ހިތާމަ ބިރުވެރި ލޯބީގެ

ސަހަރާ ( 13 ) ނިމުން

ނީމާ ގޮވައިގެން އަސްނާދު ދިޔަގޮތަށް ގޮސް ވަނީ އޭނާގެ ގޭގައިވާ ބިންގަރާސް ކޮޓަރި އަށެވެ. އެއީ އެހެން މީހަކަށް ތަނެއްދޮރެއް ނޭނގޭނެހެން ހަދާފައިވާ ތަނެއްކަން ނީމާއަށް ޔަގީންވި އެވެ.

އެ ބިންގަރާސް ކޮޓަރިއަކީ ވަރަށް ރަނގަޅަށް ފަރުމާކޮށްގެން ހަދާފައިވާ ޒަމާނީ ތަނެކެވެ. އެކި ދިމާއިން ސިޑިލައި ޒަމާނީ ދިއްލުންތައް ދިއްލާފައި ވެއެވެ. އެތަނުގެ ތެރޭގައިވާ ބިއްލޫރި ފޮށިތަކުގައިވަނީ ރަށުން ގެއްލުނު ބައެއް އަންހެންކުދިންގެ ހަށިތަކެވެ. އެތަނުގެ މެދުގައި ބޮޑު މަސްފެންގަނޑެއް ހަދައި މަސްފެންގަނޑުގެ މަތިން ހިނގޭނެހެން ފާލަމެއް ވެސް ހަދާފައި ވެއެވެ. އެތަނުގެ އެތަން މިތަނުގައި އެކިވަރުގެ ހަންޖަރާއި އެކި ޒާތްޒާތުގެ ވަޅި ވެސް ހުއްޓެވެ. މަސް ފެންގަނޑުގައި ވަނީ ލޭކުލައެވެ. އެތަނުގެ ފުރިހަމަކަން ފެނިއްޖެނަމަ މީހުން ހައިރާން ވާނެކަން ޔަގީނެވެ.

ފެންނަމުންދިޔަ މަންޒަރުތަކުގެ ސަބަބުން ނީމާ ހުރީ ބިރުން ސިހި ސިހި އެވެ.

ނީމާ ގެންގޮސް އެތަނުގެ ސިޑިއެއްމަތީގައި ބެހެއްޓުމަށްފަހު މަޑުކުރަން ބުނެފައި އަސްނާދު ހިނގައި ގަތެވެ. ވާނުވާ ނޭނގޭ ނީމާ ހާސްވެ ކަންބޮޑުވެފައި ވަށައިގެންވާ މާހަޢުލަށް ނަޒަރު ހިންގާލަ ހިންގާލަ ހުއްޓެވެ. ތަނުގެ ކޮންމެ ދިމާއަކުން ނީމާއަށް ފެންނަނީ ބިރުވެރިކަމާއި ނާމާން ކަމެވެ. ގަތްފައިވާ ބިރުގެ ސަބަބުން ނީމާގެ އަނގައިން ވޭނީ އާހެއްގެ އަޑު އަވިއިވި ހުއްޓެވެ.

ނީމާ ހުރީ އަސްނާދުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ނެވެ. އަތުގެ އިސާރާތުން އަސްނާދު ދައްކާލީ އެތަނުގައި ހުސްކޮށް ހުރި ބިއްލޫރި ފޮއްޓެވެ. އެއާއި ގާތަށް ޖެހިލަމުން އަސްނާދު ވާހަކަދައްކާން ފެށިއެވެ.

” މަންމާ! .. މަންމާ .. ބަލާލަބަލަ. އަހަރެން މަންމަގެ އެދުން ފުރިހަމަ ކޮށްފިން … މިހިރީ އަހަރެންގެ ނީމާ … މަންމަގެ ނީމާ. ” ރޮމުން ރޮމުން ކަހަލަގޮތަކަށް އަސްނާދު ވާހަކަ ދެއްކިއެވެ. އޭނާގެ ނަޒަރު އަމާޒު ވެފައިވަނީ އެތަނުގެ އެއްކަނަށް ކަހަލަ ގޮތަކަށެވެ.

” އެނގޭތަ ނީމާ …. އަހަރެން ކުޑައިރު ވެސް އަހަރެންނާއިއެކު ކުޅޭކަށް އެއްވެސް ކުއްޖަކު ނާދޭ … އަހަރެންނާއި ވާހަކަ ވެސް ނުދައްކާ. ހުރިހާ އެންމެން ވެސް ބުނަނީ އަހަރެންގެ މަންމައަކީ މޮޔައެކޭ. ” މާޔޫސްކަމާއި ހިތްދަތިކަމާއެކު ރޮމުން ރޮމުން އަސްނާދު ވާހަކަދެއްކި އެވެ. އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

ހަދާނެގޮތް ހުސްވެ މާޔޫސްވެފައި، އެކަނި މާއެކަނި ސަހަރާތެރޭގައި ހުރި އާސިމު ސަލާމަތަށް އެދި ވަރަށް ބާރަށް ހަޅޭލަވަމުން ދިޔައެވެ.

އާސިމުގެ ބާރު ހަޅޭކުގެ އަޑަށް ޕުރިންސިޕަލް ވާފިރަށް އެހިސާބަށް އާދެވުނެވެ. އެއާއެކު އަވަސް އަވަހަށް އާސިމު ސަލާމަތްކޮށް ވެގެން އުޅޭގޮތް އެހިއެވެ. ވެގެން އުޅޭގޮތް ކިޔައިދީ ނިމުނުއިރު އާސިމުއެކޭ އެއްފަދައިން ވާފިރު ވެސް ހުރީ ވަރަށް ކަންބޮޑުވެފަ އެވެ. ހަމައެހެންމެ އަސްނާދުދެކެ ވަރަށް ރުޅިއައިސްފަ އެވެ.

އިރުއޮއްސުމުގެ ވަގުތު ގާތްވަމުން އަންނާތީ ރަށުތެރެއަށް ހަމަހިމޭންކަމާއި އަނދިރިކަން ވެރިވަމުން ދިޔައެވެ.

އާސިމާއި ވާފިރު ދުވެފައި ކަހަލަގޮތަކަށް ނީމާ އުޅޭގެއަށް ދިޔައެވެ. އެގެ އާއި މުޅިގޯތިތެރެ ބަލައިގެން ވެސް ނީމާ އާއި އަސްނާދުގެ ޚަބަރެއް ނުވިއެވެ. ގޮވާގޮވާ އަޑެއް ވެސް ނީވުނެވެ. ދެމީހުންގެ މޫނުމަތިން ފާޅުވަމުންދިޔަ ހާސް ކަމާއި ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ.

ވާފިރާއި އާސިމު ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ދެމީހުން އެކުގައި ކަހަލަ ގޮތަކަށް އަސްނާދުގެ ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ނީމާ ގޮވައިގެން އަސްނާދު އިނީ ސިޑިމަތީގަ އެވެ.

” އެއްދުވަހަކު އަހަރެންގެ ބޮޑުދައިތަ ބުނި އެއްވެސް ކުއްޖަކު އަސްނާދާއި ވާހަކައެއް ނުދައްކައެއް ނޫންހޭ . . .. ވާހަކަ ނުދެއްކިޔަސް އަޅާނުލާށޭ . .. އެއްވެސް ކުއްޖަކު އަސްނާދު ކައިރިއަކަށް ނާދޭ ނޫންހޭ . . . ކައިރިއަށް އަންނާން ފުރުސަތު ނުދޭށޭ. ކަލޭ އަމިއްލަ ދުނިޔެއެއް ބިނާކުރާށޭ. ” އަސްނާދު ވާހަކަ ދައްކަމުން ދިޔައީ އޭނާގެ މާޒީއަށް އިޝާރާތް ކޮށެވެ.

” އަހަރެން … އެތައް އަހަރެއްގެ މަސައްކަތުން އަމިއްލަ ދުނިޔެއެއް ބިނާކުރީ …. މިހާރު އަހަރެންގެ ދިރިއުޅުން ފުރިހަމަވެއްޖެ …. އަހަރެންގެ މަންމަ ވެސް ރަނގަޅު ވެއްޖެ. ” އަސްނާދު ވާހަކަ ދައްކަމުންދިޔަ ނަމަވެސް ގަތްފައިވާ ބިރުގެ ސަބަބުން ނީމާ އިނީ ރޯލަ ރޯލަ އެވެ.

” ނީމާ! … ނީމާ! ކަލޭ ކިހާރީތި. ކަލޭގެ ދެލޮލާއި ތުންފަތް … އަހަރެންނަށް ކަލޭ މަރާލެވި ދާނެތަ ؟ .. ތިރޮނީ ކީއްވެ ؟ ” ނީމާ ހަމައަކަށް އެޅުވޭތޯ އަސްނާދު ވާހަކަ ދައްކަމުން ދިޔައެވެ.

އާސިމާއި ވާފިރު އަސްނާދުގެ ގެއަށްވަދެ އެގޭގޭ އެތަން މިތަން ހޯދަން ފެށިއެވެ. ދެމީހުން ތިބީ ވަރަށްބޮޑަށް ހާސްވެ ކަންބޮޑުވެފަ އެވެ.

އެގޭގެ އެތަން މިތަން ބަލަމުން ދިޔަ އާސިމަށް ގޯތިތެރޭ ހުރި ގަހެއްގެ ކައިރިން،  މަތި ބަންދުކޮށް ފައިވާ ވަޅުގަނޑެއް ކަހަލަތަނެއް ފެނިއްޖެ އެވެ. އެތައް އިރަކު ވާފިރާއި އާސިމުކުރި މަސައްކަތުން އެތަނުގެ ޙަޤީޤަތް އެނގުނު އިރު އެއީ އަޑިއަށް ފޭބޭހެން ހަދާފައިވާ ވަޅުގަނޑެކެވެ. އެއާއެކު އާސިމަށް ހަނދާންވީ ނާސިމާ މަރާލި ހާދިސާ އަސްނާދު ކިޔައިދިން އިރު އެފަދަތަނެއްގެ ވާހަކަ ބުނި ހަނދާނެވެ.

އަސްނާދާއި ނީމާ އެތަނުގެ ތެރޭގައި ތިއްބެވެ.

” މިހާރަކު ނޫން … މިހާރަކު ނޫން … އަހަރެން އެބައަންނަން ވަރަށް އަވަހަށް … އެއްވެސް އަޑެއް ނުލައްވާ މަޑުން އިންނާތި …” ނީމާގެ މޫނަށް ބަލަން އިނދެ އަސްނާދު ވާހަކަދެއްކި އެވެ.

އަސްނާދު އެތަނުން ތެދުވެގެން ހިނގައިގަތެވެ. އެދިޔަގޮތަށް ގޮސް އެތަނުގައިވާ ގަހެއްގެ ތެރޭން ސިރިންޖެއް ނަގައި ކަށި ޖަހައި ތައްޔާރު ކޮށްލިއެވެ.

އަސްނާދު ސިރިންޖު ހިފައިގެން ނީމާ ގާތަށް ދިޔައިރު ނީމާ ބިރުން ތެޅިފޮޅެނީ އެވެ.

” ނޫން … ނޫން ” އަސްނާދުގެ ޢަމަލުތަކުގެ ސަބަބުން ބިރުން ސިހިސިހި ހުރި ނީމާ އާދޭސް ކުރިއެވެ.

” އެއްވެސް ކަމެއް ނުވާނެ. މަޑުން އިނދޭ … ކުޑަކޮށް ތަދުވާނެ. އަނގަ މަޑުކުރޭ …. މަޑުމަޑުން ހަމަ ހިމޭނުން އިނދޭ. ” އަސްނާދު ވާހަކަ ދައްކަމުން މަސައްކަތްކުރީ ނީމާގެ ކޮނޑަށް ކަށި ވައްދާލާ ށެވެ. އެފަދައިން ކަންތައް ނުކުރުމަށް އެދި ނީމާ ރޮއި އާދޭސް ކުރަމުން ދިޔައެވެ.

ކުއްލިއަކަށް އެތަނުގެތެރެއަށް އާސިމު ވަނުމުން  އަސްނާދު ދިޔައީ ސިއްސައިގެން ނެވެ. ރުޅި އައިސް ރަތްވީ އެއަށްވުރެ އަވަހަށެވެ.

އަސްނާދު ދިޔަގޮތަށް ގޮސް އާސިމުގެ ގައިގާ ޖެހިއެވެ. އާސިމު ވެސް އަސްނާދުގެ ގައިގާ ޖެހިއެވެ. އެކަކު ވެސް އަނެކަކަށް ދޫކުރަން ބޭނުމެއްނުވެ ދެމީހުން ތަޅާފޮޅަން ފެށިއެވެ. އަސްނާދާއި އާސިމު ތަޅާފޮޅަމުން ބޭރަށް ނުކުތެވެ.

އަސްނާދަކީ އާސިމަށްވުރެ ހަށިގަނޑުން ވަރުގަދަ ޒުވާނަކަށްވާތީ އަސްނާދު ކައިރީގައި އާސިމަކަށް މާބޮޑުކަމެއް ނުކުރެވުނެވެ. އަސްނާދު ބޭނުންގޮތެއް އާސިމަށް ހަދަމުން ދިޔައެވެ. ފާރުގައި ނިތްކުރިން ޖަހައި އާސިމުގެ ބޯފަޅާލި އެވެ. އާސިމު ވެސް އޭނާއަށް ވެވުނު ވަރަކުން ހިތްވަރާއިއެކު މަސައްކަތް ކުރަމުން ދިޔައެވެ.

އާސިމުގެ ގައިގާ ތަޅައި ހޭނައްތާލުމަށްފަހު އަސްނާދު ހިނގައިގަތީ ނީމާއާ ދިމާއަށެވެ. އަސްނާދަށް ނީމާއާ ހަމައަށް ނުދެވެނީސް ވާފިރު އައިސް އަސްނާދުގެ ގައިގާ ހިފެހެއްޓި އެވެ.

އަސްނާދު މަސައްކަތް ކުރީ އާސިމަށް ހެދިގޮތްތައް ވާފިރަށް ވެސް ހަދާލާށެވެ. އެހެން ނުހެދުމަށް އަސްނާދަށް ގޮވަމުން ރޯލަރޯލާ ނީމާ ހުއްޓެވެ.

ވާފިރު ބުނެގެން ނީމާ ގޮސް ކުރިމަސައްކަތުން އާސިމު ހޭއަރައިފި އެވެ. އާސިމު ހޭއެރުމާއިއެކު ދުވެފައި ކަހަލަގޮތަކަށް އައިސް އަސްނާދުގެ ގައިގާ ހިފަހައްޓައި ވާފިރުއާ ދުރުކުރާން މަސައްކަތް ފެށިއެވެ.

ނުހަނު ވިސްނުންތެރި އެހާމެ ބާރުގަދަ އަސްނާދު ވަރަށް ވިސްނައިގެން ހުރުމަށްފަހު ކުއްލިއަކަށް އާސިމުގެ މޭގައި ޖެހި ޖެހީނުން ދިހަވަރަކަށްފޫޓް ދުރަށް ވިއްސާލިއެވެ. އަދި ވަރަށް ހަލުވިކަމާއެކު ދަނޑި ގަނޑެއް ހިފައިގެން އައިސް ވާފިރުގެ ބޮލުގައިޖަހައި ވާފިރުގެ ބޯފަޅާލި އެވެ. އެއާއެކު ވާފިރު ހޭނެތިގެން ވެއްޓިއްޖެ އެވެ.

ލިބުނު ކާމިޔާބަށް ހިނިތުންވަމުން ނީމާއާ ދިމާއަށް އައި އަސްނާދު ހުއްޓުނީ އޭނާގެ ބުރަކައްޓަށް އެއްޗެއް ހެރުމުން ނެވެ. އެއާއެކު އަސްނާދު ތަޅުންމައްޗަށް ވެއްޓިއްޖެ އެވެ. ވާފިރާއި ނީމާ އަދި އާސިމު، އަސްނާދުގެ ފަހަތަށް ބަލާލިއިރު އެތަނުގައި ހުރީ އަސްނާދުގެ މަންމަ ޒަމީރާ އެވެ. ޒަމީރާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އަސްނާދުގެ ބުރަކައްޓަށް ހަރާލާފައިވަނީ ހަންޖަރެއް ކަހަލަ ވަޅިއެކެވެ.

ބިންމަތީގައި ފިރުކެމުން ލޫދެމުން ކަހަލަގޮތަކަށް އަސްނާދު ގޮސް ޒަމީރާގެފައިގައި ހިފެހެއްޓި އެވެ. ޒަމީރާ އަވަސް އަވަހަށް އިށީނދެ އަސްނާދު ނަގައި އުނގުގައި ބާއްވައިލި އެވެ.

އަސްނާދު މަރުވީ ޒަމީރާގެ އުނގުގައި އޮވެއެވެ. ޒަމީރާ ރޮމުން ރޮމުން އަސްނާދުގެ ގައިގައި ބައްދާލި އެވެ.

މަރުވެފައިވާ އަސްނާދުގެ ހަށިގަނޑާއި ޒަމީރާ ގޮވައިގެން އާސިމުމެން ދިޔައީ އޮފީހަށެވެ.

ރަށުތެރެއަށް ދިމާވެފައިވާ ނުރައްކަލާއި އެނުރައްކާތަކުގެ ޙަޤީޤަތް އެނގުނުއިރު ވަގުތުވަނީ ފާއިތު ވެފައެވެ. އެކަމަކަށް ކުރެވޭނެ އިތުރު ކަމެއް ވެސް ނެތެވެ.

އަދިއަދާ ޖެހެންދެން ވެސް އަސްނާދުގެ ބައްޕައަކީ ކޮންތާކުން އައި ކާކުކަމެއް ވަނީ ނޭނގިއެވެ. އަސްނާދުގެ ވާހަކަތަކާއި ރަށުތެރޭގައި ހިނގާފައިވާ ހާދިސާތަކާއި އަސްނާދުގެ ފަރާތުން ފެނިފައިވާ ކަންތައްތަކުގެ ސަބަބުން އަސްނާދާއި މެދު އެތައް ސުވާލެއް އުފެދެއެވެ.

ރަށުތެރޭގައި ދެކެވެމުން ދިޔަ ވާހަކަތަކާއި ބެހޭގޮތުން ނީމާ އާއި އާސިމު ސުވާލުކުރީ އުމުރުން ފަސްދޮޅަސް ވަރަކަށް އަހަރުގެ އައިމިނާ މަނިކެއާ އެވެ.

އެކަންވެފައިވާ ގޮތް އައިމިނާމަނިކެ ކިޔައިދޭން ފެށިއެވެ.

އެއީ މީގެ ތިރީހަކަށް އަހަރު ކުރިއެވެ.

ޒަމީރާގެ އުމުރުން އަށާރަ ވަރަކަށް އަހަރެވެ. ރަށުގައިތިބި ރީތިކުދިން ފާހަގަކުރާނަމަ އެލިސްޓުގެ ކުރީކޮޅުން ޒަމީރާއަށް ޖާގަ ލިބޭނެއެވެ. ހިމަތޮޅި އިސްކޮޅުންދިގު ކުލައަލި ބައްޓަންރީތި ފުރިހަމަ ހަށިގަނޑެއް ޒަމީރާއަށް ލިބިފައި ވެއެވެ. ރާޅުބާނި އެހާމެ ދިގު އިސްތަށިގަނޑަކާއި މީހުން ބަލައި ފޫހިނުވާފަދަ އަސަރުގަދަ ރީތި ދެލޯ ވެސް ޒަމީރާއަށް ލިބިފައި ވެއެވެ. އޭގެއިތުރުން އޭނާގެ މޫނުމަތީގެ ފުރިހަމަކަމަކީ އެންމެން ވެސް ފާހަގަ ކުރަމުންދާ ފުރިހަމަ ކަމެކެވެ.

ތަފާތު އެކިގޮތްގޮތަށް ލޯބީގެ ހުށަހެޅުންތައް ލިބެމުންދާ ޒަމީރާގެ އިންތިޒާރުގައިވާ ޒުވާނުންގެ އަދަދު މިހާރު ވެސް ވަރަށް ގިނައެވެ.

ޒަމީރާ އާއި ހުސެން ބައްދަލުވީ އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތު ސަހާރާއާ ދިމާ އަތިރި މަތިންނެވެ. އެރެއަށްފަހު ޒަމީރާ އާއި ހުސެންގެ މެދުގައި ގުޅުން ބަދަހިވަމުން އައި ނަމަވެސް ހުސެންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ޒަމީރާއަކަށް ނޭނގެ އެވެ. ހުސެންގެ ކިބައިން ޒަމީރާއަށް ފާހަގަކުރެވުނު ސިފަތަކުގެ ސަބަބުން ހުސެންގެ ލޯބީގައި ޒަމީރާ ޖެހުނީ ވަރަށް ފަސޭހައިން ނެވެ.

ރަށުގެ މީހުނަށް ސިއްރުކުރުމަށްޓަކައި ޒަމީރާ އާއި ހުސެން އެ ދެމީހުންގެ ލޯބީގެ ބައްދަލުވުންތައް ބާއްވަމުން އައީ ސަހަރާއާ ދިމާ އަތިރިމަތީގަ އާއި ސަހަރާ ތެރޭގައިވާ ބޮޑު ނިކަގަސް ކައިރީގަ އެވެ. ހުސެންގެ ލޯބީގައި އާވާރާ ވެފައިހުރި ޒަމީރާ ބިރު ވެސް ނުގަންނަ ކަހަލަ އެވެ.

ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައެވެ. ޒަމީރާ އާއި ހުސެންގެ މެދުގައިވާ ލޯބީގެ ގުޅުން ވެސް ބަދަހިވަމުން ވަރުގަދަ ވަމުން ދިޔައެވެ. ރެއަކަށްވުރެ ރެއެއް ލޯބީގައި ހޭދަކުރާ ވަގުތުތައް ގިނަވަމުން ގައިގޯޅިކަން ބޮޑުވަމުން އެގޮތުގައި ހޭދަކުރާ ވަގުތު އިތުރުވަމުން ދިޔައެވެ.

ޒަމީރާ އާއި ހުސެންގެ ލޯބީގެގުޅުމަށް ދެމަހެއްހާ ދުވަސް ވެގެން ދިޔައިރު ވެސް އެދެމީހުން ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ. ޒަމީރާއަށް ހުސެން ފެންނަމުން ދަނީ ހަމައެކަނި އެދެމީހުން ބައްދަލު ކުރަންދާ ވަގުތުތަކުގައި ނަމަވެސް އެކަމަކަށް ވެސް ޒަމީރާގެ ސަމާލުކަން ހުއްޓޭގޮތެއް ނުވިއެވެ. އޭނާވަނީ އެއަށްވުރެބޮޑަށް ހުސެންގެ ލޯބީގައި އާވާރާ ވެފައެވެ.

ޒަމީރާއަށް ހޭވެރިކަންވީރު ވަގުތުވަނީ ފާއިތު ވެފައެވެ. ޒަމީރާ ބަލިވެ އިންކަން އެނގުނު ހިސާބުން ފެށިގެން ޒަމީރާ އާއި ހުސެންގެ ގުޅުން ކުޑަވާން ފެށިއެވެ. ޒަމީރާ ކުރަމުންދާ އެއްވެސް އާދޭހެއްގެ އަޑު ހުސެން އަކަށް ނީވެއެވެ. އެކަންތައް ދިމާވިތާ މާގިނަ ދުވަހެއް ނުވަނީސް ޒަމީރާ ދޫކޮށްފައި ހުސެން ހިނގައްޖެއެވެ. އޭގެފަހުން ދުވަހަކު ވެސް ޒަމީރާއަކަށް ހުސެންއެއް ނުފެނެއެވެ.

ޒަމީރާ ބަނޑުބޮޑުވާން ފެށުމާއިއެކު މަދަރުސާއިން ވަކިކުރިއެވެ.

ޒަމީރާގެ ފަރާތުން ފެންނަމުންދާ ކަންތައްތަކުގެ ސަބަބުން އޭނާގެ މައިންބަފައިން އޭނާ ގެއިން ނެރެލި އެވެ. އެއައްފަހު އޭނާ ގެންގުޅެމުން ދިޔައީ އޭނާގެ ބޮޑުދައިތަ ޒުލޭހާ އެވެ.

ޒަމީރާ ބަނޑުބޮޑުވަމުން އަންނަ ވަރަކަށް އޭނާގެފަރާތުން ފެންނަމުން ދިޔަ އާދަޔާހިލާފު ކަންތައްތައް އިތުރުވަމުން ދިޔައެވެ. ކޮންމެރެއަކު އިރާކޮޅު ސަހަރާއަށްދާން އުޅުމާއި އެކަނިހުރެ ވާހަކަދައްކައި ހީހެދުން އާންމުވަމުން ދިޔައިރު، ރޭގަނޑު ނުނިދާ ހުރުން އިތުރުވަމުން ދިޔައެވެ.

އާންމުކޮށް ދުވާލު ނިދަމުން އަންނަ ޒަމީރާއަށް ދުވާލު ނުނިދެއްޖެނަމަ ވަލަށް ދާން އުޅުމާއި މޫދަށް ދާން އުޅުން އާންމުވަމުން ދިޔައެވެ. އޭނާގެ އެޢަމަލުތަކުން ހީވަނީ އޭނާ މޮޔަވެގެން އުޅޭހެނެވެ.

ޒަމީރާގެ ޢަމަލުތައް އެފަދަގޮތްގޮތަށް ހުރުމުން ރަށުގެ ގިނަބަޔަކު ހައިރާންވެ އެވާހަކަ ދައްކަމުން ދިޔައެވެ. ޒަމީރާ އެހުރީ މޮޔަވެފައި ކަމަށާއި އޭނާ އަވަހަށް ގުރައިދުއަށް ގެންދިއުމަށް ބުނާމީހުން ގިނަވަމުން ދިޔައެވެ. އެއީ އޭނާއަށް ކަންތައް ކުރެވުނު ގޮތުން ދިމާވި ކަމެއްކަމަށާއި އެކަން އޮޅުވާލުމަށް މޮޔައެއް ކަމަށް ހެދެނީ ކަމަށް ވެސް ބުނާ މީހުން މަދެއް ނޫނެވެ. ޒަމީރާއަށް ދިމާވެފައިވާ ކަންތަކާއި ސަހަރާއާ ގުޅުމެއް ވާކަމަށް ވެސް ބައެއް މީހުން ބުނަމުން ދިޔައެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތައް މާޒީއާ އެކުވަމުން އައިސް ނުވަމަހާ ނުވަދުވަސް ފުރައި ޒަމީރާ ވިހެއީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އަސްނާދުގެ އުމުރުން ހަމަސް ވެސް ނުވަނީސް ޒަމީރާގެ ދިރިއުޅުން ބަދަލުކުރީ ޚާއްޞައެހީއަށް ބޭނުންވާ މީހުންތިބޭ މަރުކަޒަށް ކ ގުރައިދޫއަށެވެ.

އެދުވަހަށްފަހު އަސްނާދު ގެންގުޅެމުން އައީ ޒަމިރާގެ ބޮޑުދައިތަ ޒުލޭހާ އެވެ.

ޒަމީރާއަށް އެކަން ދިމާވީއްސުރެ ފެށިގެން ވެސް ޖަވާބު ނުލިބުނު އެ ސުވާލުތައް އަނެއްކާ ވެސް މިއަދު މިވަނީ ފެންމަތި ވެފައެވެ. އަސްނާދާއި ސަހަރާއާ ވަނީ ކޮން ގުޅުމެއްކަމާއި އަސްނާދުގެ ބައްޕައަކީ އިންސާނެއް ކަން ނޭނގުނު ނަމަވެސް އެންމެން ވެސް ގަބޫލުކުރާ ޙަޤީޤަތަކީ ޒަމީރާއެކޭ އެއްފަދައިން އަސްނާދާ ވެސް ސަހަރާއާ ގުޅެމެއް ވާކަމާއި އަސްނާދުގެ ނަސްލު ހިއްސާ ކުރަނި ސަހަރާއާ ގުޅުންވާ މަޚުލޫޤެއް ކަމެވެ.

ނިމުނީ

0
3
މިއީ " ސަހަރާ " އަށް ހުށަހަޅާފައިވާ 13 ޕާޓްގެ ތެރެއިން 13 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.