ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 11 )

އާސިމު އޮފީހަށް ހާޒިރުކުރުވައި އެކަމުގެ އަދަބު ދިނުމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ. އެގެއަކީ އާސިމު އެކަނިއުޅޭ ގެއަކަށްވާތީ އޭނާއަށް ނޭނގި އެގޭތެރޭގައި އެފަދަކަމެއް ނުހިނގާނެ ކަމަށް ވެސް ގިނަބަޔަކު ބުނަމުން ދިޔައެވެ. އެހެން މީހަކު އެފަދަ ކަމެއް ކޮށްފައި ނާސިމާގެ ހަށިގަނޑު ގެނެސް އެގެއަށް ނުލާނެ ކަމަކަށް ގިނަބަޔަކު ބުނަމުން ދިޔައިރު  އެވާހަކަޔާ ދެކޮޅުހަދާ ބަޔަކު ވެސް އެބަތިއްބެވެ.

ނާސިމާގެ  މަރުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއި އެކުގައި ވަގުތުތައް ފާއިތުވަމުން ދިޔައިރު،    ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ނާސިމާގެ މަރުގެ މައްސަލަ ތަޙުޤީޤު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އެވެ. އެކަމާއިމެދު ސައްކުކުރެވޭ އާސިމު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދިޔަ އެވެ.

މެންދުރުފަހު އެކެއްޖަހާކަން ހާއިރެވެ. ރަށުކައުންސެލަރ އަސްނާދު އިނީ ރަށުއޮފީހުގައި އޭނާއަށް  ޚާއްޞަކުރެވިފައިވާ ބައިގައެވެ. އޮފީހުގެ އެހެން ބައެއްގައި ނީމާ ވެސް އިނެވެ.

ރަށުއޮފީހަށް ވާފިރު އައިއިރު ރަށުގެ ގިނަބަޔަކު ރަށުއޮފީސް ކައިރިއަށް ޖަމާވެފައި ވެއެވެ. އެމީހުންގެ ތިބީ ހިތްހަމަ ނުޖެހިފަ އެވެ. އެއްފަހަރާ އެތައް ބަޔަކު ވާހަކަ ދައްކަމުންދާތީ ކިޔާ ނުކިޔާ އެއްޗެއް ސާފެއް ނުވެއެވެ.

ވާފިރު ވަދެގެން ދިޔަގޮތަށް ގޮސް މަޑުކުރީ ކައުންސެލަރ އަސްނާދު އިން ބައިގަ އެވެ.

” ވާފިރު! ކިހިނެތްވީތޯ ؟ ” ވާފިރަށް ބަލާލަމުން އަދަބުވެރިކަމާއިއެކު އަސްނާދު އަހާލިއެވެ.

” ވަރަށް މުހިންމު ކަމަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދަން މިއައީ …. އެއްވެސް ވަރަކަށް ވިސްނުނުތޯ ؟ ” އަސްނާދުގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ވާފިރު ވެސް ސުވާލެއް ކުރިއެވެ.

” ތިޔަ ބުނުއްވި އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު. ތަންކޮޅެއް ސާފުކޮށް ބުނެދީބަލަ. އޭރުން އަޅުގަނޑަށް އެނގިދާނެ. ” އަސްނާދު ބުންޏެވެ.

” އަސްނާދު! އަހަރެންނަކީ މިރަށު މަދަރުސާގެ ޕުރިންސިޕަލް. ރަށުގެ ގިނަބަޔަކު އަހަރެންނަށްކުރާ އިޙްތިރާމް އަސްނާދަށް ވެސް އޮޅިފައެއް ނުވާނެ. ” ވާފިރު ބުންޏެވެ.

” ތިޔަ ހުރިހާކަމެއް ވެސް އަޅުގަނޑަށް އެނގޭ …. އެކަމަކު ވާފިރަށް އެނގިނުލައްވާ ކަމެއް އެބައޮތް … އެއީ މިރަށަށް ދިމާވެފައިވާ ނުރައްކަލުން މިރަށު މީހުން ސަލާމަތްކުރަން މަސައްކަތްކުރުން. އެހެނަސް އެއީ އަހަރެންގެ ވާޖިބަކަށްވާތީ އަހަރެން  އެބަ އެމަސައްކަތް ކުރަން. ” އަސްނާދު ވާހަކަދެއްކީ ވާފިރަށް ބަލާލަމުން ނެވެ.

” މުޅިން ރަނގަޅު ހިސާބަކަށް ދެވިފައި ތިޔަހުރީ. އެކަން ދެނެގަންނާން އަހަރެން މިއައީ. އަސްނާދުގެ މަސައްކަތާއިމެދު ރަށްޔިތުންގެ ހިތުގައި ވަނީ ސުވާލު އުފެދިފައި. މިސުވާލުގެ ޖަވާބު އަހަރެން ބޭނުންވަނީ މިވަގުތު. ” ވާފިރު ހާމަކުރީ އޭނަ ބޭނުންވާ ގޮތެވެ.

” އެގޮތަށް ކަމެއްނުކޮށް ތިބެގެން ސުވާލުކުރަން ވަރަށް ފަސޭހަވާނެ. އެކަމަކު …. ޖަވާބު ބޭނުންނަމަ،  އެކަމަށް ވިސްނާން ބޭނުންނަމަ މިމޭޒުގެ މިފަރާތަށް އަންނަން ޖެހޭނެ …. ކުށްވެރިއަކު ފިލައިފިނަމަ އެމީހުން ދެކެނީ އެއީ އަހަރެމެންނަށް ލިބޭ ނާކާމިޔާބެއްކަމަށް. ” އަސްނާދު ވާހަކަދެއްކީ އޭނާ ދެކޭގޮތް ހާމަކުރަމުންނެވެ.

” އަނެކުން ލަދުގަންނަވާނުލާ …. ނާކާމިޔާބު ގަބޫލުކޮށްބަލަ. އަހަރެމެން ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ….. އެހެނަސް ސައުވީސްގަޑިއިރު ތެރޭގައި އަހަރެމެން ބޭނުންވާ ނަތީޖާ ނުލިބެއްޖެނަމަ … ތިގޮނޑީގައި އިންނާނީ އެހެން މީހެއް. ” ހިތްހަމަ ނުޖެހުމާއިއެކު އެހެން ބުނުމަށްފަހު ވާފިރު ގޮސް އޮފީހުން ނުކުމެއްޖެ އެވެ.

” ކާކު ހުންނާނީ … ކާކު ދާނީ … ކިހިނެތް އެނގޭނީ. އެކަން ވާންހުރިގޮތަކަށް ވެނިމޭނީ. ” ވާފިރު ގޮސް އޮފީހުން ނުކުތުމުން އަސްނާދު ބުނެލިއެވެ. އެހެނަސް އަސްނާދު ފިޔަވާ އެހެން މީހަކަށް އެއަޑެއް ނީވެއެވެ.

ވާފިރު އެތަނުން ދިއުމުން އަސްނާދު ނުކުމެ ނީމާ ގޮވައިގެން އައިސް ވާހަކަތަކެއް ދެއްކިއެވެ.

ވާހަކަދައްކަން ފަނަރަވަރަކަށް މިނިޓް  މަޑުކުރުމަށްފަހު ނީމާ އާއި އަސްނާދު ބޭރަށްނުކުމެ ރަށުއޮފީސްކާރުގައި ނީމާގެ ގެއާ ދިމާއަށް މިސްރާބުޖެހި އެވެ. ދެތިން މަގަކާއި ދެގޯޅިއެއް ކަޑަތުކުރުމަށްފަހު ކާރުގޮސް މަޑުކުރީ ނީމާ ދިރިއުޅޭގޭ މަގުފާރު ކައިރިއަށެވެ.

ނީމާ ކާރުން ފޭބުމާއިއެކު އަސްނާދު ވާހަކަދައްކަން ފެށިއެވެ.

” ހަނދާންކުރާތި …. ކަމެއް ދިމާވެއްޖެނަމަ އަވަހަށް އަހަރެންނަށް ގުޅާތި. ވިސްނައިގެން އުޅޭތި. ދެންދަނީ. ” އަސްނާދު ވާހަކަދެއްކި އެވެ.

ނީމާ އާނއެކޭ ބުނުމަށްފަހު ގޯތިތެރެއަށް ވަންނަން ހިނގައިގަތުމުން އަސްނާދު ކާރު ދުއްވާލިއެވެ.

އާސިމު އަތުލައިގަތުމަށް ސަރުކާރުގެ ކަމާއިބެހޭ ދާއިރާތަކާއި ރ.ކ ކޮމެޓީ އަދި ރަށުއޮފީސް ގުޅިގެން ރޭވުންތައް ރާވަމުން ގެންދިޔައެވެ.

ވަރަށް ފަރުވާތެރިކަމާއި ސަމާލުކަމާއި އެކުގައި ވަށައިގެންވާ މާހަޢުލަށް ބަލަމުން ބަލަމުން ގޯތިތެރެއަށް ވަދެގެން ނީމާ ދިޔައެވެ.  މަޑުމަޑުން ގޮސް ގެއަށް، ވަދެ ލިޔެކިޔުމުގެ މަސައްކަތްކުރާ ކޮޓަރިއާ ދިމާއަށް ނީމާ މިސްރާބުޖެހި އެވެ.

ނީމާ ގޮސް ދޮރުހުޅުވާލިއިރު އެތަނުގައި ހުރި އާސިމު ފެނުމާއިއެކު ބިރުން ހަލާކުނުވީ ކިރިޔާ އެވެ. ކުއްލިއަކަށް ހިތަށް ސިފަ ވެގެން ދިޔައީ މިއަދު ހެނދުނު ފެނުނު މަންޒަރެވެ. ނީމާ ރޮއިހަޅޭލަމުން އެކޮޓަރިއާ ދުރަށް ދުއްވައި ގަތެވެ. ނީމާ ދުއްވައިގަތުމުން އޭނާގެ ފަހަތުން އާސިމު ވެސް ދުއްވައިގަތެވެ.

ނީމާއަށް އެއްވެސް ގެއްލުމެއް ނުދޭނެކަމަށާއި އޭނައަކީ އަނިޔާވެރިއެއް ނޫންކަމަށް އާސިމު ބުނަމުންދިޔަ ނަމަވެސް އެ ވާހަކަތަކަކަށް ނީމާ ސަމާލުކަމެއް ނުދެއެވެ.

އާސިމަށްވުރެ ކުރިން ނީމާ ގޮސް ކޮޓަރިއަކަށް ވަދެ ދޮރުލައްޕައި ތަޅުލިއެވެ. ނީމާ ދޮރު ލެއްޕި ވަގުތު ދޮރުފަތުން ޖެހިފައި އާސިމުގެ ނިތްކުރިން ތަންކޮޅެއް ހަލާކުވިއެވެ. ނިތްކުރިން ހަލާކުވިތަނުން ލޭއަންނަމުންދިޔަ ނަމަވެސް އާސިމު އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަވަސް އަވަހަށް ދޮރުފަތުގައި ތަޅަމުން ދޮރުހުޅުވުމަށް ގޮވަމުންދިޔަ އެވެ. އެކަމަކަށް ނީމާގެ ސަމާލުކަން ހުއްޓޭ ގޮތެއް ނުވިއެވެ. ފުރުސަތު ލިބުމާއިއެކު ކޮޓަރި ތަޅުލިއެވެ.

ނީމާ ދުވެފައި ކަހަލަގޮތަކަށް ގޮސް މޭޒުމަތީއޮތް ފޯނު ނެގިއެވެ. ޕޮރޮގްރާމުގެ އެހީގައި އެންމެ ފަހަރަކުން އަސްނާދަށް ގުޅާލިއެވެ.

” މިއީ ކައުންސެލަރ އަސްނާދު. ބުނަން ބޭނުން ވާހަކައެއް ބުނެފައި ބާއްވާ. ” އަސްނާދުގެ ފޯނު އޮތީ ވޮއިސް މެއިލަށް ސެޓްކޮށްފައި ކަމަށްވާތީ އޮޓޮމެޓިކުން ޖަވާބު އައެވެ.

” ކައުންސެލަރ! ކައުންސެލަރ … އާސިމު އެބަހުރި މިގޭތެރޭ. އަހަރެން ސަލާމަތްކުރޭ … އޭނާ އެއުޅެނީ އަހަރެން މަރާލަން ކަންނޭނގެ …. އޭނާ އަހަރެން މަރާލަފާނެ.”  ރޮމުން ރޮމުން ކަހަލަގޮތަކަށް ނީމާ ވާހަކަދެއްކި އެވެ. ނީމާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އަޑާއިއެކު މުޅިހަށިގަނޑު ވެސް ބިރުން ތުރުތުރު އަޅަމުން ދިޔައެވެ.

އާސިމު ދޮރުގައި ތަޅަމުން ދޮރުހުޅުވުމަށް ގޮވަމުން ދިޔައެވެ.

އާސިމުގެ އަނގައިން އޭނާއަކީ ކުށްވެރިއެއް ނޫންކަމަށް ބުނަމުންދިޔަ ނަމަވެސް ނީމާއަކަށް އެވާހަކަތައް ގަބޫލެއް ނުކުރެވެއެވެ. ނީމާގެ ކުރިމަތީގައި ސިފަ ވަމުންދަނީ ނާސިމާ މަރާލާފައި އޮއްވައި ފެނުނު މަންޒަރެވެ.

ނީމާ ފޯނުންދެއްކި ހުރިހާ ވާހަކައެއް އަސްނާދު އަޑުއެހި އެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް ދޮރުފަތުގައި އިން ތަޅު ވިއްސައިގެން ދިއުމާއިއެކު ދޮރުހުޅުވުނެވެ. ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަނީ އާސިމު އެވެ. ފޯނު ދޫކޮށްލުމަށްފަހު ނީމާ ދުއްވައިގަތީ އާސިމުގެ އަތްދަށުން ސަލާމަތް ވާށެވެ. ކޮންމެވެސް ވާހަކައެއް ދައްކަމުން ނީމާއާ ދިމާއަށް އާސިމު އައެވެ.

” ގަބޫލުކުރޭ ނީމާ! އަހަރެންނަކީ މީހުންމަރާ މީހެއް ނޫން. އެމީހުން ރާވައިގެން އަހަރެންނަށް ގެއްލުމެއްދޭން އެއުޅެނީ …. އަހަރެންނަކީ ކުށްވެރިއެއް ނޫން. ގަބޫލުކުރޭ ނީމާ ….. އަހަރެންނަކީ ކުށްވެރިއެއް ނޫން. އަހަރެން ކަލާއަކަށް އެއްވެސް ގެއްލުމެއް ނުދޭނަން. އާދޭސްކޮށްފައި ބުނަން. އަހަރެންގެ ވާހަކަތައް ގަބޫލުކޮށްބަލަ. ” އާދޭސްކުރާ ފަދައަކުން ވާހަކަ ދައްކަމުން ނީމާގެ އަތުގައި ހިފަހައްޓަން އާސިމު މަސައްކަތްކުރި އެވެ. އެކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ ރޮއި ހޭރެމުން އާސިމުގެ ކިބައިން ސަލާމަތްވުމަށް ނީމާ ދުވަމުންދިޔަ އެވެ.

އާސިމު ގޮސް ނީމާގެގައިގާ ހިފެހެއްޓި އެވެ. ނީމާ އުޅުނީ އާސިމުގެ އަތްދަށުން ދެމިގަންނާށެވެ. އާސިމު އަތްދަމާފައި ނީމާގެ ކަންކަށިމަތީގައި ބާރުއެތިފަހަރެއް ޖެހުމާއިއެކު ނީމާގެ ޚަބަރުހުސްވެގެން ތަޅުންމައްޗަށް ވެއްޓިއްޖެއެވެ. އާސިމު ކޮންމެ ވެސް ވަރަކަށް ހާސްވާގޮތް ވިއެވެ. އެކަން އޭނާގެ އަޑާއި ހަރަކާތުން ވެސް އެނގުނެވެ.

އާސިމު ކުޑައިރުކޮޅަކު ވިސްނަން ހުރުމަށްފަހު އަވަސް އަވަހަށް ގޮސް ފެންތައްޓެއް ހިފައިގެން އައެވެ. ނީމާގެ މޫނަށް ފެން ވިއްސަމުން ނީމާއަށް ގޮވައި ހޭ އެރުވޭތޯ މަސައްކަތް ކުރިއެވެ.

އަސްނާދު ހުރީ ވަގުތަކަށް ބަލަބަލަ އެވެ.

ނީމާގެ މޫނާއި ދިމާއަށް ގުދުވެގެން އޮތް އާސިމު ސިއްސައިގެން ދިޔައީ އޭނާގެ ފުރަގަހުން އައި މީހަކު، ކޮންމެ ވެސް އެއްޗަކުން އޭނާގެ ދަށްބޮލުގައި ޖެހުމުން ނެވެ. ވިއްސައިގެން ދިޔަ ނަމަވެސް ލިބުނު ހައިރާންކަމާއި ވީތަދާއިއެކު އަވަސް އަވަހަށް ފަހަތް ބަލާލިއިރު އެތަނުގައި ހުރީ ކައުންސެލަރ އަސްނާދެވެ.

” ކޮޅަށް ތެދުވޭ .. އަވަހަށް ކޮޅަށް ތެދުވޭ. ” އަތާއި އަނގައިގެ ހަރަކާތުން އާސިމު ކޮޅަށް ތެދުވުމަށް އަސްނާދު ބުންޏެވެ.

” އަސްނާދު! ގަބޫލުކުރޭ … އަހަރެން އެއްވެސް މީހަކު ނުމަރަން. މީހަކު ނުމަރަން .. ރޭގައި ނާސިމާ މަރާލީ ވެސް އަހަރެންނެއް ނޫން. ގަބޫލުކުރޭ. އަހަރެން އެއްވެސް މީހަކަށް ގެއްލުމެއްނުދެން … އެއީ … ” އާސިމު ދައްކަމުންދިޔަ ވާހަކަތައް ނުނިމެނީސް އަސްނާދު ވާހަކަދައްކަން ފެށިއެވެ.

އާސިމު ވާހަކަދެއްކިއިރު އަޑާއި ހަރަކާތުން ފާޅުވަމުން ދިޔައީ ނިކަމެތިކަމާއި އެކަނިވެރި ކަމެވެ.

” ބޭކާރު ވާހަކަ ނުދައްކާ ކޮޅަށް ތެދުވޭ …. އަވަހަށް ތެދުވޭ. ” އާސިމުއާ ދިމާއަށް ގުދުވަމުން ހިތްހަމަ ނުޖެހުމާއިއެކު އަސްނާދު އަމުރުކުރި އެވެ. އަދި އާސިމު އަތުގައިހިފާ ދަމައިގަތެވެ.

ނީމާ ނަގައި ކޮނޑުމަތީގައި ބާއްވައިގެން އާސިމުގެ އަތުގައި ހިފައިގެން އަސްނާދު ގޮސް އެގެއިން ނުކުތެވެ.

އަސްނާދު ދިޔަގޮތަށް ގޮސް ކާރުގެފަހަތުބައިގަ ނީމާ ބޭއްވުމަށްފަހު އާސިމު ގޮވައިގެން ކާރުގެ ކުރީބަޔަށް އެރިއެވެ.

” ކައުންސެލަރ! …. ގަބޫލުކޮށްބަލަ. އަހަރެން އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުދެން. މީހަކު ނުވެސް މަރަން …. ގަބޫލުކޮށްބަލަ. ”  އާސިމު ކުރަމުންދިޔަ އާދޭހަށް މާބޮޑު ސަމާލުކަމެއްނުދީ އަސްނާދު ކާރު ދުއްވާލިއެވެ.

ކާރުގޮސް މަޑުކުރީ ސަހާރާ ކައިރި އަށެވެ. ކާރުން ފައިބައިގެން އާސިމު ގޮވައިގެން އަސްނާދު ހިނގައިގަތީ ސަހަރާއަށް ވަންނާ ށެވެ.

” ކައުންސެލަރ! ކިހިނެތްވީ ؟ ކީއްކުރަން މިތަނަށް ތިޔައައީ ؟ ” ކޮންމެ ވެސް ވަރަކަށް ހައިރާންވެފައި ހުރެގެން އާސިމު ސުވާލުކުރި އެވެ.

އާސިމުގެ ވާހަކަތަކަށް ބެލުމެއްނެތި އާސިމުގެ އަތުގައި ހިފައިގެން އަސްނާދު ގޮސް ސަހާރާތެރެއަށް ވަނެވެ. އަވަސް ހިނގުމެއްގައި އާސިމު ގޮވައިގެން ގޮސް، ސަހާރާތެރޭހުރި ނިކަގަހުގެ އަޅޮލެއްގައި ދެއަތް ފުރަގަހަށްލައި ބަނދެލި އެވެ. އާސިމުއާ ދިމާއަށް ބަލާލިއިރު އަސްނާދުގެ މޫނުމަތިން ފާޅުވަމުންދަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

” ކައުންސެލަރ! .. ކީއްކުރަން ތިޔަ އުޅުއްވަނީ ؟ … ކީއްކުރަން އަޅުގަނޑު ބަންނަނީ ؟ … ކީއްކުރަން އަޅުގަނޑު މިތަނަށް ގެނައީ ؟ ” ނުތަނަވަސްކަމާއިއެކު އާސިމު ސުވާލުތަކެއް ކުރިއެވެ.

” ސަބަބަކީ … އެއް ދުވަސްވަރަކު ކަލޭ ނީމާ ގޮވައިގެން މިދިމާ އަތިރިއަށް އައިސް ކަލޭގެ އުނގުގައި ނީމާ ބާއްވައިގެން ހީހީފައި އުފާކޮށް އުޅުނީމެއްނު. ލޯބީގައި މަޖާކޮށް އުފާކުރީމެއްނު … ދުވަހަކު ވަކިނުވުމަށް އަހުދު ވީމެއްނު. ” ފާޑަކަށް ރުޅިއައިސްފައި ހުރެގެން އަސްނާދު ވާހަކަދެއްކި އެވެ.

” އާން … އެގޮތަށް އަހަރެމެން އެއްބަސްވެ އެގޮތަށް ޢަމަލުކުރީ އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާތީ. އަހަރެންނާއި … ” އާސިމުގެ ޖުމްލަ ފުރިހަމަ ނުވަނީސް އަސްނާދު އަތްދަމާފައި އާސިމުގެ ކަންކަށިމަތީގައި ޖެހިއެވެ.

ބޮލަށް ހޫނުވާ ކަހަލަ ގޮތްތަކެއް ވެލާފައި ނީމާ ހޭއަރައިފި އެވެ. ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާއަށް އޮވެވުނީ ރަށުއޮފީސް ކާރު ތެރޭގައިކަން އެނގުމުން ކޮންމެ ވެސް ވަރަކަށް ހައިރާން ވެސް ވިއެވެ. އަވަސް އަވަހަށް ކާރުން ފޭބިއެވެ.

” ނީމާއަކީ އިންސާނެއް ނޫން. އެއީ ޕަރީއެއް …. މިބިމުގައި އުޅޭ ޕަރީއެއް. އަހަރެންނަށް އޭނާ ފެނުނީ ބަނދަރުމަތިން. އޭރުއްސުރެ އަހަރެން އައީ އޭނާއަށް ފާރަލަމުން … އޭނާ ލިބިއްޖެނަމަ އަހަރެންގެ ދިރިއުޅުން ފުރިހަމަ ވާނެކަން އަހަރެންނަށް ޔަގީން … އެކަމަކު ކަލެއަށް އެކަން އެނގޭތަ ؟ ”  އާސިމުއާ ގާތަށް ޖެހިލަމުން އަސްނާދު ވާހަކަ ދެއްކިއެވެ.

އަސްނާދުގެ ވާހަކަތަކާއި ޢަމަލުތައް ހުރިގޮތުން އާސިމު ހުރީ ކޮންމެ ވެސް ވަރަކަށް ހާސްވެ ޖެހިލުން ވާގޮތް ވެފައެވެ.

” އަހަރެންނަކަށް ދިރިއުޅުން އެހާ ފުރިހަމައެއް ނޫން …. ކޮންމެ އަންހެން ކުއްޖެއްގެ ވެސް އުނި ސިފައެއް ހުރޭ. އެކަމަކު …. އާން. އެންމެ އަންހެން ކުއްޖެއް ފިޔަވާ. އޭނާ ފެނިފައި ހިތަށް އެރި އަހަރެންގެ ދިރިއުޅުން ފުރިހަމަ ކޮށްދޭނެ ކަމަށް …. އެކަމަކު އޭނާ ވެސް މިހާރަކު ނެތް. އެތަނަށް ނާސިމާ އައިސްފި. އެހެންވެ އަހަރެން ޖެހުނީ ދާން … ދެން އެތަނަށް އައީ ކަލޭ. އަހަރެން ކަލެއަށް ވިސްނައި ދިނިން …. އެކަމަކު ކަލޭ ހަނދާން އެބަހުރިތަ ؟ ” ވާހަކަ ދައްކަމުން ދައްކަމުން އާސިމުއާ ދިމާއަށް އަންނަމުން އަސްނާދު ސުވާލުކުރި އެވެ. އަޑާއި ހަރަކާތުން ފާޅުވަމުން ދަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

” ލޮލަށް ފެންނަކަންތައް އެއީ ތެދަކަށް ވެދާނެ .. ކަންތައް ކުރަނީ އަހަރެން … އެކަމަކު … ނަން ވަނީ ކަލޭ. ” އާސިމުގެ މޫނަށް ބަލާލަމުން ހިނިތުންވެލާފައި އަސްނާދު ބުނެލިއެވެ.
ނުނިމޭ

0
0
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 11 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.