ހިތާމަ ލޯބީގެ

އިސްކު ( 2 )

ކުރަމުންދިޔަ ގަދަ ވިއްސާރައާއެކު ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރު އެރިއިރު ވިއްސާރައިގެ އަސަރު ފިލާ ދުނިޔެމަތި ސާފު ވެއްޖެއެވެ. އާދުވަހަކަށް އިރުއެރުމާއިއެކު ރަށުތެރޭން ހަލަބޮލިކަން ފެންނާން ފެށިއެވެ.

ރޭގައިކުރި ވިއްސާރައިގެ ސަބަބުން ގިނަބަޔެއްގެ ދަނޑުތަކަށް ގެއްލުން ލިބިފައިވާއިރު މަގުތަކުގައިވަނީ ފެންހެދި ފައެވެ. ލިބިފައިވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ދަނޑުވެރިންނާއި އެމީހުންގެ އެހީތެރިން މަސައްކަތް ކުރަމުން ދިޔައީ ސަލާމަތް ކުރެވޭން ހުރި އެއްޗެއްވިއްޔާ ސަލާމަތް ކުރާށެވެ.

ރޭފަތިހު ހޮސްޕިޓަލްގައި އެނދުމަތި ކުރެވި ފަރުވާ ދެމުން ދިޔަ ނާއިޒްގެ ގެއަށާއި ލަންމާއަށް ގުޅާގުޅާ އެއްވެސް ޚަބަރެއް ނުވެގެން ނާއިޒް ފޯނުކުރީ އޭނާގެ އަވައްޓެރިއެއް ކަމުގައިވާ ބަހުޖަތަށެވެ.

ނާއިޒްގެ ގެއަށް ބަހުޖަތު ދިޔައިރު އެގެހުރީ ތަޅުނުލަ އެވެ. ގެއަށް ވަންނަމުން ސަލާން ގޮވާލި ނަމަވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެހެންކަމުން ދެތިން ފަހަރަކު ސަލާން ގޮވާލިއެވެ. އެތައް ފަހަރަކު ސަލާން ގޮވައިގެން ޖަވާބެއް ނުލިބުމުންނާއި ނާއިޒް ދެއްކި ވާހަކަތަކުގެ ސަބަބުން ބަހުޖަތު ނިންމީ ކޮންމެ ގޮތަކުން ނަމަވެސް ލަންމާ ހޯދާށެވެ.

ލަންމާއަށް ގޮވަމުން ކޮޓަރިތައް ހުޅުވަމުންދިޔަ ބަހުޖަތަށް ލަންމާ ފެނުނީ ގޭގެ ދެވަނަ ފަންގިފިލާގައި ހަދާފައިހުރި ތިން ކޮޓަރީގެ ތެރޭން ކޮޓަރި އަކުންނެވެ. ބާލިސް އުރައިން އެނދާއިއެކު ހަތަރެސްފައި ބަނދެ ބަނޑަށް ވަޅިއެއް ކަހަލަ ތޫނުއެއްޗެއް ހަރާލައިގެން މަރާލާފައި އޮތް ލަންމާ ފެނުމާއިއެކު ބަހުޖަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާންކަމާއިއެކު އެއްފަހަރާ އެތައް ސުވާލެއް ހިތުގައި އުފެދުނުއިރު އެކަމުގެ ސަބަބުން ލިބުނު ހިތާމަ ވެސް ކުޑައެއް ނޫނެވެ.

ނާއިޒް އެހާލުގައި އޮއްވައި ލަންމާގެ މަރުގެ ޚަބަރު ދޭކަށް ބަހުޖަތަކަށް ނުކެރުނެވެ. އޭނާ އެޚަބަރު ދީފިނަމަ ނާއިޒްގެ ހާލު އިތުރަށް ގޯސް ވެދާނެކަމުގައި ބަހުޖަތަށް ގަބޫލު ކުރެވުނެވެ.

އެތައްއިރަކު އެތައްގޮތަކަށް ވިސްނުމަށްފަހު ބަހުޖަތަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށްވީ ޕޮލިހުންނަށް ގުޅުން ކަމަށްވާތީ ޕޮލިހުންނަށް ގުޅައި އެޚަބަރު ދިނެވެ.

ލަންމާގެ މަރުގެ ޚަބަރު ލިބުމާއިއެކު ޕޮލިހުންގެ ބޭކަލުން އެގެއަށް ވަޑައިގެން އެބޭކަލުންގެ މަސައްކަތް ފެއްޓެވިއެވެ.

އިނިސްޕެކްޓަރ ރީސާމް، ލަންމާމެން ގެއަށް އައިއިރު ވެސް ޕޮލިހުންގެ ބޭކަލުން އެބޭކަލުންގެ މަސައްކަތާއިގެން އެގޭތެރޭގައި ހަރަކާތްތެރި ވަމުންދިޔަ އެވެ.

” ލަންމާ ކޮބާ ؟ ” ގޭތެރެއަށް ވަދެގެން އައިސް އިނިސްޕެކްޓަރ ރީސާމް ސުވާލުކުރީ ޕޮލިސް ޖިނާނު އާއެވެ.

” ލަންމާ އޮތީ ދެވަނަ ފަންގިފިލާގެ ކޮޓަރިއެއްގަ. ހިންގަވާ. ” ދެވަނަ ފަންގިފިލައަށް އަރަން ހުރި ސިޑި ދައްކަމުން ޖިނާނު ވާހަކަ ދެއްކިއެވެ.

ޖިނާނުގެ ފަހަތުން ރީސާމް ވެސް މައްޗަށް އެރިއެވެ.

މަރުވެފައިވާ ލަންމާގެ ކޮޓަރިއަށް ރީސާމް ވަތްއިރު ޕޮލިހުންގެ ބޭކަލުން އެބޭކަލުންގެ މަސައްކަތާއިގެން ހަރަކާތްތެރި ވަމުން ދިޔައެވެ. ފޮޓޯ ނެގުމާއި ޓެސްޓް ހެދުމަށްޓަކައި ނަގާންޖެހޭ ސާންޕަލްތައް ނެގުމުގެ މަސައްކަތް ކުރިޔަށް ދިޔައިރު އެންމެން ވެސް މަސައްކަތް ކުރަމުން ދިޔައީ އެބައި މީހުންގެ މަސައްކަތް އެންމެ ފުރިހަމައަށް ކޮށް ނިންމާށެވެ.

މާޔޫސްކަމާއިއެކު އެހަށިގަނޑަށް ބަލަހައްޓައިގެން ރީސާމް ހުއްޓައި ޕޮލިހުންގެ މަސައްކަތް ނިންމައި އެހަށިގަނޑު ކޮޓަރިން ނެރުނެވެ. މަރާލާފައިވާ ކަމަށް ބެލެވޭ ލަންމާގެ ގައިމަތީގައި އަޅާފައިވާ ބެޑްސީޓްގައި ވެސް ވަނީ ހުސް ލެޔެވެ.

ލަންމާގެ މަރުގެ ޚަބަރު ރަށުތެރެއަށް ފެތުރުމާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވެގެން ދިޔައެވެ. ލަންމާގެ މަރާއި ބެހޭ ކުޑަ ނަމަވެސް މަޢުލޫމާތެއް ލިބޭތޯ ގިނަބަޔަކު މަސައްކަތް ކުރަމުން ދިޔައެވެ. އެކަމުގައި ހަރަކާތްތެރި ވަމުންދިޔަ މީހުނަށް އެހީވުމާއިގެން ވެސް އެއްބަޔަކު އުޅެމުން ދިޔައެވެ.

ލަންމާގެ މަރުގެ މައްސަލަ ބެލުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔައީ އިނިސްޕެކްޓަރ ރީސާމް އެވެ.

ލަންމާގެ މަރުގެޚަބަރު މީޑިޔާތަކަށް އިވުމާއިއެކު އެކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ މީޑިޔާތަކުން މަސައްކަތް ފެށިއެވެ. މަޢުލޫމާތު ހޯދުމުގެ އިތުރުން ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނަމަވެސް ލިބޭތޯ މަސައްކަތް ކުރަމުންދިޔަ މީހުން މަދެއް ނޫނެވެ. ކޮންމެ ބަޔަކު ވެސް މަސައްކަތް ކުރަމުން ދިޔައީ އެންމެ އަވަހަށް ނުވަތަ އެންމެ ފުރިހަމައަށް އެޚަބަރު ގެނެސްދެވޭތޯ އެވެ.

ރީސާމާއި އޭނާގެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ ލަންމާގެ މަރުގެ މައްސަލަ ވީހާ އަވަހަކަށް ބަލައި ނިންމާށެވެ.

ނާއިޒް ހޮސްޕިޓަލްގައި އޮތް ވާހަކަ އަޑުއިވުމާއިއެކު ރީސާމްމެން ހޮސްޕިޓަލަށް ގޮސް ނާއިޒާއި ބައްދަލުކުރިއެވެ. ނާއިޒަށް އެހީވުމަށްޓަކައި ހޮސްޕިޓަލްގައި ހަރަކާތްތެރި ވަމުން ދިޔައީ އޭނާގެ އޮފީހުގައި މަސައްކަތް ކުރަމުންދާ ޤާނޫނީ ވަކީލް ސާހިލް އެވެ. ނާއިޒްގެ ނިތްކުރިން ބަޔަކާއި އަތުގެ މުލައްދަނޑީގައި ބޭސް އަޅާފައި ހުއްޓެވެ.

ޕޮލިހުންގެ ބޭކަލުން އައިސް ނާއިލާއި ބައްދަލު ކުރުމުން ނާއިޒާއި ސާހިލް ވަރަށް އުފާވިއެވެ. އެހާ އަވަހަށް ޕޮލިހުން އައުމުން އެބޭކަލުންގެ މަސައްކަތަށް ޝުކުރު އަދާކޮށް ތަޢުރީފު ކުރިއެވެ.

ޕޮލިހުންގެ ބޭކަލުން ހޮސްޕިޓަލަށް އައިސް ނާއިޒާއި ބައްދަލުކުރީ ނާއިޒްމެން ހުށަހެޅި މައްސަލައިގެ މަޢުލޫމާތު ހޯދަން ކަމަށް ނާއިޒާއި ސާހިލަށް ގަބޫލު ކުރެވުނު ނަމަވެސް ކަންތައް ވެގެންދިޔައީ އެހެނެއް ނޫނެވެ. އެބޭކަލުން ނާއިޒާއި ސުވާލުކުރީ ލަންމާގެ މަރާއި ބެހޭގޮތުން ނެވެ.

ލަންމާގެ މަރުގެ ވާހަކަ އަޑުއިވުމާއިއެކު ނާއިޒަށް ރޮވިއްޖެ އެވެ. ޕޮލިހުންގެ ވާހަކަތައް ގަބޫލުނުކުރާނެ ކަމަށާއި މިހާރުން މިހާރަށް އޭނާ ހޮސްޕިޓަލުން ދޫކޮށްލުމަށް ގޮވާން ފެށިއެވެ. ވަރަށް އަވަހަށް އޭނާ ގެއަށްދާން ބޭނުން ކަމަށާއި އޭނާގެ އަންހެނުން މަރު ނުވާކަމަށް ވެސް ބުނަމުން ދިޔައެވެ.

ޕޮލިހުންގެ ވާހަކަތަކުގެ ސަބަބުން ނާއިޒްގެ ސިކުނޑިއަށް ބާރު ބޮޑުވިކަން އެންމެނަށް ވެސް ގަބޫލު ކުރެވުނެވެ. ނާއިޒް އަރާމްކުރަން ވަގުތު ދީފައި ޕޮލިހުން ދުރަށް ޖެހެލީ އެހެންވެއެވެ.

ޕޮލިހުންގެ އެވާހަކަތަކާއިއެކު ނާއިޒްގެ ހަނދާނަށް އައީ އޭނަ އާއި ލަންމާ ބައްދަލުވި ދުވަސްވަރެވެ.

ލަންމާއަށް ތަންދޮރު އެނގެންފެށިއިރު އޭނާގެ ހުންނަނީ ދޮންބައްޕަ އެކެވެ. އޭނާގެ އަސްލު ބައްޕައާ ބެހޭ އެއްވެސް މަޢުލޫމާތެއް އޭނަ އަކަށް ނޭނގެއެވެ. މަޢުލޫމާތު ހޯދުމަށްކުރި މަސައްކަތް ވީ ބޭކާރެވެ. އޭނާގެ މަންމަ ނަޖީބާ ބުނަމުން ދަނީ އެ ވާހަކަތައް ނުދެއްކުމަ ށެވެ.

އުމުރުން ސަތާރަ އަހަރުގެ ލަންމާއަކީ ހެދިހުރި ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ކަޅުކުލަގަދަ ފަން ދިގު އިސްތަށިގަނޑާއި މޫނާއި ހަށިގަނޑުގެ ކުލަ އަލިވުމަކީ ލަންމާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެއްކަން ޔަގީނެވެ. އޭނާއަށް ލިބިފައިވާ ބޮޑު ދެލޮލާއި މަޑުނޫކުލައިގެ ކަޅިއަކީ ވެސް އެތައް ބައެއްގެ ނަޒަރު އޭނާއަށް އަމާޒުވަމުންދިޔަ ކަމެކެވެ. ލަންމާގެ ރީތިކަމާއި ފުރިހަމަ ކަމުގެ އިތުރުން އޭނާގެ ފަރާތުން ފެންނަމުންދާ މީހުންނާއި ގުޅޭ މިޒާޖަކީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ސިފަ އަކަށް ވިއެވެ.

ލަންމާގެ ރީތިކަމާއި ޗާލާކީކަމުން އެތައް ޒުވާނުންނެއް އޭނާގެ ލޯތްބަށް އެދި އާދޭސް ކުރަމުން ދިޔައެވެ. ލަންމާގެ ލޯތްބަށް އެދި އެތައް ފެންވަރެއްގެ އެތައް ޒުވާނުން އާދޭސްކުރަމުން ދިޔައިރު ވެސް ލަންމާ ހުސްހަށިބަޔަށް ހުރުމުގައި ބައިވަރު ސަބަބުތައް އެބަ ހުއްޓެވެ.

ލަންމާ ތަޢުލީމަށް ދެމުންދާ ސަމާލުކަމުގެ އިތުރުން އޭނާގެ ދޮންބައްޕަ މާއިޒުގެ ހަރުކަށިކަމަކީ ވެސް ލަންމާގެ ހަޔާތުގައި ބައިވެރިއަކު ނެތުމުގެ ސަބަބެކެވެ.

ލަންމާ އަބަދު ވެސް އުޅެމުން ދާން ޖެހެނީ މާއިޒުގެ އަމުރުތަކާއި އެއްގޮތަށެވެ. ފިލާވަޅުގެ ކަމެއްގައި މެނުވީ ގެއިން ބޭރަށް ދިއުމަކީ ވެސް ލަންމާއަށް މަނާކަމެކެވެ.

ލަންމާގެ މަންމަ ނަޖީބާ އާއި ދޮންބައްޕަ މާއިޒު އުޅެމުންދަނީ ވަރަށް އުފާވެރި ހަމަޖެހޭ ލޯބިވެތި ދިރިއުޅުމެކެވެ. އެ ދެމަފިރިންނަށް އަދި މިހާތަނަށް ކުއްޖަކު ލިބިފައި ނުވާއިރު ކުއްޖަކު ނުހޯދަނީކަމެއް ނުލިބެނީކަމެއް އެހެން މީހަކަށް ނޭނގެއެވެ. ނަޖީބާއަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ލަންމާދެކެ އޭނާ ނުހަނު ލޯބިވެއެވެ. މާއިޒުގެ ފަރާތުން ވެސް ފެންނަމުން ދަނީ ލަންމާދެކެ ލޯބިވާކަމުގެ ޢަލާމާތް ތަކެވެ.

ލަންމާމެންގެ ގެއަކީ ހަތަރު ފަންގިފިލައަށް ވާގޮތަށް ހަދާފައިވާ ބޮޑު ގެއެކެވެ. ގޭގެތިރީބައިގައި ބޮޑުފިހާރާއެއް ހަދާފައިވާއިރު އެންމެމަތީ ދެބައި ހުންނަނީ ކުއްޔަށްދީފައެވެ. ލަންމާމެން އުޅެމުންދަނީ ދެވަނަ ފަންގިފިލާގައެވެ.

ލަންމާ އާއި ނާއިޒް ބައްދަލުވީ އެއްކުލާހަކުން ޓިއުޝަން ނަގަން ގޮސް އުޅުނު އުޅުމުގެ ތެރޭގައެވެ. ލަންމާއަށް ނާއިޒް ފެނުމުން ހުއްޓުން އެރީ ކީއްވެގެން ކަމެއް ލަންމާ އަކަށް ވެސް ނޭނގުނެވެ. މީގެކުރިން ފިރިހެން ކުދިންނަށް މާބޮޑު ސަމާލުކަމެއް ނުދީ އުޅެމުންދިޔަ ލަންމާއަށް ނާއިޒް އެހާ ޚާއްޞަވީ ކީއްވެ ބާއެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ލަންމާއަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް އޭނަ އަކަށް ވެސް ނޭނގުނެވެ. ލަންމާގެ ޢަމަލުތައް އެހެން ހުރި ނަމަވެސް ނާއިޒަކަށް އެކަމެއް ނޭނގެއެވެ.

ނާއިޒަށް ބަލަހައްޓައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަ ގޮތަކަށް ހުރި ލަންމާ ސިއްސައިގެން ދިޔައީ ކޮންމެ ވެސް މީހަކު އޭނާގެ ފަހަތުން އައިސް ކޮނޑުގައި ކޮށްޓާލަމުން ވާހަކަ ދެއްކި އަޑަށެވެ.

” ގަޑި ޖެހިއްޖެ …. ހިނގާ ދާން. ” ލަންމާ ފަހަތަށް ބަލާލުމާއިއެކު ފާތުން ވާހަކަ ދެއްކިއެވެ. ފާތުންނަކީ ލަންމާގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ.

ފާތުންނާއި ލަންމާ ގޮސް ކުލާހަށް ވަތްއިރު ވެސް ލަންމާގެ ހިތުގައި ރަސްކަން ކުރަމުން ދަނީ ނާއިޒްގެ ސޫރަ އެވެ. ހެދިހުރި ފުރިހަމަ ކަސްރަތީ ހަށިގަނޑެއްގެ ވެރި ނާއިޒްގެ ކިބައިން ލަންމާއަށް މުޅިން ވެސް ފެންނަމުން ދަނީ ޝައުޤުވެރިވާފަދަ ކަންކަމެވެ.

ކުލާހުގެ އިނދެގެން ފިލާވަޅުތައް ފުރިހަމަ ކުރެވޭތޯ ލަންމާ ކިތަންމެ މަސައްކަތެއް ކުރަމުންދިޔަ ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ބަލާލާ ކޮންމެ ދިމާއަކުން އޭނައަށް ފެންނަމުންދަނީ ނާއިޒްގެ ސޫރައެވެ.

ކެތްކުރަން ދަތިވި ހިތްދަތި ވަގުތުތަކަށްފަހު ލަންމާ ކުލާހުން ނުކުތީ ނާއިޒް ދުށުމުގެ އުންމީދުގައެވެ. އަވަސް އަވަހަށް ކުލާހުން ނުކުންނަމުން ވަށައިގެންވާ މާހަޢުލަށް ނަޒަރު ހިންގާލީ ނާއިޒް ފެނޭތޯއެވެ. ނާއިޒްގެ ޙަބަރެއް ވޭތޯއެވެ.

ދިހަވަރަކަށް މިނިޓް މަސައްކަތްކޮށް ވެސް ނާއިޒްގެ ޚަބަރެއް ނުވުމުން ލަންމާ މާޔޫސްވެ ފޫހިވާގޮތް ވިއެވެ. ކުލާހުން ނުކުތް އެހެން ކުދިންތައް ގެތަކާއި ދިމާއަށް މިސްރާބު ޖެހިއިރު ވެސް ލަންމާ ހުރިގޮތަށް ހުރީއެވެ. ގެއަށް ދިއުމަކީ އެހާ މުހިންމުކަމެއް ކަމުގައި އޭނާ މިއަދަކު ނުދެކެ އެވެ.

” އޭތް! ….. އަދި ވެސް ގެއަށް ދާކަށް ނުވޭތަ؟  ”  އިވުނު އަޑާއިއެކު ލަންމާ ބަލާލިއިރު އެތަނުގައި ހުރީ އޭނާގެ ކުލާސް ކުދިން ތެރޭގައި ހިމެނޭ އަހުމަދެވެ.

” ކާރު އަންނަން ދެން މަޑުކޮށްލީ. ” ޚަޤީޤަތް އޮޅުވާލަން މަސައްކަތް ކުރަމުން ލަންމާ ބުނެލިއެވެ. ހިތްއެދޭ ސޫރަ ފެނި ޚަޤީޤަތް ނޭނގި ނަން ވެސް ނޭނގި ދިއުމުން ލަންމާ މާޔޫސްވެ ދެރަވި ނަމަވެސް އެހެން މީހަކަށް އެކަން އެނގޭކަށް ލަންމާ ބޭނުމެއް ނުވެއެވެ.

ލަންމާގެ ޢާއިލާއަށް ލިބިފައިވާ ތަނަވަސްކަމުގެ ސަބަބުން ލަންމާ ވެސް އުޅެމުން ދަނީ އިއްޒަތާއި ގަދަރާ ތަނަވަސްކަމުގަ އެވެ. އޭނާގެ ޢާއިލާގެ ތަނަވަސްކަން އޭނާގެ ފަރާތުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުން ދެއެވެ.

ލަންމާ އެތަނުގައި މަޑުކުރިތާ މާގިނައިރެއް ނުވަނީސް ހުދުކުލައިގެ ކާރެއް އައިސް އެތަނަށް މަޑުކުރިއެވެ. ލަންމާ ގޮސް ކާރަށް އެރުމާއިއެކު ކާރު ދުއްވާލި އެވެ. ކާރުގައިވާ ނަންބަރު ބޯޑަށް ބަލާލުމުން އެކާރަކީ އަމިއްލަ ކާރެއްކަން އެނގެއެވެ.

ގެއަށް ދެވުމާއިއެކު ލަންމާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. ހިތަށް ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން ރޭގަނޑަށް ކެއުމަކީ ވެސް އެހާ މުހިންމުކަމެއް ކަމުގައި އޭނާ ނުދެކެއެވެ. ފާޙާނާބަޔަށް ވަދެ މޫނު ދޮވެލައިގެން އައިސް އެނދުގައި އޮށޯވެލީ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯ އެވެ.

ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.