބިކަމުގައި ޝާލިޝްއަށް ގަބޫލުކުރެވުނެވެ.
އާރާޝްގެ ސައިކަލް ފަހަތަށް އަރައިގެން ޝާލިޝްއާއެކު ނިޔާޝާމެން ގެއަށް ޝާލިޝް ދިޔައެވެ. އާރާޝް އާއި ޝާލިޝް ގޭތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް އާރާޝްގެ ކޮޓަރިއަށް ވަތްއިރު ގޭތެރޭން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެކަމުގެ ސަބަބުން ޝާލިޝްގެ ހިތުގައި އުފެދުނު ސުވާލު ގިނަ ނަމަވެސް އަނގައަކުން ނުބުނެއެވެ.
ކޮޓަރީގައި މަޑުކޮށްލަން ޝާލިޝްގާތު ބުނެފައި އާރާސް ނުކުތީ ބޭރަށެވެ.
ކޮޓަރީ މޭޒުމަތީ ބަހައްޓާފައި ހުރި ފުރޭމްގައިވާ ފޮޓޯ ފެނުމުން އެއާއިދިމާއަށް ޝާލިޝް ހިނގައިގަތެވެ. ފަސްވަރަކަށް މީހުން ހިމެނޭ އެފޮޓޯގައި މައި ފެމެލީ ލިޔެފައިވުމުން ޝާލިޝްގެ ސައުޤުވެރިކަން އިތުރުވިއެވެ.
ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރި ޝާލިޝްއަށް ލިބުނު އެންމެބޮޑު ހައިރާންކަމަކީ އެފޮޓޯގައި ނިޔާޝާ ނެތުމެވެ. ނިޔާޝާއަކީ އޭނާގެ ކޮއްކޮއެއް ކަމަށް އާރާސް ބުނާއިރު އެފޮޓޯގައި ނިޔާޝާ ނެތީ ކީއްވެބާއެވެ. ނިޔާޝާއަކީ އާރާޝްއާ އެއްބަނޑު އެއްބަފާ މީހަކަށް ނުވަނީ ބާއެވެ. ޝާލިޝްއަށް ނިޔާޝާ ފޮނުވާފައިވާ ފޮޓޯތައް މިހާރު ވެސް ޝާލިޝްގެ ފޯނުގައި އެބަހުއްޓެވެ.
ފަސްވަރަކަށް މިނިޓް ފަހުން އާރާޝް އައިއިރު އޭނަ ހުރީ ކޮންމެ ވެސް ވަރަކަށް ހާސްވެ ކަންބޮޑުވެފައެވެ. އާރާޝް ފެނުމުން ޝާލިޝްގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ.
” ކިހިނެތްވީ ؟ ” އަވަސް އަވަހަށް ޝާލިޝްއަށް އަހާލެވުނެވެ.
” ފާޚާނާތެރެއަށް ދޮންބެ ދައްތަ ވެއްޓިގެން، ދޮންބެ ހޮސްޕިޓަލަށް ދިޔައިރު ނިޔާޝާ ގޮވައިގެން ދިޔައީ. ނިޔާޝާ ބުނީ އިރުކޮޅަކުން އެބަ އަންނަމޭ. އޭނާ އަންނަން ދެން މަޑުކޮށްލާށޭ. ” ޝާލިޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އާރާޝް ވާހަކަދެއްކިއެވެ.
” އެހެންތަ ؟ އޭރުން ދެން މަޑުކޮށްލާނީ. ” ޝާލިޝް އައީ ނިޔާޝާއާ ބައްދަލުކުރާށެވެ. ނިޔާޝާ އެދުނީ މަޑުކޮށްލާށެވެ. ޝާލިޝް ބޭނުންވަނީ ކިތަންމެ އިރަކު މަޑުކޮށްގެން ނަމަވެސް ނިޔާޝާއާ ބައްދަލު ކުރާށެވެ.
” ހާދަ ރަނގަޅޭ. ” ޝާލިޝްގެ ބޮލުގައި ފިރުމާލަމުން އާރާޝް ބުނެލިއެވެ. އާރާޝްގެ ކޮންމެ ހަރަކާތަކުން ޝާލިޝްއަށް ފެނުނީ އޯގާތެރިކަމާއި ހިތްހެޔޮކަމެވެ.
ކޮންޕިއުޓަރ ބޭނުންކޮށްލަން ބުނެފައި އާރާޝް ވަނީ ފާޚާނާ އަށެވެ.
ފޯނުގެ ބެޓެރި ހުސްވާން ކައިރިވެފައިވާތީ ކޮންޕިއުޓަރުން ފޭސްބުކަށް ވަދެ ނިޔާޝާ ކޮބައިތޯ ބަލާލަން އުޅުނު ވަގުތު ޝާލިޝްގެ ލޮލުގައި އަޅައިގަތީ، އެކޮންޕިއުޓަރުން ލޮގިން ވެފައިވާ ނިޔާޝާގެ އައިޑީ އެވެ. އެތައް ބަޔަކާއި ވާހަކަދައްކާފައި ހުރިގޮތަށް ހުއްޓެވެ.
ލިބުނު ފުރުސަތުގެ ބޭނުންކޮށް ނިޔާޝާއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ޝާލިޝްގެ ހިތަށް އެރިއެވެ. އަވަސް އަވަހަށް އެކި ދިމަދިމާއަށް ނަޒަރު ހިންގާލީ އެހެންވެއެވެ.
ފެނުނު މަންޒަރުތަކުން ޝާލިޝްގެ ބޮލަށް އެނބުރުން އަރައިގެން ދިޔަ ކަހަލައެވެ. ގަބޫލުކުރަން ދަތިވެގެން ދެއަތަކަށް ބޯ ހޫރާ ލެވުނެވެ. މާތްކަލާކޯ އޭ ބުނެވުނީ އެމަންޒަރު ގަބޫލު ނުކުރެވިގެންނެވެ.
ޝާލިޝް ފަދަ އެތައް ލޯބިވެރިންނެއް ނިޔާޝާގެ އެބަ ތިއްބެވެ. ދައްކާފައިވާ ވާހަކަތަކާއި އެކަކު އަނެކަކަށް ފޮނުވާފައިވާ ފޮޓޯ ތަކަށް ބަލާއިރު، ނިޔާޝާއެކޭ ކަސްބީއެކޭ އެއްފަދައެވެ. ލޯބީގައި އޭނަ ވަނީ ހައްދުފަހަނަ އަޅާފައެވެ. ނިވާކަން ކުޑަ ފޮޓޯތަކާއި ހެއްދެވިގޮތަށް ހުރެ ނަގާފައިވާ އެތައް ފޮޓޯއެއް ވެއެވެ.
ފެނުނު މަންޒަރުތަކުގެ ސަބަބުން ލިބުނު ހައިރާންކަމުގައި ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިއިން ޝާލިޝް ސިއްސައިގެން ދިޔައީ ފާޚާނާދޮރުގެ ތަންޑު ނެއްޓި އަޑަށެވެ. އަވަސް އަވަހަށް ފޭސްބުކް ނިވާލަމުން ކޮޅަށް ތެދުވިއެވެ.
އާރާޝްގެ ކޮންޕިއުޓަރުން ފޭސްބުކަށް ވަދެފައި ނިޔާޝާ ލޮގްއައުޓް ނުވެ އެހުރީ ހަނދާން ނެތިގެން ކަމުގައި ޝާލިޝް ނިންމި އެވެ. އެހެން ނޫންނަމަ އެފަދަ ފޮޓޯތަކެއް ހުއްޓައި ނިޔާސާ ލޮގްއައުޓް ނުވެ ނުދާނެއެވެ.
އާރާޝް ނުކުތީ ފެންވަރައިގެން ތުވާއްޔެއް އަނދެގެން ނެވެ. ޝާލިޝްއާ ދިމާއަށް އަންނަމުން އާރާޝް ހިނިތުންވެލި އެވެ.
” އަދިވެސް ހަބަރެއް ނުވޭތަ ؟ ހިނގާ ދާން އެކޮޅަށް ޖައްސާލަން. ” އާރާޝް ވާހަކަދެއްކި އެވެ.
އާރާޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޝާލިޝް އާނއެކޭ ބުނީ ބޮލުންނެވެ.
އާރާޝް އައިގޮތަށް އައިސް ޝާލިޝްގެ ފުރަގަހުން ބައްދާލަމުން ކަރުގައި އަނގަޖެހި އެވެ. އަނދެގެންހުރި ތުވާލި ދޫކޮށްލި އެވެ. ޝާލިޝްގެ ގައިގާ ފިރުމާލަމުން އިތުރަށް ގާތްވުމަށް މަސައްކަތް ކުރިއެވެ.
ސިއްސައިގެން ގޮސްފައި ޝާލިޝް ތެޅިގަތް ވަގުތު އާރާޝްގެ އަތްދަށުން ސަލާމަތް ވިއެވެ. އެއްފަހަރާ އެތައް ކަމެއް ޔަގީން ވިއެވެ. އިތުރަށް ބަލަން ބޭނުން ވިއެވެ.
” ފިރިހެން ކޅ ބޅ ” ހިތަށް އެރުމާއިއެކު ޝާލިޝްގެ އަނގައިން ޖުމްލަ ނުކުމެއްޖެއެވެ. ރުޅިއައިސް ރަތްވެގެންދިޔަ އެވެ.
ވެގެން އުޅޭގޮތް ޝާލިޝްއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ގައިގާ އަތްލައިފިނަމަ ދުވަސް ދުއްވާލާނެކަމަށް ބުނަމުން ކޮންޕިއުޓަރާއި ގާތްވެލި އެވެ.
ކަންތައްވީ ޝާލިޝްއަށް ހީކުރެވުނު ގޮތަށެވެ. ނިޔާޝާގެ ނަމުގައި ފޭސްބުކް އައިޑީއެއް ހަދައިގެން އުޅެނީ އާރާޝް އެވެ. މަޤްޞަދަކީ މީހުން ހެއްދުމެވެ. އޭނާ ބޭނުންވާފަދަ މީހަކު ލިބިއްޖެނަމަ އެގޮތަށް އަނބުރާލައެވެ. އެފަދަ ބައެއް މީހުންނާއި ދައްކާފައިވާ ވާހަކަތަކާއި އެކަކު އަނެކަކަށް ފޮނުވާފައިވާ އެތައް ބައިވަރު ފޮޓޯ ހުއްޓެވެ.
ރުޅިއައިސް ރަތްވެފައިހުރި ޝާލިޝް އޭނާގެ ހިތަށްއައި ހުރިހާއެއްޗެއް ކިޔާލިއިރު ވެސް އާރާޝް އަނގައަކުން ނުބުނެއެވެ. އޭނާގެ ކުށް އޭނާއަށް ގަބޫލު ކުރެވުނީ ކަމެއް ގޮތް ހުސްވީކަމެއް ނޭނގެއެވެ.
އެހިނދުކޮޅުމަތިން ހަނދާން ނައްތާލުމަކީ ޝާލިޝްއަށް އުނދަގޫ ކަމަކަށްވި ނަމަވެސް، އޭނާގެ އަތްދަށުން ސަލާމަތްވީތީ އުފާ ކުރިއެވެ. ގޮތް ނޭނގޭ މީހުންނާއި ވާހަކަ ދެއްކުމާއި ދުރުވިއެވެ. އެއީ ބަލަންވީ ވަރަށް ނުބެލުމުން ލިބުނު ލަނޑެއްކަން ގަބޫލުކުރިއެވެ.
އާރާޝްގެ އަތްދަށުން ޝާލިޝް ސަލާމަތްވި ނަމަވެސް، ޝާލިޝްގެ އަތްދަށުން އާރާޝް އަކަށް ސަލާމަތެއް ނުވެވުނެވެ. ޝާލިޝް ރާވާލި މޮޅު ރޭވުމުގެ ތެރެއިން އާރާޝް ޕޮލިހުންގެ ބެލުމުގެދަށަށް ގެންދިޔައީ ފަސޭހަކަމާއި އެކުގައެވެ.
ނިމުނީ

0
0

2 ކޮމެންޓް - ލިޔުން: ”ހޭލާށެ ހޭލާ“

Leave a Reply

Your email address will not be published.