މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [10]

“މަށަކަށްނޭނގެ. ތަތްކަންވެސް އެހާވަރު.” އަޔާން އަށް އަރަން އަތް ދިއްކޮށްލަމުން ޝައިހާ ފޫހި ގޮތަކަށް ބުނެލިއެވެ. އަޔާންގެ އަތުގައި ހިފައިގެން ޕިކަޕަށް އެރުނު އިރު ޝައިހާ ކުރީ އަޔާން ގައިގާ ޖެހި ފިތިގެންނެވެ. ޝައިހާ ފެނުމުން ރަނާ ގޮވައިލިއެވެ. ނަމަވެސް އެކަމާ ޝައިހާއެއް މާބޮޑަކަށް ނުވިއެވެ. އަހަރެންނަށް ބަލައިލެވުނީ ގޭގެ ދޮރާއި ދިމާލަށެވެ. އޭރު ގޭތެރެއިން ބޮޑު ބެކްޕެކެއް ހިފައިގެން ޝާޔާ ފެންޑާއަށް ނިކުންނަނީއެވެ. އެއީ ޝައިހާގެ ހެނދުން ބޮނޑިކަން އަހަރެންނަށް ވަގުތުން އެނގިއްޖެއެވެ. އެކަމަކު މިކަހަލަ ކުޑަ ދަތުރެއް ދާއިރު ‘ގޯތި ގެދޮރު’ ހާ ސާމާނު ގެންދަނީ ކީއްކުރަންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާޔާ އަށް ބަރުވެގެން އުޅޭކަން އެނގުމުން އަހަރެން ފައިބައިގެން ގޮސް ޝާޔާ ކައިރިޔަށް ހުއްޓުނީމެވެ. ޝާޔާ ލަދުން އިސްޖެހިފައި ހުރެ އަހަރެންނަށް ބަލައިލިއެވެ. އަހަރެންވެސް ހިނިތުންވެލާފައި ޝާޔާ އަތުން ދަބަސް ނަގައިގެން ދާންފެށީމެވެ. އޭރު ބަކުރުބެއާއި ހައްވާ ދައްތަވެސް ގޭގެ ދޮރުމަތީގައި ތިއްބެވެ. އަޔާން އާއި ޒާނިޝްވެސް ޕިކަޕުގައި ހެވިފައި ލޯއަޅައިގެން ތިއްބެވެ. ޝައިހާ ފުސްމޫނު ހަދައިގެން ހުރީ އެމަންޒަރު ހަޖަމްކުރަން އުނދަގޫވެގެން ތޯއްޗެކެވެ. އަހަރެންގެ ހިތް އުފަލުން ނަޝަމުން ދިޔައީ ޝާޔާއާއި އެހާ ކައިރީގައި ހުރެވުމުންނެވެ. ޝާޔާގެ ހިތުގައި ވާ ލޯބި ދުލުން ހާމަ ކުރުމެއްނެތި އަހަރެންނަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

އަހަރެން ދަބަސް ޒާނިޝް އަތަށް ދިއްކޮށްފައި ޕިކަޕަށް އަރާ ޝާޔާ އަށް އަތް ދިއްކޮށްލީމެވެ. އެއެންމެންގެ ތެރޭގައި ލަދުގަނެފައި ހުރި ނަމަވެސް ޝާޔާ އަތްދިއްކޮށްލިއެވެ. ޝާޔާގެ އަތް އަހަރެންގެ އަތުގެ ތެރޭގައި މަސްހުނިވި ވަގުތު ހަށިގަނޑުގައި ދުވެލި ކަރަންޓްގެ އޮއިވަރާއިއެކު އަހަރެންގެ ހިތުގެ ވިންދު އަވަސް ކޮށްލައިފިއެވެ. ޝާޔާގެ ކިބައިގައި އަހަރެންގެ ޙިއްސު ތަކާއި ކުޅެލާފަދަ ޖާދުވީ ބާރެއް ވެއެވެ. ޝާޔާ ޕިކަޕަށް އެރުމާއިއެކު ޕިކަޕް ނައްޓާލިއެވެ. ޝާޔާ އަށް އެހެން ތަނަކަށް ދިއުމަށް ވަގުތެއް ނުލިބުނެވެ. އަހަރެންގެ ކުރިއަށް ޝާޔާ ގެނެސް އަހަރެން ޝާޔާ ހިފެހެއްޓީމެވެ. ޝާޔާގެ ކޮނޑުގައި އަހަރެން ހިފަހައްޓައިގެން ހުރިއިރު ޝާޔާގެ އިސްތަށިގަނޑު ވަޔާއެކު އަހަރެންގެ މޫނު މަތީގައި ބީހެމުން ދިޔައިރު ދުވަމުން ދިޔަ މީރުވަހުން އަހަރެންގެ ހިތް ފުރިގެންދިޔައެވެ. އެ އިސްތަށިކޮޅާއި ކުޅެލަ ކުޅެލާ ހުންނަން ހިތް ބޭނުން ވިއެވެ. ޝާޔާއާއި އެހާ ކައިރީގައި ހުރެވުމުން އަހަރެންނަށް ބަޔާންކުރަން ދަތި އުފާވެރި އިޙްސާސްތަކެއް ކުރުވަމުން ދިޔައެވެ. ޝާޔާގެ ހަމަހިމޭންކަމާއި ރަކި ހިނިތުންވުމުން ޝާޔާގެ ޙާލަކީވެސް އެއީކަން އަހަރެންނަށް އެނގުނެވެ.

ޝައިހާ އަޔާން ގައިގާ ޖެހިފިތިގެން ހުރިތަންފެނި ރަނާގެ ހިތަށް ހިސާބަކަށް އަސަރުވެސް ކުރަމުން ދެއެވެ. އަޔާން ވެސް ހުރީ އެހެން ހުންނަން ޖެހުމުން ނުތަނަވަސްވެ ރަނާ ހިތަށް އަރާފާނެ އެއްޗަކާމެދު ކަންބޮޑުވެފައިކަން އެނގެއެވެ. ނަމަވެސް ތިބެންޖެހުނު ފުލް ކަމުން އެހެން ދިމާލަކަށް ގުޑިލެވޭކަށްވެސް ނެތެވެ. އޭރު ޝައިހާ އަޔާންގެ މޫނަށް ބަލަހަށްޓައިގެން އަޔާންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުއްޓެވެ.

ބަނދަރަށް އާދެވުނުއިރު ބަނދަރުގައިވެސް ދަތުރު ދިއުމަށް އައިސް ތިބިމީހުން ތިއްބެވެ. އޭރު ދޯނި އޮތީ ތައްޔާރު ކޮށްފައެވެ. ދޯންޏަށް ހުރިހާ އެއްޗިހި އެރުވުމަށް ފަހު ދޯނި ނައްޓާލިއިރު ހައެއް ޖަހަން އުޅެނީއެވެ. އޭރު ތޮއްޖެހިފައިވާ ދޯނީ ތެރޭގައި އަންހެންވެރިން ހެނދުނުގެ ސައި ތައްޔާރުކޮށްފައި ހުރި ތަރަމޯޒް ތަކުން ސައި އަޅައި މަސްހުނި މޮޑެގެން މަސްހުންޏާ ރޮއްޓާ ކާންދޭން ފަށައިފިއެވެ. ވަދުދޫކޮށްގެން ދިޔައިރު އިރުކޮޅަކާ ކޮންމެވެސް މަހެއް ގަނެއެވެ. ދެތިން ލައްޓި ބޭނުނެވެ. ބޮޑުބެރުގެ ފޯރިގަދަ ލަވަތަކުން ދޯނީތެރޭގައި ވައި ހިއްޕާލާފައި ވެއެވެ. އަހަރެންނަށް ވެސް މަޑުން ހުރެވެނީ ހަމަ ކިރިޔާއެވެ. އަޔާން އާއި ޒާނިޝް އިރު އިރުކޮޅުން އަރާ ނަޝާލާފައި ފައިބާނެއެވެ. ހުރިހާ އެންމެންގެ މޫނުނމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމާއި ހިތްހަމަޖެހުމެވެ. އޭގެތެރެއިން ވަކިން އަހަރެންގެ ލޮލުގައި އަޅައިގަތީ ޕާޓީއަށް ތައްޔާރުކުރި ދުވަހު އަހަރެންނާއި އެކު ކާޑުކަފަން އުޅުނު ދެކުދިން ކައިރީ އިށީނދެލައިގެން އެ ހިތްގައިމު ކުޅިވަރުތަކަށް ހިތްދޫކޮށްލައިގެން އިން ޝާޔާއެވެ. ޝާޔާގެ ހިތުގައި އުފާވެރިކަމުގެ ގުލްޒާރެއް ފޮޅިފައިވާ ކަހަލައެވެ. އަހަރެންނަށް ކަޅިޖަހާނުލާ ބަލަން ހުރެވުނީ ޝާޔާގެ ހިނިތުންވެފައިވާ މޫނަށެވެ.

ގަޑިއެއްހާއިރުގެ ދަތުރަކަށްފަހު އިންނަ ފިނޮޅަށް ދެވުނެވެ. ރަށަށް ގާތްކުރުމަށްފަހު ޖެހުނީ މޫދަށް ފުންމާލައިގެން ރަށަށް އަރާށެވެ. އެ ރަށުގެ ރީތި ދޮންފަޅާއި ސާފު މޫދުފެނި އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެމޫދުގެ ތެރޭގައި ފަތާލަން ހިތް އެދެމުން ސިޔައެވެ. އަޔާން އާއި ޒާނިޝް ވެސް އަހަރެންނަށް ބަލާފައި ނިތްއަރުވާލީ ރަށުގެ ރީތިކަން ފާހަގަކޮށްފައެވެ. ފިރިހެންވެރިންގެ ތެރެއިން ބަޔަކު މޫދަށް ފުންމާލައި އަންހެންވެރިން ބާލަން ފަށައިފިއެވެ. ބައެއްމީހުން އަންހެންކުދިން ނުތެންމަން އުރާލައިގެން އެއްގަމަށް ގެންދަނީއެވެ. މުހަންމަދުބެ ވެސް އައިޝާދައްތަ އުފުލާލައިގެން ގެންދިޔަތަން ބަލަން ހެވިފައި ރަނާއާއި ރިޔާ ހުއްޓެވެ. ކިޔޫގައި ފަހަރަކު މީހެއް ބާލަމުން ދިޔައެވެ. އަޔާން އާއި ޒާނިޝްވެސް ފުންމާލީ ރަނާ އާއި ރިޔާ ގެންދިއުމަށެވެ. ނަމަވެސް ރަނާއަށްވުނެ ކުރިން އަޔާންގެ އަތްމައްޗަށް ފުންމާލީ ޝައިހާއެވެ. އެމަންޒަރުބަލަން ހުރި ރަނާގެ ހިތުގައި ޖެހުނެވެ. އަޔާންވެސް ރަނާގެ މޫނުމަތިން ފެންނަން ހުރި މަޑުމައިތިރި ކަމާއި ހިތާމައިގެ އަސަރުން ހިތަށް އަސަރު ކުރިއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން އަޔާން ބެލީ އަވަހަށް ޝައިހާ އެއްގަމަށް ލާފައި ރަނާ ބަލާ އަންނާށެވެ. އޭރު ޒާނިޝް ރިޔާ އަތްދަނޑި މައްޗަށް ލައިގެން އެއްގަމަށް ދަނީއެވެ. އަޔާން އަށް އާދެވުނުލެއް ތަންކޮޅެއް ލަސްވީއެވެ. ހާފިޒް ރަނާ އުރާލައިފިއެވެ. ހިތަށްކުރި އަސަރުން މޫނު އަނބުރައިލި ނަމަވެސް ރުޅިއަންނާކަށް ޖާގައެއް ނެތެވެ. ރަނާވެސް އަޔާންގެ ހިތަށް އަރާނެ އެއްޗެއް ނޭނގިފައި އަޔާންއަށް ބަލަމުން ދިޔައެވެ. ޖަޒުބާތުތަށް ހިތުގައި ފޮރުވައިލާ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވީ ގަދަކަމުންނެވެ. ރަނާ އެއްގަމަށް އާދެވުމުން އަޔާން އަނަނަންދެން މަޑު ކޮށްގެން ހުއްޓެވެ.

ފަހަރަކު މީހެއް ފައިބަމުން ގޮސް އަހަރެންނަށް ޖާގަ ލިބިއްޖެއެވެ. އަހަރެން ފަސްއެނބުރި ބަލައިލީ ޝާޔާއަށެވެ. އޭރު ޝާޔާގެ ތޫނު ނަޒަރު އަހަރެންނަށް އަމާޒުވެފައި ހުއްޓެވެ. ހަތަރުކަޅި ހަމަވުމާއިއެކު ޝާޔާގެ މޫނު ރަތް އާފަލަކަށް ބަދަލުވެގެންދިޔަ މަންޒަރު އަހަރެންނަށް ފެނުމާއިއެކު ހިތުގައި ފޮނި އާރެއް ދުވެލިއެވެ. ޝާޔާ އިސްޖަހައިގެން ހުރިއިރު އެ ފިޔާތޮށި ތުނި ތުންފަތާ ހިނިތުންވުމެއް ސަމާސާ ކުރަމުން ދިޔައެވެ. އަހަރެން ފުންމާލާ މަޑުކޮށްލީ ޝާޔާ އާއި ޖެހޭނެ އިރަކަށެވެ. ޝާޔާއަށް ދާންޖެހޭނީ އަހަރެންގެ އަތުގެ ތެރޭގައި އޮވެކަން ހިތަށް އެރުމާއިއެކު އަހަރެންގެ ހިތް ކެތްމަދުވެފައި ވަނީ އެހިނދުކޮޅަށެވެ. ޝާޔާގެ ހިތުގެ ތެޅުމުގެ އަޑު އަހަރެންނަށް އިވޭހެންވެސް ހީވެއެވެ. ޝާޔާގެ ހިތް ތެޅެމުންދިޔައީ އެހާބާރަށްކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ.

މަޑުމަޑުން ޝާޔާ ދޯނީގެ މަތިކަންމަތީގައި އިށީނެވެ. އަހަރެން އަތް ދިއްކޮށްލުމާއިއެކު ފުންމާލީ ލޯ މަރައިލަމުންނެވެ. އަހަރެންގެ އަތުގެ ތެރޭގައި ޝާޔާގެ ތުނި ހަށިގަނޑު ހިފަހައްޓާލެވުނެވެ. އަހަރެންގެ އަތުތެރޭގައި ޝާޔާ ޙިމާޔަތަ ހޯދަމުން ދިޔައިރު އަހަރެންގެ ހިތް ބަންޑުންވަމުން ދިޔައީ އުފާވެރިކަމުގެ އިންތިހާ އިޙްސާސް ތަކުންނެވެ. ޝާޔާގެ މޫނަށް އަހަރެންނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނުއިރު އެނިޔަނެތި ސޫރަ އަހަރެންގެ ހިތުގައި ކަނޑާނެގެމުން ދިޔައެވެ. ޝާޔާ ގެ ލޯމަޑުމަޑުން ހުޅުވާލައި އަހަރެންނަށް ބަލައިލިއެވެ. އެ ލޮލުގެ ވިދުންގަދަ ބެލުމުން ހިނދުކޮޅަކަށް ނަމަވެސް އަހަރެން ގަނޑުވިކަހަލައެވެ. އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި ހަމަޖެހިލެވޭތޯ ބެލީމެވެ. އެއަށްފަހު ޝާޔާއަށް އެއްލޯ މަރައިލީމެވެ. އަހަރެންގެ ހަރަކާތުން ޝާޔާގެ ހިތަށް ތީރު ތަކެއް ހެރެމުން ދާކަހަލައެވެ. އެއްގަމަށް އާދެވުމާއިއެކު ޝާޔާ ބެހެއްޓީމެވެ. އަހަރެންނަށް ހުރެވުނީ އެހިނދުކޮޅު ކުރުކަމުން ހިތާހިތާ ޝަކުވާކޮށްލަ ކޮށްލައެވެ.

“ހޭ. ގައިސް. ރިމެމްބަރ. އަހަރެންގެ ޑްރީމް. ޝާޔާ ގެންނަން އަހަރުމެން ނިންމީ ކީއްވެގެންކަން. ” އަހަރެން އަޔާން އާއި ޒާނިޝް އަށް ހަނދާން ކޮށްލަދިނީމެވެ. އޭރު އަންހެންވެރިން ބަނޑަހަ ޖަހާނެ ރަނގަޅު ތަނެއް ހޯދަން އުޅެއެވެ.

“ސޯ. ވަޓް އަރ ވީ ސަޕޯސް ޓުޑޫ. ؟” ޒާނިޝް އަހައިލިއެވެ. އަޔާންވެސް ރަނާއަށް ލޯއަޅަމުން އަހަރެންނަށް ސަމާލުކަން ހުއްޓޭ ތޯ ބެލިއެވެ.

“ދެން އަހަރެން ޝާޔާ އަށް ފާރަ ލާނަން. ޖަސްޓް ލުކް އައުޓް ފޯރ ހަރ. ” އަހަރެނަނަށް ވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ޝާޔާ އެކަނި ދޫކޮށްނުލާ ފާރަލުން ނޫން ކަމެއް ނުކުރެވޭނެއެވެ.

“ކޭ ޝޯން. ޑޮންޓް ވޮރީ ޓޫ މަޗް. ޖަސްޓް ފޮލޯ ހަރ. ޔޫކޭން ސޭވް ހަރ ވަޓް އެވަރ ހެޕަންސް. ” ޒާނިޝް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ހިތްވަރުދިނެވެ. އަޔާން ވެސް ހިތްވަރު ދިނުމަށް ބުރަކަށީގައި ޖަހާލިއެވެ. އަހަރެންނަށްވެސް ހާސްވެވެނީއެވެ. ޝާޔާއަށް ގޮތެއް ވެއްޖެނަމަ އަހަރެންނަށް އަމިއްލަނަފްސަކަށް މާފެއް ނުކުރެވޭނެއެވެ. ޝާޔާ މިދަތުރު އައީ އަހަރެންގެ އެދުމަށެވެ. އެހެންވީރު ޝާޔާ ރައްކާތެރި ކުރުމަކީ އަހަރެންގެ ޒިންމާއެކެވެ.

ރަށަކީ ބޮޑުރަށަކަށް ވެފައި ފަޅުވެސް ހަމައެހާބޮޑެވެ. މުޙައްމަދުބެއާއި ބައެއް ފިރިހެން ކުދިން ދިޔައީ މަސް ބާނާށެވެ. އޭރު ރަށުގެ ހޭޅީގައި ހެދިފައިވާ ރަނިކަ ގަހެއްގެ ދަށުގައި އޮތް ބޮޑު ހިޔާގަނޑުގައި ގެނައި ސާމާނުތައް ބަހައްޓައި އަންހެންވެރިން އުނދުން ބަހައްޓަން އުޅެއެވެ. އޭރު އެއްބަޔަކު ދަރުހޮވަން ރަށުތެރެއަށް ހިނގައްޖެއެވެ. އެ ގުރޫޕުގައި ޝާޔާ ހުރިކަން އެނގުމުން އަހަރެންވެސް ފަސް ފަހަތުން ދިޔައީމެވެ. އޭރު އަޔާންއާއި ޒާނިޝް ރަށްބަލާލަން ދިޔަ ކުދިންނާއިއެކު ދިޔައެވެ. އެ ގުރޫޕުގައި އަންހެން ކުއްޖަކަށް ދިޔައީ ޝައިހާ އެކަންޏެވެ. ރަނާ އާއި ރިޔާ އުޅުނީ ކެއްކުމަށް ބޭނުންވާ ސާމާނުތައް ތައްޔާރުކުރުމުގައި އުޅުނު ގުރޫޕާއިއެއްކޮށެވެ.

“އައްދެ މިވެސް އަންހެން ކުއްޖެއްތަ ދަރުހޮވަން އައިސް މިހުރީ. ” ލަމްހާ އެހެން ބުނުމުން ދެންތިބި ކުދިންވެސް އަހަރެންނަށް ބަލާފައި ހޭންފެށިއެވެ. އަހަރެންވެސް ވަކި ދެރަވާނެ ހެއްޔެވެ.

“އަންހެން ކުދިން ނުވާނެ ފިރިހެނަކާނުލާ ވަލުތެރެއަށް ވަންނާކަށް. ތިހެން އުޅެނިކޮށް ދަރުފައެއް ކަމަށް ހީކޮށް ނުބައި އެއްޗެއް ބިންދާލެވިއްޖިއްޔާ ކިހިނެއް ހަދާނީ. ” އަހަރެން ލޯބޮޑު ކޮށްލާފައި އެހެން ބުނުމުން ބައެއް ކުދިން ބިރުން ހަލާކު ވާވަރު ވެފައި ތިއްބެވެ. “އެންމެ ރަނގަޅު. ބިރު ނުގަންނާނެއްޏާ އަހަރެން ގޮސްދާނަން. ” އަހަރެން އެނބުރިލަމުން ބުނެލީމެވެ.

“ނޫން. މަޑުކުރޭ.! މިހާރު އަހަރުމެން ބިރުގަންނަވާލާފައި ކޮންމެހެން ދާނެކަމެއް ނެތް. ” އެންމެފަހުން އަހަރެންނަށް ފްރީ ޕާސް ލިބުނީއެވެ. އުފަލުން ގޮސް ޝާޔާގެ ފަހަތުން އަރާ ހަމަކޮށްލާފައި ކޮނޑުގައި ކޮށްޓާލަމުން ނިތްއަރުވާލީމެވެ. ޝާޔާވެސް އަހަރެންނާދިމާލަށް އެނބުރިލާފައި ހީނލިގޮތުން އަންނާރުއޮށްތަކެއްހާ ކުދި ލޯބި ދަތްތައް ފެނިގެންދިޔައީ އާޝޯހުވާހާ ރީތިކޮށެވެ. ދެފަރާތަށް ބޯހޫރާލަމުން އަނެއްކާވެސް ކުރިއަށް ދިޔައެވެ. ވަކިހިސާބަކަށް ދެވުނުއިރު ވެއްޓިފައި އޮތް ގަހެއްގެކައިރިއަށް ދެވިއްޖެއެވެ. އޭރުއެގަސް އެއްކޮށް އޮތީ ހިކިފައެވެ. ބަލާކަށް ނުހުރެ ހުރިހާ ގޮތްޕެއް ދަރަށް ހަދާލިއިރު އަހަރެން ހުރީ ސޮނި ވެއްޓިފައެވެ. އަންހެންވެރިންނަކީ ފިސާރި ކުޅަދާނަ ބައެކޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާޔާގެ މުރާލިކަން އަހަރެންނަށް ވަކިން ފާހަގަ ވިއެވެ. ޝާޔާގެ ކޮންމެ ހަރާކާތެއްގައިވެސް ފާޑުވެރިކަން ހުއްޓެވެ. އެންމެފަހުން ދަރު ބޮނޑި ބޮނޑި ހަދާފައި އަހަރެންނަށް ޖެއްސީ އެ އުފުލާށެވެ. އާދެވުނު މޮޔަ ހީވާ ވަރު ކުރިއެވެ. އެހުރިހާ ދަރެއް ކައްކާތަނާ ހިސާބަށް ގެނެވުނުއިރު އަހަރެންގެ ގައިގާ ހެލިލާނެ ވަރުވެސް ނެތެވެ. އޭރު އެކުދިންތައް އަހަރެންނަށް ވެފައިވާވަރު ފެނިފައި ދިމާކޮށް ހެމުން ދިޔައެވެ.

އަހަރެންގެ ކޮނޑުގައި މީހެއް ކޮށްޓާލުމުން ބަލައިލިއިރު ފިނި ކޯކު ތައްޓެއް ހިފައިގެން އައިސް ޝާޔާ އަހަރެންގެ ކައިރީގައި ހިނިތުންވެފައި ހުއްޓެވެ. ޝާޔާ އަށް ކެތް ނުކުރެވުނީ ކަންނޭނގެއެވެ. އަހަރެން ޝާޔާގެ މޫނަށް ބަލައިގެން ހިންދެމިލީމެވެ. އަހަރެންގެ ހަށީގައިވި ވަރުބަލިކަން ފިލައިގެން ދިޔައީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ޝާޔާގެ އަތުން އެހާ ލޯބިން ކޮންމެ ދުވަހަކު ވެސް އަހަރެންނަށް ޚިދުމަތް ކޮށްދޭން ހުންނަން ބޭނުމެވެ. ޝާޔާ އިސްޖަހައިލީ އަހަރެންގެ ހުއްޓިފައިވާ ނަޒަރުން ސަލާމަތް ވުމަށް ކަންނޭނގެއެވެ. އޭރު އަހަރުމެން ދެމީހުންނަށް ބަލަމުން ދެންތިބި ކުދިން ދިމާކުރަން ފައްޓައިފިއެވެ. އަހަރެންވެސް އަވަހަށް ކޯކުތަށީގައި ހިފާލީމެވެ. އެއާއިއެކު ޝާޔާ ލަދުން އިސްޖެހިފައި ހުރެ ހިނގައި ގަތެވެ. އަދި ފަސްއެނބުރި ބަލައިލީ ހިތް ކަތިލާފަދަ ލޯބި ހިނިތުންވުމަކާއިއެކުއެވެ. އަހަރެންގެ ހިތް އެދުނީ ޝާޔާ އަހަރެންގެ މެޔާލާ ބޮނޑިކޮށްލާށެވެ.

ކައްކަން ބޭނުންވާ ހުރިހާ އެއްޗެއް ތައްޔާރުކޮށް ނިމިއްޖެއެވެ. ދަރުހިފައިގެން އަހަރުމެން ގުރޫޕުވެސް އައިސް ހަމަޖެހިލީއެވެ. ދެން އޮތީ ކެއްކުމެވެ. އެއްބަޔަކު ކުކުޅު ނޮޅަން ތިއްބެވެ. އޭރު އުނދުން ތައް ރޯކޮށްފިއެވެ. އެހެންކަމުން ރަނާ އާއި ރިޔާވެސް ދިޔައީ ބޮޑެތި މީހުންނަށް ކައްކަން ހަވާލުކޮށްފައެވެ. އޭރު އަޔާން މެން ގުރޫޕުވެސް ރަށް ވަށާ ބުރެއްޖަހާފައި އައިސް ހަމަވަނީއެވެ. ހީނސަމާސާކުރަމުން އައި އެންމެންގެ ތެރޭގައި މެދަށް ހުރި އަޔާންގެ މޫނަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އެފަކީރު ހީވަނީ ކަންބޮޑުވެ ކުރާނެކަމެއް ނޭނގިގެން އުޅޭހެނެވެ. އޭރު ޝައިހާ އަޔާންގެ އަތުގައި ހިފާ އެލިގެން އޮތްގޮތުން ހިނިވެސް އައެވެ. ނަމަވެސް އެމަންޒަރު ފެނުނު ރަނާގެ ހިތަށް ކުރީ އެހެން ކަހަލަ އިޙްސާސް ތަކެކެވެ. އަޔާން އާއި ދިމާލަށް ބަލަން ހުރި ރަނާގެ ލޮލުން ނީރާލި ކަރުނައިގެ މުތީ އަހަރެންނަށް ފެނުނެވެ. އޭރު ރަނާއަށް ބަލަން އަޔާން ހުރިއިރު ޝައިހާގެ ކަންތަކުން އުނދަގޫ ވެގެން އުޅޭކަން އެނގެއެވެ. އަހަރެން މަޑުމަޑުން ރަނާ އާއި ކައިރިވެލާ ކޮނޑުގައި ހިފާލީމެވެ. އެއާއި އެކު ރަނާ ކަރުނަ ފުހެލާފައި އަހަރެންނާއި އެއްކޮށް ދިޔައެވެ. ތަންކޮޅެއް ދުރުގައި އަތިރިމައްޗަށް ހެދިފައިހުރި ބިޔަ ކާނިގަސް ދަށުގައި ރަނާ ގޮވައިގެން އަހަރެން މަޑުކޮށްލީމެވެ. އަދި ވެގެން އުޅޭ ގޮތް ރަނާއަށް ވަރަށް ރަނގަޅަށް ކިޔައިދީ އަރާފައިވާ އޮޅުން ފިލުވައި ދިނީމެވެ.

އޭރު އަޔާން ދުވެފައި އަތިރިން އަންނަތަން ފެނެއެވެ. އަޔާންގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ. ރަނާވެސް އަޔާން ފެނުމާއިއެކު ލޯފުހެލާފައި ދުވެފައިގޮސް އަޔާން ގެ ތަނަވަސް މޭމަތީގައި ބޮނޑިވެގަތެވެ. ރަނާއާއި އަޔާންއާއި ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް އުފެދިފައިވާ ލޯބި ފެނި އަހަރެންގެ ހިތަށް ވެސް އަސަރު ކުރިއެވެ. ލޮލުން އައި ކަރުނަތިކި ހިންދާލާ އަހަރެންވެސް އެދެމީހުންނަށް ވަގުތުކޮޅެއް ދީފައި ދާން ހިނގައިގަތީމެވެ.

“ޝައިހާއަށް ކިހިނެއް ހަދާފަ ތިއައީ. ” އަހަރެންނަށް އަހާނުލާ ނުހުރެވުނެވެ.

“ކީކޭ އަހަރެން ވަކި ބުނާނީ. އަހަރެން މިއައީ އަހަރެން ރަނާއާއި ރައްޓެހިވެގެން އުޅޭ ވާހަކަ ބުނެފަ. އެމަންޖެ ފްރަސްޓްރޭޓް ވެގެން އެބައުޅޭ. ” އަޔާން ކޮނޑު އަރުވާލަމުން އެހެން ބުނުމުން އަހަރެންގެ ހިތުގެ ތެޅުން ބާރުވީ އެހުރިހާ ރުޅިއެއް ޝާޔާއަށް ނުބާލާނެބާއޭ ހިތަށް އަރާފައެވެ. އަހަރެން ބެލީ އަވަހަށް އެކޮޅަށް ދެވޭތޯއެވެ.

އަހަރެން ދިޔައިރު ޝައިހާ ގަހެއްގެ ދަށުގައި ފުސްމޫނު ހަދައިގެން އިނެވެ. އަހަރެން މާބޮޑަށް އަޅާނުލާ ބެލީ ޝާޔާ ފެނޭތޯއެވެ. އޭރު ޝާޔާ ފެން ފުޅިއެއް ހިފައިގެން އައިސް ކައްކަން ތިބި މީހުން އަތަށް ދެނީއެވެ. އަހަރެން މަޑުމަޑުން ކައިރިވެލާފައި ޝާޔާގެ އަތުގައި ހިފައިގެން ދުއްވައިގަތީ އަތިރިއާއި ދިމާލަށެވެ. އޭރު އެތަން ބަލަން ތިބެ އެކި މީހުން އަހަރުމެންނާއި ދިމާކުރަމުން ދިޔައެވެ. ޝައިހާ އަށް އެމަންޒަރުވީ ހަޖަމްކުރަން ފަސޭހަ މަންޒަރަކަށް ނޫނެވެ. ނަމަވެސް ހަގީގަތަކީ ހިތިއެއްޗެކެވެ. ހަގީގަތަކީ ޝައިހާ އަހަރެން ގެނައީ ޝާޔާގެންނަން ބޭނުންވެގެންނެވެ.

ޝާޔާގެ އަތުގައި ހިފައިގެން ދުވަމުން އަހަރެން ދިޔައިރު ޝާޔާގެ ދެތުންފަތް ދޭތެރެއިން މުތްތަކެއްހެން ވިދަވިދާ ހުރި އަންނާރު އޮށްތަކެއް ފަދަ ދަތްތައް ފެންނަން ހުއްޓެވެ. ކުޑަކޮށް ލަދުގަނެ، ކުޑަކޮށް ހާސްވެ، އުފާވެ، ކުޑަކޮށް ބިރުގަނެފައިވާއިރު ޝާޔާހުރީ އިޙްސާސް ވަމުންދިޔަ އުފާވެރިކަމަށް ހިތް ދޫކޮށްލައިގެން ކަހަލައެވެ. އަހަރެން ހުއްޓުނީ ހޭޅިފަށުގައި އެނތެރެއަށްދެވޭނެ ހެން ހެދިފައިވާ ހުއި ގަސްތަކަކާއި ދިމާލުގައެވެ. އެދިމާލުގައި ބިޔަކޮށްހެދޭ އެއްވެސް ގަހެއް ނެތެވެ. އެހެން ކަމުން ފަސޭހައިން ހުއިގަސްތަކުގެ ތެރެއިން އެނތެރެއަށް ދެވުނެވެ. އަހަރުމެންގެ އިސްކޮޅު ހުރި ހުއިގަސްތަކުގެ ތެރެއަށް ވަދެފައި އަހަރެން ވެއްޓިގަތީ ޝާޔާގެ އަތުގައި ހިފައިގެންނެވެ. ޝާޔާ ވެއްޓުނީ އަހަރެންގެ މޭމައްޗަށެވެ. އޭރު ހުއިގަސްތައް، މަތި ހިޔާކޮށްލައިފިއެވެ. ޝާޔާގެ އިސްތަށިގަނޑު އަހަރެންގެ މޫނަށް ހިޔާކުރަމުން ދިޔައިރު ޝާޔާގެ ހޫނު ނޭވާ އަހަރެންގެ މޫނަށް އެޅެމުން ދިޔައެވެ. އެމަސްތީކަމުގައި އަހަރެން ޝާޔާގެ ކޮނޑުގައި ހިފާ ފޮރޮޅާލީމެވެ. އަހަރެންގެ ބާރުގެ ދަށަށް ޝާޔާ ގެންނަމުންނެވެ. އޭރު ޝާޔާ އޮތީ އަހަރެންގެ ދަށުގައެވެ. ޝާޔާގެ ވިދުންގަދަ ދެލޮލުގެ މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އަހަރެން އެއްފަރާތް ކޮށްލީ އެރީތިމޫނަށް ބަލަހައްޓައިގެން ހުރެއެވެ. އަހަރެންގެ ހިތުގައި އުތުރި އަރައިގަތް ލޯބީގެ ފުން އިޙްސާސް ތަކުގެ ސަބަބުން އަހަރެންނަށް މަޑުމަޑުން ޝާޔާގެ ނިއްކުރިއަށް ބޮސްދެވުނެވެ. އެ ހިނދުކޮޅުގެ ހިތްގައިމު ކަމަށް އިތުރު މަސްތީކަމެއް ގެނުވީ ދެހިތުގައި ކުޅެވުމުން ދިޔަ ފޮނި ފޮނި ރާގެކެވެ.

“އައި. ލަވް. ޔޫ. ” އަހަރެންގެ ދެތުންފަތް ދޭތެރެއިން ނިކުތީ އަހަރެންގެ ހިތުގެ އަޑިން ނިކުތް ހިތުގެ އިޙްސާސެވެ. ޝާޔާގެ ކޯތާފަތް މަތީގައި ދުވެލި ލަދުވެތިކަމުގެ ކުލަވަރާއިއެކު ދެ ލޯ މަރާލީ “މީ ޓޫ. ” އޭ ބުނާފަދަ ގޮތަކަށެވެ. ދެހިތުގެ އިޙްސާސްތައް އެކުވަމުން ދިޔައެވެ.

“ހިތްދެވިއްޖޭ ކަލާޔަށް ހުވާ.

ހުމް. ހިތްދެވިއްޖޭ ކަލާޔަށް ހުވާ،

ތީ ފުރާނައިގެ ދިރުމޭމަގޭ ލޯބިވާ.

ވިންދުގާވެސް ތިލޯތްބޭ ވަނީ ހަމަހުވާ.

މަސްތުވެއްޖޭ ކަލާފެނިހުވާ،

ތިޔަހަނދާންތަކުގަ އޭ ނިމިދަނީ، ރޭދުވާ.

ވިންދުގާވެސް ތިލޯތްބޭވަނީ ހަމަހުވާ.

ފެންނަހިނދު ތިޔަނަޒަރު، ހިތްޒަހަމް ކޮށްލައޭ.

ކޮންމެ ހަރަކާތަކުންވެސް އަސަރު ކުރުވަޔޭ.

ނަންތި ހިތުގާމި ލިޔެވިއްޖެޔޭ.

މަންޒިލޭ ތީއެދޭހިތް މަގޭ ލޯބިވާ.

ހިތްދެވިއްޖޭ ކަލާޔަށް ހުވާ،

ތީ ފުރާނައިގެ ދިރުމޭމަގޭ ލޯބިވާ.

ވިންދުގާވެސް ތިލޯތްބޭ ވަނީ ހަމަހުވާ.

“ޝާޔާ!. ޝާޔާ!. ” ޝައިހާގެ އަޑު ހޮނު ގުގުރިއެއްފަދައިން އިއްވާލުމާއިއެކު އަހަރެމެންގެ ލޯބީގެ ގުލްޝަންތެރެއިން ހަމަބިމަށް އާދެވުނެވެ. އެއާއިއެކު ޝާޔާ ފުންމައިގެން ތެދުވީ ބިރެއް ފެނިގެން ތެދުވިހެނެވެ. އޭރު ޝާޔާގެ ލޯހުރީ ބޮޑުވެފައެވެ. އަހަރެން ޝާޔާގެ އަތުގައި ހިފެހެއްޓީމެވެ. ނުދާށޭ ބުނާކަހަލަ ގޮތަކަށެވެ. ނަމަވެސް ޝާޔާ ދާން ބޭނުންވުމުން ދޫކޮށްލީމެވެ. ޝާޔާ ހުއިގަސްތަކުގެ ތެރެއިން ނިކުތްތަން ބަލަން ހުރި ޝައިހާ އަށް އަހަރެން އެތަނުން ފެނުމުން ލޯއަޅައިލީ އެލޮލުގެ ހޫނުން އަހަރެން އަންދާ އަޅިޔަށް ހަދާލަން ގަސްތުކޮށްގެން ކަހަލައެވެ.

“ތިގަނޑެއް ނުގަނެވިގެން ދޯ ކަލޭމެން އަހަރެންގެ ބޮލަށް އެރިގެން ދަތުރު އައީ. ” ޝައިހާގެ ރުޅިވެރިއަޑުން ޝާޔާގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. “ކަލޭގެ ހާދަ ލަދެއް ހަޔާތެއްވެސް ނެތޭ ދޯ. ؟ ހަމަ ތަނަކުން ފިރިހެނެއް ފެންނައިރަށް ފަހަތުން މޮޔަވެގެން ދުވާއިރު ކަލޭގެ ފެންވަރު އެނގޭތަ؟؟ ކަލޭތީ ބޮޑު މަންމަނެއްކަން އެނގޭތަ؟ ކަލެޔަކާހެދި ލަދުން މަށަކަށް ނެތޭ މީހުންގެ ކުރިމަތީގަ އިސްއުފުލާލައިގެން އުޅޭކަށް!! މަށަށް މިހާ ދުއްޕާން ބޮޑުނުކޮށް މަރުވާނަމަ ކިހާ ރަނގަޅުތަ މީނދަ އެތި!”ޝާޔާގެ ބުރަކަށީގައި އަތްއަޅާ ކޮށްޕަމުން ޝައިހާ ބޭރުކުރަމުން ދިޔަ ވިހަގަދަ ޖުމްލަތައް އަހަރެންގެ ހިތަށް ލޭޒަޚަމް ދެމުން ދިޔައެވެ. އޭރު ޝާޔާގެ ލޮލުން ލޭކަރުނަ އަންނަމުން ދިޔައިރު ޝައިހާގެ ވިހަ ޖުމްލަތަކުން އެހިތް ފަޅައިގެން ގޮސްފައިވާ ކަހަލައެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ.

“ޝައިހާ!. ” އަހަރެންނަށް އައިސް ޝައިހާގެ އަތުގައި ހިފާ އަހަރެންނާއި ދިމާލަށް އަނބުރާލެވުނީ އަމިއްލަނަފްސު ކޮންޓްރޯލް ނުކުރެވިގެންނެވެ.

-ނުނިމޭ-

2
1
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 10 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

1 ކޮމެންޓް: ލިޔުން ”ދީވާނާ ލޯބިން ވެއްޖޭ. . [10]“

Leave a Reply

Your email address will not be published.