ހިތާމަ ލޯބީގެ

އިސްކު ( 22 )

ވެއްޓި ޖެހުނުގޮތުން ވީތަދާއި އިނާ ފައިން ޖެހުމުން މެޔަށް ވަމުންދާ ތަދުގެ އިތުރުން ބިއްލޫރިގަނޑު ތަޅައިގެން ގޮސް ވެފައިވާ ޒަހަމުގެ ސަބަބުން ނާއިޒްގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.

އެނދާއިއެކު ދެއަތް ބަނދެފައިވާ އިނާ ސަލާމަތްވުމަށް މަސައްކަތް ކުރަމުން ރޮމުން ދިޔައެވެ. ކަންތައް ވެފައިވާ ގޮތުން ވަގުތު އައިސް ޖެހުނީކަން އެނގުނު ނަމަވެސް އިނާ އުންމީދު ނަގައެއް ނުލައެވެ. ހިތްވަރު ދުލެއް ނުކުރެއެވެ.

އިނާ ސަލާމަތްވެއްޖެނަމަ ލަންމާ މަރާލީ ނާއިލްކަން ސާބިތުކޮށްދޭނެކަން ނާއިޒަށް އެނގެއެވެ. ވަމުންދާ ތަދާއި އަޅަމުންދާ ވޭނަށް މާބޮޑު ސަމާލުކަމެއް ނުދީ ނުހަނު ހިތްވަރާއިއެކު މަޑުމަޑުން ނަމަވެސް ނާއިޒް މަސައްކަތް ކުރަމުން ދިޔައީ އިނާއާ ހަމައަށް ދެވޭތޯ އެވެ.

އުންމީދު ނަގާނުލައި ރޮމުން ރޮމުން ނަމަވެސް ގަދަހިތްވަރާއިއެކު އިނާ މަސައްކަތް ކުރަމުން ދިޔައެވެ. އިނާ ކުރަމުންދިޔަ މަސައްކަތުން އެ ދެ ވާގަނޑު ކޮންމެ ވެސް ވަރަކަށް ދޫވެ އިނާއަށް އަނގަ ޖެހޭވަރު ވިއެވެ. އިނާ އަވަސް އަވަހަށް އަނގައިން އެއް ވާގަނޑު މޮހާލި އެވެ.

ވާގަނޑު މޮހާލައިގެން ސަލާމަތްވުމަށް އިނާ މަސައްކަތްކުރަމުން ދަނިކޮށް ނާއިޒް އައިސް ކޮޓަރިއަށް ވަތްތަން ފެނުމާއިއެކު އަޑުގެކޮޅަށް އިނާއަށް ރޮއި ގަނެވުނެވެ. އަވަސް އަވަހަށް ތެޅިގަނެވުނެވެ.

އިނާއާ ދިމާއަށް އަންނަން މަސައްކަތް ކުރަމުންދަނިކޮށް ނާއިޒްގެ ޚަބަރު ހުސްވުން ކަހަލަ ކަމެއް ދިމާވެގެން ތަޅުންމައްޗަށް ވެއްޓިއްޖެ އެވެ.

އިނާ އަވަސް އަވަހަށް ދެއަތް މޮހާލައިގެން އެނދުން ފޭބިއެވެ. ފަރުވާތެރިކަމާއި ޝައުޤުވެރިކަމާއިއެކު ނާއިޒަށް ބަލަމުން ބަލަމުން ގޮސް ކޮޓަރިން ނުކުތެވެ.

އިނާ ދުވެފައި ގޮސް މަގަށް ނުކުމެ ދެކޮޅު ހޯދާލިއިރު މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދުއްވާ އެއްޗެއް ވެސް ދަތުރު ކުރަމުން ދާތީ ފެންނާކަށް ނެތެވެ. އެއާއެކު އިނާގެ ހާސްކަން އިތުރުވިއެވެ.

ގޯތިވަށާލާފައި ގޮސް އަނެއް މަގަށް ނުކުތުމާއިއެކު އިނާގެ ލޮލުގައި އަޅައިގަތީ މަގުގެ އަނެއްފަރާތުގައި ޕާކުކޮށްފައި އޮތް ކުޑަ ޕިކަޕެވެ. ދުވެފައި ގޮސް ބަލާލިއިރު ތަޅުދަނޑިއެއް ނެތެވެ. ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ހީކުރެވުމާއިއެކު އިނާއަށް ބާރަށް ރޮއި ގަނެވުނެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ވަށައިގެން ހޯދާލިއިރު އެހިސާބުން އިތުރު އުޅަނދެއް ފެންނަން ނެތުމުން މިޕިކަޕަކީ ނާއިޒް އައިސް އުޅޭ ޕިކަޕަށް ވެދާނެކަމުގައި އިނާއަށް ގަބޫލު ކުރެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އިނާ ގެއާއި ދިމާއަށް ދުއްވައިގަތީ ކޮންމެ ވެސް ކަމެއް ހަނދާން ވެގެންކަން ޔަގީނެވެ. އިނާ ދުވެފައި ދިޔަގޮތަށް ގޮސް ގޭތެރަށް ވަތް ނަމަވެސް ކޮޓަރިއާ ދިމާއަށް މިސްރާބުޖެހީ ފިޔަވަޅުގެ އަޑު ވެސް ނީވޭހާ މަޑުމަޑުން ނެވެ.

އިނާ ގޮސް ބަލާލިއިރު ނާއިޒް ކުރިން ވެސް އޮތްގޮތަށް އޮތެވެ. އިނާއަށް ހަމަޖެހުމުގެ ނޭވާއަށް ލެވުނެވެ. މަޑުމަޑުން ނާއިޒާއި ގާތަށް ޖެހިލަމުން ޕިކަޕްގެ ތަޅުދަނޑި ފެންނަން އޮތްތޯ ބަލާލި އެވެ.

ނަސީބާމެދު އިނާއަށް ހިނިތުން ވެލެވުނީ ނާއިޒްގެ ޖީބުން ތަޅުދަނޑި ފެންނަން އޮތުމުންނާއި ތަޅުދަނޑީގެ ފުލުގައި ލާފައިވާ ހިމަހިމަ ޗޭނުފަށް ތަންކޮޅެއް ދުރަށް އައިސްފައި އޮތުމުން ނެވެ.

މަޑުމަޑުން ނާއިޒާއި ދިމާއަށް ގުދުވެ ޗޭނުފަށުގައި ހިފައި މަޑުމަޑުން ދަމަމުން ދިޔައިރު އިނާގެ އަތުގައި ކޮންމެ ވެސް ވަރެއްގެ ތުރުތުރު ލުމެއް ވެސް ހުއްޓެވެ. އަދިވެސް އޭނަ ހުރީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ.

އިނާ އެތައް އިރަކު ކުރި މަސައްކަތުން ތަޅުދަނޑި ނެގިއްޖެ އެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ގެއިން ނުކުންނާން ދުއްވައި ގަތެވެ.

ތަޅުދަނޑި ހިފައިގެން އިނާ ނުކުތުމާއިއެކު ނާއިޒް ލޯ ހުޅުވާލި އެވެ.

އިނާ ދުވެފައި އައިސް ޕިކަޕަށް އަރާ ސްޓާޓްކުރެވޭތޯ މަސައްކަތް ފެށިއެވެ. އެހެނަސް ގަތްފައިވާ ބިރުގެ ސަބަބުން އަތް ތުރުތުރު އަޅާތީ ތަޅުވަޅާއި ތަޅުދަނޑި ދިމާކުރުމަކީ އިނާއަށް އުނދަގޫ ކަމަކަށް ވިއެވެ. އެއާއެކު މަޑުމަޑުން ރޮވެން ވެސް ފެށިއެވެ.

ފަސްވަރަކަށް މިނިޓް ކުރިމަސައްކަތުން ޕިކަޕް ސްޓާޓްކުރިއިރު ނާއިޒް އައިސް ޕިކަޕްގެ ފަހަތަށް އެރިކަމެއް އިނާއަކަށް ނޭނގެ އެވެ. ޕިކަޕް ސްޓާޓް ކުރެވުމާއިއެކު އަވަސް އަވަހަށް ދުއްވާލި އެވެ.

ޕިކަޕް ދުއްވާލެވުމުން އިނާ ކުޑަކޮށް ހަމައަކަށް އެޅުނު ނަމަވެސް، ވެފައިހުރި ހާސްވުމެއްގެ ސަބަބުންނާއި ގަތްފައިވާ ބިރުގެ އިތުރުން އެފަދަ އެއްޗެއް ދުއްވަން އެންމެ ރަނގަޅަކަށް ނުވެސް އެނގެ އެވެ. އަނދިރި މަގުތަކުގައި ޕިކަޕް ދުއްވަމުން ދިޔައިރު ވެސް އިނާ އިނީ ކޮންމެ ވެސް ވަރަކަށް ރޮވިފަ އެވެ.

ޕިކަޕްގެ ބިއްލޫރިގަނޑު ފަހަތުން ހުރި ދަގަނޑުގައި ހިފަހައްޓާލަމުން ނާއިޒް ކޮޅަށް ތެދުވި ނަމަވެސް އިނާ އަކަށް ތަނެއް ދޮރެއް ނޭނގެ އެވެ. ވަރަށް އަވަސް ހަރަކާތްތަކަކާއިއެކު ނާއިޒް އޭނާގެ އަތުގައިއޮތް ދަގަނޑުގަނޑަކުން ޖަހައި ޕިކަޕްގެ ބިއްލޫރިގަނޑު ތަޅާލިއެވެ. ގަތްބިރާއިއެކު އަޑުގެކޮޅަށް ރޮއިގަންނަމުން އިނާ ހަޅޭލަވައި ގަތެވެ.

ނާއިޒް އަވަސް އަވަހަށް ފުރަގަހުން އަތްލާ އިނާގެ ކަރުގައި ހިފިއެވެ. އެހެނަސް ނާއިޒްގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ޕިކަޕްގެ މިސްރާބު ރަނގަޅަށް ބެހެއްޓޭތޯ އިނާ މަސައްކަތް ކުރަމުން ދިޔައެވެ.

ނާއިޒް އެތައް އިރަކު ކުރި މަސައްކަތުން އިނާގެ އަތުން ހުންގާނު ދޫވެ ޕިކަޕްގެ މިސްރާބު ބަދަލުވި އެވެ.

އިނާގެ ކަރުގައި ހިފާ ބާރުކުރަމުން އިނާގެ ނޭވާ ހާސްކޮށް ލެވޭތޯ ނާއިޒް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އިނާ ވެސް ހިތްވަރު ދޫކޮށްނުލައި ނާއިޒްގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

މިސްރާބު ބަދަލުވެގެން ދިޔަ ޕިކަޕް މަގަށް ތެދުކުރަން ފުރުސަތެއް ލިބޭތޯ އިނާ މަސައްކަތްކުރި ނަމަވެސް އެއްވެސް ފުރުސަތެއް ނުލިބި ޕިކަޕް ދިޔަގޮތަށް ގޮސް ވެއްޓުނީ މަގުގެ އެއްފަރާތުގައިވާ ކަނޑޫކުޅިއެއް ކަހަލަ ބޮޑު ފެންގަނޑަކަށެވެ.

ނާއިޒް އޭނާގެ މަސައްކަތް ކާމިޔާބުވޭތޯ މަސައްކަތް ކުރަމުން ދިޔައިރު، ރޮމުން އާދޭސް ކުރަމުން ނާއިޒްގެ ކިބައިން ސަލާމަތްވުމަށް އިނާ ކުރަމުންދިޔަ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދިޔަ އެވެ. އިނާގެ އަޑު ކަނޑުވާލުމަށްޓަކައި އަނގަ ބަންދު ކޮށްލަން މަސައްކަތް ކުރި ވަގުތު ނާއިޒްގެ އަތުގައި އިނާ ދަތްއެޅުމުން ވީތަދާއިއެކު ހަޅޭލަވައިގަންނަމުން އިނާގެ ގައިން ނާއިޒް ދޫކޮށްލި އެވެ.

ނާއިޒްގެ އަތްދަށުން ސަލާމަތްވުމާއިއެކު ޕިކަޕުން ފުންމާލައިގެން އިނާ އުޅުނީ ކޯރުގެ އަނެއް ފަރާތަށް ދާށެވެ. އެހެނަސް އިނާގެ އުނަގަނޑާއި ހަމައަށް ކޯރުގައި ފެން ހުރުމާއި ފެންގަނޑުތެރޭ ޗަކަ ހެދިފައިވުމުން ހިނގަން ވަރަށް އުނދަގޫވި އެވެ.

އިނާއަށް ތަންކޮޅަކަށް ވެސް ނުދެވެނީސް ނާއިޒް ޕިކަޕުން ފުންމާލައިގެން އައިސް އޭނާގެ ގައިގައި ހިފެހެއްޓި އެވެ. އަދި ގަދަކަމުން ދަމާފައި ކަހަލަގޮތަކަށް ޕިކަޕް ކައިރިއަށް ގެންގޮސް އިނާގެބޮލުން ޕިކަޕްގެ ޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނާއިޒް މަސައްކަތްކުރަމުން ދިޔައީ އިނާގެބޮލުން ޕިކަޕްގަޖަހާ ބޯފަޅާލާން ނަމަވެސް އިނާ ކުރަމުންދިޔަ މަސައްކަތުގެ ސަބަބުން ނާއިޒަށް ކާމިޔާބުވާގޮތެއް ނުވެއެވެ.

ކުއްލިއަކަށް ނާއިޒްގެ އަތްދަށުން ދެމިގަންނަން މަސައްކަތް ކުރަމުން އިނާ ހޫރާލިއަތް ޖެހުނީ ނާއިޒްގެ އަނގަމަތީގަ އެވެ. ޖެހުނުލެއް ބާރުކަމުން އަނގަމަތި ފަޅައިގެން ގޮސް ވީތަދާއިއެކު ނާއިޒަށް އިނާގެގައިން ދޫކޮށްލެވުނެވެ. ނާއިޒްގެ ތުންފަތުން ލޭ އަންނަމުން ދިޔައެވެ.

އޭނާގެގައިން ނާއިޒް ދޫކޮށްލުމާއިއެކު އިނާ އަނެއްކާ ވެސް މަސައްކަތްކުރީ އެއްގަމަށް އަރާށެވެ. އެހެނަސް ނާއިޒް އަނެއްކާ ވެސް އައިސް އިނާގެގައިގައި ހިފެހެއްޓިއެވެ. އެއާއެކު އިނާގެ ކަރުގައި ހިފިއެވެ.

ކުރަން ޖެހުނު ގަދަފަދަ ހަނގުރާމައިގެ ސަބަބުންނާއި ރޯން ޖެހުނު ރުއިމުގެ ސަބަބުން ވަރުބަލިވެފައި ހުރި އިނާ އަކަށް މިފަހަރު އެއްވެސް ކަމެއް ނުކުރެވުނެވެ. އިނާގެބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައި ވާންކޮށްލަމުން ދެތިން ފަހަރަކު ގަންބާލާފައި ނެގިއިރު އިނާ ހުރީ ނޭވާ ހާސްވެ ދެލޯ ބޮޑުވެ އަނގަ އާއި ނޭފަތުން ލޭ އައިސްފަ އެވެ. އަތްފައިންނާއި ހަށިގަނޑުން ބާރުދެރަވެ ވަރު ހުސްވެފަ އެވެ.

ކޯރުގެ އަޑިއަށް އިނާ ގަންބާލައި އޭނާގެ ބޮލުގައި ހިފަހައްޓާލައިގެން ނާއިޒް ހުއްޓެވެ. މަރުން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ އިނާގެ އަތުގައި ނާއިޒްގެ ޖިންސް ޖީބުބޭރަށް ލައްވާފައިއިން ހަންޖަރުޖެހުމާއިއެކު ދަމައި ގަތެވެ. އަދި ނާއިޒަށް އެއްވެސް ފުރުސަތެއް ނުދީ ނާއިޒްގެ ބަނޑަށް ހަންޖަރު ހަރާލި އެވެ. ވީތަދާއި ލިބުނު ރިހުމުގެ ސަބަބުން ނާއިޒަށް ކެތް ނުވެގެން އަޑުގެކޮޅަށް ރޮއި ހަޅޭލަވައި ގަންނަމުން އިނާގެ ގައިން ދޫކޮށްލި އެވެ. އެއާއެކު އިނާ ފެންގަނޑު ތެރޭން ތެދުވަމުން ނާއިޒްގެ ބޮލުގައި ޖެހިއެވެ. އިނާ ޖެހިލެއް ބާރުކަމުންނާއި ޖެހިގޮތުން ނާއިލްގެބޮލަށް އެނބުރުން އަރައި ޚަބަރު ހުސްވެގެން ފެންގަނޑުގެތެރެއަށް ވެއްޓިއްޖެއެވެ.

ޚަބަރު ހުސްވެގެން ފެންގަނޑުތެރެއަށް ވެއްޓުނު ނާއިޒްގެ އަތުގައި ހިފާދަމާފައި ކަހަލަގޮތަކަށް އޭނަ ގޮވައިގެން އިނާ އެއްގަމަށް އައެވެ. އިނާއަށް އެހިސާބަށް އާދެވުނުއިރު ޕޮލިހުން ވެސް އެހިސާބަށް އައިސްފި އެވެ.

ނާއިޒާއި އިނާގެ މެދުގައި ކަންތައްތަކެއް ހިނގައިގެން އުޅޭކަން އަތީލަށް އެނގުނީ އިރުއެރި ފަހުންނެވެ. ޚަބަރު ލިބުމާއިއެކު އަތީލް އަވަހަށް އެގެއަށް ދިޔައެވެ. އަތީލް ދިޔައިރު އިނާ އޮތީ ނިދާފައެވެ.

އިނާއަށް ހޭލެވުނީ ކޮންމެ ވެސް މީހެއްގެ ހިލަމެއް ވެގެންނެވެ. ހޭލެވުމާއިއެކު އަވަސް އަވަހަށް ލޯހުޅުވާލަމުން ކާކުތޯ ބަލާލި އިރު އެއީ އަތީލް އެވެ.

” ކުޅަދާނަ ތެޅުންތެރިޔާ. ކާމިޔާބު ހަނގުރާމަވެރިޔާ. ” އިނާއަށް ބަލާލަމުން އެހެން ބުނުމަށްފަހު އަތީލް އައިސް އިނާގެ މަގަތުން އިށީނެވެ. އިނާ ތެދުވެ އެނދުގައި އިށީންނަމުން އަތީލަށް ބަލާލިއިރު މޫނުމަތިން ފެންނަމުންދަނީ ހާސްކަމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.

” އޭތް! ބައިވަރު މީހުން އައިސް އެބަތިބި އެ ކުއްވެރިޔާ އަތުލައިގަތް ކުޅަދާނަ ފަހުލަވާނާއި ބައްދަލުކުރަން … ހިނގާ އަވަހަށް ބޭރަށް ދާން. ” އިނާގެ މޫނަށް ބަލާލަމުން އަތީލް ވާހަކަދެއްކި އެވެ.

” އަހަރެން ބޭނުމެއްނޫން އެހެން އެއްވެސް މީހަކާއި ބައްދަލުކުރާކަށް. ” އަތީލަށް ބަލަން އިނދެ އިނާ ޖަވާބު ދިނެވެ.

” އިނާ! ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ. އެމީހެއްގެ ކުށުގެ ބަދަލު ހޯދަން ކޮންމެ ވެސް މީހަކު ދަސްކުރީ ކަލޭގެ ކިބައިން. ” އިނާއަށް ބަލަން އިނދެ އަތީލް ވާހަކަދެއްކި އެވެ.

” އަހަރެން އެކުވެރިކަން ދަމަހައްޓަން ދަސްކުރީ އަތީލްގެ ކިބައިން. ޝުކުރިއްޔާ! ” އަތީލަށް ހިނިތުންވެލަމުން އިނާ ބުނެލިއެވެ.

އަތީލް މަޑުމަޑުން ތެދުވެގެން ގޮސް ކުޑަދޮރުގެ ފޮތިތައް ކަހާލިއެވެ. އެއާއެކު އިރުގެއަލި ސީދާ ކޮޓަރިތެރެއަށް ފޯރިއެވެ.

އެނދާއި ދިމާއަށް އަތީލް ބަލާލިއިރު އަތީލަށް ބަލަހައްޓައިގެން ހިނިތުންވެފައި އިނާ އިނެވެ.

” ތެދުވޭ …. ތެދުވެގެން އަހަރެން ކައިރިއަށް އާދޭ …. އަހަރެން އަބަދު ވެސް މި އިންތިޒާރުކުރަނީ އިނާއަށް. ” ނުހަނު އުފާވެ ހިތްހަމަޖެހިފައި ހުރި އަތީލް އިނާއާ ދިމާއަށް ދެއަތް ދިއްކޮށްލަމުން ހިނިތުންވުމާއިއެކު ވާހަކަ ދެއްކިއެވެ.

” އެކީއްވެ؟ ” އިނާ އަހާލިއެވެ.

އިނާ މަޑުމަޑުން ތެދުވެގެން އައިސް އަތީލްގެ ކައިރިއަށް ހުއްޓި އަތީލް ބޭނުންވި ފަދައިން އަތީލްއާ ބައްދާލަމުން އަތީލްގެ މޭގައި ބޯއަޅާލިއެވެ. އެއާއެކު އަތީލް ވެސް އިނާގެގައިގައި ބައްދާލިއެވެ.

” އެއީ ކީއްވެގެންކަމެއް ނޭނގޭތަ؟ ” އަތީލް އަހާލިއެވެ.

” އެއީ އަތީލް އަހަރެންނަށްދިން ލޯތްބާއި އެހީގެއަގު ” މަޑުމަޑުން އިނާ ބުނެލިއެވެ.
ނިމުނީ

1
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 22 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އިސްކު ( 22 )“

Leave a Reply

Your email address will not be published.