ލޯބީގެ

އެފިނިމެންދަން

މުޙައްމަދު ނީރު

” ގެއެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓި ޒުވާނަކު މަރުވެއްޖެ . . . . ރޭދަންވަރު އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ. . . މަރުވެފައި އޮތް މީހަކު މަގުމަތިން ފެނިއްޖެ. ” ނޫސްތައް ހުޅުވާލުމާއެކު ކޮންމެ ނޫހެއްގެފަލަސުރުހީން ވެސް ފެނިގެން ދިޔައީ އެޚަބަރެވެ. ރޭގެވަގުތެއްގައި އިމާރާތަކުން ވެއްޓިގެން މަރުވެފައިކަމަށް ބެލެވޭ ޒުވާނަކު މަގުމަތީގައި އޮއްވައި ފެނުނު ވާހަކައެވެ. އެ މައްސަލަ ބަލަމުންދާ ވާހަކައެވެ. ތަފާތު ނޫސްތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު ސުރުހީތަކުން ލިޔެފައި ހުރިނަމަވެސް ޚަބަރަކީ އެއްޚަބަރެކެވެ. ބައެއް މީޑިޔާ ތަކުން އެޒުވާނާގެ ފޮޓޯތައް އާންމުކުރަމުން ދިޔައިރު މުޅި ފޭސްބުކްގައި ވެސް ދައުރުވަމުން ދިޔައީ އެފޮޓޯތަކެވެ.

ތިންފަންގިފިލާއަށް ވާގޮތަށް ހަދާފައިވާ އެއިމާރާތުން ވެއްޓިގެން ނުވަތަ ވައްޓާލައިގެން މަރާލާފައިވާކަމަށް ބެލެވޭ ސަލްމާންގެ މަރުގެ ތަޙުޤީޤު ކަމާބެހޭފަރާތްތަކުން ކުރަމުން ގެންދިޔައެވެ. އެސަރަހައްދާއި ގުޅިފައިވާ މަގުތަކުގައި ބަހައްޓާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި އެއިމާރާތުގައި ހަރުކޮށްފައިވާ ސެކިއުރިޓީކެމެރާތަކުގެ ވީޑިއޯރެކޯޑިން ވެސް ބަލަމުން ގެންދިޔައެވެ. އެމަސައްކަތާއެކު އެއިމާރާތުގައި ދިރިއުޅެމުންދާ މީހުންނާއި ބައްދަލުކޮށް މަޢުލޫމާތު ނަގަމުން ގެންދިޔައެވެ.

ތިންފަންގިފިލާއަށް ވާގޮތަށް ހަދާފައިވާ އެއިމާރާތުގެ ތިންވަނަ ފަންގިފިލާގައިވާ ދެކޮޓަރީގެ އެޕާރޓްމެންޓްގައި ދިރިއުޅެމުންދާ ވިއްސަކަށް އަހަރުގެ ނާހިޔާ ބިރުން ތުރުތުރުއަޅައެވެ. ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައެވެ.

ކުއްލިއަކަށް އިވުނު އަޑާއި ފެނުނު މަންޒަރުގެ ސަބަބުން، އެއިމާރާތުގައި އިތުރަށް މަޑުކުރަން ބޭނުންނުވާކަމަށް އޭނާގެ ފިރިމީހާ އަހްޒާމަށް ފޯނުކޮށްފައި ނާހިޔާ ބުންޏެވެ. އެއިމާރާތްނޫން އެހެންތަނަކަށް ބަދަލުކުރެވެން ނެތްނަމަ ރަށަށް ގެންގޮސް ދިނުމަށް ވެސް އެދުނެވެ.

އޮފީސްމަސައްކަތްތައް މެދުކަނޑާލުމަށްފަހު ކުއްލިއަކަށް ލޯންޗެއް ކުއްޔަށް ހިފައިގެން އަހްޒާމް މާލެއައީ އޭނާގެ އަންހެނުންގެ ހާލަތު ހުރިގޮތުންނެވެ. އެހާލުގައި އަންހެނުން އެކަނިމާއެކަނި ދޫކޮށްލާކަށް އަހްޒާމް ބޭނުމެއްނުވެއެވެ.

އެއިމާރާތުގައި ދިރިއުޅެމުންދާ މީހުންގެ އިތުރުން ސަލްމާން ފިޔަވާ އެހެންމީހަކު އެރޭ އެއިމާރާތަށް ވަދެފައިވާކަން އެނގޭކަށް ނެތެވެ. ސަލްމާން ވެސް ގޮސްފައިވަނީ ކޮންފަންގިފިލާއަކަށް ކަމެއް އެނގޭކަށް ނެތެވެ. އެވަގުތަކީ އިމާރާތުން ކަރަންޓްދިޔަ ވަގުތަށް ވެފައި ސަލްމާން މިސްރާބުޖެހީ ސިޑިންކަމަށްވާތީ ކެމެރާ އޮންވިއިރު އެއިން އެއްވެސްކަމެއް ރެކޯޑްކުރެވިފައެއް ނެތެވެ. އެއިމާރާތުގެ އެއްވެސް ބަޔެއްގައި ސަލްމާންއާ ގުޅުންހުރި އެއްވެސް މީހަކު އުޅޭކަމަކަށް ވެސް ނުވެއެވެ.

ނާހިޔާއަށް ހިތްވަރާއި ނަސޭހަތްދީ އޭނާ ހަމައަކަށް އެޅުވޭތޯ އަހްޒާމް މަސައްކަތްކުރަމުން ދިޔައެވެ.

އެއިމާރާތުގައި ދިރިއުޅެމުންދާ މީހުންގެ މަޢުލޫމާތު ހޯދަމުން މަޢުލޫމާތު އެއްކުރަމުން ފިންގަރޕްރިންޓް ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ޓީމުން ނާހިޔާމެން ދިރިއުޅެމުންދާ އެޕާރޓްމަންޓަށް ވެސް އައެވެ.

އަހްޒާމް ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން، އޭރު ނާހިޔާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ޕޮލިހުން އައިއިރު ނާހިޔާ ހުރީ އަހްޒާމް ބުނިފަދައިން އެކަމާމެދު އެއްވެސް ޚިޔާލެއް ފިކުރެތްނެތްކަން ހާމަވާފަދައަކުން ހިނިތުންވެލައި ހަމަޖެހިލައިގެންނެވެ.

އޭނާއާ އެއްވެސް ގުޅުމެއްނެތް ކަމެއްގައި އޭނާ ހާސްވެ ކަންބޮޑުވާންވީ އެއްވެސް ސަބަބެއް ނެތްކަން ނާހިޔާއަށް ވިސްނުނީ އަހްޒާމް އެވާހަކަ ދެއްކުމުންނެވެ.

ކުއްލިއަކަށް މިދިމާވި ކަންތަކުގެ ސަބަބުން އަހްޒާމް އެދުނު އެދުމާއި އެއްގޮތަށް އޮފީހުގެ ފަރާތުން އޭނާއަށް ޗުއްޓީ ހަމަޖައްސައި ދިނެވެ.

އަހްޒާމްގެ އެހީއަކަށް އޭނާ އެންމެ ބޭނުންވިވަގުތު އަހްޒާމް އެފަދައިން ކަންތައް ކުރުމުން ވަރަށް އުފާވެ ހިތްހަމަޖެހިއްޖެކަމުގައި ތަކުރާރުކޮށް ނާހިޔާ ބުނަމުން ދިޔައެވެ. އަހްޒާމް އޭނާ ދެކެވާ ލޯބި ދުވަހަކު ވެސް ހަނދާން ނައްތާނުލާނެކަމަށް އެތައްފަހަރަކު ބުންޏެވެ.

ދުވަސްތަކާއި ރޭތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު، ސަލްމާންގެ މަރުގެ މައްސަލަ ތަހުޤީޤުކުރާ ޓީމުން އެކަމާއިގެން އުޅެމުންދިޔައެވެ.

އެކަނިމާއެކަނި ކޮޓަރީގައި އޮވެގެން ނާހިޔާ ވިސްނަމުން ދިޔައީ ސަލްމާންގެ މަރާއި މެދުގައެވެ. ސަލްމާންގެ މަރާމެދު ވިސްނާ ފިކުރުކުރަމުންދިޔަ ނާހިޔާގެ ޚިޔާލުތައް ގޮސް ގުޅުނީ އެދުވަސްތަކާއި އެވެ.

ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ނާހިޔާ އާއި ސަލްމާން ބައްދަލުވީ ރައްޓެއްސަކާއިއެކު ކޮފީއަކަށް ދިޔަ ރެސްޓޯރެންޓަކުން ނެވެ. ސަލްމާން ފެނުމުން ނާހިޔާއަށް ހުއްޓުންއެރިއިރު، ހައިރާންކަމާއެކު ނާހިޔާއަށް ބަލަން ހުރުން ފިޔަވާ އެހެންކަމެއް ސަލްމާނަކަށް ވެސް ނުކުރެވުނެވެ.

ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު، ސަލްމާނާއި ނާހިޔާ ވާހަކަދައްކާލި ދެއްކުމުން އެދެމީހުންނަކީ މާކުރީއްސުރެ ދަންނަ ދެ މީހުންކަން ޔަގީންވިއެވެ. ހަމައެހެންމެ އެދެމީހުން ތިބީ އެކަކު އަނެކަކާއި ބައްދަލުކުރަން ނުހަނު ބޭނުންވެފައިކަން ވެސް އެނގުނެވެ.

އެކަކު އަނެކަކަށް ފޯނުނަންބަރު ދެމުން ވަކިވެލީ ބައްދަލުކުރަން އެއްބަސްވަމުންނެވެ.

ސަލްމާންއާ ބައްދަލުވުމުން ނާހިޔާއަށް ވެގެންދިޔަ ގޮތާއި، ބައްދަލުކުރަން ބޭނުންކަން ހާމަކުރަމުން ފޯނުނަންބަރު ދިންއިރު ނާހިޔާ ކިބައިން ނުހަނުބޮޑަށް އުފާވެރިކަން ފާޅުވެގެން ދިޔައެވެ. އެކަން އޭނާގެ އެކުވެރިޔާއަށް ފާހަގަކުރެވުނު ނަމަވެސް އެކަމާބެހޭގޮތުން އެއްޗެކޭ ނުބުނެއެވެ. އެކަން ސިއްރެއްގެ ގޮތުގައި ބާއްވާލީ ހާމަކުރަންޖެހޭ ހިސާބުގައި ހާމަކޮށްލަން ކަމަށް ވެސް ވެދާނެއެވެ.

ކޮފީގެ ކަންތައް ނިންމާލުމަށްފަހު، ނާހިޔާއާ އޭނާގެ އެކުވެރިޔާ ރެސްޓޯރެންޓުން ނުކުތުމުގެކުރިން ސަލްމާން އެތަނުން ނުކުތުމުން ނާހިޔާ ހިތްހަމައެއް ނުޖެހުނެވެ. ސަލްމާން ފެނޭތޯ ބަލަމުން ދިޔަ ނާހިޔާއަށް ސަލްމާން ނުފެނުނު ނަމަވެސް، އޭނާގެ އެކުވެރިޔާއަށް ސަލްމާން ފެނުނެވެ. ސަލްމާންގެ ހަރަކާތްތައް އޭނާގެ ހަރަކާތްތައް ފާހަގަ ވެސް ކުރެވުނެވެ.

މާލެތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމަށް މާބޮޑު ބަދަލެއްނައި ނަމަވެސް، ދަންވަރުވަގުތު ގާތްވަމުން ދިޔައިރު ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެއް ވެރިވަމުން ދިޔައެވެ.

ނިދާން އޮށޯތްނަމަވެސް ނާހިޔާގެ ލޮލަކަށް ނިންޖެއް ނައެވެ. ކޮންމެވެސް މީހަކު އޭނާއަށް ގުޅާނެކަމަށް އިންތިޒާރުކުރާ ފަދައަކުން ފޯނަށް ބަލާލާ މިރޭ ލިބުނު ނަންބަރު ކިޔާލަ ކިޔާލަ އޮތީއެވެ. މިރެއިން މިރެއަށް އެނަންބަރު ހިތުދަސްކުރަން މަސައްކަތްކުރާ ކަހަލައެވެ.

ރެއަކީ ހަނދުމަހުގެ ސާދަ ފަނަރައިގެ ރޭތަކުގެތެރެއިން ރެއަކަށްވާތީ މުޅިމާލެއަށް ވެރިވެފައިވަނީ ހަނދުވަރުގެ ނަލަ އަލިކަމެވެ.

ޚިޔާލީދުނިޔެއަކަށް ގެއްލިފައިއޮތް ނާހިޔާ ސިއްސައިގެން ދިޔައީ އެ އެޕާރޓްމެންޓްގެ ބެލް ޖަހާލިއަޑަށެވެ. މިހާ ފަސްގަޑިއެއްގައި ބެލް ޖަހަނީ ކާކުބާއޭ ހިތަށްއެރި ނަމަވެސް، ތަކުރާރުކޮށް ބެލް ޖަހަމުންދާތީ ކާކުތޯ ބަލާލަން ބޭނުންވިއެވެ.

މަޑުމަޑުން ކޮޓަރިން ނުކުމެގެން އައިސް ފެންޑާގެ ދޮރުހުޅުވާލި ވަގުތު ފެނުނު މަންޒަރާއެކު ނާހިޔާ ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ.

ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށް ހުރި ނާހިޔާ ސިއްސައިގެން ދިޔައީ ސަލްމާން އެތެރެއަށް ވަންނަމުން ދޮރު ލައްޕާލި އަޑަށެވެ. ދޮރުލައްޕާލުމާއެކު ތަޅުލިއިރު ވެސް ސަލްމާންއަށް ބަލަހައްޓައިގެން ހުރުން ފިޔަވާ އެހެންކަމެއް ނާހިޔާއަކަށް ނުކުރެވުނެވެ.

ނާހިޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ސަލްމާން ކޮށްލި ހަރަކާތާއެކު ނާހިޔާ އައިސް ސަލްމާންގެ މޭގައި ލައްވެލިއެވެ. އެއާއެކު ކަހަލަ ގޮތަކަށް ނާހިޔާގެ ފުރަގަހުން ސަލްމާން ވަށާލިއަތް ކަރުކައިރިން ފެށިގެން އުނަގަނޑުން ތިރިއަށް ގެންދިޔައެވެ.

” ވާއޮ . . . . އަހަރެން އަންނަންވާއިރަށް . . ހަމަ ރެޑީގައި ދޯ ؟ ” ނާހިޔާގެ ނޭވާގެ ހޫނުކަން އިހުސާސްކޮށްލަމުން ސަލްމާން ބުނެލިއެވެ. ސަލްމާން އެބުނީ ކީކޭކަން ނާހިޔާއަށް އެނގުނު ނަމަވެސް، އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.

ނާހިޔާގެ ފަރާތުން ސަލްމާން ބޭނުންވި ފުރުސަތު އޭނާއަށް ލިބުނެވެ. ސަލްމާންގެ އެސުވާލާއި އޭނާގެ ހަރަކާތްތަކަށް ނާހިޔާ ދެކޮޅު ނުހެދި ނުހެދުން އެއީ ސަލްމާނަށް ނާހިޔާދިން ފުރުސަތެއްކަމުގައި ސަލްމާން ނިންމިއެވެ.

ސަލްމާންގެ އަތްދަނޑިމަތިން ނާހިޔާ ކޮޓަރީގެ އެނދާއި ހަމައަށް ދިޔައިރު، ކޮޓަރީގެ ނިދާބޮކީގެއަލި ފަނޑުކޮށްލީ ނާހިޔާގެ އަތުންނެވެ. ނާހިޔާގެ އެޢަމަލުން ސަލްމާންގެ ހިތް އުފަލުން ނަށައިގަތް ކަހަލައެވެ. ލިބުނު ވަގުތާއި ދިން ފުރުސަތު ބޭކާރުކޮށްލާކަށް ސަލްމާން ބޭނުމެއް ނުވިއެވެ. ނާހިޔާއާ ދިމާއަށް ސަލްމާން ގުދުވަމުން ދިޔައިރު ގަމީހުގެ ގޮއްތައް ނެއްޓެމުން ދިޔައީ ނާހިޔާގެ ދެއަތުންނެވެ. ފުރުސަތަށް އެދިއެދި ހުރީ އޭނާ އެކަނި ނޫންކަން ސަލްމާނަށް ޔަގީންވަމުން ދިޔައިރު، އެކަމުގެ ސަބަބުން ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު، ވަޒީފާއަދާކޮށްގެން ލިބޭ މުސާރައިގެ އިތުރުން އެހެނިހެން ވެސް ބައެއް ކަހަލަ ކުދިކުދި މަސައްކަތްތައް ކޮށްލައިގެން އަހްޒާމް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަލަތުއަނބިމީހާ ހިތްއުފާކޮށްދީ އުފާވެރި ބާއްޖަވެރި ހަޔާތެއް ބިނާކުރެވޭތޯއެވެ. އެކަމަށް ބޭނުންވާ ފައިސާ ޖަމާކުރެވޭތޯއެވެ.

ނާހިޔާއަށްޓަކައި އޭނާގެ އަލަތު ފިރިމީހާ އަހްޒާމް ވަމުންދާ ގުރުބާނީ އޭނާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. ނުވަތަ އެނގޭ ކަމަކަށް ނުހަދައެވެ.

ރެއަކަށްފަހު ރެޔެއް ސަލްމާނާއެކު އޭނާ ހޭދަކުރަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމުން ފުރިގެންވީ ވަގުތުތަކެކެވެ. އެއުފާވެރިކަމާއި އެހިތްހަމަޖެހުމަށް ނިމުން އައުމަށް އެއްގޮތަކަށް ވެސް އޭނާ ބޭނުންނުވާ ރޭތަކެކެވެ.

ނާހިޔާ ދިރިއުޅެމުންދާ އިމާރާތަކީ ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާ އިމާރާތަކަށް ވާތީ، އެއިމާރާތަށް ވަދެ ނުކުމެ އުޅޭ މީހުން އެ ތަނުގެ ސެކިއުރިޓީގާރޑަށް އެނގޭނެކަން ނާހިޔާ އާއި ސަލްމާނަށް ވެސް އެނގެއެވެ. ސަލްމާންއަކީ ނާހިޔާގެ ފިރިމީހާ ނޫންކަން ސެކިއުރިޓީންނަށް އެނގޭނެކަން ވެސް ސަލްމާންގެ ސަމާލުކަމަށް ނާހިޔާ ގެނައެވެ.

ނާހިޔާގެ ވާހަކަތަކަށް ޖަވާބުދެމުން ސަލްމާން ބުނިބުނުމުގެ ސަބަބުން ނާހިޔާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ސަލްމާން އެބުނާފަދައިން އެސެކިއުރިޓީންނަށް ފައިސާ ދީފިނަމަ ސަލްމާން ވަންނަގަޑީ ކެމެރާ އޮފްކޮށްލާނެކަން ނާހިޔާއަށް ވެސް ޔަގީންވެއެވެ. އެހެންވެ އޭނަ ހުރީ ވެސް ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ރައްޓެހިންތަކަކާއެކު ކޮފީއެއް ނިންމާލާފައި އައިސް އަހްޒާމް ގެއަށް ވަތްއިރު، ނާހިޔާ އޭނާގެ މިދުވަސްވަރުގެ އާދައިގެމަތިން ޚިޔާލީދުނިޔެއަކަށް ގެއްލިފައިއޮތެވެ.

ނާހިޔާ އޭނާގެ ޚިޔާލީ އާލަމުން ހޭލައްވާލީ އަހްޒާމެވެ. ސަލްމާންގެ މަރާއިމެދު ނުވިސްނުމަށާއި ތިމާއާ ގުޅުންނެތް ކަންކަމުގައި ވިސްނާ ފިކުރުކުރުމަކީ މޮޔަކަމެއް ކަމުގައި އަހްޒާމް ބުންޏެވެ. ތިޔަފަދައިން ކަންތައް ކުރާނަމަ ނާހިޔާއާމެދު އެހެންމީހުން ސައްކު ކޮށްފާނެކަމަށް ކަމަށް ވެސް ބުންޏެވެ. އެފަދަ ކޮންމެވަގުތަކު އަހްޒާމް އައިސް ވިސްނައިދޭ ވިސްނައިދިނުމުގެ ސަބަބުން ނާހިޔާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބެއެވެ. އެހިޔާލުތަކާއި ދުރަށް ދިއުމަށް ހިތްވަރެއް ލިބެއެވެ.

ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ސަލްމާންގެ މަރުގެ މައްސަލާއާ ގުޅިގެން ތުހުމަތުކުރެވޭ މީހެއްގެ ގޮތުގައި ނާހިޔާ ޕޮލިހުންގެ ބެލުމުގެދަށަށް ގެންދިއުމުން، އަހްޒާމް ވަރަށް ކަންބޮޑުވެ ހާސްވިއެވެ. ދެރަވެ ހިތުގައި ޖެހުނެވެ.

ސަލްމާންއަކީ ކާކު ބާއެވެ؟ ސަލްމާންއާ ނާހިޔާއާ އޮތީ ކޮންގުޅުމެއް ބާއެވެ؟ ނާހިޔާ ދިރިއުޅޭ އެޕާރޓްމަންޓަށް ސަލްމާން އައީ ބާއެވެ؟ ބޮޑު ޚަރަދުކޮށް މާލެއިން އެޕާރޓްމަންޓެއް ކުށްޔަށް ހިފައިގެން މާލެ ގެނެސް މާލޭގައި ބެހެއްޓުމުން ނާހިޔާ، އަހުޒާމަށް ހިޔާނަތްތެރިވީ ބާއެވެ؟ ސުވާލަކަށްފަހު ސުވާލެއް އުފެދެމުންދިޔައީ އާންމުރައްޔިތުންގެ ހިތުގައެވެ. އާންމުންގެ ސުވާލުތަކަށް ޖަވާބުހޯދުމަށް މަސައްކަތްކުރަމުން ދިޔައީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނެވެ.

ސަލްމާންގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވި ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނާހިޔާ ސަލާމަތްކުރުމަށްޓަކައި އަހްޒާމްއަށް ކުރެވެންއޮތް ހުރިހާކަމެއް ކުރަމުން ގެންދިޔައެވެ. ތަނަކަށް ނުވަތަ މީހަކަށް ފައިސާގެނުފޫޒު ފޯރުވައިގެން ނުވަތަ ސިޔާސީގޮތުން ނަމަވެސް އެކަން ކުރެވެންއޮތްނަމަ އަހްޒާމް މިއަދު އެކަން ކުރީހެވެ.

ސަލްމާންގެ މަރަށް ހަފްތާއެއްހާދުވަސް ވަނިކޮށް އެމަރުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ޕޮލިހުންގެ ބެލުމުގެދަށަށް ގެންދިއުމާއެކު މުޅިމީޑިޔާގައި އެވާހަކަ އާންމުވެގެން ދިޔައެވެ. ތަފާތު ސުރުހީތަކަށް ތަފާތުގޮތްގޮތަށް އެވާހަކަތައް ލިޔަމުން ދިޔައިރު، އެމައްސަލާގެ ތުހުމަތުގައި ހައްޔަރުކުރެވުނު ނާހިޔާއަކީ މީހެއްގެ އަންބެއްކަމަށް ވެސް ލިޔެފައި ވެއެވެ. ނާހިޔާ އާއި ސަލްމާނަކީ މާކުރިއްސުރެ ދެލޯބިވެރިން ކަމަށާއި ނާހިޔާ އަހްޒާމްއާ ކައިވެނިކުރީ ސަލްމާންއާ އިންނަން ޢާއިލާއިން ނުގަބޫލުވުމުން ކަމަށް ވެސް ލިޔެފައި ވެއެވެ. ޢާއިލާއާ ދެކޮޅަށް ސަލްމާންއާ ކައިވެނިކުރިކަމަށް ނާހިޔާ މަސައްކަތްކުރި ކަމަށް އެރަށުގެ މީހުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައި ވެއެވެ. ބައެއް މީޑިޔާތަކުން ނާހިޔާގެ ފޮޓޯ ވެސް އާންމުކުރަމުން ދިޔައެވެ.

ސަލްމާންގެ މަރާގުޅިގެން ހައްޔަރުކުރެވުނު މީހަކީ އަހްޒާމްގެ އަންހެނުން ނާހިޔާކަން އެނގުމާއެކު އަހްޒާމްގެ ރައްޓެހިންތައް އަހްޒާމްއަށް ގުޅައި އެކަމާބެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދިޔައެވެ. އަހްޒާމްއެކޭ އެއްފަދައިން އަހްޒާމްގެ ރައްޓެހިން ވެސް ނާހިޔާ ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. ޙަޤީޤީރައްޓެހިންނަކީ ރައްޓެއްސަކަށް ކަމެއްދިމާވުމުން އެކަމުގައި އެހީތެރިކަމާއި އެއްބާރުލުންދީ އޭނާއާއެކު ތިބޭ މީހުންކަމުގައި އަހްޒާމް ގަބޫލުކުރެއެވެ.

ނާހިޔާ ސަލާމަތްކުރުމަށްޓަކައި އަހްޒާމާއި އޭނާގެރައްޓެހިން ކުރަމުންދިޔަ މަސައްކަތަށް އެއްވެސް ކާމިޔާބެއް ނުލިބުނެވެ.

ނާހިޔާގެމައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ހުކުމްކުރުމުން ނާހިޔާ ވަރިކުރުމުގެ ހުރިހާކަމެއް އަހްޒާމް ނިންމިއެވެ. އަހްޒާމް ބޭނުންވިފަދައިން އެންމެ ފަހުފަހަރަށް ނާހިޔާއާ ބައްދަލުކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.

” ސަލްމާންވަރު ނުވިޔަސް އަހަރެން ވެސް ވަރަށްމޮޅު ދޯ ؟ …. ސަލްމާން ދިޔައީ ކޮން ފަންގިފިލާއަކަށްކަން ނޭނގުނަސް އެ އިމާރާތަށް އޭނާ ވަތްކަން އެނގުނު ….. އެކަމަކު ….. އަހަރެން އެއިމާރާތަށް ވަތްކަން ވެސް ނޭނގުނު. ސެކިއުރިޓީގާޑަށް އަހަރެން ޑޮލަރު ދިނީ ކީއްވެގެންކަން ފަހުން އެނގޭނެޔޭ އަހަރެން ބުނި ހަނދާން އެބަހުރިދޯ ؟ …. ގުޑްބައި ލޯބީ. ” އެންމެފަހުގެ ދެކިލުމަށްއައި އަހްޒާމް އެންމެފަހުން ދެއްކި ވާހަކަތަކާއެކު ނާހިޔާ ގަނޑުވި ކަހަލައެވެ. ބުނާނެއެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ހުރެވުނުއިރު، ނާހިޔާއަށް ޔަގީންކުރެވުނު ފަދައިން ސަލްމާން އެތަނުން ވައްޓާލިމީހަކީ ހަމަ އަހްޒާމްބާއޭ ހިތަށް އަރަމުން ދިޔައެވެ. އެހެނަސް ދެއްކޭނެ ހެއްކެއް ކުރެވޭނެކަމެއް ނެތެވެ. އަހްޒާމް ބުނިފަދައިން އޭނާ ވަރަށްމޮޅެވެ. އޭނާގެ ހުރިހާ އެކްޓެއް ވެސް އެހާމެ ކާމިޔާބެވެ. ނާހިޔާގެ ލޮލުގައި އޭނާ އަޅުވާލި އަނދުނުގެ ފައިދާ ނެގިއިރު އެފިނިމެންދަން ދުވަހަކު ހަނދާނުން ނުފިލާފަދަ ހިތްދަތި ވޭންދެނިވި މެންދަމަކަށް ބަދަލުވެގެން ދިޔައީއެވެ.

ނިމުނީީ

3
3

1 ކޮމެންޓް: ލިޔުން ”އެފިނިމެންދަން“

Leave a Reply

Your email address will not be published.