މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [14]

“އެންމެ ރަނގަޅު. ޝާއިޤާ ތިހާ ގެންދަން ބޭނުންވީމަ ދެން މިފަހަރު ގޮސްލާނީ.” މުޙައްމަދުބެ އެހެން ބުނުމާއިއެކު ރަނާއާއި ރިޔާ ހީވީ އުފަލުން އުދުހިދާނެހެނެވެ. އަޔާން އާއި ޒާނިޝް އަދި ވަކިން އުފާވެފައި ތިބި ކަހަލައެވެ. އިޝީވެސް އިނީ އެކުދިން އުޅޭގޮތް ފެނި މަޖާވެފައެވެ.

“މަންމާ. އަޅުގަނޑުވެސް އެބައޮތް ވާހަކައެއް ނަންގަނެލަން ވެފަ. މިރޭ ދުރުވަން ވީނުންތޯ އަޅުގަނޑާއެއްކޮށް ރަށުތެރެ ބަލާލާ ކުޑަކޮށް ހިނގާލަން.” އަހަރެން އެހެން ބުނުމާއިއެކު އަޔާންމެން ކަރުކެހެން ފަށައިފިއެވެ. އަހަރެން ބުނަން އުޅޭވާހަކަ އަކީ ކޮބައިކަން އެމީހުންނަށް ނަގައި ގަނެވުނީއެވެ. އެއާއެކު އަހަރެން ކުޝަންއެއް އެއްލާ އަޔާން ގައިގާ ޖެހީމެވެ. އަހަރުމެން އެންމެން ތިބީ ކައިނިމިގެން ނިކުމެ ސިޓިންރޫމްގައެވެ. އާދަކާދައިގެ މަތިން މިރޭވެސް ގޭގައި އޮތީ ތާހުގެ ފޯރި ހިއްޕާލައިފައެވެ. މިރޭ އަދި ވަކިން ފޯރި ގަދައެވެ. އިޝީވެސް ރިޔާމެންނާ މިހާއަވަހަށް ރައްޓެހިވެއްޖެއެވެ.ހީނހީނފައި ކުޅޭއިރު ހީވަނީ ޗައިލްޑްހުޑް ފްރެންޑްސް ތަކެއް ހެނެވެ.

“އެންމެ ރަނގަޅު މިހާރު ދަރިފުޅަށް އެނގޭނެތާ މިރަށުތެރޭގަ ހިނގާ އުޅެން. މަންމަވެސް މިހުންނަނީ ދަރިފުޅާ ވާހަކައެއް ދައްކާލަން ބޭނުންވެފައޭ.” މަންމަ ތެދުވެ ހިންދެމިލަމުން އެހެން ބުނެލިއިރު އެކަނި އެހާ ބޮޑުގެއެއްގައި އުޅެފައި އެހާ ހަލަބޮލި މާޙައުލަކަށް އާދެވުމުން މަންމަހުރީ ކުޑަކޮށް ބޭރަށް ނިކުމެލާ ވައިޖައްސާލަން ބޭނުންވެފައިކަން އަހަރެންނަށް އެނގުނެވެ.

އަހަރެންނާއި މަންމަ ނިކުތީ ބޭރަށް ދާށެވެ. އޭރު ޒާނިޝްގެ ފޯނަށް ކޯލެއް އާދެއެވެ.

“އައި ހެވް އަ ބޭޑް ފީލިންގް އެބައުޓަ ދިސް. ޔޫ ބެޓަރ ކަމް ފާސްޓް.” ޒާނިޝް ފޯނަށް ބަލާލާފައި އެހެން ބުނެލުމުން އަހަރެންވެސް ބޯޖަހާލައިފައި ހިނގައިގަތީމެވެ.

“މަންމާ. މަންމަ ބުނުއްވިހެން ޝައިހާ އަކީ ނަފްސާނީ ބަލިކުއްޖެއް. ޝައިހާގެ ރުޅިގަދަކަމާއި ޖެހިލުން ކުޑަކަމުގެ އަސްލަކީ އެއީ.” އަހަރެން މަންމަ ކައިރީ އެހެން ބުނުމުން މަންމަ ވެސް ބަލައިލީ މަންމައަށްވެސް އެކަން އެނގެއޭ ބުނާ ކަހަލަ ގޮތަކަށެވެ. އަހަރުމެން ހިނގަމުން ދިޔައީ ބަނދަރުމަތީގައި ހަރުކޮށަފައިވާ ހިތްގައިމު ރަން ލައިޓްތައް ދަށުގައެވެ. ރަށުގެ މަލަމަތި އެހިސާބުން ފެންނަނީ ވަރަށްވެސް ހުވަފެނީ ގޮތަކަށެވެ.

“ދެން ކީއްވެ ފަރުވާ ނުކުރަނީ. އެއީ ފަރުވާކޮށްފިނަމަ މުޅިންހެން ރަނަގަޅުވާ ކަމެއް. ހަމަ އެހެން މީހުންނެކޭ އެއްގޮތަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ އެކަހަލަ ކުދިންނަށްވެސް.” މަންމަ އިސްދަށަށް ޖަހައިލައިގެން އިނދެ އެހެން ބުނިއިރު މަންމަގެ ސިކުނޑީތެރޭގައި ހައިޖާނުތަކެއް އުފެދިފައި ވާކަހަލައެވެ. އަހަރެންނަށް ހުރެވުނީ ކަޅިޖަހައިނުލާ މަންމަގެ މޫނުމައްޗަށް އަރާ ކުލަވަރު ބަލާށެވެ.

“ފަރުވާ ނުކުރެވިފައި އޮތީ ބަކުރުބެމެންގެ އެހާ ތަނަވަސްކަމެއް ނެތީމަ. ބޭސްފަރުވާ ކުރެވެން އޮތީ ރާއްޖެއިން ބޭރުން. އެހެންވެ ނުވެފަ އޮތީ.” އަހަރެން އެހެން ބުނުމާއިއެކު މަންމަ އަހަރެންނަށް ވައްކަޅިން ބަލައިލިއިރު މަންމަގެ މޫނުމަތިން އަހަރެންނަށް ކަމެއް ސިއްރުކުރަން މަސައްކަތް ކުރާކަން ދޭޙަވިއެވެ.

“ފައިސާގެ ދަތިކަމެއް އޮވެގެން ފަރުވާ ލަސްކޮށްގެން ނުވާނެ. އެކަމުގެ ހުރިހާ ޚަރަދެއް މަންމަ ހަމަޖައްސާނަން. ފަރުވާ ލަސްކޮށްގެން ފަހުން ހަނދާނުން ނުފިލާވަރުގެ ލައްގަނޑެއް އެކުއްޖާގެ ޙަޔާތުގައި ޖެހުމަކީވެސް އެކަށީގެން ވާކަމެއް.” ޚިޔާލީ ދުނިޔެއަކަށް ގެއްލިހުރެ މަންމަ އެހެންބުނިއިރު މަންމަގެ ލޮލުން ފާއްދާލި ކަރުނައިގެ އަސަރު އަހަރެންނަށް ވަރަށް ރީއްޗަށް ފެނުނެވެ. އަހަރެންގެ ހިތަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް އިޙްސާސް ކުރެވުނެވެ. މަންމަގެ ހިތުގައި އެހާބޮޑު ވޭނެއް އަޅާކަމެއް މެދުވެރިވެފައި ވަނީ ބާއެވެ. މިއޮއްހާދުވަހު އަހަރުމެންނަށް ނޭނގޭ ކަމެއް ވަނީބާއެވެ. މަންމަ އެބުނި އެއްޗެއްގެ ފަހަތުގައި ފޮރުވިފައިވާ މާނައަކީ ކޮބައިހެއްޔެވެ؟ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

“މޮމް. އިޒް ދެއަރ ސަމްތިން ޔޫ ވޯންޓު ޓޯކް އެބައުޓް.” އަހަރެން މަންމަގެ އަތުގައި ހިފާ މަގަތަށް އަނބުރާލީމެވެ. އެއާއިއެކު މަންމަ ސިހިފައިކަހަލަގޮތަކަށް އަވަސް އަވަހަށް ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުން ގަދަކަމުން އިޙްސާސްތައް ފޮރުވާލިއެވެ.

“ނޫނޭ. ނަތިން. ދެން ދަރިފުޅު މަންމައާއި ޝާޔާގެ ގޭ މީހުންނާ ބައްދަލު ކުރުވާނީ ކޮންއިރަކުން.” މަންމަ އަހަރެންނަށް ހިނިތުންވެލީ ގަދަކަމުންނެވެ. މަންމަ ހިތުގެ ތެރޭގައި ފޮރުވާފައިވާ ވާހަކަތަކަކީ މަންމައަށް ވަރަށް އަސަރުތަކެއް ކުރުވާ ހަނދާންތަކެއްކަން ގައިމެވެ. އަހަރެން މަންމައަކަށް މަޖުބޫރެއް ނުކުރާނަމެވެ. މަންމަ އެވާހަކަތައް ކިޔައިދޭން ތައްޔާރުވީ ދުވަހަކުން އަހަރެންނަށް ކިޔައިދޭނެއެވެ. އަހަރެން އިންތިޒާރުކުރާނަމެވެ.

“އިރާދަކުރެއްވިއްޔާ މާދަން މީޓް ކޮށްދޭނަން.” އަހަރެންވެސް މަންމައަށް ހިނިތުންވެލީމެވެ. “އަޅުގަނޑުވެސް ހައްވާދައްތަ ކައިރީ ބުނިން ތިހެން. ފައިސާގެ ކަންތައްތައް ހަމަޖައްސާލަދޭނަމޭ. އެހެންވެ މޮމްކައިރީ އެވާހަކަ ދައްކާލަން މިއައީ. ބަޓް ޔޫ އޯލްރެޑީ މޭޑްއަޕް ޔޯރ މައިންޑް.” މަންމަ އަހަރެންނަށް ހިނިތުންވެލިއެވެ. މަންމަގެ އަތުގައި ހިފާލައިގެން މިހާ ހިތްހަމަޖެހިލައިގެން ވާހަކަ ދައްކާނުލާތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ. އެހެންކަމުން އަހަރެންހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“ބައިދަވޭ މޮމް ބޯޓުގަތަ އައީ މިކޮޅަށް.” އަހަރެންގެ ހިތަށް އެވަގުތުއައި ސުވާލުކޮށްލީމެވެ. މަންމަ ބޯޓުކައިރިއަށް ގޮސްދޭށޭ ބުނެފައި މިރަށަށް އައީމައި އަހަރެން މިހުންނަނީ މަންމަ ހެދިގޮތެއް ނޭނގިފައެވެ.

“ބޯޓުން އެއްޗިހި ފޮނުވާފަ މަންމަ އައީ މަތިން. ބޯޓު ލަފާގަޑިއަށް އާދެވޭ ވަރަށް މެންދުރުފަހުގެ ފްލައިޓަކުން އައީ. ކުޅުދުއްފުށީގަ އެއަރޕޯރޓް އެޅީމަ ދެން މިކޮޅަށް އަންނަންވެސް ކިހާ ފަސޭހަ.” މަންމަ ވީގޮތް ސާފުކޮށްދިނެވެ. އެކިވާހަކަ ދެއްކުމުގައި ގެއާއި ހަމައަށް އާދެވުނުއިރު ތިބީ ހިތްހަމަޖެހި މޫޑް ރަނގަޅުވެފައެވެ.

“ހޭ ޔޫނޯ ވަޓް. ޑެނީ އެން ނަޝީ. ދޭ ހެވް މެސްޑް އަޕް.” ޒާނިޝް ހުރީ އެކަނިވެލާނެ އިރެއްގެ އިންތިޒާރުގައި ތޯއްޗެކެވެ. ނިދަން ކޮޓަރިއަށް ވަދެވުނުއިރު ބާރަ ވެސް ޖަހައިފިއެވެ. ޒާނިޝް ނަޝީގެ ވާހަކަ ދައްކަން ފެށީމައި އަހަރެންވެސް ކުޑަކޮށް ޝަޢުޤުވެރި ވިއެވެ. އަޔާންވެސް ލިބެން އުޅޭ ތާޒާ ޚަބަރު އަޑުއަހާލަން ކަންފަތް ދީގެން އޮތެވެ. “އައިރެން އެގުޅީ.”

“ޝީޒް ލައިކް ހާރ ބެސްޓް ފްރެންޑް.” އަހަރެން އިތުރުކޮށްލީމެވެ. އައިރެންގެ ޚަބަރެއް ވެއްޖިއްޔާ ކޮންމެވެސް ކަހަލަގެ ޙަޤީގަތެއް އޭގައި އެކުލެވިގެން ވާނެއެވެ. އައިރެންއަކީ ނަޝީއާއި އަހަރެން ރަހުމަތްތެރިވުމުގެ މާކުރިންސުރެ އަހަރެންގެ ރަހުމަތްތެރިއެކެވެ. ނަމަވެސް އަހަރެން ރާއްޖެއަށް އައިސް ނަމްބަރު ބަދަލުކުރިފަހުން އޭގެން އެއްވެސް މީހަކަށް އަހަރެންނާއި ނުގުޅޭނެއެވެ. އެހެންކަމުން އެއްޗެއް އަނަގާލަން ބޭނުންވިޔަސް ޒާނިޝް ނޫނީ އަޔާން މެދުވެރިކޮށް ނޫނީ އަންގައެއް ނުލެވޭނެއެވެ.

“ނަޝީ. ޝީޒް ޕްރެގްނެންޓް.” ޒާނިޝްގެ ޖުމްލައާއި އެކު އަހަރެންގެ މޫނުމަތީގައި ހީވީ މީހަކު އެތިފަހަރެއް ވީއްލާލިހެންނެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެހެނެއް ނުވާނެއެވެ. އަހަރެން ނަޝީއާއި އެއްކޮށް އެކަހަލަ ގުޅުމެއް ނުހިންގަމެވެ. ނަޝީ އެދުވަހު އެހެން ބުނިނަމަވެސް އަހަރެންގެ ހިތެއް އެކަމަކާ އެއްބަހެއް ނުވެއެވެ. އެއީ އަހަރެންގެ ޙަޔާތުގައި މިހާތަނަށް އައި އެންމެ އަނދިރި ރެއެވެ. އެރޭގެ މަތިން ހަނދާން ނައްތާލައި އެހަނދާންތަކާއި ދުރަށްދާން މަސައްކަތްކުރި ވަރަކަށް އެހަނދާންތައް އަހަރެންގެ ފަހަތުން ބިރުވެރި ހުވަފެނެއްގެ ސިފައިގައި އަދިވެސް އަންނަނީހެއްޔެވެ؟ އަހަރެން ދާހިއްލަން ފަށައިފިއެވެ. ހާސްވާން ފަށައިފިއެވެ. އަރުތެރެ ހިކިއްޖެއެވެ. ވަގުތުން ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ފެންފުޅި އަނގަޔަށް އޮއްސައިލީމެވެ. ފެންފުޅި ހުސްވާން ކައިރިވިއިރު ވެސް ކަރުހިއްކުމެއް ނުފިލިއެވެ. އަހަރެންގެ ހަނދާނަށް އައީ ގްރެޖުއޭޝަންގެ މަހެއްހާދުވަސް ކުރީގެ ހަނދާންތަކެކެވެ.

ކިޔެވުން ނިމެން މަހެއްހާ ދުވަހަށް ކައިރިވިއިރު އަހަރެންނާއި އެއްކޮށް ކިޔަވައި އުޅުނު ހުރިހާ ކުދިންހެން އުޅުނީ އެކި ކުދިންނާއި ރައްޓެހިވެގެންނެވެ. ނަމަވެސް އަހަރެން ހިތްހަމަޖެހޭ ކަހަލަ ސިފަތަކެއް ހުރި، ހިތްކިޔާ ކަހަލަ ކުއްޖެއް އަހަރެންނަކާއި ދިމަލެއް ނުވިއެވެ.

އަޔާން އާއި ޒާނިޝް އަކީ މިޒާޖުގެ ގޮތުން އަހަރެންނާއި ވަރަށް ގުޅޭ ދެކުދިންކަމުން ޔުނިވަރސިޓީގެ އެހެން ދެޑިޕާޓްމެންޓެއްގައި ކިޔަވަމުން ދިޔަކަމުގައި ވިޔަސް ރަހުމަތްތެރިކަން އުފެދެން މާ ގިނަދުވަހެއް ނުނެގިއެވެ. އަޔާންގެ ކުޑަކޮށް އަންހެންކުދިންނާއި ފްލާޓް ކުރާކަހަލަ ގޮތެއް ހުއްޓަސް ޒާނިޝް ގެ އެބައި ތަންކޮޅެއް ކުޑައެވެ. ޒާނިޝް ތަންކޮޅެއް އެހެންމީހުންގެ ފީލިންގްސް ތަކަށް ރެސްޕެކްޓް ކުރާނެއެވެ. ތަންކޮޅެއް ސޮފްޓް ވާނެއެވެ. އަޔާން އަކީ މާލޭގެ މުއްސަނދި ޢާއިލާއެއްގެ ކުއްޖެއް ކަމަށްވިޔަސް ޒާނިޝް އޮސްޓްރޭލިޔާއަށް އައީ ލިބުނު ސްކޯލާޝިޕެއްގައެވެ. އަޔާން މެންގެ ފެމިލީއިން ވަނީ ޔުނިވަރސިޓީއާއި ކައިރި ހިސާބެއްގައި ތަނެއް ކުއްޔަށް ހިފައިފައެވެ. އެހެންކަމުން ވީކެންޑް ތަކުގައި އަހަރުމެން ތިންމީހުން އެގެއަށް ގޮސް މަޖާކޮށް ހަދަމެވެ. އާލިޔާ ދައްތައާއިވެސް ރައްޓެހިވީ އެހެން ގޮސް އުޅުމުގެ ތެރޭގައެވެ.

އަހަރެން އުޅެނީ ޔުނިވަރސިޓީ ކެމްޕަހުގައި ރޫމެއް ޝެއަރ ކޮށްގެނެވެ. ޑޭނީ އަކީ އޮސްޓްރޭލިއާގެ ރައްޔިތަކަށް ވިޔަސް ވަރަށް ހިތްހެޔޮ ވާނެއެވެ. ނަމަވެސް ޑޭނީގެ އަހަރެން އެންމެ ހިތްހަމަ ނުޖެހޭ ތަންކޮޅަކީ އޭނާގެ ސެކްސް ލައިފެވެ. ޑޭނީގެ ގާލް ފްރެންޑުން ދެއަތުގެ އިނގިލިތަކުންވެސް ގުނާލަން ފަސޭހައެއް ނުވާނެއެވެ. ކޮންމެ ރެއަކުވެސް އާ ޑޭޓެއް ގެންނާނެއެވެ. އެހެން ކަމުން ވަރަށް ގިނައިން ރޭގަނޑު އޭނައަށް ރޫމް ދީފައި އަހަރެން ޒާނިޝްގެ ރޫމަށް ދަމެވެ. އަހަރެން އޮތަކަސް ޑޭނީ އަށް މާބޮޑު މައްސަލައެއް ނޯވެއެވެ. ކުރާކަމެއް ކުރާކަށް ފަހަކަށް ނުޖެހޭނެއެވެ. އެހެން އުޅޭ އަންހެންކުދިންނަށްވެސް އެގޮތް އޯކޭ ވިއްޔާއެވެ. ނަމަވެސް އަހަރެން އެމަންޒަރުތައް ނުބަލަން ނިކުންނަނީއެވެ. އަހަރެން އޮސްޓްރޭލިޔާގައި ކިޔަވަމުން ދިޔަނަމަވެސް މަންމަގެ އަޅާލުމާއި ނަސޭޙަތް އަބަދުވެސް ލިބެއެވެ. ކޮންމެ ދުވަހަކުވެސް ގުޅައިގެން ވާހަކަ ދައްކާނެއެވެ. އެހެންކަމުން އަހަރެން ތަރުބިއްޔަތު ވެފައިވަނީ ހެޔޮނުބައި ވަކިކުރަން އެނގޭ މީހެއްގެ ގޮތުގައެވެ.

ވީކެންޑް ތަކުގައި އަޔާންމެންގެއާއި ތިންމޭލުހާ ހިސާބުގައި ހުންނަ ރެސްޓޯރަންޓަކަށް އަހަރުމެން ޑިނަރ ހަދާލަން ދަމެވެ. އެހިސާބަކީ ހިލްޓޮޕް އޭރިއާ އަކަށް ވެފައި ގުދުރަތީ ރީތިކަމުގެ މިސާލެކެވެ. ދުރަށް ފެތުރިފައިވާ ފެހިކުލައިގެ ވިނައާއި މާމެލާމެލީގެ ބަގީޗާތަކެވެ. ތަނުގެ ރީތިކަމާއި ޚިދުމަތްތަކަށް ބަލާއިރު އަގުހެޔޮވީމައި އަބަދުވެސް ދަނީ އެތަނަށެވެ. އަހަރެންނަށް ނަޝީ ފުރަތަމަ ފެނުނީ އެތަނުންނެވެ.

އެއީވެސް އެކަހަލަ ވީކެންޑެކެވެ. އަހަރެމެންތިބީ އޯޕެން އޭރިޔާގައި ހުރި ކުޑައެއްގެ ދަށުގައެވެ. މީހުން މަދު ހިސާބެއްކަމުން އަހަރުމެންގެ މަޖާ އަނގަތެޅުމުގައި މިނިވަންކަމުގެ ބޭނުން ހިފަމުން ދިޔައީމެވެ. އިރުކޮޅަކުން އަހަރުމެން ތިބި މޭޒާއި ޖެހިގެން ހުރި މޭޒަށް ޒުވާން ކުދިންކޮޅެއް އައެވެ. އޭގެތެރޭގައި ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ތިއްބެވެ. ހީވަނީ ކަޕްލްސް ތަކެއް ހެންނެވެ. ބަލާބެލުމަށް އެތާނގައިތިބީ އޮސްޓްރޭލިޔާގެ ބައެކެވެ. ވާހަކަ ދެއްކުމަގައާއި ހެނދުން އެޅުމުގައި ވަކި ތަފާތެއް ނެތެވެ. ނަމަވެސް އޭގެތެރޭގައި އިން އެއް އަނަހެން ކުއްޖަކީ ކިތަންމެ ހަމުގެ ކުލަ އަލި ކަމުގައި ވިޔަސް އޭޝިއާގެ ހިސާބެއްގެ ކުއްޖެއްކަން ޔަގީނެވެ. އިރުކޮޅަކުން އަހަރެންވެސް ވޮޝްރޫމަށް ދިޔައީ ޓޮއިލެޓެކަށް ވަދެލާށެވެ. އައި މަގުމަތީގައި މަންމަގެ ކޯލެއް އައެވެ. މަންމައާއި ވާހަކަދައްކަމުން ފޯނަށް ގެއްލިފައި އަންނަނިކޮށް މީހެއްގެ ގައިގާ ލައިގަތެވެ. އަހަރެން ބަލައިލި އިރު އަހަރެންގެ ގައިގާ ޖެހުނު ވެއިޓަރގެ އަތުގައި ހުރި ޑްރިންކްސްތައް ވަދެގެން އައި ކުއްޖެއްގެ ގަޔަށް ބަންޑުންވީއެވެ.

ވަގުތުން އަހަރެން ފޯނު ކަނޑާލައި މާފަށް އެދުނީމެވެ. އެއީ ދެންމެ އައިސް އިށީން ގުރޫޕްގައި ހުރި އަންހެން ކުއްޖާއެވެ. އެއަންހެން ކުއްޖާ ގޮވައިގެން ވޮޝްރޫމާއި ހަމައަށް ގެންދިޔައީމެވެ. ވަރަށް ހިތްހަމަ ނުޖެހިފައި ހުއްޓަސް އަހަރެން ފެނުމާއިއެކު ކަޅި ޖަހައިނުލާ ބަލަންފެށުމުން އަހަރެންގެ ހާސްކަންވެސް ކެނޑިގެން ހިނގައްޖެއެވެ. އަހަރެން އިސްވެ އިންޓްރޮޑިއުސް ވެލީމެވެ. ދިވެއްސެއް ކަން އެނގުމުން ކުރިއަށްވުރެ ބޮޑަށް ވާހަކަ ދެކެވުނެވެ.

“ބައިދަވޭ އަމް ޝޯން.” އަހަރެން ނަން ބުނެލީމެވެ.

“ނަޝީ. އެކްޗުއަލީ އަމް ސޮރީ. އައި ޝުޑްބީ މޯރ ކެއަރފުލް. ކުޑަކޮށް ބޫޒް ކޮށްލައިގެން ހުރީމަ ވީގޮތެއް.” ނަޝީ އިސްވެ އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ. އެއީ އަލްކަހޯލިކް ޑްރިންކެއް ބޮއެގެން ހުރިވާހަކަ ޖެހިލުމެއް ނެތި ބުނެލުމުންނެވެ. ދިވެއްސަކަސް އަލްކަހޯލިކް ޑްރިންކްސް އެއްޗިއްސަކީ ބޭނުން އިރަކު ބޯލަން ލިބެންހުންނަ އެއްޗިއްސައް ވީތީ އޮސްޓްރޭލިޔާގައި އެއީ ވަރަށް އާދައިގެކަމެކެވެ. އެކަމަކު އެއީ އަހަރުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ޚިލާފް ކަމަކަށް ވުމާއިއެކު ފުރަތަމަ އިމްޕްރެޝަން އިންވެސް އަހަރެން ކުޑަކޮށް ފޫހިވާގޮތް ވިއެވެ. އެރޭ އަހަރަމެން ދެމީހުން ވަރަށް ވާހަކަ ދައްކަން ތިބީމެވެ. ނަޝީއަކީ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެއްކަމުން ނަޝީގެ ވާހަކަތަކުގައި ޖެހިފައި އަހަރެންނަށް ވަރަށް އިރު ހުރެވުނެވެ. ނަޝީ އާއި އެކުގައި ތިބީ ފްރެންޑުން ކޮޅެއް ކަމަށް ބުންޏެވެ. ނަޝީ އަކީ ރާއްޖޭގެ މުއްސަނދިއާއިލާއެއްގެ ކުއްޖެއްކަމާއި ނަޝީ އުޅެނީ އަހަރެން އުޅޭ ޔުނިވަރސިޓީގައިކަން އެނގުނެވެ. ނަމަވެސް މީގެ ކުރިން ފެނުނު ހަނދާނެއް ނުވެއެވެ. އަޔާން އާއި ޒާނިޝް ވެސް ނަޝީ ދިއުމުން އަހަރެންނާއި ވަރަށް ދިމާކޮށް ހެދިއެވެ.

ޖެހިގެން އައިހަފްތާގައި އައިރެން އާއި ޔުނިވަރސިޓީ ތެރެއިން ދިމާވެގެން ނަޝީގެ ވާހަކަ ދެއްކިއެވެ. އެނގުނު ގޮތުގައި ނަޝީއަކީ އައިރެންގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އަދި ނަޝީއަށް އަހަރެން ކަމުގޮސްގެން އެވާހަކަ އޮތީ އައިރެން ކައިރީގައި ދައްކާފައެވެ. ނަމަވެސް އަހަރެންނަކަށް ނަޝީއާއިދޭތެރޭގައި އެކަހަލަ ގޮތަކަށް ނުދެކެވުނެވެ. އެހެންކަމުން އަހަރެންބެލީ އެކަމާއި އަޅާނުލުމަށެވެ. ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ ކަމަށެވެ. ނަމަވެސް ނަޝީވީ އަހަރެން ހީކުރި ކަހަލަ ކުއްޖަކަށް ނޫނެވެ. އެއަށްވުރެ މާ ޕާރސިސްޓެންޓެވެ. އަހަރެން ދެކޭ ގޮތް ބުނުމުންވެސް އަހަރެންނާއި ބައްދަލު ކުރަން ބޭނުންވެގެން އުޅުނެވެ. ލަވް އެޓް ފަސްޓް ސައިޓް އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް ނަޝީ އަހަރެމެންގެ ބައްދަލުވުން ސިފަކުރީ އެކަހަލަ ގޮތަކަށެވެ. ނަޝީ އަހަރެންނާއި ހުންނަވަރުން އަޔާން އާއި ޒާނިޝްވެސް ނަޝީއަށް ޗާންސެއް ދޭން ފެންނަކަމަށް ބުންޏެވެ. ނަމަވެސް އަހަރެން އިންކާރު ކުރީމައެވެ. އަހަރެންގެ ހިތުގައި އެކަހަލަ އިޙްސާސެއް ނެތި ގުޅުން ކުރިއަށް ގެންދެވިދާނެއޭ އަހަރެންގެ ހިތެއް ނުބުނެއެވެ. އަންހެން ކުއްޖެއްގެ އިޙްސާސްތަކާއި އެކަހަލަ ގޮތަކަށް ކުޅެލާކަށް އަހަރެން ބޭނުން ނުވީއެވެ.

ނަމަވެސް މާގިނަދުވަހަކު ހިފަހައްޓައެއް ނުލެވުނެވެ. ކިޔެވުން ނިމެން ހަފްތާއަކަށް ވެފައިވަނިކޮށް ނަޝީގެ އެދުމަށް އަހަރެން ނަޝީއަށް ފުރުޞަތެއްދިނީމެވެ. ޑޭޓެކެވެ. އަހަރެން ބޭނުންވީ ނަޝީއާއި ބެހޭގޮތުން އިތުރަށް އޮޅުންފިލުވާށެވެ. އަހަރެމެން ދިޔައީ ފުރަތަމަ އަހަރުމެން ބައްދަލުވި ރެސްޓޯރަންޓަށެވެ. އެރޭ ނަޝީ ލާފައިހުރި ހެނދުމުން ނަޝީގެ ރީތިކަން އިތުރުކަމަށް ދައްކައެވެ. ނަޝީއަކީ ވަނާތައް ފުރިހަމަ ބައްޓަން ރީތި ކުއްޖެކެވެ. ނަޝީލާފައި ހުރި ހެނދުމުން އެކަން އަހަރެންނަށް ދައްކާލަން ބޭނުންވެފައި ހުރިކަން އެނގެއެވެ. ނަޝީ އެރޭ ފެނުނު ކޮންމެ މީހެއްވެސް ނަޝީގެ އަންހެންވަންތަ ރީތި ހަށިގަނޑަށް ތަޢުރީފުކުރާނެއެވެ. ނަޝީ ހިނގާފައި ދިޔައިރު ސޮނިވެއްޓިފައި ބަލަން ތިބި މީހުންވެސް އަހަރެން ދުށީމެވެ. އަހަރެންވެސް ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. ނަޝީ ބައެއްފަހަރު އަރިވެލާ ގުދުވެލާ ހަދާއިރު އަހަރެންނަށް ވެސް ނަޝީގެ ބޮޑުބައި ހާމަވެފައިވާ ފުރިހަމަ މޭމައްޗަށް ބަލައިލެވެނީ ބޭއިޚްތިޔާރުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވާލާ ސިކުނޑި ހަމައަކަށް އަޅުވާލަން އަހަރެން ވޮޝްރޫމަށް ދިޔައީމެވެ.

ނަޝީގެ ސެކްސް އެޕީލް ފެނި އަހަރެންގެ އަމިއްލަ ނަފްސުގެމައްޗަށް އޮތް ބާރު ގެއްލިދާނެހެން ހީވާން ފަށައިފިއެވެ. އެހެންކަމުން އަހަރެން ބޭނުންވީ އަވަހަށް ކެމްޕަހަށް ދާށެވެ. ދެތިންފަހަރަކު އަތްގޮށިފުރާ ފެން މޫނަށް ޖަހާލަމުން އަހަރެން ހަމަޖެހިލީމެވެ. އެއަށްފަހު މޫނުފުހެލައިގެން ދިޔައިރު ނަޝީހުރީ އަހަރެން ނައިސްގެން ލަސްވެފައިކަން އެނގެއެވެ. ދެވުމާއިއެކު އަހަރެން އަވަހަށް އަހަރެންނަށް ގެނައި އައިސްކްރީމް ސޮޑާ ތަށި ދަމާލައިގެން ދާން ބޭނުންވާ ވާހަކަ ބުނީމެވެ. ނަޝީ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރެނަމަވެސް ދާން ނިކުތެވެ. އޭރު އަހަރެންގެ ބޮލަށް ކުޑަކޮށް އެނބުރުން އަރާކަހަލަ ގޮތެއް ވާން ފަށައިފިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ދާން އުޅުނީމެވެ. ނަޝީ އަހަރެން ޑްރޮޕް ކޮށްދޭންބޭނުން ވުމުން އަހަރެން ކާރަށް އަރައި ހަމަޖެހިލީމެވެ. މަޑުމަޑުން އަހަރެންގެ ބޮލަށް ލުއިވާން ފަށައިފިއެވެ. މަންޒަރުތައް އިތުރަށް ރީތިވެ ފެންނަ ކޮންމެ އެއްޗެއްގައި މަސްތީކަމެއް އެކުލެވެން ފަށާއިފިއެވެ. އަހަރެންނަށް ނަޝީއަށް ބަލައިލެވުނީ ބޭ އިޚްތިޔާރުގައެވެ. ނަޝީ އެނބުރުނު ވަގުތާއި އަހަރެންނަށް ބަލައިލެވުނު ވަގުތާއި ވީ އެއްވަގުތަކަށެވެ. ނަޝީގެ ބޮލުން ފެށިގެން ފަޔަށް އަހަރެންނަށް ބަލައިލެވުނީ ހިތުގައި އެރީތިކަން ދެކިލުމަށް އެދެވުނު އެދުމަށް އަހަރެންގެ ސިކުނޑި ކުރަމުންދިޔަ ހަނގުރާމަ ފިނިވެ ހިތަށް ކާމިޔާބު ވުމުންނެވެ. އެންމެ ބަލާލުމަކާއިއެކުވެސް މުޅިޖިސްމުގައި ހުޅުރޯކުރުވައިފިއެވެ. ނަޝީ އަހަރެންނަށް ބަލައިލަމުން ބޮޑުބައި ހާމަވެފައިވާ ބައްޓަން ރީތި ދެފައި ދުރުކޮށްލީ ދަޢުވަތެއްފަދައިންނެވެ. އޭރު ގެއެއްގެ ގޭޓް ކައިރިޔަށް ކާރު މަޑުކޮށްލައިފިއެވެ. އެއާއިއެކު ގޭޓް ހުޅުވައިދެވުނެވެ. ގޯތިތެރެއިން ކާރު ގޮސް ގޭގެ ޕޯޓިކޯއަށް މަޑުކޮށްލެވުމާއިއެކު ނަޝީ ފައިބައިގެން އަހަރެން ގެ އަތުގައި ހިފައިގެން ބޮޑުދޮރު ހުރަސް ކޮށް ދާން ފެށިއެވެ. ހަނި ގޯޅިއަކުން ގޭގެ އަނެއްފަރާތަށް ދެވުނެވެ. ސިއްރު ސިއްރުން އަހަރެންގެ އަތުގައި ހިފައިގެން ނަޝީ އަނެއްއަތުގެ ޝަހާދައިނގިލި އަނގަމަތީގައި އަޅައިގެން ވަދެގެން ދިޔައިރުގައި އަހަރެންނަށް ހުރެވުނީ މަޖާވެފައެވެ. ނަމަވެސް އޭރު އަހަރެންނަށް މަންޒަރުތައް ފެންނަނީ ހުވަފެނެއްގެ ސިފައިގައެވެ. ކެނޑި ކެނޑިގެންނެވެ.

އަހަރެން ވެއްދުނީ ބޮޑު ކޮޓަރިއަކަށެވެ. ހުދުކުލައިގެ ބެޑްޝީޓެއް އަޅާލާފައިވާ ފެންވަރުރަނގަޅު ރީތި އެނދު ފެނުމާއިއެކު އަހަރެން ބޭނުންވީ އެއެނދުގެ މަޑުކަމުގެ ތެރެއަށް ގެނބިގެންދާށެވެ. އެއާއިއެކު ގޮސް އެނދުތެރެއަށް ވެއްޓިގަނެވިއްޖެއެވެ. އޭރު އެނދާއި ދިމާލަށް ފަރިހިނގުމެއްގައި އަންނަމުންދިޔަ ނަޝީއަށް އަހަރެންގެ ލޯހުއްޓާލެވިފައި އޮތްއިރު ނަޝީގެ މަސްތުން ފުރިފައިވާ ދެލޮލުގެ ދަޢުވަތަށް ހިތާހިތުން މަރުހަބާކިޔެމުންދިޔައެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއ އެކު ލޮލަށް ދިޔައީ ބަރުވެ މަންޒަރު ކެނޑެމުންނެވެ. އަހަރެންގެ ޖިސްމުގައި ހުޅުރޯކުރަމުން މަޑުހިނގުމެއްގައި ކައިރިވަމުން އައި ނަޝީގެ ހެނދުން ކޮނޑުން ނައްޓާލުމާއިއެކު ބިމަށް ވެއްޓިގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. އެއާއިއެކު އަހަރެންގެ ސިކުނޑިއަށްވެސް ކުރަމުންދިޔަ ހަނގުރާމަ ނާކާމިޔާބުވެ ހޭވެރިކަން ގެއްލިއްޖެއެވެ.

-ނުނިމޭ-

1
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 14 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

Leave a Reply

Your email address will not be published.