ހަޤީޤީ ހިތާމަ ލޯބީގެ

ކަރުނަފޮހެލާފާ

އަންހެންކުއްޖަކު ރީތިވަނީ އެކުއްޖާއަށް ލިބިފައިވާ ފުރިހަމަ އަންހެންވަންތަ ހަށިގަނޑުގެ ސަބަބުން ކަމަށްވާނަމަ އެފަދަ އެއް އަންހެން ކުއްޖަކީ ޝާޔަލްއަށް ނުވެ ނުދާނެކަން ޔަގީނެވެ. އަންހެންކުއްޖަކާމެދު ފިރިހެނުން ސައުގުވެރިވަނީ އެކުއްޖާއަށް ލިބިފައިވާ އަންހެންވަންތަ ފުރިހަމަ ހަށިގަނޑާއި އެހަށިގަނޑުގެ ބައްޓަންތަކުގެ ގުޅިލާމެހުމުގެ ފުރިހަމަކަމުން ކަމަށް ވާނަމަ އެފަދަ ހަށިގަނޑެއް ލިބިފައިވާ އަންހެންކުދިންގެ ތެރޭގައި ވެސް ޝާޔަލް ހިމެނޭނެ އެވެ. ޝާޔަލްއަށް ލިބިފައިވާ ހެދިހުރި ފުރިހަމަ އަންހެންވަންތަ ހަށިގަނޑާއި އެހަށިގަނޑުގެ ފުރިހަމަބައްޓަމަށް އިތުރު ކުރިއެރުމެއް ލިބެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކުގެ ސަބަބުންނެވެ. ބޭނުންކުރަމުންދާ ފުރިހަމަ މޭކަޕްތަކާއި ކުލައަލި ހަށިގަނޑުގެ ގުޅުމަކީ ވެސް އިތުރު ކުރިއެރުމެކެވެ. އިތުރު ފުރިހަމަ ކަމެކެވެ. ހެދުމާއި ގުޅޭގޮތަށް ބުރުގާ އެޅުމާއި މޭކަޕް ކުރުމަކީ ޝާޔަލް އަބަދު ވެސް ސަމާލުކަންދޭ ކަންކަމެވެ.
ރަށުމަދަރުސާ ގްރޭޑް ދިހައެއްގައި ތަޢުލީމު ހާސިލުކުރަމުންދިޔަ، އުމުރުން ސަތާރައަހަރުގެ ޝާޔަލްއަކީ ތަޢުލީމާއިގެން ކުރިޔަށް ދިއުމަށް ގަދަހިތްވަރާއިއެކު ކެރިގެން މަސައްކަތްކުރާ ކާމިޔާބު ދަރިވަރެކެވެ.
ފެންވަރު ރަނގަޅު މޮޅެތި މުދައްރިސުންނާއި ވަސީލަތްތައް ފުރިހަމަ ބޮޑެތި މަދަރުސާތަކަށް ނުދެވުނު ނަމަވެސް، ފިލާވަޅުތަކާއި ބެހޭގޮތުން ލިބެންޖެހޭ ފުރިހަމަ މަޢުލޫމާތާއި އިރުސާދުތައް ބަރާބަރަށް ލިބޭނަމަ ކާމިޔާބު ހޯދިދާނެކަން ސާބިތުކޮށްދޭން ޝާޔަލް ހުރީ ތައްޔާރަށެވެ.
މައިންބަފައިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު މަދަރުސާއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންއަންނަ ޝާޔަލްއަކީ އޭނާގެ މައިންބަފައިން ފަދަ ހީވާގި، މަސައްކަތްތެރި ކެރޭ ދަރިއެކެވެ. ދިރިއުޅުމަށް އާރާސްތުކުރަން އެންމެ އެކަށީގެންވާފަދަ ގެވެހި ޒުވާނެކެވެ.
ތަފާތު ގޮތްގޮތަށް ތަފާތު ސިފަސިފާގައި ލޯބީގެ ހުށަހެޅުންތައް ލިބެމުންދިޔަ ޝާޔަލް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ މަޑުކޮށްލައިގެން ހުރީ ތަޢުލީމަށް އޭނާ ދެމުންދިޔަ ސަމާލުކަމެއްގެ ބޮޑުކަމުންނެވެ. މިއީ އޭނާ ކިޔަވަމުންދާ ދުވަސްވަރަށްވާތީ ކިޔެވުން ފިޔަވާ އެހެން އެއްވެސް ކަމަކަށް ސަމާލުކަންދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމަކަށް ސަމާލުކަން ދީފިނަމަ ކިޔެވުމަށް އަސަރުކޮށްފާނެކަމުގައި އަބަދު ވެސް އޭނާގެ ހިތް ބުނަމުންދިޔައެވެ.
ބޮޑުޢީދު ކުޅިވަރުތަކުގެ ފަރިތަކުރުން ތަކުގައި ދެޖިންސްގެ ޒުވާނުންނާއި މަދަރުސާގެ ބޮޑެތި ދަރިވަރުން ބައިވެރިވެ ހަރަކާތްތެރި ވަމުންދިޔައީ ގައުމީޖޯސާއި ފޯރީގައެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ޢީދުގެ ފޯރި ވީހާވެސް ބޮޑުކޮށް ވީހާ ގިނަބަޔަކަށް އުފަލާއި ހިތްހަމަ ޖެހުން ގެނެސްދިނުމަށް މަސައްކަތް ކުރަމުން ވެސް މެއެވެ.
ޢީދުދުވަސް ގާތްވަމުން ދިޔައިރު ޢީދަށް ތައްޔާރުވުމުގެ ހަރަކާތްތައް އިތުރުވެފައި ވެއެވެ. މާލެ އާއި ރިސޯޓްތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ރަށުންބޭރުން ތަޢުލީމު ހާސިލްކުރަމުންދާ ކިޔަވާކުދިން އެބައިމީހުންގެ އެކުވެރިންނާއި އެހީތެރިން ގޮވައިގެން ރަށަށް އަންނަން ފެށިއެވެ.
އަޒްޔާން އާއި ޝާޔަލް ބައްދަލުވީ ޢީދުކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ދަފިނެގުމުގެ ހަރަކާތުގެ ފަރިތަކުރުންތަކަށް ގޮސް އުޅުނު އުޅުމުގެ ތެރޭންނެވެ. މަދަރުސާގެ ބޮޑެތިދަރިވަރުން ހިމަނައިގެން ތިރީހަކަށް މީހުން ބައިވެރިވާ އެހަރަކާތުގައި ޝާޔަލް އެކޭ އެއްފަދައިން އަޒްޔާން ވެސް ބައިވެރިވެއެވެ.
ފުރަތަމަ ފެނިލުމާއިއެކު ވެސް އަޒްޔާންގެ ހިތުގައި ޝާޔަލްގެ ސޫރަ ކުރެހުނެވެ. އެފުރިހަމަކާއި ރީތިކަމުގެ ތެރެއިން ވެސް އަޒްޔާނަށް އެންމެބޮޑަށް ފާހަގަކުރެވުނީ ޝާޔަލްގެ އެފަރި ހިނިތުންވުމާއި ހިތްހެޔޮކަމާއި ގާތްކަމެވެ. އަނެކާއަށް ކުރާ އިހްތިރާމާއި ގަދަރެވެ.
ޝާޔަލް ފެނުނު ވަގުތުން ފެށިގެން އަޒްޔާންގެހިތް އެދި ގޮވަމުންދިޔައީ ޝާޔަލް އަށެވެ. ޝާޔަލްއާ ބައްދަލުކުރުމަށެވެ. ޝާޔަލްއާ ބެހޭ މަޢުލޫމާތު ހޯދުމަށެވެ.
ޝާޔަލްއަށް ފާރަލައި ބަލަމުން އޭނާގެ ފަހަތުން ބިސްމަޅި ދުއްވަމުންދިޔަ އަޒްޔާނަށް އެނގުނު ގޮތުގައި އޭނާގެ ރަހުމަތްތެރި ރިޒްލާއަކީ ޝާޔަލްގެ ވަރަށްގާތް ރައްޓެއްސެކެވެ. ޝާޔަލްއާބެހޭ މަޢުލޫމާތު ހޯދަން އެންމެފަސޭހަވާނީ ރިޒްލާ މެދުވެރިކޮށްކަން އަޒްޔާނަށް އެނގު ނެވެ.
ރިޒްލާ ގޮސް ޝާޔަލްގާތު އެވާހަކަ ދެއްކުމުން ޝާޔަލް ދިން ޖަވާބު ރިޒްލާ ކިޔައިދިނެވެ. ޝާޔަލް އެބުނާ ދުވަހެއް އަންނަންދެން މަޑުކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް އަޒްޔާން ބުންޏެވެ. އޭނާ ބޭނުންވަނީ ޝާޔަލްގެ އެންމެ ފުރަތަމަ އަދި އެންމެފަހުގެ ވެސް ލޯބިވެރިޔާއަކީ އޭނާއަށް ވާށެވެ. ލަސްކޮށްގެން ލަނޑެއް ވެސް ލިބިދާނެއެވެ.
ޢީދުއައުމާއެކު މުޅިރަށް ކެކިއަރައިގަތް ކަހަލައެވެ. ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއެކު، ވަރަށް ކުލަގަދަކޮށް ޢީދުގެ ހަރަކާތްތައް ކުރިޔަށް ދިޔައެވެ. މިހާތަނަށް ރަށުގައި ފާހަގަކުރާ އެންމެކުލަގަދަ ޢީދުގެ ސަބަބުން ލިބިފައިވާ އުފަލުގައި ކުޑަކުދިން ބައިވެރިވެ މަޖާނަގަމުން ދިޔައިރު ރައްޔިތުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބައެއްވަންތަކަން އިހުނަށްވުރެ ވަރުގަދަވެފައި ވެއެވެ.
ޢީދުކުޅިވަރުގެ އުފަލާއި މަޖަލާއިގެން ހުރިހާމީހުން އުޅެމުންދިޔައިރު އަޒްޔާން މަސައްކަތްކުރަމުން ދިޔައީ ޝާޔަލްއާ ބައްދަލު ކޮށްލާނެ ފުރުސަތެއް ލިބޭތޯ އެވެ. ކޮންމެގޮތަކުން ނަމަވެސް ޝާޔަލްއާ ބައްދަލުކުރަން އަޒްޔާން ބޭނުންވެއެވެ. ޢީދުބަންދަށް ލިބިފައިމިވާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާއަށް އެކަން ނުވެއްޖެނަމަ ދެން ވަރަށް އުނދަގޫވާނެއެވެ. ޢީދުބަންދަށްފަހު ދެން އޭނާއަށް ރަށަށް އާދެވޭނީ ބޮޑުޗުއްޓީ އަށެވެ.
ރޭގަނޑު ދިހައެއްޖަހާކަން ހާއިރެވެ. ރިޒްލާ އެދެމުންދިޔަވަރުން އޭނާއާއެކު ކޮފީއަކަށް ދާން ޝާޔަލް އެއްބަސްވިއެވެ. ކޮފީއެއް ބޯލުމަށްޓަކައި ރިޒްލާ އާއި ޝާޔަލް ދިޔައީ ރަށުގެ ދެކުނުފަރާތު އަތިރިމަތީ ސަރަހައްދުގައިވާ އޯޕަންއެއަރ ކޮފީޝޮޕަށެވެ.
ރަށުގެ ގިނަރައްޔިތުން ޢީދުކުޅިވަރާއިގެން އުޅެމުންދާތީ ކޮފީޝޮޕްގައި މީހުން ވަރަށް މަދެވެ. ވަރަށް މަދުންނޫނީ އެފަދަ ތަންތަނަށް އައިސް ނޫޅޭ ޝާޔަލްއަށް އެކަމުގެ ސަބަބުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމާއި އަމާންއޮމަން ކަމަކީ ދެމީހުން ވެސް ވަރަށް ގަޔާވި ކަމަކަށްވިއެވެ.
ކޮފީއަށް އިންސާފް ކުރަމުންދިޔައިރު ދެރަހުމަތްތެރިންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަތައް ގިނައެވެ. އެތައް ދުވަހަކަށްފަހު ބައްދަލުވުމުން ދައްކަން ބޭނުންވެފައިވާ ވާހަކަތައް ދެމީހުންގެ ވެސްވަރަށް ގިނައެވެ. އެކަކު އަނެކަކަށް ކިޔައިދޭން ބޭނުންވާ ވާހަކަތައް އެހާމެ ބައިވަރެވެ.
ކޮފީޝޮޕަށް ވަދެގެން އައި އަޒްޔާނަށް ޝާޔަލް އާއި ރިޒްލާ ފެނުމާއެކު ހިނިތުންވެލެވުނެވެ. އެދިއެދިހުރި ފުރުސަތު އެންމެ ބޭނުންގޮތަށް ނުލިބުނު ނަމަވެސް، ލިބުނުގެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަވަސްވެގަތެވެ.
އެމީހުނާއިއެކު ކޮފީގައި ބައިވެރިވުމަށް އަޒްޔާނަށް ގޮވީ ރިޒްލާ އެވެ.
ޝާޔަލްއާއެކު ކޮފީއެއް ބޯލުމުގެ ފުރުސަތު ލިބުން ވެގެންދިޔައީ އޭނާގެ އުންމީދުގެ ހުޅުކޮޅު ރޯކޮށްލުމަށް އަޒްޔާނަށް ރިޒްލާ ދިން ރަނުގެ ފުރުސަތަކަށެވެ. ޝާޔަލްއާ ވާހަކަދައްކާލަން ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމްކަނޑައަޅައިގެން ހުރި އަޒްޔާން ، ޝާޔަލްގެ ހާލުއަހާލާ ކިޔެވުމާއި ކަންތައްތައް ކިހިނެތްތޯ އަހާލިއެވެ.
އެކުގައި ހޭދަކުރެވުނު ދޮޅުގަޑިއެއްހާއިރު އަޒްޔާން ކުރި މަސައްކަތުން ޝާޔަލްއާ އަޒްޔާންއަކީ ދެރަހުމަތްތެރިންނަށް ވިއެވެ. އެއީ ވެސް ލިބުނު ކާމިޔާބަކާއި ކުރިއެރުމެއްކަމުގައި އަޒްޔާން ބެލިއެވެ.
ޢީދުބަންދު ނިމި ޢީދަށް އައި މީހުންތައް ފުރައިގެން ދިޔައިރު އަޒްޔާން ވެސް ފުރައިގެން ހިނގައްޖެއެވެ. މާލެ ދިޔަ ނަމަވެސް ޝާޔަލްގެ ލޯބި ކާމިޔާބުކުރުމަށް އަޒްޔާން ކުރަމުންއައި މަސައްކަތް ހުއްޓައެއް ނުލައެވެ. ދޭތެރެ ދޭތެރޭން ޝާޔަލްއަށް ފޯނުކޮށް ހާލުއަހުވާލު އޮޅުން ފިލުވައި ފިލާވަޅުގެ ކަމެއްގައި އެހީއެއް ބޭނުންނަމަ އޭނާއަށް އަންގާލުމަށް ބުނަމުންދިޔައެވެ.
މީގެކުރިން ވެސް ލޯބީގެ ތަފާތު ހުށަހެޅުންތަކާއި އެކިކަހަލަ މެސެޖްތައް ލިބި އެއިން އެއްވެސްކަމަކަށް ސަމާލުކަންނުދީ ހުރި ޝާޔަލްގެ ހިތުގައި އަޒްޔާންގެ ސޫރަ ކުރެހެންފެށީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. އަޒްޔާންއާ ވާހަކަދައްކާވަރު އިތުރުވަމުންދާ ވަރަކަށް އެ ފޯން ކޯލްތަކަށް އިންތިޒާރު ކުރެވޭވަރު އިތުރުވަމުން ދިޔުމާއި ފޯނުކުރޭތޯ ބެލޭ މިންވަރު އިތުރުވަމުން ދިޔައެވެ.
އަޒްޔާންއަކީ އަންހެންކުދިން އޭނާއާމެދު ސައުގުވެރިވާފަދަ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑާއި ދިގުއިސްކޮޅެއް ލިބިފައިވާ އަޒްޔާންގެ ރީތިކަމަށް އިތުރުވެފައިވަނީ އޭނާއަށް ލިބިފައިވާ ފިރިހެންވަންތަ މަޑުމުށިކުލައިގެ ސަބަބުން ނެވެ.
އަންހެންކުއްޖަކު އިސްވެ ފިރިހެންކުއްޖަކަށް ލޯބި ހުށަހަޅާނަމަ، ފިރިހެންކުއްޖަކު ލޯބީގެ ހުށަހެޅުމެއް ހުށަހަޅައިގެން އެފިރިހެން ކުއްޖާއަށް ބަލައިގެން ލޯބި ގަބޫލުކުރާނަމަ އެފަދަ އެއްޒުވާނަކީ އަޒްޔާނަށް ވާނެކަން ޔަގީނެވެ. އެކަން ޝާޔަލްއަށް ވެސް އެނގެއެވެ. ގަބޫލު ވެސް ކުރެއެވެ.
ތައުލީމަށް ދެމުންދިޔަ ސަމާލުކަން ގެއްލުނަ ނުދިނުމަށްޓަކައި، ތައުލީމީ ދާއިރާއިން އޭނާގެ މައިންބަފައިން އޭނާއާމެދު ދެކެމުންދާ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އަތުކުރިއޮޅާލައިގެން ހުރި ޝާޔަލް އެހުވަފެން ޙަޤީޤަތަކަށް ހެދިއެވެ. ތަޢުލީމީހަޔާތް ނިންމާލީ ހަމައެކަނި ތައުލީމަށް ސަމާލުކަން ދީގެން އެގޮތުގައެވެ.
ޝާޔަލްގެ ލޯތްބަށް އެދި ތަކުރާރުކޮށް އާދޭސްކުރަމުންދިޔަ އަޒްޔާންގެ އެހުށަހެޅުން ޝާޔަލް ގަބޫލުކުރީ އޭނާގެ ހިތުގައި ވެސް އަޒްޔާނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ތަކުރާރުކޮށް އަޒްޔާން ބުނަމުންދިޔަ ފަދައިން އުމުރުދުވަހު އޭނާގެ މީހެއްގެ ގޮތުގައި ހުންނާނެކަމުގެ އުންމީދާއި ޔަގީންކަމުގައެވެ. ކާމިޔާބުކަމާއެކު ލޯތްބާއިގެން ކުރިޔަށް ގޮސް ޒަވާޖީހަޔާތެއް ފަށައި ކާމިޔާބު މުސްތަގުބަލެއް ބިނާކުރާށެވެ.
ޝާޔަލް އާއި އަޒްޔާންގެ ނަން ލޯބިވެރިންގެ ލިސްޓަށް އިތުރުވުން ވެގެންދިޔައީ، ޝާޔަލްގެ ލޯތްބަށްއެދި އާދޭސް ކުރަމުން ފަހަތުން މުގޯލިއަޅަމުންދިޔަ އެތައް ޒުވާނެއްގެ ހިތް ކަތިލެވުންފަދަ ކަމަކަށެވެ. އެދިއެދިތިބި އެލޯބި ނުލިބުމުން އަތުން ފައިން ގޯސްހަދަން އެތައް ޒުވާނުންނަށް މަޖުބޫރުވި ކަމަކަށެވެ.
ޝާޔަލް އާއި އަޒްޔާންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަކީ ދެފަރާތުގެ ޢާއިލާއިން ވެސް ނުހަނު ހިތްހަމަޖެހޭ އަދި ގަޔާވާ ގުޅުމަކަށް ވިއެވެ. އަޒްޔާންފަދަ ރަނގަޅަށް ކިޔަވައިގެންހުރި މަޑުމައިތިރި ބަސްމަދު އަހްލާގު ރަނގަޅު ޒުވާނަކު އޭނާގެ ބައިވެރިއަކަށް އިހްތިޔާރު ކުރީތީ ޝާޔަލްގެ މައިންބަފައިން އުފާކުރިއެވެ. އެފަދަ ނިއުމަތެއް އެމީހުންގެ ދަރިފުޅަށް މިންވަރު ކުރެއްވީތީ އެނިއުމަތަށް ޝުކުރުވެރިވިއެވެ. މިފަދަ ތަހުޒީބު ޒަމާނެއްގައި މަދުންނޫނީ ނުފެންނަފަދަ މަސައްކަތްތެރި ގެވެހި އަންހެންކުއްޖަކު ހޯދުމަކީ އޭނާގެ މައިންބަފައިންނަށްޓަކައި އޭނާ ކޮށްދިން ވަރަށް ރަނގަޅުކަމެއް ކަމުގައި އަޒްޔާންގެ މައިންބަފައިން ތަކުރާރުކޮށް ބުނަމުންދިޔައެވެ. އެކަން އެމީހުން ބަލައިގަތީ އުފަލާއި ހިތްހަމަޖެހުމާއެކުގަ އެވެ.
ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު ޝާޔަލް އާއި އަޒްޔާންގެ މެދުގައިވާ ލޯބީގެ ގުޅުން ވެސް ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން ވަރުގަދަވަމުން ދިޔައެވެ. ހިތްއެދުނު ލޯބި ކާމިޔާބު ވީތީ ދެޒުވާނުންނަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދިޔަ އެވެ.
މޫސުމްބަދަލުވެ ވައި އެނބުރިގެން ދިޔައީ އެފަދަކަމަކަށް ޝާޔަލް ވިސްނާ ވެސް ނުލައި ހުއްޓައެވެ. އަޒްޔާން މާލެ ދިއުމާއިއެކު ކުއްލިއަކަށް ބިޒީވިއެވެ. ފޯނު ކޮށްނުލާއިރު ޝާޔަލް ފޯނުކުރިޔަސް ފޯނަށް ޖަވާބެއް ނުދެއެވެ. މެސެޖްކުރުމުން މެސެޖަކަށް ޖަވާބެއް ނުދެއެވެ. ކިތަންމެ ބިޒީވިޔަސް ފޯނުކޮށްލެވޭވަރު ވާނެއެވެ.
އިލާފް އާއި އަޒްޔާންގެ ލޯބީގެ ގުޅުމުގެ ވާހަކަ އަޑުއިވުން ވެގެންދިޔައީ ޝާޔަލްގެ ހިތް ކުދިކުދިވި ކަމަކަށެވެ. އަޒްޔާންއާ ނުލައި އޭނާއަކަށް ނޫޅެވޭނެއެވެ. ކެއިން ބުއިން މަތިން ފޫހިވެ މަސައްކަތްތަކާއި ދުރަށްދެވުނުއިރު ރޮއިރޮއި ވަރުބަލިވެއްޖެއެވެ. ހާންތިވެގެން ގޮސް ހެޔަށް އަސަރުކުރި އެތައް ފަހަރެއް ކުރިމަތިވި އެވެ.
ބަލިއެނދުގައި ޝާޔަލް ދުވަސްތައް ހޭދަކުރަމުންދިޔައިރު، އަޒްޔާން އުޅުނީ އިލާފް ގޮވައިގެން އުފާކޮށް މަޖާކުރުމުގައެވެ. ކެފޭ ތަކާއި ރެސްޓޯރެންޓްތަކުން ކައިބޮއި އިލާފް ހިތްހަމަޖައްސައިދިނުމާއި ސައިކަލްބުރު ޖެހުމުގައެވެ. ޕިކްނިކް ދަތުރުތަކާއި އޯވަރނައިޓްތަކަށް މާލެދިއުންފަދަ ކަންކަމުގައެވެ. ޝާޔަލްއަށް ދިމާވެފައިވާ ހިތާމަތަކާއި ހިތްދަތިކަމުގެ ސަބަބުން އޭނާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާގެ ސަބަބުން މީހަކަށް ކަމެއް ދިމާވެގެން އުޅޭހެން ވެސް ހިޔެއް ނުވެއެވެ. އޭނާ ހުރީ އެއަށްވުރެ ބޮޑަށް ފުދިފަ އެވެ. މުޅިދުނިޔެ އޭނާއަށް ލިބިފައިވާ ކަހަލައެވެ.
އަޒްޔާންގެ ހަނދާންތައް ޝާޔަލްގެ ހިތުން ފޮހެލުމަކީ އުނދަގޫކަމަކަށް ވިއެވެ. މާޒީއާ ދުރަކަށް ނުދެވެއެވެ. ދެލޮލުން ކަރުނައެއް ނުހިކެ އެވެ. އެނަންވަނީ ޝާޔަލްގެ ލޭގައި ލިޔެވިފައި ކަހަލައެވެ. އަޒްޔާންވަނީ ޝާޔަލްއަށް އެތައް ފޮނި ހުވަފެނެއް ދައްކާފައެވެ. އެ ލޯބީގައި ދިވާނާވާވަރަށް ޝާޔަލް ޖައްސާފައެވެ.
ދިމާވި ހިތާމައާއި ހިތްދަތިކަމުގެ ސަބަބުން، ކެއިން ބުއިމާއި ދުރުވެ އަބަދު ރޮއިރޮއި ޝާޔަލްގެ ހަށިގަނޑަށް ވެސް ބަދަލު އަންނަން ފެށިއެވެ. ހެދިހުރި ފުރިހަމަ ރީތި ހަށިގަނޑު ނިކަމެތިވެ ގާތްމީހުންގެ ދެލޮލުން ކަރުނަ ހިލޭވަރު ވެގެންދިޔައެވެ. ދެލޯ ވަޅުވަދެ މީހާ ހިކި އަނަރޫފަ ވިއެވެ. މައިންބަފައިންނާއި ރައްޓެހިން ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން ކައިބޮއިއުޅުމަށް ކިތަންމެ ހިތްވަރުކުރި ނަމަވެސް އެކަން ވާގޮތެއް ނުވެއެވެ. އެއްޗެއް ނުކެވެއެވެ. އެއްޗެއް ނު ބޮވެއެވެ. ޖެހުނު ލޯތްބެއްގެ ސަބަބުން މުޅިމީހާ ވަނީ ދުނިޔެމަތިން ހަނދާން ނެތިފައި ކަހަލައެވެ.
އޭނާގެ ހިތަށް އެވަރަށް ތަދާއި އަނިޔާދީ ދެރަކޮށްނުލާން ޝާޔަލްގެ ހިތް އެދި ގޮވަމުންދިޔަ ނަމަވެސް އެވާހަކަތައް އަޑުއަހާކަށް އަޒްޔާން ބޭނުމެއް ނުވިއެވެ. އަޒްޔާން ބުނަމުންދިޔައީ ޝާޔަލްގެ ފަރާތުން އޭނާއަށް ލިބުނު އަޅާލުމާއި ލޯތްބަށްވުރެ މާފުރިހަމައަށް އިލާފްގެ ފަރާތުން ލޯތްބާއި އަޅާލުން ލިބެމުންދާ ކަމަށާއި އިތުރަށް ޝާޔަލްގެ ލޯބި ބޭނުންނުވާ ކަމަށެވެ. ބޭނުންއިރަކު ބޭނުންވަރަކަށް ބޭނުންތަނަކަށް ގޮސް އިލާފްއާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އެފަދަ މިނިވަންކަމެއް ތަހުޒީބެއް ޝާޔަލްގެ ފަރާތުން ނުފެންނަކަމަށެވެ.
ދުނިޔެއަކީ ވަގުތީ ތަނެކެވެ. އިމްތިހާނުގެ ގޯއްޗެކެވެ. އެއިމްތިހާނުން ފެއިލް ވެއްޖެ މީހެއް ފެއިލް ވީއެވެ. އަލަތު ލޯބިވެރިޔާ ބީ ވުމަކީ އުމުރަށް ލޯތްބާއި ދުރައްދާންޖެހޭ ސަބަބެއް ނޫނެވެ. ކާމިޔާބު މީހުންނަކީ ނާކާމިޔާބުގައި ހިތްވަރުކޮށް ކާމިޔާބަށް ވާސިލްވާ މީހުންނެވެ. ނާކާމިޔާބު ވުމުން ފިލަން ދުވާ މީހުނެއް ނޫނެވެ.
އިލާފްގެ ބޭވަފާތެރިކަން ފެނި ދެވަނަފަހަރަށް ޝާޔަލްގާތަށް އަޒްޔާން އައިއިރު ޝާޔަލް ވަނީ ބަދަލުވެފައެވެ. ކިތަންމެ ލޯބި ވިޔަސް ބޭވަފާތެރިއަކަށް އޭނާގެ ހަޔާތުން ދެވަނަ ފަހަރަށް ފުރުސަތެއް ނުލިބޭނެއެވެ. މިއަދު އޭނާ ވަނީ ކަރުނަ ފޮހެލާފާ ހިންދެމިލާފައެވެ. އަޒްޔާން އަކަށް ވެސް ދެން އެކަން ބަދަލެއް ނުވާނެއެވެ.
ނިމުނީ

3
2

8 ކޮމެންޓް - ލިޔުން: ”ކަރުނަފޮހެލާފާ“

  1. ޚކަޑަ .. ކަމަކު ނުދޭ … ބައެއްފަހަރު މާތަފްސީލް ވެފަ އަނެއްބައފަހަރު ކުއްލިޔަކް ހާދިސާ ނިމެނީ … ނީރް ގެ ވާހަކަ ތަކުގެ ހާދިސާ ތައް ރަގަޅު ..އެކަމް ހުށައެޅުން އެއްގޮތަކްވެސް ކަމަކު ނުދޭ … ޝ އިންނަންޖެހޭ ހުރިހާ ތަނެއްގަ ސ ހުންނީ .. ކިޔަން ވަރައް އުންދަގޫ … ހާދިސާ އަށް 10 އެކަމް ހުށައެޅުމަށް 0 ލިބޭނީ ޝުކުރިއްޔާ

    4

    4
    1. މިހާތަނަށް ފެނުނު އެންމެމޮޅު ކޮމެންޓް……. ހާދިސާ ރަނގަޅު، ހުށަހެޅުން ކަމަކު ނުދޭ…… ކީކޭ ދެން ބުނާނީ. ހުށަހެޅުންތެރިޔާގެ ހުށަހެޅުން ރަނގަޅު ނޫންނަމަ ކަމުދާކަހަލަ ހާދިޝާއެއް ކިހިނެތް ގެނެސްދޭނީ. ………. ތިވެސް ބައެއް. ވާހަކަތައް ވަރަށް ކަމުދޭ. ކުރިޔަށް ވަޑައިގަންނަވާ. އަޅުގަނޑުމެން މިތިބީ ނީރުއާއެކު.

      4

      1

Leave a Reply

Your email address will not be published.