ލޯބީގެ

ދަރަކަ ( ފެށުން )

ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އަންސާމް ގެއަށް އައިއިރު މަޢުރިބު ނަމާދުބަންގި ގޮވައިފިއެވެ. ކޮންމެދުވަހެއްގެ ވެސް އާދައިގެ މަތިން އަންސާމް އެންމެފުރަތަމަ ވެސް ބަލާލީ އޭނާގެ ދަރިފުޅު އަންދަލާ ކޮބައިތޯއެވެ. ކޮޓަރިތެރެ ކުނިކަހައި ސާފުކުރުމާއިގެން އަންސާމްގެ އަންހެނުން ޔަޒީދާ އުޅުނު ނަމަވެސް ގޭގެ އެއްވެސް ތާކުން އަންދަލާ ފެންނާކަށް ނެތެވެ.
މިއަދަކީ އަންދަލާގެ ހަތްވަނަ އުފަންދުވަސްކަމަށްވާތީ އަންދަލާއަށް ގެނައި ހަދިޔާ އޭނާގެ ކޮޓަރީ އެނދުމަތީގައި ބޭއްވުމަށްފަހު އަންދަލާ ކޮބައިތޯ ޔަޒީދާގާތު އެހިއެވެ.
ކޮޓަރިތެރެ ކުނިކަހައި ސާފްކޮށްލަން ޔަޒީދާ ކޮޓަރިއަށްވަތްއިރު ފެންޑާތެރޭގައި އިން އަންދަލާ ކުއްލިއަކަށް ދިޔަތަނެއް ނޭނގުމުން ޔަޒީދާއަށް ވެސް ލިބުނީ ވަރަށްބޮޑު ހައިރާންކަމެކެވެ. އަވަސް އަވަހަށް ބޭރަށް ނުކުމެ މަގުމަތި ބަލާލުމަށްފަހު ކައިރި ގެއަކަށް އޭނާ ދިޔަތޯ ވެސް ބެލިއެވެ. އާންމުކޮށް އޭނާ ގޮސްއުޅޭ ގޭގެއަށާއި ޢާއިލާމީހުނަށް ފޯނުކޮށް އަންދަލާ ދިޔަތޯ ބަލަންފެށިއެވެ.
އަންދަލާ ހޯދުމަށްޓަކައި އަންސާމްގެ ދެމަފިރިންނާއި އޭނާގެ ޢާއިލާއިން ކުރަމުންއައި މަސައްކަތަށް ކާމިޔާބެއް ކުރިއެރުމެއް ނުލިބުމުން ރަށުކައުންސްގެ ރައީސަށް ފޯނުކޮށް އެވާހަކަ ބުންޏެވެ.
އަންދަލާ ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތަށް އަލިމަގެއް ނުފެނި ގިނައިރު ވާވަރަކަށް ޔަޒީދާގެ ހާލު ގޯސްވަމުން ދިޔައެވެ.
އުމުރުން ހަތްއަހަރުގެ އަންދަލާ ގެއްލުނު ވާހަކަ އާއި އޭނާ ހޯދަން ރަށްޔިތުން ނުކުތުމަށް ރަށުކައުންސިލުން ގޮވާލުމާއެކު، ހިނިދަރަކުން ހިނި ނުކުތްހެން ބައްތިތައް ހިފައިގެން ރައްޔިތުން ނުކުމެ އަންދަލާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ފިހާރަތަކުގައި ހުރި ޓޯޗްބައްތިތަކާއި އަލިކުރެވޭ ކަހަލަ އެހެނިހެން ވަސީލަތްތައް ވިކި ހުސްވީ އަންދަލާ ހޯދުމަށް ރައްޔިތުންދިން ސަމާލުކަމެއްގެ ސަބަބުންކަން ޔަގީނެވެ. ސަރުކާރުގެ ކަމާބެހޭފަރާތް ތަކަށް އެހަބަރު ދިނުމާއެކު އަތޮޅުގައި މަސައްކަތް ކުރަމުންދިޔަ ޕޮލިހުންގެ ޓީމެއް އެރަށަށް އައިސް ރައްޔިތުންނާއި ބައިވެރިވިއެވެ.
މެދުކެނޑުމެއްނެތި ސައުވީސް ގަޑިއިރަށްވުރެ ގިނައިރު ރައްޔިތުންނާއި ޕޮލިހުން ކުރި މަސައްކަތުން އަންދަލާ ނުފެނުތާންގައި އޭނާއާ ގުޅުންހުރި ނިސާނެއް ވެސް ނުފެނުނެވެ. އަންދަލާ ހޯދުމަށްޓަކައި ކުރަމުން އައި މަސައްކަތް އިތުރުކޮށް ސިފައިންނާއި ކައިރި ބައެއް ރަށްތަކުގެ ރައްޔިތުން ވެސް އެކަމުގައި ބައިވެރިވިއެވެ.
އަންދަލާ ގެއްލުނުތާ ދިހަވަރަކަށް ދުވަސް ވެގެންދިޔައިރު ވެސް އެކަމުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވާ ހިތާމަ އާއި ހިތްދަތިކަމަށް މާބޮޑު ބަދަލެއް ނާދެއެވެ. އަންދަލާ ނުފެނުނުކަމަށް ނިންމައި އޭނާ ހޯދުމަށްޓަކައި ކުރަމުން އައި މަސައްކަތް، ކަމާބެހޭފަރާތްތަކުން ހުއްޓާލި ނަމަވެސް އަންސާމްމެން ދެމަފިރިންނާއި ދެފަރާތުގެ ޢާއިލާއިން އަދި އެބައިމީހުންގެ ރައްޓެހިން ކުރަމުންއައި މަސައްކަތް ހުއްޓައެއްނުލަ އެވެ. ކޮންމެ ދުވަހަކާއި ކޮންމެރެއެއް ބޮޑުބައެއް އެމީހުން ހޭދަކުރަމުންދަނީ އެކަމުގައެވެ.
ކޮންމެވެސް ދުވަހަކުން އަންދަލާ ފެންނާނެކަމުގެ އުންމީދު އަންސާމް ދޫކޮށްނުލައެވެ. ޢާއިލާގެ މެންބަރުންނާއި ބައެއް ރައްޓެހިން ދެމުންދިޔަ ލަފަޔާއި މަޝްވަރާގެމަތިން ފާލުބެލުމާއި ފަންޑިތަ ހެދުންފަދަ އެކަހަލަ އެތައްކަމެއް އަންސާމް ކުރަމުންދިޔައެވެ. އެފަދަ ކަންތައްތައް ނުކުރުމަށް ބައެއްމީހުން ބުނަމުންދިޔައިރު، ކާމިޔާބެއް ކުރިއެރުމެއް ނުލިބުނު ނަމަވެސް އޭނާ އުންމީދު ދޫކޮށްނުލާ މަސައްކަތް ކުރަމުންދިޔައެވެ.
ފެންޑާތެރޭ ގޮނޑިސެޓްގައި އިށީންދެލައިގެން އަންދަލާގެ ފޮޓޯއަކަށް ބަލަންއިން އަންސާމްގެ ހިޔާލުތައް ގޮސް ގުޅުނީ އެރެއާ އެވެ.
ރޭގަނޑު އެގާރަޖަހާކަން ހާއިރެވެ. ރައްޓެހިންތަކަކާއިއެކު ކޮފީއެއް ބޯލައިގެން ހޮޓަލުން ނުކުތް އަންސާމް މިސްރާބުޖެހީ ރަށުގެ އިރުވާ އަވަށާއި ދިމާއަށެވެ. އަންސާމް ދިރިއުޅޭ ގެ ހުންނަނީ ރަށުގެ ހުޅަނގުއަވަށުގައި ކަމަށްވެފައި މިހާ ފަސްގަޑިއެއްގައި އިރުވާއަވަށާއި ދިމާއަށް މިސްރާބު ޖެހުމުން ސާބިގުގެ ހިތުގައި ސުވާލުއުފެދި ކޮންތާކަށް ދަނީތޯ އަހާލިއެވެ.
” ޔަޒީދާ ކައިރިއަށް. ” އެވަގުތު އެތަނުގައިތިބި މީހުންނަކީ އޭނާ ކަމެއް ސިއްރުކުރަންޖެހޭ ވަރުގެ ބަޔަކަށް ނުވާތީ ސާފުތެދުބަހުން އަންސާމް ޖަވާބު ދިނެވެ.
ޔަޒީދާއާ އަންސާމަކީ ލޯބީގެގޮތުން ގުޅިގެން އުޅޭތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ ދެލޯބިވެރިންނެވެ. ދެފަރާތުގެ ޢާއިލާގެ ރުހުމާއި އެއްބާރުލުމާއެކު އެގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ވަރުގަދަވަމުން އައިސް މިހާރުވަނީ ކައިވެންޏާއިހަމައަށް ދާން ވެފައެވެ.
ޔަޒީދާ އާއި އަންސާމްގެ ލޯބީގެ ބައްދަލުވުންތައް ބާއްވަމުންދާ ތަނަކީ ޔަޒީދާމެންގޭ ގޯތިތެރޭގައި ހުންނަ ޖޯލިފަތިކަމަށް ދެފަރާތުގެ ޢާއިލާއާ ރައްޓެހިންނަށް ގަބޫލުކުރެވިފައި ވީނަމަވެސް، އެބައްދަލުވުންތަކުގެ އިތުރުން އެހެން ބައްދަލުވުންތަކެއް ވެސް އެދެމީހުން ބާއްވަމުން ދިޔައެވެ.
ކޮންމެރެއެއްގެ އިރާކޮޅު ޔަޒީދާ އާއި އަންސާމް، ޔަޒީދާމެންގޭ ގޯތިތެރޭ ޖޯލިފަތީގައި ބާއްވަމުންދާ ބައްދަލުވުންތަކުގެ އިތުރުން އެހެން މީހުންގެ ލޯތަކަށް ސިއްރުން ބައެއްރޭރޭ ދަންވަރު ޔަޒީދާމެންގޭ ހާމަގިފިލީގައި ވެސް ބައްދަލު ކުރެއެވެ. ޖޯލިފަތީގައި ބާއްވަމުންދާ ބައްދަލުވުންތަކުން ހިތް ނުފުރޭކަމަށް ބުނެ، އެކަހެރިވެލުމަށް އަންސާމް ކުރަމުންދިޔަ އާދޭހުގެ ސަބަބުން ޔަޒީދާ އެގޮތަށް ކަންތައް ކުރަން އެއްބަސްވިއެވެ. މުޅިޖާން ހިތާ ފުރާނަޔާ ވެސް ހެޔޮހިތުން އަންސާމަށް ދިނުމަށް ނިންމައިގެންހުރި ޔަޒީދާއަށް އެކަމުގެ ސަބަބުން ފަހުން ނުކުމެދާނެ ނަތީޖާއަކާމެދު ވިސްނައެއް ނުލެވުނެވެ.
ވަގުތަކީ މެންދަންވަމުންއައި ވަގުތުކަމަށްވާތީ ރަށުތެރެއަށް ފެތުރެމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން ފަހަރަކަށްވުރެ ފަހަރެއް ދިޔައީ އިތުރުވަމުންނެވެ. މަގެއްމަތިން މީހަކު ނުފެންނަތާންގައި ބާރުއަޑެއް ވެސް އިވި ނުލައެވެ. ގެއެއްގެ ތެރެއިން ގަދަފަދަ އައްޔެއްގެހާ ހިސާބު ވެސް ފެންނާކަށް ނެތެވެ.
އަންސާމް އޭނާގެ މިގަޑީގެ އާދައިގެމަތިން ޔަޒީދާމެންގޭ ފާރުތެރެއަށް ވަންނަމުން މިސްކޯލެއް ދިނެވެ.
ގިފިލީގެ ފާރުމަތިން އަރައިގެން އަންސާމް އެތެރެއަށް ވަތްއިރު، ޔަޒީދާ ގިފިއްޔަށްވަދެ ދޮރުލައްޕަނީއެވެ. ރަތްކުލައިގެ ޓީސާޓަކާއި ކަޅު ކުލައިގެ ސޯޓެއްލައިގެން ހުރި ޔަޒީދާ، އަންސާމަށް ބަލާލަމުން ހިނިތުންވެލީ އުފަލާއި އެކުގައެވެ.
ޔަޒީދާއާ ދިމާއަށް އަންނަމުން އަންސާމް ދެއަތްފުޅާކޮށްލުމާއެކު، ޔަޒީދާ އައިސް އަންސާމްގެ ދެއަތުތެރެއަށްވަދެ އަންސާމާއި ގާތްވެލިއެވެ. ޔަޒީދާގެ ފުރަގަހުން އަންސާމް ވަށާލި ދެއަތް އައިސް ގުޅުމާއިއެކު ޔަޒީދާގެ ހަށިގަނޑާއި އަންސާމްގެ ހަށިގަނޑު ޖެހި ފިތި ބާރުވިއެވެ. ޔަޒީދާގެ ކަނދުރާއާ ހަމައިން ފެށިގެން އަންސާމް ހިންގާލި ފިރުމުން އުނަގަނޑުން ތިރިޔަށް ދިޔައިރު، އަންސާމްގެ މޫނުމަތިން މުޅިންތަފާތު އިހުސާސެއް ފާޅުވެގެންދިޔަކަން ޔަގީނެވެ.
” ވާއު …. ހުސްކޮށްދޯ ؟ ” ޔަޒީދާގެ ތުންފަތުގައި ބޮސްދެމުން ހިނިތުންވުމާއިއެކު އަންސާމް އަހާލިއެވެ.
” ހޫމް … ” މޫނުމަތީގައި އަތްއަޅަމުން ޔަޒީދާ އެހެން ބުނިއިރު ކޮންމެވެސް ވަރަކަށް ފަހަތަށް ވެސް ޖެހިލެވިއްޖެއެވެ.
ޔަޒީދާއާ ގާތްވުމަށް އަންސާމް މަސައްކަތް ކުރަމުން ދިޔައިރު ، މަޑުމަޑުން ފަހަތަށް ޖެހެމުންދިޔަ ޔަޒީދާގެ ފިޔަވަޅުތަކަށް ހުއްޓުންއެރީ މިރުސް ގަސްތަކުތެރެއަށް ވަދެވުނު ފަހުންނެވެ.
ގިފިލިތެރޭގައި މިރުސް ގަސްތައް ހައްދާފައިވާ ހިސާބަކީ ގިފިލީގައި ހުންނަ ބޮކީގެއަލި އެންމެފަނޑު ސަރަހައްދެވެ. ގަސްތައް ހެދިފައިވާ ގޮތުންނާއި ބޮކި ހަރުކޮށްފައިވާތަނުގެ ގޮތުން އެހިސާބަށް ކިރިޔަ ކިރިޔާ އަލިވާ ކަހަލައެވެ.
އަންސާމް ބޭނުންވި ފަދައިން ޔަޒީދާ ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. އަތާއި އަތް ތުނބާއިތުން ގުޅި ލާމެހުނުއިރު އެއީ އެއްހަށިގަނޑެއް ފަދައެވެ. ލިބުނު ފުރުސަތުގެ ސަބަބުން އަންސާމް ހުރީ އިސްގީ މަސްތެއްގައިޖެހި އާވާރާ ވެފައެވެ. ކުރެވޭ ނުކުރެވޭ ކަމެއް ވެސް ނޭނގޭ ފަދައެވެ.
” ނޫން … ނޫން. ” އަންސާމާއި ދުރައްދާން މަސައްކަތްކުރަމުން ޔަޒީދާ ވާހަކަ ދެއްކިއެވެ.
” މިދެން އެވަރުގެ ކަމެއް ނޫނެއްނު ….. މާދަމާ އަންނާނެ ހެކިވެރިން. މާގިނަދުވަހެއް ނުވެ ކައިވެނި ކުރެވޭނެ. ކާކަށް ކޮން އެއްޗެއް އެނގޭނީ. ” ފުރުސަތަކަށް އެދި ފެންބޮވައިގެންފައިވާ އަންސާމް މަސައްކަތް ކުރަމުން ދިޔައީ، ބޮވައިގެންފައިވާ އިސްގީ މަސްތީ ކަރުހިއްކުން ފިލުވާ ލެވޭތޯ އެވެ. ވެފައިވާ ވަރެއްގެ ބޮޑުކަމުން އެހެން އެއްވެސް ގޮތެއް މިރެއަކު އޭނާއަކަށް ކަމަކު ނުދިޔައެވެ.
” ޕްލީސް …. ޕްލީސް … އެތެރަށް ….. ނުކުރާތި. ” އަންސާމްގެ ލޯތްބަށްޓަކައި އެފިރުމުންތަކަށް ޓަކައި އެބީހުންތަކަށް ޓަކައި ކަރު ހިއްކައިގެންފައި ހުރި ޔަޒީދާ، އަންސާމަށް ފުރުސަތު ދެމުން ހުށަހެޅި ސަރުތު އަންސާމް ގަބޫލުކުރިއެވެ. އާންއެކޭ ބުނާފަދައަކުން ބޯޖަހާލިއެވެ.
އަންސާމާއި ޔަޒީދާގެ ބައްދަލުވުން ނިންމާލުމަށްފަހު، އަންސާމް ގޮސް ގިފިލިން ނުކުތްއިރު ވެސް ޔަޒީދާ ހުރީ މިރުސް ގަސްތައް ކައިރީގަ އެވެ.
ހިޔާލެއްގެތެރެއަށް ގެއްލިފައިއިން އަންސާމް ސިއްސައިގެން ދިޔައީ ޔަޒީދާ ގޮވާލުމުންނެވެ. ހިތާމައިގެ ތަސްވީރެއްފަދައިން މިލާ މޯޅި ވެފައިވާ މަލެއްފަދައިން ހުރި ޔަޒީދާ ފެނުމުން އަންސާމަށް ތެދުވެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ޔަޒީދާ ކޮޓަރިން އެނުކުތީ ލިބިފައިވާ ހިތާމައިގެ ސަބަބުން ނުނިދިގެންކަން އަންސާމަށް އެނގެއެވެ.
ޔަޒީދާ ނިދުމުން އަންސާމް ނުކުތީ ބޭރަށެވެ.
މެންދަމުންއަލިވެ ތިނެއް ޖަހަނީއެވެ. ފާލަންކޮޅުގައި އިށީންދެލައިގެން އަންސާމް އެކަނި މާއެކަނި އެއިނީ އަންދަލާގެ ގެއްލުމުގެ ސަބަބުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުގަ އެވެ. ދީފައިވާ ނަލަހަނދުވަރާއި ޖެހެމުންދާ ހިތްގައިމު ވައިން ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯ މަސައްކަތް ކުރަމުންދިޔަ އަންސާމްގެ ހިތަކަށް ލުޔެއް ހަމަޖެހުމެއް ނުލިބެއެވެ. މުޅި މާހައުލުގައި ރަސްކަން ކުރަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން ވެސް އޭނާގެ އެ ހިތާމައިގާ ބައިވެރިވެފައިވާ ކަހަލައެވެ.
އޭނާގެ ފަހަތުން މީހެއްގެ ހިލަމެއްވީހެން ހީވެގެން އަންސާމް އަވަސް އަވަހަށް ފަހަތަށް ބަލާލިއިރު ކޮންމެވެސް އަންހެން ކުއްޖެއް ފާލަމަށް އަރައިގެން އޭނާއާ ދިމާއަށް އަންނަނީ އެވެ. ހިނގާ ހިނގުމުންނާއި ހަށިގަނޑުގެ ބައްޓަންތައް ހުރިގޮތުން އެއީ ޔަޒީދާކަމަށް އަންސާމަށް ގަބޫލުކުރެވުނު ނަމަވެސް އަޅައިގެންހުރި ހެދުމުގެ ސަބަބުން އެއީ ޔަޒީދާ ނޫންކަން އަންސާމަށް ޔަގީންވިއެވެ.
ރަތްކުލައިގެ ޓީސާޓަކާއި ކަޅުކުލައިގެ ސޯޓެއްލައިގެން ފަރިހިނގުމެއްގައި އައިސް އަންސާމް ކައިރިއަށް މަޑުކޮށްލި އެއަންހެންކުއްޖާއަކީ ޔަޒީދާ ނޫން އެހެންމީހެއް ނޫނެވެ. އެހެނަސް އެފަދަ ހެދުމެއްގައި މިފަދަ ވަގުތެއްގައި ޔަޒީދާ އެކަނި މާއެކަނި އެގޮތަށް ނާއްނާނެކަން އަންސާމަށް ޔަގީނެވެ. އޭނާގެ ހިތް ބުނަމުންދިޔަ ބުނުމާއި ލޮލަށް ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން އަންސާމް އިނީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެ ކަންބޮޑު ވެފައެވެ.
އެއަންހެންކުއްޖާ ހުރިގޮތާއި އަޅައިގެންހުރި ހެދުމަށް ސަޢުޤުވެރިކަން ދެވުމާއެކު އަންސާމްގެ ކުރިމަތީގައި ސިފަވެގެން ދިޔައީ އޭނާ އާއި ޔަޒީދާ އެންމެފަހުން ޔަޒީދާމެންގޭ ގިފިލީގައި ބައްދަލުކުރި ރެއެވެ. އެއީ އެފަދަ ހެދުމެއްގައި އެފަދަގޮތަކަށް ޔަޒީދާ އޭނާއަށް ފެނުނު ފުރަތަމަ ރެއެވެ.
އަންސާމްގެ ހިޔާލުތައް ގޮސް އެރެއާ ގުޅުނީ ކިހިނެތްކަމެއް އެއަންހެންކުއްޖާއަށް އެނގުނުގޮތެއް ނޭނގުނު ނަމަވެސް އެއަންހެންކުއްޖާ ވާހަކަދައްކަން ފެށީ އެހިސާބުންނެވެ.
އިންސާނަކާއިއެކު ދިރިއުޅުމުގެ ފޮނިހުވަފެން ޙަޤީޤަތަކަށް ހެދުމަށް މުޅިޢާއިލާއާ ދެކޮޅަށް އެތައް ގުރުބާނެއް ވަމުންދިޔަ މުއީނާއަށް އަންސާމް ފެނުނީ އެއްރެއަކު ދަންވަރު ޔަޒީދާމެން ގެއާއި ދިމާއަށް ދަނިކޮށެވެ.
މުއީނާއަށް އޭނާގެ ލޯ ދައްކައިދިނީ އޭނާގެ އަލަތު ލޯބިވެރިޔާ އަދި އެލޯތްބަށްޓަކައި އޭނާ މަރުވާން ވެސް ތައްޔާރަށް ހުރި ވިކާސް އެވެ. އެއީ ހަމަ އެހިނގުމާއި އެކަސްރަތީ ހަށިގަނޑެވެ. އެދޮންކަމާއި އެފިރިހެންވަންތަ ކަމެވެ. ފުނާއެޅުމުގައި އިސްކަން ދެމުންދިޔަ އެ އިސްތަށިގަނޑު ކޮޅަށް ޖަހާލުމެވެ.
އަންސާމްގެ ފަހަތުން މުއީނާ ހިނގައިގަތް ނަމަވެސް، އަންސާމަކަށް އެކަމެއް ނޭނގެއެވެ.
އަންސާމާއި ޔަޒީދާގެ މެދުގައި ހިނގާދިޔަ ހުރިހާކަމެއް ހިނގާދިޔައީ އެހެންމީހުންގެ ލޯތަކަށް ސިއްރުން ނަމަވެސް، މުއީނާގެ ކުރިމަތީގަ އެވެ. އެކަމެއް އެދެމީހުނަށް ވެސް ނޭނގެއެވެ.
ވިކާސްއާ ކައިވެނިކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ވިކާސްގެ ފަރާތުން އެލޯތްބާއި އެއޯގާތެރިކަން އެފިރުމުންތަކާއި އެ އަޅާލުން އަދިވެސް ލިބިދާނެކަމުގެ ފެހިސިގުނަލް މުއީނާއަށް ލިބުނީ އެރެއެވެ. އެރެއަށްފަހު މުއީނާ އިންތިޒާރުކުރަމުން ދިޔައީ އެވަގުތަށެވެ.
ވަގުތަކަށް އެދިއެދިހުރި މުއީނާއަށް ފުރުސަތު ލިބުނީ އެރެއެވެ. އަންސާމް އަމިއްލައަށް މުއީނާއަށް ދަޢުވަތު ދިނީއެވެ. ވިކާސްގެ ލޯތްބަށް ފެންބޮވައިގެންފައި ހުރި މުއީނާ ބޭނުންވީ ކޮންމެގޮތަކުން ނަމަވެސް، ވިކާސްގެ ލޯތްބެވެ. އެއަޅާލުމާއި އެއެހީތެރިކަމެވެ. ކައިވެނިކޮށް އުފާވެރި ދިރިއުޅުމެއް ނުފެށޭނަމަ އުފާވެރި ވަގުތުކޮޅެކެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް، ކައިވެނީގެ ކުރިން އެފުރުސަތުދޭން ބޭނުންނުވި ނަމަވެސް، އަންސާމް ބޭނުންވި ކޮންމެ ފުރުސަތެއް މުއީނާ ދިނީ އެހެންވެއެވެ.
ކަންތައް ވެގެންދިޔަގޮތް މުއީނާއަށް ރޭކާލީ އަންސާމާއި ޔަޒީދާގެ ކައިވެނީގެ ފަހުންނެވެ. އެއީ ވިކާސެއް ނޫނެވެ. ލޯބީގައި އާވާރާވެ ދިވާނާ ވާވަރު ވެފައިހުރިވަރުން އޭނާއަށް އޭނާގެ ލޯ ކެހިދިނީ އެވެ. އޭނާގެ ނަފްސް އޭނާއަށް އޮޅުވާލީ އެވެ.
ނުނިމޭ

3
0
މިއީ " ދަރަކަ " އަށް ހުށަހަޅާފައިވާ 2 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ދަރަކަ ( ފެށުން )“

Leave a Reply

Your email address will not be published.