ހިތާމަ ބިރުވެރި ލޯބީގެ

އޭނާ ( 1 )

ގދ އަތޮޅަށް އުފަން އުމުރުން ނަވާރަވަރަކަށް އަހަރުގެ އައިޝަތު ޝިޔާޒާ ނުވަތަ ޝިޔާ ވެގެންދިޔައީ ވާހަކަލިޔުމުގެ ދާއިރާއިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަބަޔެއްގެ މަޤްބޫލްކަން ހޯދި ޒުވާން ވާހަކަ ލިޔުންތެރި އަކަށެވެ. ދުވަހުނޫސްތަކާއި ހަފްތާމަޖައްލާތަކާއި ރޭޑިޔޯސްޓޭޝަންތަކުގެ އިތުރުން އޮންލައިން ވެބްސައިޓްތަކުން އެފަރާތެއްގެ ވާހަކަ އެންމެ ގިނައިން ފެންނަ އެއް ވާހަކަ ލިޔުންތެރިޔާއަށް ވެސް މެއެވެ.

ވާހަކަލިޔުމުގެ ދާއިރާއިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑުމަޤުބޫލްކަމެއް ހޯދި ޝިޔާ ކުއްލިއަކަށް އެދާއިރާއިން ގެއްލުން ވެގެން ދިޔައީ ބޮޑު ހައިރާންކަމަކަށެވެ.

ޝިޔާޒާ ނުވަތަ ޝިޔާ ވާހަކަލިޔުން ހުއްޓާލީ ކީއްވެތޯ ސުވާލުކުރަމުންދާ މީހުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރުވަމުން ނެވެ. އެކަމާއިބެހޭ މަޢުލޫމާތު ހޯދަން ބޭނުންވާ މީހުންގެ އަދަދު ވެސް އިތުރުވަމުން ދިޔައެވެ. އޭގެތެރޭގައި އޭނާގެ ރައްޓެހިންނާއި ދެކެފަރިތަ މީހުންގެ އިތުރުން އޭނާގެ ވާހަކަތައް ކިޔަމުންދާ މީހުންނާއި، އެފަރާތްތަކަށް ޝިޔާގެ ވާހަކަތައް ދެމުންދިޔަ ފަރާތްތައް ވެސް ހިމެނެއެވެ.

ގަބޫލުކުރާން ދަތިވި ނަމަވެސް އެއީ ކަންހިނގާދިޔަ ގޮތެވެ. އެކަންވީގޮތެވެ. ރަށުގެ ބައެއް މީހުން ޝިޔާއާ ބެހޭގޮތުން ދައްކަމުންދިޔަ ވާހަކަތަކުގެ ޙަޤީޤަތް ވެސް މެއެވެ.

މުޅިރާއްޖެއަށް މަޝްހޫރު، އަދި މޫނިފޫހި ފިލުވުމުގެ ދާއިރާގައި އެފަދަ ދެވަނައެއްނެތް އަރާމަގު ވެބްސައިޓަށް ވާހަކައެއް ލިޔުމަށް ޙަޤީޤީ ހާދިސާއެއް ލިބޭތޯ ޝިޔާ މަސައްކަތް ކުރަމުން ދިޔައެވެ.

ނޮވެންބަރު މަހުގެ ސޯޅަ ވިލޭރޭގެ މެންދަމުން އަލިވެ ދޭއްޖަހާކަން ހާއިރެވެ.

އެތައް ދުވަހެއް ވާންދެން ޝިޔާ ކުރަމުންއައި އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ފުރުޞަތު ލިބުމުން އޭނާއަށް ހިނިތުން ވެލެވުނެވެ. އެކަމަށްޓަކައި އޭނައަށް އެފުރުޞަތު ހޯދައިދިން އޭނާގެ ލޯބިވެރިޔާ ފަރުސާނަށް ޝުކުރުއަދާކުރަމުން ފަރުސާނާއެކު ކުޅުދުއްފުއްޓަށް ދިއުމަށް އޭނާ ދަތުރު ފެށިއެވެ. ލިބުނު ކާމިޔާބުގެ އުފަލާއި ހިތްހަމަޖެހުން އޭނާގެ މޫނުމަތިން ފިލައި ނުދެއެވެ.

ސިޔާ ގާތުގައި ފަރުސާން ބުނެފައިވާ ގޮތުން އޭނާގެ އުންމީދުތައް ޙަޤީޤަތަކަށްހެދުމުގެ ފުރުޞަތު މިފަހަރު އޭނާއަށް ލިބޭނެއެވެ.

އަމާންއޮމާން އަދި ހިތްގައިމު ދަތުރަކަށްފަހު ފަރުސާންމެނަށް ކުޅުދުއްފުއްޓަށް ދެވުނީ ހުކުރުދުވަހުގެ ހެނދުނު ދިހައެއް ޖަހާކަން ހާއިރު އެވެ.

ކުޅުދުއްފުއްޓަކީ ޝިޔާއަށް މުޅިންއައު ރަށެއް ނަމަވެސް ފަރުސާނަކަށް އެހާއަލެއް ނޫނެވެ. ފަރުސާންމެން ބަނދަރަށް ފޭބުމާއިއެކު ފަރުސާންގެ ރަހުމަތްތެރި އަޒްފާ އައިސް ފަރުސާނުއާ ސަލާން ކޮށްލަމުން ހާލުއަހުވާލު އޮޅުންފިލުވި އެވެ.

ފަރުސާންގެ ރަހުމަތްތެރި އަޒްފާއަށް ޝިޔާ ތަޢާރަފް ކޮށްދިނުމުން އަޒްފާ އޭނާއާ ސަލާންކޮށްލި އެވެ. ސިޔާފަދަ ކުޅަދާނަ މައްސޫރު ވާހަކަލިޔުންތެރިއަކާއި ބައްދަލުވުމުން އުފާކުރާކަން ހާމަކުރަމުން ހިނިތުންވެލި އެވެ.

ވާހަކަދައްކަން ދެތިންމިނިޓް މަޑުކުރުމަށްފަހު ޓެކްސީއަކަށް އަރައިގެން ތިންމީހުން ދިޔައީ އަޒްފާމެން ގެއަށެވެ. ކޮޓަރީގައި ދަބަސްތައް ބެހެއްޓުމަށްފަހު ބޭރަށް ނުކުމެލީ ކޮންމެވެސް ފިނިއެއްޗެއް ބޯލުމުގެ ބޭނުމުގައެވެ. ކޮފީޝޮޕްގައި ތިބެގެން ފިނިބުއިމަކަށް އިންސާފު ކުރަމުން ދިޔައިރު ތިންމީހުންގެ މެދުގައި ވާހަކަތަކެއް ދެކެވެމުން ވެސް ދިޔައެވެ.

ޝިޔާގެ މަސައްކަތް ފެށެން އޮތީ މިރޭގައި ކަމަށްވާތީ އާއި މިއަދަކީ ހުކުރުދުވަސް ކަމަށްވާތީ ގެއިން ބޭރަށް ދިއުމުގެ ބަދަލުގައި ދެމީހުން ވެސް ބޭނުންވީ އަރާމުކޮށްލައި ދަތުރު ވަރުބަލި ފިލުވާލާށެވެ. އަރާމުކޮށްލަން ފަރުސާންމެން ޖައްސާލުމުން އަޒްފާ ނުކުތީ ބޭރަށެވެ.

އިރުގެ ދައުރުވުން ރަށްމަތިން ގޮސް އޮއްސޭމުރިންގާއި ގާތްވަމުން ދިޔަވަރަކަށް ރަށުތެރެއަށް އަނދިރިކަން ވެރިވަމުންދިޔަ އެވެ. އިރުއޮއްސޭވަގުތު ގާތްވަމުން ދިޔައިރު ޝިޔާގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތްފެށުމުގެ ވަގުތު ގާތްވަމުން އަންނާތީ އެކަމުގެ ސަބަބުން އޭނާއަށް ލިބެމުންދިޔަ ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.

ހަވީރު ސައިބޮއެގެން ޝިޔާއާ ފަރުސާން ގޮވައިގެން އަޒްފާ ދިޔައީ މަރިޔަންދީ އުޅޭގެއަށެވެ.

މީގެ އެތައް އަހަރެއް ކުރިން ބިނާކޮށްފައިވާ އެގެއަކީ އުވައިން ފާރުތައްރާނައި ފާރުތަކުގައި ވެސް އުވަ ޖަހާފައިވާ ގެއެއްކަން ބޭރުން ވެސް އެނގެއެވެ. ފުރާޅުތަކުގައިވާ ޓިނުތަކާއި ބައެއް ފާރުތަކުން އުވަކޮށުމުގެ ސަބަބުން ހެދިފައިވާ ބާގަނޑުތަކުން ވެސް އެގެއަކީ ވަރަށް ގިނަ އަހަރުވެފައިވާ ގެއެއްކަން އެނގެއެވެ.

ޝިޔާ ބޭނުންވިފަދައިން އޭނަ ގޮވައިގެން ގޯތިތެރެއަށް އަޒްފާ ވަނެވެ. ގޭތެރެއަށް ވަންނަން ސަލާން ގޮވާލި ނަމަވެސް ޖަވާބު ލިބުނީ ދެތިންމިނިޓެއް ހާއިރު ފަހުންނެވެ.

އުމުރުން ފަންސާހަކަށް އަހަރުގެ އަންހެނަކު ގޭތެރެއިން ނުކުންނަމުން ސަލާން ބަލައިގަތެވެ. އަދި ޝިޔާމެން ކައިރިއަށް ހުއްޓެމުން ކީއްކުރަން އައި ކޮންބައެއްތޯ ސުވާލުކުރި އެވެ. އެއަންހެންމީހާއަކީ އަޒްފާ އެބުނާ ފަންޑިތަހަދާ މަރިޔަންދީ ކަމުގައި ޝިޔާ އަމިއްލައަށް ނިންމިއެވެ.

ސިޔާމެންނަކީ ކީއްކުރަން އައި ކޮންބައެއްކަން މަރިޔަންދީއަށް ބުނެދިނީ އަޒްފާއެވެ. އަޒްފާގެ ވާހަކަތައް ވަރަށްކަނުލައި އަޑުއެހި ނަމަވެސް،  ޝިޔާ ބޭނުންވިފަދައިން މަރިޔަންދީ ފަންޑިތަހަދާ ގަޑީ ޝިޔާ އެތަނަށް ވައްދާކަށް މަރިޔަންދީ އެއްބަހެއް ނުވިއެވެ.

މަރިޔަންދީ އެހެން ބުނި ނަމަވެސް ޝިޔާ އުންމީދު ނަގައެއްނުލަ އެވެ. ކުޑަނަމަވެސް ކުރިއެރުމެއް ލިބޭތޯ ޝިޔާ މަސައްކަތް ކުރަމުން ދިޔައެވެ. އެތައްއިރެއް ވަންދެން ޝިޔާ ކުރަމުންދިޔަ އާދޭސް ތަކުންނާއި، އެދެމުންދިޔަ އެދުމުގެމަތިން ހަމައެކަނި އޭނައަށް ފުރުޞަތު ދިނުމަށް މަރިޔަންދީ އެއްބަސް ވިއެވެ. ޝަރުތުތަކެއް ހުށަހަޅައި އެޝަރުތުތަކާއި އެއްބަސްވެގެން ނޫންގޮތަކަށް އެތަނަށް ނުވަދެވޭނެކަމަށް ވެސް ބުންޏެވެ.

މަރިޔަންދީގެ އެ ޝަރުތުތަކުގެ ސަބަބުން ޝިޔާ ކޮންމެ ވެސް ވަރަކަށް ކަންބޮޑުވި ނަމަވެސް، އެކަމަށް ބޭނުންވެފައި ހުރި ވަރުން މަރިޔަންދީގެ އެވާހަކަތަކާއި އެއްބަސްވެ ޝަރުތުތައް ގަބޫލުކުރިއެވެ.

އޮއްސުނުއިރާއިއެކު ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަން ވެސް ވެރިވިއެވެ. މަގުތަކަށް ވެސް ކޮންމެ ވެސް ވަރެއްގެ ހަމަހިމޭންކަމެއް ވެރިވިއެވެ.

އިސާނަމާދުން އައިސް ރޭގަނޑަށް ކައިގެން ޝިޔާ ތައްޔާރުވަމުން ދިޔައީ މަރިޔަންދީ ކައިރިއަށް ދާށެވެ. މަރިޔަންދީ ގާތަށް އޭނަ ގޮސް ހޯދާ ރައްކާކުރަންޖެހޭ މަޢުލޫމާތުތައް ރައްކާކުރުމަށް ބޭނުންވާ ސާމާނު ދަބަހުންނަގައި އެކަމަށް ތައްޔާރުވެލި އެވެ. އެތަކެތި ރާވައި ޓެސްޓްކޮށްލިއެވެ.

ނުވައެއް ޖަހަން ކައިރިވުމުން އަޒްފާ އާއި ފަރުސާންއާއެކު މަރިޔަންދީމެންގެއަށް ޝިޔާ ދިޔައެވެ.

ޝިޔާ ގޭތެރެއަށް ވަންނަމުން ސަލާން ގޮވާލުމާއިއެކު މަރިޔަންދީ ނުކުމެ އޭނާއާ ބައްދަލުކުރި އެވެ. އޭނާއާ ވާހަކަތަކެއް ދެއްކުމަށްފަހު އޭނާ ގޮވައިގެން ހިނގައިގަތެވެ. ގޭތެރެއަށް އޭނާ ނަޒަރު ހިންގާލިއިރު ގޭތެރޭން ވެސް ފެންނަމުންދަނީ މުސްކުޅިކަމާއި ބައުކަމެވެ. ހަމަހިމޭންކަމާއި ފަޅުކަމެވެ.

މަރިޔަންދީގެ ފަހަތުން ކަހަލަގޮތަކަށް ޝިޔާ ގޮސް މަރިޔަންދީ ވަތް ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ މެދުގައި ބަހައްޓާ ފައިހުރި ފަތްޖެހި އެނދުގައި ޒުވާންފުރައިގެ އަންހެންކުއްޖަކު އޮތެވެ. އެނދުގެ ދެފަރާތުގައިހުރި ދެގޮނޑީގައި ތިބެގެން މެދުއުމުރުގެ ދެމީހަކު ޤުރުއާން ކިޔަވަމުން ދިޔައިރު ކޮޓަރިން ބޭރަށްހުރި ކުޑަދޮރު ސެޓް ހުޅުވާފައި ހުއްޓެވެ. އެކުޑަދޮރުން ބޭރު ފެންނަމުން ދިޔައިރު އެސަރަހައްދުގައި ހައްދާފައިވާ ދޮންކެޔޮފީންޏެއް ވަރަށްރީތިކޮށް ފެންނާން އޮތެވެ. މާދުރުން އައިސްފައިވާ އައްޔެއްގެ ސަބަބުން ފަނޑު އަލިކަމެއް އެހިސާބަށް ފެތުރިފައިވީ ނަމަވެސް އެސަރަހައްދުގައި ރަސްކަން ކުރަމުންދަނީ އަނދިރިކަމެވެ.

ޝިޔާ ކޮޓަރިއަށް ވަންނަމުން އޭނާގެ ޖީބުގައި ހަރުކޮށްފައިވާ ކެމެރާ އޮންކޮށްލި ނަމަވެސް އެތަނުގައިތިބި މީހުންނަކަށް އަދި މަރިޔަންދީ އަކަށް ވެސް އެކަމެއް ނޭނގެއެވެ.

ކޮޓަރިތެރޭހުރި ގޮނޑިއެއްދައްކައި އޭގައި އިށީންނަން ބުނަމުން މަރިޔަންދީ މަސައްކަތަށް އެނބުރުނެވެ. މަޑުމަޑުން ގޮސް އެ ޒުވާނާގެ ބޯލާކޮޅުގައި އިށީނެވެ.

ކޮޓަރިތެރޭގައި ހިނގަމުންދިޔަ ކަންކަން ޝިޔާ ވަކިވަކިން އޭނާގެ ސިކުނޑީގައި ރައްކާކުރަމުން ދިޔައެވެ.

ކުއްލިއަކަށް ކަހަލަގޮތަކަށް ކޮޓަރިތެރެއަށް ވެރިވެގެންދިޔަ ބާރުހުނުމުގެ އަޑާއިއެކު ޝިޔާ ދިޔައީ ތެޅިގަނެގެން ނެވެ. އިތުރު ފިރިހެނަކު ފެންނަން ނެތިސް، އެތަނުގައި ތިބި ދެފިރިހެނުން ޤުރުއާން ކިޔަވަމުން ދަނިކޮށް، އެހެން ފިރިހެނަކު ހޭއަޑު އިވުން ވެގެންދިޔައީ ޝިޔާ ހައިރާންވެ ކަންބޮޑުވުމުގެ އިތުރުން ބިރު ވެސް ގަތް ކަމަކަށެވެ. އެހެނަސް މަރިޔަންދީއާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް ކެތްތެރިވެ ހަމަހިމޭން ވިއެވެ. އެކަމުގެ ބޭނުންތެރިކަމާއި މުހިންމުކަން އޭނާއަށް ވިސްނެމުންދިޔަ އެވެ.

ކޮޓަރިތެރޭން އިވެމުންދިޔަ ހުނުމުގެ އަޑަކަށް އެމީހުން ސަމާލުކަމެއް ނުދެއެވެ. އެމީހުން އެމީހުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައިރު އެއަޑަކީ އެހާ މުހިންމު އަޑަކަށް ނުވިއެވެ.

ކޮންމެވެސް ވަރަކަށް ހާސްވެ ކަންބޮޑުވި ނަމަވެސް އެކަން ސިއްރުކޮށް، ހަމަޖެހޭގޮތް ދައްކަމުން އެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ޝިޔާ އިނެވެ.

ވަގުތުތައް ފާއިތުވަމުން އައިސް މެންދަމު ބާރަޖަހާކަން ހާއިރެވެ. މަރިޔަންދީ އޭނާގެ މަސައްކަތް މިރެއަށް ނިންމާލުމުން ޝިޔާ ގެއަށްދާން ނުކުންނަމުން ފަރުސާނަށް ފޯނުކުރިއެވެ. ވަގުތަކީ މެންދަމުގެ ވަގުތާއި ގާތްވަމުން އައި ވަގުތުކަމަށްވާތީ މަގުތަކުން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ.

ލިބުނު ކުރިއެރުމަށް ހިނިތުންވަމުން ޝިޔާ ނުކުމެ ދޮރޯށި ކައިރީ މަޑުކޮށްލިއެވެ. ދޮރޯށި ކައިރީ މަޑުކޮށްލައިގެންހުރި ޝިޔާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކަހަލަގޮތަކަށް އެގެއިން ނުކުމެ، އޭނާއަށް ބަލާލުމަށްފަހު އަނގައިން ވެސް ނުބުނެ ފަރުސާން ދިއުމުން ނެވެ. ކޮންމެ ވެސް ވަރަކަށް ހައިރާންވެފައި ފަރުސާނަށް ބަލަހައްޓައިގެންހުރި ޝިޔާގެ ހައިރާންކަމާއި ކަންބޮޑުވުން އިތުރުވެގެން ދިޔައީ މަގުގެ ވަކި ހިސާބަކުން ކުއްލިއަކަށް ފަރުސާން ގެއްލުމުންނެވެ. ގަތް ބިރެއްގެ ސަބަބުން ޝިޔާއަށް ތެޅިގަނެވުނެވެ. އެއްވެސް އިހްތިޔާރަކާއިނުލައި ފަހަތަށް ޖެހެލެވުނު ވެސް މެއެވެ.

ފެނުނު މަންޒަރުގެ ސަބަބުން ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުރި ޝިޔާ އަނެއްކާ ވެސް ސިއްސައިގެން ދިޔައީ ފަރުސާންގެ އަޑަށެވެ. އަޑުއައި ދިމާއަށް ބަލާލިއިރު އެތަނުގައި ފަރުސާން ހުރި ނަމަވެސް އެދިމާއަށް ދާކަށް ނުކެރުނެވެ. އިސްޖެހި ފަސްޖެހެވުނުއިރު އުފެދުނު ސުވާލުތައް ގިނަވެގެން ދިޔައެވެ.

ކުރިމަތިން ފެންނަމުންދިޔަ މީހަކީ ފަރުސާންކަން ޔަގީންކުރުމަށްފަހު ޝިޔާ އޭނާގާތަށް ދިޔައެވެ. ދެންމެގައި ހިނގާ ދިޔަ ކަންތައް ކިޔައިދިނެވެ.

ޝިޔާގެ ސުވާލަށް ޖަވާބުދެމުން ފަރުސާން ބުނީ އެއީ ޝިޔާއަށް ހީވިގޮތެއް ކަމަށެވެ. އެކަމާއިމެދު ނުވިސްނުމަށާއި ކޮފީއެއް ބޯލައިގެން ގެއަށްދާންވީ ކަމަށް ވެސް ބުންޏެވެ.

އަފްޒާއާ ޝިޔާ ހަވާލުކުރުމަށްފަހު ފަރުސާން، އެރޭ ފުރައިގެން މާލެ ދިޔައީ ޝިޔާގެ މަސައްކަތް ނިންމާފައި ގުޅުމުން ބަލައި އަންނާނެކަމަށް ބުނެފައެވެ. އޭނަ އަންނަންދެން ޝިޔާ ވަރަށް ރަނގަޅަށް ބެލުމަށް ވެސް އަޒްފާގާތު ބުންޏެވެ.

މަދްރަސީދައުރުގައި ފަރުސާންގެ ފަރާތުން އޭނާއަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނުނެތޭކަމަށާއި އޭނާގެ ފަރާތުން ފަރުސާން ކަމަކަށް އެދުނު ދުވަހު އެއެދުމަށް ފުރަގަސްދޭ މީހަކަށް އޭނާ ނުވާނެކަމަށް އަޒްފާ ބުނުމުން ޝިޔާ އާއި ފަރުސާން ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ.

މާލެ ދިއުމަށްޓަކައި ފަރުސާން ފުރުމުން އަޒްފާ އާއި ޝިޔާ އައީ ގެއަށެވެ. އޭރު މެންދަމުންއަލިވެ އެކެއް ވެސް ޖަހައިފިއެވެ. ގެއަށް އާދެވުމާއިއެކު ޝިޔާ ބޭނުންވީ އަވަހަށް ނިދާލަން ކަމަށްވާތީ އަޒްފާ ގާތު އެވާހަކަ ބުނެފައި އޭނާ ދިޔައީ ކޮޓަރި އަށެވެ.

ހެދުންބަދަލުކޮށްގެން އައިސް އެނދަށް އަރައ ޖައްސާލިތާ މާގިނައިރެއް ނުވަނީސް ޝިޔާއަށް ނިދިއްޖެއެވެ.

ނުހަނު އުފަލާއި ހިތްހަމަޖެހުމާއިއެކު ނިދާލާފައި އޮތް ޝިޔާއަށް ސިއްސައިގެން ގޮސް ހޭލުވުނީ ފިނިފިނި އަތެއް އޭނާގެ މޫނުގައި ބީހިލި ކަހަލަ އިހުސާސެއް ވެގެންނެވެ. އަވަސް އަވަހަށް ލޯ ހުޅުވާލުމާއިއެކު ފެނުނީ އޭނާއާ ނުހަނު ގާތުގައި ކޮޅަށްހުރި ޒުވާން ފުރައިގެ ފިރިހެނެކެވެ. ކޮޓަރީގައި ދިއްލާފައިވާ ނިދާބޮކީގެ ފަނޑުއަލީގައި އެމީހާގެ މޫނު ކިތަންމެ ރަނގަޅަށް ފެނުނު ނަމަވެސް އެޒުވާނާ އަކީ މީގެ ކުރިން ޝިޔާއާ ބައްދަލުވެފައިވާ މީހަކަށް ނުވާތީ އެއީ ކާކުކަމެއް ޝިޔާއަކަށް ނޭނގުނެވެ.

ޝިޔާ އަވަސް އަވަހަށް ތެދުވަމުން އެމީހާގެ މޫނަށް ބަލާލުމާއިއެކު އެމީހާގެ މޫނުމަތިން ހައިރާންކަމާއި ލަދުވެތިކަން ފާޅުވެގެން ދިޔައެވެ. ޝިޔާގެ މޫނަށް ބަލާލަމުން ސޮރީއޭ ބުނެފައި އެމީހާ ގޮސް ކޮޓަރިން ނުކުންނަމުން ދޮރުލައްޕާ ތަޅުލިއެވެ.

ނިދަން އޮށޯތުމުގެ ކުރިން ކޮޓަރި ތަޅުލިކަން ޝިޔާއަށް ޔަގީންވާތީ އެމީހަކު އެތަނަށް ވަތްގޮތަކާއިމެދު އުފެދޭ ސުވާލުތައް ގިނަވަމުން އެއީ ކާކުތޯ ވެސް ސުވާލު އުފެދެމުން ދިޔައެވެ.

ވެދިޔަކަންތަކާއިމެދު ވިސްނާ ފިކުރުކުރަން އިރުކޮޅަކު މަޑުކުރުމަށްފަހު، ޝިޔާ ތެދުވެގެން ގޮސް ކޮޓަރީގެ ތަޅު ބަލައިލީ ރަނގަޅަށް ތަޅުލެވިފައިވާ ވޭތޯ ޔަގީން ކޮށްލުމަށް ޓަކައެވެ.

ދެވަނަ ފަހަރަށް އައިސް އެނދަށްއަރައި އޮށޯތް ނަމަވެސް ޝިޔާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ވެދިޔަކަންތަކާއިމެދު ވިސްނެމުން ދިޔައިރު އެކަން ތަކުރާރު ވެދާނެކަމާއިމެދު ވެސް ވިސްނެމުން ދިޔައެވެ. ޝިޔާއަށް ހޭލެވި އޭނާއާ ދިމާއަށް ބަލައިލުމުން އޭނާއަށް ވީ ގޮތާއި މަޢާފަށް އެދުނުގޮތް ވެސް ހަނދާނަށް އަންނަމުން ދިޔައެވެ. އޭނާ އެފަދައިން ކަންތައް ކުރުމަށްފަހު ދެވަނަފަހަރަށް އެކޮޓަރިއަށް އައިސްދާނެ ބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ. އޭނާއާ މިގެއާ ގުޅުމެއް ނުވާނަމަ މިގެއަށް ވަދެގެން އެކޮޓަރިއާ ދިމާއަށް އާދެވިދާނެ ކަމާއިމެދު ވެސް ޝިޔާއަށް  ވިސްނެމުން ދިޔައެވެ.

ނިދިން މަޙްރޫމުވެ ވެދިޔަ އެކަންތަކާއިމެދު ވިސްނާ ފިކުރުކުރަންއޮތް ޝިޔާއަށް ހޭވެރިކަންވީ މިސްކިތު ތާޅަފިލިން ރަށުތެރެއަށް ފެތުރިގެންދިޔަ ފަތިސްނަމާދު ވަގުތުގެ ބަންގީގެ އަޑަށެވެ. ބަންގިގޮވުމުން ޝިޔާ އަވަސްވެގަތީ ފަތިސްނަމާދު ކުރާށެވެ.

ނުނިމޭ

7
1
މިއީ " އޭނާ " އަށް ހުށަހަޅާފައިވާ 8 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އޭނާ ( 1 )“

Leave a Reply

Your email address will not be published.