ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 4 )

” އެކަމާދެން އަޅާނުލާ. ތިހެން ވެދާނެކަން އަހަރެންނަށް އިނގޭ. އެކަންދެން އެނިމުނީ. ދެންވެސް އެފަދަކަމެއް ދިމާނުވޭތޯ ބަލައިގެން އުޅުނީމަ ރަނގަޅުވާނެ. އެވަގުތު އަހަރެންނަށް އާދެވުނުކަން އެއީ ކަލޭގެ ނަސީބު ކަންނޭނގެ. ” ނީމާ އާއި އާސިމު ވާހަކަދައްކަމުން ދައްކަމުން ގޮސް ގޭތެރެއަށް ވަނެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ! ” އާސިމާއި ދިމާއަށް ހިނިތުން ވެލަމުން ނީމާ ޝުކުރުއަދާކުރި އެވެ.

” މިއީކީ ޝުކުރުއަދާކުރާވަރުގެ ކަމެއް ނޫނެއްނު …. އަހަރެންގެ ނަމަކީ އާސިމު. އަހަރެން ދިރިއުޅެނީ މިތާކައިރީ ހުރި ގެއަކއަހަރެން އެކަނި. ތިއީ ޕްރިންސިޕަލްގެ ޚާއްޞަ މެހެމާނެއްތަ؟  ”  އަތުގެ އިޝާރާތުން އޭނާގެ ގެ ހުންނަ ހިސާބު ދައްކާލަމުން އާސިމު އަމިު. އެގޭގައި އުޅެނީ އްލައަށް ތަޢާރަފްވެލި އެވެ.

” އަހަރެންނަކީ މެހެމާނެއްނޫން .. އަހަރެންނަކީ މިރަށު މަދަރުސާގެ ޓީޗަރެއް. އަހަރެންގެ ނަމަކީ ނީމާ. ” ނީމާ ވެސް ތަޢާރަފްވެލި އެވެ.

ނީމާ އާއި އާސިމުގެ ވާހަކަތައް އިތުރުވަމުން ދިޔަވަރަކަށް އެދެމެދުގައި ރަހުމަތްތެރިކަން އުފެދެމުން ދިޔައެވެ. އެގުޅުން ތަރައްޤީވަމުން ވެސް ދިޔައެވެ.

” އެހެންދޯ؟ މޮޅަށް ކިޔަވައިގެންތިބޭ ރަނގަޅު މީހުން އައީމަ މި ރަށުކުދިން ވެސް މޮޅުވާނެތާދޯ ؟ ” އާސިމު އޭނާ ދެކޭގޮތް ހާމަކުރި އެވެ.

” އާން. އަހަރެން ވެސް މަސައްކަތް ކުރާނީ ތިގޮތަށް. ” ނީމާ ހާމަކުރީ އޭނާ އުންމީދުކުރާ ގޮތެވެ.

” ކަމެއް ބޭނުންވެއްޖެއްޔާ އަހަރެންނަށް ވެސް އަންގާލާތި … އަހަރެން މިއުޅެނީ ނީމާ އާއި ދާދި ގާތުގައި. ދެންދަނީ އިނގޭ. އަދި އަންނާނަން. ” ބޭރަށް ނުކުންނާން ހިނގައިގަންނަމުން އާސިމު ވާހަކަދެއްކި އެވެ.

” އާން. ” ހިނިތުންވުމާއިއެކު ނީމާ ބުނެލި އެވެ.

ދިހަވަރަކަށް މިނިޓް ނީމާއާ ވާހަކަދައްކަން މަޑުކުރުމަށްފަހު އާސިމު ހިނގައްޖެ އެވެ.

އާދައިގެ ހިނގުމެއްގައި އާސިމު ގޮސް އެގޯތިން ބޭރަށް ނުކުތްއިރު އެގޭ ދޮރޯށި ކައިރީގައި ރަށު ކައުންސެލަރ އަސްނާދު ހުއްޓެވެ. ކުއްލިއަކަށް އަސްނާދު ފެނުމުންނާއި އޭނާގެ މޫނުމަތިން ފާޅުވެގެންދިޔަ ހިތްހަމަނުޖެހުމުގެ ސަބަބުން ކޮންމެ ވެސް ވަރަކަށް އާސިމު ކަންބޮޑުވާގޮތް ވިއެވެ. އެހެނަސް އެކަން ސިއްރުކޮށް އަސްނާދަށް ބަލާލުމަށްފަހު އާސިމު ދިޔަގޮތަށް ދިޔައީ އެވެ.

އާސިމު ދިޔަގޮތަށް ދިޔައީ އޭނާގެ ގެއަށެވެ. ކޮފީތައްޓެއް ހިފައިގެން ފެންޑާތެރޭ މޭޒުކައިރީ އިންއިރު އާސިމުގެ ކުރިމަތީގައި ތަސްވީރު ކުރެހެމުން ދިޔައީ ނީމާގެ ފަރި ސޫރައެވެ. އެއްވެސް އައިބެއް ފާހަގަ ނުކުރެވުނު ނަލަނަލަ މޫނާއި ހެދިހުރި ފުރިހަމަ ހަށިގަނޑެވެ. ކަޅުކުލަ ގަދަ ފަން އިސްތަށިގަނޑާއި ދޮން ކަނދުރާ އެވެ.

” ރީތިކަމާއި ފުރިހަމަކަމުގެ ލާމަސީލު މިސާލެއް … ހިތްގައިމު މޫނަކާއި ރަތްފިނިފެންމަލެއްފަދަ ތުންފަތެއް. އަސަރުގަދަ ކޯތާފަތެއް … އެހެރެ ފުރިހަމަ ކަމެއް … ” ހިތާހިތުން އާސިމަށް ކިޔާލެވުނެވެ.

ރޭގަނޑު އަށްގަޑިތިރީސްކަން ހާއިރެވެ. ވާފިރާއި އޭނާގެ އަންހެނުން އާގިސާ ތިބީ ފެންޑާތެރޭގައި ޓީވީ ބަލާށެވެ. ވާފިރު ގޮވާލާފައި ބުނުމުން ގޭ މަސައްކަތު މީހާ އައިސް ވާފިރުގެ އަތަށް މޯބައިލްފޯނެއް ދިނެވެ.

އެމީހާއަށް ޝުކުރު އަދާކުރުމަށްފަހު ކޮންމެވެސް ނަންބަރަކަށް ގުޅޭތޯ ވާފިރު މަސައްކަތް ފެށިއެވެ. މަސައްކަތުމީހާ އެތަނުން ހިނގައްޖެ އެވެ.

ޑުރެސިންޓޭބަލް ކައިރީގައި އިން ނީމާ ސިއްސައިގެން ދިޔައީ މޭޒު މަތީގައިއޮތް ފޯނު ރިންގްވާންފެށި އަޑަށެވެ. އަވަސް އަވަހަށް ފޯނުނަގަމުން ޖަވާބު ދިނުމާއިއެކު އެކޮޅުން ވާހަކަދައްކަން ފެށީ ވާފިރެވެ.

” ނީމާ!. އަދިވެސް ވަކިގޮތެއް ނާންގަމެއްނު. ތިގެއާއި މެދުގައި ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން އަހަރެމެންނަށް އެނގޭނީ ބުނީމައެއްނު. ” ނީމާ ޖަވާބު ދިނުމުން ވާފިރު ބުންޏެވެ.

” އިތުރަށް ދާނެތަނެއް ނެތް. މިއީ ވަރަށް ހިތްގައިމު އެހާމެ ފުރިހަމަ ތަނެއް. އަހަރެން އުޅޭނީ މިތަނުގައި. މިކަހަލަ މާހަޢުލުތަކަށް އަހަރެން ވަރަށް ޝައުޤުވެރި ވޭ. ވަރަށްބޮޑަށް ޝުކުރިއްޔާ! ” އުފަލާއިއެކު ނީމާ ވާހަކަ ދެއްކިއެވެ.

” ރަނގަޅު … ދިރިއުޅުމުގައި ތަފާތު ކަންތައްތަކާއި ކުރިމަތިވާނެ. ކެތްތެރިކަމާއި ހިތްވަރާއިއެކު މަސައްކަތް ކުރަންޏާއި ކާމިޔާބުވާނެ. އެކަން އެނގެއެއްނު. ކަލޭގެ ވިސްނުމާއި ނިންމުން ވަރަށް ރަނގަޅު. ” ވާފިރު ވާހަކަ ދެއްކީ ނީމާއަށް ހިތްވަރާއި ނަސޭހަތް ދެމުންނެވެ.

” ޝުކުރިއްޔާ! … އެކަމަކު އެކަނިވީމަ ކުޑަކޮށް ބިރުގަނޭ. ” މަޑުމަޑުން ނީމާ ބުނެލި އެވެ.

” އެކަމާ ނުވިސްނާ އަރާމުކޮށްލާ … ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ. ” ވާފިރު ވިސްނައި ދިނެވެ.

ވާފިރާއި ވާހަކަދައްކަން ދެތިން މިނިޓް މަޑުކުރުމަށްފަހު ފޯނު ބާއްވާފައި ނީމާ ނުކުތީ ފެންޑާ އަށެވެ. ފެންޑާތެރޭގައި ނީމާ މަޑުކޮށްލިތާ މާގިނައިރެއް ނުވަނީސް އެގޭ ދޮރުގައި ކޮންމެ ވެސް މީހަކު ޓަކިޖަހާއަޑު އިވޭން ފެށިއެވެ.

ކޮންމެ ވެސް ވަރަކަށް ހައިރާންވެފައި ހުރެގެން ނީމާ ގޮސް ދޮރުހުޅުވައި ބޭރު ބަލާލިއިރު އެތަނުގައި ހުރީ އާސިމު އެވެ. ނީމާ ދޮރު ހުޅުވުމުން އާސިމު އެތެރަށް ވަތްއިރު އޭނާގެ އަތުގައި ތަރުމޯޒަކާއި ތަށިބަރިއެއް ހުއްޓެވެ.

” އަހަރެން މިއައީ ….. އަހަރެން ބުނީމެއްނު އަދި އަންނާނަމޭ.” ގޭތެރެއަށް ވަންނަމުން އާސިމު ވާހަކަދެއްކި އެވެ.

” އާދޭ … އެކަމަކު ތިއީ ކޮންއެއްޗެއް ؟ ” ނީމާ އަހާލިއެވެ.

ނީމާ އާއި އާސިމު ވާހަކަ ދައްކަމުން ދައްކަމުން ގޮސް ކާގޭތެރެއަށް ވަނެވެ.

” އަހަރެން އައުމުގައި އޮތީ ދެކަމެއް .. އެއްކަމަކީ އަހަރެންނަށް ރަނގަޅުގޮތުގައި ވެސް އަންނަން އެނގޭކަން އަންގައި ދިނުން. އަނެއް ކަމަކީ އަހަރެންނަށް ވިސްނޭ މިފަދަވަގުތެއްގައި ކަލެއަށް ކޮފީއެއް ކަހަލަ އެއްޗެއް ވަރަށް މުހިންމު ވާނެކަން. ” އާސިމު ވާހަކަދެއްކި އެވެ.

” އެހެންތަ ؟  ވަރަށް ބޮޑަށް ޝުކުރިއްޔާ! ” ހިނިތުންވެލަމުން ނީމާ ބުނެލި އެވެ.

” އަހަރެންނަކީ އަވަށްޓެރިއެއްގެގޮތުން ރަނގަޅު މީހެއްކަން އަންގައިދޭން އަމިއްލައަށް ތަކެތި ތައްޔާރުކޮށްގެން މިއައީ. ” ނީމާގެ އަތަށް ކޮފީތަށި ދެމުން އާސިމު ވާހަކަދެއްކި އެވެ.

” އެކަހަލަ ކަންތަކަށް ވެސް ޝައުޤުވެރި ވޭތަ ؟ ” ނީމާ އެހެން އަހާލި އާސިމަށް ބަލާލަމުން ނެވެ.

” އާން ….. ކަލޭގެ ހިތަށް އަރާނެ ކަންނޭނގެ. މިހާ އެކަނިވެރި މާހަޢުލެއްގައި އަހަރެން އެކަނި މާއެކަނި ކީއްކުރަނީ ބާއޭ. ކަލޭގެ މަސައްކަތަކީ ކިޔަވައި ދިނުން. އަހަރެންގެ މަސައްކަތަކީ ކުރެހުން. ” އާމްދަނީ ހޯދުމަށް އޭނަ ކުރަމުންދާ މަސައްކަތް ނީމާއަށް އަންގައި ދެމުން އާސިމް ވާހަކަދެއްކި އެވެ.

ބައިގަޑިއެއް ހާއިރު ނީމާއާ އެކުގައި ހޭދަކުރުމަށްފަހު،  ބާއްޖަވެރި ރޭގަނޑަކަށް އެދޭ ވާހަކަ ބުނަމުން އާސިމު ގެނައި ތަރުމޯޒާއި ތަށިބަރި ހިފައިގެން އޭނާގެ ގެއަށް ހިނގައްޖެ އެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއިއެކުގައި ވަގުތުތައް ހޭދަވަމުން ދިޔައެވެ. މަގެއްމަތިން މީހަކު ނުފެނެއެވެ. ގެއެއްގެ ތެރެއިން ގަދައައްޔެއް ނުވަތަ ބާރުއަޑެއް ވެސް ނީވެއެވެ. މަގުތަކުންނާއި ރަށުތެރޭން ފެންނަމުންދާ ހަމަހިމޭން ކަމާއިއެކު އަނދިރިކަން ވެސް ފެންނަމުން ދިޔައެވެ.

ނީމާ އޭނާގެ އާދައިގެމަތިން މިއަދު ވެސް ހެނދުނު ހެނދުނާ ކަސްރަތަށް ނުކުތެވެ.

ކަސްރަތު ކުރުމާއިގެން މަސްޢޫލްވެހުރި ނީމާ ސިއްސައިގެން ދިޔައީ ޖެހެލި ވައިރޯޅިއަކާއިއެކު އިވިގެންދިޔަ ހިތްގައިމު މިއުޒިކެއްގެ ސަބަބުން ނެވެ.

އެއީ ހަމައެކަނި ގިޓައަކުން ކުޅެމުންދާ މިއުޒިކެއް ނަމަވެސް އެއަޑާއި މެދުގައި ނީމާއަށް ޝައުޤުވެރި ވެވުނެވެ. ރާގާއިއެކު ލަވަޔެއްގެ އަޑު ވެސް އިވެން ފެށިއެވެ. މިއުޒިކާއި އެކުވުމުން އެއަޑު ނީމާއަށް އިތުރަށް ކަމުދިޔަ އެވެ.

ކަސްރަތުކުރުން ހުއްޓާލުމަށްފަހު ނީމާ ގޮސް ގަސްތަކުތެރޭން ބޭރަށް ބޯދިއްކޮށްލަމުން ބަލައިލީ ރާގާއި ލަވައިގެއަޑު އަންނަ ދިމާއަށެވެ. ފެނުނު މަންޒަރާއިއެކު ނީމާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފާޅުވެގެން ދިޔައެވެ.

ސައިކަލެއް މަތީގައި އިށީނދެލައިގެން އިނދެ ގިޓައަކުން ރާގެއް ކުޅެމުން ލަވަކިޔަމުންދިޔަ އާސިމާއި ދިމާއަށް ނީމާ ބަލަމުންދިޔަ ވަގުތުތައް ގިނަވަމުން ދިޔަވަރަކަށް އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ އުފާވެރިކަން އިތުރުވަމުން ދިޔައެވެ.

ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނީމާގެ ގޭ މަސައްކަތުމީހާ އަލިދީ ނީމާ ގާތަށް އައީ އޭނާގެ ސުކޫޓަރުގަ އެވެ.

ނީމާ ގެއިން ނުކުމެގެން ގޮސް އަލިދީގާތަށް ހުއްޓެމުން އޭނާއާ ވާހަކަދެއްކި އެވެ.

” ކަލޭ އައުމުގައި މިހާރު ވެސް ލަސްވެއްޖެ. އަހަރެމެން ދެމީހުން ކުރަން މިޖެހެނީ ދިގު ދަތުރެއް. ” ނީމާއަށް ބަލާލަމުން އަލިދީ ބުންޏެވެ.

” އަހަރެން ގާތުގައި ދުވަސްކޮޅަކު ކަލޭ އުޅޭއިރަށް ތިޔަގަޑި ހަލާކު ކޮށްލާނަން. ” ނީމާ އިންޒާރު ދިނެވެ.

” ނީމާ ބޭނުންނަމަ ގަޑި ހަލާކުކޮށްލާ. އެކަމަކު އަހަރެން ހަލާކު ކޮށްނުލާތި. އާދޭ …… އަވަހަށް އަރާ އިށީނދޭ. ” ސްކޫޓަރުގެ ފަހަތް ދައްކަމުން އަލިދީ ބުންޏެވެ.

” މީގައި ؟ … މިއީ ބާވެ ހަލާކުވެފައިވާ އެއްޗެއްނު ؟  ” ހައިރާންކަމާއިއެކު އަލިދީއަށް ބަލާލަމުން ނީމާ ސުވާލު ކުރިއެވެ.

” މިއީ ބާވެ ހަލާކުވެފައިވާ ބަލިކަށި އެއްޗެއް ނަމަވެސް، މިއީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި .. އަހަރެންގެ ވަރަށް ލޯބިން ގެންގުޅޭ އެއްޗެއް މިއީ. އެތައް މަސައްކަތެއް މިއިން ކޮށްފައިވާ އެއްޗެއް މިއީ. ” އަލިދީ ވާހަކަދެއްކީ މާޒީއަށް އިޝާރާތް ކޮށެވެ.

އަލިދީގެ ވާހަކަތައް އަޑުއަހަމުން ނީމާ ހިނިތުންވެލި އެވެ.

ނީމާ އާއި އަލިދީ އެސްކޫޓަރުގައި މަދަރުސާއާ ދިމާއަށް ދަތުރު ކުރަމުން ދިޔައިރު ނީމާ އިނީ ސްކޫޓަރު ދުއްވާށެވެ. އަލިދީ އިނީ ފަހަތުގަ އެވެ.

އަލިދީ ދައްކަމުންދިޔަ މަގުތަކުން ނީމާ ދަތުރުކުރަމުން ދަނިކޮށް މަދަރުސާއާ ހަމައަށް ނުދެވެނީސް ސްކޫޓަރުގެ އިންޖީނަށް މައްސަލަތަކެއް ކުރިމަތިވެ ސްކޫޓަރުގެ އިންޖީނު ހުއްޓިއްޖެ އެވެ.

” މިއީ ކޮންކަހަލަ އެއްޗެއް. މީތި ވަނީ ހަލާކުވެފަ އެއްނު. އަވަހަށް ރަނގަޅު ކުރޭ. އަހަރެން ގަޑި ޖެހިދާނެ. ” ހިތްހަމަ ނުޖެހުމާއިއެކު ސްކޫޓަރުން ފައިބަމުން ނީމާ ބުންޏެވެ.

” ހަލާކުވީއޭ ؟  ތިވާނީ މާބޮޑަށް އިންޖީނު ހޫނުވީ ކަމަށް. މީގެކުރިން ދުވަހަކު ވެސް އަންހެންކުއްޖަކު މީގެން ދަތުރެއް ނުކުރޭ …. ކަލޭ ވެސް ބުނީމެއްނު މިއީ ބާވެފައިވާ ބަލިކަށި އެއްޗެކޭ. އެކަމާ ދެން ފިކުރު ނުކުރޭ. ދިހަވަރަކަށް މިނިޓްފަހުން ރަނގަޅުވާނެ. ” ސްކޫޓަރު ކޮށްޕަމުން ކުރިޔަށްދަމުން އަލިދީ ވާހަކަދެއްކި އެވެ.

އަލިދީ އާއި ނީމާ ހިނގަމުން ދަނިކޮށް ނުހަނު ބާރުދުވެލީގައި އައި ސައިކަލެއް އެތަނަށް މަޑުކޮށްލި އެވެ. ނީމާ އަވަސް އަވަހަށް އެދިމާއަށް ބަލާލިއިރު އެއީ އާސިމު އެވެ.

” އަލިދީ. ތިއީ ކޮންކަމެއް ؟ ” އަލިދީއަށް ބަލާލަމުން އާސިމު އަހާލިއެވެ.

” ވަގުތު .. ވަގުތު ފާއިތުވެއްޖެނަމަ ކިތަންމެބޮޑު ގެއްލުމެއް ވެސް ލިބިދާނެ. ” އަލިދީ ޖަވާބު ދިނެވެ. އަލިދީގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން އާސިމު ބޯޖަހާލި އެވެ.

” އާސިމު! ކޮންތާކަށް ތިދަނީ ؟  ” އާސިމަށް ބަލާލަމުން ނީމާ އަހާލިއެވެ.

” އަހަރެންނަކީ އެއްވެސް މަންޒިލެއްނެތި ދަތުރުކުރާ މީހެއް … މަޑުކުރުމަކީ އަހަރެންގެ އާދައެއް ނޫން. އެކަމަކު އެނގުނު އިރަކުން ބުނެވިދާނެ އޭރު ދިޔައީ ކޮންތާކަށް ކަން. އަދި އެބައޮތް އެހެން ވާހަކައެއް. އެއީ އަހަރެން ވެސް ދާން މިއުޅެނީ ކަލޭ ވެސް ތިޔަ ދާ ދިމާއަށް. ” ނީމާއަށް ބަލާލަމުން އާސިމު ވާހަކަދެއްކި އެވެ.

” އޭރުން ހިނގާ. ” އާސިމާއި ދިމާއަށް އަންނަމުން ނީމާ ވާހަކަދެއްކި އެވެ.

” ކޮންތާކަށް ؟  ” އާސިމު ސުވާލުކުރި އެވެ.

” މަދަރުސާއާ ދިމާއަށް. ” ސައިކަލްގެ ފަހަތަށް އަރަމުން ނީމާ ބުންޏެވެ.

ނީމާ އާއި އާސިމު ކުޑަކޮށް ވާހަކަދައްކާލުމަށްފަހު އާސިމު ސައިކަލް ދުއްވާލި އެވެ.

އަލިދީ ސްކޫޓަރު ކޮށްޕަމުން ދަނިކޮށް ރަށުއޮފީހުގެ ކާރު އައިސް އޭނާގެ ކުރިމައްޗަށް ކަހަލަގޮތަކަށް މަޑުކުރި އެވެ. އަލިދީގެ މޫނުމަތިން ކޮންމެ ވެސް ވަރަކަށް ނުތަނަވަސްކަން ފާޅުވި އެވެ. ކާރު މަޑުކޮށްލުމަށްފަހު ކާރުން ފައިބައިގެން އައިސް އަލިދީގެ ކުރިމައްޗަށް މަޑުކުރީ ރަށުކުޑަކަތީބު ނާސިމާ އެވެ.

ނާސިމާ އައިސް އަލިދީގެ ކައިރިއަށް ހުއްޓި ވާހަކަ ދައްކާން ފެށުމުން އަލިދީ ވެސް އޭނާއާ ވާހަކަ ދައްކަމުން ދިޔައެވެ. ދެމީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ މަޑުމަޑުން ނެވެ.                                                ނުނިމޭ

1
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.