މަޖާ ލޯބީގެ

ފޯންކޯލް

ކައިރިރަށްތަކަށާއި މާލެއަށް ފޯނުކޮށްގެން އަންހެންކުދިން ސެޓުކުރުމުގެ ކަންތައް ރިސޯޓްގައި އެންމެފޯރިޔާއެކު ކުރަމުން ދިޔަދުވަސްވަރެވެ. މުޅިރިސޯޓްގައި ވެސް އެކަންވަނީ ވަރަށްގަދައަށް ވައިގަ ހިފާފައެވެ.

ކޮންމެވެސް މީހަކު ކޮންމެވެސް ރަށަކަށް ފޯނުކޮށްގެން ދިމާވި ކުއްޖެއްގެ އަޑުރީތި ވާހަކައާއި މޮޅުރޭވުމަކުން އެ ކުއްޖާ ސެޓުކުރި ވާހަކައެވެ. މާލެދިޔަދަތުރަކު ކޮންމެ ވެސް ތާކުން ދިމާވި އަންހެންކުއްޖެއްގެ ނަމާއި ނަންބަރު ހޯދައިގެން އައިސް ގުޅުމުން އޭނާ އޯކޭވީ ވާހަކައެވެ. ތިމާގެމީހަކު ހޯދާން ރިސޯޓަށް ފޯނުކުރި ކުއްޖާއާ ވާހަކަ އަޅުވާލުމުން އޭނާގެ ނަމާއި އެޑްރެސް ބުނެދިން ވާހަކައެވެ. ރައްތަކުގައި ފޯނުބޫތު ބެހެއްޓުމުން ރަށް ރަށަށް ގުޅައިގެން އަންހެންކުދިން ސެޓުކުރާން ފަސޭހަ ވާހަކައެވެ. އަންހެންކުދިން ހޯދާން ގުޅުމުން އެކަން ކޮށްދޭން ދެކޮޅު ހަދާ މީހުން ރުޅިއަރުވާ ވާހަކަފަދަ އެތައް ވާހަކައެކެވެ.

ނީސް މާލެ ގޮސްފައި ރިސޯޓަށް އައިއިރު އޭނާއަށް މާލޭން ފެނުނު ވަރަށް ރީތި އެހާމެފުރިހަމަ އަންހެންކުއްޖެއްގެ އެޑުރެސް ނޯޓުކޮށްގެން ގެނައެވެ.

އެތައްދުވަހަކު އެތައް ގޮތަކަށް ވިސްނުމަށްފަހު ދިރާގަށް ގުޅައިގެން އެގޭ ފޯނުނަންބަރު ހޯދުމަށްފަހު އެނަންބަރަށް ގުޅާލިއެވެ.

” ހެލޯވް ….. ހުވަފެންގެ ” އެތައްފަހަރަކު ފޯނު ރިންގްވީފަހުން ކުޑަވަރެއްގެ ފިރިހެންކުއްޖަކު ފޯނަށް ޖަވާބުދެމުން ގޭގެނަން ބުނެލިއެވެ.

” ހެލޯވް…. ކޮންކުއްޖެއްތަ ؟ …. ދައްތައަށް ގޮވާލަދީބަލަ ” ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައިވީ ނަމަވެސް ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން ނީސް ވާހަކަ ދެއްކިއެވެ.

” ހެލޯވް … ކާކުހޯދާން … ” ކޮންމެ ވެސް އަންހެނަކު އެފޯނުން ވާހަކަ ދެއްކިއެވެ.

” ތި.. ތިއީ … ކުރިން ދުވަހު ދޮރޯށިކައިރީ ހުރި.. ހުދުކުއްޖާތަ ؟ ” ހާސްކަމާއި ނުތަނަސްކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ ނީސްއަށް ބުނެވުނީ އެހިސާބަށެވެ. އިތުރަށް ބުނާނެއެއްޗެއް ދައްކާނެ ވާހަކައެއް ނޭނގުނެވެ.

” ކޮން ހުދުކުއްޖާއެއް … ކަޅުކުއްޖާއެއް … ބުނާންތިއުޅޭ އެއްޗެއް ސާފުކޮށް ބުނެބަލަ … ތީކާކުތަ ؟ ”  އަނެއްކާ ވެސް އެއަންހެންމީހާ ސުވާލުކުރިއެވެ. އަޑުގައި ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރުތައް އެކުލެވިގެން ދިޔައެވެ.

” މިއީ … އަހަރެން. ކުރިންދުވަހު ހަވީރު ދިޔާމެއްނު ތިގޭ ކުރިމަތިން. އަހަރެން ހުންނާނީ ރަތްކުލައިގެ ޓީސާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން .. އަވިއައިނެއް ވެސް އަޅައިގެން. ތީނަ ހުރީ ހުދުކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ބެލްސެއް ލައިގެން ދޮރޯށި ކައިރީ. އަހަރެން ތީނައަށް ބަލާލާފަ ހީލީމަ ތީނަވެސް ހީލިމެއްނު … ތީނަ ހީލީމަ ވަރަށްރީތި … ކޮންނަމެއްތަ ކިޔަނީ ؟ ” އެކޮޅުން ވާހަކަ ދައްކަމުންދަނީ ނީސް ބައްދަލުކުރާން ބޭނުންވާ އަންހެންކުއްޖާހެން ހީވުމުން ނީސް ވާހަކަ ދެއްކިއެވެ.

” އޫން. ޔޫ ދޯ. ކިހިނެތް އެނގޭނީ ވެސް … ހީލުމަށްފަހު އަނގައިން ވެސް ބުނެނުލާވިއްޔަ ދިޔައީ … އަހަރެން ހިޔެއްނުކުރަން ގުޅާނެކަމަކަށް ވެސް. ދެން ވެސް … ނަންބުނެބަލަ. ” ދެތިންމިނިޓްގެ މެދުކެނޑުމަކަށްފަހު އެއަންހެންމީހާ ނުވަތަ އަންހެންކުއްޖާ ވާހަކަދެއްކިއެވެ. އެހެން އެވީ އޭނާ ނީސް މަތިން ހަނދާންކުރާން ޖެހުމުންކަމުގައި ނީސް އަމިއްލައަށް ނިންމިއެވެ.

” މިހާރު ހަނދާން ވެއްޖެދޯ ؟ ….. އަހަރެންގެ ނަމަކީ ނީސް. މާލެ ކައިރީ ރިސޯޓެއްގަ ވަރަށް ރަނގަޅަށް ލާރިލިބޭ ވަޒީފާގައި މިއުޅެނީ …. ކަލާއަށް ކިޔަނީ ކޮންނަމެއްތަ ؟ ”  އެއަންހެންކުއްޖާ އޭނާއާމެދުގައި ޝައުޤުވެރިވާހެން ހީވުމުން ވަރަށް އުފާވެ ހަމަޖެހިލަމުން ނީސް އަމިއްލައަށް ތަޢާރަފުވެލިއެވެ.

ނީސްގެ ވާހަކަތަކަށްފަހު އަނެއްކާ ވެސް ހިމޭންވެގެން ދިޔައެވެ.

” އަހަރެންގެ ނަމަކީ އައިސަ. ނީސްއަށް އަހަރެންނާއި ބައްދަލުކުރާން ވަރަށް އުނދަގޫވާނެ. މިފަހަރު ވެސް މި ބައްދަލުވީ މަންމަމެން އެއްވެސް ބޮޑުމީހަކު ގޭގަ ނެތީމަ …. އެއިން މީހަކަށް ފޯނު ނެގިއްޖެއްޔާ އަހަރެންނަށް ގޮވައެއްނުދޭނެ. މާދާމާ ވެސް މިގަޑީގައި ގުޅަންވީނު. ؟  ކޮންމެވެސް ކޮންމެ ވެސް އެހެންގަޑިއަކު ނުގުޅާތި. މިގޭމީހަކަށް ރެޑްވެދާނެ. ” އައިސަ އެހެން ބުނަމުން ފޯނު ބާއްވަން އުޅެނިކޮށް އެހެން ބައެއްގެ އަޑު ވެސް ގޭތެރޭން އިވުނެވެ.

އައިސައާ ވާހަކަ ދައްކާލެވުމުންނާއި ގުޅާން ބުނުމުން ނީސްއަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އައިސަ ފޯނުބާއްވާން އުޅެނިކޮށް އެއިވުނީ އެގޭ ބޮޑެތި މީހުންގެ އަޑުކަމާއި އައިސަ ފޯނުބޭއްވީ އެމީހުން އައުމުން ކަމަށް ނީސް ނިންމިއެވެ.

ލިބުނު އުފަލާއި ހިތްހަމަ ޖެހުމުގައި ހުރެގެން ނީސް ގޮސް އޭނާގެ ރައްޓެހިން ގާތުގައި އެވާހަކަތައް ދެއްކިއެވެ.

މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތްތަކާއިގެން އަވަދިނެތި އުޅެމުން ދަނިކޮށް ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސިއްޖެ އެވެ. އިރުއޮއްސުމުގެ ސަބަބުން ރަށުތެރެއަށް އަނދިރިކަން ވެރިވެގެން ދިޔަ ނަމަވެސް ރޭގަނޑުގެ މަސައްކަތްތަކުގައި މަޝްޣޫލްވާ ފަރާތްތަކުން އެބައިމީހުންގެ މަސައްކަތްތަކާއިގެން އުޅެމުން ދިޔައެވެ.

ދުވަސްވަރަކީ ރިސޯޓްގައި ވަރަށް ފަތުރުވެރިން ގިނަ ދުވަސްވަރަކަށްވާތީ ރިސޯޓްގައި ބާއްވަމުންދިޔަ ހަރަކާތްތައް އިތުރު ވެފައި ވެއެވެ. ފަތުރުވެރިންގެ މުނިފޫހި ފިލުވައިދިނުމަށްޓަކައި ރިސޯޓަށް ގެނައި ދިވެހި ނަށާ ގުރޫޕްގެ ހަރަކާތްތައް އޮތީ ނުވައެއް ޖަހާއިރު ކަމަށްވާތީ އެކަމާއިގެން ވެސް ބައެއް މީހުން އުޅެމުން ދިޔައެވެ.

” ވެރިޔާގެ ގުރޫޕް ވައްޓާލީ ދޯ ؟ ” ރިސެޕްސަންގައި ނީސްއަށް ބަލާލަމުން އާލިމް އަހާލިއެވެ.

” އާން. މިއޮތީ ތިބުނާ ކަންތައް ލައްވާލާފަ. ދެން ނޯއްނާނެ އެއްވެސް އެއްޗެކޭ ބުނެވޭކަށް. ވެރިޔާގެ ގުރޫޕް ވިއްޔަ. އަހަރުމެން ކީއްކުރާނީ. ” ނަށާގުރޫޕްގެ ކުދިންނާއި ދިމާއަށް ބަލާލަމުން ނީސް ވާހަކަ ދެއްކިއެވެ.

” ކޮންމެހެން އެއްޗެކޭ ބުނާނެ ކަމެއްނެތް. ނީސް ވެސް ކަމެއްވަންޏާއި އެކަން ކުރެވޭތޯ ބަލާ. ވެރިޔާ ވެސް އެމީހުން ގެންނަނީ އެބޭނުމުގަ. ” އިވިފައިހުރި އަޑުތަކާއި ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް އާލިމް ވާހަކަ ދެއްކިއެވެ.

” އާން. ތިކަން ވެސް އޮތީ ތިހެން. ދެމީހުނާއި އިނދެ ފަސް ހަ ކުދިން ލިބުނީމަ ވެސް ވެރިޔާ އެއުޅެނީ އަހަރެމެން ޒުވާނުންނަށް ވުރެ ކުރީގަ. ” ނީސް ބުނެލިއެވެ.

” ކީއްކުރަން ހާސްވާކަށް. އަތުގަ ފައިސާ ހުރެފަ ފައިސާ ހަރަދުކުރާން އެބަކެރޭ. މިރޭވެސް އެތަނުން ކުއްޖަކު ނިދާނެ ވެރިޔާއާއެކު ވެރިޔާގެ ކޮޓަރީގަ. ” އާލިމް ވާހަކަ ދެއްކީ މާޒީއަށް އިސާރާތް ކޮށެވެ.

އިރުގެ ހޫނު ގަދަވަމުން މެންދުރުވުމުގެ އަލާމާތްތައް ދައްކަމުން ދިޔައެވެ. އަވަސް އަވަހަށް ގަޑިއަށް ބަލަމުން ވަގުތުތައް ގުނަމުންދިޔަ ނީސް އިންތިޒާރު ކުރަމުން ދިޔައީ ދޭއް ޖަހާނެ އިރަކަށެވެ. ދޭއްޖަހާއިރު ފޯނުކުރުމަށް އައިސަ ވަނީ ބުނެފައެވެ.

ދެތިން ފަހަރަކު ފޯނު ރިންގުވެލުމާއެކު ކޮންމެ ވެސް އަންހެނަކު ފޯނުނަގަމުން ހެލޯ ގޮވާލި އެވެ. ނީސް ކުޑަކޮށް ވިސްނާލުމަށްފަހު އެއީ އައިސަކަން ޔަގީންވުމުން ވާހަކަ ދައްކާން ފެށިއެވެ.

” ހެލޯވް. އައިސަ ….. ހާލުކިހިނެތް ؟  ރަނގަޅުދޯ ؟  އިއްޔެ އައިސަ ބުނީމެއްނު މިއަދު މިގަޑީގަ ގުޅާށޭ. އެހެންވެ މިގުޅީ. އެއްވެސް ބޮޑުމީހަކު ގޭގައި ނެތްދޯ ؟ ” ނީސް އަވަސް އަވަހަށް ވާހަކަ ދެއްކި އެވެ.

” އާން .. އަހަރެން ބުނީމެއްނު މިގަޑީގަ އެއްވެސް ބޮޑުމީހަކު ގޭގައި ނޫޅޭނެޔޭ .. އަހަރެން ހާލު ރަނގަޅު. ނީސް ހާލުކިހިނެތް ؟ ” ނީސްގެ ހިތަށް ހަމަޖެހުން ގެނުވި މިއުޒިކެއްފަދަ އަޑަކުން އައިސަ ވާހަކަ ދެއްކި އެވެ.

” އަހަރެން ހާލު ރަނގަޅު. އެކަމު …… އައިސަ އާއި ވާހަކަދައްކާ ހިތުން ރޭގައި ރަނގަޅަށް ނުވެސް ނިދުނު. ” ނީސް ބޭނުންވީ ވާހަކައިގެ މައުޟޫޢު މަޑުމަޑުން ބަދަލުކުރަމުން ގޮސް އޭނާ ބޭނުންވާ މައުޟޫއަށް ބަދަލު ކޮށްލާށެވެ.

” ހޫމް …. އަހަރެން ހައްދަނީ ދޯ ؟ ” ނީސްގެ ވާހަކަ ނިމުމާއެކު އަވަސް އަވަހަށް އައިސަ ބުނެލިއެވެ.

” ނޯ. ހަމަ ރަނގަޅަށް މިބުނީ. ” އޭނާގެ ތެދުވެރިކަން ހާމަކުރާ ފަދައަކުން ނީސް ބުންޏެވެ.

ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައިރު ނީސް އާއި އައިސަ ފޯނުން ވާހަކަ ދެއްކުން އިތުރުވަމުން ދިޔައެވެ. އެދެމެދުގައިވާ ރަހުމަތްތެރިކަން ބަދަހިވަމުން އެކިކަހަލަ މަޢުލޫތަކަށް ވާހަކަ ދެއްކުން އިތުރުވަމުން ދާން ފެށިއެވެ.

އައިސަ އާއި ނީސް ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ދެމީހުން ވެސް ތިބީ ނުހަނު އުފާވެ ހިތްހަމަ ޖެހިފައެވެ.

” ދޮގު ނުހަދާ ރަނގަޅަށް ބުނެބަލަ. ނީސް އުޅެނީ މީހަކާ އިނދެގެންތަ ؟ ނީސް މިގެއަށް ފޯނުކުރީ ހަމަ އަހަރެން ހޯދަން ތަ ؟ ”  ކުޑައިރުކޮޅަކު ވިސްނާން ހުރުމަށްފަހު އައިސަ އަހާލިއެވެ.

” އިންނާނެ ރަނގަޅު ކުއްޖަކުވޭތޯ މިއުޅެނީ ….. އައިސަ ވެސް އަދި މެރީ ނުކުރަންދޯ ؟  ކާކަށް ތިޔަ އިންތިޒާރު ކުރަނީ ؟  ” އައިސަގެ ސުވާލާއި ގުޅުވައިގެން ނީސް ވާހަކަ ދެއްކި އެވެ.

” އަދި މިއުޅެނީ ކަމުދާކަހަލަ ކުއްޖެއް ދިމާނުވެގެން. ދިމާވިހާ އަވަހަކަށް މެރީކުރާން ނިންމައިގެން މިހުރީ …. ނީސް ކޮންއިރަކުން މެރީ ކުރަނީ ؟ ”  ވަރަށްގާތް ގޮތަކަށް ނީސްއާ ވާހަކަ ދައްކަމުން އައިސަ ވެސް ނީސްގެ ކައިވެންޏާއި ބެހޭގޮތުން ސުވާލު ކުރިއެވެ.

” އަހަރެން މި އިންތިޒާރު ކުރަނީ އައިސަ ކަހަލަ ބައިވެރިއަކަށް .. އަހަރެންނަށް އައިސަ ވަރަށް ކަމުދޭ. ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އަހަރެންގެ ހިތުގައި އައިސައާ މެދުގައި ޝައުޤުވެރިކަން އުފެދުނު .. އަހަރެންނާއި އިންނާން އައިސަ ބޭނުންކަމަށް ވަންޏާއި މިހާރު ވެސް އަހަރެން ތައްޔާރު …. ފުރުސަތެއް ނެތްތަ ؟ ” ފުރުސަތު ލިބުނީކަމަށް ނިންމައި ވަރަށް ހަމަޖެހިލަމުން ނީސް ވާހަކަ ދެއްކި އެވެ. އަޑާއި ހަރަކާތުން ފާޅުވީ ސީރިއަސްކަމުގެ އަސަރު ތަކެވެ.

” އަހަރެން ވެސް ނީސް ބޭނުން. އެކަމަކު …… ކައިވެނީގެ ކުރިން ދުވަސްކޮޅަކު ނަމަވެސް އެކުގައި އުޅެލަން އަހަރެން ބޭނުން .. މާލެ އަންނަންވީނު. ” ނީސްގެ ހަޔާތަށް އައިސަ ގެންދާން ބޭނުން ކަމަށް ނީސް ބުނުމުން އައިސަ ވެސް ނީސް އާއި ގުޅޭން ބޭނުންކަން ހާމަކުރިއެވެ.

އެންމެފަހަރަކު މާލޭގެ ގެއެއްގެ ދޮރޯށި ކައިރިން ފެނެލި ދެމީހަކު ދެތިން ފަހަރަކު ފޯނުން ވާހަކަ ދައްކާލުމާއެކު ދެމީހުނަށް ދެ މީހުން މުހިންމުވެ ލޯބިން ގުޅި ލާމެހުނީއެވެ. އެކަކު އަނެކަކާއި ވަކިނުވުމަށް އަހުދުތަކާއި ވަޢުދުތައް ވެސް ވާންފެށީއެވެ.

” މާލެ އައިސް އަހަރެންނަށް ގުޅާތި. ދެން ބާއްވަނީ ….. ގޭ މީހުން އައިސްދާނެ. ” އައިސަގެ އެޖުމްލައާއެކު ނީސް ބުނާ އެއްޗަކަށް ބަލާލުމެއް ވެސް ނެތި އަވަސް އަވަހަށް ފޯނުކަނޑާލިއެވެ.

އެފަދައިން އައިސަ އެކަންތައް އެކުރީ އެގޭ ބޮޑެތިމީހުން އައުމުންކަން ނީސްއަށް އެނގެއެވެ.

ރޭގަނޑުގެ ޑިއުޓީ ނިމުމާއެކު ނީސް އަވަސް ވެގަތީ މާލެ ދިއުމަށްޓަކައި އޮފްޑޭ ހަމަޖައްސާށެވެ. އޮފީހަށް ގޮސް ވާހަކަ ދައްކާލުމާއެކު އޮފްޑޭގެ ކަންތައް ހަމަޖެހިއްޖެއެވެ. އޭނާ ބޭނުންވިގޮތަށް ކަންތައް ހަމަޖެހުމުން ނީސްގެ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ.

މާލެ އާއި ރިސޯޓާ ދެމެދު ދަތުރުކުރާ ފެރީން ނީސް މާލެ ދިޔައިރު ހެނދުނު ނުވައެއް ޖަހަނީ އެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އަދި ރޭގަނޑު މާލެއާ ރިސޯޓާ ދެމެދު ފެރީ އޮތުމުގެ މުހިންމުކަން ނީސްއަށް ގަބޫލުކުރެވުނީ އެދުވަހުއެވެ. އެއާއެކު ހިތާހިތުން ރިސޯޓްގެ ވެރިފަރާތަށް ޝުކުރު އަދާކުރެވުނެވެ.

މިރެއަކީ އޭނާއާ އައިސަ ބައްދަލުކުރާ ފުރަތަމަ ރެއަށް ވާތީ އާއި އައިސަ ކޮޓަރިއަށް ގެންނާން ބޭނުންވާތީ މާލޭގެ ރަނގަޅު ގެސްޓް ހައުސްއަކުން ނީސް ކޮޓަރިއެއް ހޯދީ އޭނާގެ ތަނަވަސްކަން އައިސައަށް ދައްކާލާ އައިސަގެ ހިތް ފަތަހަ ކުރާން ފަސޭހަ އަކަށެވެ. ހަމައެހެންމެ އޭނާގެ މަޤްސަދަށް ހާސިލުކުރުމަށް ވެސް ފަސޭހައަކަށެވެ.

މާލޭގައި ހުރި ނަމަވެސް ނީސް އާއި އައިސަ ވާހަކަދައްކާ މަސްވަރާކޮށް ނިންމި ފަދައިން އެހެން މީހުންނަށް، އެކަން ނޭނގުމަށްޓަކައި ނީސް އައިސައަށް ފޯނުކުރީ އެހެން ދުވަހެކޭ ވެސް އެއްފަދައިން ދޭއް ޖެހިއިރުއެވެ.

ނުވައެއްޖަހާކަން ހާއިރެވެ. އައިސަ އާއި ވާހަކަދައްކާ މަސްވަރާކޮށްފައިވާ ފަދައިން އައިސައާ ބައްދަލުކުރުމަށްޓަކައި އައިސަމެން ގެއަށް ދިއުމަށް ނީސް މިސްރާބު ޖެހިއެވެ. އޭރު އޭނާ ޒީނަތްތެރި ވެފައިވާވަރަށް ނަޒަރު ހިންގާލިޔަސް އޭނާ އެދަނީ ވަރަށް މުހިންމު ތަނަކަށްކަން އެނގޭހާ ވެއެވެ.

ނުހަނު ހަލުވި ހިނގުމެއްގައި ހިނގަމުން ދިޔަ ނީސްއަށް އެގެ ކައިރިއަށް ދެވުނުއިރު ނުވައެއް ޖަހަނީއެވެ. އޭރު އެގޭ ދޮރޯށި ކައިރީގައި މެދުއުމުރުގެ އަންހެނަކު ހުއްޓެވެ.

މިގަޑީގައި އެ އަންހެންމީހާ އެތަނުގައި ހުރުމުން ނީސް ވަރަށް ހިތްހަމަ ނުޖެހުނެވެ. ހަމައެހެންމެ ހިތާހިތުން ސަކުވާ ވެސް ކުރެވުނެވެ. އެއީ ކާކުކަން ޔަގީން ނުވި ނަމަވެސް އޭނަ އެތަނުގައި ހުއްޓާ އައިސައަށް ނުނިކުމެވޭނެކަން ނީސްއަށް އެނގެއެވެ. އެކަން އޭނާއަށް ވަނީ ފޯނުން ވެސް ތަޖުރިބާ ކުރެވިފައެވެ. އޭނާއާ އައިސަ ފޯނުން ވާހަކަ ދައްކާން ގަބޫލު ނުވާ އަދި ފުރުސަތު ނުދޭ ބަޔަކު މިގޮތަށް ބައްދަލުކުރާން ފުރުސަތު ދޭނެކަމަށް ގަބޫލުކުރުމަކީ ވެސް މޮޔަކަމެއް ކަމުގައި ނީސްއަށް ގަބޫލުކުރެވެއެވެ.

އެމީހައަށް ސައްކެއް ނުވާނެހެން ނީސް މަޑުމަޑުން އެމަގުންލާފައި ދިޔަގޮތަށް ގޮސް ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރީ އައިސަ ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ފަނަރަވަރަކަށް މިނިޓް އެސަރަހައްދުގައި މަޑުކުރުމަށްފަހު އެއަންހެންމީހަ އެތަނުން ދުރަށް ނުދިއުމުން ނީސް ނިންމީ ކޮންމެ ގޮތަކުން ނަމަވެސް އައިސަ އާ ބައްދަލުކުރާށެވެ.

އެހެންކަމުން މަޑުމަޑުން އެދިމާއަށް މިސްރާބު ޖެހިއެވެ.

” ދައްތާ! އައިސައާ ބައްދަލު ކޮށްލެވި ދާނެތޯ ؟  ” ދޮރޯށި ކައިރީގައި ހުރި އެއަންހެންމީހާ ކައިރިއަށް ހުއްޓެމުން ނީސް އަހާލިއެވެ.

” ތީކާކު ؟ .. ކީއްކުރަން އައިސައާ ބައްދަލު ކުރަނީ ؟ ” އާދައިގެ ގޮތަކަށް ނީސްއަށް ބަލާލަމުން އެއަންހެންމީހާ އަހާލިއެވެ.

” މި …. މިއީ ނީސް. އައިސަ ބުނެގެން މިއައީ. ތިޔައީ އައިސަގެ މަންމަ ތަ ؟ ” ހަމަޖެހޭގޮތް ދައްކާން މަސައްކަތް ކުރަމުން ހިނިތުންވުމާއެކު އެ އަންހެން މީހާއަށް ބަލާން ހުރެ ނީސް ވާހަކަ ދެއްކި އެވެ.

” އައިސަގެ މަންމަހޭ ؟ …. ކަލޭމެން ހިތަށް އަރާދޯ ކަލޭމެން ހިތަށް އަރާއިރަށް ކަލޭމެން ބޭނުންހާ ގޮތަކަށް އަހަރެމެންގެ އަންހެންދަރިންގެ ހިތްތަކާ ކުޅެލާނަމޭ. ދެން ވެސް ހޭއަރާ ހަމަޖެހިބަލަ … ތާކުން މީހަކު ފެންނަހާ އިރަށް ފޯނުކޮށް ލޯބި ހުށަހަޅާއިރު އެއީ ކާކުތޯ ވެސް ބަލާލަން ރަނގަޅެއްނު. އަދި ބުނެފިއެއްނު އައިސަގެ މަންމަހޭ ؟  ބަލަ މިހިރަމޮޔަޔާ މިއީއޭ ކަލެޔާ ވާހަކަ ދެއްކި އައިސަ އަކީ. ” ހަރުކަށިކަމާއެކު ނީސްއާ ދިމާއަށް އެއްޗެތި ކިޔަމުން ކިޔަމުން ނީސްއާ ދިމާއަށް އައި އައިސަ އައިގޮތަށް އައިސް ނީސްގެ ކަންކަށިމަތީގައި އެތިފަހަރެއް ޖެހިއެވެ. އެފަދަ ކަމަކަށް އެއްވެސް ވަރަކަށް ނުވިސްނާ ހުރި ނީސް ވިއްސައިގެން ކަހަލަ ގޮތަކަށް ގޮސް އިދިފުށަށް ވެއްޓިއްޖެއެވެ.

ވީތަދާއި ގަތްލަދާއެކު ދެން ވެސް އަވަހަށް އެތަނުން ސަލަމަތްވެވޭތޯ ތެދުވަމުން ވަށައިގެން ހޯދާލިއިރު އޭނާގެ ކުރިމަތީގައި ހުރީ އޭނާ އެއަންހެން ކުއްޖާ ހޯދުމަށް ފޯނުކުރި އަންހެން ކުއްޖާއެވެ. ނުހަނު އުފަލާ ހިތްހަމަޖެހުމާއެކު ހިނިތުންވެލައިގެން ހުރި އިރު އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާކަން ނީސްއަށް ގަބޫލުކުރެވުނެވެ. އެހެނަސް ދެން ދުވަހަކުވެސް އެފަދަ ފޯންކޯލެއް ނުކުރުމަށް އަޒުމް ކަނޑައަޅައި އެލިބުނު ފިލާވަޅުން އިބުރަތް ހާސިލުކުރަމުން ނީސް އަވަސް އަވަހަށް އެތަނުން ދިޔައީއެވެ.

ނިމުނީ

0
0

3 ކޮމެންޓް - ލިޔުން: ”ފޯންކޯލް“

Leave a Reply

Your email address will not be published.