ލޯބީގެ

ކަޅިސް

ދެވަނަބައި

އޮފީހުގެ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، އޮފީހުގައި ކުރަމުންދިޔަ މަސައްކަތްތަކުގައި އޮފީހުގެ އެހެންވެސް މުއައްޒަފުންނެކޭ އެއްފަދައިން ނިއުސާ އާއި ޔާނިހު ވެސް ބައިވެރިވިއެވެ. ހުރިހާ މުއައްޒަފުން ވެސް މަސައްކަތްކުރަމުން ދިޔައީ ނުހަނު ފޯރިއާ ހިތްވަރާއި އެކުގައެވެ.

އެގާރަޖެހުމުން މަސައްކަތްތައް މިރެއަށް ހުއްޓާލާފައި ހުރިހާ މުއައްޒަފުން ދިޔައީ ކޮފީއެއް ބޯލާށެވެ. ކޮފީގެ ވަގުތުގައި ވެސް ފެންނަމުންދިޔައީ އެއްމުއައްޒަފަކު އަނެއް މުއައްޒަފަކާއި އޮންނަ ގާތްކަމާއި ރަހުމަތްތެރިކަމެވެ. އޮފީހުގެ ވެރިންނާއި މުއައްޒަފުންގެ މެދުގައި ތަފާތު ނުބޭއްވުމުން ވެރިންނާއި މުއައްޒަފުން ގުޅޭ މަންޒަރެވެ. އެކަމުގެ ހިތްގައިމު ކަމާއި އުފާވެރިކަމެވެ.

ފަހަރަކަށްވުރެ ފަހަރެއް ވައިގަދަވަމުން އުޑުމަތި ކަޅުކުރަމުން އައިސް ދާދިއަވަހަށް ވާރޭވެހެން ފަށާފާނެ ކަމުގެ ކުލަވަރު ދައްކަން ފެށިއެވެ. އެއާއެކު މާދަމާ ބައްދަލުކުރުމަށް އުންމީދުކޮށް އެކަކު އަނެކަކަށް ހެޔޮދުޢާ ރައްދުކުރަމުން ގެތަކާއި ދިމާއަށް މިސްރާބުޖަހަން ފަށައިފިއެވެ.

ނިއުސާ ގޮވައިގެން އޭނާ އުޅޭ ގެކައިރިއަށް ޔާނިހުއަށް އާދެވުނީ ކިރިޔާއެވެ. ސައިކަލް ބަހައްޓާލަމުން މަޑު މަޑުން ދުވެފައި ކަހަލަގޮތަކަށް އައިސް ދޮރޯށީގެ ފުރާޅުދަށަށް ދެމީހުނަށް ވަދެވުނުއިރު ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.

” ހިނގާދާން ގޭތެރެއަށް. ވާރޭ ހުއްޓާލީމަ ގެއަށް ދާނީ. ” ޔާނިހުއަށް ބަލާލަމުން ނިއުސާ ބުންޏެވެ.

” އުނހު. އަހަރެން މަޑުކޮށްލާނަން މިތަނުގަ. ނިއުސާ ގޮސް އަވަހަށް ނިދާ. ހެނދުނު އޮފީހަށް ވެސް ދާން ޖެހޭނެއެއްނު. ވާރޭ ތުނިކޮށްލާއިރަށް އަހަރެން ގެއަށް ދާނަން. ” މިފަދަވަގުތެއްގައި އެގޮތަށް ނިއުސާއާއެކު އެގޭތެރެއަށް ވަނުމަކީ ރަނގަޅުކަމެއް ނޫންކަން ވިސްނުމުން އަވަސް އަވަހަށް ޔާނިހު ބުންޏެވެ.

ޔާނިހުއާ ވާހަކަދައްކާލަން އިރުކޮޅަކު މަޑުކުރުމަށްފަހު، ޔާނިހުގެ އެވާހަކަތައް އަޑުއަހައި އެގޮތް ގަބޫލުކޮށްގެން ނިއުސާ ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

މެންދަމުން އަލިވެ ދެގަޑިބައި ތިނެއްޖަހާކަން ހާއިރެވެ. ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު އެހާމެ އަރާމުގައި ނިދާލާފައިއޮތް ނިއުސާއަށް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ މޫނުގައި ބީހެމުންދިޔަ އަތްތިލައެއްގެ ހޫނުކަން އިހުސާސް ވުމުންނެވެ. އެއާއެކު އޭނާގެ މޫނާއި ނުހަނު ގާތުން ކޮންމެވެސް މީހެއްގެ ނޭވާގެ ހޫނު ކަހަލަ ހޫނެއް ވެސް އިހުސާސް ވެގެން ދިޔައެވެ.

ސިއްސައިގެން ގޮސްފައި އަވަސް އަވަހަށް ލޯހުޅުވާލަމުން ބަލާލިވަގުތު ފެނުނުމަންޒަރުން ނިއުސާ ހައިރާން ވެގެން ދިޔައެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެގެން ކަހަލަގޮތަކަށް ލޯބޮޑުކޮށްލަމުން ރަނގަޅަށް ބަލާލި ވެސް މެއެވެ.

” ސޮރީ . . . . .  މާހިދުގެ މަންމަ ބުނެގެން ނިއުސާ ހޭލާއޮތްތޯ ބަލާލީ. އަޅާނުލާ ނިދާލާ. އަހަރެން ބުނާނަން ނިދާފައޭ އޮތީ. ” އަވަސް އަވަހަށް ކޮޅަށްތެދުވަމުން އޭނާ ބުންޏެވެ.

އެހެން ބުނުމަށްފަހު، ނިއުސާ ބުނާ އެއްޗަކަށް ބަލާވެސްނުލާ، އޭނަ ގޮސް ކޮޓަރިން ނުކުންނަމުން ތަޅުލާފައި ދިއުމުން ނިއުސާއަށް ލިބިގެންދިޔަ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އެހެނަސް އެކަމާ އަޅާނުލާ ނިދާލާށޭ ބުނެފައިވާތީ އެކަމަކާ އަޅައެއް ނުލައެވެ.

މިހާ ދަންގަޑިއެއްގައި ނިއުސާ ހޭލާއޮތްތޯ އުނޭސާ ބެލުމުން ނިއުސާއަށް ލިބިގެންދިޔަ ހައިރާންކަމާއެކު ކޮންމެވެސް ވަރަކަށް ސުވާލު ވެސް އުފެދުނެވެ.

ހެނދުނުގަޑީ މަންމައާ ދިމާވުމުން އެކަން ސާފުކޮށްލާނަމޭ ހިތާއޮތް ނިއުސާ މަޑުމަޑުން ތެދުވެގެން ފާޚާނާއާ ދިމާއަށް ދިޔައީ ކުއްލިއަކަށް ފާޚާނާއަށް ދާން ޖެހިގެންނެވެ. ފާޚާނާކޮއްލައިގެން ނުކުންނަމުން ބޯ ރީތިކޮށްލުމަށްޓަކައި ލޯގަނޑުކައިރިއަށް ހުއްޓުނު ނިއުސާގެ ދެލޯ ބޮޑުވެގެންދިޔައީ ޓީސާޓްގެ ކަރުވަޅުކައިރިން ދެގޮށް ނައްޓާފައިވަނިކޮށް ފެނުމުންނެވެ. އެއާއެކު ނިއުސާއަށް ޔަގީންވެގެން ދިޔައީ އޭނާ އައީ މާހިދުގެ މަންމަ ބުނެގެން ނޫންކަމާއި އޭނާ ނިދާން އޮށޯތީ ރަނގަޅަށް ގޮށްތައް އަޅުވައިގެން ކަމެވެ. އޭނާގެ މަޤްޞަދު ހާސިލުވުމުގެ ކުރިން ނިއުސާއަށް ހޭލެވުމުން މޮޅުވާހަކައެއް ދައްކާލުމަށްފަހު އަވަހަށް ދެމިގަނެގެން ދިޔައީކަން ވެސް ނިއުސާއަށް ޔަގީންވިއެވެ.

ހިތަށް ވެރިވެގެންދިޔަ ނުތަނަވަސްކަމާއެކު މަޑުމަޑުން ފާޚާނާއިން ނުކުމެގެންއައި ނިއުސާ އޮށޯތުމުގެކުރިން ކޮޓަރި ހުރީ ރަނގަޅަށް ތަޅުލެވިފައިވޭތޯ ޔަގީންކޮށްލިއެވެ. ޑުރެސިންޓޭބަލް ކައިރީހުރި ގޮނޑި ގެނެސް ދޮރު ހުޅުވައިފިނަމަ ވެއްޓޭނެހެން ދޮރުގައި ލައްގާލި ވެސް މެއެވެ.

ނިއުސާ އޮށޯތީ ނިދަން ނަމަވެސް ކުއްލިއަކަށް މިދިމާވިކަންތަކުގެ ސަބަބުން އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. އަބަދުހެން ވިސްނާ ފިކުރުކުރެވެމުން ދިޔައީ ދިމާވިކަންތަކާ މެދުގައެވެ. އޭނާ އެކޮޓަރިއަށް ވަތްގޮތަކާއި މެދުގައެވެ.

އޮފީހަށް ދާން ތައްޔާރުވެގެން އައިސް ސައިކަލަށް އަރަނިކޮށް ފޯނަށް މެސެޖެއް އައުމުން ޔާނިހު ބަލާލިއިރު މެސެޖް ފޮނުވާފައިވަނީ ނިއުސާއެވެ. ސިއްހީހާލަތު ހުރިގޮތުން މިއަދު އޮފީހަށް ނުދާ ވާހަކައާ އޭނާ ބަލާނައުމުން މެސެޖްގައި އޮތުމުން ވީކީއްތޯ ބަލާލުމަށް ޔާނިހު ފޯނުކުރިއެވެ. އެހެނަސް ދެފަހަރަކު ގުޅާލުމުން ވެސް ނިއުސާ ފޯނުނުނަގާތީ ޔާނިހު ދިޔަގޮތަށް ދިޔައީ އޮފީހަށެވެ.

އަހަރީދުވަހާއި ގުޅިގެން ވަމުންދާ ތައްޔާރީތައް ގިނަކަމުންނާއި ކަންކަމާއިގެން އުޅެންޖެހުނުލެއް ބުރަކަމުން ކުޑަވަގުތުކޮޅަކަށް ނަމަވެސް ނިއުސާގެ މަތިން ޔާނިހު ހަނދާނެއް ނެތުނެވެ.

އެކަނިމާއެކަނި ކޮޓަރިތެރޭގައި އޮށޯވެލައިގެން އޮތްއިރު ނިއުސާއަށް ވިސްނެމުން ދިޔައީ ރޭގައި ދިމާވި ކަންތަކާއި މެދުގައެވެ. އެކަމާގުޅިގެން ދެން ކަންތައްކުރަންވީ ގޮތަކާއި މެދުގައެވެ. އެވާހަކަތައް މާހިދަށް ކިޔައިދޭނެ ގޮތަކާއި މެދުގައާއި އެވާހަކަތައް ދައްކައިފިނަމަ ދެން ވެދާނެގޮތަކާއި މެދުގައެވެ. އަދި އެވާހަކަތައް ކިޔައި ދިނުމުން މާހިދު ކަންތައް ކޮށްފާނެ ގޮތަކާއި މެދުގައި ވެސް މެއެވެ.

ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ކޮޓަރިތެރޭގައި އެކަނިމާއެކަނި އޮވެ އެކަމާމެދު ވިސްނާ ފިކުރުކުރުން ނޫން އެހެންކަމެއް ނިއުސާ ނުކުރެއެވެ. އެވާހަކަތަކުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ކޮށްފާނެ އަސަރަކާއި އެވާހަކަތަކުގެ ސަބަބުން މާހިދަށް އައިސްދާނެ ބަދަލަކާމެދު ވެސް ވިސްނެމުން ދިޔައެވެ.

ސިއްހީހާލަތު ހުރިގޮތުން މިއަދު އޮފީހަށް ނާއްނާތީ، އަހަރީދުވަހުގެ ތައްޔާރީތަކުގައި ބައިވެރިވާންވެސް ނިއުސާ ނާއްނާނެކަމަށް ވިސްނައިގެން ހުއްޓައި ޔާނިހުއަށް ހައިރާންކަމެއް ލިބިގެން ދިޔައީ އޮފީސްތެރެއިން ނިއުސާ ފެނުމުންނެވެ. ޔާނިހުއެކޭ އެއްފަދައިން ނިއުސާ ވެސް މަސައްކަތްތަކާއިގެން އުޅެމުން ދިޔައެވެ.

ނިއުސާގެ ފަރާތުން ތަފާތުތަކެއް ޔާނިހަށް ފާހަގަކުރެވެންފެށީ ދެތިން ފަހަރަކު ބައްދަލުވެ ޔާނިހު ގޮވާލާ ހާލު އަހާލުމުން ވެސް ނިއުސާ އަނގައިން ނުބުނުމުންނެވެ. ޔާނިހުގެ އެއްވެސް އިސާރާތަކަށް ސަމާލުކަން ނުދިނުމުންނެވެ.

އޮފީހުގެ މަސައްކަތްތަކުގައި އުޅެމުން ދިޔައިރު ވެސް ޔާނިހު ވިސްނަމުން ދިޔައީ މަސައްކަތް ނިމޭނެ ވަގުތަކަށެވެ. މަސައްކަތް ނިންމާލާފައި އެންމެން ގެއަށްދާ ވަގުތަށެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އެގާރަޖަހަން ކައިރިވުމުން މަސައްކަތްތައް ހުއްޓާލާފައި އެންމެން އެކުގައި ކޮފީއަކަށް ދިޔައެވެ. އެންމެން އެކުގައި މިފަދަ ބޮޑުމަސައްކަތެއް ކުރަމުންދާއިރު ނިންމާލާގަޑީ ކޮފީއެއް ބޯލުންފަދަ ކަރުހިއްކުން ފިލުވާލުމެއް ބާއްވަންޖެހޭނެ ކަމުގައި ހުރިހާ މުއައްޒަފުން ވެސް ދެކެއެވެ.

އެހެންފަހަރުތަކާއި ހިލާފަށް ކޮފީގެ ވަކިހިސާބަކުން ޔާނިހު ގެއަށް ދިއުމުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ. ނިއުސާ އެތަނުގައި އިންދާ އޭނާ ނުގެންގޮސް ޔާނިހު އެކަނި ދިއުމުން ބައެއްމީހުނަށް އެކަން ފާހަގަ ވެސް ކުރެވުނެވެ.

ކޮފީނިންމާލުމަށްފަހު، ނިއުސާ ގެއަށް އައީ ކުލީކާރެއްގައެވެ.

ގޯތިތެރެއަށް ވަދެގެން ގެއާއި ދިމާއަށް ނިއުސާ ދިޔައިރު، ގޯތިތެރޭ ގަސްތަކުގެތެރޭގައި ކޮންމެވެސް މީހަކު އުޅޭހެން ހީވި ނަމަވެސް ޔަގީންނުވާތީ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.

ނިއުސާގެ ޙަބަރެއް ނުވާތީއާ ރޭގައި ކަންތައްކުރި ގޮތުގެ ސަބަބުން ނިއުސާއަށް މާބޮޑު ސަމާލުކަމެއްނުދީ ޔާނިހު ދިޔަގޮތަށް ދިޔައީ އޮފީހަށެވެ. އެހެން ދުވަސްތަކުގެ އާދައިގެމަތިން ނިއުސާ ކޮބައިތޯ ބަލާބެލުން ވެސް މިއަދަކު ނުބަލައެވެ. ނިއުސާއެކޭ އެއްފަދައިން ޔާނިހުއަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ކުއްލިއަކަށް ނިއުސާ އޭނާ ދުރަށް ޖައްސާލުމުން ހައިރާންވެ ސުވާލުއުފެދުނު ނަމަވެސް އެ ސުވާލުތަކުގެ ޖަވާބު ނުލިބުނު ނަމަވެސް މިއަދު ޔާނިހު ހުރީ ނިއުސާ ބޭނުންވި ފަދައިން ނިއުސާއާ ދުރުގައެވެ.

އޮފީހުގެ މަސައްކަތްތަކާއިގެން އުޅެނިކޮށް ކުއްލިއަކަށް ލިބުނު ޚަބަރުގެ ސަބަބުން ނިއުސާއަށް ގުޅާނުލައެއް ޔާނިހަކަށް ނުހުރެވުނެވެ. އޮފީހަށްވަތްތާ އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުއްލިއަކަށް ވަޒީފާ ދޫކޮށްލުމުން ނިއުސާ ނިންމީ ކީއްވެގެންތޯ ބަލާލަން ޔާނިހު ބޭނުންވިއެވެ.

ދެތިންފަހަރަކު ޔާނިހު ގުޅުމުން ވެސް ނިއުސާ ފޯނެއް ނުނެގިއެވެ. އެހެނަސް މެސެޖެއް ފޮނުވާލިއެވެ.

” އަހަރެންނަށް ނުގުޅާ . . . . ޔާނިހުއާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއްނޫން. ” ނިއުސާ ފޮނުވި މެސެޖް ޔާނިހު ކިޔާލިއެވެ.

ތަރިރުހަނދުގެ ދައުރުވުމާއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން އައިސް ތިންމަހެއްހާ ދުވަސް މާޒީގެ ސަފްހާތަކާއި އެކުވެގެން ދިޔައީއެވެ.

ތަމްރީނުތައް ނިންމާލުމަށްފަހު ރާއްޖެއައި ނަމަވެސް، ނިއުސާއަށް ފޯނުކޮށްލުމެއް ވެސް ނެތި މާހިދު ގެއަށް ދިޔައީ ނިއުސާ ހައިރާންކޮށްލުމަށްޓަކައެވެ. އެހެނަސް ކަންތައް ވެގެން ދިޔައީ އެހެނެއް ނޫނެވެ. ނިއުސާ ހައިރާންކޮށްލާން އައި މާހިދަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ޖަވާބު ނުލިބުނު އެތައް ސުވާލެއް އެއްފަހަރާ ހިތުގައި އުފެދިގެން ދިޔައީ އޭނާގެއެވެ.

” ނިއުސާގެ ބަނޑަށް ދެމަސް . . . . އޭނަ އެހުރީ ޔާނިހުގެ ދަރިއަކަށް ބަލިވެ. އެހެންވެ އޭނަ ފޮނުވާލައިފިން. ބައްޕަމެން ހީކުރީ ދަރިފުޅަށް އެކަން އެނގޭނެކަމަށް. ” މާހިދު ސިއްސައިގެން ދިޔައީ އޭނާގެ ދޮންބައްޕަ ސައްތާރުގެ އަޑަށެވެ.

މިފަހަރު ވެސް ހައިރާންކަން ލިބިގެން ދިޔައީ މާހިދަށެވެ. އެހެނަސް ހިތްދަތިވެ ހިތްކުދިކުދިވެ ފަޅަފަޅައިގެން ދާވަރުގެ ހިތި ހައިރާންކަމެކެވެ. ބުނާނެއެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި އެހުރިގޮތަށް ހުރެވުނީ ކިހާއިރެއްވަންދެން ކަމެއް މާހިދަކަށް ނޭނގެއެވެ.

ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުރި މާހިދު ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނުނަގަމުން ބަލާލިއިރު، އޭނާއަށް ގުޅަނީ ސަމްއާންއެވެ. ސަމްއާންއަކީ މާހިދުގެ ރަހުމަތްތެރިންގެ ތެރެއިން އެމީހަކަށް އޭނާ އެންމެ އިތުބާރުކުރާ އަދި އެންމެގާތް އެއް ރަހުމަތްތެރިޔާ އެވެ.

” މާހިދު! އެންމެ މިނިޓެކަށް ނަމަވެސް އަހަރުމެން ގެއަށް އައިސީދީބަލަ. އަހަރެން ވަރަށް އަވަހަށް އެބަ ފުރަންޖެހޭ. ފުރުމުގެ ކުރިން މާހިދުއާ ބައްދަލުކުރަން ވެސް ޖެހޭ. ” ސަމްއާންގެ ފޯނަށް މާހިދު ޖަވާބު ދިނުމާއެކު އަވަސް އަވަހަށް ސަމްއާން ވާހަކަ ދެއްކިއެވެ. އެހެނަސް މާހިދު ދައްކާ ވާހަކައެއް އަޑުއަހާކަށް އޭނާ މަޑެއް ނުކުރިއެވެ. ބުނަން ބޭނުންވި ވާހަކަތައް ބުނުމަށްފަހު ފޯނު ކަނޑާލީ އެވެ.

ސަމްއާންގެ އެވާހަކަތަކުގެ ސަބަބުން ކޮންމެހެން ވެސް ސަމްއާންއާ ބައްދަލުކުރަން މާހިދު ބޭނުންވިއެވެ. ސަމްއާން އެހެން ބުނާނީ ވަރަށް މުހިންމުކަމެއް ދިމާވެގެންކަން މާހިދަށް ޔަގީނެވެ. އަވަސް އަވަހަށް އެގެއަށް ދިޔައިރު ވެސް މާހިދުގެ ހިތުގައި އުފެދެމުންދިޔަ އެންމެބޮޑު ސުވާލަކީ ނިއުސާ ވީތަނެއް ނޭނގޭތީ އުފެދޭ ސުވާލެވެ.

މާހިދު ގޮސް ސަމްއާންމެން ގެއަށް ވަތްއިރު ސަމްއާންމެން ދެމަފިރިން ތިބީ ކޮންމެވެސް ތަނަކަށް ފުރަން ތައްޔާރުވެގެން ނެވެ. ފުރަން ތައްޔާރުކޮށްފައިވާ ދަބަހާއި ފޮށިތައް ގޭގެ ފެންޑާތެރޭގައި ހުއްޓެވެ. ފެންޑާތެރޭ ގޮނޑިސެޓްގައި އިށީންދެލައިގެން އެހެން އަންހެން ކުއްޖަކު އިން ނަމަވެސް، އެއަށްވުރެ ބޮޑަށް މާހިދު ސަމާލުކަންދިނީ ސަމްއާން ދައްކާވާހަކައެއް އަޑުއަހާށެވެ.

” މާހިދު! މީނީ ހާލުގަޖެހި މަގުމަތީގަ އެކަނިވެފައި ހުއްޓާ އަހަރެން ގެނައި ކުއްޖެއް. މިހާރުން މިހާރަށް މީނައާމެދު ގޮތެއް ނިންމާ. އަހަރުމެން ދެމަފިރިން މިއުޅެނީ މިއަދު ހަވީރު މީނަ ގޮވައިގެން އައްޑުއަށް ފުރަން. ” ފެންޑާތެރޭ ގޮނޑިސެޓްގައި ހިލައިގެ ބުދެއް ފަދައިން ހަރަކާތްނެތިފައި އިން ނިއުސާ ދައްކާލަމުން ސަމްއާން ވާހަކަދެއްކިއެވެ.

ނިއުސާ އާއި މާހިދުގެ ނަޒަރު އެކަކު އަނެކަކަށް އަމާޒުވެގެން ދިޔައީ އެވަގުތުއެވެ. އެއާއެކު ނިއުސާގެ ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.
ނުނިމޭ

1
0
މިއީ " ކަޅިސް " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ކަޅިސް“

Leave a Reply

Your email address will not be published.