ހިތާމަ ލޯބީގެ

މަކަރުވެރިޔާ

އަރައިގެން އައި އިރާއެކު މުޅިމީޑިޔާގައި އޮތީ ޒުވާން އަންހެންކުއްޖަކު ގެއްލުނު ވާހަކައެވެ. ރައްޓެހިންތަކަކާއިއެކު ކޮފީބޮއިގެން ސައިކަލެއްގައި އެކަނިމާއެކަނި ވިލިނގިލީ ފެރީޓާމިނަލަށް ދިޔަ ވާހަކައެވެ. ގެއަށް ނުދާ ވާހަކަ އާއި އޭގެފަހުން ހަބަރެއްނުވާ ވާހަކައެވެ. ވިލިނގިއްޔަށް ދިޔަކަން ޔަގީންވާ ވާހަކައެވެ.
އިޒްމާ ގެއްލުނު ހަބަރު ލިބުމާއެކު ޕޮލިހުން އެމީހުންގެ މަސައްކަތްފެށިއެވެ. އަދި މިކަމުގައި ނޮފުރޮޅާ އެއްމެގަލެއްވެސް ނުބާއްވާނެ ކަމަށް ބުނަމުންދިޔައެވެ.
އިޒްމާ ގެއްލުމާއި ގުޅިގެން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އަޒުމީލަށެވެ. އަޒުމީލުގެ އެކުވެރިންނަށް އޭނާގެ ހިތުގެ އަޑިން ސާބަސް ދެމުންދިޔައެވެ. އެމީހުން އެހާ ފަސޭހައިން އެކަންކޮށްލީ ކިހިނެއްބާއޭ އަޒުމީލްގެ ހިތަށް އަރަމުންދިޔައެވެ. ދެރަޙްމަތްތެރިންނަށް ގުޅާލަންވެސް ހިތަށް އެރިއެވެ. ނަމަވެސް ޝައްކުވާނެފަދަ އެއްވެސް ކަމެއް ނުކަރަން އޭނާ ހުރީ ވިސްނައިގެންނެވެ. އަޒުމީލް ދިޔައީ ޓީވީތަކުންނާއި ޝޯސަލް މީޑިއާއިން ޚަބަރުތައް ބަލަމުންނެވެ.
އިޒްމާ ގެއްލުނު މައްސަލައިގެ ތަޙްޤީޤް ވަރަށް ބާރަށް ކުރިއަށް ދިޔައެވެ. މިމައްސަލައިގެ ތަޙްޤީޤަކީވެސް ފުލުހުންނަށް ކުރިމަތިވި ޗެލެންޖަކަށްވިއެވެ. އެހެން މައްސަލަތައް ފަދައިން މިމައްސަލައިގެ ތަޙްޤީޤް ކުރިއަށްދާގޮތް ވެސް ފުލުހުން ދިޔައީ މީޑިއާތަކާއި ހިއްސާ ކުރަމުންނެވެ.
އެންމެ ފުރަތަމަ ހައްޔަރުކުރި މީހުން ހައްޔަރުކުރީ އިޒްމާ ގެއްލުނުތާ ދެވަނަ ރެއެވެ. އެއީ އަޒުމީލުގެ އެކުވެރި ގައްބެ އާއި ފަޒާލެވެ. މިކަންވީ އަޒުމީލްގެ ހަތަރު އުދަރެސް ފެނުޖެހުނު ކަމަކަށެވެ. އެރޭ އަޒުމީލަށް އެންމެ ލޮލޮފިޔައެއްވެސް ނުޖެހުނެވެ. ވިސްނުންނޫން ކަމެއް އޭނާއަކަށް ނުކުރެވުނެވެ. އަމިއްލައަށް ޕޮލިހަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދޭން ވެސް ހިތަށްއެރިއެވެ.
އިޒްމާ ގެއްލުމާއި ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ލިބޭތޯ ފުލުހުން ބަލަމުންދިޔަ އެވެ.
އަޒުމީލަށް ހޭލެވުމާއެކު އެންމެ ފުރަތަމަވެސް ފޯނުން ނޫސްތައް ބަލަން ފެށިއެވެ. އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. ގައްބެ އާއި ފަޒާލް ދޫކޮށްލި ވާހަކަ ނޫސްތަކުގައި އޮތުމުންނެވެ. އެހާ އަވަހަށް އެމީހުން ދޫކޮށްލީ ކީއްވެގެންބާއޭ އަޒުމީލްގެ ހިތަށް އަރަމުން ދިޔައެވެ. ޑީލް ހެދި ރެއަށްފަހު އެއްވެސް މުޢާމަލާތެއް ފޯނުން ނުކުރުމަށް އެމީހުން ވަނީ އެއްބަސްވެފައެވެ. އެހެންވެ އެމީހުން ދޫކޮށްލުމުންވެސް އަޒުމީލަކަށް ނުގުޅައެވެ. އެމީހުން ދޫކޮށްލުމުން އަޒުމީލަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
އަޒްމީލް ބޭނުންވީ ވީހާވެސް އަވަހަށް ގައްބެ އާއި ފަޒާލާ ބައްދަލުކުރާށެވެ. ކަންތައްވެގެން ދިޔަގޮތް އޮޅުންފިލުވަން ވެގެންނެވެ. އެމީހުން ބައްދަލުކުރީ ވާހަކަ ދައްކާލަން ތިބެވޭ ކަހަލަ މީހުން މަދު ހަމަހިމޭން އަމާންއޮމާން ރެސްޓޯރަންޓަކުންނެވެ. އޭރު ގަޑިން ރޭގަނޑު އެގާރަ ޖަހައިފިއެވެ. އެމީހުންނަށް އެވާހަކަ ނުފެށެނީސް، ފެނުނީ ޕޮލިހުން އެތަނަށް ވަންތަނެވެ. ޕޮލިހުން އެއްވެސް ސުވާލެއްވެސް ނުކޮށް ކޯޓް އަމުރު ދައްކާލުމަށްފަހު، ތިން މީހުން ބިޑިއަޅުވައިގެން ގެންދިޔައީއެވެ.
ކަމާއިގުޅުންހުރި ފަރާތްތަކުން އިޒްމާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އިޒްމާގެ ފިރިމީހާ ނާއިޒް އާއި ދެފަރާތުގެ ޢާއިލާއިން އަދި އެބައިމީހުންގެ ރައްޓެހިން ވެސް އިޒްމާގެ ހަބަރެއް ވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ކުއްލިއަކަށް އިޒްމާގެ ގެއްލުމާއި އިޒްމާ ހޯދަން އެތައް މަސައްކަތެއްކޮށް އެއްވެސް ކާމިޔާބެއް ނުލިބުމުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުގައި ނާއިޒް ހުރީ ހަދާނެގޮތް ހުސްވެފައެވެ. އޭނާއަށްޓަކައި ހަތަރުއުދަރެސް ފެނުޖެހިފައިވާ ކަހަލައެވެ.
ފެނޑާތެރޭގައި މަޑުކޮށްލައިގެންހުރި ނާއިޒް އަވަސް އަވަހަށް ޖީބަށް އަތްލަމުން ފޯނުނެގީ ވައިބުރޭޓްވާން ފެށުމުންނެވެ. ޑިސްޕްލޭއަށް ނަޒަރު ހިންގާލިއިރު ގުޅަނީ ނުވެސް ދަންނަ ނަންބަރަކުން ނެވެ.
ނާއިޒް ފޯނަށް ޖަވާބުދިނުމާއެކު އެކޮޅަށް ވާހަކަދައްކަން ފެށީ ފިރިހެނެކެވެ. އެމީހާ ބުނި ގޮތުގައި އިޒްމާ ހުރީ އެމީހުންގެ ބެލުމުގެ ދަށުގައެވެ. އެމީހުން ބުނާވަރަކަށް ފައިސާ ދީފިނަމަ އޭނާއަށް އެއްވެސް އަނިޔާއެއް ގެއްލުމެއް ނުދީ ދޫކޮށްލާނެއެވެ. އެވާހަކަތައް އިތުރު އެހެން މީހަކަށް އެނގިގެން ނުވާނެއެވެ. އެނގިއްޖެނަމަ މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެއެވެ. މައްސަލަ ގޯސްވެއްޖެނަމަ އިޒްމާއަށް ލިބޭ ގެއްލުން ބޮޑުވާނެއެވެ.
އެބައެއްގެ ބެލުމުގެ ދަށުގައި އިޒްމާ ހުރިކަމަށް ބުނި މީހުން ބުނިފަދައިން ކަންތައްކުރުމަށް ނާއިޒް އަވަސްވެގަތެވެ. ގޭ ތިޖޫރީގައި ހުރި ފައިސާއިން އެއްލައްކަ ރުފިޔާ ނަގައިގެން ގޮސް އިޒްމާގެ ބައްޕަ ނަސީހްއާ ހަވާލުކުރިއެވެ. ވެގެންއުޅޭގޮތް ކިޔައިދީ ކަންތައް ކުރަންވީގޮތް ބުނެދިނެވެ. ހުރިހާކަމެއް ކުރަންވާނީ އެހެންމީހުންގެ ލޯތަކަށް ސިއްރުން ކަމަށް ވެސް ބުންޏެވެ.
ގޮތްނޭނގޭ ބަޔެއްކައިރިއަށް އެހާބައިވަރު ފައިސާ ހިފައިގެން އެގޮތަށް އެކަނިމާއެކަނި ދާން ބިރުގަނެ ޖެހިލުންވާކަމަށް ނަސީހް ބުންޏެވެ. އޭނާއަށް އެހެން ހަދާފާނެ ކަންބޮޑުވިއެވެ. އެހެނަސް މިއަދު އެހެންގޮތެއް ނެތެވެ. ފޮރުވައިގެން އެއުޅެނީ އޭނާގެ ދަރިފުޅެވެ. ފޮރުވައިގެން އުޅޭ މީހުން ބުނަމުން އެދަނީ އެފައިސާ ހިފައިގެން ނަސީހް އައުމަށެވެ. އެންމެ ހައްގުކަން ބޮޑީވެސް އެގޮތެވެ.
ދަރިފުޅަށްޓަކައި ފުރާނަދުއްވާލަން ޖެހުނަސް އެކަން ކުރާނެކަމަށް ބުނަމުން އެފައިސާ ހިފައިގެން ދާން ނަސީހް އެއްބަސްވިއެވެ. އެއްލައްކަ ރުފިޔާ ހަރަދުކޮށްގެން ވިޔަސް އަންހެނުން ސަލާމަތްކުރެވޭތީ ނާއިޒް ހުރީ ހިތްހަމަޖެހިފައެވެ. ފައިސާ ހޯދަނީ ދިރިއުޅުން އުޖާލާކޮށް މުސްތަގުބަލް ބިނާކުރަންކަމަށްވާއިރު އަނބިމީހާއަށްޓަކައި އެވަރުގެ ހަރަދެއް ކުރުމަކީ އޭނާއަކަށް ބޮޑުކަމެއް ނޫނެވެ.
ފައިސާ ހިފައިގެން ނަސީހް ދިޔަތާ ދެގަޑިއެއްހާއިރު ފަހުން އަނެއްކާ ވެސް އެނަންބަރުން ފޯނުކުރިއެވެ. އެމީހުން އެގުޅަނީ އެ ފައިސާ ލިބި އަންހެނުން ދޫކޮށްލާ ވާހަކަ ބުނަންކަމަށް ނާއިޒަށް ގަބޫލުކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ލިބުނު ފައިސާ މަދީއެވެ. އިތުރަށް ފައިސާ ދޭންވީއެވެ. އިޒްމާއަކީ ދެމީހުންކަން އެމީހުނަށް އެނގުނީއެވެ.
ކިތަންމެބައިވަރު ފައިސާ ހަރަދުކޮށްގެން ވިޔަސް އަންހެނުން ސަލާމަތްކުރަން އޭނާގެ ހިތް ބުންޏެވެ. އާންމުންގެ ލޯތަކަށް ފެންނަން ހުރީ އިޒްމާ އެކަނި ނަމަވެސް، އިޒްމާއިނީ ބަލިވެއެވެ. ނާއިޒްގެ ފުރަތަމަ ދަރިފުޅަށްޓަކައި ނަމަވެސް އިޒްމާ ސަލާމަތްކުރަން އެބަ ޖެހެއެވެ.
އަންހެނުންނަށްޓަކައި އެއްލައްކަ ރުފިޔާ ހަރަދުކުރިގޮތަށް ދަރިފުޅަށްޓަކައި އެވަރުގެ ހަރަދެއް ނުކުރަންވީ ސަބަބެއް ނެތެވެ. ދެ ލައްކަ ރުފިޔާ ދީފައި ނަސީހް އަނެއްކާ ވެސް ފޮނުވިއެވެ. ނަސީހް ބުނިގޮތުން އޭނާ އަތުން އެފައިސާ ނަގަން އަންނަނީ އެންމެމީހެކެވެ. އެމީހާ މަޑުކުރާ ތަނުންނާއި ހުންނަގޮތުން އެމީހާގެގޮތް އެނގޭވަރެއް ނުވެއެވެ.
ފައިސާ ހަވާލުކޮށްފައި ނަސީހް އައުމުން ނާއިޒް އެނަންބަރަށް ގުޅިއިރު ނަންބަރުގެ ހިދުމަތްވަނީ ކަނޑާލާފައެވެ. ނަންބަރ ރަޖިސްޓްރީ ކޮށްފައިވަނީ ބިދޭސީއެއްގެ ނަމުގައެވެ. އެތައްފަހަރަކު ގުޅައިގެން ވެސް އެނޫން ޖަވާބެއް ނުލިބުނެވެ.
އާ ނަންބަރަކުން އެމީހާ އަނެއްކާ ގުޅީ ޕޮލިހަށް ނާއިޒް މައްސަލަ ވެއްދިކަން އެނގިގެންނެވެ. އެހާ ސިއްރުންކުރި ކަމެއް އެމީހާއަށް އެނގުމުން ނާއިޒަށް ލިބުނު ހައިރާންކަން އިތުރުވިއެވެ. ނަސީހް ބުނިފަދައިން ޕޮލިހަށް އެކަން ނާންގައި ހުރެވުނު ނަމައޭ ހިތަށް އެރީ ނާއިޒް ކަންތައްކުރި ގޮތުން އެމީހުން ރުޅިގަދަވިކަން އެނގުމުންނެވެ. އިތުރަށް ފައިސާ ދިން ނަމަވެސް އިޒްމާ ދޫކޮށްނުލާނެކަމަށް ބުނުމުންނެވެ.
ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ނާއިޒް ދުވަސްތައް ގުނަމުންދިޔައިރު ލިބިފައިވާ މަޢުލޫމާތަށް ބަލައިގެން ޕޮލިހުން މަސައްކަތް އިތުރަށް ކުރިޔަށް ޖައްސާލިއެވެ.
މެންދަމުންއަލިވެ ތިނެއްޖަހާކަން ހާއިރެވެ. މެދުއުމުރުން މައްޗަށް ގޮސްފައިވާ އަންހެނަކާއި ފުރާވަރުގެ ފިރިހެން ކުއްޖަކު ގެއަކުން ނުކުމެގެން މާ ސިއްރުސިއްރުން ކަހަލަގޮތަކަށް، އަނދިރިހެން ހީވާ ގޮތްގޮތްބަލަމުން މަގުގެ އެއްފަރާތުން ރަށުގެ އިރުމައްޗާއި ދިމާއަށް މިސްރާބުޖެހިއެވެ.
އެއަންހެންމީހާއި އާއި ފުރާވަރުގެ ފިރިހެންކުއްޖާ ގޮސް ވަރަށް ސިއްރުސިއްރުން ގެއަކަށް ވަންނަމުން ވަރަށް ސައުގުވެރިކަމާއެކު ވަށައިގެން ހޯދާލިއެވެ. ހީވާގޮތުން އެމީހުން އެކުރާކަމެއް ކުރަމުން އެދަނީ ވަރަށް ސިއްރުންނެވެ. އެކަން އެހެން މީހަކަށް އެނގިދާނެތީ އެމީހުން ވަރަށް ކަންބޮޑުވެއެވެ.
ގޯތިތެރެއަށް ވަދެދޮރުލައްޕާ ތަޅުލުމާއެކު އެގޭތެރެއިން ޒުވާން ދެމަފިރިއަކު ނުކުމެ އެމީހުންނާއި ބައްދަލުކުރިއެވެ. ހަތަރުމީހުން ވާހަކަ ދައްކަމުން ދައްކަމުން ގޮސް ގޭތެރެއަށް ވަތްއިރު އެގެއަކީ އާދައިގެގޮތަކަށް ހަދާފައިވާ ގެއެކެވެ. ދެކޮޓަރިއާއެކު ސިޓިންރޫމަކާއި ބަދިގެއެއް ހުރެއެވެ. ބަދިގެއާ ގުޅިގެން ގުދަނެއްވެސް ހަދާފައި ވެއެވެ.
ގޭތެރެއަށް ވަދެގެން ހަތަރުމީހުން ދިޔަގޮތަށް ގޮސް ވަނީ ގުދަނަށެވެ. ތަކެތި ބެހެއްޓުމަށް ތައްޔާރުކޮށްފައިވާ ކަބަޑު އެއްފަރާތަށް ޖައްސާލަމުން، ތަޅުންގަނޑުން ބައެއް ގޭތެރެއިން ނުކުތް ފިރިހެންމީހާ ހިއްލާލިއިރު ވެސް މުސްކުޅި އަންހެން މީހާ ހުރީ ކޮންމެވެސްވަރަކަށް ކަންބޮޑުވެފައެވެ. ކަބަޑު ފުރަގަހުން ފާރުގައިހުރި ސިއްރު ސުވިޗް ޖައްސާލުމާއެކު، ތަޅުންގަނޑުގެ ދަށުން ހުޅުވުނުތަން އަލިވެގެން ދިޔައެވެ.
އެތަނަކީ ސިޑިއަކުން އަޑިއަށް ފޭބޭގޮތަށް ތައްޔާރުކޮށްފައިވާ ސިއްރުކޮޓަރިއެކެވެ. އެންމެފަހުގެ ޓެކްނޮލޮޖީއާ ޒަމާނީ ވަސީލަތްތަކާއެކު މިހާރުގެގޮތަށް ތައްޔާރުކޮށްފައިވާ އެކޮޓަރިއަކީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެކެވެ. އެތަނުގެ ތެރޭގައި ޒަމާނީވަސީލަތްތަކުގެ އިތުރުން އެނދަކާއި އަލިމާރިއެއްގެ އިތުރުން މޭޒެއް ވެސް ހުއްޓެވެ. ތަނުން ފެންނަމުންދާ ސާފުތާހިރުކަމާއި ތަކެއްޗަށް ބަލާލުމުން އެތަނަކީ މިހާރު ވެސް ބޭނުންކުރަމުންދާ ތަނެއްކަން ޔަގީންވެއެވެ.
މުސްކުޅި އަންހެންމީހާ ގޮވައިގެން ދެފިރިހެނެއް އެތަނަށް ފޭބިއެވެ.
ފާހާނާގެ ދޮރުހުޅުވާލަމުން އެތަނުން ނުކުތް ޒުވާން އަންހެންކުއްޖާ ފެނުމާއެކު މުސްކުޅި އަންހެންމީހާގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެ އުފަލުން ރޮއިގަނެވިއްޖެއެވެ.
ގޭތެރެއަށް ވަންނަންހުރި ދޮރުގައި ޓަކިޖަހާލުމާއެކު ދޮރުހުޅުވާލިތަން ފެނުނެވެ. ފެންޑާތެރޭގައި ހުރި އަންހެންމީހާ އެއްޗެކޭ ބުނުމުގެ ކުރިން ޕޮލިހުން ދައްކާލީ އެބޭކަލުންގެ އަތުގައިވާ ކޯޓްއަމުރެވެ. ބުނާނެއެއްޗެއް ހަދާނެގޮތެއް އަންހެންމީހާއަކަށް ނޭނގުނެވެ.
ވިއްސަކަށް ޕޮލިހުންގެ އެޓީމުން ގޭތެރެއަށް ފެތުރިގަތީ ހީކުރިވަރަށްވުރެ އަވަހަށެވެ. ބިންގަރާސްކޮޓަރީގައި ތިބި މީހުނަށް ވާނުވާ އެނގުމުގެ ކުރިން ޕޮލިހުން އެތަނަށް ވަދެއްޖެއެވެ.
” އިޒްމާ! … ގެއްލިގެން އުޅޭ އިޒްމާ މިހުރީ. ” ޕޮލިހުންގެ ބޭކަލަކު ގޮވާލުމާއެކު ޕޮލިހުން އައިސް އެތަނަށް ވަދެއްޖެއެވެ.
އާދުވަހަކަށް އިރުއެރުމާއެކު މުޅިރާއްޖެއަށް ހަބަރުފެތުރިގެން ދިޔައީމީގެ މަހެއްހާ ދުވަސްކުރިން ގެއްލުނު ޒުވާން އަންހެންކުއްޖާ ފޮރުވައިގެން ގެންގުޅުނު ދެމަފިރިން އަދި އިޒްމާގެ މަންމަ އާއި އެހެން ފިރިހެނަކު ރޭދަންވަރު އައްޑުއަތޮޅުން ހައްޔަރުކުރި ވާހަކައެވެ.
މަހެއްހާ ދުވަސްކުރިން ގެއްލުނު އިޒްމާ ނަސީހްހައްޔަރުކޮށްގެން ގެންގުޅޭ މީހުން ޑިމާންޑް ކުރަމުންދިޔަ ފައިސާ ހިފައިގެން ދާންޖެހޭނީ ނަސީހް ކަމަށް އެމީހުން ބުނީއްސުރެ ފެށިގެން ފުލުހުންގެ ސީއައިޑީޓީމުން ދިޔައީ އޭނާއަށް ފާރަލައި އޭނާގެ ޢަމަލުތައް ވަރަށް ގާތުން ބަލަމުންނެވެ. އެހެނަސް އެހެންބަޔަކަށް ނުވަތަ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.
އަޒްމީލްމެން ހައްޔަރުކުރީ، އިޒްމާ ގެއްލުނުރޭ ގައްބެ އާއި ފަޒާލް އިޒްމާއަށް ފާރަލަމުން ދިޔަކަން ސީސީޓީވީ ފުޓޭޖްތަކުން ފެންނަން ހުރުމުންނެވެ. އެހެނަސް އެމީހުނަށް އެހިސާބަށް ނުދެވެނީސް އިޒްމާ ގޮސް ފެރީޓާމިނަލަށް ވަނެވެ. އެމީހުނަށް އިޒްމާ ގެއްލުނީ އެހިސާބުން ނެވެ.
ގައްބެ އާއި ފަޒާލް ހައްޔަރުކުރުމަށްފަހު ދޫކޮށްލީ، މިކަމުގައި ބައިވެރިވާ އިތުރު މީހުން ހޯދުމުގެ ބޭނުމުގައެވެ. ދެމީހުން ދޫކޮށްލުމަށްފަހު ވެސް ޕޮލިހުން އެމީހުނަށް ފާރަލަމުންދިޔައީ މައްސަލައިގެ ފޯކަސް ގެއްލުނަ ނުދިނުމަށްޓަކައެވެ.
ޕޮލިހުން ބޭނުންވިފަދައިން މައްސަލަ ނިންމާލީ ސީދާ ޕޮއިންޓަށެވެ.
މައްސަލަ ތަޙުޤީޤްކޮށް ނިންމާ، ފުލުހުން ޢާއްމުކުރި މަޢުލޫމާތުން އެނގުނުގޮތުގައި އިޒްމާފޮރުވައިގެން އުޅުނު މީހުންނަކީ އެމައްސަލާގައި ހައްޔަރުކުރި ހައްވައިދީ އާއި އަލިކާއެވެ. އެކަމުގައި އެމީހުނަށް އެހީތެރިކަމާއި އެއްބާރުލުންދީ ހުރިހާރޭވުމެއް ރާވާފައިވަނީ އިޒްމާގެ މަންމަ ސާލިހާ އާއި ބައްޕަ ނަސީހް އެވެ. އެމީހުންގެ މަގްސަދަކީ ނާއިޒްގެ ތަނަވަސްކަން އަތުލައިގަތުމެވެ. ނާއިޒް ބަލިކަށިކޮށް އިނދަޖައްސާލުމެވެ. ނާއިޒަކީ އިޒްމާއާ އިންނަން އެމީހުން ބޭނުންވި މީހާއެއް ނޫނެވެ. ނާއިޒް އަމިއްލައަށް އިޒްމާއާ އިންނަން ބޭނުންވުމުން އެޢާއިލާއިން ބޭނުންވީ ވަގުތުގެ ފައިދާ ނަގާށެވެ. ނާއިޒްގެ ފަރާތުން އެމީހުން ބޭނުންވި ތަނަވަސްކަމާއި ފޯރުންތެރިކަން ނުލިބުމުން އެހެންމަގެއް އިހްތިޔާރު ކުރީއެވެ. އިޒްމާ އިނީ ބަލިވެއެއްވެސް ނޫނެވެ. ބަލިވެއިންކަމަށް ބުނީ ވެސް ނާއިޒަށް އޮޅުވާލުމަށްޓަކައެވެ. އަޒްމީލާއި ގައްބެ އަދި ފަޒާލަކީ ވެސް މައްސަލަ އިތުރަށް އޮޅުވާލާ އެހެންބައެއްގެ ބޮލުގައި މިކަން އެޅުވުމަށް ނަސީހް ރޭވި ބޮޑު ރޭވުމެކެވެ. މައްސަލަ ހިންގަމުންދިޔައިރު އެހުރިހާވާހަކައެއް އަލިކާގެ ދެމަފިރިން ކިޔައިދިނެވެ.
ނިމުނީ

3
2

2 ކޮމެންޓް - ލިޔުން: ”މަކަރުވެރިޔާ“

Leave a Reply

Your email address will not be published.