ހިތާމަ ލޯބީގެ

އިސްކު ( 3 )

ގެއަށް ދެވުމާއިއެކު ލަންމާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. ހިތަށް ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން ރޭގަނޑަށް ކެއުމަކީ ވެސް އެހާ މުހިންމުކަމެއް ކަމުގައި އޭނާ ނުދެކެއެވެ. ފާޙާނާބަޔަށް ވަދެ މޫނު ދޮވެލައިގެން އައިސް އެނދުގައި އޮށޯވެލީ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯ އެވެ.

ވިސްނުމާއި ޚިޔާލާއި ފިކުރުގެ ކަނޑެއްގައި ފަތަމުން ދިޔަ ލަންމާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އަވަސް އަވަހަށް ދޮރާއި ދިމާއަށް ބަލާލިއިރު ދޮރުހުޅުވާލަމުން ނަޖީބާ ކޮޓަރިއަށް ވަންނަނީ އެވެ.

” ދަރިފުޅާ! މިރޭ ނުކަނީތަ؟ ” ލަންމާއާ ދިމާއަށް އަންނަމުން ނަޖީބާ އެހިއެވެ.

” އާން މަންމާ. މިރޭ ކާހިތެއް ނެތް. އެހެންވެ ނިދަން މިއުޅެނީ. ” ޙަޤީޤަތް ސިއްރު ކުރަމުން ލަންމާ ވާހަކަ ދެއްކި އެވެ.

ލަންމާއަށް އައިސްފައިވާ ބަދަލުގެ ސަބަބުން ނަޖީބާ ކޮންމެ ވެސް ވަރަކަށް ކަންބޮޑުވާގޮތް ވިއެވެ. ލަންމާ ބަލީތޯ އަހައި ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކޮށްލިއެވެ. ނުކުމެ ކޮޓަރިން ނުކުމެގެން ދިޔައީ ތަޅުލާފަ އެވެ.

ނަޖީބާ ދިއުމުން ލަންމާ ގޮސް ފާޚާނާބަޔަށްވަދެ ހެދުން ބަދަލު ކޮށްގެން އައިސް ނިދަން އޮށޯތީ، މާދަމާރޭ ކޮންމެ ވެސް ގޮތަކުން ނާއިޒާއި ބައްދަލު ކުރަން އުންމީދު ކުރަމުން ނެވެ. ނާއިޒްގެ މަޢުލޫމާތު ހޯދުމަށް އަޒުމް ކަނޑައަޅައިގެން ވެސް މެއެވެ.

ތަފާތު ޚިޔާލުތަކާއި ފިކުރުތަކުގައި އޮވެގެން ނިދޭތޯ މަސައްކަތް ކުރަމުންދިޔަ ލަންމާއަށް ނިދުނުއިރެއް އޭނައަށް ވެސް ނޭނގެއެވެ.

ރޭގަނޑުގެ ހަމަހިމޭންކަމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް ފަތިސްނަމާދުގެ ބަންގީގެ އަޑާއިއެކު މާލެތެރޭގެ ހަމަހިމޭންކަން ކެނޑިގެން ހިނގައްޖެ އެވެ. ފަތިސްނަމާދަށް ދާން މަގުތަކަށް ނުކުތް މީހުން އިތުރުވަމުން ދިޔައިރު ދުއްވާތަކެތި ވެސް އިތުރުވަމުން ދިޔައެވެ. ގޭގޭ ތެރޭން އިވެމުންދިޔަ އަޑުތައް އިތުރުވަމުން ބާރުވަމުން ދިޔައެވެ. މަގުތަކުގެ ހަލަބޮލިކަން އިތުރުވަމުން ދިޔައެވެ.

ހަގަޑި ތިރީސްވުމާއިއެކު މަދަރުސާއަށްދާ ކުދިންތައް މަގުތަކަށް ނުކުންނާން ފެށިއެވެ

ލަންމާ އޭނާގެ އާދައިގެމަތިން މިއަދު ވެސް މަދަރުސާއަށް އައީ އަމިއްލަ ކާރުގައެވެ. ކާރުން ފައިބާގެން ކުލާހާއި ދިމާއަށް ހިނގަމުން ދިޔަ ލަންމާ ހުއްޓެމުން ފަހަތް ބަލާލީ ކޮންމެވެސް މީހަކު އޭނައަށް ގޮވުމުންނެވެ.

ލަންމާ ފަހަތަށް ބަލާލިއިރު އެތަނުގައި ހުރީ ޔަޒީލް އެވެ. ޔަޒީލަކީ ވެސް ލަންމާ ފަދަ ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ފިރިހެނެއްގެ ފަރާތުން ފެންނަމުންދާ ރީތި ސިފަތައް ފާހަގަކުރާނަމަ ޔަޒީލްގެ ފަރާތުން ވެސް އެފަދަ އެތައް ބައިވަރު ސިފައެއް ފެންނާނެކަން ޔަގީނެވެ.

ލަންމާ އާއި ޔަޒީލް ބައްދަލުވީ ސީ.އެޗް.އެސް.އީ ބާރައިން މިއަހަރު އެވެ. ޔަޒީލަށް ލަންމާ ފެނުނު ދުވަހުން ފެށިގެން ލަންމާގެ ލޯތްބަށް އެދި އާދޭސް ކުރަމުން ދިޔަ ނަމަވެސް ލަންމާ އެކަމަކަށް އަޅައެއް ނުލައެވެ. ލަންމާ އެކަމަށް ސަމާލުކަން ނުދިން ނަމަވެސް ޔަޒީލް އޭނާގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ.

” ދޮންކަނބުލޮ ހާދަ ހިތްހަމަ ނުޖެހިފައި ހުރިހެން ހީވެޔޭ. އަނެއްކާ ކޮންކަމެއް ލައިގަތީތަ؟ ” ލަންމާއާ ދިމާއަށް އަންނަމުން ޔަޒީލް ވާހަކަ ދެއްކިއެވެ.

” ޔަޒީލްއާ ކޮންކަމެއް. ވަރަށް ފޫހިވޭ. ” ދުރަށް ހިނގައިގަންނަމުން ހިތްހަމަ ނުޖެހުމާއިއެކު ލަންމާ ވާހަކަ ދެއްކިއެވެ. އޭނަ ހިތްހަމަ ނުޖެހުނުވަރު އަޑާއި ހަރަކާތުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ.

” ހިތްހަމަ ނުޖެހި ތިހެން ތުންދަމާލީމަ މާރީތި. ހީވަނީ މާލެއާ ހުޅުމާލެއާ ދެމެދު އަޅާންއުޅޭ ބުރިޖްހެން. ” ލަންމާގެ ފަހަތުން އަންނަމުން ޔަޒީލް ބުންޏެވެ.

ޔަޒީލަށް އެއްވެސް ސަމާލުކަމެއް ނުދީ ލަންމާ ދިޔަގޮތަށް ގޮސް ކުލާހަށް ވަނީ ޔަޒީލަށް އިތުރު ފުރުސަތެއް ނުދިނުމަށްޓަކައި އެވެ.

ޓީޗަރު ފިލާވަޅުތައް ނަގައިދެމުން ދިޔައިރު ވެސް ލަންމާ އިނީ ނާއިޒްގެ ޚިޔާލު ތަކަށް ގެއްލިފައެވެ.

ތަފާތު ޚިޔާލުތަކުން ސިކުނޑިއަށް ބާރު ބޮޑުކުރަމުން ދިޔަ ނަމަވެސް ލަންމާ މަސައްކަތް ކުރަމުން ދިޔައީ ފިލާވާޅުތަކަށް ސަމާލުކަން ދެވޭތޯއެވެ. އެކަމާއިގެން ކުރިޔަށް ދެވޭތޯއެވެ.

މަދަރުސާއިން ނުކުމެގެން ގެއަށްދާން ތައްޔާރުވަމުން ދިޔައިރު ވެސް ލަންމާގެ ފިކުރުތަކަށް ނިމުމެއް ނާދެއެވެ. ކާރަށް އެއްވެސް ސަމާލުކަމެއް ނުދީ ފައިމަގުގައި ގެއާއި ދިމާއަށް މިސްރާބު ޖެހީ ވެސް އެހެންވެ އެވެ.

ޓިއުޝަން ކުލާސް ކުރިމަތިން އޮންނަ މަގުންލާފައި ގެއާއި ދިމާއަށް ހިނގަމުންދިޔަ ލަންމާ ހިނގުން ހުއްޓާލައި އެތަނުގައި މަޑުކޮށްލީ ނާއިޒް ފެނިދާނެކަމުގެ އުންމީދުގައެވެ.

އެހެން ދުވަސްތަކުގެ ވެސް އާދައިގެމަތިން ލަންމާ ނިމޭގަޑިއަށް ކާރުއައެވެ. އެހިސާބުގައި ލަންމާ ނެތުމުން ޑުރައިވަރަށް ޖެހުނީ އެތެރެއަށް ވަދެ މަޢުލޫމާތު ހޯދާށެވެ. މަދަރުސާއިން ނުކުމެގެން ލަންމާ ހިނގައްޖެކަމަށް ބުނުމުން ޑުރައިވަރު ވަރަށް ހާސްވެ ކަންބޮޑުވި އެވެ.

އެންމެ ކުޑައިރުއްސުރެ ފެށިގެން އަމިއްލަ ކާރުގައި މަދަރުސާއަށް އައިސް ގޮސްވާ ލަންމާ މިއަދު އެހެން އެހެދީ ކީއްވެބާއޭ ޑުރައިވަރުގެ ހިތަށްއެރި އެވެ. އޭނައަށް އާދެވުނުލެއް ލަސްވީ ބާއޭ ވެސް ހިތަށް އެރިއެވެ. އެހެން ދުވަސް ދުވަހު ޑުރައިވަރު ލަސްވެއްޖެނަމަ ޑުރައިވަރު އަންނަންދެން ލަންމާ މަޑުކުރާއިރު މިއަދު އެދިޔައީ ކީއްވެބާއޭ ވެސް ޑުރައިވަރު ހިތަށް އެރިއެވެ. ވިސްނާލަން ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު ޑުރައިވަރު ކާރު ދުއްވާލި އެވެ.

ޓިއުޝަންކުލާސް ކައިރީ އިރުކޮޅަކު މަޑުކުރުމަށްފަހު ނާއިޒްގެ އެއްވެސް ޚަބަރެއް ނުވުމުން ގެއާއި ދިމާއަށް ލަންމާ މިސްރާބުޖެހި އެވެ.

ނާއިޒާއި ބައްދަލު ކުރަން ލަންމާ ކުރަމުންދާ މަސައްކަތާއި އެކުގައި ވަގުތުތައް ފާއިތުވަމުން ކޮންމެ ސައުވީސް ގަޑިއިރަކުން ދުވަހެއް ފާއިތުވަމުން ދިޔައެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބުނު ނަމަވެސް ލަންމާގެ އުންމީދާއި މަސައްކަތަށް ކުޑަނަމަވެސް ހީނަރުކަމެއް ނާދެއެވެ.

ހުކުރު ދުވަހު ހަވީރު ފަހެއްޖަހާކަން ހާއިރެވެ. މަޖީދީމަގުން މެގަޗިޕްކުރިމަތިން އިރުވަޔަށް ލަންމާ އާއި ފާތުން ހިނގަމުން ދިޔައީ ހެދިގޮނޑުދޮށަށް ދިއުމަށްޓަކަ އެވެ. ތަފާތު މަޢުލޫތަކަށް ވާހަކަ ދައްކަމުން އެކިކަންކަމާއި މަޝްވަރާ ކުރަމުން ދިޔަ ލަންމާ ސިއްސައިގެން ދިޔައީ، އެމީހުންގެ ކުރިމަތިން ހުރަސްކުރި ސައިކަލްގައި އިން ނާއިޒް ފެނުމުންނެވެ. ލަންމާއަށް ނާއިޒް ފެނިގެން ހުއްޓެވުނު ނަމަވެސް ނާއިޒް ދިޔަގޮތަށް ދިޔައީ އެވެ.

” ކިހިނެތްވީ؟ ނާއިޒް ދަންނަންތަ؟ ” ނާއިޒް ފެނުމުން ލަންމާއަށް އައި ބަދަލު ފާހަގަކުރެވި ހައިރާންކަމާއިއެކު އަވަސް އަވަހަށް ފާތުން އަހާލި އެވެ.

” ފާތުންނަށް ކިހިނެތް ނާއިޒް އެނގެނީ؟ ” ފާތުންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ލަންމާ ވެސް ކުރީ ސުވާލެކެވެ. އެމީހަކާއި ބައްދަލު ކުރުމަށް ލަންމާގެ ހިތް އެދި ގޮވަމުންދާ އެޒުވާނާގެ ނަމަކީ ނާއިޒް ކަން ފާތުން ކުރި ސުވާލުގައި އެނަން ބޭނުންކުރުމުން ލަންމާއަށް ޔަގީންވި އެވެ.

” އެއީ އަހަރުން ދޮންބެމެން ކުލާހުގައި އުޅޭ ރާއްޖެތެރޭ ކުއްޖެއް. މަދުމަދުން އަހަރުމެން ގެއަށް ވެސް ދާނެ. އެއީ ވަރަށް ނިކަމެތި ކުއްޖެއް. އޭނާ ވިހޭތަނުން މަންމަ ވަރިކޮށްފައި ބައްޕަ ދިޔަގޮތަށް އެއްވެސް ޚަބަރެއް ނުވޭ. ” ނާއިޒާއި ބެހޭގޮތުން ފާތުންނަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ފާތުން ވާހަކަ ދެއްކި އެވެ.

” އެހެންދޯ؟ …. ކޮންމެ ވެސް ތަނަކުން ދުއް ހަނދާނެއް ވާތީ ބަލާލީ … ހިނގާދާން. ” ފާތުންނާއި ވާހަކަ ދައްކަމުން ލަންމާ ހިނގައިގަތެވެ. އޭނާގެ ފަހަތުން ފާތުން ވެސް ހިނގައިގަތެވެ.

މާލެތެރެއަށް އަނދިރިކަން ވެރިވަމުން ދިޔައިރު މަގުތަކުންނާއި އާންމު މައިދާންތަކުން ކުޑަކުދިންނާއި މީހުން މަދުވަމުން ދިޔައެވެ. ދުއްވާތަކެތި ވެސް ކޮންމެ ވެސް ވަރަކަށް މަދުވަމުން ދިޔައެވެ.

ސާދަވިލޭރޭގެ ހަނދުން ބިންމަތި އަލިކޮށްލުމާއިއެކު ލޯބިވެރިންގެ ޖޯޑުތަކުން ހެދިގޮނޑުދޮށަށް ބާރުބޮޑުވަމުން ދިޔައެވެ. ވަކިވަކި ފަރުދުންނާއި ރައްޓެހިންގެ ގުރޫޕްތައް ވެސް އެސަރަހައްދުން ފެންނަމުންދާވަރު މަދެއް ނޫނެވެ.

ފިލާވަޅުތައް ނިންމާލުމަށްފަހު، ނުވައެއް ޖަހާކަންހާއިރު ލަންމާ ކޮޓަރިން ނުކުތީ ފާތުންނާއި ބައްދަކުރަން އެގެއަށް ދިއުމަށްޓަކައެވެ. ލަންމާ ކޮޓަރިން ނުކުތްއިރު އޭނާގެ މަންމަ ނަޖީބާ އާއި ދޮންބައްޕަ މާއިޒް ފެންޑާތެރޭގައި ތިއްބެވެ.

” ދަރިފުޅާ! ދާންވީނު ކާން. ” ލަންމާއަށް ގޮވާލަމުން ނަޖީބާ ބުންޏެވެ.

” ދަރިފުޅާ! …. ކޮންތާކަށް ދާން ތިއުޅެނީ؟ ކޮންމެވެސް މުހިންމު ތަނަކަށް ދާން ތައްޔާރުވެގެން ހުރިހެން ހީވަނީ. ” ލަންމާ ހުރިގޮތް ފެނުމުން މާއިޒަށް ކޮންމެ ވެސް އެއްޗެއް ވިސްނުނެވެ.

” އަޅުގަނޑު ކާހިތެއްނެތް …. މިދަނީ ފާތުންނާއި ބައްދަލުކޮށްލަން. ” ނަޖީބާ އާއި މާއިޒަށް ބަލާލަމުން ލަންމާ ވާހަކަ ދެއްކިއެވެ.

” ކާހިތް ނުވިޔަސް ކާންވާނެ. އިހަށްދޭ ކާން. ކައިގެން ކާރުގައި އެގެއަށް ދާނީ. ” ލަންމާގެ ވާހަކައާ ގުޅުވައިގެން ނަޖީބާ ވާހަކަ ދެއްކިއެވެ. ނަޖީބާގެ ވާހަކައާ އެއްބަސްވުމުގެ ގޮތުން މާއިޒު ބޯޖަހާލިއެވެ. ލަންމާ މިސްރާބުޖެހީ ކާގެއާއި ދިމާއަށެވެ.

ލަންމާ ގޮސް އެގެއަށް ވަތްއިރު ފެންޑާތެރޭގައި ފާތުން އިނެވެ. ފާތުންނަށް ލަންމާ ފެނުމާއިއެކު ލަންމާއާ ވާހަކަ ދައްކަމުން ދައްކަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ލަންމާ އެގެއަށް އައީ ފާތުންނާއި ބައްދަލުކުރަން ނަމަވެސް ހިތުގައިވަނީ އެހެން މަޤްޞަދެކެވެ. ފާތުން ބުނިފަދައިން އޭނާގެ ބޭބެއާއެކު ނާއިޒް އެގެއަށް އައިސް އުޅޭތީ އެންމެފަސޭހައިން ނާއިޒާއި ބައްދަލުވާނީ އެގޮތުން ކަމަށްވާތީ ލަންމާ އެހެން ކަންތައް ކުރި ނަމަވެސް އެހެން މީހަކަށް އެކަމެއް ނޭނގެ އެވެ. އޭނަ ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް ނާއިޒާއި ބައްދަލުކޮށް ވާހަކަ ދައްކާށެވެ. އެންމެ ކުޑަމިނުން ރަހުމަތްތެރިކަން ނަމަވެސް ބަދަހި ކުރާށެވެ.

ފާތުންނާއި ބައްދަލުކުރުމުގެ ނަމުގައި އެގެއަށް އައިސް ދޮޅުގަޑިއެއްހާއިރު ވީ އިރުވެސް ކާމިޔާބުވާގޮތް ނުވުމުން ލަންމާ މާޔޫސްވާގޮތް ވިއެވެ. އެހެން ފަހަރަކުން އައުމަށް ނިންމައި ގެއަށް ދިއުމަށް ނިންމިއެވެ.

ނަޖީބާއަށް ފޯނުކޮށް އޭނާ ގެއަށް ދިއުމަށް ކާރުފޮނުވަން ބުނެފައި ލަންމާ އާއި ފާތުން ނުކުތީ ބޭރަށެވެ. އޭނަ އެގެއަށް އައީ ކީއްކުރަން ކަމެއް އޭރު ވެސް ފާތުންގާތު ލަންމާ ނުބުނެ އެވެ.

ލަންމާ އާއި ފާތުން ދޮރޯށި ކައިރިއަށް ނުކުމެ މާގިނައިރެއް ނުވަނީސް، ލަންމާ ބަލައި ކާރު އައިސްފި އެވެ.

މަޖީދީމަގުން ދުއްވަމުން އައި ކާރު ޓްރެފިކްލައިޓެއްގައި ޖެހުމުން މަޑުކޮށްލި އެވެ. ކަންތައް ވީގޮތުގެ ސަބަބުން ވަރަށް އަވަހަށް ގެއަށްދާން ބޭނުންވެފައި އިން ލަންމާގެ ހިތްހަމަނުޖެހުން އެކަމުގެ ސަބަބުން އިތުރުވެގެން ދިޔައެވެ. ސުކުންތުތައް ގުނަމުން ފޫހިކަމާއިއެކު ބޭރަށް ނަޒަރު ހިންގާލީ ބައިވަރު ވެހިކަލް މަޑުކޮށްފައި ވޭތޯ ބަލާލުމުގެ ބޭނުމުގަ އެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް ކާރު ކައިރިއަށް އައިސް މަޑުކޮށްލި ސައިކަލްގައި ތިބި ދެޒުވާނުން ފެނިފައި ލަންމާ ދިޔައީ ސިއްސައިގެން ނެވެ. އަވަސް އަވަހަށް ދެލޯ ފުހެލަމުން ސައިކަލާއި ދިމާއަށް ބަލާލީ ފެންނަމުންދިޔަ މަންޒަރު ޔަގީން ކޮށްލުމަށްޓަކައެވެ.

އެ ސައިކަލްގައި ތިބީ ނާއިޒާއި ފަރުހާދުކަން ލަންމާއަށް ޔަގީނެވެ. ފަރުހާދަކީ ފާތުންގެ ބޭބެއަށް ވެފައި ފަރުހާދުގެ ސައިކަލް ފަހަތުން ނާއިޒް ފެނުމަކީ ފާތުން އެބުނާ ފަދަ ގުޅުމެއް އެދެމެދުގައި އޮތްކަމުގެ ހެއްކެއްކަން ލަންމާއަށް ވެސް ޔަގީން ވިއެވެ.

ފާތުން ބުނެފައިވާ ގޮތުން ނާއިޒަކީ ރާއްޖެތެރޭން މާލެ އައިސް ތަޢުލީމު ހާސިލުކުރަން މަސައްކަތް ކުރަމުންދާ ފަގީރު ކުއްޖެކެވެ.

ނާއިޒާއި ދިމާއަށް ބަލަހައްޓައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ލަންމާ އިންދައި ސައިކަލާއި ކާރު ދުއްވާލި އެވެ. ކާރުގެ ކުރިއަށް ސައިކަލް އަރައިގެން ގޮސް ލަންމާގެ ލޯ ކުރިމަތިން ގެއްލުމުން ލަންމާ ފޫހިވިއެވެ.

ފޫހިކަމާއި ހިތްހަމަ ނުޖެހުމާއިއެކު ލަންމާ ވަގުތުތައް ގުނަމުން ދިޔައެވެ. ލަންމާ އިނީ ގެއަށް އައުން ލަސްވެފައިކަން ޔަގީންވީ ގެ ކައިރިއަށް ކާރު މަޑުކުރުމާއިއެކު އޭނަ އުޅުނު ގޮތުންނެވެ.

ދުވެފައި ގޭތެރެއަށް ވަދެގެންދިޔަ ލަންމާއަށް ކެތްކުރެވުނީ ކޮޓަރީގެ އެނދާއި ހަމައަށް ދެވެން ދެނެވެ. އެނދާއި ހަމައަށް ދެވުމާއިއެކު އެނދު މައްޗަށް ވެއްޓި ގަނެވުނުއިރު ރޮވިއްޖެ އެވެ.

ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.