ލޯބީގެ

މަގެލޯތްބާ މަގެޔާރު

ނާހީ އާއި ފާސިރުގެ ކައިވެނި ރޫޅުނުވާހަކަ ޖަމްނާއަށް އަޑުއިވުނީ އޭނާ ރާއްޖެއައިތާ ދެވަނައަށް ވީ ދުވަހުއެވެ. ނާހި އާއި ފާސިރުގެ ކައިވެނިރޫޅުނު ވާހަކަ އަޑުއިވުން ވެގެންދިޔައީ ޖަމްނާއަށް ލިބުނު ވަރަށްބޮޑު ހައިރާން ކަމަކަށެވެ. ގަބޫލުކުރަން ދަތިވި ހަބަރަކަށް ވެސް ވިއެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ފާސިރަށް ފޯނުކުރާށެވެ. ފާސިރުގެ އަނގައިން އެވާހަކަތައް އަޑުއިވުމުން ނޫނީ އެވާހަކަތައް ގަބޫލުކުރާކަށް ޖަމްނާ ބޭނުމެއް ނުވިއެވެ.

ޖަމްނާ އަވަސް އަވަހަށް ފާސިރަށް ގުޅާލިއެވެ. އެހެނަސް ފާސިރު ފޯނެއް ނުނަގައެވެ. އެކަމުގެ ސަބަބުން ޖަމްނާގެ ހައިރާންކަން އިތުރުވެގެން ދިޔައިރު، ފާސިރު ފޯނު ނަގާތޯ އެހެން ވެސް ދެތިން ފަހަރަކު ފޯނުކުރިއެވެ.

ކުއްލިއަކަށް ތެޅިގަނެފައި ޖަމްނާ ރަށަށްދާން އުޅެންފެށުމުން އޭނާގެ މައިންބަފައިންނަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔަ އެވެ. އެކަމާބެހޭގޮތުން ތަކުރާރުކޮށް ސުވާލުކުރަން ފެށިއެވެ. އެހެނަސް އެސުވާލުތަކަށް ޖަވާބުދޭކަށް ވެގެންއުޅޭގޮތް ކިޔައި ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ހުރިހާ ވެސް އެދުމަކީ އޭނާ ރަށަށް ފޮނުވައިދިނުމެވެ.

އޭނަގެ ފޯނަށް ފާސިރު ޖަވާބު ނުދިން ނަމަވެސް، ފާސިރުއާ އޭނާ ބައްދަލުކުރުމުން އޭނާގެ ސުވާލުތަކަށް ޖަވާބު ނުދީއެއް ފާސިރަކަށް ނުހުރެވޭނެއެވެ. އެސުވާލުތަކުގެ ޖަވާބު ނުލިބެނީސް ޖަމްނާއަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ހެނދުނު ހަތެއް ޖަހަނީއެވެ. މާލެދަތުރުކުރާބޯޓު މާލެއިން އައިސް ރަށުގެ ބަނދަރު ތޮށިގަނޑާއި ގާތްކޮށްލުމާއެކު މީހުންތައް އެއްގަމަށް ފައިބަން ފެށިއެވެ. މާލެއިން އައި މީހުންނާއި އެބައިމީހުނަށް މަރުހަބާ ކިޔައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އައިސްތިބި މީހުން ވަރަށް ގިނައެވެ. އެއްފަހަރާ ގިނަބަޔަކު ވާހަކަދައްކަމުންދާތީ ކިޔާ ނުކިޔާއެއްޗެއް ސާފުނުވާ ފަހަރު ވެސް މަދެއް ނޫނެވެ.

ޖަމްނާ ދޯނިން ފޭބުމާއެކު އޭނާގެ ބޮޑުދައިތަ ސުލައިމާނާ އައިސް އޭނާއާ ސަލާންކޮށްލާ ހާލުއަހާލިއެވެ. ކޯހުގެ ކަންތައް ދިޔަގޮތާއި މަންމަމެން ކޮބައިތޯ ވެސް އެހިއެވެ.

ފާސިރާއި ޖަމްނާ ބައްދަލުކުރީ ފާސިރުގެ ގެއިންނެވެ.

ފާސިރަށް ޖަމްނާ ފެނުމުން ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައިރު، އެއްފަހަރާ އެތައް ސުވާލެއް ވެސް ހިތުގައި އުފެދުނެވެ. އެންމެފުރަތަމަ ސުވާލުކުރަން ބޭނުންވީ ފާސިރު ނަމަވެސް، އޭގެކުރިން ޖަމްނާ ވާހަކަދައްކަން ފެށިއެވެ. ހާލުއަހުވާލު އަހާލުމަކުން ފެށުނު ވާހަކަތައް މެދުކަނޑާލީ އެތައްސުވާލެއް ކުރަމުންނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިއެވެ.

ޢީދުކުޅިވަރުތަކުގެރެއިން އެންމެގިނަބަޔަކަށް އެންމެބޮޑު ސަމާލުކަން ދެވުނީ ޢީދުޝޯވ އަށެވެ. ފާސިރުގެ އެންމެ ދުވަސްވީ އެންމެ ގާތް ރަހުމަތްތެރިޔާ ނާހީ ލަވަކިޔާން ސްޓޭޖަށްއެރުމުން ފާސިރުގެ ސަމާލުކަން އިތުރުވިއެވެ. އަދި ނާހީ އަށް ހިތްވަރުދީ ސަޕޯޓްދޭން ފެށިއެވެ.

“ފިނިފިނި ރޯޅިވަޔާއި ….. ވަނީ ހިތްގަޔާއޭ ….. މަގެލޯތްބާ މަގެޔާރު ” ފާސިރާއި ދިމާއަށް އިސާރާތްކޮށްލަމުން ކަހަލަގޮތަކަށް ނާހީ ކިޔާންފެށިލަވައިގެ ސަބަބުން ފާސިރު ދިޔައީ ތެޅިގަނެގެންނެވެ. އެއާއެކު ނާހީ އާއެކު ލަވަކިޔާން އެހެރީ ފާސިރަށް ވީނަމައޭ ވެސް ހިތަށް އެރިއެވެ.

ނާހީ އާއި ހަސަންގެ ލަވަނިމުމާއެކު ތަރުހީބުގެ އަތްތިލަބަޑިން މުޅިތަން ގުގުމާލިއެވެ. އެހެން އެއްވެސް ލަވަޔަކަށް ނުލިބޭ ވަރަށް އެލަވަޔަށް ތަރުހީބުލިބުމުން ފާސިރު ވެސް ވަރަށް އުފާވެ ހިތްހަމަޖެހުނެވެ. ރިޒޫއާ އެއްފެންވަރަށް ނާހީއަށް އެލަވަ ނުކިޔުނު ނަމަވެސް ރިޒޫ އާ ވާދަ ކުރެވިދާނެކަމުގައި ފާސިރަށް ގަބޫލުކުރެވުނެވެ.

ލަވަކިޔާ ނިންމާލާފައި ނާހީ އައިސް ފާސިރުގާތަށް ހުއްޓެމުން ބުނީ ވަރަށް ކަރުހިއްކައިފި ކަމަށާއި ފިނިއެއްޗެއް ބޯލާން ބޭނުންވާ ކަމަށެވެ.

ނާހީ އާއި ފާސިރު ދިޔައީ އެތަނާއި މާދުރުނޫން ހިސާބެއްގައި ހުރި މިޔަހެލި ކޮފީސޮޕަށެވެ.

ކޮފީޝޮޕްގައި ތިބެގެން ފާސިރާއި ނާހީ ވާހަކަދައްކަމުންދިޔަ ދިއުމުގައި ނާހީގެ ލަވަޔާއި ބެހޭގޮތުން ވެސް ވާހަކަ ދެކެވުނެވެ. އެގޮތުން ނާހީގެ އެލަވަޔަކީ ފާސިރަށް އޭނާ ކިޔައިދިން ލަވަޔެއްކަމާއި އެކަމާމެދު ބުނަނީ ކީކޭތޯ ނާހީ ސުވާލުކުރިއެވެ. އޭގެ ޖަވާބުގައި އެލަވައިގެ އަނެއްބައި ފާސިރު ކިޔާލީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ފާސިރު އެކަންކުރީ މަޖަލަށްކަން ނާޙީއަށް ވިސްނުމުން އެކަމާމެދު އޭނާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

ފާސިރާއި ނާހީ އެތަނުގައި ގަޑިއެއްގެ ހާއިރު މަޑުކުރުމަށްފަހު އަނެއްކާ ވެސް ދިޔައީ ސްޓޭޖް ސަރަހައްދަށެވެ.

ޢީދުކުޅިވަރުތަކުގެތެރެއިން އެންމެގިނަމީހުންގެ ސަމާލުކަން ލިބިގެންދިޔަ ޢީދުސޯވ ނިމުނީ އެރޭގެ ބާރަ ވެސް ޖެހި ފަހުންނެވެ. ސޯވ ނިމުމުން އެހެންމީހުންނެކޭ އެއްފަދައިން ފާސިރު ވެސް އައީ ގެއަށެވެ.

ނިދޭތޯ މަސައްކަތްކުރަމުންދިޔަ ފާސިރު ސިއްސައިގެން ދިޔައީ ފޯންގެއަޑަށެވެ. އަވަސް އަވަހަށް ފޯނުނަގައި ބަލާލިއިރު ނާހީ މެސެޖެއް ފޮނުވީއެވެ.

“ފިނިފިނި ރޯޅިވަޔާއި …. ވަނީ ހިތްގަޔާއޭ …. މަގެލޯތްބާ މަގެޔާރު ” ފާސިރު! ސީރިއަސްކަމާއެކު އަހަރެންގެ މިހުށަހެޅުން އަޑުއަހައި ޖަވާބެއް ދީބަލަ. މީ ހަމަ ޙަޤީޤަތް. އަހަރެން ބޭނުން ފާސިރު އާ މެރީކޮށް އުފާވެރި ހަޔާތެއް ވޭތުކުރާން. އަޅެ ޕްލީސް. ސީރިއަސްވެ ބަލަ. ” ނާހީ ކޮށްފައިވާ މެސެޖްކިޔާލުމާއެކު ފާސިރަށް ލިބުނީ ހައިރާންކަމެވެ. އެހެނަސް ހިތްހަމަޖެހި އުފާވެސް ވިއެވެ. ހާމަ ނުކުރި ނަމަވެސް ފާސިރާއި ނާހީގެ މެދުގައިވާ ޒަމާންވީ ގާތްރަހުމަތްތެރިކަން ފިޔަވާ އެހެންގުޅުމެއް ވާކަމުގައި ފާސިރަށް އަބަދު ވެސް ގަބޫލު ކުރެވެމުން ދިޔައެވެ.

ފާސިރާއި ނާހީގެ މެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައީ ނާހީ އިސްވެ ހުށަހެޅި ހުށަހެޅުމާއި ގުޅިގެންނެވެ. އެކަމުގައި އެންމެބޮޑުރޯލެއް އަދާކުރި ފަރާތަކީ އެދެމީހުންގެ ވެސް އެންމެއެކުވެރި ޖަމްނާއެވެ.

އަލަތުކައިވެންޏާއިއެކު ފާސިރާއި ނާހީގެ ފަރާތުން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ.

އުފަލާއި ހިތްހަމަޖެހުމާއެކު، ފާސިރާއި ނާހީ އުފާ ފާގަތި ދުވަސްތަކެއް ވޭތުކުރަމުން ގެންދިޔައެވެ. ފާސިރާއި ނާހީގެ އުފާވެރި ދިރިއުޅުންފެނި އެދެމަފިރިންގެ ޢާއިލާމެންބަރުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ރަށްކައިރީ ތަރައްޤީކުރަމުންދިޔަ ރިޒޯޓްހުޅުވައި އެތަނުން ވަޒީފާ ހަމަޖެހުމުން، ރަށުގެ އެހެން ވެސް ގިނަޒުވާނުން ފަދައިން ފާސިރު ވެސް އެރިޒޯޓްގެ ވަޒީފާއަށް ދިޔައެވެ. ލިބެމުންދިޔަ ރަނގަޅު އާންމުދަނީއާއެކު އަވަސް އަވަހަށް ރަށަށް އާދެވޭތީ ފާސިރެކޭ އެއްފަދައިން ނާހީ ވެސް ވަރަށް އުފާވެ ހިތްހަމަޖެހުނެވެ.

ފާސިރުމެން ރަށާއި ކައިރިން ހުޅުވުނު ރިޒޯޓްގައި މަސައްކަތް ކުރަމުންދިޔަ އެހެން އަތޮޅުތަކުގެ މީހުންނާއި އެއަތޮޅުގެ އެހެން ރަށްރަށުގެ މީހުން ވެސް މަދުމަދުން ފާސިރުމެން ރަށަށް އަންނާން ފެށިއެވެ.

ފާސިރާއި ނާހީގެ އަހަރެއްހާ ދުވަސް ވެގެން ދިޔައިރު، ދެބަސްވުމަކާއި ހަމައަށް ދާން ޖެހޭވަރުގެ މައްސަލައަކާއި ކުރިމަތިލާން ނުޖެހުމަކީ ދެމަފިރިންނަށް ވެސް ލިބިފައިވާ އެންމެބޮޑު ހިތްހަމަޖެހުމެވެ. އެންމެބޮޑު އުފަލެވެ.

ނާހީ އަކީ އިންޓަރނެޓްފަދަ ޒަމާނީ ޓެކްނޮލޮޖީއަށް ވަރަށް ޝައުޤުވެރިކަންހުންނަ ޒުވާނަކަށް ވާތީ ކައިވެންޏަށްފަހު ވެސް އޭނާގެފަރާތުން ކޮންމެވެސްވަރަކަށް އެކަންތައް ފެންނަމުން ދިޔައެވެ. މިގް ތާރޓީތްރީ އާއި ފޭސްބުކް ފަދަ ތަކެއްޗަކީ ފާސިރު އެހާ ގަޔާވާ އަދި ހިތްހަމަޖެހޭ ތަކެއްޗަށް ނުވާތީ ނާހީ މަޑުމަޑުން އެކަމާ ދުރުވަމުން ދިޔައެވެ.

ނާހީ އަކީ ފިރިމީހާގެ ބަސްއަހާ އަހުލާގު ރަނގަޅު މަޑުމައިތިރި ބަސްމަދު ކިޔަމަންތެރި އަންބެއްކަމުގައި ރައްޓެހިން ކައިރީ ފާސިރު ބުނަމުން ދިޔައީ ފަހުރުވެރިކަމާއެކު އަނބިމީހާއަށް ތަޢުރީފުކުރާ ފަދައަކުންނެވެ.

ހޮނިހިރުދުވަހެއްގެ މެންދުރުފަހު ދޭއްޖަހާކަން ހާއިރެވެ. ފާސިރު ކޮޓަރީގައި އުޅެނިކޮށް ހަސަން އައިސް ފާސިރަށް ގޮވާލައި އައިސްބަލާށޭ ބުންޏެވެ. ހަސަނަކީ ފާސިރުމެން ރަށު ޒުވާނެކެވެ.

ފާސިރާއި ހަސަން ވާހަކަދައްކަމުން ދައްކަމުން ގޮސް މަޑުކޮށްލީ ޑައިވިންގްސުކޫލާއިދިމާ އެއްގަމުގައެވެ.

ފާސިރު ގޮވައިގެން ހަސަން އެތަނަށްއައީ ވަރަށް މުހިންމު އެހާމެ ސިއްރުވާހަކައެއް ދައްކާންކަމަށް ބުނެ،  ހަސަން އޭނާގެ ވާހަކަ ކުރިޔަށްގެންދާން ފެށިއެވެ.

ހަސަންގެ ވާހަކަތަކުގެ ސަބަބުން ފާސިރު ވަރަށް ރުޅިއައެވެ. އެހެންވެ އެކަމާ ނުރުހުން ފާޅުކޮށް ހަސަންއާ ދިމާއަށް ވަރަށް އެއްޗެތިކިޔެވެ. ނާހީ އަކީ ހަސަން ހީކުރާކަހަލަ މީހެއް ނޫންކަމަށްބުނެ، އޭނާ އޭނާގެ އަންހެނުންނަށްކުރާ އިތުބާރު ނަގާލާ އެދެމަފިރިން ދުރު ކުރާން ނޫޅެ އަނގަމަޑުންލައިގެން ހުރުމަށްބުނެ އިންޒާރު ވެސް ދިނެވެ.

ފާސިރު ބޭނުންވި ހުރިހާއެއްޗެއް ހަސަންއާ ދިމާއަށް ކިޔާލިއިރުވެސް ހަސަން އަނގައަކުން ނުބުނެއެވެ. ރުޅިއެއް ވެސް ނާދެ އެވެ. އެހެންކަމުން ފާސިރަށް ގަބޫލުކުރެވުނީ އޭނާ މޮޅުވީކަމަށެވެ. ހަސަން ދެއްކީ ދޮގުވާހަކަތަކެއްކަން ހަސަނަށް ގަބޫލުކުރެވުނީ ކަމަށެވެ.

ހަސަންގެ ވާހަކަތައް ގަބޫލުކުރާން އުނދަގޫވާނެކަމަށް ބުނަމުން ހަސަންގެ ފޯނުން ދައްކާލި ފޮޓޯއާއެކު ފާސިރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަބޫލުކުރާން ދަތިވެގެން ކަހަލަގޮތަކަށް ތަކުރާރުކޮށް އެތައްފަހަރަކު އެފޮޓޯއަށް ބެލިއެވެ. އެއާއެކު ފާސިރުގެ އަނގަ ބެދުނެވެ. ވިސްނުން ބަދަލުވިއެވެ.

ހަސަންގެ ވާހަކަތައް ގަބޫލުކުރާން މަޖުބޫރުވުމުން ފާސިރު އެވާހަކަތައް ގަބޫލުކުރިއެވެ. ފޯނުގައިވާ ފޮޓޯތައް ވަރަށް ރަނގަޅަށް ބަލައި އޭނާއަށް ފެންނަމުންދިޔަ މަންޒަރުތައް ޔަގީންކުރިއެވެ. ގަބޫލުކުރާން ދަތިވި ނަމަވެސް، ގަބޫލު ކުރާން ބޭނުންނުވި ނަމަވެސް އެއީ ޙަޤީޤަތެވެ. އެހުރިހާ ފޮޓޯއެއްގައި ވެސް ވަނީ ނާހީ އެވެ. ފާސިރު އެންމެލޯބިވާ އަދި އެމީހަކަށް ޓަކައި ފާސިރު ފަހުރުވެރިކަމާއެކު ވާހަކަ ދައްކަމުންދާ އޭނާގެ އަންހެނުން ނާހީ އެވެ.

ބުރުގާ އަޅައިގެންނާއި ބުރުގާ ނަގައިގެން ނަގާފައިވާ ފޮޓޯތަކުގެ އިތުރުން ނިވާކަންކުޑަ ބައެއް ފޮޓޯ ވެސް ހުއްޓެވެ.

އެހުރިހާ ފޮޓޯތަކަކީ ވެސް އެތަނުގައި މަސައްކަތްކުރަމުންދާ އަދުހަމްގެ ފޯނުން ހަސަން ނަގާފައިވާ ފޮޓޯއެވެ. އޭގެތެރެއިން ގިނަ ފޮޓޯއަކީ ފޭސްބުކްފަދަ ވަސީލަތެއް ބޭނުންކޮށްގެން ފޯނުން ނަގާފައިވާ ފޮޓޯތަކެއްކަން ވެސް އެފޮޓޯތަކަށް ބެލުމުން އެނގުނެވެ.

ފޮޓޯތައް ބަލާ ނިމުނުއިރު ފާސިރުހުރީ ރުޅިއައިސް ހަމައިން ނައްޓާގޮތް ވެފައެވެ. ހަމަމިހާރު ދާގޮތަށް ގޮސް އަދުހަމްގެގައިގާ ތަޅައިގަތުމަށާއި ނާހީ ވަރިކުރުމަށް ނިންމިއެވެ. އެފަދަ ބޭވަފާތެރި މަކަރުވެރިއަކަށް ކަމުދާނީ އެގޮތްކަމަށް ވެސް ނިންމިއެވެ.

ކަންތައްކުރުމަށް ފާސިރު ނިންމިގޮތް ހަސަނަކަށް ކަމަކު ނުދިޔައެވެ. ކެތްތެރިވެ ހަމަޖެހުމަށާއި ވިސްނުން އިސްކުރުމަށް ބުނަމުން، ކަންތައް ކުރަންވީގޮތް ބުނެދިނެވެ. އިރުކޮޅަކު ވިސްނާލުމުން އެގޮތް ފާސިރަށް ވެސް ކަމުދިޔައެވެ.

ޖެހިގެންއައި ދުވަހު ހަވީރު އަދުހަމް އޭނާގެ ރަހުމަތްތެރި އާފިއުއާއެކު ފާސިރުމެން ރަށަށް ހިނގައްޖެއެވެ.

އަދުހަމް އެރަށަށް ދިއުމާއެކު ފާސިރާއި ހަސަން އެމީހުންގެ ރޭވުން ކާމިޔާބުކުރުމުގެ މަސައްކަތް ފެށިއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުންއަލިވެ އެކެއްވެސް ޖަހައިފިއެވެ. ފާސިރުމެން ރަށަށްދިޔަކަމެއް އެހެން މީހުންނަކަށް ނޭނގެ އެވެ. ފާސިރާއި ހަސަން ގޮސް އާފިއުމެން ގެ ބެލިއިރު، އާފިއު ނިދާފައި އޮތްނަމަވެސް އަދުހަމެއް އެގެއަކު ނެތެވެ.

ފާސިރާއި ހަސަން އެމީހުންގެ ރޭވުމާއިއެއްގޮތަށް ޕޮލިހުންގެ ދެބޭކަލުން ގޮވައިގެން ފާސިރުމެން ގެއަށް ދިޔައެވެ. ހަސަނާއި ޕޮލިހުންގެ ބޭކަލުން ބޭރުގައި ބޭތިއްބުމަށްފަހު، ގޭދޮރުހުޅުވައިގެން ފާސިރު ގޭތެރެއަށް ވަދެގެންދިޔަނަމަވެސް ގޭ އެހެން މީހުންނަކަށް އެކަމެއް ނޭނގެއެވެ. ގޭމީހުން ތިބީ ނިދާމަރުވެފައިވާ ފަދައަކުންނެވެ.

މަޑުމަޑުން ގޮސް ކޮޓަރީދޮރުކައިރިއަށް ހުއްޓުމުން ވަށައިގެންވާ މާހަޢުލަށް ފާސިރު ނަޒަރު ހިންގާލިއެވެ. އަދި ވަރަށް ރަނގަޅަށް ތައްޔާރުވެލަމުން، ކޮޓަރީތަޅަށް ތަޅުދަނޑިޖެހުމާއެކު ދޮރުހުޅުވާލިއެވެ. އެވަގުތު ކޮޓަރިތެރޭން ފެނުނު މަންޒަރާއިއެކު ފާސިރަށް ވެގެންދިޔަގޮތް ބުނާން ވެސް ނޭނގުނެވެ.

ފާސިރުގެ ކޮޓަރީގައި ފާސިރުގެ އެނދުގައި އޮވެގެން އަދުހަމާއެކު ޢިޝްޤީމަސްތީ ހިތްހަމަޖެހުން ހޯދަމުން އުފާ ކުރަމުން އެދާ ހަޔާތްކުޑަ ގޮތެއްފޮތެއްނެތް އަންހެންމީހާއަކީ ފާސިރުގެ އަންހެނުން ނާހީ ފިޔަވާ އެހެންމީހެއް ނޫނެވެ.

ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އަދުހަމާއި ނާހީ ދިޔައީ ސިއްސައިގެންނެވެ. އަދި އަވަސްއަވަހަށް ދެމީހުން ހަށިގަނޑު ނިވާކޮށްލި އެވެ. ފާސިރު ފެނުމާއެކު ދެމީހުން ވެސް ނުތަނަވަސްވެ ކަންބޮޑުވިއެވެ.

އައިސްފައިހުރިރުޅީގައި ފާސިރަށް ހަޅޭލަވައިގަނެވުނެވެ. ފާސިރުގެ ބާރުއަޑަށް ޕޮލިހުންގެ ދެބޭކަލުންނާއި ހަސަން ގޭތެރެއަށް ވަތްއިރު ގޭމީހުންނަށް ހޭލެވި ކޮޓަރިތަކުން ނުކުންނާން ފެށިއެވެ.

ނާހީ އާއި އަދުހަމް އެއްޗެތިލައި ހަށިގަނޑު ނިވާކުރިއެވެ.

ފާސިރުގެއަތުން އަނިޔާއެއް ނުލިބި ނާހީ އާއި އަދުހަމަށް އެގެއިން ނުކުމެގެން ދެވުނީ ފާސިރުގެގައިގަ އޭނާގެ މަންމަ ހިފަހައްޓައިގެން ހުރުމުންނެވެ. މަންމަ އާއި ބައްޕަގެ އިތުރުން ޢާއިލާގެމެންބަރުންނާއި ހަސަން ދެމުންދިޔަ ނަސޭހަތާއި ހިތްވަރުގެ ސަބަބުންނެވެ.

އިރުއެރުމާއެކު ރަށުތެރެއަށް އަޑުފެތުރި އަދުހަމާއި ނާހީ ބޭޒާރުވެއްޖެއެވެ. ފާސިރުގެ ދިރިއުޅުން ވިއްސި ވިހާލިވެއްޖެއެވެ.

އަދުހަމާއި ނާހީގެ މައްސަލަ ޕޮލިސްސްޓޭޝަންގައި ކުރިޔަށްދިޔައިރު ނާހީ ވަރިކުރުމުގެކަންތައް ފާސިރު ހަމަޖައްސަމުން ދިޔައެވެ.

އަދުހަމާއި ނާހީގެ މައްޗަށް ތުހުމަތުކޮށް ފެންނާންހުރި ހެކިތަކާއިއެކު ދައުވާކުރެވުނު މައްސަލާގައި ދެމީހުން ވެސް އެއްބަސް ވިއެވެ.

އަދުހަމާއި ނާހީ މާލެ ގެންދިއުމުގެކުރިން ފާސިރު ނާހީ ވަރިކޮށް ކޯޓުން ނިންމާންޖެހޭކަންތައް ނިންމިއެވެ. ފާސިރުގެ ކިބައިން ނާހީ މަޢާފަށްއެދި ރޮއި އާދޭސްކުރި ނަމަވެސް، ނާހީގެ ފަރާތުން ފެނިގެންދިޔަ ކަންތަކަކީ ދުވަހަކުވެސް މަޢާފް ނުކުރެވޭވަރުގެ ކަންކަންކަމުގައި ފާސިރު ބުނަމުން ދިޔައެވެ.

ފާސިރުގެ ވާހަކަތައް އަޑުއިވިފައި ޖަމްނާގެ ދެލޮލުން ވެސް ކަރުނަ ހިލުނެވެ. ނާހީއާ މެދު އިވުނުވާހަތަކުގެ ސަބަބުން ބޮލަށް އުނދަގޫވެގެން ކަހަލަގޮތަކަށް، ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ދެއަތަކަށް ބޯ ހޫރާވެސް ލެވުނެވެ.

މަގެލޯތްބާ މަގެޔާރު މަގޭހަޔާތުން އަބަދުގެ އަބަދަށް ދިޔައީއެވެ. އެދުވަހު އުފާކުރި ފަދައިން މިއަދު ވެސް ފާސިރު އުފާކުރި އެވެ. އެދުވަހު އެހާލޯބިން އައީމައެވެ. ހަމައެހެންމެ މަކަރުވެރި ކެހިވެރި ބޭވަފާތެރިއެއްގެ ގޮތުގައި ލޭބަލް ކުރެވުނު ދުވަހު، އަބަދުގެ އަބަދަށް ފާސިރުގެ ހަޔާތާއި ދުރަށް ދިޔާމައެވެ.
ނިމުނީ

2
0

1 ކޮމެންޓް: ލިޔުން ”މަގެލޯތްބާ މަގެޔާރު“

Leave a Reply

Your email address will not be published.