ބިރުވެރި ލޯބީގެ

ނިދިތެރޭން ( 10 )

އަށެއް ޖަހާކަން ހާއިރެވެ. ޙިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް ނީނާ އެނދުގައި އޮތްއިރު ކޮޓަރިތެރޭގައި ވަނީ ހަމަހިމޭންކަމާއި ފަނޑު އަލިކަމެވެ. މިއަދު ހަވީރު ކަންތައް ވީގޮތުން ނީނާ އޮތީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

އޭނާގެ އެންމެގާތް ރަހުމަތްތެރިޔާ އެދުނު އެދުމާއި އޭނާ ދޭނެކަމަށް ބުނި ފައިސާގެ ސަބަބުން ނިސާހް ހުރީ ހަނދުގެ ދައުރުވުން ލަސްވެފައި ކަހަލައެވެ. އިރުއިރުކޮޅުން ގަޑިއަށް ބަލަމުން ކޮންމެވެސް މީހަކަށް ފޯނުކުރަމުން ދިޔައެވެ.

ނިސާހް އެދުނުފަދައިން އޭނާއާއެކުގައި އޭނާގެ ހަތަރު ރައްޓެހިން ރަށުގެ ދެކުނުފަރާތާއި ދިމާއަށް މިސްރާބު ޖެހިއެވެ.

އޭރު އެމީހުން ދިޔައީ ކޮންމެވެސް މުހިންމުކަމަކާ ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާ ކުރަމުންނެވެ.

” ތި ފައިސާ ލިބޭނެކަން ޔަގީންތަ؟ ” ނިސާހަށް ބަލާލަމުން ހަމްދީ ސުވާލުކުރިއެވެ.

” ހަމޭ ދައްކާ ވާހަކަ. އައްޔަ ލާރި ނުދީފިއްޔާ މަ ދޭނަމޭ. އޭރުން އެ ނިމުނީނު. އެހެން ނޫނަސް އަހަރެމެން މިދަނީ މީހަކު މަރާކަށް ނޫނެއްނު. މިކަން ވެއްޖެއްޔާ ހަމޭއަށް ވެސް އަރާމެއް ލިބިދާނެއެއްނު. ” ހަމްދީއަށް ބަލާލަމުން ނިސާހް ދެއްކި ވާހަކައިން އެންމެން އެއްފަހަރާ ހީގަތެވެ.

” އަހަރެންނަށް ހެޔޮ ތިޔަ ލާރި ނުލިބުނަސް. ޒުބޭދާގެ ފަރާތުން އަރާމެއް ލިބިއްޖެއްޔާ އަހަރެންނަށް އޯކޭ. ” ޒަމާލު ވާހަކަ ދެއްކީ ހެމުން ހެމުންނެވެ.

” ހޫން. ހޫން. އެހެރަ ފަރިކަމެއްދޯ. ” ޒަމާލުގެ ވާހަކައާ ބައިވެރިވެލަމުން ބާގިރު ބުންޏެވެ.

އަންޖާމާއި ޒުބޭދާ ތިބީ ގޯތިތެރޭހުރި ޖޯލިފަތީގައެވެ. ވާހަކަ ދައްކަމުންދިޔައީ ނީނާއާ ބެހޭގޮތުންނެވެ. ކޮންމެގޮތަކުން ނަމަވެސް އެ ނީނާގެ ޙަޤީޤަތް ހޯދަން އެމީހުން ބޭނުންވާ ކަހަލައެވެ.

މަޑުމައިތިރި ހިނގުމެއްގައި ޒުބޭދާ ގޮސް އޮޑިހަރުގެތަކާއި ދިމާއިން އަތިރިއަށް ނުކުތްއިރު އެދިމާ ގޮނޑުދޮށުގައި ބަޔަކު ތިބި ކަމެއް ޒުބޭދާއަކަށް ނޭނގެއެވެ. އޭނާ ދިޔަގޮތަށް ގޮސް ގޮނޑުދޮށަށް ފޭބިއެވެ.

ޑަސްބިން ކޮތަޅު މޫދަށް އެއްލާލުމަށްފަހު އެއްގަމާއި ދިމާއަށް ހިނގައިގަތުމާއެކު ޒުބޭދާއަށް ފެނުނީ އޭނާއާ ދިމާއަށް ހިނގަމުންއައި ޒުވާން ފުރައިގެ ފިރިހެން ކުދިންތަކެކެވެ. ސަރަހައްދަށް ވެރިވެފައިވާ ހަނދުވަރުގެ އަލީގެތެރޭން އެމީހުން ވަރަށް ރަނގަޅަށް ޒުބޭދާއަށް ފެނުނެވެ.

އެޒުވާނުންގެ މިސްރާބު ހުރީ ޒުބޭދާއާ ދިމާއަށް ކަމަށްވާތީ ޒުބޭދާ ކޮންމެވެސް ވަރަކަށް ހައިރާންވެ ކަންބޮޑުވާގޮތް ވިއެވެ. އެހެނަސް އޭނާ މަސައްކަތް ކުރަމުން ދިޔައީ އެމީހުންނަށް އެއިން އެއްވެސްކަމެއް ނާންގާން ކަމަށްވާތީ އެމީހުން ފެންނަކަމަށް ވެސް ނުހަދާ އެއްގަމާއި ދިމާއަށް އައެވެ.

އެޒުވާނުންތައް އައިގޮތަށް އައިސް ޒުބޭދާއަށް އެއްގަމަށް ނޭރޭނެހެން މަގު ބައްދާލިއެވެ. އަދި މަޑުމަޑުން ޒުބޭދާ ވަށާލާ އޭނާއާ ގާތްވާން ފެށިއެވެ. އެމީހުންގެ ޢަމަލުތައް ހުރިގޮތުން އެމީހުންގެ ވިސްނުމާއި މަޤްޞަދު ރަނގަޅު ނޫންކަން ޒުބޭދާއަށް ވިސްނުނެވެ. އެއާއެކު އޭނާ ހާސްވާން ވެސް ފެށިއެވެ.

ނިސާހް އައިގޮތަށް އައިސް މަޑުކުރީ ޒުބޭދާގެ ސީދާ ކުރިމަތީގައެވެ. ޒުބޭދާއާ ދިމާއަށް ހިނިތުން ވެލަމުން އޭނާއާ ހަތަރުކަޅި ހަމަކުރަން މަސައްކަތްކުރި އެވެ.

ޒުބޭދާއާ ހަތަރުކަޅި ހަމަކުރާން ނިސާހް ކުރި މަސައްކަތް ކާމިޔާބު ވެގެން ދިޔައީ ހީކުރި ވަރަށްވުރެ މާ ފަސޭހައިން ކަމަށް ވާތީ ނިސާހަށް ހިނިތުންވެލެވުނެވެ. ލިބުނު ކާމިޔާބަށް ހިނިތުންވަމުން ޒުބޭދާގެއަތުގައި ހިފަން މަސައްކަތްކުރި ނަމަވެސް އެކަމެއް ނުވިއެވެ. ނިސާހް ހިތްހަމައެއް ނުޖެހުނެވެ. ކޮންމެގޮތަކުން ނަމަވެސް މަލުގެ ފޮނިކޮޅު ބޯލަން ބޭނުންވި ނިސާހް އެކުވެރިންގެ އެހީއަށް އެދުނެވެ.

އޭނާއަށް އެހެން ނުހަދާ ދޫކޮށްލުމަށް އެދި ރޮއި އާދޭސް ކުރަމުންދިޔަ ޒުބޭދާގެގައިން އެމީހުން ދޫކޮށްލީ ނިސާހް ބޭނުންވި ފަދައިން އޭނާއާ އެކުގައި މަޑުކުރާން ޒުބޭދާ އެއްބަސް ވުމުންނެވެ. އެހެން އެއްވެސް ގޮތެއް ނެތުމުން ޒުބޭދާ އެކަމަށް އެއްބަސްވި އެވެ. އޭނާ އެކަމަށް އެއްބަސް ނުވެއްޖެނަމަ ދެން ވާނެގޮތް ހިތަށް އަރައި ޒުބޭދާގެ ހާލަތު ކުރިޔަށްވުރެ ގޯސް ވިއެވެ.

ނިސާހް ބޭނުންވި ފަދައިން ނިސާހްއާއެކު ޒުބޭދާ ގޮސް ގަސްތަކުތެރެއަށް ވަނުމުން ދެންތިބި މީހުން ދިޔައީއެވެ.

އެމީހުން ދިއުމުން ޒުބޭދާ ހިތްހަމަ ޖެހުނެވެ. ނިސާހް ބޭނުންވި ފަދައިން އޭނާއާ ގާތަށް ވެސް ޖެހެލިއެވެ.

ޒުބޭދާ އާއި ނިސާހް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެ ވާހަކަ ދައްކަމުން ދިޔައިރު ދެމީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ. ފުރުސަތަކަށް އެދިއެދި ހުރީ ނިސާހް އެކަނި ނޫންކަން ޔަގީންވަނީ ޒުބޭދާގެ ޢަމަލުތައް ހުރިގޮތުންނެވެ.

ޒުބޭދާ އާއި އަންޖާމު ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން ކަންތައް ކުރުމަށް އަވަސްވެގަތެވެ.

އަންޖާމުމެން ގާތު ވިސާމް ބުނިފަދައިން އަންޖާމު ފިހާރައަށް ދިޔައިރު ފިހާރާގައި ވިސާމް އިނެވެ. އޭރު ވެސް އޭނާ އިނީ ކޮންމެވެސް ކުރެހުމެއްގެ މަސައްކަތް ކުރާށެވެ. މަސައްކަތާއިގެން މަޝްޣޫލްވެ އުޅުނު ނަމަވެސް ވިސާމަށް އަންޖާމު ފެނުމުން ގޮނޑިއެއް ދައްކައި އިށީންނަން ބުންޏެވެ.

އެނދުގައި އޮށޯވެލައިގެން އޮތީ ނިދާން ނޫން ނަމަވެސް އެހެން އޮއްވައި ޒުބޭދާއަށް ނިދިއްޖެއެވެ.

އަންޖާމާއި ވާހަކަދައްކަމުންދިޔަ ނަމަވެސް ވިސާމް އޭނާގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ.

ނީނާ ފިހާރައަށް އައިއިރު އެތަނުން އަންޖާމު ފެނުމާއެކު އަވަސް އަވަހަށް ފިހާރައާ ދުރަށް ހިނގައިގަތީ އަންޖާމަށް އޭނާ ފެންނަން ނޭދޭ ފަދައަކުން ނެވެ.

ދިހައެއް ޖަހަންވީރު ގޯތިތެރޭގައި ރަސްކަން ކުރަމުންދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އަބްދުލް ހާދީގެ ދެމަފިރިންނާއި ދެކުދިން ނިދާފައިތިބި ނަމަވެސް އަންޖާމު ގެއަށް ނާއްނާތީ ގެއާއި ޒުބޭދާމެން ކޮޓަރި ހުރީ ތަޅުނުލައެވެ. ޒުބޭދާއަށް އޮތީ ނިދިފައެވެ.

ކުއްލިއަކަށް ގޭގެ ދޮރުހުޅުވުނު ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ގޭގެ ދޮރު ހުޅުވުނުގޮތަށް ޒުބޭދާމެން ކޮޓަރީގެ ދޮރު ވެސް ހުޅުވިގެންދިޔައީ އެއްވެސް މީހެއްގެ އެހީއަކާއި ނުލައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރީގެ ހޮޅިބުރި ނިވާލަމުން ބޮކި ދިއްލާލިއިރު ހީވީ މީހަކު ކުރި ކަމެއްހެނެވެ. ފަންކާގެ އެނބުރުމަށް ހުއްޓުން އައެވެ. ތަނެއް ދޮރެއް ނޭނގޭހާލުގައި ނިދާލާފައި ޒުބޭދާ އޮއްވާ ކޮޓަރީގެ ދޮރުލެއްޕި ތަޅުލެވިއްޖެއެވެ.

އެނދުގެ އެއްފަރާތުގައި ބާއްވާލާފައި އޮތް ބެޑްޝީޓްގެ އެއްކޮޅު މައްޗަށް އަރައިގެން ގޮސް ފަންކާގައި ގޮށެއް ޖެހުނީ މީހަކު އެކަން ކޮށްލާހާ ފުރިހަމަ އަށެވެ. އަނގުރު އަލިފާންފަދަ ގަދަރަތްކުލައިގެ ދެ ލޯ އެ ބެޑްޝީޓްގެ ތެރޭން ފާޅުވި ނަމަވެސް އެއްވެސް މީހެއްގެ އިސާރާތެއް ނުވެއެވެ.

ސިއްސައިގެން ގޮސް ޒުބޭދާއަށް ހޭލެވުނީ ނޭވާ ހާސްވެގެންނެވެ. މީހަކު ފެންނާން ނެތް ނަމަވެސް ވަރަށް ބާރަށް ކަރުގައި ހިފާފައިވާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ފެނުނު މަންޒަރުން ގަތްބިރާއި ލިބެމުންދާ ވޭނުން ސަލާމަތްވުމަށްޓަކައި ޒުބޭދާ ހަޅޭލެވޭތޯ މަސައްކަތް ކުރި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ނުހަނު ބާރަށް އިވޭންފެށި ތޫލިއަޑުގެ ސަބަބުން ކަންފަތަށް އުނދަގޫވި އެވެ.

ކަރުގައި ހިފާ އޭނާގެ ނޭވާ ހާސްކުރާން މަސައްކަތް ކުރަމުންދިޔަ ނުފެންނަ އަތުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ ޒުބޭދާއަށް ކޮޅަށް ތެދެވެވުނީ އޭނާގެ އެއްވެސްބާރަކާއި ނުލައެވެ. ޒުބޭދާގެ އަނގައިން ލޭ ފައިބަމުން ދިޔައިރު ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ފެންނަންނެތް އެބާރުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ ޒުބޭދާއަށް އިތުރު ވޭނެއް ކުރިމަތިވީ ކުއްލިއަކަށް ބެޑްޝީޓްގެ އަނެއްކޮޅު އައިސް އޭނާގެ ކަރުގައި އޮޅުމާއިއެކު މައްޗަށް އަރަން ފެށުމުންނެވެ.

އެކަމުން އޭނާ ސަލާމަތްވޭތޯ ޒުބޭދާ ކިތަންމެ މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް ކުރިއެރުމެއް ކާމިޔާބެއް ލިބޭގޮތެއް ނުވިއެވެ. އެހީއަކަށް އެދޭން ބޭނުންވި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ.

ވިސާމްގާތުގައި އަންޖާމު ދައްކާން އައި ވާހަކަ ދެއްކޭގޮތް ނުވުމުން އެގާރަ ޖަހާންދެން އެތަނުގައި މަޑުކުރުމަށްފަހު ވިސާމް ފިހާރަ ބަންދުކުރުމުން އޭނާއާއެކު ގޮސް ކޮފީއެއް ބޮއިގެން ގެއަށް ދިޔައީއެވެ.

ވިސާމް ގެއަށް ދިޔައިރު ނީނާ އޮތީ ޖޯލިފަތީގައެވެ. ހިނިތުންވުމާއިއެކު ވިސާމަށް ބަލަންއޮތް ނީނާގެ ކިބައިން ފާޅުވަމުންދިޔަ އުފާވެރިކަން ވިސާމަށް ފާހަގަ ކުރެވުނެވެ.

” ކީއްވެފަ ތިއޮތީ؟ ނިދާކަށް ނުވޭތަ؟ ” ނީނާއަށް ބަލާލަމުން ވިސާމް އެހިއެވެ.

” ހަނދުވަރު ރީތިކަމުން ވިސާމް އަންނަންދެން މަޑުކޮށްލީ. ހިނގާދާން ނިދާން. ” ވިސާމްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނީނާ ވާހަކަ ދެއްކިއެވެ.

ވިސާމާއި ނީނާ ވާހަކަ ދައްކަމުން ދައްކަމުން އައިސް ކޮޓަރިއަށް ވަނެވެ. ނީނާ ހުރީ ކޮޓަރިއަށް ވަނުން ލަސްވެފައި ކަންނޭނގެއެވެ. ކޮޓަރިއަށް ވަދެވުމާއެކު އަވަސް އަވަހަށް އެނދުމައްޗަށް ވެއްޓިގަތެވެ. ހީވީ އެތައް ދުވަހެއް ވާންދެން ނުނިދާ ހުރި މީހަކަށް ނިދާނެތަނެއް ލިބުނު ހެންނެވެ.

” ހެދުން ވެސް ބަދަލު ނުކޮށްތަ ނިދަނީ؟ ” ކޮޓަރީގެ ދޮރު ލައްޕާތަޅުލަމުން ނީނާއަށް ބަލާލާފައި ވިސާމް ބުންޏެވެ. ވިސާމްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނީނާ އާނއެކޭ ބުނީ ބޮލުންނެވެ.

ކޮފީޝޮޕްގައި ތިބެ ނިސާހަށް ފޯނުކޮށްކޮށް އޭނާގެ ޚަބަރެއް ނުވުމުން ހަމްދީމެން ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. އެހެނަސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ތިބީ މާދަމާ އޭނާއާ ބައްދަލުކޮށް ޚަބަރު ބަލާލާށެވެ.

ކުރާންދިޔަ ކަންތައް ނުވުމުން ފާޑަކަށް މާޔޫސްވެފައިހުރި އަންޖާމަށް ގެއަށް އާދެވުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ.

އަންޖާމު އައިސް ގެއަށް ވަތްއިރު ގޭތެރޭގައި ރަސްކަން ކުރަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެއީ ގޭ އެންމެން ނިދާފައި ތިބުމުން ވެގެން އުޅޭ ގޮތެއްކަން އަންޖާމަށް އެނގުނެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ގޭ ދޮރުލައްޕާ ތަޅުލުމަށްފަހު އަންޖާމު ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

އަންޖާމު ގޮސް ކޮޓަރީގެ ތަޅުގައި ހިފާލިއިރު ކޮޓަރި ހުރީ ތަޅުލާފައެވެ. ތަޅުދަނޑިވާނީ ކޮޓަރީގައި ކަމަށްވާތީ ދެތިން ފަހަރަކު ދޮރުގައި ޓަކިޖަހަމުން ޒުބޭދާއަށް ގޮވާލިއެވެ. ޒުބޭދާގެ ޚަބަރެއް ނުވިއެވެ. ޒުބޭދާއަކީ އެހާ ނިދިގަދަ މީހަކަށް ނުވާތީ އާއި ދެތިން ފަހަރަށް އެހެން ހެދުމުން ވެސް ޒުބޭދާގެ ޚަބަރެއް ނުވުމުން އަންޖާމު ކޮންމެވެސް ވަރަކަށް ހައިރާންވެ ނުތަނަވަސް ވާގޮތް ވިއެވެ.

ދިހަވަރަކަށް މިނިޓް ކުރި މަސައްކަތުން ވެސް ޒުބޭދާގެ ޚަބަރެއް ނުވުމުން އަންޖާމުގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ނަތީޖާއަކަށްވީ އަންޖާމުގެ އަޑު މަޑުމަޑުން ނަމަވެސް ބާރުވަމުން އައުމެވެ. އޭނާގެ ނުތަނަވަސްކަމާއި ކަންބޮޑުވުން އިތުރުވުމެވެ.

މަރީނާ އާއި އަބްދުލް ހާދީއަށް ހޭލެވުނީ އަންޖާމުގެ އަޑަށެވެ. ކޮންމެވެސްކަމެއް ވެއްޖެކަން އެމީހުނަށް ޔަގީންވި އެވެ. އަވަސް އަވަހަށް ދޮރުހުޅުވާލި އެހެންވެއެވެ.

އަބްދުލް ހާދީމެން ކޮޓަރީގެ ދޮރު ހުޅުވާލިއަޑަށް އަންޖާމު ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އެދިމާ އަށް ބަލާލިއިރު މަރީނާ އާއި އަބްދުލް ހާދީ ކޮޓަރިން ނުކުމެގެން އެދިމާއަށް އަންނަނީ އެވެ.

އަންޖާމަށް އެދެމަފިރިން ފެނުމުން ޒުބޭދާއަށް ގޮވަމުންއައި ގޮވުމާއި ދޮރުގައި ޓަކިތެޅުން ހުއްޓާލިއެވެ.

” އަންޖާމު. ކިހިނެތްވީ؟ ހާދަ ހާސްވެފައި ހުރިހެން ހީވެޔޭ. ” އަންޖާމުގާތަށް ހުއްޓެމުން ހައިރާންކަމާއިއެކު އަބްދުލް ހާދީ އަހާލިއެވެ.

” އަހަރެން އައިއިރު ކޮޓަރި ހުރީ ތަޅުލާފަ ….. ގޮވާ ގޮވާ ޒުބޭދާގެ ޚަބަރެއް ނުވި. ޒުބޭދާ އަކީ އެއްވެސް އިރެއްގައި އެހާ ނިދިގަދަ މީހެއް ނޫން. މިކޮޓަރީގެ އެހެން ތަޅުދަނޑިއެއް ނެތްތަ؟ ” ހާސްކަމާއި ނުތަނަވަސްކަމާއެކު އަވަސް އަވަހަށް އަންޖާމު ވާހަކަ ދެއްކި އެވެ. އޭނާ ހާސްވެ ނުތަނަވަސް ވެފައިވާވަރު އޭނާގެ އަޑުންނާއި ހަރަކާތްތަކުން އެނގުނެވެ.

އަންޖާމުގެ ވާހަކަތަކުގެ ސަބަބުން މަރީނާ އާއި އަބްދުލް ހާދީ ވެސް ހާސްވެ ކަންބޮޑުވާގޮތް ވިއެވެ. މަރީނާ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އެކޮޓަރީގެ އަނެއް ތަޅުދަނޑި ބަލައެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 10 ވަނަ ޕާޓެވެ.

3 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 10 )“

Leave a Reply

Your email address will not be published.