ހިތާމަ ލޯބީގެ

އިސްކު ( 6 )

ނާއިޒް ގެއަށް ގޮސް ލަންމާއާ ބެހޭގޮތުން ވަރަށްގިނައިރު ވަރަށްގިނަ ގޮތްގޮތަށް ވިސްނިއެވެ. ނާއިޒްގެ ހިތުން ލަންމާއަށް ޖާގައެއް ދެވުނު ނަމަވެސް، ލަންމާއާ ބެހޭ އެންމެ މުހިންމު މަޢުލޫމާތުތައް ނާއިޒަކަށް އަދި ނޭނގެއެވެ. ފާތުންނާއި ލަންމާ ދެއްކި ވާހަކަތައް އޭނާ ހަނދާން އެބަހުއްޓެވެ. ފާތުން އެބުނާ ފަދައިން ކަންތައް ހުރި ނަމަވެސް ލަންމާގެ ޢާއިލާއިން އެކަމާ ދެކޮޅު ހަދާނެކަން ނާއިޒަށް ޔަގީން ވެއެވެ. މިދެމެދުގައި އެހާ ބޮޑެތި ތަފާތުތައް ހުރިއިރު ނާއިޒަކީ ލަންމާއާ އެކަށީގެންވާ މީހެއް ނޫންކަން ނާއިޒަށް ވެސް ގަބޫލު ކުރެވެއެވެ.

އެގާރަ ޖަހާކަން ހާއިރެވެ. ފަރުހާދު އޭނާގެ ކޮޓަރީ އެނދުގައި އޮވެގެން ނިދޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. ފެނެލި ފުރަތަމަ ފަހަރުން ފެށިގެން ފަރުހާދުގެ ހިތުގައި ރަސްކަން ކުރަމުން ދަނީ ލަންމާގެ ސޫރައެވެ. އެ ރީތިކަމާއި އެފުރިހަމަ ކަމެވެ. އެ އަންހެންވަންތަކަމާއި ހެދިހުރި ފުރިހަމަ ހަށިގަނޑެވެ.

ކޮންމެގޮތަކުން ނަމަވެސް ލަންމާއާބެހޭ މަޢުލޫމާތު ހޯދާ އޭނާއާ ބައްދަލުކުރުމަށް ފަރުހާދު ނިންމިއެވެ. އެހެންގޮތެއް ނުފެނެއްޖެނަމަ ފާތުން މެދުވެރިކޮށް އެކަން ކުރުމަށް ވެސް ނިންމި އެވެ.

އެތައް ދުވަހެއްގެ މަސައްކަތުން ނަމަވެސް ނާއިޒާއި ބައްދަލު ކުރެވުނީތީ ލަންމާ ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ހިތަށް ލިބިފައިވާ އުފަލާއި ހަމަޖެހުމުގެ ސަބަބުން އުފާކުރަމުންދިޔަ ލަންމާ އޮށޯވެ މާގިނައިރެއް ނުވަނީސް އޭނައަށް ނިދިއްޖެ އެވެ.

ފާތުންގެ އެހީއާއެކު ނާއިޒް ކުރި މަސައްކަތުން ލަންމާއާބެހޭ ވަރަށްގިނަ މަޢުލޫމާތު ހޯދިއެވެ. ފާތުން ބުނި ފަދައިން ލަންމާއަކީ ތަނަވަސް ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. ލަންމާ އުޅެމުން ދަނީ ނުހަނު އިއްޒަތާއި ގަދަރާ ތަނަވަސް ކަމުގައެވެ.

ހުކުރުދުވަހު ހަވީރެވެ. ލަންމާ އާއި ނާއިޒް ތިބީ ވިލިނގިލީގެ ހުޅަނގުކޮޅު ތުނޑިމަތީގައެވެ. ކުޅެ މަޖާކުރުމާއިގެން އުފާކުރަމުންދިޔަ ކުދިންނާއި އެކުދިންގެ އެހީތެރިން ގެތަކާއި ދިމާއަށް މިސްރާބުޖެހީ އިރުއޮއްސުމުގެ އަލާމަތްތައް އުދަރެހުން ދައްކަން ފެށުމުންކަން ޔަގީނެވެ.

އޮއްސުނު އިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވެގެން ދިޔައިރު ލަންމާ ހުރީ ނާއިލްގެ ގައިގާ ބައްދާލައިގެން ނާއިޒްގެ މޭގައި ބޯ އަޅާލައިގެން ނެވެ. ނާއިޒްގެ ދެއަތް ވަނީ ލަންމާގެ އުނަގަނޑުގައި ވަށާލާފަ އެވެ. ދުރުން ފެންނަ މީހަކަށް އެކެއްގެ ސިފައިގައި ފެންނަމުންދާ ލަންމާއާ ނާއިޒްގެ ލޯބީގެ ގުޅުމަކީ ދެމީހުން ވެސް ނުހަނު ހިތްހަމަޖެހޭ އަދި ގަޔާވާ ގުޅުމަކަށް ވިއެވެ.

ލަންމާ އާއި ނާއިޒް އެދެމީހުންގެ ލޯބީގެފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުން ނިންމާލީ އަށެއް ޖަހާކަން ހާއިރުއެވެ. އެހެނަސް އެދެމީހުންގެ މެދުގައިވާ ލޯބީގެގުޅުން އެދެމީހުން ފިޔަވާ އެހެންމީހަކަށް ނޭނގެއެވެ.

ކޮންމެ ސައުވީސް ގަޑިއިރަކުން ދުވަހެއް ފާއިތުވަމުން މާޒީގެތެރެއަށް އޮބެމުން ދިޔައިރު ލަންމާ އާއި ނާއިޒްގެ މެދުގައިވާ ލޯބީގެގުޅުން ވެސް ދުވަހަކަށް ވުރެ ދުވަހެއް ބަދަހިވަމުން އާރާސްތުވަމުން ދިޔައެވެ. އެދެޒުވާނުންނާއި ފާތުން ފިޔަވާ އެހެން މީހަކަށް އެކަން ނޭނގޭތީ ތިންމީހުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

މިހާރަކަށް އައިސް ލަންމާއަށް ބަދަލުތަކެއް އަންނަމުންދާކަން ނަޖީބާ އާއި މާއިޒަށް ފާހަގަކުރެވި ދެމަފިރިންގެ މެދުގައި އެ ވާހަކަތައް ދެކެވެން ފެށިއެވެ. އެކަން ވަމުންދާ ގޮތް ބެލުމަށް މަޝްވަރާތައް ވެސް ކުރެވެން ފެށިއެވެ.

ރޭގަނޑު އަށްގަޑި ތިރީސްކަން ހާއިރެވެ. ލަންމާ ތައްޔާރުވަމުން ދިޔައީ ނާއިޒާއި ބައްދަލުކުރަން ހެދި ގޮނޑުދޮށަށް ދިއުމަށެވެ. ގަޔަށް ބާރު ޒަމާނީ ހެދުމެއްލައި ހެދުމާއިގުޅޭހެން މޭކަޕްކޮށް ލޯގަނޑު ކައިރިއަށް ޖެހި ހިތްހަމަ ޖެހޭވަރަށް ފަރި ބަލާލިއެވެ. މަޑުމަޑުން ގޮސް ކޮޓަރިން ނުކުންނަމުން ދޮރުލައްޕައި ގޭތެރެއަށް ނަޒަރު ހިންގާލި އެވެ.

ލަންމާ އައިސް ފެންޑާއަށް ނުކުތްއިރު ޓީވީބަލަން ނަޖީބާ އިނެވެ.

” ދަރިފުޅާ! ހާދަ ރީތިވެލައިގެން ކޮންތާކަށް ތިޔަދަނީ؟ ” ލަންމާއަށް ބަލާލަމުން ނަޖީބާ އެހިއެވެ.

” މިދަނީ ފާތުންމެން ގެއަށް … މާދަމާ ބަންދު ދުވަހަކަށް ވާތީ ހިނގާލަން ދާންކަމަށް. ” ލަންމާ އޭނާގެ އާދައިގެ މަތިން މަޑުމަޑުން ބުންޏެވެ. އޭނަ އެދަނީ ނާއިޒާ ބައްދަލުކުރަންކަން ނަޖީބާއަށް އެނގޭކަށް އޭނަ ބޭނުމެއް ނުވެއެވެ.

” ދަރިފުޅާ! … މިހާރަކަށް އައިސް ދަރިފުޅު މާގިނައިން ބޭރަށްދާ ވާހަކައާ ފިލާވަޅުތަކަށް ސަމާލުކަން ނުދޭ ވާހަކަ ބައްޕަ ވެސް ބުނެފި … އެހެން ކަންތައް ނުކުރަން މަންމަ ނަސޭހަތްތެރިވަން. އެހެން ނޫނީ ނުބައި ނަތީޖާއެއް ނުކުމެދާނެ ….. ލަސް ނުކޮށް އަވަހަށް ގެއަށް އަންނާތި. ” ލަންމާއަށް ވިސްނައި ދިނުމުގެ ގޮތުން ނަޖީބާ ވާހަކަ ދެއްކި އެވެ. އަޑާއި ހަރަކާތުން އަދި މޫނު މަތިން ފާޅުވަމުން ދިޔައީ އޯގާތެރިކަމާއި ލޯތްބެވެ.

” އާން. ” މަޑުމަޑުން ލަންމާ ބުނެލިއެވެ. ކޮންމެ ވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރެގެން މަޑުމަޑުން ގޮސް ބޭރަށް ނުކުތް ލަންމާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކޮންމެ ވެސް މީހަކު އޭނައަށް ގޮވާލުމުންނެވެ. އަވަސް އަވަހަށް ބަލާލިއިރު އޭނާއަށް ބަލަހައްޓައިގެން ފިހާރައިގެ ދޮރުކައިރީ ހުރި މާއިޒު ފެނުމުން ލަންމާ ކަންބޮޑުވާގޮތް ވިއެވެ.

” ލަންމާ! … ކޮންތާކަށް ތިޔަދަނީ؟ ” ލަންމާއަށް ގޮވާލަމުން މާއިޒު ސުވާލުކުރި އެވެ.

” ރައްޓެއްސެއް ކައިރިއަށް. ” މަޑުމަޑުން ލަންމާ ބުނެލިއެވެ. ލަންމާގެ ކަންބޮޑުވުމާއި ހާސްވުން އޭނާގެ އަޑުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ.

” ބޭކާރު ހިނގުން ހިނގާނެ ކަމެއްނެތް. ފިހާރައިގަ މަޑުކުރޭ. ” މާއިޒުގެ ފަރާތުން ފެނިގެން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރު ތަކެވެ.

މާއިޒްގެ ކުރިމަތީގައި މިހާތަނަށް އިދިކޮޅުބަހެއް ބުނެފައި ނުވާ ލަންމާއަށް ޖެހުނީ މިފަހަރު ވެސް އިސްޖަހާލާ ށެވެ. އަދަބުވެރިކަމާއިއެކު މަޑުމަޑުން ގޮސް ފިހާރައަށް ވަނީ އެހެންވެ އެވެ.

ލަންމާ ފިހާރައަށް ވަނުމުން މާއިޒު ގޮސް ގޭތެރެއަށް ވަނެވެ.

ރޭވުމާއި އެއްގޮތަށް ކަންތައް ނުވުމުން ލަންމާ ވަރަށް ދެރަވިއެވެ. ފިހާރައިގަ ފޯނެއް ހުރި ނަމަވެސް ނާއިޒްގެ އަތުގައި ފޯނެއް ނޯއްނާނެތީއާ ނާއިޒްއާ ގުޅޭނެ އެހެން ގޮތެއް ނެތުމުން ކެތްކޮށް ލައިގެން ފިހާރާގައި އިނީ މާދަމާ ނަމަވެސް ވަގުތެއް ހޯދައިގެން ނާއިޒް ގާތު އެވާހަކަ ދައްކާށެވެ.

ލަންމާގެ އިންތިޒާރުގައި ހެދިގޮނޑުދޮށުގައި ނާއިޒް ހުއްޓެވެ. މިހާތަނަށް ދުވަހަކު ވެސް ނާއިޒަށް ދޮގުހަދާ އޮޅުވާލާފައި ނުވާ ލަންމާ މިރޭވެސް އަންނާނެކަން ނާއިޒަށް ޔަގީން ވެއެވެ. އަންނަން ބުނި ގަޑިއަށްވުރެ ލަސްވި ނަމަވެސް ނާއިޒް އުންމީދު ނަގައެއް ނުލައެވެ. އޭނާގެ ދޮންބައްޕައާ ބެހޭގޮތުން ލަންމާ ދައްކަމުންދާ ވާހަކަތައް ނާއިޒްގެ ހަނދާނުގައި މިހާރު ވެސް އެބަ ހުއްޓެވެ.

ލަންމާއަކީ ނާއިޒްގެ ލޯބިވެރިޔާކަން ފަރުހާދަށް އެނގުނީ ފާތުންގެ ފަރާތުންނެވެ. އެކަމުގެ ސަބަބުން ފަރުހާދަށް ލިބުނު ހައިރާންކަމާއިއެކު އެއްފަހަރާ އެތައް ސުވާލެއް އުފެދިގެން ދިޔައެވެ. ލަންމާ ކަހަލަ މާލޭގައި ގެދޮރުހުރި ތަނަވަސް ޢާއިލާއެއްގެ ކުއްޖެއް ފެނުމުން އަތު އަޅުވާލަން ނާއިޒް މަސައްކަތް ކުރަނީ ކަމަށް ހީކުރެވުނު ނަމަވެސް ފާތުންގެ ފަރާތުން އިތުރަށް ލިބުނު މަޢުލޫމާތުގެ ސަބަބުން އެކަމާއިމެދު ވިސްނަމުން އައި ވިސްނުން ބަދަލު ކޮށްލި އެވެ.

މާލެތެރެއަށް ވެރިވެފައިވާ ހަލަބޮލިކަމަށް ކުޑަނަމަވެސް ބަދަލެއްއައީ އެގާރަޖެހި ފަހުންނެވެ. ފިހާރަތައް ބަންދު ކުރުމާއިއެކު ފިހާރަކުރަން ނުކުމެ އުޅުނު މީހުންތައް ވެސް ގެތަކަށް ވަންނަން ފެށިއެވެ.

ހެދިގޮނޑުދޮށުގައި އެގާރަ ޖަހަންދެން މަޑުކުރުމަށްފަހު ލަންމާގެ އެއްވެސް ޚަބަރެއް ނުވުމުން ނާއިޒް މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. މިހާރު ކަންތައްތައް ހުރިގޮތަށް ބަލާއިރު މާލަސްވަންދެން މާލެތެރޭގައި އުޅުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫންކަން ނާއިޒަށް އެނގެއެވެ. އޭނ ކައިރީ އޭނާގެ މަންމަ އެންމެ ގިނައިން ދައްކަމުންދާ ވާހަކައަކީ ވެސް އެއެވެ.

ފިހާރަ ބަންދުކޮށްފައި ގޭތެރެއަށް ވަތްއިރު ވެސް ލަންމާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ނާއިޒާއި ބައްދަލު ނުކުރެވުމުން ދެރަވެސް ވެފައެވެ.

ފިހާރަ ބަންދުކޮށްފައި ލަންމާ ގޮސް ގޭތެރެއަށް ވަނުމާއިއެކު ތަޅުދަނޑި ހިފައިގެން މާއިޒު ދިޔައީ ފިހާރަ އަށެވެ. ފިހާރައިގެ ހިސާބުތައް ނިންމުމާއި ފައިސާގެ ކަންތައް ހަމަޖެއްސުމަކީ މާއިޒު ވަރަށް ސަމާލުކަން ދީގެން ކުރަމުންދާ ކަމެކެވެ. ކިތަންމެ ގިނަ އިރަކު ފިހާރައިގައި އުޅުނު ނަމަވެސް ފައިސާ ބޭނުންކޮށް ހެދުމަކީ ލަންމާއަށް މަނާކޮށްފައިވާ ކަމެކެވެ.

ނިދާން އޮތްއިރު ވެސް ލަންމާ ވިސްނަމުން ދިޔައީ ނާއިޒާ މެދުގައެވެ. ނާއިޒާ ބައްދަލުކުރަން ދާނެކަމަށްބުނެ ލަންމާއަށް ނުދެވުމުން ނާއިޒް ވިސްނާނެގޮތަކާއި މެދު ވެސް ލަންމާ ވަރަށް ވިސްނަމުން ދިޔައެވެ.

ނާއިޒާމެދު ވިސްނާ ފިކުރުކުރާން އޮތް ލަންމާއަށް ނިދުނުއިރެއް އޭނާއަށް ވެސް ނޭނގެ އެވެ.

އާދުވަހަކަށް އިރުއެރުމާއިއެކު މޭލެތެރެއަށް ހަލަބޮލިކަން ވެރިވެގެން ދިޔައެވެ. ދުއްވާތަކެއްޗާއި ހިނގާބިނގާވެ އުޅޭ މީހުން ފަހަރަކަށްވުރެ ފަހަރެއް މަގުތަކަށް އިތުރުވަމުން ދިޔައެވެ.

ލަންމާ އާއި ފާތުން ބައްދަލުވީ ހައުސްގެފަރާތުން އިންތިޒާމު ކުރި ބައްދަލުވުމަށް މަދަރުސާއަށް ދިޔަ ދިއުމުގަ އެވެ. ލަންމާއަށް ފާތުން ފެނުމާއިއެކު އަވަސް އަވަހަށް އޭނަ ގާތަށް ގޮސް ހާލުއަހުވާލު އޮޅުންފިލުވަމުން ރޭގައި ކަންތައް ދިމާވިގޮތް ކިޔައިދިނެވެ. އެކަމުގެ ސަބަބުން ލަންމާ ދެރަވެފައިވާވަރު ފާތުންނަށް ވިސްނުނެވެ. އެހެންކަމުން އެކަމާމެދު ކަންބޮޑު ނުވުމަށާއި ދެރަނުވުމަށް ފާތުން ބުންޏެވެ. އެކަން ހަމައަކަށް އަޅުވާލަން އެހީތެރި ވެދޭނެކަމަށް ވެސް ބުންޏެވެ.

ފާތުންގެ އެވާހަކަތަކުގެ ސަބަބުން ލަންމާ ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.

ފާތުންނާއި ލަންމާ ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން ހަވީރު، ލަންމާ ބަލައި އެގެއަށް ފާތުން ދިޔައެވެ. ފާތުން އެގެއަށް ދިޔައިރު މާއިޒާއި އެހެން މީހަކު ފިހާރާގައި ތިބި ނަމަވެސް އެމީހުނަށް މާބޮޑު ސަމާލުކަމެއް ނުދީ ފާތުން ދިޔަގޮތަށް ގޮސް ވަނީ ގޭތެރެ އަށެވެ.

ލަންމާ ތައްޔާރުވެލައިގެން ފާތުންނާއި ލަންމާ އެގެއިން ނުކުމެގެން ދިޔައިރު އެމީހުނަށް ބަލަހައްޓައިގެން މާއިޒާއި އެމީހާ ހުރި ނަމަވެސް ފާތުން އެކަމަކަށް އަޅައެއް ނުލައެވެ.

މާއިޒާއި އެމީހާ ތިބީ ވަރަށް މުހިންމު އަދި އެހާމެ ސިއްރު ވާހަކަތަކެއް ދައްކަންކަން އެމީހުންގެ ހަރަކާތްތަކަށް ބަލާލުމުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.

” އެކަން ވާނެކަން ހަސަނަށް ޔަގީންތަ؟ ” އެމީހާއަށް ބަލާލަމުން މާއިޒު އެހިއެވެ. މާއިޒު ބޭނުންވަނީ އޭނަ ކުރަން އުޅޭ ކަންތައް އެމީހައަށް ވާނެކަން ޔަގީން ކުރާށެވެ.

” ތިކަމަށް ވަރަށް މަސައްކަތް ކޮށްފިން … އަދި ކާމިޔާބު ވާގޮތެއް ނުވޭ ….. ހިޔެއްނުވޭ އެކަން ވެދާނެހެނެއް ވެސް. ” ވަށައިގެން ހޯދާލަމުން ހަސަނު ވާހަކަ ދެއްކިއެވެ.

” އެ ކީއްވެ؟. ކަލޭ ބޭނުން ވަރަކަށް ފައިސާ ދީފާނަމޭ. ” މާއިޒު ބުންޏެވެ. މާއިޒު ބޭނުން ވަނީ ކޮންމެ ގޮތަކުން ނަމަވެސް އޭނަ ކުރަން އެއުޅޭ ކަންތައް ކާމިޔާބު ކުރާށެވެ.

” މި ބޮޑު ގޯއްޗާއި ފިހާރަޔާ ކާރާ އެއްޗިއްސަކީ ލަންމާގެ އަމިއްލަ ތަކެތި. ލަންމާގެ ސޮއި ލިބިގެން ނޫނީ މިއިން އެއްވެސް އެއްޗެއް އެހެން މީހަކަށް ނުލިބޭނެ …. ކަލޭ ތިބުނާގޮތަށް ކަންތައްތަކެއް މިހާރަކު ނުވާނެ ….. މިއީ ވަރަށް ދަތި އުނދަގޫ ކަމެއް. ” މަޑުމައިތިރިކަމާއިއެކު ހަސަނު ވާހަކަ ދެއްކިއެވެ.

” ދެން އެހެން ގޮތެއް ނެތްތަ؟ ” މާއިޒުގެ މޫނުމަތިން ފާޅުވީ ހިތްހަމަނުޖެހުމުގެ އަސަރު ތަކެވެ.

މާއިޒު ބޭނުންވަނީ ލަންމާގެ ނަމުގައި އޭނާގެ ބައްޕަ ރަޖިސްޓަރީކޮށްފައިވާ ގޯއްޗާއި ފިހާރަޔާ ކާރުގެ ރަޖިސްޓަރީ އޭނައަށް ބަދަލު ކުރާށެވެ. މިހާރު ވެސް އެތަކެތި ބޭނުންކުރަނީ އޭނަ ބޭނުންގޮތަކަށް އޭނާ ނަމަވެސް އެގޮތް އޭނާ އަކަށް ކަމަކު ނުދެއެވެ.

” ރީތިކޮށް އޭނާއާ ވާހަކަ ދައްކައިގެން ބަދަލު ކުރެވޭތޯ ބަލަންވީނު ….. އެހެން ނޫނީ ދެން ވެސް ހުންނާނީ މިހާރެކޭ އެއް ގޮތަށް ލަންމާގެ ނަމުގަ. ” މާއިޒަށް ވިސްނައިދޭ ފަދައަކުން ހަސަނު ވާހަކަ ދެއްކިއެވެ.

ލަންމާއާ ފާތުން ދިޔަގޮތަށް ދިޔައީ ހެދިގޮނޑުދޮށަ ށެވެ. އޭރު އެހިސާބުގައި އެކިއުމުރުގެ މީހުން ވަރަށް ގިނައެވެ. ކުޅެ މަޖާކޮށް ހިތްއުފާ ކުރަމުންދާ މީހުންނާއި މޫދަށް އެރި ހިތްހަމަ ޖައްސާލަން އައިސް އުޅޭ މީހުން ވެސް ވަރަށް ގިނައެވެ. ޢާއިލާތަކުގެ އިތުރުން ދެޖިންސްގެ ޒުވާންގުރޫޕްތަކާއި ލޯބިވެރިންގެ ޖޯޑުތައް ވެސް މަދުމަދުން އެސަރަހައްދުން ފެންނަމުން ދިޔައެވެ.

ނުނިމޭ

2
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 6 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.