މަޖާ ލޯބީގެ

ޢީދު މުބާރިކް

“ދަރިފުޅާ..” މާރިޔާ އިސްތިރި ކޮށްފައި އިން އަތްދިގު ހުދު ކުރުތާއާއި ޑެނިމް ޖީންސް އަޅުވާފައިއިން ކޮނޑު ހިފައިގެން އައިސް ޓަކިޖަހައިލިއެވެ. “ޖައިޝަން، މިއޮތީ އިސްތިރިކޮށް ނިމިފަ. މި އިނީ އިނގޭ ތަޅުގަ އަޅުވާލާފަ. އަވަސްކޮށްލާ އެއޮށް ގަޑިން 7 ޖަހާ ބޮޑުވީ”

“އާން. މިނިމުނީ”

ޖައިޝަންގެ ފިރިހެންވަންތަ އަޑު އިއްވާލިއެވެ. ރޭ ދަންވަރު މާލެއިން ރަށަށް އާދެވުމާއެކު އާންމުކޮށް ނިދާ އެނދު ބަދަލުވީމައި އޭނާއަށް ރޭ ނިދުންވީ ހިލައަކުން ދިޔަފެލުންކަހަލަ ކަމަކަށެވެ. އެންމެ ލޮލު ފިޔައެއްވެސް ޖަހައި ނުލެވުނެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ޖެލްލާފައިވާ ބޯ، ކަޅުކުލަގަދަ އިސްތަށިގަނޑު ޖައިޝަން އަތުން ފަރުމާކުރަމުން ދިޔައީ، އެހާ ދުވަސް ވަންދެން ރަށަށް ނައިސް އުޅެފައި ފެންނަ ފުރަތަމަ ފަހަރުންވެސް މީހުންގެ ލޮލުގައި ރަނގަޅަށް އަޅައިގަންނާނޭ ވަރަށެވެ. ހުދު ބޮކްސާކޮޅުއެކަނި ލައިގެން ހުރިއިރު އޭނާގެ ގައިގެ މަސްތައް ވަކިވަކިން ކަށީގައި އެތުރިލާފައި ވާއިރު ޖިމަށްގޮސް އޭނާ އޮހޮރުވާ ދަލުގެ އަގުވަނީ ރަނގަޅަށްވެސް ލިބިފައި ކަން އެނގެއެވެ.

ދޮރުފުރަގަހުގައި ފިލާހުރެ އަތްދިއްކޮށްލާ ތަޅުގައި އަޅުވާފައިއިން ކޮނޑު ނަގައިގެން ޖައިޝަން އަވަސް އަވަހަށް ރީތިވެލިއެވެ.

“މަންމާ ކޭކު ކަފާ ނިމުނީތަ” ހިޝްމާ އަތަފަނި ޖަގުން ފުޅިފުޅިއަށް އަޅަން ކާގޭގައި ހުރެފައި ހަފްސާއަށް ގޮވާލިއެވެ.

“އާނ ދަރިފުޅު މީތި ގެންގޮސް މޭޒުމަތީ ބަހައްޓާ. އެބައަންނަން ޢީދަށް ނަގަން ފޮރިވި ބިއްލޫރި ތަށި ސެޓު ހިފައިގެން” ހަފްސާ އަވަސް ފިޔަވަޅުތަކެއްގައި ބަދިގެއިން ނިކުމެގެން ކާގެ ހުރަސްކޮށް ސިޓިންރޫމަށް ނިކުންނަމުން ބުނެލިއެވެ.

“ދަރިފުޅާ ހިޝްމާ” އަވަސް އަރުވާލަމުން ނިކުތް ޝާހިދު ގޮވާލިއަޑު އިވުނެވެ. “ވަރަށް ރަނގަޅަށް ސައި ތައްޔާރުކުރާތި ޖަމްޝީދުބެގެ ޖައިޝަން ވެސް އައިސް އެބައުޅޭ. މިހާރު މާ ލަސްވެސް ވެއްޖެ. އަންނަމުން އަންނާނަން އެމީހުންވެސް ގޮވައިގެން.”

“ޖައިޝަން އައީ… ތަ؟” ދުވެފައި ހިޝްމާ ނިކުތްއިރު ޝާހިދު ހިނގައްޖެއެވެ. ހިޝްމާގެ ދެލޯބޮޑުކޮށްލެވުނީ އުފަލުންނެވެ. ތުނި ތުންފަތްމަތީގައި ދުވެލި ޖާދުލެއް ކަހަލަ ހިނިތުންވުން އަދި މާ ފުރިހަމައެވެ. ދޮން ބައްޓެއް ކަހަލަ ހިޝްމާގެ މޫނުމަތީ ޖަންބުލކުލައެއް ފެތުރިލީ ޖައިޝަން ފެންނާނެ އިރަކަށް އިންތިޒާރުކުރެވެން ފެށުމުންނެވެ. އޭނާ ރަށަށް ނައިސް ޑަކްޓަރީކަން ކިޔަވަން ބޭރުގައި އުޅޭތާ މިހާރު 6 އަހަރުވީއެވެ. އެންމެފަހުން ޖައިޝަން އާއި ދެމާވިއިރު އޭނާގެ އުމުރުން 16 އަހަރެވެ. ޖައިޝަން އޭނާއަށްވުރެ 4 އަހަރު ދޮށީވާނެއެވެ. އޭރުވެސް އެހާ ސްމާރޓް ކޮށް ހުންނަ ޖައިޝަން މިހާރު އަދި ކިހާ ސްމާރޓް ވާނެ ހެއްޔެވެ؟ އަދިވެސް ކިޔަންވީ ޖައިޝަން “ބެ” ހެއްޔެވެ؟ ހިޝްމާގެ ތުންފަތުގައި ދަތް އަޅާލެވުނީ ހިތަށް އެރި އެއްޗަކުންނެވެ. ޖައިޝަންއަކީ އޭނާގެ ބައްޕަގެ އެންމެ ގާތްއެކުވެރިޔާގެ ދަރިފުޅެވެ. ކުޑައިރުއްސުރެ ދެޢާއިލާ އުޅުނީ ވަރަށް ގާތްކޮށެވެ. ޖައިޝަން އޭނާއަށް ވުރެ ބޮޑުވީމައި އޭރުއްސުރެންވެސް ކިޔަމުން އަންނަނީ “ބެ” ފަހަތަށް ލައިގެނެވެ. ނަމަވެސް މިހާރު އެހެން ގޮވުން އެއީ އެންމެ އެދެވިގެން ވާގޮތް ބާއޭ ހިޝްމާގެ ހިތަށް އެރިއެވެ. ހަމަގައިމުވެސް ޖައިޝަން އަކީ އޭނާއަށް ބޭބެއަކަށްވުރެން މާ ޚާއްސަ ފަރާތެކެވެ.

“ނިޔަފަތިތަކުން ލޭދުއްވާނުލާ ބަހައްޓާފަ އާދޭ މި ތަށިތައްޓަށް އަޅަން” ހަފްސާ ވަދެގެން އައިސް ބުނިއެއްޗަކުން ސިހިފައި އަނގައިން އިނގިލި ނަގައިގެން ހިނިއައިސްފައި ހިޝްމާ އަވަސްވެގަތެވެ. އޭނާއަށް މިއޮށް ވާގޮތް ތަކެކެވެ.

“ހިނގާ އަވަހަށް” ހަފްސާ ފޯރީގައި ދުވެފައި ނިކުންނަމުން ހިޝްމާއަށް ބުނެލިއެވެ.

ހިޝްމާއަށް ވަގުތުން އެބުނިއެއްޗެއް އެނގިއްޖެއެވެ. އޭނާގެ މޫނުމައްޗަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. މަންމައާއެކު ދުވެފައި ގޭފުރަގަހަށް ދިޔައެވެ.

“ޢީދުމުބާރިކް” ދިއްކޮށްލި އަތުގައި ހިފާ ސަލާން ކޮށްލަމުން ޖައިޝަން ބަލައިލިއިރު އެއީ ޝާހިދުބެއެވެ.

“އަނހަ ޝާހިދުބެ؟” ޖައިޝަން އުފަލުން ހިނިތުންވެލިއިރު އޭނާގެ ހުދު ދަތްތަކުން ޝާހިދުގެ ލޮލުގެ ފެނުމަށް ގޮތްވާވަރުވިއެވެ. ޖައިޝަން ޝާހިދުގައިގާ ބައްދާލިއެވެ. އެއީ އެރަށުންވެސް އޭނާގެ އެންމެ ގާތް އެކަކެވެ. ކުޑައިރުއްސުރެވެސް ޝާހިދުބެ އޭނާއަށް ވަރަށް ސަމާސަކޮށް މަޖާކޮށް އުޅޭނެއެވެ. އެއީ މަޖާ މީހެކެވެ.

“ހާދަ ބާރުވެސް ގަދަވެއްޖެއޭ ދޯ؟” ޝާހިދު ނޭވާލާން އުނދަގޫވެފައިކަހަލަ ގޮތަކަށް ބުނުމުން ޖައިޝަން އަވަހަށް ދޫކޮށްލިއެވެ. “މިއީ ހިލަތަ؟ ނޫނީ ހަމަ މަސްތަ؟” ޝާހިދު ޖައިޝަންއާ ދިމާކޮށްފައި ހިނިގަނޑެއް ޖަހާލިއެވެ. “ޔޫރަޕަށް ގޮސް ގެރިބަކަރިމަސް ރޮލާދޯ ކަނީ”

“ޝާހިދު،” ފަހަތުން އައިސް އެމީހުނާ އަރާ ހަމަކުރި ޖަމްޝީދު ގޮވާލިއެވެ. “ރޭގަ ވަރަށް ލަސްވިފަހުން މިކޮޅަށް ދަތުރު ހަމަޖެހުނީ. އެހެންވެ އަންގާވެސް ނުލާ އަންނަންޖެހުނީ”

“އަންގާވެސް ނުލަ ޔޯ؟” ޝާހިދު ހުރީ ހިތްހަމަ ނުޖެހިފައެވެ. “ތިހެނޭ ކަލޭ ކޮންމެފަހަރަކު ތިހަދަނީ، މަށަށް މިސޮރު ބަލައިވެސް ނާދެވުނީ އެހެންވެ. އެހެން ވީމަ މިފަހަރު ޖެހޭނީ ފުރަތަމަ އަހަރުން ގެޔަށް ދާން. ހިނގާ ގޭދޮށަށް”

ހީނސަމާސާ ކުރަމުން ތިން މީހުން އެކީގައިދާއިރު ފުރާވަރުގެ ތިން ފިރިހެން ކުދިންހެނެވެ.

“…އާން، ހަވީރު އޮންނާނެ..”

ޗަސްލާފައި އައި ފެންތެލިތަކަކުން ތިން ފިރިހެނުން އެކީގައި ތެންމާލުމުން ހަޅޭލަވައިގަނެފައި ދުއްވައިގަތެވެ. އޭރު ދޫރެސްގޭ ވަލުދޮރާށިބުޑުގައި ފެންތެލިތައް ހިފައިގެން ބިނދި ބިނދިފައި ހެމުންދިޔަ ހަފްސާއާއި ހިޝްމާ އެތެރެއަށް ވަދެގެން ދުވެފައި ގޮސް ފިލައިފިއެވެ.

“ލާނެތް ކަމެއް ހުންނަ އަންހެނެއް ކަލޭ ހޯދައިގެން ތިއުޅެނީ” ޖަމްޝީދު ގަމީސް ފޮޅާލަމުން ޝާހިދާ ދިމާކޮށްލިއެވެ.

“ކޮން ކުއްޖެއް ހަފްސާ ދައްތަ ގާތު އެހުރީ” ޖައިޝަން އޭނާގެ އައިފޯން ނަގައި ފެންޖެހުނުތޯ ބަލަމުން އެމީހުން ވަދެގެން ދިޔަ ދޮރަށް ލޯދީގެން އޮވެ އަހައިލިއެވެ.

ޝާހިދާއި ޖަމްޝީދަށް އެކަކު އަނެކަކަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެއަށްފަހު ހޭން ފެށިއެވެ.

“ބަލަ ކަލޯ ބޭރުގަ ކިޔަވަން އުޅެފަ އައީމަ ކުއްޅަވައްފަލު ރަނިންނަށް ވީހެންދޯ ތިވީ.” ޝާހިދު ދިމާކޮށްލިއެވެ.

“އޭނަޔަށް ކިހިނެއްތަވީ” ޖައިޝަންއަށް އެބުނަން އުޅުނުއެއްޗެއް ނޭނގުނެވެ.

“އެއީ ޝާހިދުބެގެ ހިޝްމާ” ގެއަށް ވަންނަމުން ފައިވާން ތަޅުންގަނޑުމަތީ ތަޅައި ވެލި ފޮޅާލަމުން ޖަމްޝީދު ބުންޏެވެ.

“ނުވާނެ! އެއީ ހިޝްމާ؟” ޖައިޝަން ސިހުނުވަރުން ކުޑަކޮށް ފަހަތަށް ޖެހިލާފައި އަހައިލިއެވެ.

“އާއެކޭ، އާދެބަލަ.” ޝާހިދު ޖައިޝަންގެ ކޮނޑަށް އަތްވައްޓާލައިގެން އޭނާ ގެއަށް ވެއްދިއެވެ.

ޖައިޝަންއަށް ހުރެވުނީ އޭނާއަށް ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އެއީ އޭނާ މިކޮޅުން ދިޔައިރު ރަނގަޅަށް ބޮޑުވެސް ނުވެހުރި ހިޝްމާ ހެއްޔެވެ؟ ކަޅު ބުރުގާއެއް ގޮށްޖަހާލައިގެން ގަޔަށް ބާރު ކަކުލަށްވުރެ މައްޗަށް އަންނަ ގަދަފެހިކުލައިގެ ފަހަތަށް ދިގު ހެނދުމެއްލައިގެން ހުރިއިރު ހާދަ ބައްޓަންގަނޑު ހިޔޮވަރުވެފައި ފުރިހަމައެވެ. އެހެރަ ހުނުމެކެވެ. އެފެނިލުމުންވެސް އޭނާގެ ހިތަށް ގުޑުން އަރުވާލައިފިއެވެ. އެންމެފަހުން ހިޝްމާވެސް ބޮޑުވީތާއެވެ. ހިނިއައިސްފައި ޖައިޝަން ޝާހިދުމެންނާއެކު ސިޓިންރޫމަށް ވަދެގެން ދިޔައެވެ.

“ހުރެބަލަ މިޔަދު މިވެރިންނަށް ރަނގަޅު ބޮނޑިއެއް ދޭނަން.” ޖަމްޝީދު ނިކަން ހަރުކޮށް ބުނެލިއެވެ. އޭރު ބިއްދޮށްފަރާތުން ދެމައިން ހޭއަޑު އިވިއިވި ހުއްޓެވެ.

“އާނ ޖަމްޝީދު ބުނަން، ކަލޭމެންނަށް ފެންނަ ގޮތެއް ހަދަންވީ. މިހާރު އެތިބީ ކުށްވެރިވެފަ.” ކާމޭޒުދޮށުގައި އިށީންނަމުން ޝާހިދު ހުއްދަދިނެވެ. ޖައިޝަން ހިނިއައެވެ.

“އައި މިސް ދިސް” ޖައިޝަން ހުރީ އެހާދުވަސް ކޮށްލާފއި ރަށަށް އެނބުރި އާދެވުމުން ވަރަށް އުފާވެފައެވެ.

ވަރަށް ރަނގަޅަށް ދޮންކޭލާއި އީދު މާޑު، ކޭކާއި ބޯކިބާ، ކުކުޅު ބިހާ އަތަފަނި، އަދި އަވެއްޔާ ހަނާކުރި ކުކުޅު ކައިގެން ޖައިޝަން ތެދުވިއެވެ.

“ހާދަ ކުޑަގޮތެއް ތިހަދާލީ؟” ޝާހިދު އެހިއެވެ. އޭރު ޖަމްޝީދު ހީނލިއެވެ.

“ކުޑަގޮތެކޭ؟” ޖައިޝަން ބަނޑުގައިއަތް ޖައްސާލަމުން ލޯ ބޮޑުކޮށްލިއެވެ. “މިއޮށް ފަޅައިގެންދަނީ. އެހެންނޫނަސް މިކަހަލަ ފޮނި އެއްޗިހި މިހާރު އެއްގޮތަކަށްވެސް ނުކަން.”

އަތްދޮންނަތަށި ކައިރިޔަށް ހުއްޓިލާ އަތްދޮންނަމުން ދަނިކޮށް ޖައިޝަންއަށް ކުޑަދޮރުބަރީ ބޭރުން މީހެއްގެ ހިލަމެއް ވެގެން ނަޒަރެއް ދިނެވެ. އޭރު އެދިމާލު ބަހަށްޓާފައި ހުރި އަށިމަތީ ދޮވެފައިހުރި ތެލިތައް އަތުރަމުން ދިޔަ ބޮޑު ދެލޮލުގެ ވެރިޔާފެނި ޖައިޝަންގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ.

ހިނިއައިސްފައި ތެލިތައް އަތުރަމުންދިޔަ ހިޝްމާއަށް އެއްލި ކަޅިއަކުން ކާގޭކުޑަދޮރު އެތެރެއިން އޭނާއަށް ކަތިނަޒަރަކުން ބަލަން ޖައިޝަން ހުރި ތަންފެނި ކުއްލި ސިހުމަކާއެކު ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭރު އޭނާގެ މޫނުމަތި ރަތް ޖަންބެއް ކަހަލައެވެ.

“އޯހް ޕްރިޓީ” ޖައިޝަންގެ ހިތް ކަތިލެވި ނިމިއްޖެއެވެ. ކޮންފަދަ އަދާއެއް ހެއްޔެވެ؟ ހިތާހިތާ ބުނެލެވުނެވެ. އެއާއެކު ތުއި ގޮތަކަށް ބެލުމެއް ހަދިޔާ ކޮށްލާފައި ހިޝްމާ ފަސްދީ ދުވެފައިގޮސް ގެއްލުނެވެ.

“ތި އަތުގެ ހަންދާވަރަށް ނުދޮވުނަސް ވަސް ކެނޑިދާނެޔޭ” އަތްދޮންނަތަށީ ކައިރީ މާގިނައިރު ވާތީ ޝާހިދު ދިމާކޮށްލިއެވެ.

ދުވެފައިގޮސް ގޭގެ އަނެއްފަރާތު ބަހައްޓާފައިހުރި ކަޅުހަމުގައި ލެނގިގަނެފައި ހިޝްމާ ހުއްޓުނެވެ. އޭރު އޭނާގެ ހިތް، މޭ ދޫކޮށްލާފައި އަނގައަށް އައިސްދާނެޔޭ ހީވެއެވެ. “ޖައިޝަން” ހިޝްމާއަށް ހިތާހިތާ ކިޔާލެވުނެވެ. އެހެރަ ބެލުމެކެވެ. އެއީ ސްޓާރ ޕްލަސް އިން ފެންނަ ކަހަލަ ހީރޯ އެކެވެ. ނޫނެވެ. އެއަށް ވުރެން ވެސް ފުރިހަމައެވެ. އޭނާގެ ތުނި ގޮތަކަށް ބަހައްޓާފައި ހުރި ތުނބުޅިއާއި ކަޅުކުލަގަދަ ބުމައާއި ތޫނު ދެލޯ ފެނުނު ކޮންމެ މީހެއްގެ ހިތް ކަތިލެވޭނެއެވެ. ހިޝްމާ ލޯމަރާލައިގެން އިންއިރު އޭނާގެ ލޯކުރިމަތީގައި ޖައިޝަންގެ އެ ތަސްވީރު ޒޫމްކޮށްފައި އިނެވެ. ހިޝްމާ މޭމަތީ އަތްއަޅާލައިގެން ހުރިއިރު ރަކި ހިނިތުންވުމެއް އޭނާއެ ތުންފަތުގައި ކުޅެވެމުން ދިޔައެވެ.

އެހެން ހުރެވުނީ ކިހާ އިރަކުކަމެއް ނޭނގެއެވެ. ކޮންމެވެސް މީހެއްގެ ހިލަމެއް ވިހެން ހީވެގެން ލޯހުޅުވާލިއިރު މޫނުމައްޗަށް ޗަސްލާފައި އެރީ ފެން ޖަގެކެވެ. އޭރު ހިޝްމާއަށް އަދި ތަންތައް ސާފެއް ނޫނެވެ. ދުއްވައިގަންނަން އުޅެނިކޮށް އެތާ ހުރިގަލެއްގައި ފައި އަޅައިގަނެފައި އަރިއަޅާލިއެވެ. އެއާއެކު ހަޅޭލަވައިގަނެވުނީ އެދަނީ އިދިފުށަށް ވެއްޓެންކަން އެނގުމުންނެވެ.

ބިމަކު ނުޖެހުނެވެ. ބާރުގަދަ އަތެއްގެ ތެރޭ އޭނާގެ ހަށިގަނޑު ހިފެހެއްޓުނެވެ. އެއަތުގެ ހޫނުން ހީފިލައި ދިޔަކަހަލައެވެ. ދުވަންފެށި މަސްކް ވަހުން މޭފުރުނެވެ. ހިޝްމާގެ ހިއްސުތައް އައްސިކޮށްލައިފިއެވެ. އެއީ ކާކުހެއްޔެވެ؟ ހިތަށް އެރިއެއްޗަކުން ސިހިފައި ދެލޯ ހުޅުވާ ތަގުޅި ކޮށްލިއެވެ. އޭނާއަށް އޮވުނީ ޖައިޝަންގެ އަތުގެ ތެރޭގައެއް ނޫނެކެވެ. އެއީ ޖެހިގެން ހުރިގޭ ފުވާދެވެ. ހިޝްމާގެ މޭނުބައިކޮށްގަތެވެ. ތެޅިގަނެފައި ފުވާދުގެ އަތުގެތެރެއިން ހިޝްމާ ދެމިގަތެވެ. އެދުވަނީކީ މަސްކު ވަހެއް ނޫނެވެ. ބަބުރުޗީ ވަހެވެ. އެއީ ބާރުގަދަ އަތެއްނޫނެވެ. ޗަސް ބޮޑީއެކެވެ.

އޭރު ސިޓިންރޫމު ދޮރުން ބޭރަށް ބޯދިއްކޮށްލި ޖައިޝަންއަށް މި މަންޒަރު ވަރަށް ރަނގަޅަށް ފެނިއްޖެއެވެ. ހިޝްމާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “މަގޭ ޕާރފެކްޓް ލަވްސްޓޯރީ؟ މިވީކިހިނެއް؟” ހިޝްމާއަށް ހިތާހިތާ ކިޔާލެވުނެވެ. ޖައިޝަނަށް ނެގުނު މާނައަކާ ދޭތެރޭ ވިސްނާލައިފައެވެ.

“ހޭ.. ޖައި ބްރޯ؟” އެއްއަތުން ޖަގެއް ހިފައިގެން އަންނަ ޗަބީ ގޮލާ ފެނުމުން ޖައިޝަންގެ އަނގައަށް ގޮތެއް ވިއެވެ.

“ތީކާކު؟” ޖައިޝަންއަށް އަހައިލެވުނު ގޮތަކުން ފޯރީގައި އައިސް އަރާ ހަމަކުރި ފުއާދު ކަޑަވިވަރުން ކަކޫ މައްޗަށް ތިރިނުވީ ހަމަކިރިޔާއެވެ. އޭރު ހިޝްމާވެސް ޗިސްލާފައި އައި ހިނިގަނޑު މަތަކުރަން އަނގަމަތީ އަތްއަޅައިގެން އިނެވެ.

“އޯކޭ. މައްސަލައެއް ނެތް. ފަހަރަކު ނޭނގިދާނެޔޭ.” އަނެއްކާވެސް ހަމަޖެހިލަމުން ފުވާދު އަތްދިއްކޮށްލިއެވެ. “މީ މިގޭ ފުވާދު” ޖެހިގެން ހުރިގެއާ ދިމާލަށް އަތް ދިއްކޮށްލާފައި ފުވާދު ބުންޏެވެ.

“އާން! ހަހަ..” ޖައިޝަން އަށް ހަނދާންވެގެން ހިނިގަނޑެއް ޖަހާލެވުނެވެ. “ފީބެ ދޯ” ޖައިޝަން ފުއާދުގައިގާ ކުޑަކޮށް ބައްދާލަމުން ބުނިއެއްޗަކުން އޭނާއަށް ހީވީ އޭނާގެ ސޯޓު ބޭލުނުހެނެވެ.

“އޭ ކިހާ ދެރަކަމެއް ބުރޯ” ފުވާދު ކަޑަވެފައި ބޮޑާ ހާކާލިއެވެ. “މިހާރު މީ ފީބެ އެއް ނޫން. މީ ފައުޑީ”

“ޕިސް ލާފައި ޖައިޝަންގެ ލޮލުން ކަރުނަ އައިސް ފައި ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހިޝްމާއަށް ވެސް ވީ ހަމައެހެންނެވެ. އެކަމަކު ފުވާދުގެ މޫނުމަތީ ކުލަވަރު ފެނިފައި ޖައިޝަންގެ ހިތަށް ރަނގަޅަށްވެސް އަސަރު ކުރިއެވެ. ގަދަކަމުން ހިންދާލާފައި ހަމަޖެހިލީ އެހެންވެގެންނެވެ. “ސޮރީ ސޮރީ. މަ ކިޔާކަން ފުވާދު އޯކޭ؟”

“ބައްޕާ، އެބައަންނަން ނޫރީގެއަށް ވަދެލާފަ” ޖައިޝަން ފުވާދުގެ ކޮނޑަށް އަތް ވައްޓާލައިގެން އެމީހުންގެ ގެއާދިމާލަށް ދަމުން ގޮވާލިއެވެ.

ދެމީހުން އެކުގައި ހިޝްމާހުރަސްކޮށް ދަމުން ޖައިޝަން ހިޝްމާއަށް ބަލައިލިއެވެ. ހިނިއައިސްފައި އިން ހިޝްމާ ލަދުރަކި ގޮތަކަށް ބަލައިލާފައި އިސްޖަހާލިއެވެ. ފުވާދުގެ ހިތްހީވީ އުފަލުން ހުއްޓިދާނެހެނެވެ. އެހާލޯބިން “ހިޝް” އޭނާއަށް އެބަލައިލީ އަލަށެވެ. ޔަގީނެވެ. އެއީ އޭނާ ވެއްޓެނިކޮށް ސަލާމަތް ކޮށްދިނީމައެވެ. މި ފައުޑީއަކީ “ހިޝް”ގެ ހީރޯއެވެ. އިޝްޤީގޮތަކަށް އަނގަހުޅުވިފައި އިން ފުވާދުގެ ހިތަށް އެރިއެވެ.

ޖައިޝަންމެންނަށް ގެއަށް އާދެވޭ ވަރުވީ ތިން ހަތަރު ގެއަކުން ކައިގެނެވެ. ޖައިޝަންގެ ބަނޑު ފަޅައިގެން ނުގޮސް ހުރިކަން ހަމަ ނަސީބެކޭ ހިތަށް އެރިއެވެ. އޭރު ގެއިން ކައިގެން ނިކުތް ޖައިޝަންގެ ކުރީގެ ކްލާސްމޭޓުން ފެނުނެވެ. ޖައިޝަން ވަރަށް އުފާވެފައި އެމީހުންނާ ސަލާންގަލާންކޮށް ޢީދުގެ މުބާރިކްބާދީ ބަދަލުކޮށް ހެދިއެވެ.

“އޭ ބުނަން، ކައެ ވާނެ ކޮންމެހެންވެސް މެންދުރު ކާން ސްކޫލަށް ދާން” އެތަނުން އެކެއް ބުންޏެވެ.

ޖައިޝަނަށް އަދި ވާނުވާއެއް ސާފުވާގޮތެއް ނުވިއެވެ. އޭނާ ސްކޫލަށް ދާންވީ ކީއްކުރަން ހެއްޔެވެ؟

“މިޔަދު މެންދުރު ކެއުން އޮތީ ސްކޫލުގަ، ރައްޔިތުން ދާނެ.” ހާޝިމް ސާފުކޮށްދިނެވެ.

“ވަރަށް ކަންތައް އޮންނާނެ.” އެއްބުމަ އަރުމާލަމުން އެހެން ކުއްޖަކާ އަތްޖަހައިލީ ޝަހީރެވެ.

އެމީހުންބުނި ގޮތުންނަމަ ވަރަށް މަޖާ ވާނެއެވެ. ޖައިޝަން ކޮންމެހެންވެސް ދާންބޭނުންވިއެވެ. އެންމެން ދަންޏާ ހިޝްމާވެސް ދާނެތާއެވެ. އެވަރުގެ ގުރޫޕަކާ އެއްކޮށް އެހެން ނިކުމެލީމައި ވަރަށް ފޯރިހުންނާނެއެވެ. އަނެއްކާ އެބަހަނާގައި ހުރިހާ އެކުވެރިންނާ ބައްދަލުކޮށްލާ ވެސް ހަދާލެވޭނެއެއް ނޫންހެއްޔެވެ؟ އެކުދިންނަށް އާނބަސް ދީފައި ޖައިޝަން އެނތެރެއަށް ވަނެވެ. އެމީހުންވެސް ސަކަމަޖާ ނަގަމުން ދިޔައެވެ.

“ޢީދު މުބާރިކް މޮމް..” ފުރަގަހުން އައިސް މާރިޔާގެ ބޮލަށް ޖައިޝަން ފެންތައްޓެއް އޮއްސާލިއެވެ. މާރިޔާއަށް ތެޅިގަނެފައި ބޯންހުރި ފަނިތަށި ޗަސްލާފައި ޖަހައިލެވުނީ ޖައިޝަންގެ މޫނަށެވެ. ދެމައިންނަށް އެއްކޮށް ހޭންފެށުނެވެ.

“ޖައިޝަންވެސް މިހާރު ހާދަ ލާނެތް ވެއްޖެއޭދޯ.” މާރިޔާ މޭޒުމަތީ ހުރި ތަށިތަކާއެއްޗިހި ހިފައިގެން ދަމުން އޭނާގެ ރީތި ފިރިހެން ދަރިފުޅަށް ސަމާމާކޮށްލިއެވެ.

“އެނގޭތަ.” މޫނުން ފޮނިރަހަ ކަނޑުވަން ސިންކު ދޮށުގައި ހުރި ޖައިޝަނަށް މާރިޔާ ކިޔާއަޑު އިވުނެވެ. “މިގޭ ފިހާރައަށް އީދަށް ގެނައި ހުރިހާ ފެންބަޑިއެއް ގަނެލައިގެން އެ ގުރޫޕުގަނޑު އެ ދިޔައީ. ޔަގީނޭ މިޔަދު މެންދުރު ކާންދާންއިރަށް ކަން އެތައްޔާރުވަނީ” މާރިޔާ ބުނިއެއްޗަކުން ޖައިޝަން އިތުރަށް ފޯރި އައެވެ.

“‘އަސްލުވެސްތަ، ދެން ނެތްތަ އިތުރު ފެން ބަޑިއެއް؟” ޖައިޝަން މާޔޫސްކަމާއެކު އަހާލިއެވެ.

އިރުކޮޅެއްވަންދެން މާރިޔާ ހުސްބެލުމެއް ދީފައި ހިނިތުންވެލިއެވެ.

“އިންނާނެ އެކަތި” އެކެއް ދައްކާލަމުން ބުންޏެވެ.

“އޯހް. ދެޓްސް މައި މޮމް.” ޖައިޝަން އައިސް މާރިޔާ އުފުލާލާފައި ބެހެއްޓިއެވެ. އޭރު މާރިޔާ ތޫލި އަޑަކުން ހަޅޭލަވައިގަތެވެ.

މާރިޔާ ގޭތެރެއިން ފިހާރައަށް ވަންނަދޮރުން އެތެރެއަށް ވަދެލާފައި ނިކުތީ ބޮޑު 2 ލީޓަރު ފެން އެޅޭ ވަރުގެ ދެއަތުން ހިފަހަށްޓާލެވޭ ބޮޑު ފެންބަޑިއެއް ހިފައިގެނެވެ.

“ބިއުޓީ” ޖައިޝަން އައިސް އެ ބަޑި އުފުލާލާ ލޯބިން ބައްދާލިއެވެ. އޭނާގެ ބިޔަ ހަށިގަނޑާއި އެބަޑި ވަރަށް ގުޅެއެވެ. ޖައިޝަންއަށް އިންތިޒާރު ކުރެވެމުންދިޔައީ މެންދުރު ކާން ދެވޭނެއިރަކަށެވެ.

މެންދުރު ކާން ދާ ގަޑި ޖެހުނުއިރު ޖައިޝަން ހުރީ ވަރަށް ތައްޔާރު ވެލައިގެންނެވެ. ކާކުލަ ގިރައިގެން ބަޑީގެ ޓޭންކަށް އަޅައިވަނީފުރާފައެވެ. ދަބަހުން އޭނާގެ އަޅި ކުލައަކަށްދާ މަޑު ސޯޓު ކޮޅާއި ސްލިމްފިޓް ހުދު ޓީޝާޓް ލައިގެން ކޮނޑުގައި ބަޑި އަޅުވާލައިގެން ހުރިއިރު ހީވަނީ ހޮލީވުޑްގެ ފިލްމީ ތަރިއެއްހެނެވެ. އޭރު އަންހެންވެރިން ވަނީ މާކުރިން އެތަނަށް ގޮހެވެ. ޖައިޝަން ގެއިން ނިކުތް އިރު ފިރިހެން ގުރޫޕު އެގޭ ދޮރުމައްޗަށް އަރާ ހަމަވީއެވެ. އެއެންމެން ތިބީ ޖައިޝަނެކޭ އެއްގޮތަށް ބަޑި ހިފައިގެން ތައްޔާރަށެވެ.

“ހޭ ބަޑީ ކައެވެސް ތައްޔާރުވީ ދޯ؟ ހޭ އަރުވާލަންވާނެ” ހިނިގަނޑެއް ޖަހާލަމުން ހާޝިމް ޖައިޝަންގެ ހަރު ކޮނޑުގައި ޖަހާލިއެވެ. “ވޯ، ޓަފް”

ސްކޫލް ބިއްދޮށު ފާރު ބުޑުގައި ހުރިހާ ފެންބަޑި ތަކެއް ބަހައްޓާފައި ފިރިހެން ގުރޫޕު ފާރުމަތިން ފުންމާލައިގެން އެތެރެއަށް ވަދެގެން ދިޔައެވެ. އޭރު ދެޖިންސުގެ ކުދި ބޮޑު އެންމެންހެން ވަދެ ކެއުމުގައި ބައިވެރިވަމުން ދިޔައެވެ. އޭގެތެރޭގައި ގިނައީ ޗާލު ޖިންސުއްލަޠީފުންނެވެ. ފިރިހެން ގުރޫޕު ފެނުމުން އެމީހުންގެ މޫނުމަތިންވެސް ކޮންމެވެސް ވަރެއްގެ ސިހުންކަމެއް ފެނުނެވެ. އެހެން ބައިބޯކޮށްލާފައި ވަދެގެން އަންނައިރު ކޮންމެވެސް ބޮނޑިއެއް ދޭނެއޭ ހީނުވާ ހަމައެކަކުވެސް ނެތެވެ.

އެންމެން ވަދެގެން ގޮސް ތަށިތައްޓަށް އެމީހަކަށް މީރުއެއްޗެއް އަޅައިގެން ފުރަތަމަ ބެލީ ކެވޭތޯއެވެ. ކާއެއްޗެހި ތައް އަތުރާފައި ހުރި މޭޒުކައިރީގައި ތިބި އެކި ކުލަކުލައިގެ، އެކި އުމުރުގެ އެކި ވަންނިއަށް އެނބުރި އުޅުނު އަންހެން ކުދިންތައް އޭރު އެމީހުންއަންނަތަން ފެނި ތުން ތަޅުވަމުން އެތަނުން ފެޔަށް ޖެހެމުން ދިޔައެވެ. މޭޒުތަކުގެ މަތީގައި ކައިފާ ނުކާނޭ އެއްޗެއް ނޭނގޭހާ ބައިވަރު އޮތީ އަތުރާލާފައެވެ. ޖައިޝަން ވެސް ތައްޓަށް ރޯސްކުރި ކުކުޅު ކޮޅަކާ ދެރޮއްޓެއް އަދި ބޮނޑިބަތް ކޮޅެއް އަޅައިގެން އެމީހުނަނާއެކު ގޮސް ސްކޫލްގެ ގޯތިތެރޭގައި އަތުރާލާފައި ހުރި މޭޒުތަކުން ދެތިން މޭޒެއް އެއްކޮށްލާފައި ގޮނޑިތައް ކައިރިކޮށްގެން އިށީނެވެ. އޭރު ތަންކޮޅެއް ދުރުގައި އެމީހުންނަށްވުރެން އުމުރުން ދުވަސްވީ ފިރިހެނުންތައް އެއްވެ މަޖާ އަނގަތަޅަމުން ދެއެވެ.

ކައި ނިމިގެން ދުފަން ގޮސް ހުއްޓައި ޖައިޝަންއަށް ހިޝްމާގެ ފަރި ސޫރަ ފެނިއްޖެއެވެ. އެވެސް ވިއްސަކަށް ފޫޓު ކައިރިންނެވެ. އެތަނުގައި ހުރި ދެތިން ކުއްޖަކާއެކު އަނގަތަޅަމުން ޖައިޝަންއަށް ބަލާލާފައި ހީނލާފައި އިސްޖަހާލާފައި ތުއިވެލަނީއެވެ. ޖައިޝަންގެ ހިތަށް އެއީ ފަރުވާއެއްކަހަލަ އެވެ. ޖައިޝަންވެސް ސިއްރު ސިއްރުން ބަލައިލަ ބަލައިލާ އުޅެއެވެ.

އެހެން ހުއްޓައި ޖައިޝަނަށް ފެނުނީ އެދިމާލަށް އަންނަމުން ދިޔަ ފުވާދެވެ. އޭނާގެ އަތުގައި ފެން ތެއްޔެއް އިނެވެ. އޭނާގެ ލޯ އަމާޒުވެފައި ވަނީ އެހެން މީހަކަށް ނޫނެވެ. ހިޝްމާއަށެވެ. ނަމަވެސް ހިޝްމާއަށް އެކަން ރޭކާވެސް ނުލައެވެ. ގޮތެއް ނަހަދައިފިއްޔާ އެދާގޮތަށް ގޮސް އެ ކުލަފެންއެތި ޖަހާލާނީ ހިޝްމާގެ ގަޔަށްކަން ޔަގީނެވެ. އޭރު ހިޝްމާ ލައިގެން ހުރީ އަލި ކުލައެއްގެ ހެނދުމެއްކަމުން ހިޝްމާ ތެމިއްޖެނަމަ އޭނާގެ ގައި ފެންނާނެ ކަމާމެދު ޝައްކެއް ނެތެވެ. ޖައިޝަންގެ ހިތުގެ ތެޅުން ބާރުކޮށްލިއެވެ. ސިއްރު ސިއްރުން ކުދި ފިޔަވަޅުތަކުގައި އައި ޗަބީ ފުވާދު އެމީހުންނާއަރާ ހަމަވުމާއެކު ކައިރީހުރި ފާއިގް ގައިގާ ޖައިޝަން ނޭނގޭ ކަމަށް ހަދާފައި ޖެހިގަތެވެ. ޖައިޝަން ޖެހިގަތްގޮތުން ފާއިގް ފަހަތަށް ދެފިޔަވަޅެއް އަޅާފައި ފުވާދު އަތުގައި އޮތް ފެންތެލީގައި ޖެހުނު ގޮތުން އެފެންތެލި ބަންޑުންވީ ފުވާދުގެ ގަޔަށެވެ. އެއަޑަށް ހުރިހާ އަންހެންކުދިންނެއް ބެލިއެވެ. ފެންތެލި ފެނުމާއެކު ހަޅޭފަޅޭ ޖަހައިގަނެ އެމީހަކާ އެމީހެއް ދުއްވައި ގަނެއްޖެއެވެ.

“ފާއިގު، ކަލޭ އަބަދަވެސް އުޅެނީ މަށާ ޖައްސާލާފަ.” ފުވާދު ހަޅޭލަވައިގަތެވެ. އޭރު އޭނާއަށް ހުރީ ރޮވެން ކައިރިވެފައެވެ. “ކަލޭ ތީ ފިރިހެނުން ގަޔަށް ފެންޖަހަން އުޅޭ މީހެއްތަ؟ މިތާ އޮތްހާ މީހުންގެ ތެރެއިން ކަލެއަށް މަގޭގައިގަތަ ލައިގަންނަން އެނގުނީ” އެންމެންގެ ލޯ ހުރީ ފުވާދާ ފާއިގަށް އަމާޒުވެފައެވެ. ހިޝްމާއަށް ޖައިޝަން ހެދި އެތިފަހަރު ވިސްނުނެވެ. އަވަސް އަވަހަށް ހިޝްމާ ދިޔައީ އެތަނުން ސަލާމަތް ވެގެން ދުރަށް ދެވޭތޯއެވެ. އަދި ޖައިޝަނަށް ބަލާލާފައި ހިނިތުންވެލިއެވެ. ނަމަވެސް އެހެރަ ކަޅިރަވައެކެވެ. ޖައިޝަންގެ ހިތުގައި ޅިޔަ އަޅުވައިލިއެވެ.

“ސޮރީ ފީ… އުނހު ފައުޑީ” ފާއިގު ހިނިއައިސްފައި ބުނެލާފައި ހުރިހާ ފިރިހެންކުދިން ނިކުންނަން ދިޔައީ ފެންބަޑިތައް ބަލައެވެ. ފުވާދު ހެދިއެއްޗަކުން މިހާރު އަންހެން ކުދިންތައް އެއޮއް ދިމަދިމާލަށް ދާންފެށީއެވެ. އަވަސް ނުކޮށްފިއްޔާ އެމީހުން ގޮސް ފިލައިފާނެއެވެ.

އަވަސްއަވަހަށް ގޮސް ފެންބަޑިތައް ހިފައިގެން ފިރިހެން ކުދިންގެ ގުރޫޕު އައީ ކާއެއްޗެހި ބަހައްޓަން ހިޔާކޮށްފައި ހުރި ޓެންޓްގެ ބިއްދަށުންނެވެ. އައިސް އެންމެން އެއްފަހަރާ ބަޑިތަކުން ކުލަފެނުގެ ރޮނގުތައް އަންހެން ކުދިންގެ ގަޔަށް ދޫކޮށްލި ގޮތުން އެމީހަކާ އެމީހެއް ދުއްވައިގަނެއްޖެއެވެ. ބައެއް އަންހެންވެރިން ކާއެއްޗިހި މޭޒުގެ ފޮތިގަނޑު ހިއްލާލާފައި އެހެރަ ނެރެލީ ކުލަފެން ތާސް ތާހެވެ. ބަލަބަލާ ހުއްޓާ ފެން ޖަގުތައް ހިފައަގެން ފިރިހެން ކުދިންތައް ފަހަތުން ދުއްވައި ގަނެއްޖެއެވެ. ފެން ބަޑިއަކުން ފެން ޖަހާޖަހާ އެތައް އިރަކުން ތެންމާލެވޭ އިރު އަންހެންވެރިން ހޫރާލާ އެންމެ ފެންޖަގަކުންވެސް އެއްކޮށް ތެންމާލާނެއެވެ. ބަލާކަށް ނުހުރެ ފިރިހެން ކުދިންވެސް ފިލަން ދުވަމުން އަންހެން ކުދިންގެ ހަމަލާތަކުން ރެކެމުން ފެންޖަހަމުން އެނބުރިގަތް އިރު ފޯރި ވަރަށް ގަދަވެއްޖެއެވެ. ޖައިޝަން އާވުމުން ކަމެއް ރީތިވުމުން ކަމެއް ނޭނގެއެވެ. ލާނެތްފުރާގެ ތެމިގެން ތިބި އަންހެންކުދިންތައް އޭނާގެ ފަހަތުން ނުނެއްޓިއެވެ. ފަހާ ދުވަނީއެވެ. މޭޒުތައް މަތިން ދެމޭޒު ދޭތެރެއިން، ބޯމަތިން އުދުހޭ ފެނުގެ ކޯރުތަކުން ރެކެމުން، ޖައިޝަނަށް ނުތެމި މާގިނައިރު ވަންދެން ނޫޅެވުނެވެ. ހުދު ޓީޝާޓުގައި ރީތި އެކި ކުލައިގެ ލައްގަނޑުތައް ޖެހެމުން ދިޔައެވެ.

ކުއްލިއަކަށް ޖައިޝަނަށް ފެނުނީ އެއްކަލަ ފުވާދު ގޮސް ހިޝްމާގެ ގަޔަށް ބޮޑު ފެން ތެއްޔެއް ބަންޑުން ކޮށްލިތަނެވެ. އޭރު ހިޝްމާ ތެޅިގަނެފައި އެނބުރިލިއިރު އޭނާގެ ހެނދުންވަނީ ގަޔާއެއްކޮށް ތަތްލާފައެވެ. ފޮތީގެ ގޮތުން އޭނާގެ ކުލަފަތި ހަށިގަނޑުގެ ބައްޓަންތަކާއި ގައިގެ ކުލަވެސް އެނގެން ހުއްޓެވެ. އަޅައިގެން ހުރި ފިޔާތޮށިކުލައިގެ ބްރާވެސް އިނީ ރީތިކޮށް ފެންނާށެވެ. ޖައިޝަންގެ ފައިގާ ހީވީ ކަސްތޮޅު އެޅުނުހެނެވެ. ފަހަތުން އައި ފެންތެލިތައް ޗަސް ޗަސް ލާފައި ޖަހާ އޭނާ ފެންފޮދަކަށް ހަދާލާފައި ދިޔައިރު ބަޔަކު ކަމެއް ކުރި ކަންވެސް އޭނާއަކަށް ނޭނގެއެވެ.

ޖައިޝަނަށް ބެލުނީ ހިޝްމާގެ ހަރަކާތަށެވެ. އޭނާގެ ލޫޅާފަތި ހިނދި ބަނޑުގެ ވަންނިތަކުގެ ރީތިކަން ފެންނަން ހުރުމާއެކު ގިނަ ފިރިހެން ކުދިންނެއްގެ ބެލުންތައް ސީދާ ހިޝްމާއަށް ސީދާވަމުން ދިޔައެވެ. އެކުދިންގެ ހިތްތަކަށް ވާނެގޮތް ޖައިޝަންއަށް އެނގުނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ރޭކާނުލާ ހިޝްމާވެސް ފެން ޖަގެއް ހިފައިގެން ދުވެދުވެފައި އުޅުނެވެ.

ޖައިޝަންއަށް އެ ހުރިހާ އެންމެންގެ ތެރެއިން ފެންނަނީ ހިޝްމާއެވެ. އޭނާގެ ހިނިއައިސްފައިވާ ރީތި މޫނެވެ. ހަށިގަނޑަށް ލެއްވޭ ވަންނި ތަކެވެ. މިނިވަން ކޮކާލެއް ހެން އުދުހެމުންދާ ތަނެވެ. އެހެން މީހެއްގެ ހިލަމެއް ނުވެއެވެ. ޖައިޝަންއަށްޓަކާ މުޅިދުނިޔޭގެ ހިނގުން ހުއްޓިފައިވާ ކަހަލައެވެ. މަޑުހިނގުމެއްގައި ޖައިޝަން ހިޝްމާއާ ދިމާލަށް ދިޔައެވެ. ވަށައިގެން އޭނާގެ ގަޔަށް އަންނަމުންދާ ފެނުގެ ޖަގުތަކުގެ އަސަރެއް އޭނާގެ ސިކުނޑިއާ ހަމައަށް ނުފޯރާ ކަހަލައެވެ. ޖައިޝަން އައިސް ހިޝްމާ ކައިރީ ހުއްޓިލުމާއެކު އެނބުރިލި ހިޝްމާގެ އަތުގައި އިން ފެންޖަގު އޭނާގެ މޫނަށް އެރިއެވެ. ނަމަވެސް އޭގެން އޭނާގެ އެސްފިޔައެއްވެސް ޖަހައެއް ނުލައެވެ. އެދެލޮލުގައިވަނީ މަސްތު ކުރުވަނިވި ބާރެކެވެ. ހިޝްމާ އިސްޖަހައިލިއެވެ.

ޖައިޝަން އޭނާ ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. އެވަގުތު އޭނާގެ ކޮންމެ ހަރަކާތެއް ސްލޯމޯޝަންގައި ޒޫމްކޮށްގެން ބަލަމުންދިޔަ އަންހެން ކުދިންތަކުގެ އަނގަ ވަނީ ތަންމިނަށް ހުޅުވިފައެވެ. ޖައިޝަންގެ ހިލަގަނޑެއް ކަހަލަ ކަސްރަތީ ބަނޑުންފެށިގެން މޭގަނޑާއި އަތުގެ ރީތި މަސްތަކަށް ނަޒަރު ހުއްޓާލައިގެން އާގަމަވެފައި ޖިންސުއްލަތީފުން ތިބިއިރު ހިޝްމާގެވެސް ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. އެހެރަ ފިރިހެންވަންތަ ހަށިގަނޑެކެވެ. އޭނާގެ ހިތް މަސްތުކޮށްލިއެވެ.

ޖައިޝަން ޓީޝާޓު ބާލާ ހިޝްމާގެ ބޮލަށް މަހާލިއެވެ. އެއާއެކު ހިޝްމާއަށް އޭނާ ލައިގެން ހުރި އެއްޗިއްސަށް ބަލައިލެވުނެވެ. އޭނާ ހުރި ހާލަތު ފެނުމުން ލަދުން މުޅިމީހާ ފިނިވިއެވެ. ވަށައިގެން އޭނާއަށް ލޯ އަމާޒުވެފައި ތިބި ފިރިހެން ކުދިންނަށް ނަޒަރެއް ހިންގާލިއެވެ. އޭނާ ވިރިގެން އެތަނަށް ފައިބާނަމަ ކިހާ ރަނގަޅުހޭ ހިތަށް އެރިއެވެ. އަވަހަށް ޖައިޝަންގެ ޓީޝާޓް ހެނދުމުގެ މަތިން ލައި ފޮރުވިގަތެވެ. ހިޝްމާގެ ލޮލުގައި ކަރުނައިގެ މުތީއެއް ނީރާލާފައި ހުއްޓެވެ. ޖައިޝަންގެ ސަބަބުން ނޫންނަމަ އޭނާ މިއަދު ހަތަރުދަމު އުޅުނީހީ ރައްޔިތުންނަށް ސޭލް އެޅުވިގެންނެވެ. އޭނާގެ ނާޒުކު ހަށިގަނޑު ހާމަކޮށްގެނެވެ. ޖައިޝަން އޭނާގެ ޢިއްފަތްތެރިކަން ސަލާމަތްކޮށްދީފިއެވެ.

“ތެންކްސް”

އެހެން ބުނެލާފައި ހިޝްމާ އޭނާގެ ރަހުމަތްތެރި އަންހެންކުއްޖަކާއެކު އެތަނުން ދުރަށް ދިޔައެވެ. ޖައިޝަން އެދެމީހުން ދާތަން ބަލަންހުރިއިރު ހިތަށް އުނދަގޫވިއެވެ. އޭނާ އަދި ހީޝްމާއާ ބައްދަލުކޮށްލަން ބޭނުމެވެ. މާޔޫސްވީވަރުން އެނބުރިލިއިރު ޖައިޝަންއާއި ދާދިކައިރީގައި އޭނާއަށް ކަޅިޖަހައިނުލާ ބަލަންހުރި ތެމިފޯވެފައިވާ ޒުވާން ރީތި އަންހެންކުއްޖާ ފެނުނެވެ.

“ތިހީ ހަމަ ހީރޯއެއް” އެކުއްޖާ ހުރީ އަމިއްލަ އެހެން ދުނިޔެއެއްގައި ކަހަލައެވެ.

އެބުނިއެއްޗެކުން ޖައިޝަން ހިނިއައި ނަމަވެސް މަޑުމަޑުން އެކުއްޖާގެ ކޮނޑުގައި އަތް އަޅާލާފައި އަހައިލިއެވެ.

“ކެން ޔޫ ޑޫ މީ އަ ފޭވަރ؟”

“ޔެސްޔެސް ޕްލީޒް” ތެޅިގަނެފައި އެކުއްޖާ ބުނިއިރު ޖައިޝަނަށްޓަކާ ފިދާވާހާވެއެވެ.

“ހިޝްމާ ކައިރީ ބުނެލަދީބަލަ މިރޭ މިރަށު ކޮފީ ޝޮޕުން މަށާ ބައްދަލުކޮށްލަ ދީފާނަން ހެއްޔޭ އަށެއް ޖަހާއިރު؟” ޖައިޝަން ވަރަށް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

ރުވޭޝާގެ ހިތް ފޮތިފޮތިވެގެން ދިޔަހެން ހީވިޔަސްވެސް ޖައިޝަންއަށް ޓަކާ އޭނާހުރީ ކޮންމެ ކަމެއް ވެސް ކޮށްދޭ ހިތުންނެވެ. އޭނާއަށް ޖައިޝަން ނުލިބުނަސް ޖައިޝަން އުފަލުގައި ހުރެއްޖިއްޔާ އޭނާ ހިތްހަމަ ޖައްސާލައިގެން އުމުރު ހޭދަ ކޮށްލަފާނަމޭ ރުވޭޝާގެ ހިތަށް އެރިއެވެ.

“ހުމް” ބޯހަޖާލާފައި ތުން ފިއްތައިގެން ރުވޭޝާ ހިޝްމާއަށް ގޮވަމުން ދުއްވާގަތްތަން ފެނިފައި ޖައިޝަންއަށް ހުރީ މަޖާވެފައެވެ.

ފެންކުޅި ކުޅުމުގައި އެތަށް އިރަކު އުޅެފައި ޖައިޝަން ގެއަށް ދާން ދިޔައެވެ. އޭރުވެސް އޭނާގެ ހަށިގަނޑަށް އަންހެންވެރިންގެ ކަޅިތައް އަންނަވަރުން ޖައިޝަން އަށް އަނެއްކާ މިހުރެވެނީ އޮރިޔާމަށް ހެއްޔޭ ހިތަށް އަރާފަހަރު މަދެއް ނޫނެވެ.

“ކޮބާ މަޖާ…ތަ؟” ގެއަށް އައިސް ވަންތަނާ މާރިޔާއަށް ޖައިޝަން ހުސްގަޔާ ހުރިތަން ފެނި ބުނަން އުޅުނު ޖުމްލަ ކަރުތެރޭ ތާށިވި ކަހަލައެވެ.

“ކޮބާ ލައިގެން ހުރިއެއްޗިހި؟”

“ހިޝްމާ ލައިގެން.”

ޖައިޝަންގެ ޖުމްލަ އަޑުއިވި އަތުގައި އޮތް ހުސްތަބަށް ދޫކޮށްލާ ދެކޮލުގައި މާރިޔާ އަތްއަޅާލިއިރު ދެލޯ އިނީ ބޮޑުވެފައެވެ. މާރިޔާ ހުރީ އުފާވެފައި ކަމެއް ދެރަވެފައި ކަމެއް ސިހިފައި ހުރިވަރުން ނޭނގުނެވެ. މަންމައަށް ނެގުނު މާނައެއް ނޭނގި ޖައިޝަން ރަކިވިއެވެ.

“ކަމޯން މަންމާ” އެކަހަލަ ކަމެއް ނޫނޭ.” ޖައިޝަން ވެއްޓިފައި އޮތް ތަބަށް ނަގާ މާރިޔާ އަތަށް ދިއްކޮށްލިއެވެ. “އަހަރުމެން ދެމީހުން ދެމެދު ތިހީކުރާކަހަލަ އެއްވެސް ގުޅުމެއް ނެތް.”

“ނެތޭ؟ އެކީއްވެ ނެތީ؟” މާރިޔާއަށް ބުނެވުނުގޮތުން ޖައިޝަން ބަލައިލިއެވެ. “މިބުނީ ތީ މިހާރު ދެ ރަހުމަތްތެރިން ނޫންހޭ؟” މާރިޔާ ހަމަޖެހިލިއެވެ. ހިޝްމާ އެގޭގެ ޅީދަރިޔަކަށް ވާނޭ ދުވަހަކާދޭތެރޭގައި ޖަމްޝީދުއާއި މާރިޔާ ހުވަފެން ބަލާތާ ކިތަންމެ އަހަރެކެވެ. އެދެކުދިން ކުޑަކުޑައިރު ކުޅެން އުޅުނު އިރުއްސުރެވެހެވެ.

ޖައިޝަން މާރިޔާއަށް ހިނިތުންވުމެއް ދީފައި އޭނާގެ ކޮލުގައި ހިފާލިއެވެ.

“އާނ ކުޑައިރުއް ސުރެންވެސް” ޖައިޝަން ގޮސް ކޮޓަރިއަށް ވަނެވެ.

މާރިޔާގެ މޫނުމަތީގައި އުފާވެރިކަމުގެ ވިދުވަރެއް ހުއްޓެވެ. މިއީ އޭނާގެ ހުވަފެން ހަޤީގަތަކަށް ވެދާނެކަމުގެ ހެއްކެކެވެ.

އެރޭ އިރާކޮޅެވެ. ޖައިޝަންގެ ކޮޓަރީ ތެރޭގެ އަޑު ގަދަ ވެގެން މާރިޔާ ގޮސް ޓަކިޖަހާލިއެވެ. އޭރު ޖައިޝަން އުޅުނީ އެއޮއް ބޮޑު އަލަމާރީތެރޭ އޭނާ މިޔަދު އިސްތިރިކޮށް އަޅުވާފައި އޮތްހާ ހެނދުންތައް އެނދުމައްޗަށް އަޅައިގެނެވެ.

“ސުބުޙާނަﷲ” މާރިޔާ ވަދެ ދެލޯ ބޮޑުކޮށްލިއެވެ. “މިހާ އަވަހަށް ކޮންތާކަށް ފުރަން؟ އަނެއްކާ..؟” މާރިޔާގެ ހިތަށް އެރިއެއްޗަކުން ހިނިތުންވެލެވުނެވެ. “އެގެއަށް ބަދަލުވާހާ ވީތަ؟”

“މަންމާ” ޖައިޝަންއަށް މަންމައުޅޭ ގޮތުން ހިނި އައެވެ. މިއުޅެނީ މިތަނުން މިރޭ ލާން ރީތި އެއްޗެއް ހޯދަން. މީގެން ކޯއްޗެއް ގުޅެނީ؟

މާރިޔާ ޖައިޝަނާއެކު ހެނދުންތައް ހާވަން ފެށިއެވެ.

އެސީދާ ބެލުމެވެ. އެލޮލުގެ ފުންކަމެވެ. އެފުރިހަމަ ފިރިހެން ވަންތަ ހަށިގަނޑެވެ. އެ ފިރިހެންވަންތަ ހިނގުމެވެ. އޭނާ ކައިރިވުމުން އެ ކުރެވޭ މަސްތީ އިޙްސާސެވެ. ހިޝްމާ ލޯގަނޑު ކުރިމަތީ ރީނދޫކުލައިގެ ރީތި ފޮއްޗަކުން ފަހާފައިއިން ހެނދުމެއް ގައިގާ ޖައްސާލައިގެން ހުރެ ލޯގަނޑާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ ހަރަކާތްތައް ނަށަމުންދާ ކޮކާލެއް ފަދައެވެ. ހިޝްމާދިޔައީ އުދުހެމުންނެވެ.

“ކޮން ލަވައެއް ތިކިޔަނީ” ދޮރު ހުޅުވާލަމުން ޝާހިދު އެނތެރެއަށް ވަންނަތަން ފެނި ހިޝްމާ ރަކިވާ ގޮތް ވިއެވެ.

“ނޭނގެ، މިޔަދު ފެންކުޅެން ގޮސްފަ އައިފަހުން މުޅިން އެހެން އެއުޅެނީ” ފަހަތުން އައިސް ހަފްސާވެސް ކޮޓަރިއަށް ވަނެވެ.

“ދެން، މަންމަމެން ދައްކާ ވާހަކަ، އަހަރެން ކިހިނެއްތަ އުޅެނީ؟” ހިޝްމާ އެހެން ހެނދުމެއް ޖައްސާލަމުން ފަރިވެލާފައި އަހާލިއެވެ. “މީތި ގުޅޭތަ؟”

“ގުޅޭނެ ހެނދުމެއްވެސް އެނގޭނީ ތި ދާން އުޅޭ ޙަފްލާއެއް އެނގުނީމައެއްނު؟” ހަފްސާ އައިސް އޭނާއަށް ރީތިހެން ހީވާ ހެނދުމެއް ނަގައިގެން އައިސް ދިއްކޮށްލިއެވެ. “މީތި ރީއްޗެއް ނު؟”

“ކޮބާ މިޔަދު ހިފައިގެން އުޅުނު ޓީޝާޓް؟ އެއީ ކާކުގެ ޓީޝާޓެއް؟ ގައިމު އެއީ ކޮންމެވެސް ފިރިހެނެއްގެ އެއްޗެއް؟” ޝާހިދު ބުނި އެއްޗަކުން ހިޝްމާ ކޮށި އެރިއެވެ.

“ތިވާހަކަ ނުދައްކާ އެޓީޝާޓު ގަނޑަކުން ކުލަ ނުފިލައިގެން ލައްފިލުވާ އަޅާއިރަކު މަހީވި މީގެ ދުވަސްވެސް ދުއްވާލާނެޔޭ.” ހަފްސާވެސް ދިމާކޮށްލިއެވެ.

“އެއީ ޖައިޝަންގެ…”

“އޭނނނނނނ؟” ހަފްސާއާއި ޝާހިދާ ދެމީހުންނަށް އެކީގައިހެން ބުނެވުނެވެ.

“ހަމަ އަސްލުވެސްތަ؟ ރަނގަޅަށް ދޮވުނިންތަ؟ އިސްތިރި ކުރިންތަ؟ އެދޭން ދޯ ދާން ތިއުޅެނީ؟” ޝާހިދަށް އިށީނދެގެން އިންތަނުން ތެދުވެވުނެވެ.

“ސާބަސް ބައްޕާ” މަންމައާއި ބައްޕަ އުޅެންފެށިގޮތުން ހިޝްމާ ލަދުގަންނަވަރުވިއެވެ.

“ކުއްޖަކާ ބައްދަލުކޮށްލަން ދާން މިއުޅެނީ” ހިޝްމާ ކާކުކަން ފޮރުވިއެވެ.

ވަގުތުން ހަފްސާއާއި ޝާހިދުގެ މޫޑު ބަދަލުވިއެވެ.

“ކޮންމެ ކޮންމެ މީހަކާ ރޭގަނޑު އެގޮތަށް ބައްދަލުކުރަން ގޮސް އުޅުމަކީ މަންމަ އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫން.” ހަފްސާ މޫނު ހަދައިލިއެވެ.

“އާނ ދަރިފުޅާ، ބައްދަލުކުރަން ދާއިރު އެއީ ކޮންކަހަލަ އަޚްލާޤެއްގެ ވެރިއެއްތޯ ބަލަންވާނެ.” ޝާހިދުވެސް ބައިވެލިއެވެ.

“ދެންބުނެބަލަ، ކާކާ ބައްދަލުކުރަން ތިހާ ވަރަކަށް ތި ސެންޓް ޖަހާލައިގެން ޕްރިންސެއްހާ ރީތިވެގެން ދާން ތިއުޅެނީ؟” ލޯގަނޑުން ބަލައިގެން ފަރިވަމުންދިޔަ ޖައިޝަންއަށް ބަލާލަމުން މާރިޔާ ދިމާކޮށްލިއެވެ. “މީހުން އީދުކުޅިވަރު ބަލަން ތިހާ ވަރަކަށް ރީއްޗެއް ނުވާނެ.”

“ހިޝްމާއާ ބައްދަލުކޮށްލަން ދާން”

“ހަމަ ތެދެއް؟” މާރިޔާ ތެޅިގަނެފައި އައިސް ޖައިޝަންގެ ކޮލުގައި ހިފާ ސީދާކޮށްލިއެވެ. އޭރު އޭގާނެ މޫނުމަތި އުޖާލާވެފައިވާވަރުން ޖައިޝަން ލަދުވެސް ގަތެވެ.

“މަންމަ އަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ.” މާރިޔާ ހުވަފެނީ ގޮތަކަށް އެނބުރިގަތެވެ. “ތިދެކުދިން އިންނާނެ ދުވަހެއްގެ ހުވަފެން މަންމަ ބަލާތާ މިހާރު ކިހާ ޒަމާނެއް.” މާރިޔާ ބުނިއެއްޗަކުން ޖައިޝަންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

“އެހެންވީމަ އަދި މިތަނަށް ތަންކޮޅެއް ބޮޑު އެނދެއްވެސް ގެންނަން ޖެހޭނެ، މި އަލަމާރިއަކުން ދެމީހުންގެ ހެނދުމެއް ނުގެންގުޅެވޭނެ، ތަންކޮޅެއް ބޮޑު އަލަމާރިއެއްވެސް ހޯދަން ޖެހޭނެ، މި ހިރަ ހުސްތާގަ ބައިންދާނީ ކުޑައެނދު މާމަދަރިފުޅު ލާން.” މާރިޔާ ދިޔައީ ހަމަ ރަނގަޅަށް ވެސް ހުވަފެން ބަލަމުންނެވެ.

“ސާބަހޭ މަންމާ” ޖައިޝަން މުޅިން ހާސްވެސްޖެއެވެ. މިހާރު އޭނާ ހިޝްމާއާ ދެވައި ދަރިން ހޯދައި ވެސް ނިންމައިފިއެވެ.

“އަހަރެން މިއުޅެނީކީ ހިޝްމާއާ ކައިވެނިކުރަން ރަންބަލަން ހެކިވެރިން ގޮވައިގެން ދާކަށް ނޫނޭ؟ ފޯރ ގޯޑްސް ސޭކް. މި އުޅެނީ ދެމީހުން ކޮފީއެއް ބޯލަން އެއްކޮށް ހޮޓަލަށް ދާން.”

“ސާބަސް ކޮފީއެއް ބޯލަން ދާން މިއުޅެނީ.” ހަފްސާއާއި ޝާހިދު ހީވީ ހިޝްމާ ޖައިޝަނާއި ދެވައި ނިންމާލިހެނެވެ.

ހިޝްމާއަށް މަންމަމެން އުޅޭގޮތުން ވަރަށް މަޖާވިއެވެ. އެއީ ހިޝްމާވެސް އެންމެ ބޭނުންވާ ގޮތެވެ. އެންމެ ކުޑައިރުއްސުރެ އޭނާއަށް ޖައިޝަން ކަމުދެއެވެ. ބައްޕަމެންވެސް އަބަދު ދައްކާނީ ޖައިޝަންގެ ވާހަކައެވެ. އެމީހުން މާކުރިއްސުރެވެސް ހިޝްމާ ޖައިޝަންއާއި ދެވައި ނިންމާފިއެވެ.

އަވަސް އަވަސް ކޮށްލައިގެން ހިޝްމާގެ ފަހަތުން ނިކުންނަން ދިޔަ ޝާހިދާއި ހަފްސާ ފެނިފައި ހިޝްމާ ހައިރާންވިއެވެ.

“ކޮންތާކަށް ދާން؟”

“ދެން މިހާރު އެއޮށް އަށެއް ޖަހަނީ އެއްނު މިހާ ދަންވަރު…. ދޯ ހަފްސާ.” ޝާހިދަށް ރަނގަޅަކަށް ނުބުނެވުނެވެ.

“އާނ، އެކަނި ނުވާނެއެއްނު ދާކަށް، މިއީ ނުލާހިކު ލާނެތް ކުދިން އުޅޭރަށެއް. މަންމަމެން ދަރިފުޅުލާފަ އަންނާނީއޭ.”

އެންމެފަހުން ކިޔާވަރުން ކުރު ނުކޮށްގެން ހިޝްމާ އެއްބަސްވިއެވެ.

ޖައިޝަން އަށް ވެސް ޖެހުނީ ހަމަ އެހާލެވެ. އެންމެ ފަހުން ފިހާރަ ބަންދުކޮށްފައި ޖަމްޝީދު ގޮވައިގެން މާރިޔާ ޖައިޝަންގެ ފަހަތުން ނިކުތެވެ. ކުރުނުކޮށްގެން އެއްބަސް ވީ އޭނާ ލާފައި މަންމަމެން އެނބުރި ގެއަށްދާ މަތިންނެވެ. ޖައިޝަން ހުރީ ލަދުންވެސް ހަލާކުވާ ވަރުވެފައެވެ.
ފުރަތަމަ ހޮޓަލަށް ދިޔައީ ޖައިޝަންއެވެ. އޭރު ޢީދު ކުޅިވަރުބަލަން ގިނަ މީހުން ގޮސްފައި ވާތީ ހޮޓަލުގެ ތެރޭގައި ގިނައީ ހުސްމޭޒެވެ. ޖައިޝަން ޑެކްމަތީގެ އޯޕަންއޭރިޔާގައި ހުރިމޭޒަކަށް ދިޔައެވެ. އޭތާނގައި ހުންނައިރު ކޮފީޝޮޕްގެ ވަށައިގެން ހުރިހާ ހިސާބެއް ވަރަށް ރީއްޗަށް ފެނެއެވެ. އެއްލި ކަޅިއަކުން ޖައިޝަން އަށް ފެނުނީ އޭނާގެ މަންމައާއި ބައްޕަ ފާޑަކަށް ބޮނދައިގެން ތިބެ އޭނާއަށް ބަލަމުންދާ މަންޒަރެވެ. ޖައިޝަން ލަދުން ހަދާނެ ގޮތެއް ނޭނގުނެވެ. އަތުން އިޝާރާތްކޮށްފައި މިހާރު ގެއަށް ދާށޭ ބުނަމުން ދިޔައެވެ. އޭރު ޖައިޝަން ލޯ ބޮޑުކޮށްގެން ޖައްސަމުންދިޔަ ވައްތަރުތައް ފެނި އެތާނގައި ތިބި މީހުން ބަލަމުން ދިޔައެވެ. އެތަންފެނި ޖައިޝަން އިތުރަށް ލަދުގަތެވެ. އަވަހަށް ހިނިތުންވެލާފައި ހަމަޖެހިލިއެވެ. އޭރު ހިޝްމާ އަރާ ހަމަކުރާތަން ފެނުނެވެ. އޭރު އޭނާގެ ދެއަތުގައި ހިފައިގެން ޝާހިދުބެއާއި ހަފްސާއްތަ އަންނަތަން ފެނިފައި ޖައިޝަންއަށް ހިނިއާދެވުނެވެ. އެމީހުން ހިޝްމާދެކެ ހާދަ ލޯބިވެއެވެ. ޖައިޝަން އަވަސްވެގަތީ ތިރިއަށް ހިޝްމާ ބަލައި ދާށެވެ. އޭރު ވެއިޓަރ އައިސް ފެން ފުޅިއެއް ބަހައްޓަނީއެވެ.

“ބްރިންގ ވަންމޯ” ބިއްލޫރިތައްޓަށް އިޝާރާތް ކޮށްލާފައި ޖައިޝަން ތިރިޔަށް ދާން ހިނގައިގަތެވެ.

ޖައިޝަން ދޮރާހަމައަށް އެރިއިރު ހިޝްމާއައިސް އަރާ ހަމަކުރީއެވެ. އޭނާއާއެކު ޝާހިދުބެ އާއި ހަފްސާއްތަވެހެވެ. ޖައިޝަން ފެނިފައި އެމީހުން ބަލަންފެށިގޮތުން އޭނާ ލަދުން ދެންހަދަންވީ ކިހިނެއްބާއޭ ހީވިއެވެ.
“އަން މިއޮތީ. ހިޝްމާ ވަރަށް ރަނގަޅަށް ދޮވުނު،” ހަފްސާ ޓީޝާޓް އެޅި ކޮތަޅު ދިއްކޮށްލިއެވެ.

“އާނ ވަރަށް އޮމާންކޮށް އިސްތިރިވެސް ކުރި.” ޝާހިދު އިތުރުކޮށްލާފައި ހިޝްމާއަށް ބަލައިލިއެވެ. އޭރު އެފަކީރުގެ ހާލަތު ވަރަށް ގޯހެވެ. ވެލައެއްނަމަ މިހާރު ފޮށީތެރެއަށް ބޯ ދަމައިގަތީހެވެ.

“ތެންކްސް” ޖައިޝަނަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ.

އަވަސް އަވަހަށް ހިޝްމާ ޖައިޝަންއާއި އެކު އެނތެރެއަށް ވަންނަން ހިގަނއިގަތުމުން ފަހަތުން މަންމަމެން އަންނަހެން ހީވެގެން ފަހަތް ބަލައިލިއިރު އެއޮށްވަންނަނީއެވެ.

ހިޝްމާ ލޯއަޅާލާ ތުން ފިއްތާލުމުން އާނ މިދަނީއޭ ބުނާކަހަލަގޮތަކަށް އިޝާރާތްކޮށްލާފައި ނިކުމެގެން ހިނގައިގަތެވެ. އޭރު ޖައިޝަން ތިރިއަށް ފައިބައިގެން ކުރާކަމެއް ބަލަން ހޮޓާ ވަށާލާފައި ޖަމްޝާދުއާއި މާރިޔާވެސް އާދެއެވެ. ދެޖޯޑަށް އެއް ބައެއް އަނެއް ބައެއް ގައިގާ ލައިގަނެވުމުން ތެޅިގަނެފައި ބަލައިލިއެވެ. ޖަމްޝާދު މެން ދެމަފިރިންނަށް ޝާހިދުމެން ދެމަފިރިންފެނި ސަލާން ގަލާން ކޮށްލިއެވެ.

“ހަމަ ހިނގާލަނީ މި” ވައްކަމެއް ކޮށްގެން ހައްޔަރުވެފައި އިން މީހެއް ފަދައިން ޝާހިދު ބުންޏެވެ.

“އަހަރުމެންވެސް. ދޯ” މާރިޔާ ޖަމްޝާދުއަށް ދޯ ދިނެވެ.

“ހިނގާ ކޮފީއެއް..” ހަތަރު މީހުންނަށްވެސް ބުނެވުނީ އެއްފަހަރާއެވެ. ވީގޮތުން އެންމެންނަށް ހިނިއާދެވުނެވެ. އަވަސް އަވަހަށް ބޮނދަމުން ކަހަލަ ގޮތަކަށް ވަދެ މަތީ ޑެކްގައި އިށީނދެލައިގެން ތިބި ޖައިޝަންއާއި ހިޝްމާ ފެންނަ ގޮތަށް ހުރި ހުސް މޭޒެއްގެ ކައިރީގައި އެހަތަރު މީހުން އިށީނެވެ.

ހައިޝަމް ހިޝްމާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އަޅާފައިވާ ޝޯލްގައި ވަނީ ފަންނުވެރިކަމެވެ. ލައިޓް ބްރައުން ކުލަ އޭނާގެ ދޮން ކުލަޔާއި ވަރަށް ގުޅެއެވެ. ލާފައިވާ މެރޫން ކުލައިގެ ވިދުންހުރި ހެނދުމުގައި ހިޝްމާގެ ރީތިކަން ފެނި ފަލަކުގައި ފިޔަޖަހަމުންދާ ތަރިތައްވެސް ހަސަދަވެރިވާ ކަހަލައެވެ.

ޖައިޝަންގެ ތޫނު ނަޒަރުން ހިޝްމާގެ ހިތާއި ސިކުނޑި ފިހޭވަރުވީމައި އިސްޖަހައިލިއެވެ. އެބެލުމަކީ އޭނާއަށް ކެތްވާވަރަށްވުރެ އަސަރުގަދަ ބެލުމެކެވެ. ޖައިޝަންގެ ލޮލުގެ ތެރެއަށް އޭނާ ގެނބި ޣަރަޤުވެދާހާ ވެއެވެ.

“ތެންކްސް” ހިޝްމާ އިސްޖަހައިގެން އިނދެ ބުނެލިއެވެ.

“ކޮންކަމަކާ” ޖައިޝަންގެ ނަޒަރު ހިޝްމާގެ ފިޔާތޮށިކުލަ އަރާފައި އިން މޫނުން ވަކިކޮށް ނުލެވެއެވެ.

“މިއަދުގެ ކަންތަކަށް” ހިޝްމާއަށް އެވާހަކަ ބުނަން ވަރަށް އުނދަގޫވިއެވެ. ލަދުން އަތުން މޭހުރަސް ކޮށްލެވުނެވެ. ޖައިޝަނަށްވެސް އިސް ޖެހުނެވެ.

“އެއީ އެހާވަރުގެ ކަމެއް ނޫން. އެމަޤާމުގަ ކޮންމެ މީހަކު…” ޖައިޝަންއަށް އެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

“ހުރިނަމަވެސް ޖައި ކަންތައް ކުރާނީ އެހެންތަ..؟” ހިޝްމާ ޖައިޝަންއަށް ބަލައިލީ ޖަވާބެއްގެ އިންތިޒާރުގައެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ.

“ސީދާ އެހެނެއް ނޫން..” ޖައިޝަންވެސް ލަދުގަތެވެ. “އެކަމަކުވެސް އެހީ ވެދިނީމުސް” ހިޝްމާއަށް ނަޒަރު ސީދާ ކޮށްލިއެވެ.

“އެކަމަކު އެހެން މީހުން ހިޝްމާގެ ރީތި…” ކަރު ކެހިލިއެވެ. “ހިޝްމާއާއި ދަމާލަށް ބަލާތަން ފެނުނީމަ..” ޖައިޝަންއަށް ފުރިހަމައެއް ނުކުރެވުނެވެ.

“ކީކޭ ހިތަށް އެރީ..؟” ހިޝްމާ ފުރިހަމަ ކޮށް ދިނެވެ.

“ހީވީ އަހަރެންގެ އަގުބޮޑު ޚަޒާނާއެއް އެހެން ބަޔަކު ފޭރިގަންނަން އުޅުނުހެން” ހުވަފެނީގޮތަކަށް ގެއްލިފައި އިން ޖައިޝަން އަށް ބުނެވުނުއެއްޗެއް އިޙްސާސްވީ ދެނެވެ. “މިބުނީ..” ދެން ކިޔޭނެ މާބޮޑު އެއްޗެއް ނެތެވެ. ބުނެވިއްޖެއެވެ. ލަދުން ގަނެ ހިނި އަންނަ ގޮތްވިއެވެ.

އޭރު ހިޝްމާ އުއްގަނޑެއްހެން ވިރިގެން ފައިބަފާނެ ކަހަލައެވެ. ހިޝްމާ މަޑުމަޑުން އަތް ނަގާ މޭޒުމަތީ ބާއްވާލިއެވެ. އިސްޖެހިފައި އިނދެއެވެ. މިއަތުގާ ހިފާލަދޭށޭ ބުނަން ނުކެރުނީއެވެ.

ޖައިޝަނަށް އެކަން ވިސްނުނެވެ. އޭނާގެ ހިތުގެ ތެޅުން ބާރުކޮށްލިއެވެ. މަޑުމަޑުން އިސްޖެހިފައި އިން ލޯބި ހިޝްމާގެ ހިމަތޮޅި އަތުގައި ހިފާލަން އަތް ހަރަކާތް ކޮށްލިއެވެ. އެއާއެކު ތިރީ މޭޒުގައި ފެންތަށި ތުނބުޖަހަން ކައިރިކޮށްގެން ތިބި ހަތަރު މީހުންގެ ބޯވެސް އެ އަތާއެއްވަރަށް ހަރަކާތް ކުރަމުން ދިޔައެވެ.

ޖައިޝަންގެ އަތް ހިޝްމާގެ އަތުގައި ބީހުމާއެކު ހިޝްމާގެ ހަށީގައި ކަރަންޓްގެ އޮއިވަރެއް ދަތުރު ކޮށްލިއެވެ. ސިހިފައި ހަށިފުރާ ނޭވާއެއް ލެވުނެވެ. ޖައިޝަން ހިޝްމާގެ އަތުގައި ހިފާލިއެވެ.

“ޔެސް”

ތިރީމޭޒަކުން ބަޔަކު ބުނެލިއަޑު އިވިގެން ޖައިޝަނާއި ހިޝްމާއަށް ތިރިއަށް ބަލައިލެވުނީ އެއްފަހަރާއެވެ. އޭރު އެމީހުންގެ ކޮންމެ ހަރަކާތެއް ޒޫމްކޮށްގެން ބަލަމުންދިޔަ އެދެމީހުންގެ މަންމައާއި ބައްޕަ ފެނުމުން ތެޅިގަނެފައި ދުރަށް ޖެހިލިއެވެ. ޖައިޝަން މެންނަށް އެމީހުންނަށް ފެނުނީކަން އެނގުމުން ކުޑަކޮށް ބޮނދާގޮތެއް ދައްކާލާފައި ގޮނޑީގައި މޫނު ފޮރުވައިގެން ޖަމްޝީދާއި ޝާހިދުގެ ދެމަފިރިން ހިމޭންވެއްޖެއެވެ.

“އެހާވަރަށް ގެއަށް ދާށޭ ބުނީމަވެސް މަންމަމެން އައީއޭ..” ޖައިޝަނަށް ކަޑަވިވަރުން ބުނެލެވުނެވެ.

“ހޫމް. މަންމަ އެކަންޏެއް ނޫން ބައްޕަވެސް ހީވަނީ އެހެންފަދަ ކަމެއްހެން ޖައިއާ ބައްދަލުކުރަން އަންނަން އުޅުނުވާހަކަ ބުނީމަ.” ތިރީ މޭޒާށް ލޯދީގެން އެމީހުން ހަދާއެއްޗެއް ބަލަން ގެއްލިފަ އިނދެގެން ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ.

“އާނ. މަންމަ ވެސް ބުނަނީ ކިތަންމެ ދުވަހެކޯ އަހަރެން ހިޝްމާ ޅީދަރިއެއްގެ ގޮތުގަ ގެއަށް ގެންނާނެ ދުވަހެއްގެ އިންތިޒާރުގަ ހުންނަތާ” ހިނިގަނޑެއް ޖަހާލާފައި ޖައިޝަން ބުނިއިރު ބުނެވުނީ ކީކޭކަންވެސް ނޭނގޭ ކަހަލައެވެ.

“އަހަރެންގެ މަންމަވެސް ޖައިއާ ނީނދެގެން އުޅޭއިރު ހީވަނީ އެހެންފަދަ ކަމެއްހެން.” ހިނި އައިސް ފައި ހިޝްމާއަށް ވެސް ބުނެވުނެވެ. ދެން ދިޔައީ ހިމޭންކަމެކެވެ. ދެމީހުންނަށްވެސް ދެންމެ މިކިޔުނު އެއްޗަކާދޭތެރޭ ވިސްނައިލެވުނެވެ. އެއާއެކު އެކަކު އަނެކަކަށް ބަލައިލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އަދި ދެމީހުންގެ މޫނުމަތީގައިވެސް ލަދުގެ ފަރުދާއެއް ދަމާލެވުނެވެ. އޭރު ޖަހާފައި ވާ ހިތްގައިމު ލަވައިގެ ލަފްޒުތައް އެދެހިތަށް ބަޔާން ކޮށްދެމުން ދިޔައީ އެމީހުންގެ ހިތުގެ ޙާލު ކަހަލައެވެ.

“ހުއްޓިފާ ޖައްވުގެ ވައިރޯޅި ވަނީ،

ވާނުވާ ނޭނގި ލަދުން އޭރު އިނީ،

ލޯބި ރަމްޒެއްގެ ގޮތުން،

ލޯބި ރަމްޒެއްގެ ގޮތުން ހީލެވުނޭ،”

“މޫނު އަނބުރާ ލެވުނޭ،

މޭގެ ފިނިކަން ކެނޑުނޭ،

މަޢުނަވީ ޢާލަމުން، ހަނދުދަޢުރުވަނީ ލޯބިންނޭ..”

“އެކަމާ.. ހިޝް.. ބުނަނީ ކީކޭ..؟” ޖައިޝަން ވަރަށް ހިތްވަރުކޮށްފައި އަނގައޮޅެމުން ކަހަލަ ގޮތަކަށް ބުންޏެވެ.

ހިޝްމާގެ ހިތް ނެގިނެގިފައި ޖެހެން ފަށައިފިއެވެ. ޖައިޝަން އިންނަން އެހީ ހެއްޔެވެ؟ އޭނާގެ ކައިރީ ހެއްޔެވެ؟ ނޫނީ އެއީ ހަމަ ތަޅުވާލަން ބުނިއެއްޗެއް ބާއެވެ؟ ހިޝްމާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޔަޤީކޮށްފައި މެނުވީ އޭނާގެ ހިތް ފަޅާފައި ހާމަކުރަން ޖެހިލުން ވަނީ އެވެ. އެހިތް ކުދިކުދިވެދާނެތީއެވެ.

“ކޮންކަމަކާ..؟” ހިޝްމާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިގެން ވިއެވެ.

“މިބުނީ.. މިބުނީ..” ޖައިޝަންއަށް ގަމީހުން އިތުރު ގޮށެއް ނައްޓާ ލެވުނެވެ. އޭނާއަށް އެއޮށް ބޮޑު ޖައްވުގެ އޮކްސިޖަން މަދުކަހަލައެވެ. އޭނާއަކީ ޔޫރަޕްގެ ޔުނިވަރސިޓީއެއްގައި ކިޔަވަން ހުރެފައި އައި މީހެކެވެ. ނިކަން ބައިވަރު ރީތި އަންހެން ކުދިންނާ ދިމާވެފައި އެބަހުއްތެވެ. ނަމަވެސް މިކަހަލަ އިޙްސާސެއް މިކުރެވެނީ އަލަށެވެ. “ހިޝްމާ އަހަރެންނާ އިންނާނަންހޭ؟” ޖައިޝަން ވަރަށް ހިތްވަރުކޮށްލާފައި ހިޝްމާއާ ހަތަރުކަޅި ހަމަކޮށްލާފައި އަތުގައި ހިފާލަމުން އަހައިލިއެވެ. ބުނެވުނީ ތަންކޮޅެއް ބާރާށްވެސް މެއެވެ.

“ޔެސް!” ޖައިޝަންގެ އަނގައިގާ އެއްބައި އޮއްވާ ކަހަލަ ގޮތަކަށް ހިޝްމާއަށް ބުނެވުނު އިރު ތިރީގައި ތިބި މީހުންގެ އަނގާގައި ހުރި ކޮފީތަށް މުޅި ތަނަށް ބުރައިގެން ހިނގައްޖެއެވެ. ކޮށިއަރައި ކެއްސަމުން ދިޔައެވެ.

“ޢީދު މުބާރިކް.. ކޯއްޗެއް.. މަރުހަބާ..” ޝާހިދުއާއި ޖަމްޝީދުއާ ދެމީހުން ކޮނޑާ ކޮނޑު ޖައްސާ ސަލާމް ކުރަމުން ދިޔައެވެ. އޭރު އެމަންޒަރު ބަލަން ޑެކް މަތީގައި ތިބި ދެ ލަވް ބާރޑްގެ އަނގައިގާ ނުފެންނަ އެންމެ ދަތެއް ނެތެވެ. ހަފްސާއާއި މާރިޔާއާއި ދެމީހުންވެސް ހީވީ ނަށައިގަނެދާނެހެނެވެ. މިއަދު ދެޢާއިލާ ދެކެމުން އައި ފޮނި ހުވަފެނެއްގައި މިވަނީ ކުލަޖެހިފައެވެ. ދެރަޙުމަތްތެރިން އެއްއާއިލާ އަކަށް ވަނީއެވެ. އުފާވެރި ޚަބަރާއެކު އެދެ ޖޯޑު ޖޯޝުގައި ނިކުމެގެން ދިޔައީ ކައިވެނީގެ އިންތިޒާމު ހަމަޖައްސަންކަން ހަމަގައިމެވެ.

އެމަންޒަރުބަލަން އިން ހިޝްމާގެ ހުނުމުގެ އަޑު ފޮނިމިއުޒިކެއްފަދައެވެ. ޖައިޝަންއަށް އެ އުޖާލާ ހަނދަށް ބަލައިލެވުނެވެ. ކޮންފަދަ ޢަޖާއިބެއް ހެއްޔެވެ؟ ތިޔައީ ހަމަ އިންސާނެއް ހެއްޔެވެ؟ ޖައިޝަނަށް ހިތާހިތާ ބުނެލެވުނެވެ. ހިޝްމާގެ ފުރިހަމަކަން ފެނިފައެވެ.

ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވި ފުރަތަމަ ދުވަހު ހަވީރެވެ. މެންދުރު ފަސްވަނިކޮށް ހަފްސާ ފަހައި ނިންމާލި ވެޑިން ޑްރެސް ހިޔަވަރުކުރަން ހިޝްމާ އޭނާގެ އެކުވެރިޔާ ރިފްގާއާއި އެކު އުޅުނެވެ. ރިފްގާއަކީ މޭކަޕް އާރޓިސްޓެކެވެ. ރަށުގެ ގިނަޙަފްލާތަކަށް މޭކަޕް ކޮށްދެނީ ރިފްގާއެވެ. އެހެން ކަމުން ރިފްގާ ހުރީ ފިސާރި ރަނގަޅަށް ހިޝްމާ މޭކަޕް ކޮށްލާނަމޭ ހިތަށްއަރައިފައެވެ. ނަމަވެސް ހިޝްމާ ތަކުކާރުކޮށް ބުނަމުން ދިޔައީ އޭނާ ބޭނުންވަނީ ވަރަށް އާދައިގެ މޭކަޕެއް ކަމަށެވެ. ޕްލާސްޓިކް ބުދެއްހެން މޭކަޕުން ބޯކޮށްލީމައި ހިޝްމާއަށް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ.

“އައި ކާންޓް ބިލީވް ދިސް.” ހިޝްމާ ހާސްވެލާފައި އައިސް އެނދުގައި އިށީނެވެ. ދެލޯ ބޮޑުކޮށްލައިގެނެވެ.

“އެވްރިތިން އިޒް ހެޕަނިން ސޯ ފާސްޓް” ޖައިޝަން އޭނާގެ އެކުވެރިޔާ ޝޯން އަށް ގުޅައިގެން ޓަކްސީޑޯ ގައި ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

“ޗިލް ޑޫޑް” ޝޯން ހިތްވަރުދިނެވެ. “ލޯބިވާ ދެމީހުންނަށް ދެޢާއިލާ ތިހާ ގަބޫލުވެގެން ގުޅެން ލިބޭނީ ވަން އިން އަ މިލިއަން މީހުންނަށް. ކޮންސިޑަރ ޔޯރސެލްފް ލަކީ”

“އެކަމަކު ހިތަށް އަރަނީ މިހާ ފުރިހަމައަށް ހުރިހާކަމެއް މިވަނީ އަނެއްކާ ކޮންމެވެސް ބޮޑު ދެރައެއް ލިބެން ނޫން ބާވައޭ..” ހިޝްމާއަށް ހުރީ ހާސްވެގެން ރޮވޭވަރުވެފައެވެ. “މީހުން ބުނެއެއްނު އުސް ގަނޑަކަށް ފަހު އަޑިގަނޑެއް ވެސް އަންނާނެޔޭ”

“އާނ. އަންނާނެޔޭ” ރިފްޤާ ދެމުން ދިޔައީ ހިތްވަރުބާއޭ ހިޝްމާގެ ހިތަށް އެރިއެވެ. “އެ އަޑިގަނޑަކީ ކައިވެންޏަށްފަހު މާގިނަދުވަސް ނުވަނީސް ޖައި އެއުޅެނީ ކިޔަވަން އެނބުރި ދާކަށްނު. އަހަރެއްހާދުވަސް ވަންދެން ނުފެނި ހުންނަން ޖެހުމަކީ ވަކި ތިލަ އަޑިގަނޑެއްތަ؟”

ރިފްޤާ އެބުނި އެއްޗަކާ ދޭތެރޭ ހިޝްމާ ވިސްނިއެވެ. އެއީ ހަމަ ތެދުވާހަކައެއްކަން ހިޝްމާއަށް ވިސްނުނެވެ. ހިޝްމާގެ މޫޑް ރަނގަޅުވާ ގޮތްވިއެވެ. ތެދުވެ ހިނިތުންވެލާފައި ތައްޔާރުވުމުގައި އުޅެންފެށިއެވެ.

ރަށުގެ ރައްޔިތުންއަންހެނުންހެން ޕާރޓީއަށް ކެއްކުމުގައި މާރިޔާއާއި ހަފްސާއަށް އެހީވެދީ އުޅުނެވެ. ދެޢާއިލާގެ ހުރި އެންމެ މަތީ ފެންވަރުގައި ރަށުގައި ބާއްވާ އެންމެ ކުލަގަދަ ކައިވެނި ޕާޓީއަށް ތައްޔާރުކުރުމަށް ޖަމަޝީދާއި ޝާހިދުވެސް ފިރިހެންވެރިން ގޮވައިގެން އަތިރިމަތީގައި ބޮޑު ސަރަހައްދެއް ޑެކެރޭޓް ކުރަމުން ދިޔައެވެ.

އިރުއޮއްސި އަނދިރިވީ ތަނާއެވެ. ހިޝްމާވަނީ ވަރަށް ޗާލުކޮށް މޭކަޕްކޮށް ނިމެންކައިރިވެފައެވެ. ކުއްލިއަކަށް އެނތެރެއަށް ވަދެގެން އައި ކުއްޖެއް ގަނޑުކޮޅެއް ދިއްކޮށްލިއެވެ. ހިޝްމާ ލަސްވެފައި އިނދެވެސް އަވަސް އަވަހަށް އެ ގަނޑުކޮޅު ބަލައިލިއެވެ.

“އައިމް ސޮރީ. ކާންޓް މެރީ”

ހިޝްމާގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ވަދެގެން ދިޔަހެނެވެ. ދެލޯ ފުރުނީ ކަރުނުންނެވެ. ކާކުދިން އެއްޗެއް؟ ގަނޑުކޮޅު ކިޔާލާފައި ރިފްގާ ހާސްވެފައި އަހައިލިއެވެ. ގަނޑުކޮޅު ހިފައިގެން އައިކުއްޖާ ބުންޏެވެ.

“ފުވާދު ދިން އެއްޗެއް.”

“އާޣްޣްޣްޣް..” ހިޝްމާ އައި ރުޅިން ދަތްޕިލަ ނުފުނޑި އިނީ ހަމަކިރިޔާއެވެ.

“ފުވާދު ބުނީ ސޮރީއޯ ފެންޖެހީމަ ރުޅިއައިސްފަ ހެއްޔޯ ކައިވެނި ނުކުރައްޗޯ އޭނަ ވަރަށް ލޯބިވެޔޯ”

ހިޝްމާ ރުޅިއައިސްފައި ހުރިވަރު ފެނުމުން، އެހެން ބުނެފައި އެތިފަހަރެއް ވީއްލާލަފާނެތީ ބިރުން ސިހިފައި، އެކުއްޖާ ދުވެ ރަނގަ ރަނގަ އަޅާފައި ނިކުމެގެން ހިނގައްޖެއެވެ. ވީގޮތުން އެތާތިބި މީހުން ހީނހީނފައި އުޅެއެވެ.

ގަޑިން އެރޭ 8 ޖަހަން ކައިރިވިއިރު ރަށު އަތިރިމަތީގައި ތައްޔާރުކޮށްފައިވާ ސްޓޭޖް މަތީގައި ހެކިވެރިންނާއި ވަލީވެރިޔާ އަދި ކައިވެނިކުރެވޭ ދެމީހުނާއި ޤާޟީ ތިބީ ތައްޔާރަށެވެ. ސްޓޭޖުން ތިރީގައި އަތުރާފައި ތިބި ގޮނޑިތަކުގައި ދެން ތިބި ޢާއިލާ ގާތްތިމާގެ މީހުން ތިއްބެވެ. އެތައް ޒަމާނެއްފަހުން ދެޢާއިލާގެ ހުވަފެން ޙަޤީގަތަކަށް ވެގެން ދިއުމުގެ ވަގުތު މިހާރު އެވަނީ ކުޑަތަން ވެފައެވެ.

8 ޖެހުމާއެކު ޤާޟީ ޚުޠުބާ ލައިދިނެވެ. ޚުޠުބާ ނިމުމާއެކު ހިޝްމާކީރަނަށް ޖައިޝަންއަށް ހިޝްމާ އަނބިކޮށްދީފިއެވެ. ޖައިޝަން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް މިޙަވާލު ވެވެނީ އަމާނާތަކާއެވެ. އައުޙަޔާތެއްގެ ފެށުން މުޅިން އައުޞަފްޙާއަކުން ފަށަން މިވަނީ ޖެހިފައެވެ. މުޅިން އައު ވާހަކައަކަށެވެ. ލޯބި ލޯބި އަންބެކާއެކުއެވެ. މިއީ އޭނާގެ ހެޕިލީ އެވަރ އާފްޓަރގެ ފެށުމެވެ.

“އަނބިޤަބޫލުކޮށްފިން”

ހިޝްމާ ފުންނޭވާއަކާއެކު ލޯ މަރާލިއެވެ. ދިގު އެސްފިޔަތަކުތެރެއިން ފުރޭނިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އެންމެންގެ އަތްތިލަބަޑީގެ ހޫނު ތަހުނިޔާއެއް ކިޔެވެ. ދެޢާއިލާއިން ތަހުނިޔާ ބަދަލުކުރަމުން ދިޔައެވެ.

“ޢީދުމުބާ.. އުނހޫ.. ބާއްޖަވެރި ކައިވެންޏަކަށް އެދެން..” ފުވާދު ސްޓޭޖްމަތީ ތިބި އަލަތުކައިވެނީގެ ދެމަފިރިންނާ ސަލާމްކޮށްލަން އަތް ދިއްކޮށްލިއިރު ހުރީ ދެރަވެފައެވެ. “ދެން މަ ހޯދާ ކުއްޖަކާ ކަލޭ ކައިރި ނުވާތި” ފުވާދު ޖައިޝަންއަށް އިންޒާރުދިނެވެ. ދެމަފިރިންގެ ހުނުމުގެ އަޑު ގުގުމާލިއެވެ. އޭރު ދުރުގައި ހުރެ ހިނިތުންވެލައިގެން ލޮލުން ކަރުނަ ފުހެލި ރުވޭޝާ ފެނުމުން ޖައިޝަން “ތަމްބްސް އަޕް” އެއް ދިނެވެ.

“މަޢުނަވީ ޢާލަމުން

ހަނދު ދަޢުރުވަނީ ލޯބިންނޭ..”

-ނިމުނީ-

1
0
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”ޢީދު މުބާރިކް“

Leave a Reply

Your email address will not be published.