ލޯބީގެ

އިންތިހާއަށް ލޯބިދީފާ. . [6 ފަހުބައި]

“އަހަރެންނަކަށް ނޭނގެ އާޔާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. ޔޫ މޭކް މީ ފީލް ސްޕެޝަލް. ” އަހަރެން އާޔާގެ އަތުގައި ހިފާ މަގަތަށް އަނބުރާލާފައި ބުނެލީމެވެ. އެވަގުތު އާޔާގެ މޫނުމައްޗަށް ޖަންބުކުލަ އަރައިގެންދިޔައެވެ. ލަދުރަކި ހިނިތުންވުމެއް އާޔާގެ ތުންފަތަށް ވެރިވިއެވެ. އާޔާގެ ރީތިކަން އޭގެ އިންތިޙާއަށް ފެނިގެން ދިޔައެވެ. އާޔާގެ ހިތުގައި އަހަރެންނަށް ޚާއްސަ މަޤާމެއް ވާކަން އަހަރެންނަށް އެވަގުތު އިޙްސާސް ކުރެވުނެވެ.

“ވަން މޯތިންގް. އަކް މިރޭ ދާން ޖެހޭނީ އަހަރެންނާއި އެކު. “

“މިރޭ ހަތަރުދަން މިދަނީ އާޔާގެ އިޝާރާތަކަށް ނު. ” އަހަރެން އާޔާއަށް އެއްލޯ މަރާލަމުން ދިމާކޮށްލީމެވެ. އާޔާގެ މޫނުމަތިން ހިނިތުންވުން ފިލައިގެނެއް ނުދެއެވެ. އާޔާހުރީ ވަރަށް އުފާވެފައިކަން އަހަރެންނަށް ޔަޤީންކުރެވުނެވެ.

“މިބުނީ އަހަރެންގެ ގެޔަށް ދާވާހަކަ.އާޔާ ބޭނުން އަކް މަންމައަށް އިންޓްރޮޑިއުސް ކޮށްދޭން. ” އާޔާގެ ޖުމްލައާއިއެކު އަހަރެންގެ ހިތްބާރުބާރަށް ތެޅެންފެށިއެވެ. އަހަރެންގެ ޙައިސިއްޔަތު ހިތައް އަރާފައި އެއީ އަހަރެންނާއި އެކަށީގެންވާވަރުގެ ބައެއް ނޫންކަން އިޙްސާސް ވިއެވެ. ކިތަންމެ އަގުބޮޑު ހެނދުން ލާފައި ކިތަންމެ ރީތިކޮށް ފުނާ އަޅާފައި ހުއްޓަކަސް އަހަރެންނަކީ ޔަތީމެކެވެ. މަގުމަތި ވެފައިވާ ފަތްބޯ މީހެކެވެ. އަހަރެން އަނގައިންނުބުނެ އިސްދަށަށް ޖަހައިގެން އިންނަން ފެށުމުން އާޔާ އަށް އަހަރެންގެ އިހްސާސްތައް ދެނެގަނެ ވުނުކަހަލައެވެ.

” ޔޫ ޑޯންޓް ނޯ މައި މޮމް. ވަރަށް ހެޔޮވާނެ. “

“އާޔާއަކަށް އިތުރަށް އެކްސްޕްލެއިން ކޮށްދޭކަށް ނުޖެހޭނެ. އައިމް ޝުއަރ ޝީއިޒް. އާޔާގެ މަންމަ އަށް ވަންޏާ ހިތްހެޔޮވާނެކަން ޔަގީން. ” އަހަރެންނަށް ކުރެވެމުން ދިޔައީ ދުވަހަކުވެސް ނުކުރުވާކަހަލަގެ އުފާވެރި އިޙްސާސް ތަކެކެވެ. އެއީ ފެންނަ ފޮނި ހުވަފެނެއް ކަހަލައެވެ.

ޓެކްސީގައި ގޮސް ހ.ބްލޫ ޕާލް އަށް މަޑުކުރުމާއިއެކު ގާޑުން ދޮރާށި ހުޅުވާލިއެވެ. އެއާއެކު ބޮޑު މާބަގީޗާއެއްގެ މެދުން ކަހަލަގޮތަކަށް ހެދިފައިވާ މަގަކުން ދުއްވާފައިގޮސް ގޭގެ ޕޯޓިކޯއަށް ޓެކްސީ މަޑުކޮށްލިއެވެ. އެއާއިއެކު ގޭގައި ގެންގުޅޭ މީހަކު އައިސް ގަނެފައި ހުރި ސާމަނުތައް ހިފައިގެން އެނތެރެއަށް ވެއްދިއެވެ. ގޭގެ ދޮރު ހުޅުވާލުމާއިއެކު އަހަރެންނަށް ހުރެވުނީ ހައިރާންވި ވަރުން އަނގަ ހުޅުވިފައެވެ. ބޮޑު ސިޓިންގްރޫމްގެ ތެރެއަށް ވަދެގެން ދިޔައިރު އެގޭތެރެއިން ފެނުނު ކޮންމެ އެއްޗެއްގައި ވަނީ އެޢާއިލާގެ ހައިބަތާއި ފޯރުންތެރިކަން ދައްކުވާފަދަ ފުރިހަމަކަމެވެ.

“މޮމް. ” އާޔާ މަންމައަށް ގޮވަމުން އެނތެރެއަށް ވަދެ ސިޓިންރޫމްގެ ސޯފާއެއްގައި އަހަރެންނާއިއެކު އިށީނެވެ. އެއާއިއެކު ދެބައި އުމުރުގެ އަންހެނަކު ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. އަހަރެންނަށް އެއީ އާޔާގެ މަންމަކަން ފެންނަ އިރަށް އެނގިއްޖެއެވެ. އާޔާގެ ރީތިކަން ލިބިފައި ވަނީ އާޔާގެ މަންމަގެ ފަރާތުންނެވެ.

“އޯހް ބޭބީ. ކަމް ހިއަރ. ” އާޔާގެ މަންމަ އައިސް އާޔާގެ ގާގައި ބައްދާލީ އޯގާތެރިކަމުން ފުރިގެންވާ ފަދަ ގޮތަކަށެވެ. އަހަރެންނަށް އެމަންޒަރު ފެނިފައި އަސަރު ކުރިއެވެ. އަހަރެންގެ މަންމަގެ މަތިން ހަނދާން ވެފައެވެ.

“މޮމް މިއީ އަޅުގަނޑުގެ ރައްޓިއްސެއް. އަކްޔަން. ” އާޔާ އަހަރެން ތަޢާރަފް ކޮށްދިނުމާއިއެކު އަހަރެންވެސް ތެދުވެ ސަލާމް ކޮށްލަން އަތް ދިއްކޮށްލީމެވެ.

“އައްސަލާމް ޢަލައިކުމް ކިހިނެއް އަކްޔަން. ކައިގެންނެއްނު ދާންވާނީދޯ. “

“މޮމް. އަކްޔަން ދުވަސްކޮޅަކު ހުރެލަން ރޫމް އެއް ބޭނުން ވެގެން އެއުޅެނީ. ސޯ އައިވޯޒް ތިންކިންގް. ގެސްޓްރޫމްގަ ފޯރ ޓޫ، ތްރީ ޑޭސް. “

“އޮފް ކޯޒް. ހީޒް ވެލްކަމް. އާޔާގެ ފްރެންޑެއް ވެއްޖިއްޔާ މިގޭގަ ހުރެވޭނެ ބޭނުންހާ ދުވަހަކު. ” އާޔާގެ މަންމަ ހިނިތުންވެލަމުން އެގޭގައި ގެންގުޅޭ މީހާއަށް އަތުން އިޝާރާތް ކޮށްލިއެވެ. އެއާއި އެކު އަހަރެން ގޮވައިގެން ގެސްޓް ރޫމް އަށް ގެންދެވުނެވެ. އަހަރެންގެ ފަހަތުން އާޔާވެސް އައެވެ. އަހަރެންގެ އެއްޗިހި ކޮޓަރިއަށް ގެންދެވުމާއިއެކު އިތުރުކަމަކަށް ބޭނުން ވެއްޖިއްޔާ އަންގާލުމަށް ބުނެފައި ސަބުޖު ދިޔައީއެވެ. އާޔާވެސް ނިކުންނަން ހިނގައިގަތެވެ. އެވަގުތު އަހަރެން އާޔާގެ އަތުގައި ހިފާ ކައިރި ކޮށްލީމެވެ.

“އާޔާއަށް ޝުކުރު އަދާކޮށްދޭނެ ގޮތެއްވެސް އަހަރެންނަކަށް ނޭނގެ. ތެންކް ޔޫ ފޯރ އެވްރިތިންގް. ” އާޔާ އަހަރެންނަށް ހިނިތުންވެލިއެވެ

“އާޔާ. އައި. ލަވް. ޔޫ. ” އަހަރެން އެ ބަސްތައް ދުރުދުރުގައި އަތުރާލީ އާޔާގެ އަތުގައި ހިފަހަށްޓައިގެން ހުރެއެވެ. އެއާއިއެކު އާޔާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. އާޔާ އިސްޖަހާލީ ލަދުންކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ޖެހިގެން އައި ސިކުންތުގައި އާޔާގެ މޫނުމަތިން ފެނިގެންދިޔައީ ނުތަނަވަސް ކަމާއި ހިތްދަތިކަމުގެ އަސަރު ތަކެވެ. މީގެ ކުރިން ދުވަހަކުވެސް އަރެންނަށް ފެނިފައި ނުވާ ކުލަވަރުތަކެކެވެ.

“ޗޭންޖް ކޮށްލައިގެން އާދޭ ކާން.” އާޔާ އެހެން ބުނެފައި ކޮޓަރިން ނިކުމެގެން ދިޔައީ އަހަރެންގެ ހިތުގައި އެތަކެއް ބައިވަރު ސުވާލު ތަކެއް ފުނިޖައްސައިފައެވެ.

އެރޭގެ ކެއުމަށް އެންމެން އިންސާފު ކުރަމުން ދިޔައީއެވެ. އާޔާގެ މަންމަ އަހަރެންނާއި ބެހޭ ގޮތުން ސުވާލު ކުރަމުން ދިޔައެވެ. އެ ކޮންމެ ސުވާލެއްގެ ޖަވާބު ދެމުން ދިޔައީ އާޔާއެވެ. އަހަރެންނަށް ޖެހުނީ ހިނިތުން ވެލައިގެން އާޔާގެ ކޮންމެ ޖަވާބަކަށް ބޯޖަހާލާށެވެ. ކައިނިމުމާއިއެކު އާޔާއަށް ބޭސް ގެނެވުނެވެ. ހައެކަ ގުޅަބޭސް ގެނެވުނެވެ. އެހުރިހާއެއްޗިހި އާޔާ ކެއެވެ. އަހަރެންނަށް ބަލައިލެވުނީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ނަމަވެސް އާޔާ ހިނިތުންވެލާފައި އިސްދަށަށް ޖަހާލައިގެން އިނީއެވެ.

އެރޭ ދަންވަރު ދޭއް ޖަހާކަންހާއިރެވެ. އަހަރެންނަށް ހޭލެވުނީ އުނދަގޫ ވާވަރުންނެވެ. ދެވިހިފައިފައި ވާ މަސްތުވާއެއްޗެއް ނުލިބުމުން ގައިގައި އަޅަމުންދިޔަ ވޭނެވެ. އެންމެފަހުން އަހަރެންނަށް ކެތް ނުކުރެވިގެން ކޮޓަރިން ނިކުމެވެން އޮތް ތަނަވަސް ބެލްކަންޏަށް ނިކުމެލީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި ކޮޓަރިން ބެލްކަންޏަށް ނިކުމެ އިން އަންހެން ކުއްޖާއެވެ. ފެންނައިރަށް އެއީ އާޔާކަން އަހަރެންނަށް އެނގުނެވެ.

“އާޔާ. އަހަރެން ގޮވައިލުމުން އާޔާ އެނބުރި ބަލައިލިއެވެ. އެއާއިއެކު އާޔާގެ މޫނުމައްޗަށް ވެރިވި އުފާވެރިކަމުގެ ކުލަވަރު އެ ފަނޑު އަލިކަމުގެ ތެރެއިންވެސް އަހަރެންނަށް ފާހަގަ ކުރެވުނެވެ. އާޔާ އައިސް ބެލްކަނި މަތިން އަހަރެންގެ ކޮޓަރީ ބެލްކަންޏަށް ފައިބަން އުޅުނެވެ. އަހަރެން އާޔާގެ އަތުގައި ހިފާ ރެއިލިގްސް މަތިން އަހަރެންގެ ކޮޓަރީ ބެލްކަންޏަށް ބޭލީމެވެ.

“އަކް. އަދިވެސް ނުނިދަންތަ.”

“އަހަރެންވެސް ތިސުވާލު ކުރަން މިއުޅުނީ. ” އޭރުވެސް އަހަރެންގެ އަޑުގައި ތުރުތުރު ލަމުން ދެއެވެ.

“އަކް ބަލީތަ. ” އާޔާ އަހަރެންގެ ކަރުގައި އަތްޖައްސާލަމުން އަހައިލިއެވެ.

“އާޔާއަކަށް އިހްސާސެއް ނުކުރެވޭނެ އަހަރެންކަހަލަ މަސްތުވާއެއްޗިއްސަށް ދެވިހިފާފަ ހުންނަ މީހެއްގެ ގައިގައި އެ ނުލިބުމުން އަޅާވޭނެއް. އާޔާ ތިކޮށްދިން ހުރިހާކަމަކަށް އަހަރެން އަބަދުވެސް ޝުކުރުވެރި ވާނަން. އެކަމަކު އަހަރެންނަކަށް ނޭނގެ އަހަރެންނަށް މަސްތުވާތަކެއްޗާއި ނުލާ އުޅެވޭނީ ކިހާ ދުވަހަކުކަމެއް. މާދަމާ ކަންނޭނގެ އާޔާގެ މަންމައަށް އެނގޭނީ. އަހަރެންނެއް ނޭދެން އާޔާގެ މަންމަ އަހަރެންގެ ސަބަބުން އާޔާއަށް ހިންހަމަނުޖެހިފަ އެއްޗެއް ބުނާކަށް. ” އަހަރެންނަށް ގައިގައި އަޅަމުން ދިޔަވޭނަށް ކެތްނުކުރެވިގެން ހިތުގައިވި އުދާސްތައް ބޭރުކޮށްލެވުނެވެ. އާޔާ މަޑުމަޑުން އަހަރެންގެ އަތުގައި ހިފައިގެން އެނތެރެއަށް ވަނެވެ. ވަމުންދާ ފިނިން އަހަރެންނަށް އުނދަގޫތަކެއް ވަމުންދާކަން އެނގުމުންނެވެ.

އާޔާ އަހަރެން އެނދުމަތީގައި ބޭއްވުމަށްފަހު ބްލޭންކެޓް އަޅައިލިއެވެ. އެއަށްފަހު ބްލޭންކެޓް ދަށަށް ވަދެ އަހަރެންގެ ކައިރީގައި އޮށޯވެލާ އަހަރެންނާއި ދިމާލަށް ބަލަމުންދިޔައެވެ. އަހަރެންނަށް ލިބެމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެން އަހަރެން ތުރުތުރު ލަމުންދާ މަންޒަރުބަލާށެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އާޔާ އަހަރެންގެ މޫނުގައި ފިރުމާލިއެވެ. އާޔާގެ އަތް އަހަރެންގެ މޫނުގައި ބީހުމާއިއެކު އަހަރެންނަށް ލޯހުޅުވައިލެވުނެވެ. އާޔާގެ ފިރުމުންތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ.

“އައި ތިންކް. އަމް އިން ލަވް ވިތް ޔޫޓޫ. ” އާޔާގެ ނިޔަނެތި އަޑު އަހަރެންގެ ކަންފަތްދޮށުގައި ފޮނިމިއުޒިކެއް ފަދައިން ކުޅެލެވުނެވެ. އަހަރެން މަޑުމަޑުން އާޔާގެ މޫނުގައި ފިރުމާލީމެވެ. އާޔާ މަޑުމަޑުން އަހަރެންނާއި ކައިރިވެލިއެވެ. އަހަރެންވެސް އެއަށްވުރެ ކައިރިވެލީމެވެ. އާޔާގެ ހޫނު ނޭވާ އަހަރެންގެ މޫނަށް އެޅޭހާ ކައިރިވެލީމެވެ. އަހަރެންގެ ހަށިގަނޑުގައި އަޅަމުންދިޔަވޭން އަހަރެންގެ ގައިން ފިލައިގެންދިޔައީ ކޮންކަހަލަ ޖާދޫއަކުން ކަމެއްނޭނގުނެވެ. އަހަރެންގެ ހުރިހާ ޙިއްސެއް އަހަރެންގެ އަމިއްލަ އިޙްތިޔާރުން ބޭރުގައި މަސައްކަތްކުރާކަހަލައެވެ. އާޔާ އާއި އެހާ ކައިރިވެލައިގެން އޮވެވުމުން އަހަރެންނަށް އަމިއްލަންފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. އާޔާގެ ފިރުމުންތަކަށް އެދި އަހަރެން ވަނީ ފެންބޮވައިގަނެފައެވެ. އަހަރެން މަޑުމަޑުން އާޔާގެ ތުންފަތުގައި ބޮސްދިނީމެވެ. އާޔާ އަހަރެންގެ ބީހުން ތަކަށް މަރުޙަބާކީ ހެޔޮހިތުންނެވެ. ދެހަށިގަނޑުގައި ރޯވެ އަނދަމުންދިޔަ ލޯބީގެ ޖަޒްބާތުތައް ފިރުމުންތަކުގެ ސިފައިގައި އޭގެ އިންތިހާއީ އަރާމު ލިއްބައިދެމުން ދިޔައެވެ. އަޅާލެވިފައިވާ ރަޖާގަނޑުގެ ތެރޭގައި ދެ ހަށިގަނޑު ކަޝްފުވެގެންދިޔައީ އޭގެ ލައްޒަތުގައެވެ. ފަޒާގައި ގުގުމަމުންދިޔަ އަޑަކީ ބަންޑުންވަމުންދިޔަ އަރާމުގެ ކަންވާރެވެ. ވަރުބަލިކަމާއިއެކު އެނދުގައި އަހަރެން އޮށޯތީ އަހަރެންގެ ހަށިގަނޑުން އާޔާގެ ނިޔަނެތި ހަށިގަނޑު ފޮރުވަމުންނެވެ.

“ދިސް އިޒް މައި ފަސްޓް ޓައިމް. ” އަޔާ ލޯބިން ފުރިގެންވާ ފަދަ ގޮތަކަށް ބުނެލިއެވެ.

“އާޔާ އަހަރެން ދުވަހަކުވެސް އަޔާއާއި ވަކިވާކަށް ނޭދެން. ” އާޔާގެ މޫނުމަތިން ހިނދުކޮޅަކަށް ނަމަވެސް ހިނިތުން ފިލައިގެން ދިޔައެވެ.

“އަކް. އަހަރެން ދުނިޔޭގައި ހުރިހާދުވަހަކު ހަމައެކަނި އަކްގެ މީހެއްގެ ގޮތުގައި ހުންނާނަން. ” އާޔާ އެހެން ބުނިއިރު ލޯފުރިގެން ބަންޑުންވި ކަރުނައިގެ މުތީތައް އަހަރެންނަށް ވަރަށް އަސަރު ކުރުވިއެވެ.

“އާޔާ އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ. މިރޭ އާޔާ ކެއީ ކޮންބޭސް ތަކެއް. އާޔާ ބަލީތަ. ” އަހަރެން އާޔާގެ މޫނަށް ބަލަމުން އަހާލީމެވެ.

“އަކް. އަހަރެންވެސް އަކްއަށް ކިޔައިދޭން ބޭނުންވާ ވަރަށް ބައިވަރު ވާހަކަތަކެއް އެބަހުރި. މިވާހަކަ ތައް ކިޔައި ނުދީ އަހަރެންނަށް އަކް އާއި އެއްކޮށް އިތުރަށް ކުރިޔަކަށް ނުދެވޭނެ. ” އާޔާގެ ވާހަކަތަކުން އަހަރެންގެ ހިތުގެ ތެޅުން ބާރުކޮށްލިއެވެ.

“ކޮން ވާހަކަތަކެއް. އާޔާ. އަހަރެންނަށް ކިޔައިދީ. އަހަރެން ބޭނުން އާޔާގެ ލައިފްވެސް އެނގެން. “އަހަރެން އާޔާގެ މޫނުގައި ދެއަތުން ފިރުމަމުން އާދޭހުގެ ރާގެއްގައި އަހާލީމެވެ.

“އެވާހަކަތައް އަހަރެން އަކް އަށް ކިޔައިދޭން ވަރަށް ބޭނުން. އެކަމަކު އޭގެކުރިން އަހަރެންނަށް ކަމެއްކޮށްދީ. “

“އަވަހަށް ބުނޭ. އާޔާއަށްޓަކާ އަހަރެން ކޮންމެފަދަ ކަމެއްވެސް ކުރަން މިހިރީ ތައްޔާރަށް. “

“އަކް ރީހެބަށް ގޮސް ޓްރީޓްމަންޓް ނަގަންވީނު. އަހަރެން ބޭނުން އަކް ގެ ކިބައިން މަސްތުވާތަކެތީގެ އަސަރު ފިލުވާލަން. ޕްލީޒް. ” އާޔާ އާދޭހާއި އެއްކޮށް ބުނެލިއެވެ. އެއަށްވުރެ ބޮޑަށް ޚުދު އަހަރެންވެސް ބޭނުންވާ އިތުރުކަމެއްނެތެވެ. އިންތިހާއަށް އަހަރެންނަށް ލޯބިދިން އަހަރެންގެ ހިތުގެ ވެރިޔާ އާއިއެކު އަލުން އާފެށުމަކުން އަހަރެންގެ ޙަޔާތްފަށަން ބޭނުމެވެ. ކުރިމަތިވެފައިވާ ވިއްސާރައިގެ ބޯވިލާތައް އުދަރެހުން ފިލައި ދާންވީ މަންޒިލް އަހަރެންނަށް ކުރިމަތިން ފެންނަމުން ދިޔައެވެ. އެދެމެދަށް ހުރަހެއް އެޅުނަކަ އަހަރެން ނުދޭނަމެވެ. އަހަރެންނާއި އަހަރެންގެ އާޙަޔާތާއި ދޭތެރޭގައި އޮތް ހުރަހަކީ އަހަރެންގެ ފަރުވާ ކަމުގައި ވަނީނަމަ ފަސްކުރުމެއް ނެތެވެ.

“މާދަމާއިންވެސް ފަށަން ބޭނުން. ” އާޔާ އަހަރެންގެ ތުންފަތުގައި ބޮސްދިނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.

“އަކް. އަހަރެން ބޭނުން އަކް، އަކްގެ މަންމަމެންގެ އުންމީދުތައް ފުރިހަމަކޮށްދޭން. އެދުވަހަކުން އަހަރެންނަށްވުރެ ވަކިބޮޑަށް އުފާވާނެ އެހެންމީހަކު ނުހުންނާނެ. ” އާޔާގެ ހިތްވަރުގެ ބަސްތަކުން އަހަރެންގެ ގެއްލިފައިވީ އުންމީދުތައް އަލުން ދިރިގެން ދިޔައެވެ. މިޔަދު އަހަރެންނަށް މިވަނީ ދިރިހުރުމަށް އާ މަޤްސަދެއްލިބިފައެވެ. އަހަރެންގެ ދިރިއުޅުމުގައި އަހަރެންނަށް ހެދުނު ކޮންމެ ގޯހެއް އިސްލާޙުކުރަން އަހަރެން ބޭނުމެވެ.

ޖެހިގެން އައިދުވަހު އަހަރެން އާޔާގެ ހިއްވަރާއިއެކު ރީހެބަށް ދިއުމުގެ ގޮތުން ނިންމަންޖެހޭ ހުރިހާކަމެއް ނިންމީމެވެ. ދެން ޖެހިގެން އައި ދުވަހު އަހަރެން ރީހެބަށް ދިއުމަށް މާފުއްޓަށް ފުރީމެވެ. އާޔާ ފުރުވަން އައުން ވީ އަހަރެންނަށް ލިބުނު އިތުރު ހިތްވަރެކެވެ. އާޔާއާއި ވަކިން އަހަރެއްހާ ދުވަސް ހޭދަކޮށްލަން ޖެހުމަކީ އަހަރެންނަށް ފަސޭހަކަމެއް ނޫނެކެވެ. ނަމަވެސް އަންނަން އޮތް މާދަމާއަށްޓަކާ އަހަރެން ނިންމި ނިންމުމަކީ އެއްމެ ރަނގަޅު ނިންމުން ކަމުގައި އަހަރެންގެ ސިކުނޑި ވިސްނުވައި ދިނެވެ. ފުރުމުގެ ކުރިން އާޔާ އަހަރެންނަށް ހަގެއް ދިނެވެ. ލޮލުކޮޅަށް ގެއްލެންދެން އާޔާ އަހަރެންދިޔަ ލޯންޗަށް ބަލަހައްޓައިގެން ހުއްޓެވެ. އާޔާ އަހަރެންދެކެ ލޯބިވާވަރު ފެނިފައި އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. އާޔާގެ ފިރުމުންތަކާއި ދުރުގައި އަހަރެންނަށް ކިހާދުވަހަކު ކެތް ކުރެވޭނެބާއެވެ؟

އޭގެ އެއްއަހަރު ފަހެވެ. މާލޭގެ ފަސްގަނޑަށް އަހަރެން އެނބުރިއައީ މުޅިން އާމީހެއްގެ ގޮތުގައެވެ. މަސްތުވާތަކެތީގެ ސަބަބުން އަހަރެންގެ ޙަޔާތަށް އެޅުނު ހިޔަނި މުޅިންނައްތާލީމެވެ. ފަރުވާ ދިނުމުގައި ޙަރަކާތްތެރިވި ހުރިހާ ބޭފުޅުންވެސް އަހަރެންގެ ހިތްވަރަށް ސާބަސް ދިނެވެ. އަހަރެން މިއޮއްހާ ދުވަހު ކުރި ހިތްވަރަކީ އަހަރެންގެ ހިތުގައި އާޔާއަށް ދެވިފައިވާ މަތިވެރި ލޯބީގެ ޙައްޤުގައި އަހަރެންނަށް ކުރެވުނު ހިތްވަރެކެވެ. އާޔާގެ ހިތްވަރުން ނޫންނަމަ އަހަރެން މިޔަދުވެސް ވީހީ މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށްވެ މަގު ގެއްލިފައެވެ.

މާލެއަށް އާދެވުމާއިއެކު އަހަރެންނަށް އަވަސްވެގަނެވުނީ ހ.ބްލޫ ޕާލް އަށް ދާށެވެ. އަހަރެން އެންމެ ފުރަތަމަވެސް ދެކެން ބޭނުންވަނީ އާޔާއެވެ. އަހަރެންގެ ހިތް އުފަލުން ނަށަމުންދިޔައެވެ. އަހަރެންގެ މޫނުމަތިން ހިނިތުން ފިލައިގެން ނުދެއެވެ. އެންމެފަހުން އަހަރެން އުންމީދުކުރަމުން އައި ދުވަސް ޖެހުނީއެވެ. އާޔާއާއި އެކީގައި މުޅިން އާފެށުމަކުން އަހަރެންގެ ޙަޔާތުގެ ސޮފްޙާތަށް ފަށާދުވަސް އައިސް ޖެހުނީއެވެ. ޓެކްސީ ގޭގެ ޕޯޓިކޯއަށް މަޑުކޮށްލުމާއިއެކު އަހަރެން ފައިބައިގެން ގެޔަށް ވަނީމެވެ.

ގޭތެރެއިން ފެންނަމުންދަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ޔަގީނެވެ އާޔާ އަހަރެންނަށް ސަޕްރައިޒް އެއް ދޭން އެންމެން ފިލާ ތިބީއެވެ.

“އާޔާ. އާޔާ. މަންމާ. “އަހަރެން ފަހަރަކު މީހަކަށް ގޮވަމުން އެނތެރެއަށް ވަދެގެން ދިޔައީމެވެ. ހަމަހިމޭން ވެފައިވާ ގޭތެރޭއިން އިވިގެން ދިޔައީ ސިޑިން ފައިބަމުން އައި މީހެއްގެ ފިޔަވަޅުގެ އަޑެވެ. ބަލަބަލާ ހުއްޓާ އާޔާގެ މަންމަ ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ.

“މަންމާ. އާޔާ ގޭގައި ނޫޅެނީތޯ. ؟” އަހަރެންގެ މޫނުމަތީގައި ވި އުފާވެރިކަން ގެއްލިގެން ދިޔައީ މިލާ މޯޅިވެފައިވާ މަންމަގެ މޫނު ފެނުމުންނެވެ. މަންމަ އަހަރެންގެ އަތަށް ދިއްކޮށްލީ ސިޓީއުރައެކެވެ. އަހަރެން ވަގުތުން ސޯފާގައި އިށީނދެ އެ އުރަ ކަނޑާލުމަށްފަހު ކިޔަންފެށީމެވެ.

” އިންތިހާއަށް ލޯބިވާ އަކްޔަންއަށް

ހެޔޮދުޢާ ސަލާމް،

ކަލާއަށް އަށް މިސިޓީ ލިބޭ އިރު އަހަރެންނަށް ހުރެވޭނީ ކަލާއާއި އެތަކެއް ހިސާބުދުރުގައެވެ. ނަމަވެސް އަހަރެން އަބަދުވެސް ކަލާއާއި އެކީގައި ވާނަމެވެ. ކަލާ އަހަރެންނަށްޓަކައި ތިޔަ ކުރި ހިތްވަރަކީ އަހަރެންދެކެ ކަލާ ވާ މަތިވެރި ލޯބީގެ ލާމަސީލު މިސާލެކެވެ. ކަލާގެ ތިޔަ ކާމިޔާބީ ދެކިލަން އަހަރެންނަށް ނުހުރެވުނީތީ އިންތިހާއަށް ހިތާމަކުރަމެވެ. ނަމަވެސް ދަމުން ދަމުން އަހަރެން ކަލާއަށް ވި ވަޢުދު ފުއްދަން ބޭނުމެވެ. އަހަރެންގެ ޙަޔާތުން ކަލާއަށް ޙިއްސާކުރަން ބޭނުންވި ވާހަކަތަކެއް އެބަހުއްޓެވެ.

އަހަރެންގެ ޢާއިލާއަކީ ތަނަވަސް ފޯރާ ޢާއިލާއެކެވެ. އެހެންކަމުން އަހަރެން އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި އަހަރެންގެ ބައްޕަގެ ޢާއިލާ މީހުން ކައިރީގައެވެ. އަހަރެންގެ ކިޔެވުން ވަކިހިސާބަކަށް ދިޔަތަނާ މެދުކަނޑާލަން ޖެހުނީ އަހަރެންގެ ބަލިޙާލަތުގެ ގޮތުންނެވެ. އޭރު އަހަރެންގެ އުމުރުން 16 އަހަރެވެ. އަހަރެންގެ ބައްޔަކީ ކޮބައިކަމެއް ނޭނގި ދެއަހަރެއް ވަންދެން އެކި ޑޮކްޓަރުންގެ ފަރުވާ ހޯދުމުގައި އަހަރެން ހޭދަކުރީމެވެ. އެންމެފަހުން އެތައް ބައިވަރު ޓެސްޓުތަކެއް ހެދުމަށްފަހު އަހަރެންގެ ބަލި ދެނެގަނެވުނެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އަހަރެން ފަރުވާ ހޯދުމަށް ދެކޮޅުހެދީމެވެ. އެއީ އަހަރެން ދުނިޔޭގައި ހުރުމުގެ އެއްވެސް އުންމީދެއް ނެތުމުންނެވެ. އަހަރެންނަށް ޖެހިފައިވަނީ ލޭގެ ކެންސަރެވެ. “

އެހިސާބަށް ކިޔުނު އިރު އަހަރެންގެ ލޯފުރުނު ކަރުނައިގެ އަސަރުން ލޯފުސްވާން ފަށައިފިއެވެ. އަހަރެންގެ ހިތް ފޮތިފޮތި ވަމުން ދިޔައެވެ.

“ފަރުވާ ހޯދަންފެށުމާއިއެކު އަހަރެންގެ ގައިގެ ބާރުދައްވެ ހިނގާ ބިނގާވެ އުޅެން އުނދަގޫވާނެއެވެ. އެހެން ކަމުން އަހަރެން ބޭނުންވީ އަހަރެންގެ ޢުމުރުގެ ބާކީބައި މިނިވަން ކަމާއެކު އަހަރެންގެ އުފަން މާލޭގެ ފަސްގަނޑުގައި ހޭދަކޮށްލާށެވެ.

އަހަރެން މާލެ ގޮސް އަހްމަދިއްޔާ ނައިޓް ކުލާހުގައި ބައިވެރިވީ މާލޭގެ ކިޔެވުމުގެ ފެންވަރު ދަނެގަންނާށެވެ. އާތަޖުރިބާ އެއް ކުރުމުގެ ބޭނުމުގައެވެ. އެންމެ ފުރަތަމަ އަހަރެން ކުލާހަށް ދިޔަ ދުވަހު އަހަރެންނަށް ކަލާ ފުރަތަމަވެސް ފެނުނީ އަހަރެން ކަލާގެ އަތްމަތީގައި ވަނިކޮށެވެ. އެއީ އަލަށް އަހަރެން ފިރިހެން ކުއްޖަކާ އެހާ ކައިރިވިފަހަރެވެ. އެންމެ ފުރަތަމަ ކަލާ ފެނުނު ދަވަހުގައިވެސް އަހަރެންގެ ހިތުގެ ކަނެއްގައި ކަލާއަށްޓަކާ ޚާއްސަކަމެއް ދެވުނެވެ. ކަލާގެ މޫނުމަތިން އަހަރެންނަށް ފެނުނު ހިތާމައާއި ހިތްދަތިކަމުގެ އަސަރުތަކުގެ ސަބަބުން އަހަރެންގެ ހިތް އިތުރަށް ކަލާއާއި ގަޔާވާން މަޖުބޫރު ކުރުވިއެވެ. ކަލާއާއި ބެހޭގޮތުން އަހަރެންނަށް އެނގުނު ވަރަކަށް ކަލާއަށްޓަކާ ހިތުގައި އުފެދެމުންއައި ގޮތްނޭނގޭ އިޙްސާސްތައް އިތުރަށް ވަރުގަދަވަމުން ދިޔައެވެ. އަހަރެންގެ މަޤްސަދަކަށް ވީ އަހަރެންގެ ކުރު މިޙަޔާތުގައި ދެމިއޮތުމުގެ ޢާލަމަކަށް ދެވުމުގެ ކުރިން ހެޔޮކަމެއް ކޮށްފައި ދާށެވެ. ކަލާގެ ޙާލާތު އެނގުނު ދުވަހުން ފެށިގެން އަހަރެންގެ މަޤްސަދަކަށް ވެފައި އޮތީ ކަލާއަށް ރަނަގަޅު މަގު ދެއްކުމެވެ. ކަލާއަށް އެހީތެރިވެދިނުމެވެ. ނަމަވެސް އަހަރެންނަކަށް އަހަރެންގެ މޮޔަހިތަށް ބާރެއް ނުފޯރުވުނެވެ. އެހިތުގައި ކަލާއަށް ޓަކާ ވިންދުޖަހަމުން އައީ ސާފު ލޯބިކަން އެނގުމުން އަހަރެން ކަލާއާއި ކަވިވާކަށް ނޭދެވުނެވެ. ކަލާ އަހަރެންދެކެ ލޯބިވާވަރު އެނގުމުން އަހަރެންނަށް ކަލާޔާއި ވަކިވުން ވީ ބަރުދާސްތުކުރަން ދަތި ވޭނެކަށެވެ.

އަހަރެންގެ ހަޔާތުގައި އެންމެ ފުރަތަމަ ލޯބިވީ އިންސާނަކީ ތިއީއެވެ. މުޅިޢުމުރު އެކީގައި ހޭދަކޮށްލަން ބޭނުންވި ޔާރަކީ ތިއީއެވެ. ނަމަވެސް ތަޤުދީރުގެ ނިޔާއައީ ނާއިންސާފުން ފުރިގެންނެވެ. އަހަރެންނަށްޓަކާ ކަލާ ތިޔަވީ ޤުރުބާނީގެ އަގު މިފަދަހިތިގޮތަކަށް ކަލާއަށް ލިބޭނެކަން އެނގުމާއިއެކު އަހަރެންނަކަށް ދިރިހުރުމުގައި އުފަލެއްނެތެވެ. ކަލާގެ ފިރުމުންތަކުގެ ހިޔަލުގައި މިދުނިޔެއިން ނުލިބުނު ޖާގަ އާޚިރަތުން ލިބޭނެނަމަ ކޮންފަދަހެއްޔެވެ. އަހަރެން މިދުނިޔެ ދޫކޮށްމިދަނީ ކަލާއަށް ވީ ވަޢުދު ފުއްދަމުންނެވެ. އަހަރެން ދުނިޔޭގައި ހުރިހާދުވަހަކު ހަމައެކަނި ކަލާގެ މީހެއްގެ ގޮތުގައި ހުރެއެވެ. އަހަރެންދެކެ ކަލާ ވީ ލޯބީގެ ޙައްޤުގައި އަހަރެންނަށް ކަލާވީ ވަޢުދު ފުއްދާނެ ކަން ޔަޤީނެވެ. އަބަދުވެސް ކަލާގެ އިންތިޒާރުގައި ވީމެވެ.

ހަށިގަނޑާ މިފުރާނަ ވަކިވެވި ނެތިފަނާ ވެދިޔަސް ހެވޭ.

ކަށި ވެފީ ވެއްޔަށް ވެދިޔަޔަސް ލޯބިއަހަރެން ވާނަމޭ.

އިންތިހާއަށް ލޯބިވާ އާޔާ. ”

އާޔާގެ ސިޓީ ކިޔައި ނިމުނުއިރު އަހަރެންނަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. ކޮންފަދަ ހިތާމައެއް ތޯއެވެ. ކޮންފަދަ ނާއިންސާފެއް ތޯއެވެ. އެމީހަކަށްޓަކާ އަހަރެންގެ މުޅި ޙަޔާތް ޤުރުބާން ކޮށްލި އަހަރެންގެ މިހިތުގެ އެތިކޮޅު މިދުނިޔެ ދޫކޮށް އެދިޔައީ ވަދާޢީ ސަލާމް ވެސް ކޮށްނުލައެވެ. އަހަރެންގެ ދިރިއުޅުމުގައި ހިތާމަޔާއި ހިތްދަތިކަން ނޫނީ ނުވެއެވެ. ތަޤްދީރުގައި އަހަރެންނަށް މިނޫން ގޮތެއް ނެތީހެއްޔެވެ؟ އަހަރެންގެ ތަޤްދީރު އަހަރެންނަށް މިވަނީ ކޮންފަދަ ބޭ އިންސާފެއްތޯއެވެ.

އަހަރެންގެ ފުރާނައިން އާޔާއަށް ޓަކައި ވި ޤުރުބާނީ އަގެއް ނެތް އެއްޗަކަށް ނަހަދާނަމެވެ. އަހަރެން ޢަޒުމް ކަނޑައެޅީމެވެ. މިދުނިޔޭގައި ކަލާއާއި އެކީގައި އަހަރެންނަށް ނުވެވުނަސް ވެހެވެ. ސުވަރުގޭގެ މަތިވެރި ޢާލަމުން ކަލާއަކީ ހަމައެކަނި އަހަރެންގެ ޙައްޤަކަށް ހަދާނަމެވެ. އިންތިހާއަށް ލޯބިދީފައި ކަލާ ވަކިވަމުން ކަލާކުރި ވަޞިއްޔަތް ފުރިހަމަ ކުރާނަމެވެ.

އެދުވަހުގެ ފަހުން އަހަރެންގެ ޙަޔާތުގެ ފާއިތުވި ކޮންމެ ދުވަހެއް އަހަރެން ހޭދަކޮށްލީ ހެޔޮކަމާއި އަޅުކަންތަކުގައެވެ. ފައިދާ ހުރި ކަންކަމުގައެވެ. އާޔާގެ މަންމަގެ އެހީއާއިއެކު އަހަރެން މުދައްރިސްކަމުން ޑިގްރީ ހެދީމެވެ. އެއަށްފަހު އަހަރެންގެ އުފަންރަށަށް އެނބުރިއައީ މުޅިރަށް އެކުއްޖަކަށްޓަކާ ފަޚުރުވެރިވާފަދަ ރަން ދަރިއެއްގެ ގޮތުގައެވެ. އަހަރެންގެ ބައްޕަ ވެސް އަހަރެން ބަލައިގަތީ އުފަލުންނެވެ. އިންޝާ ﷲ ސުވަރުގޭގެ މަތިވެރި ޢާލަމުން އަހަރެން ކަލާ ޙާޞިލް ކުރާނަމެވެ.

-ނިމުނީ-

2
0
މިއީ " އިންތިހާ އަށް ލޯބިދީފާ " އަށް ހުށަހަޅާފައިވާ 6 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

3 ކޮމެންޓް - ލިޔުން: ”އިންތިހާއަށް ލޯބިދީފާ. . [6 ފަހުބައި]“

Leave a Reply

Your email address will not be published.