ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓާން ބޭނުން ބަހެއްބާ؟

ފެށުން
ކޮންމެ ގައުމެއްގައި ވެސް އެ ބަޔަކު ވާހަކަދައްކާއުޅޭ، އަދި ލިޔެހަދާ ބަހެއް އޮންނާނެއެވެ. އެ ގޮތުން މި ކުޑަކުޑަ ދިވެހިރާއްޖޭގައި ބޭނުންކުރާ ބަހަކީ ދިވެހިބަހެވެ. އެހެންނަމަވެސް ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަށް ވެސް ތަފާތު އެކި އެކި ބަސްބަހުގެ ނުފޫޒު އަންނަނީ ފޯރަމުންނެވެ. ތަފާތު އެކި ގޮތްގޮތަށެވެ. ތަފާތު އެކި ދިމަދިމާއިންނެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓަން ބޭނުން ބަހެއްބާ؟ ދުނިޔެ މިހާބޮޑަށް ބަވަނަވެފައި ވުމާއެކު ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓާން ބޭނުން ބަހެއް ކަމަކަށް ނުފެނެއެވެ. އެގޮތުން މިޒަމާނުގައި ބަލާލާނީ ސްކޫލުތަކުގައި އިނގިރޭސި މީޑިއަމް އަށް ކިޔަވައިދިނުމާއި ވަޒީފާގެ މައިދާނުގައި ވެސް ބޭރު ބަސް ބަހަށް އިސްކަންދިނުމާއި އަދި އިގްތިސާދީ ގޮތުން ދުނިޔެ ކުރިއަރަމުން ދިއުމެވެ. އަދި ހަމަމިއާއެކު ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓަން ބޭނުން ބަހެއް ކަމަށް ބުނެ ދައްކައިފާނެ ސަބަބުތަކުގެ ތެރޭގައި ދިވެހިންގެ މާދަރީބަސް ކަމުގައިވުމާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ދިވެހިބަސް ފޯރުކޮށް ދިނުމަށާއި ދިވެހިންގެ އިހުގެ ތާރީޚާއި އާދަކާދަ އާއި ސަގާފަތް އަދި ތަރިކަތައް ދެނެގަތުމަށްޓަކައި ކަމަށްބުނެ ދައްކާ ހެކިތަކުގެ ބަލިކަށި ކަމަށްވެސް ބަލައިލާނެއެވެ.
ސްކޫލުތަކުގައި އިނގިރޭސި މީޑިއަމް އަށް ކިޔަވައިދިނުން
ބަވަނަވަމުންދާ ދުނިޔޭގައި ތަފާތު އޮއިވަރުގެ ސަބަބުން މިހާރު މިވަނީ ކިޔަވައި ދިނުމަށް ވެސް ވަރަށް ގިނަ ބަދަލުތަކެއް އައިސްފައެވެ. އެ ގޮތުން ހުރިހާ ސްކޫލުތަކެއްގައި ވެސް މިހާރު ކިޔަވައިދެމުން އަންނަނީ އިނގިރޭސި މީޑިއަމް އަށެވެ. އެންމެ ތުއްތު އިރުއްސުރެން ކުއްޖާއަށް އަޑުއިއްވަމުން ދަނީ އިނގިރޭސި ލަފުޒުތަކެވެ. ކިޔަވައިދެމުން ދަނީ އިނގިރޭސި މަންހަޖާއި އެއްގޮތަށެވެ. ހުސައިން ސަލާހް (2014) ވިދާޅުވާ ގޮތުގައި ކުދިންނަށް ކިޔަވައި ދިނުމަށްޓަކައި ތައްޔާރުކޮށްފައިވާ ޓެކްސްޓް ފޮތްތައް ވެސް އެކުލަވާލާފައިވަނީ އިނގިރޭސި ބަހުން ކަމަށާއި އަދި ސްކޫލުތަކުގައި ގިނައިން ހިންގެނީ ވެސް އިނގިރޭސި ބަހުން ވާހަކަދައްކަން ޖެހޭ ފަދަ ހަރަކާތްތަކެވެ. އެހެންކަމުން ތުއްތުކުދިން ވެސް ބޮޑެތިވަމުން އަންނައިރު ދިވެހިބަހުން އެއްޗެއް ބުންޏަސް އެނގޭކަމަށް ނުވެއެވެ. މުހައްމަދު ނަޝީދު (2008) ވިދާޅުވާ ގޮތުގައި ސްކޫލު ދައުރު ފެށުނީއްސުރެ ނިމެންދެން ބެލެނިވެރިންގެ ބޮލުރިހުމަކަށް ވެފައިވަނީ ކުއްޖާ އިނގިރޭސި ބަހަށް ދަށްވެދާނެތީ ކުރެވޭ ފިކުރުތަކެވެ. އެހެންކަމުން ދިވެހިބަހަށް ސަމާލުކަން ދިނުމަށްވުރެ ބޮޑަށް ބެލެނިވެރިންނަށް ވެސް ބާރު އެޅެނީ އިނގިރޭސިބަހަށް ސަމާލުކަން ދިނުމަށެވެ. ސްކޫލުތަކުގައި ވެސް ކަންހިނގަނީ ހަމަ މި ފަދައިންނެވެ. މުހައްމަދު އާދަމް (2010) ހާމަކުރައްވާ ގޮތުގައި ތަޢުލީމުދިނުމުގެ ނިޒާމުގައި އިނގިރޭސިބަހުން ގިނަ މާއްދާތައް ކިޔަވައިދިނުމުން އަމިއްލަ ބަސް ނެތިދިއުމަށް މަގުފައިވެއެވެ. ނަމަވެސް ހުރިޙާ ސްކޫލެއްގައި ވެސް މިހާރު ދަނީ ދިވެހި ބަހަށްވުރެ އިނގިރޭސި ބަހަށް އިސްކަން ދެމުންނެވެ. ހަސަން ހަމީދު (2007) ހާމަކުރައްވާ ގޮތުގައި ކޮންމެ ކުއްޖަކު ވެސް ކުރިއަށް ދިއުމަށްޓަކައި ޖީ.ސީ.އީ އޯ ލެވެލް ހެދުމަކީ ވަރަށް މުހިންމުކަމަށް ވެފައިވާއިރު އޯ ލެވެލް އަކީ ވެސް އިނގިރޭސި ބަހުން ހަދާ ޓެސްޓްއަކަށް ވާތީ އިނގިރޭސި ބަސް ދަސްކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އަދި ހަމައެއާއެކު ދިވެހި ބަހުން ހަދާ އެސް. އެސް. ސީ. އިމްތިހާނުން ފާސްނުވި ކަމުގައިވިޔަސް ކުރިއަށް ދިއުމުގެ މަދު ބަންދެއްނުވެއެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔެއެއްގައި ދިވެހިބަސް މަރުވިޔަނުދީ ދެމެހެއްޓުމަކީ އެހާ މުހިންމު ކަމެއްކަމަކަށް ނުފެނެއެވެ.
ވަޒީފާގެ މައިދާނުގައި ބޭރު ބަސްބަހަށް އިސްކަން ދިނުން
ބަވަނަވަމުންދާ ދުނިޔޭގައި ވަޒީފާގެ މައިދާނަކީ ވަރަށް ވާދަވެރި މައިދާނަކަށް މިވަނީ ވެފައެވެ. ވަޒީފާއެއް ހޯދުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. ވަޒީފާގެ މައިދާނުގައި ވެސް ދިވެހިބަހަކީ ބޭނުންތެރި އެއްޗަކަށް މިވަނީ ނުވެފައެވެ. މީހަކަށް ވަޒީފާއެއް ދޭއިރު ވެސް ފުރަތަމަ ބަލަނީ އިނގިރޭސި ބަސް ނުވަތަ ކޮންމެ ވެސް ބޭރުބަހެއް ދަންނަ މީހަކުތޯއެވެ. ވަޒީފާގެ މާހައުލުގައި ވެސް ބޮޑަށް އިސްކަންދެނީ އިނގިރޭސި ބަހަށެވެ. ވަޒީފާއަކަށް ޢިއުލާން ކުރާއިރުގައި ވެސް އެންމެ ފުރަތަމަ ޝަރުތަކަށް ވާނީ އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަ މީހެއްކަމުގައިވުން މިއެވެ. އަބްދުﷲ ޝަރީފް އިބްރާހިމް (2009) ވިދާޅުވާގޮތުގައި ދިވެހިންގެ ރަސްމީ ގިނަ ލިޔުންތައް އާންމުކޮށް ލިޔެފައިހުއްޓާ މިހާރަކަށް އައިސް ފެންނަނީ އިނގިރޭސި ބަހުންނެވެ. ދިވެހިބަހަކުން ނޫނެވެ. އެހެންކަމުން ރަސްމީ “ގިނަ” ލިޔުންތަކުގެ ބަދަލުގައި “ހުރިހާ” ލިޔުންތައް ވެސް އިނގިރޭސިބަހުން ލިޔެފައިވާތަން ވަރަށް އަވަހަށް ފެނިދާނެކަމަށް ގަބޫލުކުރެވެއެވެ.
އެސް .އެސް .ސީ އިމްތިހާނުން ކިތަންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވީ ނަމަވެސް އޯ ލެވެލްގެ މާއްދާތަކުން ދަށް މާކުހެއް ހޯދާފިވާނަމަ އެކުއްޖަކަށް ވަޒީފާ އެއް ދޭނެމީހަކު މިހާރަކު ނުވާނެއެވެ. ހުސައިން ސަލާހް (2014) ވިދާޅުވާގޮތުގައި ވަޒީފާއެއް ހޯދުމަށް މުޖްތަމަޢުއަށް މީހުންގެ ގާތަށް ދިއުމުން ވަޒީފާ ދިނުމުގައި ވެސް ދިވެހި ބަސް ދަންނަ ކުދިންނަށްވުރެ އިސްކަންދޭތަން ފެންނަނީ ބޭރު ބަސްތައް ދަންނަ ކުދިންނަށެވެ. އަދި ހަމައެއާއެކު ޖަލްސާއެއް ފަދަ އެއްޗެއް ބޭއްވި ނަމަވެސް ހުރިހާ ވާހަކައެއް ދައްކަނީ އިނގިރޭސިބަހުންނެވެ. ޖަލްސާ ފެށިގެން ނިމެންދެން ވެސް އެންމެ އާދައިގެ ވާހަކަ ތަކަށް ދާންދެން ވެސް ދައްކަނީ ކޮންމެ ވެސް ބޭރުބަހަކުންނެވެ. އެހެންކަމުން އެހެންމީހުން ނަމުނާއެއް ކަމަށް ދެކޭ ބޭފުޅުން މި ގޮތަށް ކަންތައް ކުރަމުންދާ ކަމަށްވާނަމަ ބޮޑެތިވަމުން އަންނަ ކުދިން ވެސް އެ ގޮތްތައް ދަސްކޮށް ދަމަހައްޓަން މަސައްކަތް ކުރާނެއެވެ. ކަންމިހެން އޮތުމާއެކު ސަރުކާރުގެ ގިނަ ވަޒީފާތަކުގައި ވެސް ދިވެހިބަހަކީ އެހާ މުހިންމު ބަހަކަށް ނުވުމުގެ ސަބަބުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަ ނުދީ ދަމަހައްޓާން ބޭނުން ބަހެކަށް ނުވެއެވެ.
އިގްތިސާދީ ގޮތުން ކުރިއެރުން
ދުނިޔެ މި ވަނީ ބަވަނަވުމުގެ ތެރެއިން އިގްތިސާދީ ގޮތުން ވެސް ވަރަށް ބޮޑަށް ކުރިއަރާފައެވެ. އިގްތިސާދީ ގޮތުން ކުރިއެރުމުގެ އެއް ސަބަބަކީ ތަފާތު ގައުމުތަކާއި ގުޅުން ބަދަހިވުމެވެ. ވިޔަފާރިތައް ފުޅާވެގެންދިއުމެވެ. ރިސޯޓްތައް ތަރައްޤީވެ ކުރިއެރުމެވެ. އެހެން ކަމުން މިއިން ކޮންމެ ދާއިރާ އެއްގައި ވެސް ބަހަކީ ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ. އެއް ޤައުމު އަނެއް ޤައުމާ މުޢާމަލާތް ކުރުމަށްޓަކައި ދެ ފަރާތައް އިނގޭ ބަހެއް ބޭނުންކުރަން ޖެހެއެވެ. އެ ގޮތުން އެންމެ އާންމުކޮށް ބޭނުން ކުރާބަހަކީ އިނގިރޭސި ބަހެވެ. ރާއްޖޭގެ މީހުން ވެސް ބިދޭސީ ގައުމުތަކުގެ މީހުންނާ މުއާމަލާތް ކުރަނީ އިނގިރޭސި ބަހުންނެވެ. ނުވަތަ އެ ގައުމެއްގެ ބަހުންނެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ އެހާ މުހިންމު ބަހަކަށް މިވަނީ ނުވެފައެވެ. ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ އެއް ފަރާތްކުރެވިފައިވާ ބަހެކެވެ. ރިސޯޓަކަށް ވާޒީފާއަށް ދިޔަކަމުގައި ވިޔަސް ވާހަކަދައްކަން ޖެހެނީ ކޮންމެވެސް ބޭރުބަހަކުންނެވެ. ޔުމްނާ މުއުމޫން (2001) ހާމަކުރައްވާ ގޮތުގައި އިޖްތިމާއީ އިގްތިސާދީ ސަބަބުތަކަށްޓަކައި ބޭރުބަސް ދަސްކުރަން ޖެހުމާއެކު ބޭރުބަހަކީ ބައިނަލް އަގްވާމީ ވުމާސަލާތަށާއި އިގްތިސާދީ އިޖްތިމާއީ ހުރިހައި ކަމަށް ވަރަށް މުހިންމު ބަހެކެވެ. އެހެން ކަމުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ވެސް ބޭނުންކުރަން ޖެހޭ އެންމެ މުހިންމު އެކައްޗަކީ ބޭރުގެ ބަސްބަހެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭއެއްގައި ބޭރު ބަސްބަހުން ވެސް ކުރަންބޭނުން ކޮންމެ ކަމެއް ކުރެވި ބުނަން ކޮންމެ އެއްޗެއް ބުނެވޭއިރު ދިވެހިބަސް މަރުވިޔަނުދީ ދެމެހެއްޓުމަކީ މުހިންމު ކަމެއްނޫނެވެ.
ދިވެހިންގެ މާދަރީ ބަސް ކަމުގައިވުން
ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް މަރުވިޔަނުދީ ދަމަހައްޓަން ޖެހެނީ އެ ބަހަކީ ދިވެހިންގެ މާދަރީ ބަސްކަމުގައި ވާތީކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންނަމަވެސް ހަމައެކަނި މަދަރީ ބަހަށް ވީތީއޭ ކިޔާފައި ދިވެހިބަސް ދަމަހައްޓާކަށް ނުޖެހެއެވެ. އަބްދުލް ފައްތާހު (2011) ވިދާޅުވާގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި އިނގިރޭސި ބަހުން މަތީ ތަޢުލީމު ހާސިލް ކުރައްވައިގެން އުޅުއްވާ ބޭފުޅުން މި ދިވެހި ބަހަކީ އިނގިރޭސި ބަސް ފަދައިން ބުނަން ބޭނުންވާ އެއްޗެއް ފަސޭހަ ކަމާއެކު ބުނެލެވޭފަދަ ބަސްކޮށާރެއް އޮތް ބަހެއް ނޫން ކަމަށް ދައުވާކުރައްވައެވެ. އަދި ހަމައެއާއެކު މާދަރީ ބަހެއްގެ ގޮތުގައި ދިވެހިބަސް ނޫން އެހެން ބަސްބަސް ވެސް ދަނީ ހިޔާރުކުރަމުންނެވެ. އަދި ދިވެހިބަހުން ކުރެވޭ ބޭނުންތައް އެ ބަސްބަހުން ވެސް ދަނީ ކުރެވެމުންނެވެ. އަބްދުﷲ ފާރޫގް ހަސަން (2005) ވިދާޅުވާ ގޮތުގައި ބައެއް މީހުން އަމިއްލައަށް ވެސް އެބައިމީހުންގެ މާދަރީ ބަސް، އިގްތިސާދީ، އިޖްތިމާއީ ތަރައްޤީގެ ރޭހުގައި އެހެންމީހުންނާ ފުރިހަމަ ކުރުމަށްޓަކައި ދޫކޮށްލައެވެ. އެހެންކަމުން ދިވެހިން ވެސް އެމީހުންގެ މާދަރީބަހެއްގެ ގޮތުގައި ދެކެމުން އަންނަ ދިވެހިބަސް ވެސް މި ސަބަބަށްޓަކައި ދޫކޮށްލުމީ ހަމަ އެކަށީގެންވާކަމެކެވެ.
އަދި ހަމަމިއާއެކު ބަވަނަވަމުންދާ ދުނިޔެއެއްގައި ދިވެހި ބަހުން ވާހަކަ ދެއްކުމަކީ “ކަޓު” ކަމަކަށް މިވަނީ ވެފައެވެ. މައިންބަފައިން ދަރިންގެ ކުރިމަތީ ދިވެހިބަހުން ވާހަކަދައްކަން ލަދުގަނެއެވެ. ޔުމްނާ މައުމޫން (2001) ހާމަކުރައްވާ ގޮތުގައި މުޖުތަމައުގެ އާދަކާދައާއި ދިރިއުޅުމަށް އަންނަބަދަލުގެ ސަބަބުން އަމިއްލަ މާދަރީބަސް (ދިވެހިބަސް) ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެ ދިވެހިބަހަށް ދޭ އަހަންމިއްޔަތު ކުޑަވެ ބޭރުބަހަށް ދެވޭ ސަމާލުކަން ބޮޑުވެއެވެ. ކުޑަކުދިންނާއި ޒުވާނުން ވެސް މިގޮތަށް ދެކެނީނަމަ ޔުމްނާ މައުމޫން (2001) ވިދާޅުވަނީ ދިވެހިބަހުން ވާހަކަދައްކާ މީހަކު ނެތްދުވަހެއް އައުމަކީ ވެސް ހަމަވެދާނެ ކަމެއްކަމަށެވެ. އެ ޤައުމެއްގެ ކުޑަކުދިންނާއި ޒުވާނުން ބަހާމެދު ދެކޭގޮތް ތަފާތުވުމަކީ ބަސް ހީނަރުވާން ދިމާވާ މައިގަނޑު އެއް ސަބަބެވެ. ދިވެހި ބަހަށް ވެސް ދިމާވެފައިވަނީ ހަމަ އެފަދަ ގޮތެކެވެ. އަބްދުﷲ ޝަރީފް އިބްރާހިމް (2009) ހާމަކުރައްވާ ގޮތުގައި ޤަދީމީ އަންޒަމާނުއްސުރެ އަޅުގަނޑުމެން (ހަހުރަވެތި ދިވެހީން) އެ ބަހަކާމެދު ފަޚުރުވެރިވީ ދިވެހި މާދަރީ ބަސް އަޅުގަނޑުމެންގެ ތެރެއިން ގެއްލި ހިނގައިދާނެކަމުގެ ފެހި ސިގްނަލް ހަމަގައިމު ވެސް އަޅުގަނޑުގެ ލޮލަށް ފެންނަން ފަށާއިފިއެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހބަސް މަރުވިޔަނުދީ ދެމެހެއްޓުމައި ބޭނުންކަމެއްނޫނެވެ.
އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ދިވެހިބަސް ފޯރުކޮށްދިނުން
އާދެ! ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް މަރުވިޔަނުދީ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ބައެއް ފަރާތްތަކުން ދެކެނީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ކަމާއެކު ދިވެހިބަސް ފޯރުކޮށްދިނުމަށްޓަކައެވެ. އެހެން ނަމަވެސް މިހާރު ދިވެހިބަހަށް ވުރެ އެހެން ބަސްބަހުގެ ފޯރި މި ދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ. ހަބީބާ ހުސައިން ހަބީބު (2003) ހާމަކުރައްވާގޮތުގައި ބަހެއްގެ އިލްމުވެރިކަމާއި މަގުބޫލުކަން އެ ބަސް ބޭނުންކުރާ މުޖުތަމައެއްގައި އިތުރުވަމުށް ދިއުމަކީ އެ މުޖުތަމައުގައި ދެންއޮތް ބަސް ނުވަތަ ބަސްތަކުގެ މަގުބޫލުކަން ކުޑަވަމުންދާ ކަމެކެވެ. އެހެން ކަމުން މިއަދުގެ ދުނިޔޭގައި ބޭރު ބަސްބަހުގެ މަގުބޫލުކަން އިތުރުވަމުންދާ ވަރަކަށް ދިވެހިބަހުގެ މަގުބޫލުކަން ދަނީ ކުޑަވަމުންނެވެ. އެހެންކަމުން އަންނަން އޮތްޖީލުތަކަށް ރައްކާތެރި ކަމާއެކު ދިވެހިބަސް ފޯރުކޮށްދެވޭނީ ކިހިނަކުންތޯއެވެ. އަދި ހަމައެއާއެކު ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ އަނެއް ހުރަހަކީ މުހައްމަދު ނަޝީދު (2003) ހާމަކުރައްވާ ގޮތުގައި ތަންތަނާއި ތަކެއްޗެށް ދިވެހި ލަފުޒުތަކެއް ހެދިފައިވީ ނަމަވެސް އެކަމަށް ދެވޭ މާބޮޑު ސަމާލުކަމެއް ނެތް އިރުގައި ބަހުގެ ހަމަތަކާއި ގަވާއިދުތަކަށް ވެސް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ.
އަދި ހަމައެއާއެކު ދިވެހިބަހުން ރަނގަޅު ފެންވަރެއްގެ ދިރާސާއެއް ވެސް ހެދިފައެއް ނެތެވެ. ދިވެހިބަހާ ބެހޭގޮތުން ދިރާސާއެއް ކުރި ނަމަވެސް އެކަން ކޮށްފައިވަނީ ބޭރު ޤައުމުތަކުގެ އަހުލުވެރިންނެވެ. އަދި އެ ދިރާސާތައް ލިޔެވިފައިވަނީ ވެސް އެމީހުންގެ ބަހުންނެވެ. އެހެންކަމުން އެ ދިރާސާތަކަކީ ކިހާ ވަރެއްގެ ތެދު ހަޤީގަތެއް އެކުލެވޭ އެއްޗެއްތޯ ވެސް ޔަގީނެއްނުވެއެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހި ބަސް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށް ދެވުމަކީ ވަރަށް ނާދިރު ކަމެކެވެ.
އަދިހަމައެއާއެކު ދިވެހި ބަސް ދެން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނީ އަދުގެ ކުޑާކުދިންނަށެވެ. އެހެންނަމަވެސް މިއަދުގެ ކުޑަކުދިންނަކީ ދިވެހިބަހާ ދުރު ބޭރު ބަސްބަހާ ދޯޅުވެފައިވާ ކުދިންނަށް ވުމުން އެ ކުދިން ބޮޑުވަމުން އަންނައިރު ދިވެހިބަހުން އެއްޗެއް ބުނެފިނަމަ އެ ބުނި އެއްޗެއް ދޭހައެއްނުވާނެއެވެ. ނުވަތަ މާނައެއް ނޭނގޭނެއެވެ. އެހެން ނަމަވެސް ބޭރު ބަހަކުން އެއްޗެއް ބުނެފިނަމަ އެ ބުނި އެއްޗެއް ދޭހަވެ މާނަ ވެސް އިނގޭނެއެވެ. އެހެންކަމުން ދިވެހި ބަސް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެހެންކަމުން މިއަދުގެ ހަރުމީހުނާއި މުސްކުޅިން ނެތެމުން ދާވަރަކަށް އެ މީހުނާއެކު ދިވެހި ބަސް ވެސް ނެތެމުން ދާނެއެވެ.
އެހެން ކަމުން ބަވަނަމުންދާ ދުނިޔޭގައި ދިވެހިބަސް މަރުވިޔަނުދީ ދެމެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މުހައްމަދު ނަޝީދު (2008) ވިދާޅުވަނީ ކިޔަވައި ނިމިގެން މުޖުތަމައަށް ނުކުންނަކުދިން ދިވެހިބަހަށް ނުފަރިތަކަމެވެ. އަސްލު ދިވެހިބަހުގެ ގަވާއިދާއި ހަމަތައް ބޭނުންކުރާ ބަޔަކު ނެތް އިރު މަސްހުނިވެފައިވާ ބަހެއް ކުރިއަށް އޮތް ޖީލަށް ފޯރުކޮށްދިނުމަކީ ދިވެހިބަސް ރައްކާތެރިކަމާއެކު ފޯރުކޮށް ދިނުމެއްނޫނެވެ. އަބްދުﷲ ފާރޫގު ހަސަން (2005) ހާމަކުރައްވާ ގޮތުގައި މި ފަހަކަށް އައިސް ބަވަނަކުރުމުގެ ސިޔާސަތާއި، މުވާސަލާތުގެ ޒަމާނީ ވަސީލަތްތައް ހަލުވިކަމާއެކު އާންމުވަމުން ދިއުމުގެ ސަބަބުން ސަރަހައްދީ ބަސްތައް ދަނީ މަރުވުންނެވެ. އެހެންކަމުން ބަވަނަވަމުގެ ސިޔާސަތުގެ ތެރެއިން ދިވެހިބަސް ވެސް ނެތިގެން ހިނގައި ދާނެކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. އެހެންވުމުގެ ސަބަބުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓަން ބޭނުން ބަހެއް ނޫނެވެ.
ދިވެހިންގެ އިހުގެ ތާރީޚާއި އާދަކާދަ އާއި ސަގާފަތް ދެނެގަތުން.
ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް މަރުވިޔަނުދީ ދަމަހައްޓަން ބޭނުންވަނީ ދިވެހިންގެ އިހުގެ ތާރީޚާއި އާދަކާދަ އާއި ސަގާފަތް ދެނެގަތުމަށް ކަމަށް ބުނާ ބުނުމަކީ ވެސް މާ ހަރުދަނާ ބުނުމެއް ނޫނެވެ. ސަބަބަކީ ދިވެހިބަސް ނެތިގެން ދިޔަކަމުގައި ވިޔަސް އިހުގެ ތާރީޚާއި އާދަކާދަ އާއި ސަގާފަތާ ބެހޭ މަޢުލޫމާތު ބޭރުގެ ލިޔުންތެރިންގެ ފޮތްތަކުން ވެސް ދެނެގަނެވޭނެތީއެވެ. އަބްދުﷲ ޝަރީފް އިބްރާހިމް (2009) ވިދާޅުވަނީ ދިވެހިބަސް މިހާރަކަށް އައިސް ވެފައިވަނީ ގައުމުގައި ތިބި ގިނަ އިލްމީ މީހުންގެ ދެވަނަ ބަހަކަށް ވެއްޓިފައެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓަން ބޭނުން ބަހެއް ނޫނެވެ.
ދިވެހިންގެ އިހުގެ ތާރީހާއި އާދަކާދަ އާއި ސަގާފަތް ދެނެގަތުމަށްޓަކައި ދިވެހިބަސް މަރުވިޔަނުދީ ދެމެހެއްޓުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. ސަބަބަކީ ދިވެހިންގެ ތާރީޚާއި އާދަކާދަ އާއި ސަޤާފަތާބެހޭ އެކަށީގެންވާ ދިރާސާއެއް ވެސް ދިވެހިބަހުން ހެދިފައި ނުވާތީއެވެ. އަދި ހަމައެއާއެކު އެކަމާ ގުޅޭގޮތުން ކުޑަ ނަމަވެސް ދިރާސާއެއް ކުރެވިފައިވަނީ ރާއްޖެއިން ބޭރުމީހުންނަށެވެ. އަދި އެ ދިރާސަތައް ލިޔެވިފައިވަނީ ވެސް އެ މީހުންގެ ބަހުންނެވެ. އެހެންކަމުން ދިވެހިބަސް ނެތިގެން ދިޔަ ނަމަވެސް އެ ހެދިފައިވާ ދިރާސާތަކުގެ އެހީގައި އެކަމާގުޅޭ މައުލޫމާތު ލިބޭނެއެވެ. އިބްނު ބަތޫތާ އާއި ބެލް ފަދަ ބޭރުގެ ލިޔުންތެރިންގެ ފޮތް ތަކުން މިފަދަ ދިރާސާތައް ފެންނަމުން ދެއެވެ. ނަމަވެސް އެމީހުން އެތަކެތި ލިޔެފައިވަނީ އެ ބައެއްގެ ބަހުންނެވެ. ދިވެހި ބަހުންނެއްނޫނެވެ. އެހެންކަމުން ބަވަނަވަނުންދާ ދުނިޔޭގައި ދިވެހިންގެ އިހުގެ ތާރީހާއި އާދަކާދަ އާއި ސަގާފަތް ދެނެގަތުމަށްޓަކައި ދިވެހިބަސް މަރުވިޔަނުދީ ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންކަމެއް ނޫނެވެ.
ނިންމުން
ކޮންމެ ބަހަކީ ވެސް ޒަމާނާއެކު ބަދަލުވަމުންދާ އެއްޗެކެވެ. ހަމައެގޮތަށް ދިވެހި ބަސް ވެސް މިވަނީ ބަދަލުވާން ފަށާފައެވެ. ނަމަވެސް އެއީ ރަނގަޅު ބަދަލެއް ނޫނެވެ. ދިވެހި ބަހުގެ ބަދަލުގައި ގިނައިން ފެންނަނީ އަދި އަޑު އިވެނީ ވެސް ކޮންމެވެސް ބޭރު ބަހަކުން ވާހަކަދައްކާތަނެވެ. އަދި ލިޔާ ތަނެވެ. އަދި ހަމައެއާއެކު ޓެކްނޮލޮޖީގެ ރޮނގުން ވެސް ދުނިޔެ މި ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. ނަމަވެސް އާ އީޖާދުތަކުގެ ދާއިރާގައި ވެސް ކުރިއަރާފައިވަނީ ދިވެހި ބަހެއްނޫނެވެ. ބޭރު ބަސް ބަހެވެ. ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓަން ބޭނުން ބަހެއް ނޫނެވެ. ސަބަބަކީ ސްކޫލިތަކުގައި ވެސް އިނގިރޭސި މީޑިއަމް އަށް ކިޔަވައިދިނުމާއި އެކު ބައެއް ސުކޫލުތަކުގައި ދިވެހި ބަހުން ވާހަކަ ދެއްކުން މަނާކޮށް ދިވެހި ބަސް ކިޔަވައި ނުދޭތީއެވެ. އަދި ހަމައެއާއެކު ވަޒީފާގެ މައިދާނުގައި ވެސް ދިވެހި ބަހަށް އިސްކަން ދިނުމުގެ ބަދަލުގައި އިސްކަން ދެނީ ބޭރު ބަސްބަހަށެވެ. އަދި މީގެ އިތުރުން އިޤްތިސާދީ އަދި އިޖްތިމާއީ ގޮތުން ވެސް ދުނިޔެ ކުރިއަރާފައިވާ މި ޒަމާނުގައި ދިވެހި ބަހުގެ ބޭނުން ވަރަށް ކުޑައެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ދިވެހި ބަހާނުލާ އުޅެވިދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. ކުޑާކުދިންނާއި ޒުވާނުންގެ މެދުގައި ވެސް ދިވެހި ބަހަކީ މަގުބޫލު ބަހަކަށް ނުވެއެވެ. އެހެން ކަމުން މާދަރީ ބަހަށްވީތީ ދިވެހި ބަސް ރައްކާތެރިކުރުމުގެ އެއް ވެސް ބޭނުމެއް ނެތެވެ. އަދި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިމަކާއެކު ފޯރުކޮށްދިނުމަށާއި އަދި އިހުގެ ތާރީޚާއި ސަގާފަތާއި އާދަކާދަ ދެނެގަތުމަށް ވެސް ދިވެހިބަސް މަރުވިޔަ ނުދީ ދެމެހެއްޓުމަކީ ބޭނުން ކަމެއް ނޫންކަން މި މަޒުމޫނުގެ އަލީގައި އެނގިގެން ހިންގައްޖެއެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓަން ބޭނުން ބަހެއްނޫނެވެ.

ރިފަރެންސް
ހަބީބާ ހުސައިން ހަބީބު. (2003). ބައެއް ބަސްބަސް ނެތެމުންދެއެވެ. ފަތްތޫރަ، 287(24)، 26-23.
ހަސަން ހަމީދު. (2007). މަދަރުސީ ތައުލީމު …ހަތަރު އަނގޮޅިއެއްގައި. ޖަމާއަތުގެޚަބަރު، 340، 7-3.
ހުސައިން ސަލާހް. (2014). ދަރިވަރުން ދިވެހި ބަހަށްދޭ ސަމާލުކަން ކުޑަވަނީ ކީއްވެ؟. ޖަމާއަތުގެޚަބަރު، 422، 16-14.
އަބްދުﷲ ޝަރީފް އިބްރާހިމް. (2009). ދިވެހީން، ދިވެހި ބަހަށް ސަމާލުވޭތޯ؟.ފަތްތޫރަ، 360(30)، 40-38.
އަބްދުﷲ ފާރޫޤް ހަސަން. (2005). ބަސްބަހުގެ ކުރިއެރުމާއި ދަށަށްދިއުން. ފަތްތޫރަ، 320(27)، 31-27.
އަބްދުލް ފައްތާހު. (2011). ދިވެހި ބަސް ކުރިމަގުގެ ޖީލުތަކަށް ވާސިލްކުރުމަށް ކުރަންވީ ކޮންކަންތައްތަކެއްތޯ؟.
ޖަމާއަތުގެޚަބަރު، 387، 15-12.
މުހައްމަދު ނަޝީދު. (2008). ދިވެހިބަހަށް ދޭންވާ ސަމާލުކަން އެބަދެވޭބާ؟. ޖަމާއަތުގެޚަބަރު، 355، 7-6.
މުހައްމަދު އާދަމް. (2010). ތަފާތު ނުފޫޒުތަކުން ދިވެހިބަހަށް ކުރަމުންދާ ނޭދެވޭ އަސަރުތައް.ޖަމާއަތުގެޚަބަރު، 374، 20-15.
ޔުމްނާ މައުމޫން. (2001). ދިވެހިބަހުން ވާހަކަ ދައްކާ އެއްވެސް މީހެއް ނެތްދުވަހެއް އަތުވެދާނެބާ؟. ފަތްތޫރަ، 273(23)،
15-20.

1
0

Leave a Reply

Your email address will not be published.