ބިރުވެރި ލޯބީގެ

ނިދިތެރޭން ( 12 )

މެންދަމުގެ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން ނުވަތަ އާންމުން އެއްވެއުޅޭ މައިދާނަކުން ވިޔަސް މީހެއްގެ ހިލަމެއް ނުވެއެވެ. ރަށުތެރެއަށް ވެރިވެފައިވާ ފަނޑު ހަނދުވަރުގެ އަލީގެ ސަބަބުން މަގުތައް މާދުރާއެކު ވަރަށް ރީތިކޮށް ފެންނާން އޮތެވެ.

އެގޮތުގައި އެތައްއިރެއް ވަންދެން މަސައްކަތްކޮށް އެއްވެސް ކާމިޔާބެއް ނުލިބުމުން ނީނާގެ ރުޅި ގަދަވިއެވެ. ރުޅިވެރިކަމާއިއެކު އެތަނުން ނުކުމެ ދޮރުލެއްޕިއެވެ. ހިތްހަމަނުޖެހުމާއިއެކު ކޮށީގައި ފައިން ޖެހުމަށްފަހު ގޯތިން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

ބޮޑުމަގަށް ނުކުމެފައި ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއިރު ރަށުތެރެވަނީ ނިދާ މަރުވެފައިވާ ފަދައަކުންނެވެ. ފެނުނު ހަމަހިމޭންކަމާއި އަމާންއޮމާން ކަމުގެ ސަބަބުން ނީނާ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގަބުރުސްތާނާ ދިމާއަށް މިސްރާބު ޖެހިއެވެ.

ގަބުރުސްތާނަށް ވަނުމުގެ ކުރިން އެސަރަހައްދުން އެއްވެސް މީހަކު ފެންނާން ހުރިތޯ ނީނާ ޔަގީން ކޮށްލިއެވެ. އަވަސް އަވަހަށް އެތެރެއަށް ދެމިގަތީ ވަގަކު ތަނަކަށް ވަންނަހެންނެވެ. ގަބުރުސްތާނަށް ވަދެ ނީނާ ހިނގައިގަތީ ޒުބޭދާގެ މަހާނައާ ދިމާއަށެވެ. އޭރު އޭނާގެ ފިޔަވަޅުތައް އަވަސް ވެފައި ހަރަކާތްތައް ވެސް އަވަހެވެ.

ނީނާ ދިޔަގޮތަށް ގޮސް ޒުބޭދާގެ މަހާނަކައިރީ އިށީންދެ މަހާނަމަތި ކޮންނާން ފެށިއެވެ.

މޫސުމް ގޮސްވެ ކުއްލިއަކަށް ގަދަވަޔާއެކު ވިދާ ގުގުރާ ވާރޭ ވެހެންފެށީ ނީނާއަށް ސަންދޯއް ފެނުނު ފަހުންނެވެ. ޖަހަމުންދިޔަ ބާރު ގުގުރި އާއި ވިދަމުންދާ ވިދުމަށް އެއްވެސް ސަމާލުކަމެއް ނުދީ ނީނާ އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. މުޅިތަނަށް ވެރިވެފައިވާ އަނދިރިކަމަށް ވެސް އޭނާ ސަމާލުކަމެއް ނުދެއެވެ.

ގަބުރުސްތާނުތެރެއަށް ހޮނުއެޅުމާއެކު މުޅިތަނަށް ވެރިވެގެން ދިޔައީ ހުދުކާފޫރު ވަހެވެ.

ވިސާމަށް ހޭލެވުނީ ގުގުރާ އަޑަށެވެ. އަވަސް އަވަހަށް ވިސާމު ބަލާލީ ނީނާ ކޮބައިތޯއެވެ. ނީނާ ކޮޓަރީގައި ނެތުމުން ކޮންމެވެސް ވަރަކަށް ހާސްވި ނަމަވެސް އޭނާ ވާނީ ފާޚާނާގައި ކަމަށް ނިންމައި ހިތްހަމަ ޖައްސާލިއެވެ. އެގޮތުގައި މާގިނަ އިރެއް ނުވަނީސް ވިސާމަށް އަނެއްކާ ވެސް ނިދިއްޖެއެވެ.

އާދުވަހަކަށް އިރު އެރުމާއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. ދަރިވަރުންތައް މަގުތަކުން ފެނުން އިތުރުވަމުން ދިޔައިރު އެކުދިންގެ ބެލެނިވެރިންނާއި އެހީތެރިން ވެސް މަގުތަކުން ފެނުން ގިނަވަމުންދިޔަ އެވެ. ކޮންމެ ބެލެނިވެރިއެއްގެ ވެސް އުންމީދަކީ އޭނާގެ ދަރިންނަކީ އެންމެމޮޅު މީހުނަށް ވުމެވެ. އެފަދަ ބޮޑުގުރުބާނެއް އެބައިމީހުން ވަމުން އެދަނީ ވެސް އެބޭނުމުގައެވެ.

އާދިއްތަ ދުވަހަކީ އެންމެ ގިނަ ގެސްޓުން ރަށަށް އަންނަ ދުވަހަށް ވާތީ ހެނދުނުގެ ސަޔަށްފަހު ޝޮޕްވެރިން އަވަސްވެގަތީ ޝޮޕް ހުޅުވައި ވިޔަފާރިއަށް ތައްޔާރު ވާށެވެ. ޓީޝާރޓްތަކާއި މުންޑު އަދި ބައެއް ކަހަލަ ކުރެހުމާއި އެނޫން ވެސް ބައެއް ތަކެތި ބޭރަށް ނެރެ އަސްކަނި ދަށުގައި އަޅުވާ މާދުރަށް ޝޮޕް ފެންނާނެހެން ތައްޔާރު ކޮށްލިއެވެ.

ވިސާމަށް ހޭލެވުނީ ނުވައެއް ޖަހާކަން ހާއިރުއެވެ. ވިސާމް ހޭލިއިރު ނީނާ ކޮޓަރީގައި ނެތުމުން ނީނާ ވާނީ ބަދިގެފަރާތުގައި ކަމަށް ވިސާމް ނިންމިއެވެ. ނީނާ އަކީ އެހެން ދުވަސް ދުވަހު ވެސް ވަރަށް ހެނދުނާ ތެދުވެގެން ބަދިގޭގެ މަސައްކަތުގައި އުޅެމުންދާ މީހެކެވެ.

ވިސާމް ގޮސް ފާޚާނާބަޔަށް ވަތްއިރު ހުދުކުލައިގެ ފޮތިތަކެއް ކަހަލަ ކޮންމެވެސް އެއްޗެއް ފެނުލާފައި ހުއްޓެވެ. ހުދުކާފޫރު ޒާތުގެ ވަހެއް ދުވަމުން ދިޔައިރު އެފެނުން ލޭގެއަސަރު ވެސް ފާޅުވާން ހުއްޓެވެ. އެކަމުގެ ސަބަބުން ވިސާމް ކޮންމެވެސް ވަރަކަށް ހައިރާންވި ނަމަވެސް އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ސައި ބޮއިގެން ވިސާމް ދިޔައީ ޝޮޕަށެވެ.

ޝޮޕްގެ މަސައްކަތް މެންދުރަށް މެދުކަނޑާލިއިރު މިއަދުގެ މެންދުރުކުރި ވެގެންދިޔައީ ގިނަބަޔަކަށް ހިނިތުންވުން ގެނެސްދިން، ވިޔަފާރީގެ ގޮތުން ރަނގަޅު ދުވަހަކަށެވެ.

ފާޚާނާ ބަޔަށް ވަތްވަގުތު ވިސާމްގެ ލޮލުގައި އަޅައިގަތީ އެތަނުގެ ރޯނުގައި އަޅާފައިހުރި ހުދުފޮތި ތަކެވެ. މާބޮޑު ނޫނަސް އެއްވަރަކަށް ހިމަ ދިގުކޮށް ހަދާފައިވާ އެފޮތިތައް ފެނުމުން ވިސާމް ހައިރާންވިއެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދި ނީނާއާ އެ ވާހަކަ ދައްކާން ނުކުތްއިރު ނީނާ ވީ ކޮންމެ ވެސް ގެއަކަށް ގޮހެވެ. އެހެންކަމުން ވިސާމަށް އެވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.

މެންދުރުފަހު ދެގަޑިބައި ތިނެއް ޖަހާކަން ހާއިރެވެ. އެއްފަހަރާ އެތައް ބައިވަރު ގެސްޓުން އައިސް އުޅޭތީވެ ރަށުތެރޭން ފެންނަމުންދަނީ ހަލަބޮލިކަމެވެ.

އަބްދުލް ހާދީ އޭނާގެ އާދައިގެމަތިން މިއަދު ވެސް ގަބުރުސްތާނަށް ދިޔައީ ޒުބޭދާގެ މަހާނަ ބަލާލުމަށްޓަކައެވެ. އެންމެ ފަހުން އަންޖާމާއި އޭނާގެ ޢާއިލާއިން އޭނާގާތު އެދުނު އެދުން ފުރިހަމަ ކޮށްދިނުމަށް އަބްދުލް ހާދީ ވަރަށްބޮޑު އިސްކަމެއް ދެއެވެ. ގަބުރުސްތާނަށް ވަދެގެން ޒުބޭދާގެ މަހާނައާ ދިމާއަށް ހިނގަމުންދިޔަ އަބްދުލް ހާދީގެ ފިޔަވަޅުތައް ހަލުއިވެ އަވަސް ވެގެން ދިޔައީ ކުއްލި އަކަށެވެ. އޭނާގެ ކިބައިން ނުތަނަވަސްކަން ވެސް ފާޅުވެގެންދިޔައީ ވެސް އެވަގުތުއެވެ.

އަބްދުލް ހާދީ އައިސް މަހާނަކައިރިއަށް ހުއްޓުމާއެކު ފެނުނު މަންޒަރުން އޭނާ ކަންބޮޑުވެ ހައިރާންވިއެވެ. ޒުބޭދާގެ މަހާނަމަތި ކޮނެ ސަންދޯކުންބައެއް ހަލާކުކޮށްލާފައިވާއިރު ކަފުން ވެސް ވަނީ ވީދާ ކުދިކުދި ކޮށްލާފައެވެ. ކަރުންމަތިން ބައެއް ފެންނާން އޮތްއިރު މޫނުމަތިން މަސް ނައްޓާފައި ހުއްޓެވެ. ހީވަނީ ވީދައިގެން ކާފައި ހުރި ހެންނެވެ. މުޅި ހިސާބަށް ފެތުރިފައިވަނީ ހުދުކާފޫރު ވަހެވެ.

އަބްދުލް ހާދީ ވަރަށް އަވަހަށް ރަށުކައުންސިލްގެ ރައީސް ވާފިރަށް ފޯނުކޮށް އެޚަބަރު ދިނެވެ. ހަބަރު ދިންތާ މާގިނައިރެއް ނުވަނީސް ކައުންސިލްގެ ނާއިބުރައީސް އާއި އިތުރު މެންބަރުން މުދިންބެއާއެކު އެތަނަށް އައިސް ފިއެވެ. މުދިންބެގެ ލަފަޔާއި މަޝްވަރާގެމަތިން އަވަސް އަވަހަށް އެތަން ހަމައަކަށް އަޅުވާލިއެވެ. ރަށުތެރެއަށް އެޚަބަރު ފެތުރި ކޮންމެވެސް ވަރަކަށް މީހުން އެދިމާއަށް އަންނަމުން ދިޔައެވެ.

ޒުބޭދާގެ މަރުގެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރެވުނު އަންޖާމުގެ މައްސަލަ ބަލަމުން ދިޔައެވެ.

ކުއްލިއަކަށް ރަށުތެރެއަށް ފެތުރުނު އެޚަބަރުގެ ސަބަބުން ގިނަބަޔަކަށް ސިހުން ލިބުނެވެ. ހައިރާންވި މީހުންނާއި އެކަމާއި ކަންބޮޑުވި މީހުން ވެސް މަދެއް ނޫނެވެ. އެންމެންގެ ހިތުގައި ވެސް ވަނީ ޖަވާބުލިބުންދަތި ސުވާލު ތަކެވެ. އެކަމާމެދު ވިސްނާ ފިކުރުކުރާ މީހުން ދިޔައީ ގިނަވަމުންނެވެ. އެންމެންވެސް ބުނަމުން ދިޔައީ މިއަދު ފެނުނު އެކަންތަކަކީ އިންސާނަކަށް ކުރާން ކެރޭވަރަށްވުރެ ނުބައިކަމެއް ކަމަށާއި އެއީ އާދަޔާ ހިލާފް ކަމެއް ކަމަށެވެ.

އިރު އޮއްސި އަނދިރިކަން ވެރިވާން ފެށުމާއެކު ރަށުތެރޭގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. މިއަދު ހިނގާދިޔަ ކަންތަކުގެ ސަބަބުން ބިރުގަނެ ހާސްވެގެން އުޅޭ މީހުން ގިނަވިއެވެ. ޢާއިލާ އެއްކޮށް ގެއަށް ހަމަކޮށް ދުރަށް ނުދިއުމަށް ބުނަމުންދާ މީހުންތައް ބައިވަރެވެ. ހާއްސަކޮށް ގަބުރުސްތާނާއި ކައިރި ގެތަކު މީހުންގެ ހާލަތު މާބޮޑަށް ގޯސްވިއެވެ. އެފަދަ ބައެއް ގޭގޭގެ މީހުން އެހެން ގެތަކަށް ބަދަލު ވެސް ވިއެވެ.

މިއަދު ފެނުނު ކަންތަކުގެ ސަބަބުން ގިނަބަޔަކު ބިރުގަނެ، ހާސްވެ ކަންބޮޑުވުމާއި ނުތަނަވަސްވުމުގެ ސަބަބުން މަގުތަކަށް ނުކުމެ ނޫޅޭތީ ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ހުޅުވާލާފައި ހުރި ގެއެއް ނުފެންނަ ތާންގައި ފިހާރަތަކާއި ހޮޓާތައް ވެސް ހުރީ ބަންދުކޮށްފަ އެވެ.

މުދިންބެއަކީ އަބަދުވެސް ކަންކަމާމެދު ވިސްނާ ފިކުރުކޮށް ކުރިޔާލާ ކަންކަންކަމަށް ތައްޔާރުވާ މީހެކެވެ. ރަށަށް ނުވަތަ ރަށުގެ މީހަކަށް ކަމެއް ދިމާވިޔަސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރާ މީހެއް ވެސް މެއެވެ. ރަށު ރައްޔިތުންގެ ފަރާތުން މުދިންބެއަށް ލިބެމުންދާ އިޙުތިރާމާއި ލޯތްބަކީ އޭނާގެފަރާތުން އެހެން މީހުނަށް ދެމުންދާ އިޙުތިރާމާއި ލޯބިކަން އެންމެން ވެސް ގަބޫލުކުރެއެވެ.

ގަބުރުސްތާނުން މިއަދު ފެނުނު ކަންތަކާމެދު މުދިންބެ ވިސްނާ ފިކުރު ކުރަމުން ދިޔައީ، އެކަމަކީ އާދަޔާހިލާފް ކަމެއް ކަމުގައި ގަބޫލުކުރެވޭތީ އެވެ. އެކަމުގެ ޙަޤީޤަތް ހޯދުމަކީ މުހިންމުކަމެއް ކަމުގައި ދެކޭތީއެވެ.

ނީނާ އާއި ވިސާމް އޮށޯވެލައިގެން ތިބީ ނިދާން ނަމަވެސް އަދިއެއް ނުނިދެއެވެ. ހިނގައިގެން އުޅޭ ހާދިސާއާ ބެހޭގޮތުން އެ ދެމަފިރިން ވެސް ވާހަކަދައްކާލަން ތިބީއެވެ. ރަށުގެ އެހެން ރައްޔިތުން ފަދައިން އެ ދެމަފިރިން ވެސް ތިބީ އެކަމާއިމެދު ކަންބޮޑުވެ ހާސްވެފައެވެ.

” ޒުބޭދާގެ މަހާނަމަތި ކޮނެފައި ހުރި ވާހަކަ އެއީ ތެދެއްތަ؟ ” ވިސާމަށް ބަލާލަމުން ނީނާ އެހިއެވެ.

” އާން. އެކަހަލަ ވާހަކައެއް އަޑު އިވުނު… އެކަމު އެއީ ހާދަ އެހެން ކަހަލަ ކަމެކޭދޯ؟ ” ވިސާމް ވާހަކަ ދެއްކީ އެ ވަހަކައާ މެދު ކޮންމެ ވެސް ވަރަކަށް ސުވާލު އުފެދިފައި އޮވެގެންނެވެ.

” އާން. އެކަމު އަހަރެމެންނަށް ކޮންކަމެއް ދޯ؟ ” ވާހަކަދައްކަމުން ވިސާމާއި ގާތަށް ނީނާ ޖެހެލިއެވެ.

ވިސްނާ ފިކުރުކުރާން އޮތް މުދިންބެއަށް ނިދުނުއިރެއް އޭނާއަކަށް ވެސް ނޭނގުނެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއި ފަޅުކަމާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުން އަލިވެއްޖެއެވެ. މުދިންބެ އަށް ހޭލެވިގެން އަވަސް އަވަހަށް ގަޑި ބަލީލިއިރު ފަތިސްނަމާދު ވަގުތުވާން ތިރީހަކަށް މިނިޓް ހުއްޓެވެ. މުދިންބެ އަވަސްވެގަތީ މިސްކިތަށް ދާށެވެ. ރޭގައި އޭނާ ވިސްނި ވިސްނުމަށް އަމަލީ ސިފައެއް ގެންނާން އޭނާ ބޭނުންވެއެވެ.

މިފަދަ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންގެ ރައްކަލަށްޓަކައި އެމީހަކަށް ކުރެވުނު ކޮންމެކަމެއް ކުރުމަކީ ވާޖިބެއްފަދަ ކަމެއް ކަމުގައި މުދިންބެ ދެކެއެވެ.

ގައިން ތާހިރުވެ ވުޟޫކޮށްގެން ގެއިން ނުކުމެ މުދިންބެ މިސްރާބުޖެހީ މިސްކިތާއި ދިމާއަށެވެ. މުދިންބެ އަނގަޔަށް އަންނަ މުންދާ ހަރަކާތްތަކަށް ވިސްނާލުމުން އޭނާ ސިއްރު ސިއްރުން ކޮންމެވެސް އެއްޗެއް ކިޔަމުންދާކަން ޔަގީންވެއެވެ. އެއްވެސް މަގެއް މަތިން މީހަކު ނުފެނެއެވެ. ގެއެއްގެތެރޭން އަޑެއްބަޑެއް ނީވޭތާންގައި ގަދަފަދަ އައްޔެއްގެހާ ހިސާބު ވެސް ފެންނަމުން ނުދާތީ މީހަކު ހޭލާ ނޫޅޭކަން ޔަގީންވެއެވެ.

މުދިންބެ ދިޔަގޮތަށް ގޮސް ވަނީ ގަބުރުސްތާނަށެވެ. އަދި ވަށައިގެން ހޯދާލަމުން ޒުބޭދާގެ މަހާނައާ ދިމާއަށް ހިނގައިގަތް އިރު ވެސް އޭނާގެ ސިއްރު ކިޔެވުން ކުރިޔަށް ގެންދިޔައެވެ.

ޒުބޭދާގެ މަހާނަ ވަށައިގެން ބުރެއް ޖަހާލުމަށްފަހު މުދިންބެ ގޮސް މަޑުކޮށްލީ ޒުބޭދާގެ ބޯ ކޮޅުގައެވެ. ގަޑިއަށް ބަލަމުން އޭނާގެ ކިޔެވެލި ކުރިޔަށް ގެންދިޔައެވެ.

ފަތިސްނަމާދު ވަގުތުވާން ގާތްވުމުން މަސައްކަތް މެދުކަނޑާލަމުން މުދިންބެ ގޮސް މިސްކިތަށް އެރިއެވެ.

ރަށުތެރެއަށް ފާޅުވެގެންދިޔަ ފަތިސްނަމާދު ވަގުތުގެ ބަންގީގެއަޑާއިއެކު މީހުންތައް ހޭލަން ފެށިއެވެ. މަދުމަދުން މަގުތަކުން މީހުން ފެންނާން ވެސް ފެށިއެވެ. މަގުތަކުން ފެންނަމުންދިޔަ އެންމެންގެ ވެސް މިސްރާބަކަށް ވެފައިވަނީ މިސްކިތެވެ. އެހެން ނަމާދުތަކާއި ހިލާފަށް ފަތިސްނަމާދަށް ދާ މީހުން މަދުކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ފަތިސްނަމާދުން ފައިބާގެން މަސްވެރިންތައް އަވަސްވެގަތީ މަހަށް ދާށެވެ. އަޅުކަމަށްފަހު އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ ދިވެހިންގެ ތެރޭން މަދުން ނަމަވެސް ފެންނަމުންދާ ރީތި އާދައެކެވެ. އެއީ އެކަން އޮންނާންޖެހޭ ގޮތްކަމަށް ގަބޫލުކުރާ މީހުން ގިނަވަމުން އަންނަކަމީ އުފާކުރުންޖެހޭ ކަމެއްކަން ޔަގީނެވެ.

އާދުވަހަކަށް އިރުއެރުމާއިއެކު ރޭގަނޑުގެ ހަމަހިމޭންކަން ފިލައި ހަލަބޮލިކަން ވެރިވާން ފެށިއެވެ. ރޭގައި އެއްވެސް ކަމެއް ހިނގާދިޔަތޯ ބަލާން ނުކުތް މީހުން ވެސް މަދެއް ނޫނެވެ.

ފަރުމަހަށް ނުކުމެ އުޅުނު ދޯންޏަކުން މަރުވެފައިވާ މީހަކު ހޮވި ވާހަކަ އާއި އެމީހަކީ ނިސާހް ކަމަށް ރަށުތެރެއަށް ފެތުރުނު ޚަބަރުގެ ސަބަބުން އެންމެބޮޑަށް ކަންބޮޑުވެ ހައިރާންވީ ހަމްދީމެންނެވެ. އެމީހުންނާއި އެކުގައި ގޮސް ޒުބޭދާއާ ބައްދަލުކޮށް ޒުބޭދާ ގޮވައިގެން ގަސްތަކުތެރެއަށް ވަތްގޮތަށް އަދި މިހާތަނަށް ޖެހެންދެން އެއްވެސް ޚަބަރެއް ނުވި ނިސާހްގެ މަރުގެ ޚަބަރު ލިބުމުން އެމީހުން ކިތަންމެ ހައިރާންވެ ކަންބޮޑުވި ނަމަވެސް އެކަން ސިއްރުކޮށްގެން ތިބީއެވެ. އެކަމާބެހޭގޮތުން ވާހަކަ ދައްކަން ހަދައިގެން އެމީހުން ބެދިދާނެކަމުގައި ތިންމީހުން ވެސް ނިންމިއެވެ.
ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 12 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 12 )“

Leave a Reply

Your email address will not be published.