ބިރުވެރި މަޖާ ލޯބީގެ

އަވަ

އެނދުމަތީ ފުރޮޅިލަ ފުރޮޅިލާ އީވާ އޮތީ ދެލޯމަރާ ތަގުޅިކޮށްލައިގެންނެވެ. ޑިއުޓީ ނިމިގެން ކޮންމެ ދުވަހަކުވެސް ގެއަށް އައިސް އީވާ ބޭނުންވަނީ ނިދާލާށެވެ. ރޭގަނޑު ނިދޭލެއް ލަސްވީމައާ އެކު ކަންނެތްކަމާއި ބުރަހެލިކަން ވަނީ އިތުރުވެފައެވެ. ނަމަވެސް މިއަދު ނިދި ލޮލާ ވަނީ ދުރުއެއްޗަކަށް ވެފައެވެ. އޭސީގެ ފިނި ވައިރޯޅިތަކު ތެރޭ ބޯ ރަޖާ ގަނޑު ދަށުގައި އޮންނައިރު ހަށިގަނޑަށް ލިބެމުންދާ އަރާމަށްވުރެ އީވާގެ ސިކުނޑީތެރޭގެ ހައިޖާނުގަނޑު ބޮޑެވެ. ކުރެވެނީ ފޮނި އިންތިޒާރެކެވެ. މާގިނަ އިރެއްނުވެ އިންތިޒާރުގެ ނިމުން އަތުވެދާނެކަން އީވާ އަށް އެނގެއެވެ.

ދޮރުގައި މީހަކު ޓަކިޖަހާލިއަޑު އިވަމާއެކު އީވާ ފުއްމައިގެން ދެދުވިއެވެ. އޭނާގެ ދެމިޔަކަނި ހުރީ ދެކަންފަތު ކުޑަފޫޅުގައި ޖެހޭވަރުވެފައެވެ. އަވަސް އަވަހަށް ޑްރެސިން ޓޭބަލްގެ ލޯގަނޑުން އޭނާގެ ހެނދުމަށް ބާރުވެ ފިތްފިތަށް ނިކުމެފައިވާ ބުރަހެލި ހަށިގަނޑަށް ބަލައިލިއެވެ. އެއާއެކު ތުންފަތަށް ވެރިވެފައިވީ ހިނިތުން ފިލައިދިޔައެވެ. އޭނާގެ ހަށިގަނޑަށް އޭނާ ލަޢުނަތްދެއެވެ. އެއްވެސް ފިރިހެނެއް ހަމަހޭގައި ހުރެ އެ ހަތަރެސްކަން އެއްވަރު ހަށިގަނޑަށް ބަލައެއްނުލާނެއޭ އީވާގެ ހިތް ބުނެއެވެ.

ދެވަނަފަހަރަށްވެސް ޓަކިޖަހާލި އަޑުއިވުމުން ލަސްފިޔަވަޅުތަކެއްގައި ގޮސް ދޮރުހުޅުވިއެވެ. ކުރިމަތީގައިހުރި އާކިފް ފެނިފައި އީވާގެ ހިތުގެ ހިނގުން ބާރުވެލިއެވެ. މިލާފައި އިން މޫނުމައްޗަށް އަނެއްކާވެސް ހިނިތުންވުމެއް ބަންޑުންވީ ބޭއިޚްތިޔާރުގައެވެ.

“އަވަސްކުރޭ މިހާރު އެއޮށް ފަހެއް ޖެހީ.. އެންމެން މިހާރު އެތިބީ ނިކަގަސްދޮށުގަ އީވާ ނައިސްގެން” ކޮންތާކު ހެއްޔެވެ؟ އާކިފް އެހެން ބުނިއިރު ނިކަގަސްދޮށަށް އަދި ދިޔައީ ހަމްނާ އެކަނިކަން އޭނާއަށް އެނގެއެވެ. އެކަމަކު އީވާ ކިރިޔާވެސް އަވަސް ކުރާނީ އެހެން ބުނެގެންނެވެ.

“ދެން މިޔަދަކު ނުދެވޭނެ..”ކަންނެތް ކަމާއެކު ދޮރުފަތުގައި ބައްދާލަމުން އީވާ އާފުރެލިއެވެ. “މާދަމާ ދާނަން!” އީވާ އާކިފް ދެކިލާހިތް ވެއެވެ. އެކުގައި ވަގުތު ހޭދަކުރާ ހިތް ވެއެވެ. އެއީ މީހެއްގެ ފިރިއެއްކަން އެނގޭއިރުވެސް މެއެވެ. ނަމަވެސް ކަސްރަތަށް ދިއުން އެއީ ދުނިޔެމަތީން އޭނާ އެންމެ ކުރާހިތް ނުވާ އެއްކަމެވެ.

“އުނހު.. ތި މާދަމާއެއް ނާންނާނެ. މިހާރު އާދޭ ޗޭންޖް ކޮށްގެން.” އާކިފް އީވާގެ ބަރު އަތުގައި ހިފާ ދަމާލިއެވެ. “މަ ބޭނުން އީވާ ސަޅި ބިޓަކަށް ހަދާލަން. އީވާ ހިކުނީމަ ހާދަ ރީތިވާނެޔޭ.”

އީވާގެ މޫނުމަތި ރަތްވެގެން ދިޔައެވެ. އާކިފްގެ އެކަހަލަ ސަމާސާތަކުގެ ސަބަބުން އީވާގެ ހިތުގައިވަނީ އާކިފަށްޓަކާ ވިންދު ޖަހަންފަށާފައެވެ. އާކިފް އެހެން ފިރިހެނުންނާ ތަފާތެވެ. އޭނާގެ ބަހާއި ޢަމަލުން އީވާއަށް އަބަދުވެސް ލިބެނީ ހިތްވަރެވެ. އޭނާ އީވާއަށް ހެޔޮއެދެއެވެ.

ކަސްރަތަށް ނިކުމެ އުޅުން ވަނީ ނަފްސާނީގޮތުން އީވާއަށް ލިބޭ ސަޒާއަކަށެވެ. އެހެން މީހުން ކިޔާނެ އެއްޗިއްސާ ކުރާނެ މަލާމާތް ހިތަށް އަރާފައި ގެއިންވެސް ނިކުންނަން އޭނާ ޖެހިލުންވެއެވެ.

އާކިފްގެ އަންބާ ކުރުނުކޮށް އީވާގެ އަތުގައި ހިފާދަމާ ބުރަކަށީގައި އަތްއަޅާ ކޮއްޕާ، އެތައް ވަރަކުން އެއްމެފަހުން އެއްޗިހި ބަދަލުކޮށްގެން ނިކުމެއްޖެއެވެ.

“ބޫޓެއް ނެތް..” އީވާ ފަރުވާ ކުޑަގޮތަކަށް އާކިފްއަށް ބަލާލާފައި ހިނިތުންވެލިއެވެ. “މަށެއް ނުދާނަން.. އާކިފް ދެން ދޭބަލަ”

“ބޫޓެއް ނެތަސް މަޑު ފައިވާނަކަށް އެރީމަ ރަނގަޅުވާނެ.” ފައިވާން ހަރުގަނޑުން ކަމުދާ ފައިވާނެއް ނަގައި އާކިފް ދިއްކޮށްލިއެވެ. “އަން. މިއަށް އަރާ. މިއަދު ދުވާނީކީއެއް ނޫނޭ! ފުރަތަމަ ފަށާކޮޅުގަ ޖެހޭނީ ބާރުބާރަށް ހިނގާލާ ހަދާލަން.”

ގަދަކަމުން ކަހަލަ ގޮތަކަށް އީވާ ތައްޔާރުކޮށްގެން ނިކުތް އިރު މަގުކޮޅުން ނިކަގަސްދޮށަށް އަމާނީ އާއި ސާރިދާ ވެސް އައިސް ތިބިތަން ފެނެއެވެ.

“ތި ތަންކޮޅެއްބާރަށް ހިނގާފަ އާދެބަލަ” އާކިފް އީވާގެ ފުޅާ ބުރަކަށީގައި އަތްޖައްސާ ކޮއްޕަމުން ކަހަލަ ގޮތަކަށް ދިޔައެވެ.

އީވާހުރީ އާކިފްގެ މި ހަރަކާތްތަކުގެ ސަބަބުން މަޖާވެފައެވެ. އާކިފް އެހާ ގައިގޯޅިކޮށް އުޅޭތީ އީވާ ވަކިން އުފާވެއެވެ. ކިތަންމެ ފަހަރަކު އާކިފްގެ ގައިގާ ބައްދާލެވޭނެ ނަމައޭ ހިތަށް އަރައެވެ. ނޫނީ އާކިފް އޭނާ އުފުލާލާ އަތްދަނޑިމަތީ ބާއްވާލައިގެން ދާނެނަމައޭ ހިތަށް އަރައެވެ. ނޫނެކެވެ. އީވާއަށް ޖެހޭނީ އާކިފް އަތްދަނޑިމައްޗަށް ނަގާށެވެ. ހިތަށް އެރި އެއްޗަކުން އީވާއަށް ކެސް ލާފައި ހިނި އައެވެ.

“އައްމާ.. ޔަގީނޭ ނިދާފަ އޮއްވަކަން ދަމާ ނަގައިގެން އެ ގެނައީ” ހިނިގަނޑެއް ޖަހާލަމުން ސާރިދާގެ ބޫޓް ނާޑުވާ ބާރުކޮށްލިއެވެ.

އޭރު އެއްމެންތިބީ އެދެމީހުންގެ އިންތިޒާރުގައެވެ. އަމާނީ އައިސް އީވާ ބުރުގާ ރަނަގޅުކޮށްލާ ކަރުފެންނަތަންކޮޅު ފޮރުވާލިއެވެ.

“އާނއެކޭ.. މަށަކަށް ނިދާވެސް ނުލެވުނު މީނދަ އެއްޗަކާހެދި” އީވާ އާކިފްގެ ކޮނޑުގައި ގޮއްމުށުން ތަދުނުވާނެވަރު ބަލާފައި ވިހެލިއެވެ.

ކޮނޑުގައި އަތްއަޅައިގެން ތަދުވިކަމަށް ހެދިގެން އާކިފްގެ އަންހެނުން ހަމްނާކައިރިއަށް ގޮސް ޅަކުއްޖެއްހެން ބޮޑާ ހާކާލިއެވެ. އެއާއެކު އެއްމެންގެ ހުނުމުގެ އަޑު ގުގުމާލިއެވެ.

ނިކަގަސް މަގުން ތުނޑީމަގަށް ބާރުބާރަށް ހިނގާފައި ދިޔައީ ތުނޑީކޮޅަށް ނިކުމެ ސްޓްރެޗިން ހަދާލަންވާއިރަށް ވޯމްއަޕް ވާވަރަށެވެ. އާކިފް ކުރީގައިހުރެ ބާރަށް ހިނގަން އެ އަންހެންކުދިންތަކަށް އަންގަމުން ކޮނޑުގައި އަތްއަޅާ ކޮއްޕަމުން ބަކަރި ތަކެއް ގެންގުޅޭ މީހެއްހެން އުޅެއެވެ. އަތުގައި ދަނޑިބުރިއެއް ނެތްކަން އެކަންޏެވެ. އެއްމެ ފަހަތުގައި ދެފަރާތަށް ހޫރެމުންކަހަލަ ގޮތަކަށް އައި އީވާގެ ކައިރިއަށް ޖެހިލާ އޭނާގެ ބުރަކަށީގައި އަތް އަޅާ ކޮއްޕަމުން މިހާވަރަށް ހިނގާށޭ ކިޔާފައި އަނެއްކާވެސް ކުރިއަށް ޖެހިލިއެވެ.

“މިއަދު ރަށްދެބައިމަގަށް ދާނަމޭ ކިޔާފަ އަނެއްކާވެސް މިމަގުން ދޯ ތިދަނީ.” އަމާނީ ދެފަރާތު ވަލުތެރެއަށް ނަޒަރެއް ހިންގާލަމުން ބުނިއިރު އެމަންޖެ ހުރީ ކުޑަކޮށް ޖެހިލުން ވެފައެވެ.

އާކިފް މާބޮޑަށް އެކަމާނުވެ ހިނިގަނޑެއް ޖަހާލާފައި ހިނގުމާގެން ކުރިއަށް ދިޔައެވެ.

“ކިހިނެއްތަ ވީ މިމަގުން އައިއްޔާ؟” ސާރިދާ ހަމްނާއަށް ދޯދެމުން ބުނެލިއެވެ. “ތުނޑީގައެއްނު ކަސްރަތު ކޮށްލާ ހަދާލެވޭކަހަލަ ބީޗެއްވެސް އޮންނަނީ.”

ސާރިދާވެސް ރަށު ތަނޑީގެ ނާމާން ވާހަކަ އަޑުއަހާފައި އެބަހުއްޓެވެ. ނަމަވެސް އެވާހަކަތައް މާބޮޑަކަށް ޤަބޫލެއް ނުކުރެއެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފައި ހުއްޓަސްވެސް ސާރިދާއަށް އޭނާގެ ބަނޑުގެ މަސްތަކާ އަރިކަށީގެ މަސްތައް މާ ބޮޑީއެވެ. އެ މަސްތައް ދުއްވާލެވެނިކޮށް އޭނާގެ ހަށިގަނޑު ވިކްޓޯރިއާ ސީކްރެޓް މޮޑެލްއަކާ ތަފާތެއް ނުވާނެއެވެ. އެހެންކަމުން ފުލޯކުވާހަކަ ތަކަކަށްވުރެ ބޮޑަށް އޭނާ ހުރީ އެކަންތައް ކުރާހިތްވެފައެވެ.

ތުނޑިއަށް އާދެވުމުން ވަށްބުރެއްހެން އެތުރިލާފައި އާކިފް ދައްކާގޮތަށް ހުރިހާކުދިންވެސް ސްޓްރެޗިން ހަދަން ފެށިއެވެ. އާކިފް ފަރުވާތެރިކަމާއެކު ހަމްނާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. ފޫހިކަމެއް ނެތިއެވެ. ކައިވެންޏަށް 4 އަހަރު ވެފައިވީއިރު އަދިވެސް ހަމްނާ ފެންނަ ކޮންމެފަހަރަކު އާކިފްއަށް ކުރެވެނީ އެއްމެ ފުރަތަމަ ދުވަހު ފެނުނުވަގުތު ކުރެވުނު ކަހަލަ ޖާދުވީ އިޙްސާސެކެވެ.

މިމަންޒު ބަލަން އިން އީވާގެ ލަނގޮޑިއަށް ބާރުވެފައި ވީއިރު ބަނޑުތެރޭގައި ބަރުއެތިގަނޑެއް އޮންނަކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އަމިއްލަ ނަފްސަށް ވިސްނުވައިދޭން ކިތައްމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އީވާއަށް މި މަންޒަރު ބެލުންވީ އުނދަގޫ ކަމަކަށެވެ.

އޭނާގެ ބަދުނަސީބު ޙަޔާތެވެ. އީވާގެ ހިތާހިތާ ބުނެލިއެވެ. ފިރިހެނަކު ބަލައިލާ ކަހަލަ ރޫފަ ހެޔޮ ހަށިގަނޑެއް ނުލިބުނުތާ އެމީހަކަށް އެހިތުން ޖާގައެއް ދެވުނު މީހާވެސް އެއީ މީހެއްގެ ފިރިއެކެވެ. މިހުރިހާ ކަމަކާ ވިސްނި އީވާގެ މޫޑު ގޯސްވެ ހިތަށް އުނދަގޫ ވާން ފެށިއެވެ.

ސްޓްރެޗިންގ ގެ ރައުންޑް ނިންމާލުމަސް ފަހު ދުވެވޭ ކުދިން ތުނޑީމަގުން އެއްގަމަށް އާކިފްގެ ފަހަތުން ދުވަންފެށިއެވެ. ބާރުބާރަށް ހިނގާ ކުދިން ހިނގަން ފެށިއެވެ. އަމާނީއާ އެކު އީވާ ހިނގަމުން ދިޔަނަމަވެސް އީވާގެ ފިޔަވަޅުތައް ވަނީ ލަސްވެފައެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. އާކިފް ވަކި ހިސާބަކަށް ދުވެފައި އެނބުރި ފަހަތަށް ދުވެފައި އައެވެ.

“ބާރަށް، ބާރަށް.. މާމަޑީ ތި ހިނގާވަރު” އީވާއާ އަރާހަމަކޮށްފައި ކޮނޑުމަތީ އަތް ބާއްވާލަމުން އާކިފް ހިނިތުން ވެލާފައި އެހެންބުނުމުން އަނެއްކާވެސް އީވާގެ ހިނގުން ބާރުކޮށްލިއެވެ. އާކިފް އެނބުރި ދުވަމުން ދިޔަތަން ބަލަން އިން އީވާގެ ހިތުގައި ރިހިލަ ރިހިލާ ހުއްޓެވެ. “ނުދާށެވެ. އެނބުރި އަންނާށެވެ. އަހަރެން އާކިފް ބޭނުމެވެ. އަހަރެންގެ މީހަކަށް ވާށެވެ.” އީވާ ހިތާހިތުން އާދޭސް ކުރިއެވެ. ލޯފުރިގެން ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނަތިކި ސިއްރު ސިއްރުން ފުހެލާ އިސްޖަހާލިއެވެ.

އެވަގުތު ފަހަތުން އާކިފް އީވާއަށް ގޮވިހެން ހީވިއެވެ. އެއާއެކު އީވާގެ ހިނގުން ކުއްލިއަކަށް ހުއްޓުނެވެ. އާކިފް ދުވެފައި އެދަނީ އޭނާގެ ކުރިމަތިންނެވެ. އެހެންވީރު ފަހަތުން އޭނާއަށް އެ ގޮވީ…

މަޑުމަޑުން އީވާ ކޮނޑުމަތިން ބޯދީ ވައްކަޅިއަކުން ފަހަތް ބަލައިލިއެވެ. އީވާއަށް ނޭނގުނީ އެބެލުން ވީ ދަޢުވަތަކަށް ކަމެވެ. ފުރަގަހުގައި އެއްވެސް މީހެއް ނެތުމުން އީވާ އަނެއްކާވެސް އެނބުރި ހިނގައިގަތް އިރު އީވާގެ ފަހަތުން ބިމަށް އެޅިފައި އިން ހިޔަށްޏެއް އީވާއަކަށް ނުފެނެއެވެ.

އީވާއަށް މަގުގެ އެއްމެ އެކޮޅަށް ނުދެވެނިސް ދުވެފައި ދިޔަ އާކިފްއާއި ސާރިދާ އަދި ހަމްނާ އަރާ ހަމަކުރަނީއެވެ. ހަމްނާގެ ދުވުން މަޑުވެލި ވަގުތު އާކިފް އޭނާގެ ފޫކޮޅުގައި ޖަހާލިއެވެ. މިމަންޒަރު ދާދިކައިރިން ފެނުނު އީވާގެ މޫނުމަތީގައި ހީވީ މީހަކު އެތިފަހަރެއް ޖެހިހެނެވެ. ހިތުން ނަގައިގަތީ ދިލަ ހޫނެކެވެ.

“އަވަހަށް އެކޮޅަށް ގޮސްފަ އާދޭ.. މި ފަހަރު އޮންނާނީ ކަސްރަތު ކުރުން” މާ ނޭވާ ލަމުން އާކިފް އީވާ އާ އަރާހަމަކޮށްފައި ބުނެލިއެވެ. އީވާ އުނދަގުލުން ނަމަވެސް ހިނިތުން ވެލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ހަށީގައި ހުރި ހުރިހާ ޖޯރެއް ހިނދިއްޖެއެވެ.

“މަންޖެ ހާދަ ވަޅޯކޮށް؟” އީވާ ހުރަސް ކޮށް ބާރުބާރަށް ހިނގާފައި އައި އަމާނީ އީވާގެ ހިނގުމަށް އައިސްފައި ހުރި ބަދަލު ފާހަގަ ކުރެވިގެން ބުންޏެވެ.

ނަމަވެސް އީވާ އިސްޖެހިފައި އިނީ އެކަންޏެއް ނޫނެވެ. ހިތުގައިވެސް އިނީ ޖެހިފައެވެ. އީވާގެ ކުރިމަތީގައި އާކިފް އެހެން އަންހެނަކާ އެގޮތަށް ގައިގޯޅި ވާތަން ފެނުމަކީ އީވާއަށް ކެތްވާވަރު ކަމަކަށް ނުވިއެވެ. ބުރަހެލި ހިނގުމެއްގައި އީވާ މިސްރާބުޖެހީ ތުނޑީ މަގުގެ މީހުންއުޅޭ ފަޅީގައި ހުންނަ ތުނޑީ ފާލަމަށެވެ. ރަށުގެ ރަސްމީ ފާލަން ގިނަދުވަސްވެ ހަލާކުވުމުން މިހާރު ރަސްމީ ފާލަމެއްގެ ގޮތުގައި ބޭނުން ކުރަނީ ތުނޑީ ފާލަމެވެ. އެހެންކަމުން އެގަޑީ ލެފި ފެރީއިން އައި މީހުން އެމަގުކޮޅުން ހުރަސްކޮށް ދާތަން ފެނުނެވެ.

އީވާ ފާލަމަށް އެރި އިރު ފެރީ ފާލަމާ ދުރުކުރަނީއެވެ. މަޑު ހިނގުމެއްގައި ގޮސް ފަޅުވެފައި އޮތް ލަކުޑި ފާލަމުގެ ހުޅަނގު ބިތުގައި އިން ސިޑިމަތީ އިށީނެވެ. އީވާ ބޭނުންވީ އެކަނިވެލާށެވެ. އޭނާގެ ހިތް ހަމައަކަށް އަޅުވާލަން ބޭނުމެވެ.

****

ހުރިހާ އެންމެންނަށް ތުނޑީ އަތިރިއަށް އާދެވުމުން ކަސްރަތުގެ ބުރުތައް އާކިފްގެ އިރުޝާދުގެ މަތިން ފެށިއެވެ. އީވާ ނައިސް ގިނައިރުވާން ފެށުމުން އީވާ ކޮބައިތޯ އަހާލިއެވެ.

“މިއައިއިރު ލަސް ކަހަނބެއްހެން ފިރުކެމުން އެކޮޅަށް ދިޔަ.” އަމާނީ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. “މަބުނިން މަންޖެ ހާދަ ވަޅޯކޮށޭ.. އަނެއްކާ އެހެން ބުނީމަ ހިތްހަމަ ނުޖެހުނީ ކަންނޭނގެ”

“އެމަންޖެ އަންނާނެ.” އާކިފް ޔަޤީންކަމާއެކު ބުނެލިއެވެ. އާކިފް އެހާވަރުން ގެނައީމާ މިއަދު ކަސްރަތު ނުކޮށް ދާނެކަމަކަށް އާކިފްގެ ހިތެއް ނުބުނެއެވެ.

ކަސްރަތުކޮށްނިމުނުއިރު ހައެއް ޖަހަ ބޮޑުވެއްޖެއެވެ. އޭރު އަދި ބަންގިއެއް ނުގޮވައެވެ. އެއްމެން މިސްރާބުޖެހީ އިރުއޮއްސުމުގެ ކުރިން ރަށު ޖެޓީއަށް ގޮސް އެތަނުން މޫދަށް އެރިލާ ވެލިފިލުވާލާށެވެ.

ރަށުޖެޓީގެ ވެއްޓިފައި ހުރި ތަންތަނުން ރެކެމުންގޮސް އާކިފް މަޑުކޮށްލީ ޖެޓީގެ ކޮޅުގައެވެ. އޭރު ސާރިދާ އަތިރިންލާފައި މޫދަށް އެރެނީއެވެ. ހަމްނާ މޫދަށް އެރޭހިތެއް ނެތޭ ކިޔާފައި ޖެޓީ މަތީގައި އިށީނދެލައިގެން ދެފައި ތިރިކޮށްލައިގެން އާކިފްމެން މޫދަށް އެރޭތަން ބަލަން އިނެވެ.

އާކިފް ޓީޝާޓް ބާލާ ހަމްނާއަށް އެއްލުމަށްފަހު ޖެޓީ މަތިން މޫދަށް ލޮންސިއެއްހެން ޖެހިގަތެވެ. މައްޗަށް އަރާ ދެފަރާތަށް ބޯހޫރާލިތަން ބަލަންހުރެފައި ސާރިދާ އާކިފްގެ ގާތަށް ޖެހިލިއެވެ.

“ތުނޑީ ޖެޓީ މަތީ އެއިނީ އީވާއެއް ނޫންތަ؟” ސާރިދާ ލޮލުން އިޝާރާތް ކުރަމުން ބުނެލިއެވެ.

“އެބުނާހެން. އެކަނިމާއެކައި އެތާ އެއިނީ، އަނެއްކާ ބިޓެއްގެ ކަމެއްގަ ކަޑަވީތަ؟” އާކިފް ލާނެތް ފާޑަކަށް ހިނިއައިސްފައި ބުންޏެވެ. “ހިނގާ ބިރުގަންނަވާލަން”

ރަށު ޖެޓީއާ މާދުރުނޫން ހިސާބެއްގައި ހުންނަ ތުނޑީ ޖެޓީއާދިމާލަށް އާކިފްއާއި ސާރިދާ އަޑެއް ބަޑެއް ނުލައްވާ ފަތާފައި ދާންފެށިއެވެ.

އީވާ އޭނާގެ ސްމާޓްފޯން ނަގައި ރަށުގެ ހިތްގައިމު މަންޒަރުތައް އޭނާގެ ފޯނުގައި ރައްކާ ކުރަމުން ފޮޓޯ އެޑިޓް ކުރާ އެޕްލިކޭޝަން އަކުން އެޑިޓް ކުރަމުން ދިޔައެވެ. ފޫހިވީމައި އެނޫނަސް އީވާކުރާ ކަމަކީ އެއެވެ.

ރަށުޖެޓީއާވީ ކޮޅު ފޮޓޯނަގަން އެނބުރިލިވަގުތު މޫދުން އެއްޗެއް އެރިހެން ހީވެ ސިހިފައި އީވާ ބަލައިލިއިރު ސިޑީކައިރިން އާކިފް އާއި ސާރިދާ ހެމުން ހެމުން ތިބެގެން އަރަނީއެވެ. ވަރުބަލި ވެގެން އެ ދެމީހުން ހުރީ ހަލާކުވެފައެވެ. އާކިފް ފެނުމުން އަނެއްކާވެސް އީވާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

“މުޅިން ސަކަރާތް.. ރަނގަޅަށް ސިއްސުވާލަން އެހާވަރުން މިއައީ، އެކަމަކު މާ އަވަހަށް މި ބަޓުވީ” އާކިފް ހުރީ ބޭނުންވި ވަރަށް ސިއްސުވައި ނުލެވުނީމަ ކަޑަވެފައެވެ.

“މަ ނަގައިދީ” ސާރިދާ އަރަން އަތް ދިއްކޮށްލުމުން އާކިފް އޭނާ ނަގަން އަތުގައި ހިފާލިއެވެ.

ތަންވަޅު ބަލާފައި ފަހަތުގައި ހުރި އީވާ އާކިފްގެ ފޫކޮޅުގައި ފައި ޖައްސާ ކޮއްޕާލިއެވެ. އެކޮޅުކޮޅުން ސާރިދާގެ ބޯމަތިން ބުރެއް އަޅާފައި އާކިފް ގޮސް މޫދުތެރެއަށް ވެއްޓުނެވެ. އޭރު ދެއަންހެންކުދިން އާކިފަށް ވީގޮތް ފެނިފައި ހީހީ ބިނދެނީއެވެ.

އާކިފް ދެވަނަފަހަރަށް އަރާ ސާރިދާ ނެގިއެވެ. އެއަށްފަހު އީވާގެ ފުރަގަހުން ގޮސް އޭނާގެ ކޮނޑުމަތީ ލޮނާއެކު އިށީނެވެ. އީވާ ތެޅިގަތެއްކަމަކު ކުރެވޭނެ މާ ބައިވަރު ކަމެއް ނެތެވެ. އޭރު އާކިފް އިނީ އޭނާ ގައިމަތީ ޖައްސާލައިގެނެވެ.

“ހިނގާދާން.. ކޮންކަމަކާ ވައިއަރާފަ ކަސްރަތުވެސް ނުކޮށް ތި އައީ؟” އާކިފް އީވާއާ ދިމާކުރަމުން އޭނާގެ އަތުގައި ހިފާ ނަގަން ހިފާލިއެވެ. “އަނެއްކާ ބިޓަކާ ތޮޅުނީތަ؟”

“ތި މީހުން ދޭބަލަ.. މަދާނަން ފަހުން” އީވާ ހުރީ އެހާއަވަހަށް ދާ ޚިޔާލަކު އެއް ނޫނެވެ. ބޭނުންވީ އަދިވެސް އެކަނި އިނދެލާށެވެ.

އޭރު އިރުއޮއްސޭ ނަމާދު ބަންގި ގޮވިތާވެސް އިރުކޮޅެއް ވެއްޖެއެވެ. ދުނިޔެމަތި ދިޔައީ އަނދިރިވަމުންނެވެ. އީވާ ގާތު ކިޔާ ކިޔާ ނުދިއުމުން އާކިފް ނިންމީ އީވާ ހަމަޖެހިލަން އެކަނި ވަގުތުކޮޅެއް ދިނުމަށެވެ. ނަމަވެސް އީވާ އަށް މިއައި ކުއްލި ބަދަލާމެދު ވާހަކަ ދައްކާލާ ވީގޮތެއް އޮޅުން ފިލުވާލަން އާކިފް ބޭނުންވިއެވެ. އެހެންނަމަވެސް ސާރިދާ ހުރުމުން އިތުރަށް ވާހަކަ ދައްކަން މަޑުކުރާކަށް އާކިފް ގަސްތެއް ނުކުރިއެވެ.

ރަތްވިލާތަކުގެ ކުލަ މަޑުމަޑުން ގަދަވެ ފިޔާތޮށިކުލައަކުން ދަނބު ކުލައަކަށް ބަދަލުވަމުން ދިޔައެވެ. ދުނިޔެމަތި އަނދިރިވަމުން ދިޔަވަރަކަށް ހޭޅިފަށް ފެންނަމުން ދިޔައީ ފަޅު ގޮތަކަށެވެ. ކާޅު ގޮވާ އަޑާއެކު މުޅި ފަޒާގައި މަޑު ފަރުހަކި ވަހެއް ފެތުރެމުން ދިޔައެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ ދިރުންވެސް ކެނޑިގެން ދިޔަކަހަލައެވެ.

ފާލަމުން ބޭރަށް ފައި އެލުވާލައިގެން އިން އީވާ އަށް މިއައި ބަދަލުތައް ފާހަގަ ވާވަރަށްވުރެ ހިތުގެ އުދާސްތައް މާ ބޮޑެވެ. ގަދަވަމުން އައި ފަރުހަކިވަސް އީވާ ވަށާލިވަގުތު ދިރޭއެއްޗެއް ކަހަލައެވެ. އީވާ ކުޑަކޮށް ސިހޭގޮތްވިއެވެ. ފަސް އެނބުރި ބަލައިލީ އަދިވެސް އީވާ އިނީ އެކަނިކަން ޔަޤީން ކޮށްލާށެވެ. އެއަށްފަހު އަނެއްކާވެސް އުދަރެހަށް ނަޒަރު ހުއްޓާލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

ބޭރަށް ދޫކޮށްލި ނޭވާ އަރުތެރޭގައި ތާށިވީ ސީދާ އޭނާގެ ފުރަގަހުގައި މީހެއް ހުރިކަހަލަ އިޙްސާސެއް ކުރެވުމުންނެވެ. މަޑުމަޑުން ކޮނޑުމަތިން ބޯދީ ވައްކަޅިން ބަލައިލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތުމުން ޔަޤީންކޮށްލަން އެއްކޮށް އެނބުރި ބަލައިލިއެވެ. ފަނޑުއަލީގައިވެސް އެފާލަންމަތީގައި އެއްވެސް އިންސާނެއްގެ ހިލަމެއް ނެތްކަން އޭނާއަށް ޔަޤީންވިއެވެ. ބިރުވެރިކަން ހިތަށް ވެރިވުމާއިއެކު އާކިފްގެ މަތިން ހަނދާންވިއެވެ. އޭނާ އެތާ އިންދައި އާކިފް އަންނާނެނަމަ ކިހާ ރަނގަޅުހެއްޔެވެ؟ އެ ހިމޭންކަމުގައި އާކިފްއާއެކު ވަގުތު ހޭދަކޮށްލުމަށްވުރެ އޭނާގެ ހިތްއެދޭ އެހެން ކަމެއް ނެތެވެ. ހިތަށް ކުރި އަސަރާއެކު އީވާއަށް ހިންދިރުވާލެވުނެވެ.

ކުއްލިއަކަށް ދުވި ފަރުހަކިވަހުގެ އޮއިވަރަކާއެކު ފަހަތުން އީވާގެ ކޮނޑުމަތީގައި މީހަކު އަތްބާއްލި ކަމުގެ ހިޙްސާސް ކުރެވުނެވެ. އެއާއެކު އޭނާގެ ދުނިޔޭގެ ހިނގުން ހުއްޓުނު ކަހަލައެވެ. ހިތަށް އަރާ ފާބާގަތް ވަހުމް ތަކާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. މުޅިގައިން ވާގިދޫވެ މުޅިމީހާގައިގާ މަޑު ތުރުތުރެއް އުފެދުނުއިރު ގަނެފައިވާ ބިރުން ގުޑިލަން ނޭނގިފައި އިރުގަނޑަކު އިނެވެ. މަޑުމަޑުން އީވާގެ ކުލަހުސްވެފައިވާ މޫނު ފަހަތަށް އަނބުރާލިއިރު ގަނެފައިވާ ބިރުން އީވާއިނީ ތުރުތުރު އަޅައަޅައެވެ.

“އާކިފް” ކޮނޑުމައްޗަށް އަތް ވައްޓާލއިގެން އީވާގެ ފުރަގަހުން ކަކޫޖަހާލައިގެން އިން އާކިފް ފެނުމާއެކު އެ އަތް ފޮޅުވާލަމުން އީވާ ހަޅޭލަވައިގަތެވެ. “މަ ކިރިޔާއޭ ބިރުން މަރުނުވީ. މަށަށް ހާޓަޓޭކެއް ޖައްސަންތަ ތިއުޅެނީ” ފުން ނޭވާތަކެއް ބޭރުކުރަމުން އީވާގެ ތޫލި އަޑު އިއްވާލިއިރު ގަނެފައި ހުރި ބިރުގެ ސަބަބުން އޭނާގެ ބޮލަށް ކުޑަކޮށް އެނބުރުން އަރާގޮތްވެސް ވިއެވެ.

އެއްމިޔަކަނިން އާކިފް ހިނިތުންވީ މަކަރުވެރިގޮތަކަށެވެ. އެއަށްފަހު އީވާއާ ދާދިގާތުގައި އޭނާއާ ނަޒަރުހަމަކޮށްލަމުން އިށީނެވެ. ދުވަމުންއައި ފަރުހަކިވަސް ކުއްލިއަކަށް އީވާއަށް މީރުވަހެއްގެ ގޮތުގައި އިޙްސާސްކުރެވެންފެށީ ކީއްވެހެއްޔެވެ؟

****

އާކިފްއަށް ގެއަށް އާދެވުމާއެކު އަވަސް އަވަހަށް ފެންވަރާލަން ފާހާނައަށް ވަނެވެ. ހަމްނާ އައިސް މަންމަމެންނާ އެކު ބަދިގެއަށް ވަނެވެ. އާކިފް ފެންވަރަމުން ދިޔައިރު އޭނާގެ ހަރަކާތްތައް ހުރީ އަވަސް ވެފައެވެ. އޭނާގެ ހިތް ބުނަނީ އީވާ އަދިވެސް އިންނާނީ ފާލަންމަތީ އެކަންޏެވެ. އެއީ ވަރަށް ގޮތްދޫ ނުކުރާ ކުއްޖެކެވެ. އެމަންޖެގެ މޫޑު ހަރާބުވީ ކީއްވެތޯ ސުވާލުކޮށްލަން ބޭނުމެވެ. އާކިފް ބޭބުންވީ ފެންވަރާލައިގެން ތުނޑީފާލަން ދޮށަށް ގޮސް ބަލާށެވެ. އީވާ އިނިއްޔާ އީވާއާ ހަމަޖެހިލައިގެން ވާހަކަ ދައްކާލާނެ އެއަށްވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނެއެވެ.

އަވަސް އަވަހަށް ފެންވަރާލައިގެން އާކިފް ނިކުމެ ރީތިވެލިއެވެ. ދެކޮނޑަށް ފޮގް ސެންޓް ބުރުވާލައިގެން ކޮޓަރިން ނިކުތްއިރު ހަމްނާ ފެންނާކަށް ނެތެވެ. ބަދިގެއަށް ހަމްނާހޯދަން ދިއުމުގެ ބަދަލު އާކިފް ނިކުތީ ބޭރަށެވެ. ނަމަވެސް މިސްކިތް ހުރީ ގެ ކައިރީ ކަމުން ނަމާދުކޮށްނުލާ އެއްވެސް ތާކަށް ދާކަށް އާކިފްގެ ޟަމީރު އެއްބަހެއް ނުވިއެވެ.

*****

އާކިފް އެހެންނާ އުޅޭގޮތާ މިރޭ ތަފާތެވެ. އޭނާގެ ދެލޮލުގައި ވަނީ މަސްތީ ގޮތެކެވެ. ހިތްތައް ފަތަޙަކޮށްލާހާ އާދަޔާ ޚިލާފު ބާރެކެވެ. އީވާއާދިމާ އާކިފް ބަލަމުންދިޔަ ގޮތުން އީވާއަށް ޖެހުނީ ލަދުން އިސް ޖަހާލާށެވެ. އާކިފް އީވާގެ ކޮނޑުމައްޗަށް އަތްވައްޓާލައިގެން މަޑުމަޑުން އީވާގެ ކޮލުގައި ފިރުމާލިއެވެ. އެ ފިރުމުމުގައި ކުރަކި ކަމެއްވީ ނަމަވެސް އީވާއަށް ފަރުވާލެއް ނެތެވެ. އީވާގެ ހިތާ ޖާނު އާކިފަށްޓަކާ ޤުރުބާންވާހާވެއެވެ. ނަމަވެސް އިސްނަގާކަށް ނުކެރެއެވެ. އީވާގެ ހިތް އާކިފަށް އެނގޭނެނަމައޭ އީވާގެހިތަށް އެރިއެވެ.

****

އާކިފް ނަމާދު ނިމިގެން މިސްކިތުން ނިކުމެ މިސްރާބުޖެހީ ތުނޑީ ފާލަމަށެވެ. އޭރު ދުނިޔެމަތި އަނދިރިވަމުން ގޮސް ތަންދޮރު ވަކިނުވާވަރު ވާން ވަނީ ކައިރި ވެފައެވެ. ތުނޑިއަށް ދާން ހުންނަ މަގުގެ ފިތުރޯނު ގަސްތަކު ދަށުން އާކިފް ދިޔައިރު މުޅިހިސާބަށް ފެތުރިފައިހުރި ފަރުހަކިވަސް އާކިފަށް އުނދަގޫކުރަމުން ދިޔައެވެ.

****

“ކިހިނެއްވީ؟” ކުއްލިއަކަށް އާކިފްގެ މޫނުމަތީ ހުރި ހިނިތުން ފިލާ ދިއުމުން އީވާއަށް އަހާލެވުނެވެ.

އާކިފް ފަސް އެނބުރި ބަލައިލިއެވެ. އޭނާގެ މޫނުމަތީގައި މިހާރުވަނީ ސީރިއަސް ކަމެވެ. ކުއްލިއަކަށް އާކިފްގެ މޫނުގެ ކުލަވަރު ބަދަލުވުމާއެކު އީވާއަށް އެމޫނުގައި ބިރުވެރި ސިފައެއް ވާހެން ވުމާއެކު އީވާއަށް އެމޫނުގައި ބިރުވެރި ސިފައެއް ވާހެން ފަނޑުއަލީގައި ހީވިއެވެ. އަދި ޖެހިލުންވާގޮތް ވިއެވެ.

ދެވަނަ ސިކުންތުގައި އާކިފް ކުރިއެކޭ އެއްގޮތަށް ހިނިތުންވެލަމުން އެނބުރިލިއެވެ.

“ހިނގާ މޫދަށް އެރެން..” އީވާގެ އަތުގައި ހިފާ ދަމާލަމުން އާކިފް ތެދުވިއެވެ.

“މިގަޑީގަ؟ މަށަކަށް ނުކެރޭނެ.” އީވާ އަތް ފޮޅާލަމުން ދެކޮޅު ހެދިއެވެ.

އީވާގެ ޖަވާބާއެކު އާކިފްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާލުވި ނަމަވެސް އެކަން ނުދައްކާ ވީހާވެސް އަވަހަކަށް އީވާގެ ބޮލަށް އެރިގެން އީވާ މޫދަށް ވައްޓާލަން އާކިފް ބޭނުންވާ ކަހަލައެވެ.

“ކިހާ ރޮމޭންޓިކް ވާނެ މިގަޑީ މޫދަށް އެރެން.. އާދޭ އަހަރެންނާއެކު ފުއްމާލަން” އާކިފް އީވާއަށް ނަޒަރުހަމަކޮށްލީ އެ ނަޒަރުގެ ޖާދޫގައި އީވާ ޖެއްސުމުގެ ބޭނުމުގައެވެ. އީވާއަށް ދެކޮޅުހެދުންވީ އުނދަގޫ ކަމަކަށެވެ.

“ބިރުގަނޭ” އާކިފްއާ ނަޒަރު ވަކިކޮށްނުލައި އީވާ ޖަވާބު ދިންއިރު އެ އަޑުގައިވީ ހަމަހިމޭން ކަމެކެވެ.

އާކިފް މޫދަށް ފުއްމާލިއެވެ. އެއަށްފަހު އީވާއަށް އައުމަށް އެދުނެވެ. އޭނާގެ މަސްތީލޮލުގެ ޖާދޫގައި އީވާ ޖައްސާ ބަނދެލަމުންނެވެ. މަޑުމަޑުން އީވާއަށް ފާލަން މައްޗަށް ތެދުވެވުނެވެ. އޭނާ ފުއްމާލަން އެއުޅެނީ އޭނާގެ ކައްވަޅައްކަން އޭނާއަށް އެނގޭނެ ނަމައެވެ.

****

ހަރު ފިޔަވަޅުތަކެއްގައި، ދުވަމުންދިޔަ ފަރުހަކިވަހުން އުނދަގޫވެ ނޭފަތްމަތީ އަތްއަޅައިގެން އައިސް އާކިފް ފާލަމާ އަރާ ހަމަވިއިރު ފަނޑުއަލިކަމުގައިވެސް އީވާ ފާލަން މައްޗަށް ކޮޅަށް ތެދުވިތަން ފެނުނެވެ. އޭނާގެ ހަރަކާތްތަކުން އެއުޅެނީ މޫދަށް ފުއްމާލަން ކަން އެނގުމާއެކު އާކިފްގެ އިސްތަށިތައް ކޮޅަށް ޖެހުނީ ސިކުނޑި ދިން ނުބައި ސިގްނަލަކުންނެވެ.

“އީވާ..!” އާކިފް އަޑުގަ ނެތްތަނަށް ހަޅޭލަވައިގަތެވެ.

ހުވަފެނަކުން މީހަކު ހޭލާފަދައިން ސިހިފައި އީވާއަށް ބަލައިލެވުނީ އަޑުއައި ދިމާލަށެވެ. އޭރު އާކިފް ފާލަން މަތިން ދުވެފައި އަންނަތަން ފެނުނެވެ.

“މިހާރު ފުއްމާލާ!” ބަރު، ބިރުވެރި އަޑަކުން މޫދުތެރެއިން ހަޅޭއްލަވައިގަތުމާއެކު އީވާއަށް މޫދަށް ނަޒަރު ހިންގާލެވުނެވެ. ބޮޑު ރަތް ދެލޯލީ އެ މަޚްލޫޤުގެ ބޮލުން މައްޗަށް ފުރަގަހަށް ތޫނު ކަށިތަކެއް ނިކުންނަމުން އާކިފްގެ ސޫރައިން އެހުރެގެން ބަދަލުވަނީ ފިތްކަނޑައިގެންދާކަހަލަ ހުތުރު ބިރުވެރި ސިފައަކަށެވެ. އީވާގެ ފުރާނަ ލުހިގެން އައިކަހަލައެވެ. ހަޅޭލަވައިގަނެވުނީ އަޑު އުފުރައިގެން ދާވަރަށެވެ.

އީވާއަށް ލޯހުޅުވައިލެވުނީ ހީކަރުވައި ތުރުތުރު އަޅައިގަނެގެނެވެ. އޭރު އޭނާ ބާއްވާފައި އޮތް ފަތްޖެހި އެނދު ކައިރީ މުސްކުޅި މުދިންބެ އިނދެގެން ކުރުސި ކިޔަވަމުން އޭނާގަޔަށް ފެން ބުރުވަމުން ދިޔައެވެ. އޭރު އީވާއޮތީ ހުން އައިސް ރަތްވެފައެވެ.

“މީ މޮންކަމެއް..” އީވާ ވާނުވާ ނޭނގިގެން ވަށާ ހޯދާލަމުން އަހައިލިއެވެ. “މަންމާ.. ކިހިނެއް ވީތަ؟” ގިސްލަމުން އައިސް އީވާގެ ބޮލުގައި ފިރުމާލި ހުސްނާ ގާތު އޭނާގެ ތުރުތުރުލަމުން ދިޔަ އަޑުން އަހައިލިއެވެ. އީވާއެއްމެފަހުން ހަނދާންވަނީ ހަވީރު ދުވަންދާންވާއިރަށް ނިދާލެވޭތޯ އެނދަށް އެރިކަމެވެ.

މުދިންބެ ބޯހޫރާލި ތަން ހުސްނާއަށް ފެނުމުން ހުސްނާވެސް ދަރިފުޅަށް ވީގޮތް އެވަގުތު ކިޔާދޭކަށް ބޭނުމެއް ނުވިއެވެ.

“އީވާ މާބޮޑަށް ހުންގަދަވެގެން އުޅެންހެދީމަ މުދިންބެ ގެނެސް ފެންފޮދެއް ކިޔަވާލަނީ. މިހާރު ކިހިނެއް؟” ހުސްނާ ހިނިތުން ވެލީ ގަދަކަމުންނެވެ.

“މަންމަމެންގެ ވެސް ބޯދާކަން..” އީވާ ޗޮކެއް ކަނޑާލިއެވެ. “މުދިންބެ ފެންކިޔަވައިގެން ހުން ރަނގަޅުވޭތަ؟ މަރުކަޒަށް ގެންދިޔަނަމަ އެއްނު؟”

ދޮރުން ބޯދީގެން ހުރި އާކިފްއަށް ހިނިތުން ވެލެވުނެވެ. ކަންތައް ވީގޮތް އީވާގެ ހަނދާނުގައި ނެތްކަން ނަސީބެކޭ އޭނާގެ ހިތަށްއެރިއެވެ.

އެގޭ ފެންޑާއަށް އެއްވެފައި ތިބި މީހުންގެ ތެރެއިން ދެބައި އުމުރުގެ ހާދީ، ދޮންމަނިކަށް ވީގޮތް ކިޔައިދެމުން ދިޔައެވެ.

“ޝިހާބުގެ ސޮރަށް އެމަންޖެއާ އަރާ ހަމަކުރެވުނީ އެމަންޖެ ހޭހުސްވެގެން ފާލަން މައްޗަށް ދެމުނުތަނާ. އެސޮރުބުނީ ބޮޑު ބަޑިއެއް ޖަހާފަ ކަނޑާދިމާލަށް އެއްޗެއް ބާނި އަރުވާފަ ދިޔަ މަންޒަރު ދެކުނީމޯ. އެސޮރަށް އެވަގުތު ނުދެވުނުނަމަ އެމަންޖެގެ ވަސްވެސް ނެތީސް.”

-ނިމުނީ-

4
1
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”އަވަ“

  1. މަހީކުރީ ގުޑޫއަކީ އެންހެން ކުއްޖެއްކަމަށް. އަދި މި އެގުނީ ފިރިހެން ކުއްޖެއްކަން. އަސްލު ގުޑޫގެ ފުރިހަމަ ނަމަކީ ކޮބާތަ؟

    ހަމަ ރީތި ވަހަކަތައްވެސް.

    4

    0
  2. Alhe dhn haadha vaanuvaa ga ey dhw…vaahaka liyumuge kurin thimaa ah kiyaa nan badhalu kohlan v ennun..gudu meena oo..???

    1

    0

Leave a Reply

Your email address will not be published. Required fields are marked *