ހިތާމަ

ފާތާނިކެ

ފެށުން

ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ނަމްޒާއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. އިވެމުންދިޔަ އަޑުތަކާމެދު ސަމާލުވެލުމާއެކު ނަމްޒާގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔަކަހަލައެވެ. ފުންމައިގެން ކަހަލަގޮތަކަށް އެނދުން ފޭބިއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ހަދާނެ ނުހަދާނެގޮތެއް ނުވިސްނުމުން އެންމެ ފުރަތަމަ ދުއްވައިގަނެވުނީ ފާހާނާބައިގެ ދޮރާއި ދިމާއަށެވެ. ކަންތައް މި ކުރެވުނީ އަދި އެންމެ ރަނގަޅަށް ނޫންކަން ވިސްނުނީ ދޮރުހުޅުވާލި ފަހުންނެވެ. ނިތްކުރީގައި މަޑުމަޑުން ޖަހާލުމަށްފަހު އަނގައިން ޗޮކެއްކަނޑާލަމުން ދުވެފައި ގޮސް ކޮޓަރިން ނުކުތްއިރު މަންމަ އާއި ދޮންތަ އަދި ދެކޮއްކޮ އާއި ދޮންތަގެ ތިންދަރިން ތިބީ ފެންޑާތެރޭގައި ރޯށެވެ. އެމީހުންނަށް ނަސޭހަތްދީ އެމީހުން ހަމައަކަށް އެޅުވޭތޯ ބައްޕަ އާއި ދޮންތަގެ ފިރިމީހާ މަސައްކަތް ކުރަމުންދިޔައެވެ.

ނަމްޒާ ކޮޓަރިން ނުކުތުމާއެކު އޭނާގެ މަންމަ ރާބިޔާ ދުވެފައި އައިސް ނަމްޒާގެ ގައިގެ ބައްދައިގަންނަމުން ކުރިޔަށްވުރެ ބާރަށް ރޮއިގަތެވެ. އަދި އަޑުގައި ނެތްބާރެއް ލާފައި ކަހަލަގޮތަކަށް މާމަ މަރުވެއްޖެކަމަށް ބުނެ ކުރިޔަށްވުރެ ބާރަށް ރޮއިގަތެވެ.

އިވުނު ޖުމްލައާއެކު ނަމްޒާ ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ކަހަލަ ގޮތަކަށް ނަމްޒާއަށް ހުރެވުނީ ކިހާއިރަކުކަމެއް އޭނާއަށް ވެސް ނޭނގުނެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

” ދަރިފުޅާ ނަމްޒާ! ތަންކޮޅެއް އަވަހަށް ތާހިރުވެލައިގެން ސައިބޮއިގެން ދޭބަލަ މާމަގެއަށް. ގޮސް ހިނަވާ މީހުންނަށް އެހީތެރި ވެލަން…. ހިތްވަރުކުރާންވާނެ. މިއީ ކޮންމެމީހަކަށް ވެސް އަންނާނެ ދުވަހެއް. ” ނަމްޒާއަށް ބަލާލަމުން އޭނާގެ ބައްޕަ އިބްރާހިމް ބުންޏެވެ.

އިބްރާހިމް ބުނިފަދައިން ޢަމަލުކުރުމަށް ނަމްޒާ އަވަސްވެގަތެވެ. މަންމަ އާއި ދައްތައަށް އަދި ކޮއްކޮމެންނަށް ހިތްވަރާއި ނަސޭހަތް ދެމުން ނުހަނު ހިތްވަރާއި ގަދައަޒުމާ ކުރިޔަށް ޖެހެލިއެވެ.

އުމުރުން ހަތްދިހަވަރަކަށް އަހަރުގެ ފާތާނިކެ އަކީ އޭނާގެ އުމުރާއި އަޅާބަލާއިރު އެހާބަލިކަށި މީހެއް ނޫނެވެ.

ފާތާނިކެ އާއި އީސައަށް ލިބިފައިވާ ދެއަންހެންކުދިން ދެފިރިހެންކުދިންގެ ތެރެއިން ދެއަންހެންކުދިން މީހުންނާއި އިނދެގެން އެހެން ދެގެއެއްގައި ދިރިއުޅެމުންދާއިރު އެއްފިރިހެން ދަރިއަކު މީހަކާއި އިނދެގެން މާލޭގައި ދިރިއުޅެމުން ދަނީއެވެ. ކައިވެންޏަށްފަހު އަނބިދަރިންނާއެކު ފާތާނިކެ ގާތުގައި ދިރިއުޅެމުންދާ އަދްލީ ވެސް އަނބިދަރިން ގޮވައިގެން މިވަގުތުވީ ލަންކާއަށް ގޮހެވެ. ސްކޫލްބަންދާއި ގުޅިގެން ލިބުނު ޗުއްޓީގައި އަދުލީމެން ލަންކާއަށް ދިޔަތާ އަދި މިވީ ހަފްތާއެއްހާ ދުވަހެވެ. ފާތާނިކެގެ ފިރިމީހާ އީސަ ނިޔަވިތާ މިހާރު ވިއްސަކަށް އަހަރު ވެދާނެއެވެ.

އަދުލީމެން މާލެއިން އަންނާންދެން އެޢާއިލާތަށް ގާތު މަޑުކުރުމަށް އެގެއަށް ދިއުމަށް ފާތާނިކެގެ ދެ އަންހެންދަރިން އެދެމުންދިޔަ ނަމަވެސް ފާތާނިކެއަކަށް އެގޮތް ކަމަކުނުދިޔައެވެ. ފާތާނިކެ ބޭނުންވީ އޭނާގެ ޢަލަތުކައިވެންޏާއިއެކު ދިރިއުޅުން ބިނާކުރި އެގޭގައި އުމުރުދުވަހު އުޅޭށެވެ.

ފާތާނިކެ އޭނާގެ އާދައިގެމަތިން މިއަދު ވެސް އޭނާގެ ދެދަރިން ގާތަށް ގޮސް އެދެދަރިންނާއި އެދަރިންގެ ފިރިންނާއި ދަރިންނާ ބައްދަލުކޮށް ހެދިއެވެ. ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު އެމީހުންނާއިއެކު ކާބޯހަދައި ވާހަކަދައްކާ ނަސޭހަތް ދިނުމުގައި ވަގުތު ހޭދަކުރިއެވެ.

ފާތާނިކެ އަކީ އޭނާގެ މެދުއުމުރުން ފެށިގެން ކަހަލަ ގޮތަކަށް ރަށުގެ ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދީ އަކުރު އުގައްނައިދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރަމުންއައި މީހެކެވެ. ފާތާނިކެގެ މިމަސައްކަތުގެ ސަބަބުން ރަށުގެ ގިނަބައެއްގެ ލޯތްބާއި އިހްތިރާމް ފާތާނިކެއަށް ލިބެމުން ދިޔަ މީހެކެވެ.

ފާތާނިކެގެ މަރުގެ ސަބަބުން ރަށުތެރެއަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އިއްޔެއާއި ރޭވެސް ނުހަނު ރަނގަޅަށް ހުރި ފާތާނިކެ ކުއްލިއަކަށް މަރުވުން ވެގެންދިޔައީ އޭނާގެ ޢާއިލާމެންބަރުންގެ އިތުރުން މުޅިރަށަށް ލިބުނު ހިތާމަ އަކަށެވެ. އެހެނަސް މަރަކީ ކޮންމެމީހަކަށް ވެސް ކުރިމަތިވާނެ ކަމެއްކަން ވިސްނައިދީ އެމީހުން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންދާ މީހުން ވެސް މަދެއްނޫނެވެ.

ފާތާނިކެ މަރުގެ ހަބަރު ލިބުމާއެކު، މާލޭގައި ދިރިއުޅެމުންދާ އޭނާގެ ދަރިފުޅު އަހުމަދު ވެސް އަނބިދަރިން ގޮވައިގެން ރަށަށް އައެވެ. އޭރު އަދުލީއަށް ވެސް އެހަބަރު ދިނެވެ.

ފާތާނިކެ ހިނަވައި ކަފުންކޮށް ވަޅުލުމުގެ ހުރިހާކަމެއް ނިމުނުއިރު ހަވީރު ވެއްޖެއެވެ.

ހަތަރުގަޑި ބައި ފަހެއް ޖަހާކަން ހާއިރެވެ. ކޮޓަރީމޭޒުމަތީގައި އޮތް ވޮލެޓް ހިފައިގެން ނަމްޒާ ބޭރަށް ނުކުތީ ފާތާނިކެ ވަޅުލުމަށްޓަކައި ވަޅުކޮނުމުގެ މަސައްކަތް ކުރިމީހުންނަށް ހަދިޔާއެއް ދިނުމަށް އޭނާގެ މަންމަ ބުނެފައިވާތީ އެމީހުންނަށް ކޮންމެވެސް ވަރެއްގެ ފައިސާގެ ހަދިޔާއެއް ދިނުމަށްޓަކައެވެ. އެމީހުންނަށް ފައިސާ ދިނުމަށްޓަކައި ވޮލެޓުން ފައިސާ ނެގިވަގުތު ވޮލެޓްތެރޭން ވެއްޓުނު ކަރުދާސްކޮޅު ނަމްޒާއަށް ފެނުނެވެ. ކަރުދާސްކޮޅެއް ފަދައިން ފަށްޖަހާލާފައިވާ އެ ބިލުކޮޅު ހުޅުވައި ބަލާލުމާއެކު ނަމްޒާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

ނަމްޒާއަށް ވަޒީފާ ހަމަޖެހި އޭނާއަށް ލިބުނު ފުރަތަމަ މުސާރައިން ހަތްހާސްރުފިޔާ ހަރަދުކޮށް އޭނާގެ މާމައަށް ގަނެދިން ރަންފަށް ކޮބައިބާއޭ ނަމްޒާގެ ހިތަށްއެރީ އެވަގުތުއެވެ. އެއާއެކު އަވަސް އަވަހަށް ގޯތިން ނުކުމެ އޭނާގެ ބޮޑުދައިތަ ވާހިދާ ދިރިއުޅޭގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ފާތާނިކެ ހިނަވައި ކަފުންކުރުމުގެ މަސައްކަތުގައި އުޅުނުމީހުންނަށް އެހީތެރިކަން ދިނުމުގައި އިސްވެ ހަރަކާތްތެރިވި ވާހިދާ އާއި ނަމްޒާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ސަބަބުން އެއްފަހަރާ އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.

ފާތާނިކެ ހިނެވުމުގެ މަސައްކަތުގައި އުޅުނު މީހުންނާއި ނަމްޒާ އަދި ވާހިދާ ބައްދަލުކޮށް ވާހަކަދެއްކި ދެއްކުމުގައި ފާތާނިކެގެ ހަށިގަނޑުން އެއްވެސް ގަހަނާއެއް ނުފެންނަކަމަށް، ހިނެވިމީހުން ބުނުން ވެގެންދިޔައީ އެންމެނަށް ވެސް ލިބުނު ހައިރާން ކަމަކަށެވެ.

އަދުލީއަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައިދިނީ ނަމްޒާއެވެ. އެވާހަކަތަކުގެ ސަބަބުން އަދުލީ ވަރަށް ކަންބޮޑުވެއްޖެކަން އޭނާގެ ވާހަކަތަކާއި އަޑުން ޔަގީންވިއެވެ. އެއާއެކު އަދުލީ ބުނީ އަވަހަށް އެގެއަށް ގޮސް ފާތާނިކެގެ އަލަމާރި އާއި ކޮޓަރި ބަލައި ފާސްކުރުމަށެވެ. ފާތާނިކެގެ އަލަމާރީގައި އެތައް ބައިވަރު ފައިސާ ހުންނާނެކަމަށާއި އަދުހަމް ވަރަށްފަހުން މާމައަށް ގަނެދިން އަގުބޮޑު މޮޅު ފޯނެއް ވެސް އޮންނާނެ ކަމަށެވެ.

ނަމްޒާމެން އެގެއަށް ގޮސް ބެލިބެލުމުން އެފަދަ އެއްވެސްއެއްޗެއް އެގެއަކުން ނުފެނުނެވެ. އިތުރަށް ބެލި ބެލުމުން އެނގުނުގޮތުގައި އެގޭގައިވާ އެއްވެސް އެއްޗަކަށް އެއްވެސް ގެއްލުމެއް ވެސް ދީފައެއްނުވެއެވެ. އަދުލީ ބުނި ފަދައިން ތަޅުދަނޑި ހޯދައިގެން ހުރިހާތަނެއް ވަކިވަކިން ބަލައިގެން ވެސް އެއްވެސް އެއްޗެއް ނުފެނުނެވެ.

ވެދިޔަ ކަންތަކުގެ ސަބަބުން މުޅި ޢާއިލާގެ ވިސްނުން ބަދަލުވެގެން ދިޔައެވެ. އިސާހިތަކު މޯލްޑިވްސް ޕޮލިސް ސާވިސް އަތޮޅު ސްޓޭޝަނަށް ގުޅައި އެހަބަރު ދިނެވެ.

ޕޮލިސްސްޓޭޝަންގެ ބޭކަލުން ރަށަށް ވަޑައިގެން އެބޭކަލުންގެ މަސައްކަތް ފެއްޓެވިއެވެ. އަދި އެބޭކަލުންގެ މަސައްކަތަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ނަގައިގެން އެރަށުން ފުރައިގެން ދިޔައިރު ރަށުގެ ރައްޔިތުން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ގިނަބަޔަކަށް ވާނުވާ ވެސް ނޭނގެއެވެ.

ދުވަސްތަކާއި ރޭތައް މާޒީއާއި އެކުވަމުން ދިޔައިރު، ފާތާނިކެގެ މަރުގެ ސަބަބުން އެޢާއިލާގެ މެންބަރުންނަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަމަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބެމުންދިޔައެވެ. އެމަރުގެ ސަބަބުން ރަށު ތެރެއަށްވެރިވި ހިތާމައިގެ އަސަރުތައް ވެސް މަޑުމަޑުން ފިލަމުން ދިޔައެވެ.

ދުވަސްތައް މާޒީއާއި އެކުވަމުންދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެކަމަށްޓަކައި ހޯދާންޖެހޭ މަޢުލޫމާތުތައް ހޯދަމުން މަގުފަހިކުރަމުންދިޔައެވެ. އެހެނަސް ޕޮލިހުން ފިޔަވައި އެހެން އެއްވެސްބަޔަކަށް އެކަމެއް ނޭނގެއެވެ. ޕޮލިހުން އެމަސައްކަތްތައް ކުރަމުންދިޔަގޮތުން ސައްކެއް ވެސް ނުވެއެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް ރޭގަނޑު އެގާރަޖަހާކަން ހާއިރެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ޕޮލިސްޖިޕް އައިސް ހޮޓާކައިރިއަށް މަޑުކުރުމުން އެތަނުގައި ތިބި މީހުންނަށް ލިބިގެން ދިޔައީ ހައިރާން ކަމެވެ. ކޮންމެމީހެއްގެ ހިތުގައި ވެސް އެއްފަހަރާ އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.

ހޮޓެލް އެވޭލާ ތެރޭގައި ކޮފީބޯން އިން ނާގިތު ސިއްސައިގެން ދިޔައީ އެތަނަށް ވަދެގެން އައި ޕޮލިހުންގެ ތިން ބޭކަލުން އޭނާ ފާސްކުރަން ބޭނުން ކަމަށާއި އެބޭކަލުންނަށް އެއްބާރުލުންދޭން ބުނުމުންނެވެ. އެއާއެކު އެއީ ކީއްވެގެންތޯ އާއި އޭނާ ޓެސްޓްކުރާން ނުޖެހޭނެކަމަށް ބުނެ ނާގިތު އެކަމާ ދެކޮޅަށް ވާހަކަދައްކާން ފެށިއެވެ.

ހޮޓާތެރެއަށް ވަދެގެންއައި ތިންފުލުހުންގެ ތެރެއިން ފޯނުގައިހުރި ފުލުސްމީހާ އެތާހުރި މާގަސްތައް ކައިރިން ނެގި ފޯނު ފެނުމާއެކު ނާގިތަށް ބަދަލެއް އައިކަން އެތަނުގައިތިބި ގިނަބަޔަކަށް ފާހަގަކުރެވުނެވެ. އެކަމުގެ ސަބަބުން އުފެދުނު ސުވާލުތައް ގިނަވެގެން ވެސް ދިޔައެވެ.

ފުލުހުންގެމީހާ އެފޯނުނެގުމާއެކު ނާގިތުގެ މޫނުމަތިން ހައިރާންކަމާއި ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދިގެން ދިޔައެވެ. ބުނާނެއެއްޗެއް ކުރާނެހަރަކާތެއް ނޭނގިފައި އެތައްއިރަކު އިނެވެ.

ޕޮލިހުންގެ ބޭކަލުން އެދުނުފަދައިން އެބޭކަލުންނާއިއެކު ނާގިތު ޕޮލސްސްޓޭޝަނަށް ދިޔައެވެ.

ޕޮލިހުންގެ ވާހަކަތަކާ ދެކޮޅުހަދައި އެކަމާ ޒުވާބުކޮށް ހަޑިހުތުރުބަހުން އެއްޗެތި ކިޔަމުންދިޔަ، ނާގިތުގެ އަނގަ ބެދުނީ ޕޮލިހުންގެ ބޭކަލުން ދައްކާންފެށި ވީޑިއޯއާ ހަމައިންނެވެ.

ނާގިތު އައިސް ހޮޓަލަށްވަތް ހިސާބުން ފެށިގެން ނަގާފައިވާ އެވީޑިއޯގައި އޭނާ އެތަނުގެތެރޭގައި އުޅުނު ހުރިހާގޮތެއް ދައްކަމުން ދިޔައެވެ. ކޮފީއެއް ގެނެސްގެން ކޮފީބޯން އިނދެ ނާގިތު ކޮންމެވެސް މީހަކަށް ފޯނުކުރިއެވެ. އޭގެ އިރުކޮޅެއްފަހުން އަހުމަދު އައިސް އޭނާ ކައިރީ އިށީންތަނާއި، އެދެމީހުން ވާހަކަތަކެއް ދެއްކުމަށްފަހު ނާގިތު ޖީބުން ނަގައި އަހުމަދު އަތަށް ފޯނެއް ދިންތަނާއި، އަހުމަދު އެފޯނު ބެލުމަށްފަހު ޖީބުން ވޮލެޓް ނެގިތަން ފެނުނެވެ. ވޮލެޓްތެރެ ބަލާލުމާއެކު އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ. އަދި ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު ނާގިތުގެ އަތަށް ފޯނުދީފައި ޖީބަށް ވޮލެޓްލަމުން އަހުމަދު އަވަސް އަވަހަށް ގޮސް އެތަނުން ނުކުތްތަން ވެސް ފެނުނެވެ.

އަހުމަދު ތެދުވެގެންދިޔުމުން ނާގިތު އެފޯނު އޮންކޮށްލި މަންޒަރާއި، ފޯން އޮންކޮށްލިތާ ތިންވަރަކަށް މިނިޓްތެރޭގައި ޕޮލިހުން އައިސް އެތަނަށް ވަނުމުން އެތާކައިރީހުރި ގަސްތަކުގެތެރެއަށް ފޯނު އެއްލާލި މަންޒަރު ވެސް އެވީޑިއޯގައި ފެންނަމުން ދިޔައެވެ. ޕޮލިހުން އެތަނަށް ވަނުމުން ނާގިތަށް ވެގެންދިޔަގޮތް ވެސް އެވީޑިއޯގައި ވަރަށް ރަނގަޅަށް ދައްކައިދެއެވެ.

ޕޮލިހުން އައިސް ނާގިތާއި ބައްދަލުކޮށް ވާހަކަދައްކާން ފެށިތަނާއި، ފޯނެއްގައިހުރި ޕޮލިހަކު އެތަނުގައިހުރި ގަސްތަކުގެ ތެރެއިން ފާތާނިކެގެ ފޯނުނަގައި ނާގިތަށް ދެއްކުމުން ނާގިތަށް ވީގޮތް ވެސް އެވީޑިއޯގައި ވަރަށް ރަނގަޅަށް ދައްކައިދެ އެވެ.

އެ ވީޑިއޯ ދައްކައި ނިމުމާއެކު ނާގިތު ބަލާލީ އޭނާ އެހޮޓަލަށް ދިޔައިރު އެތަނުގެތެރެއިން ފެނުނު އެއްވެސް މީހަކު މިތަނުން ފެނޭތޯ އެވެ. އެހެނަސް އޭނާ ހޮޓަލުގެތެރޭ އިންދައި އެތަނަށްދިޔަ ޕޮލިހުންގެ ބޭކަލުން ފިޔަވާ އެހެން އެއްވެސް މީހަކު އެތަނަކުން ފެންނާކަށް ނެތެވެ.

ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހި ކުރިޔަށްދެވޭނެ އެއްވެސްމަގެއް ނެތުމުން، ފާތާނިކެގެ ފޯނާއި ބެހޭގޮތުން އަދި އޭނާއާ މެދު ސައްކުކުރެވެމުންދާ ފާތާނިކެގެ މަރާ ބެހޭގޮތުން ވާހަކަދައްކާން ނާގިތު އެއްބަސްވިއެވެ. މޫނު މަތިން ފާޅުވަމުންދިޔަ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރުތައް ސިއްރުކުރަން މަސައްކަތް ކުރަމުން ނާގިތު އެވާހަކަތައް ކިޔައިދޭން ފެށިއެވެ.

ފާތާނިކެ މަރުވުމުގެ ދެތިން ދުވަސް ކުރިއެވެ. އަތޮޅުފެރީގައި ފާއިދު މާލެއިން އައިއިރު ނާގިތު ވެސް މާލެއިން އައެވެ. ފާތާނިކެއަށް ހަދިޔާއެއްކަމެއް ބުނެ އޭނާގެ މާމަދަރިފުޅު، އަދުހަމް ގަނެފައި ފޮނުވި ވަރަށްރީތި ވަރަށްމޮޅު ފޯނެއް ފާއިދުގެ އަތުން ނާގިތަށް ފެނުނެވެ. އެފޯނު ފެނުމާއެކު ވަރަށްބޮޑަށް އެއަށް ޝައުގުވެރިވެވި އެހާމެ ބޭނުން ވެސް ވިއެވެ.

މާލެފެރީން އަތޮޅުގެވެރިކަންކުރާ ރަށަށް ގޮސް، ފާއިދުމެން ރަށަށް ދިއުމުގެކުރިން ފާއިދު ބެންކަށް ގޮސް ފާތާނިކެ އެކައުންޓުން ފައިސާ ނެގިއިރު އޭނާއާ އެކުގައި ނާގިތު ބެންކަށް ދިޔައެވެ.

ފާތާނިކެގެ އެކައުންޓުން އެއްފަހަރާ އެހާބައިވަރު ފައިސާ ނެގުމުން އެކަމާ ހައިރާންވެގެން ފާއިދުއާ ނާގިތު ސުވާލުކުރި އެވެ.

ނުނިމޭ

1
0
މިއީ " ފާތާނިކެ " އަށް ހުށަހަޅާފައިވާ 2 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ފާތާނިކެ“

Leave a Reply

Your email address will not be published.