ބިރުވެރި

ހީރޯ

ކޮންމެ މީހެއްގެވެސް ކުޑައިރު އެމީހަކު އެންމެ ވާންބޭނުންވާ، އެންމެ ސަޕޯޓްކުރާ ނަމޫނާއެއް ނުވަތަ ހީރޯއެއް ވާނެއެވެ. އެކި ކުދިންގެ ހީރޯ ތަފާތުވާނެއެވެ. ބައެއްކުދިންގެ ހީރޯއަކަށް ކޮމިކް ފޮތް ފޮތުގެ ހީރޯއިން ވާއިރު ބައެއް ކުދިންނަށް ފިލްމުތަކުގެ ހީރޯއިން ވެއެވެ. ހެރީ ޕޮޓަރ ނުވަތަ ސުޕަރމޭން އެވެ. ހަމަ އެފަދައިން އަހަރެންގެވެސް ކުޑައިރުގެ ހީރޯއެއް ހުރެއެވެ. އެހެން ގިނަ ކުދިންނާ ޚިލާފަށް އެ ހީރޯއަކާއެކު ގިނަ ވަގުތުތައް ހޭދަކުރުމުގެ ފުރުޞަތުވެސް ލިބުނެވެ. އެ ހީރޯގެ އެޑްވެންޗަރ ތަކުގެ ވާހަކަ އަޑުއަހާލަން ލިބުނު ކޮންމެފަހަރަކު ގައިން ހީބިހި ނަގައިގެން ދެއެވެ. އަދި ބައެއް އެޑްވެންޗަރތައް ހީރޯއާއެކު ޙިއްސާކޮށްލަންވެސް ލިބުނުމެއެވެ. އަހަރެންގެ ހީރޯއަކީ އަހަރެންގެ ދޮންބެއެވެ. މިހާދިސާއަކީ އަހަރެން ކުޑަކުޑައިރު ދިމާވި ހާދިސާއެއްކަމުން އަހަރެންގެ ކުޑކުޑަ ސިކުނޑިއަށް ސިފަވިގޮތަށް ގެނެސްދެވޭތޯ ބަލާނަމެވެ.

ބޮޑުވެގެން އައި ދުވަސްވަރެވެ. އުމުރުން 10 ވަރަކަށް އަހަރެވެ. އުޅެބޮޑުވީ ބިންބޮޑު ރަށެއްގައި ކަމުން ވާބޮޑުވެފައި ފަޅުގެތައްވެސް އެހާމެ ގިނައެވެ. ގެ ހުންނަނީ ރަށުގެ އެންމެ މީހުންމަދު، ފަޅު ހިސާބުގައި ކަމުގައި ވިޔަސް ބައްޕަގެ މަސައްކަތުން އެ ގެއަކީ ތަނަވަސް، ބޮޑު، ޒަމާނީގެއެކެވެ. އެހެންކަމުން އަހަރުމެންނާއެކު ކުޅެން ގޭދޮށުކުދިން ވަރަށް ގިނައިން ގެއަށް އައިސް ގޯތިތެރޭ އުޅޭނެއެވެ. ގޭދޮށު އެއްފުރާގެ ކުދިން ބައްދަލުވާ ކޮންމެ ފަހަރަކުވެސް ރަށުގައި ހިނގާފައިވާ ކަމަށް ދެކެވޭ ބިރުވެރި ހާދިސާތަކުގެ ވާހަކަތައް ދައްކާ ހެދުމަކީ އާދައެވެ. އަހަރުމެން ކުދިންނަށް އެނގޭ މިންވަރަކަށެވެ.

ކޮންމެއަކަސް އަހަރެންގެ ދޮންބެއަކީ ވަރަށް ސިޔާސަ ކުއްޖެކެވެ. ރުޅި ވަރަށް ގަދަވެފައި ހިތްވަރު ގަދަވާނެއެވެ. އަދި ކުރަންދިމާކޮށްފި ކަމެއް ނުކޮށް ހުއްޓާލުމަކީ ވަރަށް ނުވާ ކަމެކެވެ. އެހާމެ ބިރުކުޑަވާނެއެވެ. ނަމަވެސް އަހަރެންނަކީ ބަސްއަހާ ކުއްޖާއެވެ. ދޮންބެއާ ދިމާކޮށް ތޮޅުމަކީ އަބަދުވެސް އަހަރެންގެ އާދައެވެ. މަންމަ އަބަދުވެސް ހުންނާނީ އަހަރެންނާ އެއްކޮޅަށެވެ. ދޮންބެގެ ގޮތް އެނގޭތީއެވެ.

އާންމުކޮށް ދޮންބެ ގޭދޮށުކުދިންނާއެކު، ނޫނީ އެކަނިވެސް ވަލުތެރޭގައި ކުކުޅު ހިފަން ދޫނި ހިފަން ކޮށިޖަހަން ގޮސް އުޅޭނެއެވެ. މަންމަ ކިތަންމެ ވަރަކަށް އަޑުލިޔަސްވެހެވެ. އަދި ވަރަށް ލާނެތް ކުދިންނާއެކުވެސް އުޅޭނެއެވެ. ސްކޫލުގައި އުޅޭއިރުވެސް އަބަދުވެސް ކޮންމެވެސް ކުއްޖަކާ މައްސަލަޖެހި ތޮޅެންޖެހެއެވެ. އެހެންކަމުން ދޮންބެ ވެފައިވީ ގޯސް ކުއްޖާއަށެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަހަރެމެން އުޅުނީ ގޭބިއްދޮށުގައި ހުރި ޖާފާނުރުކުން ކުރުނބާއަޅައި ރުއް ސާފުކޮށް ގޮނޑު އަންދާ މިކަހަލަ ކަންކަމުގައި މަންމަމެންނާ އެކުއެވެ. ގޭދޮށު ކުދިންވެސް އެއްކޮށް އެހީވެދީ އުޅުނެވެ. އެހެން އުޅެފައި އިރުކޮޅަކުން ދޮންބެ ދިޔަތަނެއް ނޭނގުނެވެ. މަންމަ ގޮވާގޮވާވެސް އަނގައަކުން ނުބުންޏެވެ. އަޑުފޯރާ ހިސާބަށްވުރެވެސް ދުރަށްދިޔައީ ކަންނޭނގެއެވެ.

އެކަންތައް ނިންމާލުމަށްފަހު ގޯތިތެރެއަށް ވަދެ ސަކަރާތްޖަހަން އުޅެނިކޮށް ދޮންބެ ވަރަށް ބާރަށް ގޭބިއްދޮށުން ދުވެފައި ވަލުދޮރާއްޓާ ދިމާލަށް އަންނަތަން ފެނުނެވެ. ދޮރާށިން ވަނުމާއެކު ވިއްސައިގެން ގޮސް ބިންމައްޗަށް ވެއްޓުމުން އަނެއްކާ ތެދުވެގެން ދުވެފައި އާދެއެވެ. މީހާ ހުރީ ބިރުން ހަލާކުވެފައެވެ. ދާހިއްލާ ފޯވެފައެވެ. ދުވެފައި ގެއަށް ވަދެގެންގޮސް ކޮޓަރިއަށް ވަދެ އެނދަށް އަރާ އޮށޯވެ ރަޖާއަޅައިފިއެވެ.

ދޮންބެއަށް ވީގޮތެއް ބަލަން އަހަރުމެން އެންމެން އަވަހަށް ކޮޓަރިއަށް ވަދެ އަހަންފެށީމެވެ. މަންމަ ބުނީ ދޮންބެ އޮތީ ހުންވެސް އައިސްފައި ކަމަށެވެ. ބިރުން ގޮހެވެ. ދޮންބެ ބުނީ ޖެހިގެންހުރިގޭ ބިއްދޮށުގައި ހުރި ބޯކަށިކެޔޮފީނީތެރެއިން ނިކުމެވޭ ހުސްބިމުގައި ކުކުޅުހިފަން ޖަހާފައި އިން މަޅި ބަލަން ދިޔަވަގުތު ކެޔޮފީނީތެރެއިން ނިކުތީ ބޮޑު މުގުރެއް އަތަށް ލައިގެން ހުރި މީހެއްކަމަށެވެ. ރުކެއްހާ ބޮޑު އެމީހާ ދޮންބެ ފަހާ ދުވެފައި އައީ އެވެ. އެ ބޮޑު މީހާ އައީ ދޮންބެގައިގާ މުގުރުން ޖަހާށެވެ. ދޮންބެ ދުވެފައި އައިސް ގޭ ދޮރާށިން ވަދެވުނުވުނުވަގުތާ އެމީހާ ދޮންބެއާ އަރާހަމަކުރިވަގުތާ ވީ އެއްވަގުތަކަށެވެ. އެމީހާގެ ފައި އެޅުނީ ދޮންބެގެ ފައިބުޑުގައެވެ. އެއާއެކު ދޮންބެ ވިއްސައިގެން ގޯތިތެރެއަށް ވެއްޓުނީއެވެ. އެމީހާވެސް ގެއްލުނީއެވެ.

އެވާހަކަ އަޑުއަހާފައި އަހަރެންގެ ހުރިހާ އިސްތައްޓެއް ކޮޅައްޖެހުނެވެ. ބިރުން ހަލާކުނުވީ ކިރިޔާއެވެ. އެކަމަކު އެމީހާއެއް އަހަރެންނަކަށް ނުފެނެއެވެ. އެވާނީ ދޮންބެ ހަދަހަދައިގެން ދެއްކި ވާހަކައެއްކަމަށް ގަބޫލުކުރެވުނެވެ. އެހެންކަމުން އަހަރެންނާއި ކުޑަޔަށް ހުންނަ އަންހެންކޮއްކޮ ދޮންބެ ބިރުގަންނަވަން ބިރުވެރި އަޑުއަޑު ލައްވަލައްވާފައި ދުވެ ފިލަނީއެވެ. މަންމަ ރުޅިއައިސްގެން އަޑުލީމައި ދެން މަޑުމަޑުން ތިބެފައިގޮސް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި އިނގިލިން ބިރުވެރި މޫނު ކުރަހަކަރަހާފައި ފިލަނީއެވެ. ކޮންމެއަކަސް އެދުވަސް ނިމިގެން ދިޔައީ ދޮންބެއަށް ޖެއްސުންކޮށް ތޮޅެހެދުމުގައެވެ.

ކޮންމެ ސްކޫލް އޮންނަ ރެއެއްގެ ހަތަކާ އަށަކާ ދޭތެރެއަކީ ޓިއުޝަންކިލާހަށް ދާވަގުތެވެ. ޓިއުޝަނަށް ދޮންބެއާ އަހަރެން ގޮވައިގެން މަންމަ ދާނެއެވެ. ޓިއުޝަންކިލާހަށް ލާފައި ދާނީ ގެއަށެވެ. ޓިއުޝަން ކިލާސް ހުންނަމަގު ވަރަށް އަނދިރިވެފައި އެ މަގުގައި މަގު ބައްތިއެއް ނުހުންނާނެއެވެ. އެހެންކަމުން ޓިއުޝަން ކިލާހުން އެޅިފައިހުންނަ އަލި ނޫނީ އެމަގަކު އައިކަމެއް ނުހުންނާނެއެވެ. އެމަގުގައި ޓިއުޝަނަށް އައިސް ކިލާހަށް ނުވަދެ ސަކަރާތް ޖަހަން ލާނެއްފުރާގެ ކުދިން އަބަދުވެސް އުޅެއެވެ. ޓިއުޝަން ކިލާހުގައި ކުދިން ގިނަކަމުން، ހުންނަ މުދައްރިސަށް ކުދިންނެއް ކޮންޓްރޯލެއް ނުކުރެވެއެވެ. ގިނަފަހަރު ކުދިންނަށް ވާނުވާވެސް މުދައްރިސަކަށް ނޭނގެއެވެ. ކުއްޖެއް ދެކުއްޖެއް މަދަސްވެސް ނުވެއް އެނގޭނެއެވެ. ދޮންބެވެސް ދޮންބެގެ ރައްޓެހިންނާ އެއްކޮށް އެގަޑީ ފިލައިގެން ދެއެވެ. ދޮންބެމެން އެދާތަން އަހަރެންނަށް އެނގެއެވެ.

ޓިއުޝަންކިލާސް ހިންގާގޭގައި ޑިޝްއެންޓަނާ ހުރެއެވެ. ކިލާސް ހުންނަނީ އެގޭ ގޯތިތެރޭގައި އަނެއް މަގަށްވާ ގޮތަށެވެ. ދޮންބެމެން ކޮންމެރެއަކު ޓިއުޝަން ގަޑި ދޫކޮށްލާފައިދަނީ އެގަޑީ ސަބްޓީވީއިން ދައްކާ އަލިފުލައިލާ ޝޯ ބަލާށެވެ. ގޮސް އެގޭ ގޯތިތެރޭގައި އެހެން މީހުންނާއެއްކޮށް ދޮރުން ބޯދީގެން އެ ޕްރޮގްރާމް ބަލަން ތިބެނީއެވެ. އެހެން ތިބެފައި އެ ޕްރޮގްރާމް ނިމުނީމައި ސިއްރު ސިއްރުން ޓިއުޝަންކިލާހަށް އައިސް ވަންނަނީއެވެ.

އެއީވެސް އެކަހަލަރެއެކެވެ. އާދައިގެ މަތިން ޓިއުޝަން ދޫކޮށްލާފައި ދޮންބެމެން ދިޔަރެއެކެވެ. އެކަމަކު އެނބުރި ކުލާހަކަށް އެރެއަކު ނާދެއެވެ. ކުލާސް ނިމުމުން ނިކުމެ ހޯދަނިކޮށް ދޮންބެއާއި ދޮންބެގެ ރައްޓެހި ޝިފާޒު އައެވެ. އެއީ ތަންކޮޅެއް ބޮޑު، ގްރޭޑް ހަތަކުން ސްކޫލް ނިންމާފަ ހުރި ކުއްޖެކެވެ. ދޮންބެމެން ވަލުތެރޭގައި ކުކުޅުހިފަން ގޮސްއުޅެނީ އެއްކޮށް ކަމަށްވާތީ މާ ގާތް ރައްޓެއްސެކެވެ. ކޮންމެއަކަސް ދޮންބެގެ މޫނުމަތިން ފެނުނީ ސީރިއަސް ކަމާ ވަރުބަލިކަމެވެ. ހުރީ ކުޑަކޮށް ބިރުވެސް ގަނެފައެވެ. ވީ ގޮތް އެހީމައި ތަންކޮޅެއް ދުރައް ގެންގޮސްފައި ކިޔައިދިނެވެ.

ޓިއުޝަނުން ނިކުމެގެން އެ ގޯޅިންލާފައި އަނެއް މަގަށް އަލިފުލައިލާ ބަލަން ދަނިކޮށް ފަހަތުން ބޮޑު މާސިންގާ ކަޅު ދެ ހިޔަނި އައީއެވެ. އޭރު ކައިރީގައި ޝިފާޒުވެސް ހުއްޓެވެ. އެހުރިހާ މަންޒަރެއް ޝިފާޒުއަށްވެސް ފެނުނުކަމަށް ވެއެވެ. އެއައިގޮތަށް އައިސް ދޮންބެ ނަގާ ބިމާއެކު ގުޅަކޮށްލީއެވެ. ދެފަހަރަށް ގުޅަކޮށްލުމުން ޝިފާޒުގެ އެހީގައި ތެދުވެގެން ދެމީހުން ގަންނާކުރެއްވި ބިރުން ދުވެފައި އެގޭ ތެރެއަށް ދާން ދުއްވައިގަތީއެވެ. އެގޭ ތެރެއަށް ވަދެވުނީހަމަ ކިރިޔާއެވެ. ފަހަތުން އައި ދެ ހިޔަނި އަރާހަމަވެފައި ގޭގެ ދޮރާއްޓާހަމައިން ގެއްލުނީއެވެ.

އެވާހަކަ ކިޔާދިންއިރުވެސް ބިރުން ދޮންބެގެ އަޑު ތުރުތުރުލައެވެ. އަހަރެންގެ ގައިންވެސް ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންވެސް ދެން ގަބޫލުނުކޮށް ވާނެގޮތެއް އޮންނާނެހެއްޔެވެ؟ މިފަހަރު ހެކިވެސް ލިބުނީއެވެ. ނަމަވެސް އެހާބޮޑަކަށް ބިރެއް ނުގަނެއެވެ. އަބަދުވެސް ވަރަށް ބިރުކުޑަވާނެއެވެ.

ކޮންމެރެއަކުވެސް ގެއަށް ދަނީ ޓިއުޝަނަށް އަންނަ ގޭދޮށު ކުދިންނާއެކުއެވެ. ނަމަވެސް އޭގެން އެއްވެސް ވާހަކައެއް އެހެން ކުއްޖަކަށް ކިޔައެއް ނުދެމެވެ. ދެކޮޅު ހޯދަމުންހޯދަމުން ކަހަލަގޮތަކަށް ގެއަށް ދިޔައިރުވެސް އެކަހަލަ އެއްވެސް ބިރުވެރި ކަމެއް ދިމަލެއް ނުވެއެވެ. ކީއްވެތޯ އަހާލުމުން ދޮންބެބުނީ މިގަޑީ އެއެއްޗިއްސަކަށް ދޮންބެއާ ކައިރިއެއް ނުވެވޭނެކަމަށެވެ. ދޮންބެ ހުރީ ހަށިރައްކަލަށް އެއްޗިހި ކިޔަވައިގެން ކަމަށެވެ. އަނެއްކާވެސް އަހަރެންގެ މޭ ފިނިވެގެން ދިޔައީ ދޮންބެ މޮޅުކަމުންނެވެ. ޖިންނިއެއްޗިހިވެސް ދޮންބެއާ ކައިރިވާން ބިރުގަންނަނީއެވެ.

ގެއަށް ވަންނަމުން މަންމަގާތު އެއްވެސް ވާހަކައެއް ނުބުނުމަށް ދޮންބެ އެދުނެވެ. އަހަރެން ދޮންބެ އެދުނުގޮތަށް ކަންތައް ކުރީމެވެ.

“މިރޭ މަގޭ ދުވަސް ދުއްވާލަން އޭތި އަންނާނެ..” ނިދަން ކޮޓަރިއަށް ވަދެ ދޮންބެ ބުންޏެވެ. އަހަރެން ހަމަ ރަނގަޅަށްވެސް ބިރު ގަނެއްޖެއެވެ. ދޮންބެއަށް ގޮތެއް ވެދާނެތީއެވެ. “ކޮންމެ ރެއަކު ފާރުން އެ ހިޔަނި މަށަށް އުނދަގޫކުރަން އައިސް އުޅޭނެ.. އެކަމަކު މިރޭ ވަރަށް ކަންތައް ގޯސްވާނެ”

“ދެން ކިހިނެއް ހަދާނީ..؟” އަހަރެން ވަރަށް ހާސްވެފައި އެހީމެވެ. “މަންމަ ކައިރީ ބުނަންވީނު”

“ނޫން ނުބުނާތި..” ދޮންބެ އަހަރެންނަށް އިންޒާރުދިނެވެ. “ބުނެފިއްޔާ މަންމަމެންނަށްވެސް ނުރައްކާ ވާނެ” ދޮންބެ އިރުކޮޅަކު އެނދުގައި އިށީނދެގެން ވިސްނަން އިނުމަށްފަހު ކުއްލިއަކަށް ކަމެއް ހަނދާންވެގެން ދެލޯ ބޮޑުކޮށްލާފައި އަހަރެންކައިރީ އައުމަށް ބުންޏެވެ. އޭރު މަންމަ އުޅޭނީ ބަދިގެފަރާތުގައި ކައްކާށެވެ. އެހެން ކަމުން މަންމައަށް ނޭނގި މަންމަމެން ނިދާ ކޮޓަރިއަށް ވަދެގެންގޮސް އެކޮޓަރީ ގިފިއްޔަށް ވަނީމެވެ.

ގިފިލީގެ ކަނަކަށް ވާ ގޮތަށް ހަދާފައިވާ ސިމެންތި އަށްޓަށް ދޮންބެއާ އެއްކޮށް އަހަރެން އެރީމެވެ. މަޑުކުރުމަށް ބުނެފައި ދޮންބެ ތެޅިގަލުން ރާނާފައި ހުރި ފާރުގެ ލޯވަޅުތަކަށް އިނގިލި ލައިގެން މަކުނެއްހެން ފާރުގެ ކަނުންލާފައި މައްޗަށް އަރަމުންދިޔައެވެ. ގޮސް ފުރާޅާހަމައަށް އަރައި އެތާ ލޯވަޅެއްގެ ތެރެއިން ޕްލާސްޓިކް ކޮތަޅުކޮޅެއްގެ ތެރޭގައި އޮޅާލާފައި އިން އެއްޗެއް ވައްޓާލާފައި ފޭބިއެވެ.

އަށިމަތީ ދެމީހުން އިށީނުމަށްފަހު ރަން ބޮކިއަލީގައި ދޮންބެ އެ ކޮތަޅުކޮޅު ރޫޅަންފެށިއެވެ. އަހަރެންހުރީ އޭގައި ފޮރުވާފައި އޮތް އެއްޗެއް ބަލަން ކެތްމަދުވެފައެވެ. އެ ކޮތަޅުކޮޅު ނިއުޅާލާފައި އޭގެތެރޭގައި ބޮނޑިކޮށްފައި އޮތް ކަރުދާސް ގަނޑެއް ރޫޅާލިއެވެ. އޭގެތެރޭގައި އޮތީ ތަވީދެކެވެ. އަހަރެންގެ ދެލޯ، ބޯދޫކޮށްލާފައި ނުނިކުތީ ކިރިޔާއެވެ. މީހުން ތަވީދޭ ކިޔާތީ އަޑު އަހަމެވެ. އެއީ ޖިންނީންގެ ކިބައިން ރައްކާތެރިވާން އަޅާއެއްޗެކޭ ކިޔާތީ އަޑު އަހަމެވެ. ހަމަލޮލުން ތަވީދެއް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

“ކޮންތާކުން ހޯދި ތަވީދެއް؟” އަހަރެން ހައިރާންވެފައި އެހީމެވެ.

“މިއީ ޝިފާޒުގެ ކާފަގެ ފަންޑިތަ ފޮތުން ބަލައިގެން މަ ހެދި ތަވީދެއް..” އަހަރެންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. “މީތި އަޅާފަހުއްޓާ އެއްވެސް ޖިންނިއަކަށް ފުރޭތައަކަށް ކައިރިވެސް ނުވެވޭނެ.”

ދޮންބެ އެހެން ބުނިތަނާހެން ގޭބިއްދޮށުގައި ހުރި ބިޔަ ފުނަގަސްތައް ހެލެންފަށައިފިއެވެ. ހީވީ ބޮޑު ޠޫފާނެއް ލައިގަތްހެނެވެ.

“އަވަހަށް މީތި އަޅުވަދީ” ދޮންބެ ތަވީދުގެ ވާފަށް ނިއުޅާލާ އުނަގަޑުގައި ވަށާލިއެވެ. އަހަރެން އަތް ތުރުތުރުލަމުންވެސް އަވަހަށް ގޮށެއްޖަހާ ބަނދެލީމެވެ. ވަގުތުން ފުނަގަސްތައް ހިމޭންވިއެވެ.

“މިހާރު އެއެއްޗިއްސަކަށް މަށެއް ނުފެންނާނެ.” ދޮންބެ އެއްމިޔަކަނިން ހިނިތުންވެލާފައި ބުންޏެވެ.

އަހަރެންނަށް ދޮންބެގެ މޫނަށް ބަލާލެވުނީ އަންތަރީސްވެ ހުރެގެންނެވެ. ދޮންބެގެ ބިރުކުޑަކަމާ ޖެހިލުންކުޑަކަން ފެނިގެންނެވެ. ޖެހިލުމެއްނެތި ޖިންނީންނާ ކުރިމަތިލަނީއެވެ. ދޮންބެ ހާދަ ބިރުކުޑައެވެ.

ކޮޓަރިއަށް ގޮސްފައި އަހަރެންގެ ހިތުގައި އުފެދިފައިވާ ވަރަށްބޮޑު ސުވާލެއް ދޮންބެއާ ކުރީމެވެ. އެ ޖިންނިތައް ދޮންބެއާ އަވަލަވައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ދޮންބެ ކީއްކުރީ ހެއްޔެވެ؟ ދެމީހުން އެނދުގައި އިށީނދެ ހަމަޖެހިލީމެވެ. އެއަށްފަހު ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. އިރުކޮޅަކުން ދޮންބެ ކިޔައިދޭންފެށިއެވެ.

ރަށު ސްކޫލަކީ އެކި ހައުސްތަކުގެ މެދުގައި ވަރަށް ވާދަވެރިކަން އޮންނަ ސްކޫލެކެވެ. ޚާއްސަކޮށް ކުޅިވަރު ކުޅުމުގައެވެ. އިންޓަރ ހައުސް ފުޓުބޯޅައާއި ވޮލީއަކީ ވަކިން ފޯރި ގަދަވާ ދެ ކުޅިވަރެވެ. ތިން ހައުސް އޮތުމާއެކު ކޮންމެ ހައުސްއަކުންވެސް ތަށިގެންދަން ވިއްދާފައި ހުންނަނީ ދޭތިން އެކައްޗަށެވެ. ދެހައުސް ކުޅޭ ދުވަސްދުވަހު މޮޅުވުމަށް ފަންޑިތަ ހެދުމަކީވެސް އާންމު ކަމެކެވެ. އެހެން ފަންޑިތަހަދާ އުޅުމުގައި ޝިފާޒަކީ ސްކޫލުގައި އުޅުނު ދުވަސްވަރު ކޮންމެވެސް ވަރަކަށް އުޅުނު ކުއްޖެކެވެ. ދޮންބެއާ ރައްޓެހިވުމަށްފަހު ޝިފާޒާއެކު އެހެން އުޅުނުދުވަހެއްގައި އޭނަގެ ކާފަގެ ފަންޑިތަ ފޮތްތައް ހާވައިގެން ބެލިއެވެ. އަދި އޭގެން ކުޅިވަރު ކުޅުމުގައި ބޭނުންކުރާ އެކިއެކި ފަންޑިތައާއި ހަށިރައްކަލަށް ހަދާ ފަންޑިތަ ފޮތަކަށް ނަކަލުކޮށް ދޮންބެ އަމިއްލަ ފަންޑިތަފޮތެއް ގެންގުޅުނެވެ.

އޭގެން އެއްޗެއްގެ އަޖުމަބަލާލުމަށް ޕީ.އީ ގަޑީގައި ފުޓުބޯޅަ ކުޅުނު ދަވަހެއްގައި ދޮންބެ ފަންޑިތައެއް ހެދީއެވެ. ހިރިގާކޮޅެއްގައި ޢަރަބިން އެ ލިޔާއެއްޗެއް ލިޔުމަށްފަހު އިދިކޮޅު ގޯލުގެ ދަނޑިއެއްގެ ބުޑުގައި ވަޅުލީއެވެ. އެއަށްފަހު އެ ގޯލަށް އަމާޒުވާ އެއްވެސް ބޯޅައެއް ކީޕަރަކަށް މަތައެއް ނުކުރެވޭނެކަމަށް ވެއެވެ. އެހެން އެދުހު ހެދުމަށްފަހު ކުޅުނެވެ. ނަމަވެސް ބުނިއެއްވެސް އެއްޗެއް ދިމަލެއް ނުވެއެވެ. ބޯޅަ މަތަވެސް ކުރެވެއެވެ. ލަނޑެއްވެސް ނުޖެހުނެވެ.

އެރޭ ނިދާފައި އޮއްވާ ދޮންބެއަށް ބިރުވެރި ހުވަފެނެއް ފެނުނެވެ. އެހުވަފެނުން އެނގުނުގޮތުގައި ދޮންބެ ހިރިގާކޮޅުގައި ލިޔުނު އެއްޗެއްގެ އަކުރެއް އޮތީ ނުބައިކޮށް ލިޔެވިފައެވެ. އެހެންކަމުން އެޖިންނި ދޮންބެއާ އަވަލެވީއެވެ. އޭތި ބޭނުންވަނީ ދޮންބެގެ ދުވަސް ދުއްވާލާށެވެ.

އެހުރިހާ ވާހަކައެއް ދޮންބެ ކިޔައިދީ ނިމުނުއިރު އަހަރެން ހުރީ ފަންޑިތައިގެ ހުންނަ ގެއްލުމާ ނުރައްކާތެރިކަން ހިތަށްއަރާ ފަންޑިތަދެކެ ވަރަށް ބިރުގަނެފައެވެ.

“ދެން ކިހިނެއް ހަދަން ޖެހޭނީ؟” އަހަރެން ދޮންބެކައިރީ އެހީމެވެ.

“އޭތި މަގޭ ދުވަސް ދުއްވާލުމުގެ ކުރިން މަށަށް ޖެހޭނީ އޭތީގެ ދުވަސް ދުއްވާލަން” ދޮންބެގެ މޫނުމަތިން ފެންނަމުން ދިޔައީ ސާބިތު ކަމާ ޖެހިލުން ކުޑަކަމެވެ. ނަމަވެސް އަހަރެންގެ ބުއްދި ގަބޫލެއް ނުކުރެއެވެ. ދޮންބެއަށް ޖިންނިއެއްގެ ދުވަސް ދުއްވާލެވޭނީ ކިހިނެއް ހެއްޔެވެ؟

“އެ ކިހިނެއް؟” އަހަރެން އެހީމެވެ.

“އެހުރިހާ ކަމަކަށް މި އަންނަނީ ތައްޔާރު ވަމުން. މިކަންތައް ޖެހުނުކަން އެނގުނީމަ ޝިފާޒުއަށް މިވާހަކަ ކިޔާދިނިން. އޭނަގެ ކާފަގެ ފޮތްތައް ހާވައިގެން އިންނާނެ ވަރުގަދަ ފަންޑިތައެއް ހޯދާފަ. އޭގަހުރި އެއްޗިހި ތައްޔާރުކުރަން މިހާ ދުވަސް ނެގީ. އެކަމަކު މިރެޔަކީ ފަހުރޭ. އެފަންޑިތަ ހަދަންޖެހޭނީ މާދަން ހެނދުނު އިރުއަރާ ވަގުތު. އެކަން އެޖިންނިއަށްވެސް އެނގޭނެ. އެޖިންނި މަގޭ ދުވަސް ދުއްވާލަން އެއުޅެނީ އެހެންވެ. މިރޭ އޭއްޗަށް ކާމިޔާބު ނުވެވިއްޖިއްޔާ މަށަށް އޭތި އަންދާލެވިދާނެ.” ދޮންބެ އެ ބުނިއެއްޗަކުން ޖޯޝުން އަހަރެންގެ ހަށިގަނޑު ފުރިގެން ދިޔައެވެ. ދޮންބެ އެއުޅެނީ އެ ޖިންނި އަންދާލަން ހެއްޔެވެ؟ އެވެސް އެކަނި ހެއްޔެވެ؟

“ކިހިނެއް އަންދާލަނީ؟” އަހަރެން ކެތްތެރިކަން ކުޑަވަނީއެވެ.

“އެޔެއް އެނގޭނެ މާދަން ހެނދުނު. އާލިމް ޖެހޭނެ މަށާއެކީ އެގަޑީ ފުރާޅަށް އަރަން.” އަހަރެން ބޯޖަހާލީމެވެ. “މާދަން ހެނދުނު ނުކުރެވިއްޖިއްޔާ އެނިމުނީ. މަގޭ ދުވަސް ދާނެ. އަނެއްކާ މިރޭ މަ ނިދާފިއްޔާ ހުވަފެނުންވެސް މަގޭދުވަސް ދުއްވާލަން އުޅޭނެ.”

އަހަރެން ބިރުން ހަލާކުނުވެހުރީ ކިރިޔާއެވެ. އެރޭ އަހަރުމެން ދެމީހުން ނުނިދާ ހޭލާ ތިބެން އުޅުނީމެވެ. އެހެން އަހަރެންނަށް އޮވެވުނީ ކިހާއިރަކު ކަމެއް ނޭނގުނެވެ. ހޭލެވުނީ ފަތިހު ދޮންބެ ގޮވާއަޑަށެވެ.

“ތީ ހޭލާ ހުންނަން ބުނި މީހާ؟” ދޮންބެ ދިމާކޮށްލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭރު އަލިވާން ފަށައިފިއެވެ. އަހަރެން ދޮންބެގެ ފަހަތުން ތެދުވެގެން ގިފިއްޔަށް ދިޔައީމެވެ. އަނެއްކާ އެއްކަލަ ގަނޑުކޮޅު ހިފައިގެން އައިސް އޭގައި ކުރަހާފައި އިން އަކައެއް ގަލަމުން އަހަރެންގެ އަތުގައި ކުރަހައިދިނެވެ.

“އެޖިންނީންނަށް މިހާރަކު އަހަރުމެން ދެމީހުންނެއް ނުފެންނާނެ. ދައްކާ ވާހަކައެއްވެސް އަޑެއް ނީވޭނެ. މިހެން ނަހަދާފިއްޔާ އަހަރުމެން މިކަން ކުރުމުގެ ކުރިން ދުވަސް ދުއްވާލާނެ. ” ދޮންބެ އެހެން ބުނެފައި ބޭރަށް ނިކުމެގެން ދިޔައެވެ. އަހަރެންވެސް ދޮންބެގެ ފަހަތުން ދިޔައީމެވެ. ވަރަށް ސިއްރު ސިއްރުން ފެންޑާއަށް ނިކުމެ ގޭގެ ހުޅަނގުފަރާތަށް ދިޔައީމެވެ. އެތާހުރި ދޮންވެލިފުނީ މަތިން އަނެއްކޮޅަށް ގޮސް ބިއްދަށު ފާރުކައިރީ ދަގަނޑުން ފެންތާންގި ބަހައްޓަން އުސްކޮށް ހަދާފައި ހުރި ކޮށްޓަށް އަރަން ދިޔައީމެވެ. ވަރަށް ބަލައިގެން ދަގަނޑުތައް މަތިން އަރައިގެންގޮސް ފުރާޅަށް އަރައިފީމެވެ.

އަޑެއްބަޑެއް ނުލައްވާ މަޑުމަޑު ފުރާޅުމަތިން ގޮސް ދެފުރާޅު ފައްތަރުވީ ހިސާބުގައި އަޅާފައިހުރި ފަތި ޓިނުގަނޑު ހިއްލާލާފައި ނެގީ ލަކުޑި ފޮއްޓެކެވެ. އެފޮށީގެ މަތީގައިވެސް އަހަރެންގެ އަތުގައި ކުރަހާފައި ހުރި ކަހަލަ އަކައެއް ކުރަހާފައި ހުއްޓެވެ. އެއީ އެފޮށި ޖިންނީންނަށް ގެއްލުވާލަން ކޮށްފައި ހުރިކަމެއްކަން އަހަރެންނަށް އެނގުނެވެ. އޭރުވެސް އަހަރެންނަށް ދެކޮޅު ހޯދާލެވެއެވެ. ޖިންނީގެ ހިލަމެއްވޭތޯއެވެ. ގޭބޮއްދަށުގައި ބިޔަކޮށް ހެދިފައި ހުރި ފުނަވަލަށް ބެލުނު އަދަދެއް ނޭނގެއެވެ. ހީވަނީ ދެންމެ ދެންމެ ގަސްތަކުގެ ތެރެއިން ނިކުމެދާނެ ހެނެވެ.

ދޮންބެ އެފޮށި ހުޅުވާލާފައި އޭގެތެރޭގައި ފާޑެއްގެ ފެނެއް އަޅާފައި ހުރި ކުޑަ ޓައިގަރުބާމޫ ހުސްކުރި ފުޅިއެއް ނެގިއެވެ. އޭގެތެރޭގައި ހުރީ މޫނިމާއަޅާފައި ހުރި ކިރު ކުލައެއްގެ ފެނެކެވެ. ދޮންބެ އަހަރެންގެ މޫނަށް ބަލާލާފައި އޭގެތެރެއަށް އިނގިލިކޮށްޕާފައި ނެގީ އެފެނުން ފޯކޮށްފައި އޮތް ތަވީދެކެވެ. ނަގާ އަނގައަށްލިއެވެ. މިހާރުގެ މީހުން ދުންފަތްގަނޑެއް ލާހެނެވެ. އަހަރެން ހަމަ އަނގަނަގައިގެން ހުރީއެވެ. ވާނުވާ ނޭނގިފައެވެ. ދޮންބެ ހަދާ މޮޅެތި އެއްޗިހި ފެނި ބަސްހުއްޓިފައެވެ.

އެއަށްފަހު ދޮންބެ އެ ފޮށީއަޑީގައި އިން ކުޑަ ނޯޓްފޮތެއް ނެގިއެވެ. އޭގެ ގަނޑުތައް އުކަމުން އުކަމުން ގޮސް ވަކިހިސާބަށް ގޮސްފައި ހުއްޓުނެވެ. އަދި އެފޮށީގައި އޮތް ގަލަން ނަގައި އޭގައި ހުރި އަކައެއް އެއްއަތުގައި ކުރަހާލިއެވެ. އެއަށްފަހު އަނެއް އަތުގައި އޭގައި ލިޔެފައި ހުރި ޢަރަބި ލިޔުންކޮޅެއް ލިޔެދޭން އަހަރެންނަށް އިޝާރާތްކޮށްލިއެވެ. އަހަރެން އޭގައި އިން އަކުރުން އަކުރަށް ފިލިން ފިއްޔަށް ދޮންބެގެ އަތުގައި ފަރުވާތެރިކަމާއެކު ލިޔެދިނީމެވެ. އެންމެ ފިއްޔެއް ތަފާތުވިޔަސް ދެމީހުންގެ ދުވަސް ދާނެވާހަކަ ދޮންބެ ކަންފަތްކައިރީ މަޑުމަޑުން ބުންޏެވެ. ބިރުން ހުރެ ލިޔެ ނިންމާލީމެވެ. އެއަށްފަހު މަޑުކޮށްގެން ތިބީ ވަގުތުއައިސް ޖެހެންދެނެވެ.

އިރުކޮޅަކުން ދޮންބެ އިނގިލި ދިއްކޮށްލީ ޖެހިގެންހުރި ގެއާދިމާލު މައްޗަށް އުޑާދިމާލަށެވެ. ދޮންބެގެ އަތުގައި ތުރުތުރެއް ހުއްޓެވެ. ދޮންބެ ހުރީ ބިރުން ހަލާކުވެފައެވެ.

“އެހެރީ އޭތި… ދޮންބެގެ ދެފައިކޮޅުގައި ތުރުތުރު ލަމުން ދިޔައެވެ. އަހަރެން ބަލާބަލާވެސް އެއްވެސް އެއްޗެއް ނުފެނެއެވެ.

“ކޮބާ.. މަށަކަށް ނުފެނޭ..” މަޑުމަޑުން އަހަރެން ބުނީމެވެ.

“މަށަށްއެކަނި ފެންނާނީ..” އަނގައިގެ ތެރޭގައި އޮތް ތަވީދަށް އިޝާރާތްކުރަމުން ދޮންބެ ބުނެލިއެވެ. “އިރުއަރާ ވަގުތު އޭގެ ކުލަ ބަދަލުވާނެ، އެވަގުތު “ޓަސް” ދުވަސް ދުއްލާނާނަން” އާ ހިއްވަރަކާ ޖޯޝަކާއެކު ބުނެލިއެވެ. އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފަ ކުޅިބަލާށެވެ.

“އެ ބަދަލުވަނީ” އިރުކޮޅަކުން ދޮންބެ ބުނެލިއެވެ. ދޮންބެގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. “ދޭތިން އެކަތި، އަހަރުމެން ނޫނީ އޭތި..” އެހެން ބުނެލުމަށްފަހު ފުންކޮށް ނޭވާ ލާންފެށިއެވެ. ދެފަހަރަކު އަހަރެންނަށް ބަލާލީ މަރު ކުރިމަތިން ފެނުމުން ބަލާލާކަހަލަ ގޮތަކަށެވެ. ވަދާޢީ ބެލުމަކުންނެވެ. އަހަރެންގެ ފައިން ވާގި ދޫވެގެން ދިޔައެވެ. ދޮންބެ ހުރީ ވަރަށް ދެރަވެފައެވެ.

“ސޮރީ” އެލަފްޒު ދޮންބެގެ އަނގައިން ނިކުތީ ވަރަށް ހިތްވަރުންނެވެ. ދޮންބެއަށް ކުރެވުނު ހުރިހާ ކަމަކަށް މާފަށް އެދުމަށްފަހު ދަތްކުނޑި ވިކާލާފައި އަޑުގައި ނެތްތަނަށް ހަޅޭލަވައިގަންނަމުން ގައިގާހުރި ބާރަކަށް ދެއަތްތިލަ ޖެހިއެވެ. އެއާއެކު ދޮންބެގެ ލޯމަތީ އަތްއަޅާ ނިވާކޮށްލިއެވެ. އަހަރެން އެދިމާލަށް ބަލާލީމެވެ. އެއްވެސް އެއްޗެއް ނުފެނެއެވެ.

ދޮންބެ އުފަލުން ހޭން ފެށިއެވެ. “އެ ޖިންނި އެއޮށް އަނދާ ހުލިވަނީ..” އުފަލުން ފުރާޅުމަތީ ފުމެން ފެށިއެވެ. އަހަރެންނަށްވެސް “ޔެސް” އޭ ބުނެލެވުނެވެ. އުފަލުން ނުރޮވުނީ ކިރިޔާއެވެ. ބޮޑު ޖިންނިއެއްގެ ފަރާތުން ސަލާމަތް ވެނުނީއެވެ.

ވަގުތުން ދޮންބެ ގޮސް އެފޮށި ހުޅުވާލާ އޭގައި އޮތް ފޮތް ނެގިއެވެ. އެއަށްފަހު އެތައް އިރަކު އެއަށް ބަލަން ހުއްޓެވެ. އެންމެ ލޯބިވާ ކުޅޭއެއްޗަކަށް ކުޑަކުއްޖެއް ބަލާހެނެވެ. އެއަށްފަހު ފޮށީގައި އޮތް ލައިޓަރު ނަގާ އެފޮތުގައި ހުޅުޖެހިއެވެ. އަނދަމުން ދިޔައިރު އެއަށް ބަލައިގެންހުރެ ބުންޏެވެ.

“ފަންޑިތައަކީ ބާރުގަދަ އެއްޗެއް.. އެކަމު މޮޅު އެންމެ ކަމެއް ކޮށްލާފަ މަރުވުމަށްވުރެ ފަންޑިތައާ ނުލާ މޮޅު އެތައްކަމެއް ކުރިއްޔާ މާ ރަނގަޅުވާނެ..”

ފަންޑިތައާ އަބަދުގެ އަބަދަށް ދޮންބެ ސަލާންކިޔަމުން އެ ފޮށިވެސް އަންދާލިއެވެ. އަހަރެން ދޮންބެގެ ހިތްވަރުގަދަކަމަށްޓަކާ އަބަދުވެސް ފަޚުރުވެރިވެއެވެ. އެވާހަކަ އެކަކަށް ނޭގުނު ކަމުގައި ވިޔަސް އެނގުނުމީހެއްގެ ޙައިސިއްޔަތުން އަހަރެންގެ އަބަދުގެ ހީރޯއަކަށް ދޮންބެ ވިއެވެ.

ދެމީހުން ފުރާޅުން ފައިބައިގެން ދިޔައީ ވަރުބަލިކަމާ އެކުއެވެ. ބޮޑު ހަނގުރާމައަކުން ފަތަޙަ ލިބިގެން އައި ކަހަލަ އިޙްސާސެއް ކުރެވުނެވެ.

“މި ނިމުނީ ދޯ ދެން” އަހަރެން ވަރުބަލިކަމާއެކު ނޭވާއެއް ދޫކޮށްލަމުން އެހީމެވެ.

“މި އަންދާ ލެވުނީ ޖިންނިއެއް.. އޭގެ ޢާއިލާ އެކަމުގެ ބަދަލު ހިފަން އަންނާނެ!” އަހަރެންގެ ހިތް ތުރުތުރުލައިގެން ދިޔައެވެ. ދޮންބެ އެއްލޯ މަރާލަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ.

-ނިމުނީ-

2
0
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

3 ކޮމެންޓް - ލިޔުން: ”ހީރޯ“

Leave a Reply

Your email address will not be published.