ހިތާމަ ލޯބީގެ

އިސްކު ( 4 )

ދުވެފައި ގޭތެރެއަށް ވަދެގެންދިޔަ ލަންމާއަށް ކެތްކުރެވުނީ ކޮޓަރީގެ އެނދާއި ހަމައަށް ދެވެން ދެނެވެ. އެނދާއި ހަމައަށް ދެވުމާއިއެކު އެނދު މައްޗަށް ވެއްޓި ގަނެވުނުއިރު ރޮވިއްޖެ އެވެ.

ރޯލަރޯލަ އެނދުމަތީގައި އޮތް ލަންމާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އަވަސް އަވަހަށް ދެލޯ ފުހެލަމުން ތެދުވެ އެނދުގައި އިށީންއިރު ދޮރުހުޅުވާލި އަޑު އިވިއްޖެއެވެ. ދޮރާއި ދިމާއަށް ބަލާލިއިރު ދޮރުކައިރީ ހުރީ ނަޖީބާ އެވެ.

” ދަރިފުޅާ! ހާދަ ފާޑަކަށް ތީނީ … ކިހިނެތްވީ؟ ކޮންއިރަކުން ނިދަނީ؟ ” ލަންމާއަށް ބަލަހައްޓައިގެން ހުރެ ނަޖީބާ ސުވާލުކުރި އެވެ.

” ކޮޓަރި ތަޅުލާފައި މަންމަ ދޭ. އަހަރެން މިއުޅެނީ ނިދަން. ” ވެގެން އުޅޭގޮތް ސިއްރުކުރަމުން ނަޖީބާއަށް ބަލާން އިނދެ ލަންމާ ވާހަކަ ދެއްކީ ހަމަޖެހޭގޮތް ދައްކަމުން ނެވެ.

ލަންމާގެ ކޮޓަރި ތަޅުލާފައި އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތްއިރު ނަޖީބާގެ ހިތުގައިވާ ސުވާލުތައް ގިނަވަމުން ދިޔައެވެ. މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ލަންމާއަށް ބަދަލުތަކެއް އަންނަމުން ދާކަން އޭނައަށް ފާހަގަވަމުން އައި އައުން އިތުރުވެގެން ދިޔައެވެ.

ހެދުން ބަދަލުކޮށްގެން އައިސް ލަންމާ އޮށޯތީ ނިދާން ނަމަވެސް ނިދޭގޮތެއް ނުވިއެވެ. އެނދުގައި އޮށޯވެ ހަމަޖެހިލުމާއިއެކު ލޯ ކުރިމަތީގައި ސިފަވެގެން ދިޔައީ ނާއިޒްގެ ސޫރައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ފިރިހެންކުއްޖަކާއިމެދު ޝައުޤުވެރިކަން އުފެދުނު އެޒުވާނާ އޭނާގެ ހަޔާތަށް ގެންނާނެ ގޮތަކާއިމެދު ލަންމާ ވިސްނަމުން ދިޔައެވެ. ތަފާތު ޚިޔާލުތަކާއި ފިކުރުތަކުގެ ކަނޑެއްގައި ފަތަމުންދިޔަ ލަންމާއަށް މަންޒިލް ފެނުމުގެ ކުރިން ނިދިއްޖެ އެވެ.

ލަންމާ އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށް ކިތަންމެ މަސައްކަތެއް ކުރަމުންދިޔަ ނަމަވެސް އޭނަ ފިޔަވާ އެހެން މީހަކަށް އެކަމާއިބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގެ އެވެ.

ހަވީރު ހަތަރުގަޑިބައި ފަހެއް ޖަހާކަން ހާއިރެވެ. އެހެން ވެސް ގިނަ ޒުވާނުން ފަދައިން ލަންމާ އާއި ފާތުން ތިބީ ހެދިގޮނޑުދޮށް ސަރަހައްދުގައިވާ ސިމެންތި އަށިތަކުން އައްޓެއްގައި އިށީންދެލައިގެން ވާހަކަ ދައްކާށެވެ. އެދެމެދުގައި ތަފާތު އެތައް މަޢުލޫއަކަށް ވާހަކަދައްކަމުން ދިޔައެވެ. ވަގުތަކީ ހަވީރުގެ އެންމެ ހިތްގައިމު ވަގުތު ކަމަށްވާތީ އެސަރަހައްދު ފެންނަމުންދަނީ ވަރަށް ހަލަބޮލިކޮށެވެ. ތަފާތު އުމުރުތަކުގެ ކުޑަކުދިންތައް އެތަނަށް އައިސް ކުޅެ މަޖާކުރަމުން ދިޔައިރު އެކުދިންނަށް އެހީވުމާއިގެން ވެސް މީހުން އުޅެމުން ދިޔައެވެ. އެއެންމެން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

މިއަދު ފާތުން ގޮވައިގެން ލަންމާ އެތަނަށް އައުމުގެ އެންމެބޮޑު ބޭނުމަކީ ނާއިޒްގެ މަޢުލޫމާތު ހޯދުން ކަމަށްވާތީ އެ ދެމެދުގައި އެވާހަކަތައް ވެސް ދެކެވެމުން ދިޔައެވެ. ލަންމާ އެވަރަކުން ނާއިޒްގެ މަޢުލޫމާތު ހޯދަން މަސައްކަތް ކުރަނީ ކޮންމެ ވެސް މުހިންމު ބޭނުމަކުކަން ފާތުންނަށް ޔަގީންވަމުން ދިޔައެވެ.

އެދެމެދުގައި އެތައްއިރަކު ދެކެވުނު ވާހަކަތަކަށްފަހު، ލަންމާ ބޭނުންވާ ފަދައިން ލަންމާއަށް ނާއިޒާ ބައްދަލު ކުރުމުގެ ފުރުސަތު ހޯދައިދޭނެކަމަށް ފާތުން ބުނުމުން ލަންމާ ވަރަށް އުފާވެ ހިތްހަމަޖެހުނެވެ. އެހެންވެ އެތައް ފަހަރަކު ފާތުންނަށް ޝުކުރު އަދާކުރިއެވެ.

އޭނާގެ ހުވަފެންތައް ޙަޤީޤަތަކަށް ވޭތޯ ދުޢާކުރަމުން ކިޔެވުމުގައި ކާމިޔާބު ހޯދުމަށް ލަންމާ މަސައްކަތް ކުރަމުން ދިޔައެވެ. ލަންމާ ގާތު އޭނާ ބުނިފަދައިން ނާއިޒާއި ލަންމާ ބައްދަލު ކުރެވޭތޯ ފާތުން މަސައްކަތް ކުރަމުން ދިޔައެވެ.

ފަރުހާދާއި ބައްދަލު ކުރުމަށްޓަކައި ފަރުހާދުމެން ގެއަށް ނާއިޒް އައިއިރު ފަރުހާދެއް ގެއަކު ނެތެވެ. އަބަދުހެން އެގެއަށް އައިސް އުޅޭތީ ފާތުންނާއި ނާއިޒްގެ މެދުގައި ވެސް ކޮންމެ ވެސް ވަރެއްގެ ރައްޓެހިކަމެއް އޮވެއެވެ. ފަރުހާދު އަންނަންދެން ފާތުންނާއި ވާހަކަދައްކާލަން ނާއިޒް މަޑުކުރިއެވެ.

އެފުރުސަތަކަށް ފާތުން ބަލަބަލަ ހުރި ފުރުސަތު ލިބުމާއިއެކު ނާއިލް ގާތު ލަންމާގެ ވާހަކަ ފާތުން ދައްކަން ފެށިއެވެ.

” ލަންމާއޭ؟ …. އެއީ ކާކު؟ … އަހަރެންނަކަށް ނޭނގެ ތިބުނާ ލަންމާއެއް. ” ކޮންމެ ވެސް ވަރަކަށް ހައިރާން ވެފައިހުރެ ނާއިޒް ސުވާލު ކުރަމުން ވާހަކަ ދެއްކިއެވެ.

” އެއީ އަހަރެންގެ ބެސްޓްފްރެންޑް …. ނާއިޒަށް ވެސް އޭނަ ފެނިއްޖެނަމަ ވާހަކަދައްކާ ހިތްވާނެ. އެއީ ވަރަށް ރީތި ކުއްޖެއް. ” ލަންމާއަކީ ކާކުކަން ބުނެދިނުމުގެ ގޮތުން ފާތުން ވާހަކަ ދެއްކި އެވެ.

” ތިވަރަށް ފޮނި ނުކެނޑި ޔަސް އަހަރެން އޭނައާ ބައްދަލު ކޮށްފާނަން … އެކަމު … ފާތުން ވެސް ޖެހޭނެ އަހަރެންނާއެކު އެތަނަށް ދާން …. އެހެން ނޫނީ އަހަރެންނަކަށް ލަންމާއެއް ނޭނގޭނެ އެއްނު. ” ޙަޤީޤަތް ހާމަކުރަމުން ނާއިޒް ވާހަކަދެއްކިއެވެ.

” މިއަދު ހަވީރު ދޯ ދާނީ. އަހަރެން ދާނަން ލަންމާ ގޮވައިގެން. ” ނާއިޒަށް ބަލާލަމުން ފާތުން ވާހަކަ ދެއްކިއެވެ.

ފާތުންނާއި ވާހަކަދައްކަން ވިއްސަކަށް މިނިޓް މަޑުކުރުމަށްފަހު ފަރުހާދުގެ ޚަބަރެއް ނުވުމުން، ނާއިޒް ގެއަށް ދާން ނުކުތީ ފާތުން އެދުނު ފަދައިން ލަންމާއާ ބައްދަލުކުރަން ދާން އެއްބަސް ވެފައެވެ. އެކަމުގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ހައިރާންވި ނަމަވެސް ފާތުން މެދުވެރިވެގެން ކުރާ ކަމަކަށް ވާތީ އޭނާއަށް ދެރައެއް ނުވާނެކަމުގައި ނާއިޒް ދެކެއެވެ. ފަރުހާދުގެ ފަރާތުން އޭނައަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ހިތުގެ އެންމެ ފުންމިނުން ގަބޫލުކޮށް އަބަދު ވެސް ސުކުރު އަދާކުރަމުންދާ އިރު ފާތުންގެ ފަރާތުން އޭނައަށް ދެރައެއް ލިބިދާނެ ކަމަށް ގަބޫލު ކުރުމަކީ ވެސް މޮޔަކަމެއް ކަމުގައި ނާއިޒް ދެކެއެވެ. ފަރުހާދަށް އޭނަ ކުރާ އިތުބާރު ފާތުންނަށް ވެސް އޭނަ ކުރެއެވެ.

ލަންމާއާ ބައްދަލުކުރުމަށް ޓަކައި ލަންމާމެން ގެއަށް ފާތުން ދިޔައީ ހަތަރެއް ޖެހި ފަހުން ނެވެ. ލަންމާމެން ގެއިން ފާތުންނާއި އެންމެ ފުރަތަމަ ބައްދަލުވީ މާއިޒުއާ އެވެ. ލަންމާއާ ބައްދަލުކުރަން ފާތުން އައުމުން މާއިޒު ހިތްހަމަ ނުޖެހުނު ނަމަވެސް ލަންމާގެ ކޮޓަރި ދެއްކި އެވެ.

ލަންމާ އާއި ފާތުން ވާހަކަ ދައްކަމުން ދިޔަ ދިއުމުގައި ނާއިޒްގެ ވާހަކަ ވެސް އެދެމީހުން ދެއްކި އެވެ. ލަންމާ ބޭނުންވާ ފަދައިން ލަންމާއާ ބައްދަލު ކުރުމަށް ނާއިޒް އެއްބަސްވި ވާހަކަ އާއި ކަންތައް ކުރަންވީ ގޮތް، ފާތުން ބުނުމުން ލަންމާ ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ. އެތައް ފަހަރަކު ފާތުންނަށް ޝުކުރު އަދާކުރަމުން އަވަސް އަވަހަށް ފާޚާނާބަޔަށް ވަނީ ފެންވަރާ ރީތިވެލުމަށް ޓަކައެވެ. ފުރަތަމަ ފަހަރަށް ނާއިޒާއި ބައްދަލު ކުރާއިރު ނާއިޒްގެ ޝައުޤުވެރިކަން އޭނާގެ މައްޗަށް ހުއްޓޭ ވަރަށް ރީތިވެލުމަކީ ލަންމާ މިހާރު އެންމެ ބޭނުންވާ ކަންތަކެވެ.

ލަންމާ ތައްޔާރުވެގެން ފާތުންނާއިއެކު މަގަށް ނުކުތްއިރު ފަހެއްޖަހާން ދިހަވަރަކަށް މިނިޓަށް ވެއްޖެއެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ގަޑި ނުޖެހި ނާއިޒް ގާތަށް ދިއުމަކީ ލަންމާއަށް ވަރަށް މުހިންމު ކަމަކަށް ވިއެވެ. ފަހެއްޖެހުމުގެ ކުރިން އެތަނަށް ދެވޭނީ ކާރެއްގައި ކަމަށް ވެފައި ގޭ ކާރު ނެތުމުން ޓެކްސީއަކަށް އަރައިގެން ފާތުންނާއި ލަންމާ ހެދިގޮނޑުދޮށަށް ދިޔައެވެ.

ލަންމާ އާއި ފާތުން ހެދިގޮނޑުދަށަށް ދިޔައިރު ނާއިލް އަކަށް އެހިސާބަކަށް ނާދެވެއެވެ. ވާހަކަ ދައްކަމުން ދައްކަމުން ދެމީހުން ގޮސް އެތަނުން އައްޓެއްގައި އިށީނދެލި އެވެ. ނާއިޒާއި ބައްދަލުކުރަން އައި ފުރަތަމަ ފަހަރު ގަޑިނުޖެހި އާދެވުމުން ލަންމާ ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

ނާއިޒް އެތަނަށް އަންނާނެކަމާމެދު ސުވާލު އުފެދުނު ނަމަވެސް ފާތުންނަށް ކުރާ އިތުބާރުގެ ސަބަބުން ލަންމާގެ އުންމީދުތައް އާވަމުން ދިޔައެވެ.

ފާތުންމެން އެތަނުގައި މަޑުކުރިތާ ފަސްވަރަކަށް މިނިޓް ފަހުން ފެނުނީ ސްޓޭޖް ކައިރިން ލާފައި އެސަރަހައްދަށް ވަދެގެން އެ ދިމާއަށް ނާއިޒް އަންނަނި ކޮށެވެ. ނާއިޒް ފެނުމާއިއެކު ލަންމާގެ މުޅިހަށިގަނޑު ފިނިވެގެންދިޔަ ކަހަލައެވެ. ކުރާނެކަމެއް ނުކުރާނެ ކަމެއް ނޭނގިގެން ފާތުންގެ އަތުގައި ހިފާ ބާރުކޮށްލެވުނު ވެސް މެއެވެ.

ނާއިޒްގެ ޚިޔާލީ އާލަމުން އޭނައަށް ހޭލެވުނީ ނަރުސްކުއްޖާ އައިސް ވާހަކަ ދައްކަން ފެށުމުން ނެވެ.

ނާއިޒްގެ ގަޔަށް ގުޅާފައިވާ އައިވީ ހުސްވުމާއި ނާއިޒަށް ދިމާވެފައިވާ ކަންތަކުގެ ސަބަބުން އޭނާ އެދެމުންދިޔަ އެދުމާއި އެއްގޮތަށް އޭނާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. އޭރު ވެސް ނާއިޒް ބުނަމުން ދިޔައީ އޭނާގެ އަންހެނުން މަރުނުވާ ކަމަށާއި ޕޮލިހުންނަށް އޮޅުމެއް އަރައިގެން އުޅެނީ ކަމަށެވެ.

ބަނޑަށް ވަޅިއެއް ހަރާލައިގެން މަރާލާފައި އޮތް ލަންމާގެ ހަށިގަނޑު ފެނުމާއިއެކު ނާއިޒަށް ރޮއިގަނެވިއްޖެ އެވެ. ޕޮލިހުންގެ ވާހަކަތައް ގަބޫލުކުރާން މަޖުބޫރު ވެސް ވެއްޖެއެވެ.

ލަންމާގެ މޫނު ފެނުމާއިއެކު ނާއިޒަށް ހަނދާންވީ އޭނައާ ލަންމާ ބައްދަލުވި ފުރަތަމަ ދުވަހެވެ.

ނާއިޒް އައިގޮތަށް އައިސް ހުއްޓުނީ ލަންމާމެންނާއި ދާދި ގާތުގައެވެ. އެއާއެކު ލަންމާއަށް އަވަސް އަވަހަށް އިސް ޖަހާލެވުނެވެ.

” ނާއިޒް! މިއީ އަހަރެންގެ ބެސްޓްފްރެންޑް ލަންމާ …. ލަންމާ! މިއީ ނާއިޒް …. އަހަރެން ދޮންބެގެ ވަރަށްގާތް ރައްޓެއްސެއް. ” ލަންމާ އާއި ނާއިޒް އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނުމުގެ ގޮތުން ފާތުން ވާހަކަދެއްކިއެވެ. އަދި މަޑުމަޑުން ލަންމާގެގައިގާ ކޮށްޓާލިއެވެ.

ލަންމާއާ ސަލާންކުރަން އަތްދިއްކުރަމުން ނާއިޒް ހިނިތުންވެލުމާއިއެކު ލަންމާ ވެސް ނާއިލްއާ ސަލާންކޮށްލަމުން ހިނިތުންވެލިއެވެ. ދެމީހުންގެ މޫނުމަތިން ވެސް އުފަލާއި ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ.

ލަންމާގެ ފުރިހަމަކަމާއި ބެހޭގޮތުން ފާތުން ދެއްކި ވާހަކަތައް އެއީ ތެދެއްކަން ލަންމާ ފެނުމާއިއެކު ނާއިޒް ހިތުގެ އެންމެ ފުންމިނުން ގަބޫލުކުރި އެވެ. ލަންމާއަށް ސައްކެއް ވެސް ނުވާނެހެން ލަންމާއަށް ބަލަމުން ހިތުގެ އެންމެ އަޑިން ތަޢުރީފް ކުރަމުން ދިޔައެވެ.

އުމުރުން ސަތާރަ އަހަރުގެ ލަންމާއަކީ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ކަޅުކުލަގަދަ ފަން ދިގު އިސްތަށިގަނޑާއި މޫނާއި ހަށިގަނޑުގެ ކުލަ އަލިވުމަކީ ލަންމާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެއްކަން ޔަގީނެވެ. އޭނާއަށް ލިބިފައިވާ ބޮޑުދެލޮލާއި މަޑުނޫކުލައިގެ ކަޅިއަކީ ވެސް އެތައް ބައެއްގެ ނަޒަރު އޭނާއަށް އަމާޒުވަމުން ދާނެކަމެއްކަން ނާއިޒަށް ވެސް އެނގެއެވެ.

” ނާއިލް! މިތަނުގަ މަޑުކޮށްބަލަ …. އަހަރެން އެބަ އަންނަން އެއްޗެއް ގަނެގެން. ” ނާއިޒަށް ހިނިތުންވެލަމުން ތެދުވެ ފާތުން ވާހަކަ ދެއްކި އެވެ. ފާތުން އެފަދައިން ކަންތައް ކުރީ ކީއްވެގެންކަން ލަންމާ އާއި ނާއިޒަށް ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.

” އެހާ އަވަހަށް ނާއްނާތި. ” ފާތުންނަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ނާއިޒް ބުންޏެވެ. އަދި ލަންމާ ކައިރީ އިށީންނަމުން ހާލު އަހާލިއެވެ.

” ނާއިޒް ތިހެން ބުންޏަސް އަހަރެން އަންނާނަން ވަރަށް އަވަހަށް …. އެކަމު … ލަންމާ ބުނެފިއްޔާ ދެން ނާހިސް ވެސް ހުރެދާނަން. ” ހިތްހަމަޖެހިފައިހުރި ފާތުން ލަންމާއަށް ބަލާލަމުން މަޖާވެފައި ބުންޏެވެ.

” ފަސްގަޑިބައި ކަން ހާއިރު އާދޭ. ” އިސްޖަހާލަމުން ލަންމާ ބުނެލިއެވެ. ނާއިޒްއާ ބައްދަލުވުމުން ކިތަންމެ ހިތްހަމަ ޖެހުނު ނަމަވެސް ލަންމާގެ ފަރާތުން ކޮންމެ ވެސް ވަރަކަށް ލަދުރަކިކަން ފާޅުވަމުން ދިޔައެވެ.

” އޯކޭ … ފަސްގަޑިބައި ވާއިރު އަހަރެން ހުންނާނީ މިތަނުގަ. ” ލަންމާ އާއި ނާއިޒަށް ބަލަންހުރެ އެހެން ބުނުމަށްފަހު އެދެމީހުންނާއި ދުރަށް ފާތުން ހިނގައިގަތެވެ.

ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.