ލޯބީގެ

އިންތިހާއަށް ލޯބިދީފާ. . [4]

ސްކޫލް ނިމުމާއިއެކީ ފޮތް ދަބަސް ހިފައިގެން އަހަރެން ނިކުންނަން ދިޔައީމެވެ. ޔާސްމީން އަހަރެން އަންނަންވާއިރަށް ގޭޓް ކައިރީގައި ރައްޓެހި ދެތިން ކުއްޖަކާއެކު މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެން އައިސް ޔާސްމީންގެ ކުރިމަތީގައި ހުއްޓުނީ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޔާސްމީންގެ މޫނަށް ޖަމްބުކުލަ އަރައިގެން ދިޔައީ ލަދުންގޮހެވެ. އަހަރެން އެހާ ކައިރީގައި ހުރުމުން ޔާސްމީން އަށް ކުރުވަމުން ދާނެ އަސަރެއް އަހަރެންނަކަށް ބުނެދޭކަށްވެސް ނޭނގެއެވެ.

“މިރޭ ސެވަންގަ އާދޭ ފްލެޓް ކައިރިޔަށް ވެއިޓްކުރާނަން. ” އެހެން ބުނެފައި އަހަރެން އިތުރު އެއްޗެއް ނުބުނެ ދެންތިބި އަންހެންކުދިންނަށް ވިންކެއް ދެމުން ސްކޫލުން ނިކުންނަން ހިނގައިގަތީމެވެ. މައްސަލަ ހޫނުވެފައި އޮތްވަރު އެނގުނީ ދެންތާއެވެ.

އަހަރެން ނިކުންނަން ވާއިރަށް އަހަރެންގެ އިންތިޒާރުގައި ކަނދޮޅޭ އާއި އޭނަގެ ހިސާބުގަނޑު ބޮޑެތި ގޮލައިންތަކެއް އައިސް ގަލޮޅު މަދަރުސާކައިރި އެލާޓަށް ގެނެސްފައި އޮތެވެ. އަހަރެންނާއި އެއްކޮށް ސެމް އާއި ލަޔަން ވެސް ތިއްބެވެ. އެމީހުން އަހަރެން ގޮވައިގެން ފްލެޓް ކައިރިޔަށް ޖެހެލިއެވެ. ބޮޑު ލިފާންއެއްގެ މަތީގައި އިން މީހެއްގެ ކައިރިޔަށް ގެންގޮސް އަހަރެންގެ ވަށާލައިގެން އަހަރެންނާއި ސުވާލުކުރަމުންދިޔައެވެ.

“ކީއްވެ ކޭ ކަނދޮޅޭގެ ބިޓާ ގެޅެނީ. ” އެކަކު ސުވާލުކުރިއެވެ.

“އެއީ ކަނދޮޅޭގެ ބިޓެއްނޫން. އޭނަ ކަނދޮޅޭއަކާ އެއްކޮށް އުލޭކަށް ބޭނުމެއް ނޫން.މިހާރު އެއީ މަގޭ ބިޓު. ތީގެން އެކަކާވެސް އޭނަޔަކާ ނުބެހެވޭނެ. !” އަހަރެން ބިރު ކަނޑާލާފައި އެއެންމެންގެ ތެރޭގައި ވެސް އަހަރެންގެ ގޮތުގައި ހިފެހެއްޓީމެވެ.

ސައިކަލު މަތީ އިށީނދެގެން ހުރި މީހާ އައިނު ތިރިކޮށްލާފައި އަހަރެންނަށް ބަލައިލިއެވެ. ބަލާބެލުމަށް އޭނާއަކީ އެހިސާބު ގަނޑުގެ ބޮޑު މީހެކެވެ. ބިޔަހަށިގަނޑެއްގެ ވެރިއެކެވެ. ބޯދިގުކޮށްލާފައި ހުރިއިރު ލައިގެން ހުރި ގަމީހުގެ ގޮށްނައްޓައި މޭމަތި އެއްކޮށް ފެންނަން ހުއްޓެވެ. ކަރުގައި އަޅާފައި ހުރިފަށްތައް އެތަނުން ފެންނަން ހުއްޓެވެ. ނުލަފާ ވައްތަރު އޭނާގެ މޫނުމަތިން ޖެހައެވެ. އޭނާ ތެދުވެ ޖިންސްގެ ޖީބުން ބޮޑު ހަންޖަރެއް ނެގިއެވެ. އަހަރެންގެ މޭގަނޑު އަނގައަށް އައެވެ. އަހަރެންނާއެކު ދެންތިބި މީހުންވެސް ތިބީ ދެން ކަންތައް ވާނެގޮތެއް ނޭނގިފައި ބިރުން ވިރި ވިރިއެވެ.

އެއްވެފައިވާ މީހުންގެ ބުރުތެރެއަށް އަހަރެންނާ ކަނދޮޅޭ ވެއްދުނެވެ. އެއާއިއެކު އެމީހާ އަހަރުމެން ދެމީހުންގެ ފުރަގަހުން ކޮނޑު މައްޗަށް އަތް ވައްޓާލިއެވެ. އަހަރެންގެ ކޮނޑުމަތިން އެލުވާލާފައި އޮތް އަތުގައި ހަންޖަރު އޮތެވެ.

” ކަލޭ ބުނީ އެއީ ކަލޭގެ ބިޓޭ. ” ކަނދޮޅޭ އާއި ދިމާލަށް އެނބުރިފައި އެމީހާ ބުންޏެވެ. ބަރު ނުލަފާ އަޑެކެވެ.”އެކަމަކު ކަލޭ ވެސް ތިބުނަނީ މިހާރު އެންމްޖެ ކަލެޔާ ރައްޓެހި ވެއްޖެޔޭ. ” އަހަރެންނާއި ދިމާލަށް އެނބުރިލާފައި ބުނެލިއެވެ. އަހަރެން އަނގައިން ނުބުނެ އިނީ އަޑުއަހާށެވެ. “އެއަންހެން ކުއްޖާއަށް އޭނަ ބޭނުންވާ މީހަކާއެކު އުޅެވޭނެ. އެކަމަކު ކަނދޮޅޭ އަކީ މަގޭ ހިސާބު މީހަކަށް ވާތީ ކަލެއަށް ޖެހޭނީ އޭނައާއިއެކީ ރިންގަށް އަރަން. ކަލެއަށް އެމަންޖެއާއި އެކީ އުޅެވޭނީ ކަލޭ މޮޅު ވެއްޖިއްޔާ. އެހެން ނޫނީ ދެންކަލޭ އެމަންޖެޔާ ވައިއެޅުނަސް ކޮށާލާނަން. ” އަހަރެންގެ ކަރުގައި ހަންޖަރު ޖައްސަމުން އެމީހާ އެހެން ބުނެފައި ގޮސް ސައިކަލަށް އެރިއެވެ. ހަވީރު ފަހެއްޖަހާއިރު ކޮއްޓަށް އަންނާތި. ނައިސް ކަލެއަށް މަގޭ ކައިރިން ސަލާމަތް ވެދާނެއޭ ހިތަށް ނާރުވާތި. ” އެމީހާގެ އިންޒާރަށްފަހު ސައިކަލް ސްޓާޓް ކޮށްލިއެވެ.

“ކަނދޮޅޭ ކަލޭ ނަމަނަމަ އަންނާތި. އަހަރެންވެސް ވަރަށް ބަދަލުހިފަން ބޭނުންވެފަ މިހުންނަނީ. ތެންކްސް ބްރޯ. ” ކަނދޮޅޭ އަށް ބަލާލާފައި މުއްކަވާލަމުން އެމީހާއަށް އަހަރެން ބުނެލީމެވެ. އެއްމިޔަކަނިން ހެވިފައި އިނދެގެން ލިފާން އަށް އަރާ ނައްޓާލިއެވެ. އެއާއިއެކު އެއްވެފައިވާ މީހުންތައް އޭނަގެ ފަހަތުން ސައިކަލް ތަކުގައި ދާންފެށިއެވެ.

އެމިހުން ދިއުމާއިއެކީގައި އަހަރެން ފްލެޓަށް ވަނީމެވެ. އޭރު ފްލެޓްގެ ބޮޑެތި މީހުންވެސް އެމަންޒަރު ބަލަން އެއްވެފައި ތިއްބެވެ. އެމީހުން އައިސް އަހަރުމެންނާ ވާހަކަދެއްކިއެވެ. ދެންމެ އައީ ކޮށީ އާޑޭ ކަމަށް އެމީހުން ބުންޏެވެ. އޭނާއައީ އަހަރެންގެ ދުވަސް ދުއްވާލަން ކަމަށް ބުންޏެވެ. ނަމަވެސް އަހަރެންގެ ސްޓައިލް އޭނާއަށް ކަމުދިޔައީކަމަށް ބުންޏެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުން އަހަރެންނަށް ދެވަނަ ފުރުޞަތެއް ލިބުނީއެވެ. ނަމަވެސް މިހާރު އަހަރެންމިވަނީ އެހިސާބުގެވެސް ވޯންޓެޑް ލިސްޓަށް އަރާފައެވެ. އެހެންކަމުން ސަލާމަތްވާން ޖެހޭނީ ރިންގަށް އަރާށެވެ. އޭގެ ކުރިޔަކުން އަހަރެންނަށް ރިންގަށް އެރުމަކީ ކޮބައިކަމެއްވެސް ނޭނގެއެވެ. އަހަރެންނަށް ކިޔައިދިނީ ފްލެޓް ބޮޑެތިމީހުންނެވެ. އެމީހުން ބުނިގޮތުންނަމަ އަހަރެންނަށް ޖެހޭނީ އެމީހުން ހަމަޖައްސާ ތަނެއްގައި ކަނދޮޅޭއާއި ފައިޓް ކުރާށެވެ. ފައިޓްކޮށްގެން އަހަރެން މޮޅުވެއްޖިއްޔާ އަހަރެން ސަލާމަތް ވީއެވެ. ޔާސްމީން އާއިއެކީ އަހަރެންނަށް އުޅެވޭނެއެވެ. ނަމަވެސް އަހަރެން ބަލިވެއްޖިއްޔާ އަހަރެންނަށް އެއްވެސް ހިމާޔަތެއް ނެތެވެ.

ކޮންމެހެން ޔާސްމީން އާއިއެކީ އުޅޭށޭ ކިޔާފައި އަހަރެން ރިންގަށް އަރާކަށް ބޭނުމެއް ނޫނެވެ. އަހަރެން ޔާސްމީނާއި ރައްޓެހިވީކީ ލޯތްބަކުންނެއް ވެސް ނޫނެވެ. ނަމަވެސް މިއަދު އަހަރެންގެ ގާގައި ކަނދޮޅޭމެން ތެޅި ތެޅުމުގެ ބަދަލު ހިފަން އަހަރެން ބެނުންވިއެވެ. އެހެންކަމުން އަހަރެން ހަވީރު ފަހެއްޖަހަން ވާއިރަށް ކޮށްޓަށް ދާން ތައްޔާރުވެގެން ފްލެޓަށް ދިޔައީމެވެ. ފްލެޓުންވެސް އަހަރެންނަށް ވަރަށް ގިނަބަޔަކު ރައްޓެހި ވެއްޖެއެވެ. އާޑޭގެ ކަންތަކުގައި ފްލެޓްގެ ބޮޑެތިންވެސް ވަރަށް ގާތް ވިއެވެ. އެމީހުންވެސް މިއަދުގެ ފައިޓް ބަލާލަން އަހަރެންނާއި އެކު ދާން ތައްޔާރުވިއެވެ.

ސައިކަލުގައި އަހަރެން ގޮވައިގެން ކޮށްޓަށް ގެންދިޔައެވެ. އަހަރެންގެ އެކުވެރިންވެސް ސައިކަލުތަކުގައި ބޮޑެތިމީހުން ނާއި އެއްކޮށް އައެވެ. ކުރީގެ އެމް.އީ.އެސް ކައިރި މަގަކަށް އާދެވުނުއިރު އެތާނގައި ރަތްކުލައިގެ ސްޕްރޭއަކުން ބިންމަތީގައި ބޮޑު ރިންގެއް އަޅާފައި ވެއެވެ. އެތަނަށް އެތައްބައެއް ޖަމާވެފައި ތިއްބެވެ. ހައްތަހާވެސް ނުލަފާ އަރުވާ އުޅޭ މީހުންކަން ބަލާފައިވެސް އެނގެއެވެ. އަހަރެންގެ ހިސާބުގަނޑު ބޮޑެތިންވެސް އަހަރެންނާއެކު އައުންވީ އެހިސާބުގަނޑުގައި އިތުރަށް ފޯރި ހިފާލި ކަމަކަށެވެ. ދެހިސާބުގެވެސް ބޮޑެތިންނަކީ ދަންނަ މީހުން ކަމުން އަހަރެމެންގެ ފައިޓް ވަނީ ދެހިސާބު ގަނޑުގެވެސް އުންމީދުތަކާ ގުޅިފައެވެ. ކޮންމެ މީހަކު މޮޅުވިޔަސް އެއާއިއެކު އެތައް ބަދަލު ތަކެއް އަހަރުމެންގެ ދިރިއުޅުމަށް އަންނާނެ ކަން ޔަގީނެވެ. ގޮތްނޭނގޭ ނުލަފާ އެތައް ބައެއްގެ ނަޒަރު އަހަރުމެންނަށް ހުއްޓި ގޭންގް ތަކަށް ތަޢާރަފް ވެގެންދާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާއި އަހަރެން ޚިޔާލެއް ފިކުރެއްވެސް ކޮށެއް ނުލަމެވެ. ސައިކަލުން ފުންމާލައިގެން ގޮސް ރިންގަށް އަރާ ކަނދޮޅޭ އަށް ލޯއަޅައިލީ ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑުގެ ވަރު އޭނާއަށް ބާލާލާށެވެ. އަހަރެން އުމުރުން ކުޑަވެފައި އޭނާ އަހަރެންނަށްވުރެ ތަންކޮޅެއް އިސްކޮޅުންވެސް ދިގެވެ. ނަމަވެސް އިތުރު ވަގުތެއް ގެއްލުވާނުލާ އަހަރެން އޭނާއަށް އަތުގެ އިޝާރާތުން އަންނަން އެންގީމެވެ. އޭނާގެ މޫނުމަތިން ހިސާބަކަށް ނުތަނަވިސް ކަމާއި ޖެހިލުންވުން ފެނިގެންދިޔައެވެ.

މާގިނައިރެން ނުވެ ރިންގަށް ދެމީހުންއަރާ ފައިޓް ފެށިގެން ދިޔައެވެ. ދެކޮޅުންވެސް ހޫނު ޙަމަލާތަކެއް ބަދަލު ކުރެވުނެވެ. ކަނދޮޅޭ އަކީ އަހަރެންނަށްވުރެ ބޮޑުމީހަކަސް އަހަރެންގެ ހަލުވި ރެކުންތަކާއި ބާރުގަދަ ހަމަލާތަކުން މާގިނައިރެއްނުވެ ކަނދޮޅޭއަށް އަނިޔާތަކެއްވެ ގައިގެ ބާރު ދައްވެ ބޯފަޅައިގެން ގޮސް ވެއްޓިއްޖެއެވެ. އެއާއި އެކު އޭނާ ގިވަޕްކޮށް އަހަރެން ފައިޓް ކާމިޔާބުކުރީމެވެ. އަހަރެންގެ ފައިޓިންގް ސްކިލް އެހިސާބުގަނޑު މީހުންނަށްވެސް ކަމުދިޔައެވެ. އެހެންކަމުން އާޑޭއައިސް އަހަރެންގެ ކޮނޑަށް އަތްވައްޓާލާ އެންމެންނާ މުޙާތަބުކުރިއެވެ.

“މިކުއްޖާއަކީ މީގެފަހުން މަގޭ ޙިމާޔަތުގައި ވާކުއްޖެއް. އަކޭގާގައި އަތްލިޔަސް ކޮށިން އަރާނެ އޭނަޔާ އެއްކޮޅަށް. ” އެ އެންގުމާއިއެކީ އެހިސާބުގަނޑު އެންމެން އަހަރެންނަށް މަރުހަބާ ކިއެވެ. އަދި ފްލެޓްގެ ބޮޑެތިންވެސް އަހަރެން ވަރަށް ގާތްކޮށްލިއެވެ. އަހަރެންނަށް މާލެއިންވެސް ބާރު ލިބުނީއެވެ. ނުދަންނަ ތަފާތު ވައްތަރުތަކުގެ ވިޔާނުދާ އެތައް ރައްޓެހިންތަކެއް ލިބިގެން ދިޔައީއެވެ. ސައިކަލު ތަކުގައި އަހަރެން ފްލެޓަށް އެނބުރި ގެންދެވުނީ ޢިއްޒަތުގައެވެ. މުޅިމަގުގައި ފޯރި ނަގަމުންނެވެ. އަދި އެރޭ ބާއްވަން ހަމަޖެހިފައިވާ ޑީޖޭއަކަށް އަހަރެންނަށް ދަޢުވަތު ދިނެވެ.

އަހަރެން އަވަސް އަވަހަށް ގެޔަށް ގޮސް ފެނންވަރާލާ ރީތިވެލީ ހަތެއް ޖަހަންވާއިރަށް ޔާސްމީން އާއި ބައްދަލުކުރަން ދާށެވެ. ކޮންމެވެސް ވަރަކަށް ބަނޑަށްވެސް އެއްޗެއް އަޅާލައިގެން އަހަރެން އަނެއްކާވެސް ފްލެޓަށް ދިޔައީމެވެ. އޭރު ޔާސްމީން ފްލެޓް ކައިރިޔަށް އައިސް ހުއްޓެވެ.

“އަކް ހާދަ ލަސްވީ. އަހަރެން ކިހާއިރެއް މިތާނގަ ހުންނަތާ. “ޔާސްމީން ހުރީ ފާޑަކަށް ހިންހަމަނުޖެހިފައެވެ.

“އާނ ސޮރީ ޖެޒް. ޖޭޒްއަށް ތިއްތި ދައްކަން މާވަރަކަށް ރީތިވާންވެގެންނޭ ލަސްވީ. ” އަހަރެން ޔާސްމިންގެ އަތުގައި ހިފާލަމުން ހިންހަމަޖައްސާލަން ބުނެލީމެވެ. އެއަށްފަހު ވަދެގެން ދިޔައީ ފްލެޓް ސިޑި މައްޗަށެވެ. އެތަނަކީ އާންމުކޮށް ރައްޓިހިކުދިންނާ އެކީގައިވެސް ދާތަންކަމަށްވާތީ އެތަނަށް އެއްވެސް ޖެހިލުމެއްނެތި އަހަރެން ވަދެގެން ގޮސް ސިޑިމަތީގެ ކަނެއްގައި އަނދިރީގެ ތެރޭގައި މަޑުކޮށްލީމެވެ.

އެހައިހިސާބުން އަހަރުމެން ދެމީހުންގެ ލޯބީގެ މާތައް ފޮޅުވަން ފެށީމެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިންވެސް އަހަރެންނަށް ޔާސްމީންގެ ރީތި ތުންފަތަށް ބަލައިލެވުނެވެ. އަލަށް އަންހެންކުއްޖަކާ އެގޮތަށް ކައިރިވެވުމުން އަހަރެންނަށް ބުނެދޭންނޭނގޭ އެތަކެއް އިޙްސާސެއް ކުރުވަމުން ދިޔައެވެ. އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭރު އަހަރެންގެ އަތްފައި ފިނިވަމުން ދިޔައެވެ. އެންމެފަހުން ޔާސްމީން އިސްވެ އަހަރެންނާއި ކައިރިވެލިއެވެ. އަހަރެންގެ މޭގައި ބޯއަޅާލާ އަހަރެންގެ ގާގައި ބައްދާލިއެވެ. ކުރުވަމުން ދިޔަ ފޮނި އިޙްސާސްތަކާއި އެކު އަހަރެންގެ ހިތް ދިޔައީ އެފަދަ އިތުރު ފިރުމުންތަކަކަށް އެދެމުންނެވެ. އެހިންދު ޔާސްމީން އިސްއުފުލާލާ އަހަރެންނަށް ބަލައިލީ ލަދުރަކި ހިނިތުންވުމަކާއިއެކުގައެވެ. ޔާސްމީންގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެންފެށުމާއި އެކީ ކައިރިވެލާ އަހަރެން ޔާސްމީން ގެ ތުންފަތުގައި ބޮސްދިނީމެވެ. ދެހިތުގައި އަނދަމުންދިޔަ ލައްޒަތުގެ ފޮނި އިޙްސާސްތަކުގައި ހުޅުފަޅައިގަތީ ދެނެވެ. އެހަށިގަނޑު އަހަރެންގެ އަތުގެތެރޭގައި އަހަރެންގެ ފިރުމުންތަކުގެ ހިމާޔަތުގައި އެތަކެއް އިރެއްވަންދެން އޮތެވެ. އެމަސްތީއަރާމުގައި ދެހިތްމެ އުފާ ހޯދަމުން އެދެހިތުގައި ވާ ބޭނުންތައް ފުރިހަމަކޮށް ހިތައް ހަމަޖެހުމެއް ލިއްބައިދިނެވެ. ވެފައިވާ ވަރުބައްޔާއިއެކު އަހަރެން ބެލީ އަވަހަށް ގެޔަށް ދެވޭތޯއެވެ. އެންމެފުރަތަމަ އަހަރެންނަށް އަންހެން ކުއްޖަކާއި ގައިގޯޅިވެ އުޅެވުނީ އެފަހަރުއެވެ.

ގެޔަށް ދެވުމާއިއެކު ފެންވަރާލައި ތާޒާވެލައިގެން އަހަރެން ޖައްސާލީ އަރާމުކޮށްލާށެވެ. ހިނގައިދިޔަ ކަންތައްތަކާއިމެދު ވިސްނި އެފަދަ އިތުރު ފިރުމުންތަކަކާއި އަރާމަކަށް ހިތް އެދެމުން ދިޔައެވެ. ގަޑިން އެގާރަ ޖެހިއިރު ފަހީމާއްތަ ވަނީ ނިދާފައެވެ. މާދަމާއަކީ ހުކުރު ދުވަހަށް ވުމާއިއެކު އަހަރެން ނިންމީ ޑީ.ޖޭ ބަލައިލާން ދާށެވެ. އަހަރެން ގެއިން ނިކުމެގެން ދިޔަކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެންނަށް ދަޢުވަތު ދީފައިވާ ހިސާބަށް އަހަރެން ދިޔައީމެވެ. އެއީ ހަދަންފަށާފައިވާ ޢިމާރާތެކެވެ.

އަހަރެން ދިއުމާއިއެކު ސަތަރި ވައްޓާފައިވާ ދޮރަކުން އެނތެރެއަށް ވެއްދުނެވެ. ހިމަ ސިޑިއަކުން މައްޗަށް އަރަމުން ފަހަރަކު ފްލޯއެއް ގިރާކުރަމުން ދިޔައީމެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް ޖަހަމުން ދިޔަ ވަރުގަދަ މިއުޒިކުގެ އަޑު ގަދަވަމުންދިޔައެވެ. ފަސްވަނަ ފްލޯއަށް އެރުމާއިއެކު އަހަރެންނަށް ހުރެވުނީ ހައިރާންވެފައި ބަލާށެވެ. ޑީ.ޖޭ އަކީ މިއީހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ދުވަހަކުވެސް އެފަދަ މަންޒަރެއް ނުދެކެމެވެ. ދެޖިންސުގެ އަންހެނުންނާއި ފިރިހެނުން ނެވެ. ކުޅެވެމުންދާ ވަރުގަދަ މިއުޒިކާއެއްވަރަށް ފައިހަމަކުރަމުން ދަނީއެވެ. ބުއިންތައް މޭޒުތައް މަތީގައި އެތުރިފައި ވިއެވެ. ނިވާކަން ކުޑަހެނދުމުގައި ހަރުކުރެވިފައިވާ ހޮޅިދަނޑިތަކުގައި އަންހެން ކުދިންތައް އެކި ގޮތްގޮތަށް އެނބުރެމުންދެއެވެ. މުޅިމާޙައުލުގައި ވަނީ މަސްތީކަމެކެވެ. ހިތްތައް ލަންބުވާލާފަދަ ޖާދުވީ ކަމެކެވެ. އަހަރެންގެ ރައްޓިހި ދެތިން ކުއްޖަކާ އެތަކުން ދިމާވިއެވެ. އަދި އަހަރުމެން ފުރާގެ ދެތިން އަންހެން ކުދިންނާއިވެސް ދިމާވިއެވެ. އެމީހުންނާއިއެކު މަޖާކުރުމުގައި އެތަކެއް އިރަކު އެރޭ ހޭދަކުރީމެވެ. ބޯން ގެނެސްފައިވާ ބުއިންތަކަކީ އަނގަޔަށް މީރު ބުއިމެއް ނޫނެވެ. ނަމަވެސް ދިލަގަދަ އެ ބުއިންތަކުގެ ސަބަބުން ސިކުނޑިއަށް ލުއިވެ މީހާއަށް ކުރެވެމުންދިޔައީ އުދެހެވޭފަދަ އިޙްސާސެކެވެ. އަހަރެންނަށް މާގިނައިރެއްނުވެ ތަންދޮރު ވަކިނުވާ ގޮތްވިއެވެ. އަހަރެންނަށް ވާނުވާ އެނގުނީ ހޮޑުލެވުމުންނެވެ. އޭރު އަހަރެންނަށް ހުރެވުނީ ފްލެޓް ކައިރީގައި ކާނުގަނޑުތެރެއަށް ހޮޑުލާށެވެ. އަހަރެންނަށް އޭރު ރަނގަޅަށް ނުވެސް ހިނގެއެވެ. އެމީހުން އަހރެން ގެޔަށް ގެންދިޔައެވެ.

ހެނދުނު ހޭލެވިގެން އަހަރެން ރޭގައި ވީގޮތަކާއި މެދު ވަރަށް ވިސްނީމެވެ. ނަމަވެސް އަހަރެންގެ ވިސްނުމުގެ ބާރު ނުފޯރާ ކިތަންމެ ހުސްތަނެއް ދިޔައެވެ. ހޭލެވުނު އިރު ބޮލުގައި ރިއްސާވަރުން އަހަރެން ހުކުރަށް ވެސް ނުދަމެވެ. އަހަރެންނަށް ބޮވުނީ ކޮން އެއްޗެއް ބާއެވެ. އެފަދަ ދެވަނަ ބުއިމެއް ބުއިމަށް އަހަރެންގެ ހިތް އެދެމުން ދަނީ ކީއްވެބާއެވެ؟ އަހަރެންގެ ހަށިގަނޑުގައި ވަރުދެރަވެ ދުނިޔެމަތިން ފޫހިވާގޮތް ވިއެވެ. މީހަކާއި ވާހަކަދައްކަން ބޭނުމެއް ނުވިއެވެ. އިރުގެ އަލި ފެންނަހިސާބަށް ދިއުމަށް ދެލޮލަށް ނުކުޅެދުނެވެ. ބަޔާންކުރަންދަތި އުނދަގޫތަކެއް އަހަރެންނަށް ކުރުވަން ފަށައިފިއެވެ. ކެއުމާއި ބުއިންމަތިން މުޅިން ފޫހިވެއްޖެއެވެ. އެދުވަހު އަހަރެންނަށް މަންމަގެ މަތިން ހަނދާންވިއެވެ. އަހަރެންގެ ޙާލާމެދު ވިސްނާލެވުނެވެ. އަހަރެންގެ އުޅުމަށް އަންނަމުންދާ ބަދަލާއި، މަންމަމެން އަހަރެންނާއި ދޭތެރޭ ކުރަމުންދާ ފޮނި އުންމީދާއި ދޭތެރޭ ވިސްނި އަހަރެންނަށް އަމިއްލަނަފްސު ކުއްވެރި ކުރެވުނެވެ. ލޮލުން ކަރުނަ ފާއްދާލީ ހިތައްވީ އުނދަގުލެއްގެ ސަބަބުންނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ އުޅުން ދުވަހެއް ދުވަހަކަށް ގޯސް ވަމުން ދިޔައެވެ. ޚިޔާރު ކުރެވުނު ގޯސް ރަހުމަތްތެރިންގެ ސަބަބުން އަހަރެންނަށް ހިނގަންވީ ރަނގަޅު މަގު ނޭނގި އަހަރެން ވާވަދެއްޖެއެވެ. ރަނގަޅު ގޮތަކީ ކޮބައިކަން، ގޯސްގޮތަކީ ކޮބައިކަން އަދި އުޅެންވީ ނޫޅެންވީ ގޮތަކީ ކޮބައިކަން އަހަރެންނަށް ބުނެދޭނެ، ނަސޭޙަތެއް ދޭނެ އެކަކުވެސް އެދުވަހަކު ނެތެވެ. ގޯސްކަމެއް ކުރުމުން، ދަރިފުޅާ ތިއީ ގޯސްކަމެކޭ ބުނެލާނެ މަންމައެއް ބައްޕައެއް ކައިރީގައި ނެތެވެ. އަހަރެންގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ އާއި އެއްޗިހި ހޯދައިދެވުނީމައި އެމީހުންނަށް އޮތީ ނިމިފައެވެ. އަހަރެންނަށާއި އަހަރެންގެ އުޅުމަށް އަންނަމުންދާ ބަދަލު ފާހަގަ ކުރެވޭ މީހެއްވެސް އެގެޔަކު ނެތެވެ. އަހަރެންނަށް އުޅެންޖެހުނީ އެކަނިވެރި މާޙައުލެއްގައެވެ. އެއެކަނި ވެރިކަން އަހަރެންނަށް ދުރުކޮށްދެނީ އަހަރެންގެ އެކުވެރިންނެވެ. އެހެންކަމުން އަހަރެންނަށް އެނބުރި ދެވޭ ބަޔަކީ އަހަރެންގެ ވިޔާނުދާ އެކުވެރިންކަމުގައި ވަނީ ވެފައެވެ.

އެންމެފަހުން އަހަރެން ކިޔަވަމުންދިޔަ ގްރޭޑުން އަހަރެން ފާސް ނުވެ ރިޕީޓްވީއެވެ. އުޅުން ގޯސްވެގެން ކުލާހުގައި ނުބެހެއްޓޭވަރު ވީމައި ބެލެނިވެރިޔަކު ގޮވައިގެން އަންނަން ޖެހުމުން ކޮންމެވެސް ރައްޓިއްސަކު ގޮވައިގެން ދަމެވެ. މަސްތުވާތަކެއްޗާއި ޖެހި އެއަށް ޢަމަލު ވެއްޖެއެވެ. ރޭގަނޑު ގަޑިއަކީ ނައިސް ވެލައިގެން ކޮންމެވެސް އަންހެން ކުއްޖެއް ކައިރީގައި މަސްތީ އަރާމު ހޯދާވަގުތަށް ވަނީ ވެފައެވެ. މަޑުމަޑުން އަހަރެންގެ ދިރިއުޅުމުން އުފާވެރިކަން ގެއްލި ހަށިގަނޑުގައި ވޭން އަޅަންފަށައިފިއެވެ. ހަށިގަނު ހިކި އަނަރޫފަ ވާންފެށިއެވެ. ކުޑަމިނުން ތެޔޮ ބިޑިއެއް ބޮއެނުލާ ރޭގަނޑު ނުނިދޭ ވަރު ވެއްޖެއެވެ. އެގަންނަން ލާރިވެސް ކޮންމެވެސް ގޮތަކުން ހޯދަންވެއްޖެއެވެ. އެންމެފަހުން ސްކޫލްގެ ކަންކަމުގައި ކަމަށް ބުނެ ފަހީމާއްތަ އަތުން ލާރިވެސް އަތުލަން ފެށީމެވެ. އަހަރެންގެ އުޅުން އެހިސާބަށް ދިއުމުން ކޮންމެވެސް ވަރަކަށް އަހަރެންގެ އުޅުމަށް އަންނަމުންދާ ބަދަލުތައް ފަހީމާއްތައަށް ފާހަގަ ކުރެވި އަހަރެންގެ މައިން ބަފައިންނަށް އެންގިއެވެ.

“ދަރިފުޅާ. ކީކޭތަ ފަހީމާއްތަ އެކިޔަނީ. އެއީ ތެދެއްތަ ދަރިފުޅާ. ދަރިފުޅު މިހާރު ސިނގިރޭޓުވެސް ބޯން ފެށީތަ އަނެއްކާ. ؟” އަހަރެންގެ މަންމަ އަހަރެންނާއި ވާހަކަދެއްކީ ފޯނުންނެވެ. މަންމަ ހުރީ ވަރަށް ދެރަވެ ކަންބޮޑުވެފައެވެ. އަހަރެން ފޯނު ހިފައިގެން ފަހީމާއްތައަށް އަޑުނީވޭ ހިސާބަށް ދިޔައީމެވެ.

“އެއީ ދޮގެކޭ މަންމާ. އަޅުގަނޑު ފަހީމާއްތަ އަތުން ލާރި ހޯދަނީ ސްކޫލްގެ ޕްރޮޖެކްޓް ތައްހަދަން. މާލޭ ސްކޫލްވީމަ ވަރަށް ފާޑު ފާޑުގެ އެއްޗިހި ހަދަންޖެހެޔޭ ކިޔަވާއިރު. އެހެންވެ ފަހީމާއްތައަށް ހީވާ ގޮތެއް އެއީ. ” އަހަރެން ވަރަށް ފަސޭހައިން މަންމަ ހައްދާ ލީމެވެ. މަންމަ އަށް އަދި ފަހީމާއްތައަށް ނޭނގުނަސް އޭރު އަހަރެން ސްކޫލުން ސަސްޕެންޑް ކޮށްފައިހުންނަތާވެސް ހަފްތާއެއް ވަނީއެވެ.

“ދަރިފުޅާ. ދަރިފުޅުތިއީ މަންމަގެ ހުރި ހަމައެކަނި ކުއްޖަކީ. މަންމައާއި ބައްޕަ ދަރިފުޅު މާލެ އަށް ކިޔަވަން ބަދަލުކުރީ ވަރށް ފޮނި އުންމީދު ތަކެއެ ކޮށްފަ. ދަރިފުޅު ގޯސް ކުދިންތަކަކާ ގުޅިގެން ގޯސް ގޮތަކަށް އުޅޭކަން އެނގޭދުވަހަކުން ނޭނގެ މަންމައަށް ވާނެ ގޮތެއްވެސް. ” މަންމަގެ އަޑުގައި ތުރުތުރެއް އެކުލެވި ވާހަކަދައްކަން އުނދަގޫ ވާ ގޮތް ވެއްޖެއެވެ. މަންމައަށް ހުރީ ވަރަށް އަސަރު ކޮށްފައިކަން އެނގުމާއިއެކީ އަހަރެންގެ ހިތަށް ވަރަށް އުނދަގޫ ވިއެވެ. ކޮންމެ ގޮތަކުންވެސް އަހަރެންގެ އުޅުމުގެ ވާހަކަ މަންމައަށް ނާންގާބާއްވަން އަހަރެން ބޭނުން ވިއެވެ. މަންމަ ދެރަވެ ހިތާމަ ކުރުމަކީ އަހަރެންނަށް ކެތްވާނެ ކަމެއްނޫނެކެވެ. ނަމަވެސް މިހާރު އަހަރެންނަކަށް އިތުރު ގޮތެއްވެސް ނެތެވެ. އަހަރެންގެ ހަށިގައި އަޅާވޭނަށް ފަރުވާއެއް ނުހޯދައެއް ވާކަށް ނޯންނާނެއެވެ.

އޭގެ ދެތިންމަސް ފަހެވެ. އަހަރެންގެ އުޅުމަށް އެދެވޭ ބަދަލެއް ނައިސް ފިލާވަޅު ނަހަދާ ސްކޫލަށް އައުމާއި ލިބޭ އެއްވެސް ޓެސްޓަކުން ފާސް ނުވުމާއި ސްކޫލް ތެރޭގައިވެސް ސިނގިރޭޓް ބޯކަމަށް ރިޕޯޓް ކުރެވޭތީއާއިއެކު އަހަރެން ސްކޫލުން ވަކިކުރެވިއްޖެއެވެ. ނަމަވެސް އެކަން ގޭ އެކަކަށްވެސް ނޭނގޭނެއެވެ. އެދުވަހު އަހަރެން ވަރށް ދެރަވިއެވެ. އެންމެ ދެރަވީ މަންމައަށް އެހަބަރު ލިބުމުން މަންމަ އަށް ވާނެ ގޮތަކާއިމެދު ވިސްނާފައެވެ.

-ނުނިމޭ-

1
0
މިއީ " އިންތިހާ އަށް ލޯބިދީފާ " އަށް ހުށަހަޅާފައިވާ 6 ޕާޓްގެ ތެރެއިން 4 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”އިންތިހާއަށް ލޯބިދީފާ. . [4]“

Leave a Reply

Your email address will not be published.