ބިރުވެރި ލޯބީގެ

ނިދިތެރޭން ( 3 )

ވިސާމްގެ އެވާހަކަތަކާ ގުޅުވައިގެން އަލީ އަހްމަދު ވާހަކަ ދެއްކީ ކުރިޔަށްވުރެ މަޑުންނެވެ. އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކަށް އެވާހަކަތައް އަޑުއިވޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެވާހަކަތަކާއި ގުޅުވައިގެން ވިސާމް ވާހަކަދެއްކިއިރު އަމަލާއި ބަސްމަގު އަދި އަޑު ބެހެއްޓިގޮތުން އެވާހަތައް އެހެންމީހަކަށް އިވެން ވިސާމް ވެސް ބޭނުންނުވާކަން އެނގެއެވެ.

ސައިގެކަންތައް ނިންމާލުމަށްފަހު ހޮޓަލުން ނުކުތްއިރު ވިސާމް ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ބަލާލި ކޮންމެމީހަކަށް އޭނާގެ ފަރާތުން ފެންނަމުންދާނީ އުންމީދުގެ ކުލަވަރެވެ. އޭނާގެ ދާއިރާއިން އެންމެބޮޑު ކުރިއެރުމެއް އަލީ އަހްމަދު ހޯދާފައިވާ އިސްތިރި ހެދުމުގެ ދާއިރާއިން ވިސާމަށް ދޭން އޭނާ ބުނި އެހީތެރިކަމުގެ ސަބަބުން ވިސާމްގެ އުންމީދުތައް ވަނީ އާވެފައެވެ.

ނީނާގެ މަންމަ އައިމިނަ އާއި ބައްޕަ އާދަމްގެ ރަހުމަތްތެރިކަމުގައި އަލީ އަހްމަދު ވަރަށް ގިނައިން އެގެއަށް ގޮސް އުޅެ އެވެ. ބައެއް ދުވަސްދުވަހު އެއްފަހަރު ދެފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ވެސް އެގެއަށް ދެއެވެ. އަލީ އަހްމަދު އެވަރަށް އެ ގެއަށް ދިއުމުގައި އެހެން ސިއްރެއް ވާކަމެއް އެހެން މީހަކަށް ނޭނގެއެވެ. ނޭނގޭތާންގައި އެކަހަލަ ހިލަމެއް ވެސް ނުވެއެވެ.

އަލީ އަހްމަދު އޭނާގެ މަސައްކަތް ކުރިޔަށްދާގޮތް ބަރާބަރަށް ވިސާމަށް ކިޔައިދެމުން ދިޔައެވެ. އަލީ އަހުމަދާއި ވިސާމްގެ މަސައްކަތް ރޭވުމާއި އެއްގޮތަށް ކުރިޔަށްދާތީ ދެމީހުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ވިސާމާއި ފާތުން ބައްދަލުވީ ވިސާމް ހުންނަގޭ ދޮރޯށި ކައިރިންނެވެ.

” ފާތުން ދެކެ ރުޅިއެއް ނާދެޔޭ ބުނި. އެކަމު އޭގެފަހުން ފިހާރައަކަށް ނުދޭ. ހާދަފޮންޏޭދޯ ؟ ” ފާތުންނަށް ވިސާމް ގޮވާލުމުން ވިސާމާއި ދިމާއަށް ބަލާލަމުން ފާތުން ވާހަކަދެއްކިއެވެ.

” ހިހި. މިދުވަސްކޮޅު މަސައްކަތް ބުރަކަމުން ނުދެވެނީ. ފާތުން ދެކެ ރުޅިއަންނާކަށް ނުޖެހެއެއްނު. ” ފާތުންގެ ވާހަކައާ ގުޅުވައިގެން ވިސާމް ވާހަކަ ދެއްކިއެވެ.

ވިސާމާއި ވާހަކަދައްކާން ފަސްވަރަކަށް މިނިޓް މަޑުކުރުމަށްފަހު، ވަރަށް އަވަހަށް ފިހާރައަށް ދާންޖެހޭކަމަށް ބުނެފައި ފާތުން ދިޔައީއެވެ.

ފާތުން އޭނާގެ މަސައްކަތާއިގެން ފިހާރަތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ނީނާ އައިސް ފިހާރައަށް ވަނުމުން ފާތުންގެ މޫނުމަތިން ފާޅުވެގެންދިޔަ ހައިރާންކަމާއެކު ސުވާލު ވެސް ކޮށްލެވުނެވެ.

” ވަރަށްބޮޑު ކަމަކު …. ކޮށްދޭނަންތަ ؟ ” ފާތުންގެ ސުވާލަށް ޖަވާބުދެމުން ނީނާ އެހެން އަހާލީ ފަސްޖެހުމާއި ކަންބޮޑުވުމާ އެކުގައެވެ.

” ކޮންކަމެއް ؟ ވާވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން. ” މޭޒުކައިރީހުރި ގޮނޑި ދައްކާލަމުން ފާތުން ވާހަކަދެއްކިއެވެ.

” މިހާރު ވެސް ފާތުންނާއި ވިސާމް ރައްޓެހިތަ ؟ ” ފާތުން ދެއްކި ގޮނޑީގައި އިށީންނަމުން ނީނާ އަހާލިއެވެ.

ނީނާގެ އެ ސުވާލުގެ ސަބަބުން ފާތުންނަށް ލިބިގެން ދިޔައީ ހައިރާންކަން ނަމަވެސް، މަދު ސިކުންތުކޮޅެއް ތެރޭގައި އެހައިރާންކަން ފިލާ އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. ވާނީ ވެސް އެހެންތާއެވެ. ނީނާގެ ވާހަކަ ވިސާމާއި ފާތުން ދައްކާފައި އައިސް މާގިނައިރެއް ނުވަނީސް ނީނާ އައިސް ވިސާމްގެ ވާހަކަ އެދެއްކީއެވެ.

” އެ ކީއްކުރަން ؟ ” ނީނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ފާތުން ވެސް ކުރީ ސުވާލެކެވެ.

” އަހަރެން ބޭނުން ވިސާމާއި ގުޅެން. މިފަހަރު މިއީ ސަމާސާއެއް ނޫން. ހަމަ ޙަޤީޤަތުގަ ވެސް އަހަރެންނަށް ވިސާމް ދެކެ ލޯބިވެވިއްޖެ. އަހަރެންނަށް މިކަން ކޮށްދީ. ” މާޔޫސްކަން އެކުލެވިފައިވާ ފަދައަކުން ފާތުންނަށް ބަލާން އިނދެ ނީނާ ވާހަކަދެއްކިއިރު އޭނާއަށް ލިބިފައިވާ މާޔޫސްކަމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.

” ކުއްލިއަކަށް ތިވީ ކިހިނެތް ؟ އިރުކޮޅަކުން އައިސް ބުނާނެ އެއީ މަޖަލޭ. ނޫނީ ސަމާސާއޭ. ކުރީ ފަހަރުވެސް މަގޭ އަގޭ ވެއްޓުނީ. ” ހިތްހަމަ ނުޖެހުމާއެކު ފާތުން ވާހަކަދެއްކި ނަމަވެސް، ކުރިންފަހަރު ވީހެން މިފަހަރު ނުވާނެކަން ޔަގީންކުރަން އޭނާ ބޭނުންވިއެވެ.

” މިފަހަރު އެހެންނެއް ނުވާނެ. މިއީ ހަމަ ޙަޤީޤަތް. އަހަރެން ބޭނުން ވިސާމާއި ގުޅިގެން ރަނގަޅު މުސްތަޤުބަލެއް ބިނާ ކުރާން ….. އަހަރެންނަށް އެހީތެރިވެދީ. ” އާދޭސްކުރާ ފަދައަކުން ފާތުންނަށް ބަލާން އިނދެ ނީނާ ވާހަކަ ދެއްކިއެވެ.

” އަހަރެން ވެސް ތިކަން ވޭތޯ ބަލާނަން. އެކަމު މިފަހަރު އަހަރެންނަށް ލަނޑު ދީފިއްޔާ އެހިސާބުން ފެށިގެން އަހަރުން ދެމީހުންގެ މެދުގައި އޮތް ގުޅުން ކެނޑުނީ. ” ނީނާއަށް އެހީވުމަށް ފާތުން އެއްބަސްވީ ވަރުގަދަ އިންޒާރަކާއި އެކުގައެވެ.

ހަނދުމަހެއްގެ ސާދަވަނަ ދުވަހެވެ.

އޮއްސުނު އިރާއެކު ރަށުތެރެއަށް ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ވެރިވެގެންދިޔަ ނަމަވެސް ސާދަވިލޭރޭގެ ހަނދު ފެނުން ތޮޅިލުމާއެކު އަނދިރިކަމުގެ މައްޗަށް އަލިކަން ވެރިވާން ފެށިއެވެ. ހަނދުގެއަލިކަން ބިންމައްޗަށް ވެރިވާންފެށިތާ މާގިނައިރެއް ނުވަނީސް މުޅިރަށް އެއްކޮށް އަލިކޮށްލިއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އެގާރަ ޖަހާކަން ހާއިރެވެ. ރަށުގެ އެހެންވެސް ގިނަ ރައްޔިތުންނެކޭ އެއްފަދައިން އަލީ އަހްމަދާއި ވިސާމް ވެސް ތިބީ ނިދާފައެވެ.

ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު ނިދާލާފައި އޮތް ވިސާމަށް ހުވަފެނީ ޢާލަމެއްގެ ތެރެއަށް ވަދެވިގެން ދިޔައީ އޭނާއަށް ވެސް ނޭނގިއެވެ.

އެގާރަގަޑި ބައި ބާރަ ޖަހާކަން ހާއިރެވެ. އަލީ އަހްމަދާއި ވިސާމް ތިބީ ރަށުގެ ދެކުނުފަރާތު އަތިރިމަތީހުރި އޮޑިހަރުގެ ތަކުގެތެރެއިން އޮޑިހަރުގެއެއްގެ ތެރޭގައެވެ. ވަށައިގެން ތޮށަލިޖަހާ ބައްދާފައިވާ އެއޮޑިހަރުގެ ހިޔާކޮށްފައިވަނީ ޓިނުންނެވެ. ކޮންމެ ވެސް އޮޑިއެއްގެ ބައެއް ސާމާނު އެތަނުގައި ހުރި ނަމަވެސް މާގިނަ އެއްޗެއް އެތަނުގައި ނެތެވެ. ދޮރު ހުރީ ލައްޕާ ތަޅުލާފައެވެ.

އޮޑިހަރުގެ ތެރޭގައި ހުރި ކަނދުތައް މަތީގައި އިށީންދެލައިގެން އެދެމީހުން ތިބިއިރު އެމީހުންގެ ކުރިމަތީގައި ކަހަލަ ގޮތަކަށް، ރޯ ކޮށްފައިވާ ދުންކިބައެއް ބަހައްޓާފައި ހުއްޓެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ބާވެ ހަސްނެތިފައިވާ ފަދައަކުން އޮތް ފޮތެއް ހިފައިގެން އަލީ އަހްމަދު އިނެވެ. ނަންބަރު އައިނެއް އަޅައިގެން އިނދެ އެއިން ކޮންމެ ވެސް މުހިންމު ލިޔުމެއް ފެނޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައިރު ވިސާމް އޭނާގެ ފޯނުން އެފޮތަށް އަލިކުރަމުން އެހީތެރިވަމުން ދިޔައެވެ. ކިތަންމެ ރީތި ފުރިހަމަ ހަނދުވަރެއްގެ އަލި ބިމަށް ފޯރާފައިވީ ނަމަވެސް އެތަން ހަދާފައިވާގޮތުގެ ސަބަބުން އެތަނަށް އެއްވެސް އަލިކަމެއް ނުފޯރަ އެވެ.

އަލީ އަހްމަދު އެފޮތުން ހޯދާން ބޭނުންވާ ލިޔުންތައް ހޯދަމުން ކިޔަމުން ދިޔައިރު ދުންކިބައިގެ ދުން މުޅިތަނަށް ފެތުރެމުން ދިޔައެވެ.

ކުއްލިއަކަށް ވަރަށްގަދައަށް ވިދާލުމާއެކު ގުގުރައިގަތް އަޑު އިވިގެން ދިޔައެވެ. ވައި ގަދަވާން ފެށީ ވެސް އެވަގުތުއެވެ. ކަނޑުގެ ރާޅުތައް ބޮޑުވަމުން ހުދުފޮނު އިތުރުވަމުން ދިޔައެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އަލީ އަހްމަދު އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެކަމުގެ އެއްވެސް ހިލަމެއް އޭނާއަށް ނުވާ ކަހަލައެވެ.

މެންދަމުގެ ވަގުތު ވެގެން އައިއިރު ވެސް ރަށުތެރެއަށް ފެތުރިފައިވާ ނަލަ ހަނދުވަރުގެ އަލިކަން ފިލައި، ވިދާގުގުރާ ގަދަވަޔާއެކު ވާރޭ ވެހޭން ފެށީ އެކެއް ވެސް ޖެހި ފަހުންނެވެ. ހީވީ ގަދަފަދަ ތޫފާނެއް ލައިގެން ހެންނެވެ.

ކުއްލިއަކަށް މިފެނުނު ކަންތައްތަކުގެ ސަބަބުން ވިސާމް ކޮންމެވެސް ވަރަކަށް ހާސްވެ ނުތަނަވަސް ވާން ފެށިއެވެ.

ކުރަމުންމިދާ ކަންތަކާމެދު ސުވާލު އުފެދޭން ވެސް ފެށިއެވެ. އެހެނަސް އަލީ އަހްމަދުގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަ މުންދާ ހަމަޖެހުމުގެ ސަބަބުން ވިސާމަށް ވެސް ޖެހުނީ ކެތްތެރިވެ ހަމަޖެހޭށެވެ.

ވިދާލާ ވިދުވަރުގެ ފަހަތުން ޖަހާލާ ބާރު ގުގުރީގެ އަޑާއެކު ގިނަބަޔަކަށް ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ.

ކުޑަކުދިންގެ ރުއިމުގެ އަޑުތައް ގިނަވަމުން ބާރުވަމުން ދިޔުމުގެ ސަބަބުން ގޭގެތެރޭގެ ހަމަހިމޭންކަން ނަގާލާފައި ވެއެވެ. ގިނަ ބަޔަކު ތިބީ ހޭލާ ނަމަވެސް އެއްވެސް މީހަކަށް ގެއިން ނުކުންނާކަށް ނުކެރެއެވެ. ފަޅުގައި އަޅާފައިހުރި ދޯނި ފަހަރު ހުރިގޮތެއް ބަލާލާން ދާން ކެރޭވަރުގެ މީހަކު ހުރި ކަމަށް ވެސް ނުވެއެވެ.

ގަބުރުސްތާނަށް ހޮނުއެޅި ކަހަލަގޮތެއް ވުމާއެކު އަލިފާންދުންޏެއް ޖެހިއެވެ. ދެމަހާނައެއްގެ ދޭތެރެއަށް ކަހަލަގޮތަކަށް ޖަހާފައިވާ އެއަލިފާން ދުނީގެ މަތީބައި ސާފު ނުވި ނަމަވެސް ބިމާ ގުޅިފައިވާ ހިސާބުން އަލިފާންކަނި ކަނޑަމުން ދިޔައެވެ. ޖެހެމުންދާ ބާރުވަޔާއި ވެހެމުންދާ ބޯ ވާރޭގެ ސަބަބުން އެއަށް އެއްވެސް އަސަރެއް ނުކުރުމަކީ އަޖައިބެއްފަދަ ކަމެއްކަން ޔަގީނެވެ.

އަލިފާންކަނިތައް އެގޮތް މިގޮތަށް ދައުރުވެލުމާއެކު އެއިން އުފެދުނީ އިންސާނެއްގެ ސޫރައެވެ. އަންހެން ޖިންސުން އުފެދުނު އެސޫރަ މަޑުމަޑުން ބޮޑުވަމުން ބޮޑުވަމުން އައިސް ޒުވާންފުރައިގެ އަންހެންކުއްޖެއްވަރު ވިއެވެ. އެހެނަސް އެސަރަހައްދަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން އެކުއްޖާގެ މޫނު ފެންނަވަރެއް ނުވެއެވެ.

ނުހަނު ސާފު ރީތި ހުދުހެދުމެއްގައި ހުރި އެއަންހެންކުއްޖާ އައިސް ގަބުރުސްތާނުގެ ދޮރާއި ހަމަވިވަގުތު މަގުބައްތިން އޭނާގެ މޫނާއި ހަށިގަނޑަށް އަލިވެގެން ދިޔައެވެ. ގަބުރުސްތާނުން ނުކުމެގެން އައިސް އެހުއްޓުނީ ނީނާ ފިޔަވާ އެހެން މީހެއް ނޫނެވެ.

ނީނާ އައިސް ގަބުރުސްތާނުން ނުކުތުމާއެކު މޫސުމަށް ބަދަލު އަންނާންފެށިއެވެ. ވިދާ ގުގުރުން ހުއްޓި ވައި މަޑުވި އިރު ވާރޭ ވެސް ތުނި ކޮށްލައިފިއެވެ. ގަބުރުސްތާނު މައްޗަށް ޖަހާފައިހުރި އަލިފާން ދުނި އަނދައިގެން ގޮސް ހުސްވިއެވެ.

ގަޑިއެއް ދޮޅުގަޑިއެއް ހާއިރަށް ދިގުދެމިގެންދިޔަ ތޫފާނެއް ފަދަ ވިއްސާރައިގެ އަސަރު ފިލާ ދިއުމާއެކު ހަނދުގެއަލި ބިމުގައި ރަސްކަން ކުރާން ފެށިއެވެ. އޭރު ވެސް އަލީ އަހްމަދާއި ވިސާމް އުންމީދާއި ޔަގީންކަމާއެކު އެދެމީހުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.

އަލީ އަހްމަދާއި ވިސާމް ސިއްސައިގެން ދިޔައީ ކޮންމެ ވެސް މީހަކު ވަރަށް ބާރަށް އެއޮޑިހަރުގޭގެ ދޮރުގައި ތަޅައިގަތް އަޑަށެވެ. ހައިރާންކަމާއި ހާސްކަމާއެކު ވިސާމް ބަލާލީ އަލީ އަހްމަދަށް ދިމާއަށެވެ. އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ އަލީ އަހްމަދު އޭނާގެ މަސައްކަތާއިގެން މަޝްޣޫލްވެ އިނީ އެކަން އެހެން ވާނެކަން އޭނާއަށް އެނގިގެން އިން ފަދައަކުންނެވެ.

ދޮރުގައި ތަޅަމުންދިޔަ މީހަކު އޭނާގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ. އެހެނަސް ކަހާތަން ހިރުވާލާހެން ވެސް ހިތަށް ނާރާ ފަދައަކުން އިނދެ އަލީ އަހްމަދު އޭނާގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. ވިސާމް އިނީ ކޮންމެވެސް ވަރަކަށް ހާސްވެ ނުތަނަވަސްވާގޮތް ވެފައެވެ.

މެންދަމުން އަލިވެ ތިނެއް ޖެހުމާއެކު އަލީ އަހްމަދު ބަލާލީ ވިސާމަށެވެ. އަދި ދޮރުހުޅުވުމަށް ބޮލުގެ އިސާރާތުން އަންގާލި އެވެ. ކޮންމެވެސް ވަރަކަށް ޖެހިލުންވެފައި ހުރެގެން ވިސާމް މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ.

އޮޑިހަރުގޭގެ ދޮރުހުޅުވާލުމާއެކު އެތެރަށް ވަނީ ނީނާ އެވެ. ތެމި ފޯވެފައިހުރި ނީނާ ފެނުމާއެކު ވިސާމްގެ ހުރިހާ ހިއްސެއް ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ވިސާމް ހުއްޓާ ނީނާ ވަދެގެން އައި ގޮތަށް އައިސް ހުއްޓުނީ ދުންކިބައާ ފަސްވަރަކަށް ފޫޓް ކައިރީގައެވެ.

އަލީ އަހްމަދު އިސާރާތްކުރި ފަދައިން އޮޑިހަރުގޭގެ ދޮރުލައްޕާ ތަޅުލުމަށްފަހު ވިސާމް އައިސް އަލީ އަހްމަދު ގާތުގައި އިށީނެވެ. އޭރު ވެސް އަލީ އަހްމަދު އޭނާގެ ކިޔެވެލި ހުއްޓާނުލާ ކުރިޔަށް ގެންދިޔައެވެ. ނީނާ އެތަނުގައި ހުރިގޮތަށް ހުއްޓެވެ. އަލީ އަހްމަދު އޭނާގެ ކިޔެވެލި ހުއްޓާލުމަށްފަހު ކޮޅަށް ތެދުވުމާއެކު ވިސާމް ވެސް ކޮޅަށް ތެދުވިއެވެ.

” ވިސާމް! ނީނާއާ އެއްވެސް ވާހަކައެއް ނުދައްކާ އޭނާ ގެންގޮސް ގެއަށް ލާފައި އައިސް ނިދާ. ކޮންމެސް ކޮންމެސް އެހެން މީހަކަށް ނުފެންނާތި. ކަންތައް ކުރާނީ އަހަރެން ބުނާގޮތަށް ކަންވެސް ހަނދާން ބަހައްޓާތި. ” ހަމައެކަނި ވިސާމަށް އަޑު އިވޭ ވަރަށް މަޑުމަޑުން އަލީ އަހްމަދު ވާހަކަދެއްކިއެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 3 )“

Leave a Reply

Your email address will not be published.