މެންދުރުގެ ކެއުމުގެ ވަގުތެވެ. ޖުމާނާ އާއި ސައްޔާހް އަދި ސެނާ މެންދުރުގެ ކެއުމާއިގެން މަސްޢޫލުވެ ތިބިއިރު ތިންމީހުން ކޮންމެ ވެސް ވާހަކަތަކެއް ވެސް ދައްކަމުން ގެންދިޔައެވެ.
” ގިފިލި ތެރޭގައި ހުރި ދެރުއް ހާދަރީއްޗޭދޯ ؟ ” ޖުމާނާއަށް ބަލާލަމުން ސައްޔާހް ބުންޏެވެ.
” އާން. އެދެރުއް ރީތިކަމުން ބޭރަށް ނުނެރުނީ ވެސް. ބޭރަށް ނެރެފިނަމަ އެސްފީނާ ޖެހިދާނެއެއްނު. ” ސައްޔާހްގެ ވާހަކައާ ގުޅުވައިގެން ޖުމާނާ ވާހަކަދެއްކި އެވެ. އެ ދެރުއް ނަގަން މަސައްކަތް ކޮށްފާނެތީ ޖުމާނާ ކަންބޮޑުވިއެވެ.
” އާން … ތިހެން ވެސް ވެދާނެ. އަހަރެންނަށް ވެސް ފެންނަނީ އެދެރުއް އެތަނުގައި ބައިންދަން. ” ޖުމާނާގެ ނިންމުމަށް ތާއިދުކޮށް ސައްޔާހް ވެސް ވާހަކަދެއްކި އެވެ. އެކަމުގެ ސަބަބުން ޖުމާނާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
ސެނާގެ ކެތްތެރިކަން ކޮޅުންލަމުން ދާންފެށި އެވެ. މާހުގެ ހިޔާލުތަކުން ސިކުނޑިއަށް ބާރު ބޮޑުވާން ފެށިއެވެ. މާހުގެ ފަރާތުން ލިބިގެންދިޔަ އިސްޤީ މަސްތީ ބީހުންތަކާއި ލޯތްބަށް އެދެވެންފެށި ވެސް މެއެވެ.
ހަވީރު ހަތަރުގަޑިބައިކަން ހާއިރެވެ. ގިފިލިތެރާގައި އިންދާފައިވާ ރުއްކާއްޓަށް ފެންދޭން ޖުމާނާ ހުއްޓެވެ. އެކާށި އިންދިތާ މިހާރު މަހެއްހާ ދުވަސް ވެފައިވާއިރު އެކާށިން ފަޅާފައިވާ ދެރުށް ވަރަށް ރީއްޗަށް ހެދެމުން އައިސް މިހާރު ދެރުކުން ކުރުއްޕަތްފަޅައި ފޫޓެއްހާ މައްޗަށް ހެދިއްޖެއެވެ.
ގޭތެރޭގައި ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ޖުމާނާ ފެންވަރަން ވަނީ ހައެއް ވެސް ޖެހި ފަހުންނެވެ. އިރުއޮއްސޭ ވަގުތު ގާތްވުމުން ރަށުތެރެއަށް އަނދިރިކަން ވެރިވަމުންދިޔަ ނަމަވެސް ޖުމާނާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
ދޮންނަންވެފައިވާ ބައެއް ތަކެތިދޮވެ ރޯނުގައި އަޅާލުމަށްފަހު ޖުމާނާ ފެންވަރަން ފެށިއިރު މަޢުރިބުނަމާދު ބަންގި ގޮވައި ނިމިއްޖެ އެވެ. ގިފިލިތެރެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ފެންވަރައި ނިންމާލުމަށްފަހު ފެންހިއްކައި ހެދުންލީ ވަގުތު ޖުމާނާއަށް ހުއްޓުން އެރިއެވެ.
އޭނާއާ ވަރަށް ގާތުން ކޮންމެ ވެސް މީހެއްގެ ފިޔަވަޅުގެއަޑު އިވުމުން ހައިރާންކަމާއިއެކު ވަށައިގެން ހޯދާލި ނަމަވެސް ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ތަނެއްދޮރެއް އެނގޭ ވަރެއް ނުވެއެވެ. ވަށައިގެން ހޯދާލި ވަގުތު ޖުމާނާގެ ނަޒަރު ހުއްޓުނީ ރުއްކާށި އިންދާފައިވާ ކަނަށެވެ.
ވަރަށްގަދައަށް ވިދާލުމާއިއެކު ގުގުރައިގަތް އަޑުކަހަލަ އަޑެއް އިވުނެވެ. އެހެނަސް ވިއްސާރައިގެ އަސަރު އެއްވެސް ވަރަކަށް ފެންނާކަށް ނެތެވެ. ދެރުއް ދޭތެރޭން ދިލަކަނި ބުރާލުމާއިއެކު ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވެންފެށި އެވެ. ދެރުއް ދޭތެރޭން ފާޅުވި އެއަޑާއިއެކު ކުއްލިއަކަށް ޖުމާނާ ހަނދާންވީ އެތަނުގައިވާ ވަޅުލާފައިވާ ތުއްތު ތުއްތު ކުއްޖާގެ މަތިންނެވެ.
ކޮންމެ ވެސް ވަރެއްގެ އަލިކަމެއް ގިފިލިތެރެއަށް ފާޅުވުމުން ޖުމާނާއަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔަ އެވެ. ދެރުކުގެ ކުރައްޕަތް ތެޅިލުމާއިއެކު ކުއްލިއަކަށް އެތަނުން ފާޅުވީ މާހު އެވެ. މާހު ހުރީ ރުޅިއައިސް ދެލޯ ރަތްވެފައެވެ. އަތުގެ އިނގިލިތައް ހަރަކާތްކޮށްލިއިރު އެއިނގިލިތަކުގެ ނިޔަފަތިތައް ނުހަނު ދިގެވެ.
ރުޅިއައިސް ރަތްވެފައިވާ ފަދައަކުން ހުރި މާހު ޖުމާނާއާ ދިމާއަށް ހިނގައި ގަތެވެ.
އޭނާގެ ކުރިމަތިން ފެންނަން ހުރީ މާހު ނޫންކަން ޖުމާނާއަށް ޔަގީން ވިއެވެ. އެހެންވެ ގަތްބިރާއެކު ސަލާމަތަށް އެދި ރޮއި ހަޅޭލަމުން ޖުމާނާ ދުއްވައިގަތީ ގިފިލިން ބޭރަށް ނުކުންނަން ހުރި ދޮރާއި ދިމާއަށެވެ. އެހެނަސް އެކަމުގައި އެއްވެސް ކާމިޔާބެއް ނުލިބި އޭނާ އަނގަވަތަށް ވެއްޓިއްޖެ އެވެ. އަނގަވަތަށް ވެއްޓުނު ނަމަވެސް ހިތްވަރު ދޫކޮށްނުލައި ޖުމާނާ މަސައްކަތްކުރީ ތެދުވާށެވެ. އަވަސް އަވަހަށް އިސް އުފުލާލިއިރު އޭނާގެ ކުރިމަތީގައި ކަހަލަގޮތަކަށް މާހު ހުއްޓެވެ. ހަޅޭލަވައިގަންނަން އުޅުނު ނަމަވެސް ޖުމާނާގެ ދުލެއް ހަރަކާތެއް ނުކުރިއެވެ.
ޖުމާނާ އާ ދިމާއަށް ގުދުވަމުންދިޔަ މާހުގެ ކަނާއަތް ގެންދިޔައީ ޖުމާނާގެ މޫނާއި ދިމާއަށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖުމާނާގެ ދެ ލޯ ދަމައިގަތެވެ. ވީތަދާއި ނެގި ދިލައިން ކެތްނުވެގެން އަޑުގެކޮޅަށް ރޮއިގަތުމާއިއެކެ ޖުމާނާ މަރުވެއްޖެ އެވެ.
ގޭތެރޭގައިހުރި ސައްޔާހަށް ޖުމާނާގެ އަޑުއިވުމާއިއެކު ވެސް ކޮންމެ ވެސް ކަމެއް ވެއްޖެކަން ޔަގީންވި އެވެ. އަވަސް އަވަހަށް ދުވެފައި ގޮސް ގިފިލީ ދޮރުކައިރިއަށް ހުއްޓި ޖުމާނާއަށް ގޮވަން ފެށި ނަމަވެސް، ޖުމާނާގެ އެއްވެސް ޚަބަރެއް ނުވިއެވެ.
ދެތިން މިނިޓް އެގޮތުގައި ހޭދަކުރުމަށްފަހު ޖުމާނާގެ އެއްވެސް ޚަބަރެއް ނުވުމުން ސައްޔާހުގެ ޚިޔާލު ބަދަލުވި އެވެ. ސައްޔާހް ދެން ކަންތައްކުރީ ގިފިއްޔަށް ވަންނަން ހުރި ދޮރުގެތަޅު ހަލާކު ކޮށްލާށެވެ. ގިފިލީދޮރުގެތަޅު ހަލާކު ކޮށްލައިގެން ސައްޔާހް ވަތްއިރު އެތަން އަނދިރިކަމުން ތަނެއްދޮރެއް އެނގޭވަރެއް ނުވެއެވެ. އަނެއްކާ ވެސް ޖެހުނީ ގޭތެރެއަށް ވަދެ ބޮކި ދިއްލާށެވެ.
ގިފިލީގެ ބޮކި ދިއްލުމަށްފަހު ސައްޔާހް އައިސް ގިފިއްޔަށް ވަތްވަގުތު ފެނުނު މަންޒަރުން ސައްޔާހުގެ ހެޔަށް އަސަރު ނުކުރީ ކިރިޔާއެވެ.
ބަނޑުވަތަށް ކަހަލަގޮތަކަށް ބިންމައްޗަށް ވެއްޓިފައި ޖުމާނާ އޮތްއިރު އޭނާގެ މޫނު އެނބުރިފައިވަނީ ސައްޔާހާއި ދިމާއަށެވެ. ޖުމާނާގެ މޫނުމަތިން ލޭގެއަސަރުތައް ފާޅުވަމުންދާއިރު އޭނާގެ ދެލޮލެއް ނެތެވެ. ގިފިލިތެރޭން ޖުމާނާގެ ފިޔަވަޅު ފިޔަވައި އެހެން މީހެއްގެ ފިޔަވަޅު ފެންނާކަށް ނެތެވެ. ގިފިލިތެރޭގައި ހުރި ދެރުކުގެ ފަންތަކުން ލޭގެ އަސަރު ފާޅުވާން ހުއްޓެވެ. ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުން ސައްޔާހް ހުއްޓެވެ.
ސެނާ އައިސް ގިފިއްޔަށް ވަތް ވަގުތު އެމަންޒަރު ފެނުނެވެ. ފެނުނު މަންޒަރުން ގަތްބިރާއި ވީ ދެރައިން އަޑުގެކޮޅަށް ރޮއި ގަނެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. ދެންވީގޮތެއް ސެނާ އަކަށް ނޭނގުނެވެ.
ސެނާ ހޭއެރިއިރު އޭނާ އޮތީ ކޮޓަރީގަ އެވެ. އޭނާގެ ބައްޕަފަރާތު މާމަ ރައިނާ އޭނަ ކައިރީ އިށީނދެލައި އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ. ރައިނާގެ މޫނުމަތިން ފާޅުވަމުންދަނީ މާޔޫސްކަމުގެ އަސަރުތަކެވެ. ރައިނާގެ އިތުރުން ވެސް ދެތިން މީހަކު އެކޮޓަރީގައި ތިއްބެވެ. ކުއްލިއަކަށް އެހައި ގިނަމީހުން އެގެއަށް ޖަމާވެގެން އެއުޅެނީ ކީއްވެގެންކަމެއް ސެނާއަކަށް ނޭނގެއެވެ.
ޖުމާނާގެ އަޖައިބެއްފަދަ މަރުގެވާހަކަ ރަށުތެރެއަށް ފެތުރޭވަރަކަށް އެގެކައިރިއަށް ޖަމާވާ މީހުން ގިނަވަމުން ދިޔައެވެ. ހިނެވުމުގެ މަސައްކަތް ފެށިއިރު ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައީ ޖުމާނާ މަރުވެފައި އޮއްވައި ފެނުނުއިރު އޭނާގެ ދެލޮލުންކުރެ އެއްވެސް ލޮލެއް ނެތްކަމަށް ބުނާތީ އެވެ.
ޖުމާނާ ހިނަވައި ކަފުންކޮށް ވަޅުލައި ނިމުނީ އަނެއް ދުވަހު ހެނދުނު އަށެއް ޖަހާކަން ހާއިރުއެވެ. ސެނާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.
ރައިނާ ވަރަށް ހިތްވަރާއި ނަސޭހަތް ދީގެން ސެނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.
ޖުމާނާގެ މަރުގެ ސަބަބުން ސެނާ އާއި ސައްޔާހް އަދި ޖުމާނާގެ ޢާއިލާ އާއި ސައްޔާހުގެ ޢާއިލާއަށް ކުރިމަތިވެފައިވާ ހިތާމަ އާއި ހިތްދަތިކަމާއިއެކު ދުވަސްތައް މާޒީއާ އެކުވަމުންދިޔަ އެވެ.
ޖުމާނާގެ މަރަކީ އިންސާނަކާއި ގުޅިފައިވާކަމެއް ނޫންކަމަށް ވަރަށްގިނަ ބަޔަކު ބުނަމުންދިޔަ އެވެ. އެއްވެސް އިންސާނަކަށް އެފަދަކަމެއް ކުރަން ނުކެރޭނެކަމަށް ވެސް ގިނަބަޔަކު ބުނަމުންދިޔަ އެވެ.
ޖުމާނާގެ މަރުގެ ޙަޤީޤަތް ހޯދުމަށް އެތައް ދުވަހެއް ވަންދެން ކުރިމަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނުނެ ނެވެ. އެކަމާއި ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ވެސް ނުލިބުނެވެ. އެހެންވެ މާގިނަ ދުވަހެއްނުވެ އެވާހަކަތައް ހުއްޓިއްޖެ އެވެ.
ޖުމާނާ މަރުވުމުން ލިބުނު ހިތާމަ އާއި ހިތްދަތިކަމަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯ ސެނާ އަނެއްކާ ވެސް މާހާއި ބައްދަލުކުރަން ފެށިއެވެ. މިފަހަރު ސެނާ ހުރީ ކުރިންވީ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް އަޒުމް ކަނޑައަޅައި ގެންނެވެ. ކުރިއެކޭ ވެސް އެއްފަދައިން މާހުގެ ފަރާތުން ސެނާއަށް ވަރަށް ފުރިހަމައަށް ލޯތްބާއި އަޅާލުން ލިބެމުންދިޔަ އެވެ.
ސެނާގެ ބަނޑުގައިއޮތް ދަރިފުޅާއިމެދު ސެނާމެން ކަންތައް ކުރިގޮތް މާހަށް އެނގެއެވެ. ކުރީފަހަރު ފަދައިން މިފަހަރު ވެސް ސެނާއާ މާހުގެ ލޯބީގެ މަންޒިލަކަށްވީ ރަށުގެ ހުޅަނގުކޮޅުގައިވާ ފަޅުގެއެވެ. އެދެމީހުން ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ.
އުމުރުން ފަސްދޮޅަހަކަށް އަހަރުވެފައިވާ ތަކުރުބެއަކީ ފަންޑިތައިގެ ކަންތަކަށް ވަރަށް ކުރިއަރައި ހުރި އެކަމުގައި ކާމިޔާބު އަދި ކުޅަދާނަ މީހެކެވެ.
ޖުމާނާގެ މަރުގެ ފުރަގަހުގައި ސިއްރުތަކެއް ވާކަމަށް ސައްޔާހަށް ގަބޫލުކުރެވި އެކަމުގެ ފުރަގަހުގައިވާ ސިއްރު ހޯދައިދިނުމަށް ތަކުރުބެ ގާތު އެދުނެވެ. އެކަމުގެ ޙަޤީޤަތް ހޯދައިދީފިނަމަ ރަނގަޅުއަގެއް ދޭނެކަމަށް ވެސް ބުންޏެވެ.
ތަކުރެބެ އާއި ސައްޔާހް ވާހަކަދައްކައި މަޝްވަރާކޮށް ނިންމި ފަދައިން ކަންތައް ކުރުމަށް ތައްޔާރުވަމުން ދިޔައެވެ.
ޖުމާނާ މަރުވިތާ ފަންސަވީސްވަނަ ދުވަހުގެ ރޭ ތަކުރުބޭ އޭނާގެ މަސައްކަތް ފެށިއެވެ.
ރެއަކީ ހަނދުމަހެއްގެ ސައްބީސް ވިލޭރެއަށް ވާތީ ރަށުތެރެއަށް ވެރިވެފައިވަނީ ކަޅުއަނދިރިކަމެވެ. މަގެއްމަތިން މީހަކު ނުފެނެ އެވެ. ތަކުރުބެ އާއި ސައްޔާހް ހިނގަމުން ހިނގަމުން އައިސް މަޑުކުރީ ރަށުގެ އިރުމަތީކޮޅު ތުނޑިމަތީގަ އެވެ. ތަކުރުބެ އަތުގައި ބޯކަށިކެޔޮ މާގަނޑެއް އޮތެވެ. އެތުނޑި އަކީ އެއްވެސް ކަހަލަ ގަހެއް ވިނައެއް ނެތް ތުނޑިއެކެވެ. ތަކުރުބެ އާއި ސައްޔާހް މަޑުކޮށްގެން ތިބީ ތުނޑީކޮޅާއި ފަންސާހަކަށް ފޫޓު ދުރުގައެވެ.
” މިހާރު ހަނދު އަރަނީ …. ދިޔަވަރު ބަދަލުވާން ފަށަނީ … އަވަހަށް ހިނގާ. ” ތުނޑީކޮޅާއި ދިމާއަށް ހިނގައި ގަންނަމުން ތަކުރުބޭ އެހެން ބުނުމުން އޭނާގެ ފަހަތުން ސައްޔާހް ވެސް ހިނގައިގަތެވެ.
ތަކުރުބެ އާއި ސައްޔާހް ވާހަކަ ދައްކަމުން ދައްކަމުން ގޮސް މަޑުކުރީ ތުނޑީކޮޅުގަ އެވެ.
” ހަނދު ފެނުންތޮޅިލާ ވަގުތު މި މާގަނޑަށް އެއްވެސް ބަދަލެއް އާދޭތޯ ވަރަށް ރަނގަޅަށް ބަލާތި … އަހަރެން މިމަސައްކަތް ފަށަނީ. ” ސައްޔާހްއާ ދިމާއަށް ބަލާލަމުން ތަކުރުބޭ ވާހަކަދެއްކި އެވެ. އޭނާގެ ކޮނޑުމަތީގައި އޮތް ހުދުފޮތި ގަނޑު ނަގައި ބޮލުގައި އޮޅާލަމުން ތަކުރުބޭ އޭނާގެ ކިޔެވެލި ފެށިއެވެ.
ތަކުރުބޭ އޭނާގެ ކިޔެވެލި ކިޔަވަމުން ރާޅުފެނުގައި ހިނގަމުން ދިޔައިރު ސައްޔާހް ހުރީ ބޯކަށިކެޔޮ މާގަނޑަށް ބަލާށެވެ.
ހަނދު ފެނުން ތޮޅިލުމާއިއެކު ބޯކަށިކެޔޮ މާގަނޑު ތެޅެލި އެވެ. ބޯކަށިކެޔޮމާގަނޑުގެ ކުލަ ރަތްކުލައަށް ބަދަލުވެ ކުލަގަދަވަމުން ދިޔައެވެ. ހަނދު އެއްކޮށް ފެނުން ނެއްޓުނުއިރު ބޯކަށިކެޔޮމާގަނޑު އިނީ ގަދަރަތް ކުލައިގައެވެ. ރަށާއިވީ ފަރާތަށް ކުޑަކޮށް އަރިވެސް ވެފައެވެ.
ތަކުރުބޭ އޭނާގެ ކިޔެވެލި ނިންމާލަމުން އައިސް ސައްޔާހަށް ގާތަށް ހުއްޓުނެވެ. ގަދަރަތްކުލާގައި ފެންނަންހުރި ބޯކަށިކެޔޮ މާގަނޑު ފެނުމުން ތަކުރުބެއަށް ވެސް ސިހުން އައެވެ.
” މާގަނޑު ހިފައިގެން އަވަހަށް ހިނގާދާން … ހުރިހާ ނުބައެއް ގުޅިފައިވަނީ ސައްޔާހްމެން ގެއާއި. ” ވަރަށް ޝައުގުވެރިކަމާއިއެކު މާގަނޑަށް ބަލާލުމަށްފަހު ސައްޔާހަށް ބަލާލަމުން ތަކުރުބޭ ވާހަކަދެއްކި އެވެ.
ތަކުރުބޭގެ އެޖުމްލައިގެ ސަބަބުން ސައްޔާހްގެ ހިތުގައި އުފެދުނު ސުވާލުތަކާއިއެކު ހާސްވެ ކަންބޮޑު ވެސް ވިއެވެ.
އެމާގަނޑަށް ވީގޮތް ފެނިފައި އޭގައި އަތްލާކަށް ސައްޔާހަކަށް ނުކެރުނެވެ. ތަކުރުބެއަށް އެކަން ފާހަގަކުރެވުމުން އެ މާގަނޑު ނަގައި ސައްޔާހަށް އަތަށް ދިނެވެ.
މާގަނޑު ހިފައިގެން ސައްޔާހްމެން ގެއާއި ދިމާއަށް ހިނގަމުން ދިޔައިރު ވެސް ތަކުރުބޭ ކޮންމެ ވެސް ކިޔެވެއްޔެއް ކިޔަވަމުން ގެންދިޔަ އެވެ.
ސައްޔާހާއި ތަކުރުބެ އެމާގަނޑު ހިފައިގެން ސައްޔާހްމެން ގެއާއި ދިމާއަށް ހިނގަމުން ދިޔައިރު ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ރަށުތެރޭން މީހަކު ނުފެންނައިރު ގެއެއްގެތެރޭން ގަދައައްޔެއް ވެސް ނުފެނެއެވެ. ބާރު އަޑެއް ވެސް އިވިނުލައެވެ.
” ތި މާގަނޑު ގެންގޮސް ގިފިލިތޭރޭގައި އިންދާ …….. ތިއީ މިކަމުގެ ފެށުން. ތިންރޭފަހުން އަހަރެން އަންނާނަށް .. އެހިސާބުން އެނގޭނީ މިކަމާއިމެދު ގޮތެއް ނިންމަން. ” ސައްޔާހްމެންގޭ ދޮރޯށި ކައިރިއަށް މަޑުކުރަމުން ތަކުރުބޭ ބުންޏެވެ. ދެމީހުން ވެސް ތިބީ ކޮންމެ ވެސް ވަރަކަށް ކަންބޮޑު ވެފައެވެ.
ތަކުރުބެ އާއި ސައްޔާހް އެތަނުގައި ތިބެގެން ކުޑައިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ތަކުރުބޭ ހިނގައްޖެ އެވެ.
ސައްޔާހް ގެއަށް ވަންއިރު ސެނާ އޮތީ ނިދާފައެވެ. އެކަމުގެ ސަބަބުން ސައްޔާހަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ހިނިތުންވެލަމުން އެމާގަނޑު ހިފައިގެން ގޮސް ގިފިލިތެރޭގައި އިންދިއެވެ.
ހަމަހިމޭންކަމާއިއެކު ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރު އަރައިފި އެވެ. އިރުއެރުމާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ.
ސެނާ މަދަރުސާއަށް ދިއުމަށްޓަކައި ފެންވަރަން ގިފިއްޔަށް ވަތްއިރު އެތަނުން ވަރަށް މީރުވަހެއް ދުވައެވެ. އެކަމުގެ ސަބަބުން ސެނާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައިރު އެކަމާއިމެދު ކޮންމެ ވެސް ވަރަކަށް ސުވާލު ވެސް އުފެދުނެވެ. ވަށައިގެން ބަލާލި ވަގުތު ސެނާއަށް ފެނުނީ ގިފިލިތެރޭގައި އިންދާފައިހުރި ބޯކަށިކެޔޮ މާގަނޑެކެވެ. އެމާގަނޑުފެނުމާއިއެކު ވެސް އެއީ އެމާގަނޑުންދުވާ ވަހެއްކަން ސެނާއަށް ޔަގީންވި އެވެ. އެހެނަސް އެއީ ކާކު ކޮން މަޤްޞަދެއްގައި ކޮށްފައިވާ ކަމެއްކަން ނޭނގުމުން ކޮންމެ ވެސް ވަރަކަށް ހައިރާންވި އެވެ.
ހަގަޑިސާޅިސްފަހެއް ވީއިރު މަދަރުސާކައިރި ވަނީ ފުރި ބާރުވެފައި ކަހަލަ ގޮތަކަށެވެ. މަދަރުސާއަށް އައިސް ތިބި ކުދިންނާއި އެކުދިންގެ ބެލެނިވެރިން އެތަނުގައި ކޮޅުކޮޅަށް ހަރަކާތްތެރި ވަމުން ދިޔައެވެ. ބައެއް ބެލެނިވެރިންގެ އުރުގައި ތިބި ކުޑަކުދިންގެ ރުއިމުގެއަޑުން އެތަނުގެ ހަމަހިމޭންކަން ކެނޑިފައި ވެއެވެ.
ނުނިމޭ
ރީތި