ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 10 )

” އަދި އެއްވާހަކަ ބުނަން. ކަލާ ކުރިޔަށްވުރެ މިހާރު މާރީތި … އަހަރެން ވަރަށް ލޯބިވޭ. ” ނީމާގެ ބޮލުގައި ފިރުމާލަމުން އާސިމު ވާހަކަދެއްކި އެވެ.      

” ދެން ދަނީ. ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” ނީމާގެ ކޮލުގައި ކިސްކޮށްލަމުން އެހެން ބުނުމަށްފަހު އާސިމު ގޮސް އެގެއިން ނުކުތެވެ. ކޮންމެ ވެސް ވަރަކަށް ހިތްނުތަނަވަސްވެފައި އާސިމަށް ބަލަން ހުރުން ނޫން އެހެންކަމެއް ނީމާއަކަށް ނުކުރެވުނެވެ.  

މަޑުމައިތިރި ހިނގުމެއްގައި އާސިމު ދިޔަގޮތަށް ގޮސް އޭނާގެ ގެއަށް ވަނެވެ. އެގޭގެކޮޓަރިތައް ހުންނަނީ ފެންޑާއަށްވުރެ ދެފޫޓެއްހާ ހިސާބު މަތީގައެވެ. ވަށައިގެން ނަޒަރުހިންގާލަމުން ކޮޓަރިއާ ދިމާއަށް އާސިމު ހިނގައި ގަތެވެ.                  

ކޮޓަރިއަށް ވަދެވުމާއިއެކު އާސިމު އެންމެ ފުރަތަމަ ވެސް ބަލާލީ މޭޒުމަތީގައިވާ ފޮޓޯފުރޭމަށެވެ. އެ ފޮޓޯފުރޭމުގައި ވަނީ ނީމާގެ ފޮޓޯގަނޑެކެވެ.        

ފޮޓޯގަނޑާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އާސިމު ގޮސް ކުޑަދޮރުން ބޭރު ބަލާލިއެވެ. އެދިމާއިން ވަރަށް ރީތިކޮށް ނީމާ އުޅޭގެ ފެނެއެވެ. ފެންނަމުންދިޔަ މަންޒަރަށް ބަލަހައްޓައިގެން ހުރި އާސިމު ސިއްސައިގެން ދިޔައީ ނީމާ އުޅޭ ގެކައިރިން ކައުންސެލަރ އަސްނާދާއި ރަށުއޮފީސްކާރު ފެނުމުންނެވެ. އެ މަންޒަރު ފެނުމުން އާސިމު ކޮންމެ ވެސް ވަރަކަށް ހައިރާން ވެސް ވިއެވެ.                                 

އަސްނާދުގެ ހަރަކާތްތަކަށް ބަލާލުމުން އޭނާ އޭރު މޯބައިލްފޯނަކުން ކޮންމެ ވެސް މީހަކާއި ވާހަކަ ދައްކަމުންދަނީކަން އެނގެއެވެ. އެއީ އާސިމަށް ހީވާގޮތެއްކަމަށް ބަލައި ދެފަހަރަކު ލޯފޮހެލި ނަމަވެސް ބަދަލެއް ނައެވެ. އެތަނުގައި އެހުރީ އަސްނާދު ކަމާއި މިގަޑީގައި އެތަނުން އަސްނާދު ހުރުމުގައި ކޮންމެ ވެސް ސިއްރެއް ވާނެކަމުގައި އާސިމަށް ގަބޫލު ކުރެވުނެވެ. އާސިމަށް ނީމާ ކަންތައްތަކެއް ސިއްރު ކުރާކަމަށް ވެސް ގަބޫލު ކުރެވުނެވެ. އާސިމުގެ ވިސްނުން ރުޅިވެރިކަމަށް ބަދަލުވި ކަހަލައެވެ. މަޑުމަޑުން ގޮސް މޭޒުކައިރިއަށް ހުއްޓެމުން ނީމާގެ ފޮޓޯއަށް ބަލާލިއެވެ.                   

ވަރަށް ސަޢުޤުވެރިކަމާއިއެކު ނީމާގެ ފޮޓޯއަށް ބަލަހައްޓައިގެން އާސިމު ހުއްޓެވެ. އެތައްއިރަކު އެގޮތުގައި ހުރުމަށްފަހު ދުރައް ޖެހިލަމުން މޭޒުވަތްގަނޑުން ކަޓަރެއް ނެގިއެވެ. ކަޓަރުގެ ތިލަނެރެމުން ފޮޓޯއާ ދިމާއަށް އައިއިރު އާސިމުގެ މޫނުމަތިން ފާޅުވަމުން ދަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ.                                  

ނީމާގެ ފޮޓޯގަނޑުގައި ކަޓަރުތިލަ ޖައްސާލަމުން އާސިމު ވާހަކަދައްކަން ފެށިއެވެ.                                             

” ނީމާ! ކަލާ ކަންތައް ތިޔަކުރީ ރަނގަޅަކަށް ނޫން. ކަލާ އަހަރެންގެ ލޯތްބާއިމެދު ޝައްކުކުރި. ކަލާގެ ނިންމުން ރަނގަޅެއް ނޫން … ރަނގަޅެއް ނޫން. ކަލާތީ ބޭވަފާތެރިއެއް. މަކަރުވެރިއެއް.” ރުޅިވެރިކަމާއިއެކު ވާހަކަދައްކަމުން ދައްކަމުން ނީމާގެ ފޮޓޯގަނޑުގައި އާސިމު ކަޓަރު އަޅަން ފެށިއެވެ. އަވަސް ހަރަކާތްތަކަކާއިއެކު ކަޓަރު އަޅައި އެފޮޓޯގަނޑު ކުދިކުދިކޮށްލި އެވެ. މަޑުމަޑުން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓެމުން ނީމާ އުޅޭ ގެއާ ދިމާއަށް ބަލާލިއެވެ.                            

ނީމާ އިނީ ފިލާވަޅެއްގެ މަސައްކަތް ކުރާށެވެ. އެގޭގައި އުޅެނީ ނީމާ އެކަނި ކަމަށްވާތީ ގޭތެރޭން ފެންނަމުން ދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ.                            

ގެއިން ކަރަންޓް ދިޔައީ ކުއްލިއަކަށެވެ. މުޅިތަނަށް އަނދިރިކަން ވެރިވެގެންދިޔަ އެވެ. ކުއްލިއަކަށް ހިތަށް ވެރިވި ބިރުވެރި ސުޢޫރުތަކުގެ ސަބަބުން ނީމާއަށް އަޑެއް ވެސް ލައްވައިލަން ނުކެރުނެވެ.                            

ހާސްކަމާއިއެކު ވަށައިގެން ހޯދަމުން ހޯދަމުން ނީމާ ހިނގައިގަތީ ފެންޑާއާ ދިމާއަށެވެ.                                   

ގޭގައިހުރި ހުރިހާ ހޮޅިބުރިތަކާއި ބޮކިތައް އެއްފަހަރާ ދިއްލުމުން ނީމާ ދިޔައީ ސިއްސައިގެން ނެވެ. އަވަސް އަވަހަށް ބަލާލިއިރު ކުރިމަތީގައި ހުރީ ވާފިރު އެވެ. މިފަދަ ގަޑިއެއްގައި މިފަދަގޮތަކަށް ވާފިރު ފެނުމުން ނީމާ ވަރަށް ހައިރާންވި އެވެ.            

” އުފާވެރި އުފަން ދުވަހަކަށް މަރުޙަބާ. ” އޭނާގެ އަތުގައި އޮތް ރީތި ރީތި މާބޮނޑިއެއް ދައްކާލަމުން ނީމާއަށް ބަލާލާފައި ވާފިރު ބުންޏެވެ.             

” ވާފިރަށް ކިހިނެތް އެނގުނީ ؟   ” ހައިރާންކަމާއި އެކުގައި ވާފިރަށް ބަލަން ހުރެ ނީމާ އަހާލިއެވެ.                                       

” އެނގޭކަށް މުހިންމެއްނޫން .. މުހިންމީ ހަނދާންހުރުން. ހިނގާ ދާން … ” ނީމާގެ އަތަށް މާބޮނޑި ދެމުން ވާފިރު ބުންޏެވެ.               

” ކޮންތާކަށް ؟ … ހަނދާން އެބަހުރި … ސުވާލުކުރާ މީހުން ކަލެޔަކަށް ކަމަކުނުދާނެ. ” ކޮންމެ ވެސް ކަމެއް ހަނދާންކުރާ ފަދައަކުން ނީމާ ބުނެލިއެވެ.   

” އެކަމަކު .. ކަލޭ ސުވާލު ކޮށްފީމެއްނު. އެހެނަސް މަޖުބޫރުވުމުން ކުރާކަންތަކާއި އަމިއްލައަށް ކުރާކަންތައް އަހަރެންނަށް އެނގޭ … އެހެންވެ މަޑުން ހުރީ. އެއްވެސް ކަމެއް ނެތި މަޖަލެއް ނުވާނެ. އަހަރެން އިންތިޒާރު ކުރަނީ ކަލޭގެ އަމިއްލަ ނިންމުމަށް. ބާއްޖަވެރި ރޭގަނޑަކަށް އެދެން. ” އެތައް ވާހަކައެއް ދެއްކުމަށްފަހު ވާފިރު ހިނގައްޖެ އެވެ.

ރޭގަނޑުގެ ހަމަހިމޭންކަމާއިއެކުގައި ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރުއަރައިފި އެވެ. ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ.  

ނާސިމާއިނީ އޮފީހުގަ އެވެ. ފޯނު ރިންގްވާން ފެށުމުން ނާސިމާ އަވަސް އަވަހަށް ފޯނުނަގައި ވާހަކަ ދައްކަންފެށި އެވެ. އެކޮޅުން ވާހަކަދައްކަން ފެށީ ނޭނާގެ މަންމަ ޒަހީރާއެވެ.              

” ނާސިމާ! .. ނޭނާ އެބަ ވާހަކަދައްކާ … ކޮންމެ ވެސް އެއްޗެކޭ ބުނަން އެބައުޅޭ … އެކަމަކު އަދިއެއް ނުބުނެވޭ … އަވަހަށް އައިސްބަލަ. ” ހާސްކަމާއިއެކުގައި ޒަހީރާ ވާހަކަދައްކަމުން ނާސިމާ އައުމަށް އެދުނެވެ.             

” ވަރަށް އަވަހަށް އެބަދަން. ” ނާސިމާ ބުންޏެވެ.          

ނާސިމާ އަވަސް އަވަހަށް އަސްނާދަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައި ދިނެވެ.          

ނާސިމާ ގޮސް ނޭނާއާ ބައްދަލުކުރުމުން،  ނާސިމާގާތު ކޮންމެ ވެސް ވާހަކައެއް ބުނެވޭތޯ ނޭނާ މަސައްކަތް ފެށިއެވެ. އެހެނަސް ބުނެވޭގޮތެއް ނުވެއެވެ. ހުއްޓުން އަރަނީ އެވެ. ބައެއްފަހަރު ދޫއޮޅޭހެން ވެސް ހީވެއެވެ.                       

” ނޭނާ! އަވަހަށް ބުނޭ.” ނޭނާ ބުނަންއުޅޭ ވާހަކައެއް އަޑުއެހުމަށް ނާސިމާ އިނީ ކެތްމަދުވެފަ އެވެ.                                     

ނޭނާ ބުނަން އުޅޭ ވާހަކައިގެ އަސްލު އެނގިއްޖެނަމަ ނާސިމާމެންގެ މަސައްކަތަށް ބޮޑުކާމިޔާބަކާއި ފަސޭހަތަކެއް ވާނެކަން ޔަގީނެވެ. ނޭނާގެ އަނގައިން ބޭރު ކޮށްލާ އެންމެ ނަމެއްގެ ސަބަބުން މުޅިރަށް އަމާންކުރުމަށް ފުރުސަތު ލިބިގެންދާނެކަން ވެސް ޔަގީނެވެ. ނޭނާއަށް އެހާލު ޖެހިފައިވަނީ ރަށުގައި އުފެދިގެން އުޅޭ ނުބައިނުލަފާ މީހާގެ ސަބަބުންކަން ނާސިމާމެނަށް ޔަގީނެވެ. މިހާރު ވެސް އޭނާގެ އަތްދަށުވެ އެތައް އަންހެންކުދިން ވަނީ ނެތިވެ ގޮސްފަ އެވެ. އޭގެތެރޭން ބައެއް އަންހެންކުދިންގެ ހަށިގަނޑުތައް ފެނިފައިވާއިރު ބައެއް އަންހެންކުދިންގެ ހަށިގަނޑުތައް ވީހިސާބެއް ވެސް ނޭނގެއެވެ.             

ނޭނާމެން ގެއަށް އަސްނާދު ދިޔައިރު،  ނާސިމާ އިނީ ނޭނާއާ ވާހަކަދައްކާށެވެ. މިގަޑީގައި އަސްނާދު ވެސް އައުމުން ޒަހީރާ ވަރަށް ހިތްހަމަޖެހުނެވެ. އަވަސް އަވަހަށް އަސްނާދުގާތަށް އައިސް ވާހަކަތަކެއް ދައްކަމުން އަސްނާދުއާއެކު ނޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ.                

އަސްނާދާއި ޒަހީރާ ގޮސް ނޭނާގެ ކޮޓަރިއަށް ވަތްއިރު ކޮންމެ ވެސް އެއްޗެކޭ ބުނެވޭތޯ ނޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ނާސިމާ އިނީ ނޭނާއަށް ހިތްވަރު ދޭށެވެ.                                                   

އަސްނާދު އައިސް ކޮޓަރިއަށް ވަނުމާއިއެކު ނޭނާ ބަލާލީ އަސްނާދުގެ މޫނަށެވެ. ނޭނާގެ މޫނުމަތިން ފާޅުވެގެންދިޔަ ހާސްކަމާއި ނުތަނަވަސްކަން ނާސިމާއަށް ފާހަގަ ކުރެވުނެވެ. ނޭނާއަށް އަސްނާދު ފެނުމުން އަނގަ ބަންދުވި ކަހަލައެވެ. އަނގައިން ފާޑެއްގެ އަޑެއް ލައްވަމުން މޭގައި އަތްއަޅައިގެން އެނދުމައްޗަށް ވެއްޓުނީ މަރުވެގެން ނެވެ. ހާސްކަމާއެކުގައި ނާސިމާ ބަލާލީ އަސްނާދާއި ޒަހީރާ އަށެވެ.                                       

ނޭނާ މަރުވީކަން ޒަހީރާއަށް އެނގުމުން އަޑުގެކޮޅަށް ރޮއިގަންނަމުން ފާރުގައި އަތުން ތަޅައި ހަޅޭލަން ފެށިއެވެ.                           

އަސްނާދު އަވަސް އަވަހަށް ގޮސް ނޭނާގެ ހަށިގަނޑުގައި އަތްޖައްސައި ވިންދު ބަލާލުމާއިއެކު ނޭނާ މަރުވީކަން ޔަގީންވިއެވެ. ފާރުގައި ތަޅަމުން ރޯލަ ރޯލާ ޒަހީރާ ހުއްޓެވެ.                                 

” ނާސިމާ! މީނާ ކީކޭ ބުނީ ؟ ” ނާސިމާގެ މޫނަށް ބަލާލަމުން އަސްނާދު އެހިއެވެ.                                            

” އޭނާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނު …. އެކަމަކު ދޫއޮޅި ހުއްޓުން އަރާވަރުން އެއްވެސް އެއްޗެކޭ ނުބުނެވުނު. ”  ހާސްކަމާއިއެކުގައި ނާސިމާ ވާހަކަދެއްކި އެވެ. ނާސިމާގެ ހާލަތު އޭނާގެ އަޑުންނާއި މޫނުމަތިން ދޭހަވިއެވެ.   

އަސްނާދު ގޮސް ޒަހީރާގެ އެހަރަކާތްތައް ހުއްޓުވައި އޭނާއަށް ހިތްވަރާއި ނަސޭހަތްދޭން ފެށިއެވެ. އަސްނާދުގެ އެވާހަކަތަކުން ޒަހީރާއަށް އަސަރެއްކުރި ހެނެއް ހިޔެއް ނުވެއެވެ.                                 

ގަޑިއެއްހާއިރު މަޑުކުރުމަށްފަހު އަސްނާދާއި ނާސިމާ ހިނގައްޖެ އެވެ.

ނޭނާމަރުވުމުން ރަށުތެރެއަށް ވެރިވެފައިވާ ހިތާމަ އާއި ހިތްދަތިކަމާއިއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ރަށުގައި އުފެދިގެން އުޅޭ ނުބައިނުލަފާ މީހާގެ ފަރާތުން އަނިޔާ ލިބި ސަލާމަތްވި ހަމައެކަނި އަންހެންކުއްޖާ،  މަރުވެދިޔައީ އެކަމާއިބެހޭ މަޢުލޫމާތެއް އޭނާގެ ފަރާތުން ލިބޭތޯ ރަށުއޮފީހުގެ ފަރާތުން އެތައް މަސައްކަތެއް ކުރަމުން ދަނިކޮށެވެ. އެކަމަށް އެއްވެސް ކާމިޔާބެއް ނުލިބިއެވެ.                              

ރޭގަނޑު އަށެއް ޖަހާކަން ހާއިރެވެ. ނާސިމާ އޭނާގެ ކޮޓަރީގައި އެކަނި މާއެކަނި އޮވެގެން ކޮންމެ ވެސް ކަމަކާއިމެދު ވިސްނާ ފިކުރުކުރަމުން ދިޔައެވެ. އެފަދަހާލެއްގައި ނާސިމާ އޮއްވައި އޭނާގެ މާމަ އައިސް އެތަނަށް ވަނެވެ. ނާސިމާގެ މޫނު ފެނުމާއިއެކު އޭނަ ކޮންމެ ވެސް ކަމަކާއި ވިސްނާ ފިކުރުކުރަމުންދާކަން އޭނާގެ މާމައަށް ފާހަގަ ކުރެވުނެވެ.                                             

ނާސިމާގެ މާމަ ކުރި ސުވާލަށް އޭނަ ޖަވާބު ދިނެވެ. ނާސިމާގެ ވާހަކައާ ގުޅުވައިގެން އޭނާގެ މާމަ ވެސް ވާހަކަތަކެއް ދެއްކި އެވެ. އެވާހަކަތައް އަޑުއަހަމުން ދިޔައިރު ނާސިމާގެ ފަރާތުން ފެންނަމުން ދިޔައީ ކަންބޮޑުވުމާއި ހާސްކަމުގެ އަސަރުތަކެވެ.

ނާސިމާގެ މާމަ ކޮޓަރިން ނުކުތުމުން އޭނާގެ ފަހަތުން ނާސިމާ ވެސް ކޮޓަރިން ނުކުތެވެ.                                   

ބަދިގެއަށްވަދެ ހަންޖަރެއް ކަހަލަ ވަޅިއެއް ޖީބަށް ޖަހައިގެން ނާސިމާ ގެއިން ނުކުތް ނަމަވެސް އޭނަ ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ. ނާސިމާ ހިނގަމުން ދިޔައީ ރަށުއޮފީހާއި ދިމާއަށެވެ.

ނާސިމާ ދިޔައިރު އަސްނާދު އޭނައަށް ފާރަލަމުން ދިޔަކަމެއް ނާސިމާ އަކަށް ނޭނގެއެވެ.                                                 

އެހެން ދުވަސްތަކުގެ އާދައިގެމަތިން މިއަދު ވެސް އާސިމު ކަސްރަތު ކުރަން ގޮސްފައި އައިއިރު، އޭނާގެ ގެކައިރީ ރަށުއޮފީހުގެ ކާރު އޮތުމުން ވަރަށް ހައިރާންވި އެވެ. އުފެދުނު ސުވާލުތަކުގެ ސަބަބުން އެއްވެސް މީހަކަށް ނުފެންނާނެހެން ދުރުގައި މަޑުކޮށްލި އެވެ.                

ކުޑަކަތީބު ނާސިމާ މަރާލާފައި ބާއްވާފައި އޮތީ އާސިމު ދިރިއުޅޭގޭ ފެންޑާތެރޭގަ އެވެ. އޭނާގެ ބަނޑަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަހަމުކޮށްލާފައި ވެސް ވެއެވެ. އޭނާ އޮތްތަނުގައި ވެސްވަނީ ހުސް ލެޔެވެ. ރ.ކ ކޮމެޓީގެ މެންބަރުންނާއި ރަށުއޮފީހުގެފަރާތުން އައިސް އެގޭތެރެ ބަލަމުން ދިޔައިރު ކަމާއިބެހޭ ފަރާތްތަކުން ފޮނުވާފައިވާ ކެމެރާމަނުން ނާސިމާގެ ހަށިގަނޑުން  ފޮޓޯނެގުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އޭރު އެތަނުގައި ތިބި މީހުންގެ ތެރޭގައި ކައުންސެލަރ އަސްނާދު ވެސް ހުއްޓެވެ.             

ރަށުއޮފީހުގެ ފަރާތުން ހޯދި ހޯދުންތަކާއި ކުރި ތަހުލީލުތަކަށްފަހު ނާސިމާގެ ހަށިގަނޑު ގެންދެވުނީ ރަށު ސިއްޙީމަރުކަޒަށެވެ.                    

ސިއްޙީމަރުކަޒުން ނާސިމާގެ ހަށިގަނޑުބެލި ޑޮކްޓަރ ބުނީ ނާސިމާ މަރުވެފައި ވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަށް ކެތްނުކުރެވިގެން ހިތްހުއްޓުން ކަހަލަކަމެއް ދިމާވެގެން ކަމަށެވެ. ސިރިންޖެއް ކަހަލައެއްޗެއް ބޭނުން ކޮށްގެން އޭނާގެ ކަރުން ލޭ ނަގާފައިވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ.                           

ރަށުގެ އެތައް އަންހެންކުދިން މަރުވުމާއި ގެއްލެމުންދާ  ގެއްލުމުގެ ޙަޤީޤަތް ނޭނގޭތީ ރަށުގެ ގިނަބަޔަކު ކަންބޮޑުވެ ހާސްވެ އެވެ. އެކަމާއިމެދު ވިސްނާ ފިކުރުކޮށް ރޮއި ހިތާމަކުރާ މީހުން ވެސް މަދެއްނޫނެވެ.                         

ބޮޑެތި އަނިޔާތަކާއިއެކު އެހާމެ ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ ނާސިމާގެ ހަށިގަނޑު ފެނުނީ އާސިމުގެ ގޭތެރޭން ކަމަށް ވާތީ ރަށުގެ ގިނަބައެއްގެ ރުޅިއާއި ނަފްރަތު އާސިމަށް އަމާޒުވި އެވެ.                                    

ނާސިމާ މަރުވުމާއި ގުޅިގެން އޭނާގެ ޢާއިލާ މެންބަރުންނާއި އޭނާއަށް ހެޔޮއެދޭ މީހުންނާއި އޭނާގެ ރައްޓެހިން ރޮއި ހިތާމަ ކުރަމުން ދިޔައެވެ.             

އާސިމު އޮފީހަށް ހާޒިރުކުރުވައި އެކަމުގެ އަދަބު ދިނުމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ. އެގެއަކީ އާސިމު އެކަނިއުޅޭ ގެއަކަށްވާތީ އޭނާއަށް ނޭނގި އެގޭތެރޭގައި އެފަދަކަމެއް ނުހިނގާނެ ކަމަށް ވެސް ގިނަބަޔަކު ބުނަމުން ދިޔައެވެ. އެހެން މީހަކު އެފަދަ ކަމެއް ކޮށްފައި ނާސިމާގެ ހަށިގަނޑު ގެނެސް އެގެއަށް ނުލާނެ ކަމަކަށް ގިނަބަޔަކު ބުނަމުން ދިޔައިރު  އެވާހަކަޔާ ދެކޮޅުހަދާ ބަޔަކު ވެސް އެބަތިއްބެވެ.

                    ނުނިމޭ

0
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 10 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ސަހަރާ ( 10 )“

Leave a Reply

Your email address will not be published.