އެހެނިހެން

އެ ފުރޭތަ (ފުރަތަމަ ބައި)

އަހަރެންނަށް އިވެމުން ދަނީ ކޮއްކޮގެ އަޑެވެ. އެހީ އަކަށްއެދި ކޮއްކޮ ހަޅޭލަވާ އަޑެވެ. މަންމަ އަށާއި ބައްޕައަށް އަދި އަހަރެންނަށް ގޮވަމުން ރޯ އަޑެވެ. ކައިރިނުވުމަށް އެދި އާދޭސް ކުރަމުން ގިސްލާ އަޑެވެ. އަހަރެންނަށް އެއަޑުތައް ސާފުކޮށް އިވެއެވެ. އަޑުއިވެނީ ކޮޓަރި ތެރެއިންނެވެ. އަހަރެންނާއި މަންމަ އާއި ބައްޕަ ތިބީ ކޮޓަރިން ބޭރުގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކޮއްކޮއަށް އެހީތެރިވުމަށް އަހަރެންގެ ހިތާ ސިކުނޑި ބުނަމުންދިޔައެވެ. ނަމަވެސް ހިތްވަރުކުރީމެވެ. އެކޮޓަރިއަށް ނުވަދެ ހުރެވޭތޯއެވެ. ކޮއްކޮގެ އަޑެއް މަޑެއްނުވިއެވެ. ގިސްލާ އަޑާ ރޯ އަޑު ގަދަވަމުންދިޔަ ވަރަކަށް އަހަރެންގެ ލޭ ހޫނު ވަމުންދިޔައެވެ. ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ.

“.ދޮންބޭ. ދޮންބޭ. އަހަރެންނަށް އެހީވެދީ. އަހަރެން ސަލާމަތްކުރޭ. ހެޔޮނުވާނެ އެހީވެދީ.” އަހަރެންނަކަށް ނުހުރެވުނެވެ. ބާރުހިނގުމުގައި ގޮސް ދޮރުގެ ތަޅު އަނބުރާލަން ހިފާލިއިރު ހުރީ ތަޅުލާފައެވެ. އެހެންކަމުން ދޮރުގައި ބާރަށް ދެއަތުން ތަޅާގަތީމެވެ. އެވަރުންވެސް ކޮއްކޮގެ އަޑެއް ކެނޑިގެނެއް ނުދިޔައެވެ. ދޮރު ވައްޓާލާފައި ނަމަވެސް މިއަދު ކޮއްކޮއަށް އެހީތެރިވުމަށް ހިތްބުނެލިއެވެ. އަހަރެން ފަހަތަށް ޖެހިލައި ކޮޅުފައިން ޖެހުމަށް ތައްޔާރުވި ވަގުތު ކުރި މައްޗަށް އެރީ ބައްޕައެވެ.

“.އޭތި އަވަލަފާނެ.” ބައްޕަ ހަނދާންކޮށްދިނެވެ. “.އިބްރާޙީމްބެ ބުންޏެއްނުން އެކަކުވެސް މިގަޑީގަ ކައިރިނުވައްޗޭ. ކިތަންމެ އަޑުތަކެއް އިވުނަސް ކޮޓަރިއަށް ނުވަންނައްޗޭ. ވަދެއްޖެނަމަ އެ ފުރޭތަ.”

“.މަ ބިރެއް ނުގަނޭ ތި ފުރޭތައެއް ދެކެ.” އަހަރެންގެ އަޑަށް ބާރުލަމުން އެހެންބުނުމަށްފަހު ބައްޕަގެ އަތުގައި ހިފާ ދުރުކޮށްލީމެވެ. އަދި ބަލާކަށް ނުހުރެ ކޮޅުފައިން ޖެހިޖެހީނުން ދޮރު ވައްޓާލީމެވެ. ކުއްލިއަކަށް ދޮރު މައްޗަށް އައިސް ހުއްޓުނީ މުޅި ގައިގާ ކެހެރި ފަޅާފައިވާ “އެ ފުރޭތަ” އެވެ.

އަހަރެންނަށް ސިހިފައި ހޭލެވުނުއިރު ހަޅޭކުގެ އަޑު ކޮޓަރި ތެރޭގައި ގުގުމާލިއެވެ. އޭރު މައިނޭވާލެވި މުޅި މީހާވަނީ ދަލުން ފޯވެފައެވެ. ކޮޓަރިތެރޭގައި އަލިކަމެއްނެތެވެ. ބޮޑުވެފައިވާ ދެލޮލުން ފަރާތްފަރާތަށް ބަލަނިކޮށް މީހަކު ދޮރު ހުޅުވާލިއެވެ. އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ދޮރުމަތީގައި ހުރީ މަންމައެވެ.

“.ލޫކް.މީ މަންމަ އޭ.” މަންމަ ދުވެފައި އައިސް އަހަރެންގެ ގާތުގައި އިށީނެވެ. މޫނުމަތީގައި ފިރުމަންފެށިއެވެ. “.ކިހިނެއްވީ؟. ހުވަފެނެއް ފެނުނީތަ؟.” އަހަރެންނަށް ފެނުނީ ހުވަފެނެއްކަން އެނގުމުން ހަމަޔަކަށް އެޅިލަމުން މަޑުމަޑުން ބޯ ޖަހާލީމެވެ.

“.ހުވަފެނަކީ ބިލާހެއް.” މަންމަ ބުންޏެވެ. “.ޝަހާދެއް ކިޔާލައިގެން ނިދާލާ.”

މަންމަ ނުކުމެގެންދިޔައިރުވެސް އަހަރެން އެނދުމަތީގައި އިންގޮތަށް އިނީއެވެ. ވިސްނާށެވެ. އަހަރެންނަށް ފެނުން ހުވަފެން އެއީ ބިލާހެއް ނޫނެވެ. އެއީ ހަޤީޤަތެކެވެ. އަހަރެންނަށް ފެނުން މަންޒަރުތައް މަންމައަށް ކިޔާދިންނަމަ މަންމަ ބުނާނެ އެއްޗެއްވެސް އަހަރެންނަށް އެނގެއެވެ. މަންމަ ބުނާނީ އަހަރެން މާބޮޑަށް ލާރާ ކޮއްކޮއާ މެދު ވިސްނަނީ ކަމުގައެވެ.

******

އަހަރެންނަށްވުރެ 02 އަހަރު ހަގު، އުމުރުން 15 އަހަރުގެ ލާރާއަކީ މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކިޔެވުމަށް މޮޅު މަންމައާއި ބައްޕަގެ ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. ނަމަވެސް ކުއްލިއަކަށް ލާރާގެ މިޒާޖަށާ އުޅުމަށް ބަދަލްތައް އަންނަންފެށިއެވެ. ގޭތެރޭގައި ނެގިމަޑުވެފައި ކަމަކާ ވިސްނަން އިންނާތީ ފެނެއެވެ. ސުވާލްކުރުމުން ކަމެއް ނުވާކަމަށް ބުނެއެވެ. ސުކޫލަށް ދިޔަސް ކިޔެވުމުގެ ޝަޢުޤުވެރިކަމެއް އޭނާގެ ނުހުރެއެވެ. މާގިނައިން ވާހަކަ ދައްކައެއް ނޫޅެއެވެ. ސަކަރާތްޖެހުންވެސް ހުއްޓުނެވެ. މީހަކު ސަމާސާއެއްކޮށްލިޔަސް އޭނާގެ ގާތަށް އަންނަނީ ރުޅިއެވެ. އެއީ ކުރިން ލާރާގެ މިޒާޖެއް ނޫނެވެ. ކުއްލިއަކަށް އޭނާގެ މިޒާޖަށް އެހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އަދި އަހަރެންނަށް އިތުރުކަމެއްވެސް ފާހަގަ ކުރެވުނެވެ. ލާރާ އެކަނި ހުންނަން ބިރު ގަންނަކަމެވެ. އެކަނި ވެއްޖެނަމަ ފަރާތްފަރާތް ހޯދާ ބަލާ ހަދާކަމެވެ. އަހަރެން ސުވާލްކުރުމުން ކައިރީގައި މީހަކު ހުންނަހެން ހީވާކަމުގައި ބުންޏެވެ. އަހަރެންނަށް އެވާހަކަ ޤަބޫލު ނުކުރެވުމުން ކޮއްކޮއަށް ހީވާ ހީވުމެއްކަމުގައި ބުނީމެވެ.

އެގޮތުގައި ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔަ ފަހުން އެއްރޭ އިރާކޮޅު ވަގުތެއްގައި ލާރާ ގެއްލުނެވެ. ރަށުތެރެ ހޯދާ ބެލިއިރު އެއްވެސް ތާކުން ނުފެނުނެވެ. އިޝާ ނަމާދު ބަންގި ގޮވާ ދިޔަފަހުން ލާރާ ފެނުނީ ތުނޑީކޮޅުގައި ހޭނެތިފައި އޮއްވައެވެ. އެކަމާ ގުޅޭގޮތުން މަންމަ އާއި ބައްޕަ ސުވާލްކުރުމުން އެއްވެސް ޖަވާބެއް ލާރާ ނުދިނެވެ. ހައްޕު ކިޔައިގެން އިނީއެވެ.

“.ކޮއްކޯ. ދޮންބެއަށް ތިވެގެން އުޅޭ ގޮތެއް ކިޔާދީބަލަ. ތުނޑިއަށް ދިޔައީ ކީއްކުރަން.” އަހަރެން ލާރާއާ ވަކިން ބައްދަލުކޮށްފައި ސިއްރުން އެހީމެވެ. ލާރާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

“.ބުނެބަލަ. ޕްލީޒް.” އަހަރެން އަނެއްކާވެސް އެހީމެވެ.

“.ނޭގޭ. ދެވުނުގޮތެއް.” ލާރާ ބުނަން ނުބުނަން އިނދެފައި ބުންޏެވެ. “.އަހަރެންނަށް ހޭވެރިކަންވީއިރު ހުރެވުނީ އެތަނުގަ. ދެން ފެނުނީ. ފެނުނީ.”

ލާރާ ފަރާތްފަރާތަށް ބަލަންފެށިއެވެ. ހީވަނީ މީހަކު ހޯދާހެންނެވެ. އަހަރެން ލާރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއިރު އޭނާ ތުރުތުރު އަޅައެވެ. ދެލޯ ވަނީ ފެންކަޅިވެފައެވެ.

“.ކޯއްޗެއް ފެނުނީ.” އަހަރެން ސުވާލްކުރީމެވެ.

“.އޭތި.” ލާރާ ރޮމުން އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. “.ކަޅު ކަޅު ކެހެރި ގަނޑެއް ކަހަލަ އެއްޗެއް. ފުރޭތައެއް.”

އަހަރެންގައިން ހީބިހި ނަގައިގެން ދިޔައެވެ.

“.އޭތި ބުނި އެއްވެސް މީހެއް ކައިރީ ބުނެގެން ނުވާނޭ. އޭތި އަހަރެން މަރާލާނެ. މިހާރު ކޮޓަރިންވެސް އޭތި ފެނޭ. ކުރިން ހީވަނީ ކައިރީގަ މީހަކު އުޅޭހެން. މިހާރު ފެންނަންވެސް ފެނޭ. ހުވަފެނުގަވެސް ފެނޭ. ދޮންބޭ އަހަރެން ސަލާމަތްކޮށްދީ.” ލާރާ ރޮމުން ރޮމުން ހުރިހާ ވާހަކަތަކެއް އަހަރެންނަށް ކިޔާދިނެވެ.

އަހަރެން އެހުރިހާ ވާހަކަތަކެއް މަންމަ އަށާއި ބައްޕައަށް ކިޔާދިނީމެވެ. މަންމަމެންނަށްވެސް ޤަބޫލްކުރެވުން ގޮތުގައި ލާރާއަށް ޖިންނި ފަރާތު ކަންތައްގަނޑެއް ކުރިމަތިވީއެވެ. އެހެންކަމުން އެކަން ޔަޤީންކުރުމަށްޓަކައި އިބްރާހީމްބެ ގެޔަށް ގެނައީ ބައްޕައެވެ. އިބްރާހީމްބެ ކިޔެވެލިތައް ކިޔެވުމަށްފަހު ލާރާއާ އެއްޗެއް އަވަލާފައިވާ ކަމަށް ބުންޏެވެ. އެއީ ފުރޭތައެއް ކަމުގައި ބުންޏެވެ. ލާރާއަށް އެހެންވާންޖެހުނު ސަބަބެއް ބުނެއެއް ނުދެއެވެ. އެސަބަބު ހޯދުމަށާއި، ލާރާ އެކަމުން ސަލާމަތްކުރުމަށް ދެރޭން އެއްރޭ ކިޔަވަން އިބްރާހީމްބެ ނިންމިއެވެ. އޭގެ ފަހުން ދެރޭން އެއްރޭ އިބްރާހީމްބެ އާދެއެވެ. ލާރާ ބަންދު ކޮޓަރިއަކަށް ލައިގެން އެކިޔެވެލިތަކެއް ކިޔަވައެވެ. ބައެއް ރޭރޭ ކިޔެވުމަށް އިތުރު ކުދިންވެސް އޭނާ ގެނެއެވެ.

އަހަރެންނަށާއި މަންމައާއި ބައްޕައަށް އޮންނަނީ އެގަޑީގައި އެކޮޓަރިއަށް ވަނުން މަނާކޮށްފައެވެ. ލާރާ ކިތަންމެ ހަޅޭކެއްލެވި ނަމަވެސް އެކަކުވެސް އެކޮޓަރި ދޮރުފަތް ހުޅުވައިގެން ނުވާނެވެ. ހުޅުވާފިނަމަ “އެފުރޭތަ” އަހަރުމެންނާވެސް އަވަލާނެއެވެ. އަހަރެންނަށް އެވާހަކަ ޤަބޫލެއް ނުކުރެވެއެވެ. އެފުރޭތަ އަވަލާނަމަ ކޮޓަރިއަށް ކިޔަވަން ވަންނަ ކުދިންނަށްވެސް އަވަލާނެ ނޫންހެއްޔެވެ؟ ނަމަވެސް މަންމައާއި ބައްޕަ އެކަމަށް ހުރަސް ނޭޅުމަށް ބުނުމުން އަހަރެން ހަމަހިމޭނުން ހުރީއެވެ. ކޮއްކޮ ރޯ އަޑާ ހަޅޭކުގެ އަޑުއަހަން ހުރީއެވެ. ކޮއްކޮއަށް ފަރުވާ ކުރަންފެށި ފަހުން އެއްވެސް ހެޔޮބަދަލެއް އައިތަނެއް އަހަރެންނަކަށް ނުފެނުނެވެ. ކޮއްކޮ އަބަދުވެސް އިންނަނީ ގަބުވެފައެވެ. އެކަކާވެސް ވާހަކައެއް ނުދައްކައެވެ. ކޮއްކޮ ހާލަތާމެދު އަހަރެން ވިސްނާ ވިސްނާ މިހާރު ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. ކޮއްކޮއަށް އެހީވުމަށް އަހަރެންނަށް ކުރެވޭނީ ވަކި ކޮންކަމެއް ހެއްޔެވެ؟ ހަދަންވީ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ.

“އަހަރެންނަކަށް ހިޔެއްނުވޭ އިބްރާހީމްބެ އެއީ ރަނގަޅު މީހެއް ހެނެއް.” އަހަރެން މަޝްވަރާކުރީ އެކުވެރި ޝާއިލް އާއެވެ.

“ކީއްވެ ތިހެން ތިބުނީ.” ޝާއިލް އެހިއެވެ.

“.އަހަރެންނަށް ހީވަނީ އިބްރާހީމްބެ ކޮއްކޮއާ ބެހެނީހެން.” އަހަރެންގެ ހިތުގައި އެންމެ ފުރަތަމަ ރޭން ފެށިގެން އުފެދިފައިވާ ޝައްކުގެ ވާހަކަ ބުނެލީމެވެ. ކޮއްކޮގެ ހަޅޭކުގެ އަޑާއި، އިބްރާހިމްބެ ގެޔަށް އައުމުން ކޮއްކޮ ބިރުން އުޅޭތި އެގޮތަށް ހީވަނީއެވެ. ނަމަވެސް ޔަޤީން ނުވާތީ އެވާހަކަ ދެއްކުމަށް ފަސްޖެހެނީއެވެ. އަހަރެން ބޭނުންވަނީ އެކަން ޔަޤީންކުރާށެވެ.

“.އެކަމް ހަމަ ހަޤީޤަތަށްވެސް ފުރޭތައެއް އުޅެންޏާ ކިހިނެއްވާނީ.” ޝާއިލް ބުންޏެވެ. “.އަވަލާފިޔާ އޯ. ކޮއްކޮ ސަލާމަތް ނުވެގެން އުޅެނިކޮށް ލޫކްއަށް އެކަން ކުރިމަތި ވެއްޖެއާއޯ. އަހަރެންނަކަށް ހިޔެއްނުވެ ތީ ރަނގަޅު ގޮތެއް ހެނެއް.”

އަހަރެންވެސް ފަސްޖެހެނީ ހަޤީޤަތުގައިވެސް “ފުރޭތަ” އަވަލާފާނެތީއެވެ. ނަމަވެސް ހިތުގައިވާ ޝައްކުތައް ފިލާނެ އިތުރު ގޮތެއްނެތެވެ. ޔަޤީން ނުވާތީ ލާރާ ކައިރިން އަހާކަށްވެސް ނުކެރޭނެއެވެ. އެހިޔަސް ޖަވާބު ލިބޭނެކަމުގެ ޔަޤީންކަމެއް ނެތެވެ. އެހެންކަމުން ސިއްރުން އެކޮޓަރި ބެލުމަށް އަހަރެން ނިންމީމެވެ.

ޖެހިގެން އައި ދުވަހު އިބްރާހީމްބެ އައުމުގެ ކުރިން އަހަރެން ބެހެއްޓީ ކޮޓަރީގެ ކުޑަދޮރުގެ ތަންޑު ނައްޓުވާލާފައެވެ. އިބްރާހީމްބެއާއި އޭނާ ގެނައި ކުދިންކޮޅު ކިޔަވަންފެށިތާ 10 ވަރަކަށް މިނެޓްފަހުން އަހަރެންނާއި ޝާއިލް ގެ ފުރަގަހުންގޮސް އެދޮރު ކައިރި ހުއްޓިލީމެވެ. އޭރުވެސް ކޮއްކޮގެ ގިސްލުމުގެ އަޑުއިވެއެވެ. އަހަރެން މަޑުމަޑުން ކުޑަދޮރު ފޭކޮށްލީމެވެ. އަދި ކޮޓަރި ތެރެ އެއްލޮލުން ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއް ނުފެނުމުން ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީމެވެ. އެވަގުތު “އެފުރޭތަ” ފެނިފައި އަހަރެންގެ ހެޔަށްގޮތްވެގެން ދިޔައެވެ. ޝާއިލް އައިސް އަހަރެން ގައިގާ ހިފެހެއްޓިކަން އެނގުނެވެ. ދެން ވީގޮތެއް ނޭގުނެވެ.
(ނުނިމޭ)

3
0
މިއީ " އެ ފުރޭތަ " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އެ ފުރޭތަ (ފުރަތަމަ ބައި)“

Leave a Reply

Your email address will not be published.