ލޯބީގެ

ކަޅިސް

ނިމުން

ނިއުސާ އާއި މާހިދުގެ ނަޒަރު އެކަކު އަނެކަކަށް އަމާޒުވެގެން ދިޔައީ އެވަގުތުއެވެ. އެއާއެކު ނިއުސާގެ ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.

ހިތާމަކޮށްކޮށް މިލާމޯޅިވެ ތާޒާކަން ކެނޑިފައިވާ އެމޫނާއި ހިކިއަނަރޫފަ ވެފައިވާ އެނިކަމެތި ހަށިގަނޑު ފެނުމުން މާހިދުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބޮޑުވަމުންއައި ބަނޑަށްވުރެ ބޮޑަށް ނިއުސާގެ މޫނުމަތިން އެހެންކަމެއް މާހިދަށް ފާހަގަކުރެވުނެވެ. އެއާއެކު އެކަން ޔަގީންކުރަން ވެސް މާހިދު ބޭނުންވިއެވެ. ކޮންމެ މީހަކު ކޮންމެގޮތަކަށް ވާހަކަދެއްކި ނަމަވެސް ނިއުސާއާމެދު އޭނާ ގޮތެއް ނިންމާނީ އެކަން ޔަގީންކުރުމަށްފަހުގަ އެވެ.

މާހިދު އެދެމުންދިޔަ އެދުމާއި އެއްގޮތަށް އޭނާގެ މައިންބަފައިން ކައިރިއަށް އެގެއަށް ދާން ނިއުސާ ދެކޮޅުހެދިއެވެ. އަބަދުގެ އަބަދަށް އޭނާ ދޫކޮށްލާ ރަށަށް ފޮނުވާލުމަށް އެދި ރޮއި އާދޭސް ކުރިއެވެ.

މާހިދަކީ ނިއުސާގެ ފިރިމީހާކަމާއި ވަރިނުކުރާހާ ހިނދަކު ނިއުސާގެ މައްޗަށް ހިނގާނީ މާހިދު އަމުރުކަން ނިއުސާއަށް މާހިދު ހަނދާންކޮށް ދިނެވެ. ބުނާގޮތަށް ކަންތައް ކުރުމަށް އަމުރު ވެސް ކުރިއެވެ.

ހިތާމައަކަށްފަހު ހިތާމައެކެވެ. ވޭނަކަށްފަހު ވޭނެކެވެ. އެންމެބޮޑަށް އެހީއަކަށް ބޭނުންވި ދުވަހު ނިކަމެތިކޮށް މަގު މައްޗަށް އެއްލާލި މީހުންކައިރިއަށް، ދެވަނަފަހަރަށް ނިއުސާ ދިޔައީ އެހެންގޮތެއް ނެތުމުންނެވެ. މާހިދު ބުނިފަދައިން ވަރިނުކުރާހާ ހިނދަކު ފިރިމީހާއަށް ކިޔަމަންވާން ޖެހޭތީއެވެ. މާހިދު އެދުނު އެދުމަކީ ނިއުސާއަށް ފުރުގަސްދެވެން އޮތް އެދުމަކަށް ނުވާތީ ވެސް މެއެވެ.

ދެވަނަފަހަރަށް މާހިދުމެން ގެއަށް ނިއުސާ އައި ނަމަވެސް ކޮޓަރިއަކުން ނުނިކުމެއެވެ. އަބަދު ވެސް އޮންނަނީ ކޮޓަރީގައެވެ. މާބޮޑުކެއުމެއް ބުއިމެއް ނޯވެއެވެ. ބަނޑުހައި ނުވެސް ވާކަހަލައެވެ.

އަބަދުހެން މާހިދު އުޅެނީ ގެއިން ބޭރުގައެވެ. އޮފީސް ނިމެއްޖެނަމަ ކޮންމެވެސް މުހިންމުކަމެއްގައި ބޭރަށް ދެއެވެ. ނުވަތަ ރައްޓެއްސަކާއިއެކު ކޮފީއަކަށް ދެއެވެ. މާހިދުގެ ޢަމަލުތައް އެހެން ހުރުމުން ނިއުސާގެ ކަންބޮޑުވުމާއި ހާސްވުން އިތުރުވެފައި ވެއެވެ.

ރާއްޖެއައުމާއެކު އިވުނު އަޑުގެ ސަބަބުން ކަމެއް، ނޫނީ އެހެންކަމެއް ދިމާވެގެންކަމެއް ނޭނގެއެވެ. ނިއުސާގެ ސަބަބުން ޔާނިހުއާ މާހިދުގެ މެދުގައި އުފެދުނު ގުޅުން ވެސް ކެނޑިގެން ހިނގައްޖެއެވެ.

ހެނދުނު ދިހައެއްޖަހާކަން ހާއިރެވެ. އޮފީހުގަ އުޅެފައި މާހިދު ކުއްލިއަކަށް ގެއަށް އައީ ކޮންމެވެސް މުހިންމު ލިޔުމެއް ހޯދަން ޖެހިގެންނެވެ. މާހިދު އައިސް ކޮޓަރިއަށް ވަތްއިރު ނިއުސާ ިއިނީ އެނދުމަތީގައި އިށީންދެލައިގެން ކޮންމެވެސް ކަމަކާއި ވިސްނަން ކަހަލަ ގޮތަކަށެވެ.

ރީތިވާސާމާނު ބަހައްޓާފައިހުރި މޭޒުމަތީގައި ބާއްވާފައިއޮތް ނިއުސާގެ ފޯނު ރިންގްވާން ފެށީ މާހިދު އައިސް އެމޭޒާއި ގާތްވި ވަގުތު އެވެ. އެވަގުތު ފޯނުގެ ޑިސްޕްލޭއިން ފެނުނު ނަން ” ކަޅިސް ” މާހިދުގެ ސަމާލުކަމަށްއައީ ކުއްލިއަކަށެވެ. އެއާއެކު ނިއުސާއާ ދިމާއަށް މާހިދު ބަލާލިއިރު ހިތާމައިގެ ތަސްވީރެއް ފަދައިން މާހިދަށް ބަލަހައްޓައިގެން ނިއުސާ އިނެވެ.

ފޯނަށް ޖަވާބުދިނުމުގެ ގޮތުން އެފިތަށް ފިތާލުމާއެކު ފޯނުސްޕީކަރަށް ލަމުން މާހިދު އަނެއްކާ ވެސް ބަލާލީ ނިއުސާ އަށެވެ. ކިތަންމެ ސިއްރުކޮށް އޮޅުވާލަން އުޅުނު ނަމަވެސް، އެބޮޑު ސިއްރު މިފަހަރު ފަޅާއަރާނެޔޭ މާހިދު ބުނެލި ކަހަލައެވެ.

” ކަލޭ ހަނދާން ކުރާތި. މިއީ އަހަރެން ކަލެޔަށްދޭ އެންމެފަހުގެ އިންޒާރު. އަހަރެންނޭ ކިޔައިގެން މާހިދު ގާތު އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ . . . ބުނޭ ޔާނިހު ދިން ލަނޑެކޭ. އަހަރެންނޭ ކިޔައިގެން އެންމެ ޖުމްލައެއް ބުނެލިޔަސް ހުރިހާ ފޮޓޯތައް ލީކުކޮށްލާނަން. ހަނދާން ކުރާތި. މަށަކާއި ނުބެހެވޭނެ. އޭރުން ދެން އިވޭ އަޑުތައް މާރީއްޗެއް ނުވާނެ. ކަލޭ ހިތުން މާމޮޅުތަކެއް ވާނެކަމަށްދޯ ގެއަށް ތިއައީ. ” ފިރިހެންވަންތަ ބަރު އަޑަކުން ނިއުސާއަށް އިންޒާރުދިނުމަށްފަހު، އެމީހާ ފޯނުކަނޑާލިއިރު ނިއުސާ ރޯލަރޯލާ އިނެވެ.

ނިއުސާގެ ފޯނަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު ހުރުމަށްފަހު، އެނދުމަތީގައި އިން ނިއުސާއާ ދިމާއަށް މާހިދު އައިއިރު ވެސް ނިއުސާ އިނީ އިސްޖަހައިގެން ރޯލަރޯލައެވެ. މަންޒަރު ބަދަލުވެގެން ދިޔައީ ނިއުސާ ހީކުރިގޮތަކަށް ނޫނެވެ.

މާހިދު އައިގޮތަށް އައިސް ނިއުސާގެ އަތުގައިހިފާ ކޮޅަށް ނަގަމުން ގާޔާއި ގާތްކޮށްލާ ބައްދާލިއެވެ. އޭނާގެ އަލަތުކައިވެނީގެ ފުރަތަމަރޭ ފަދައިން ނިއުސާއާ ލޯބިކޮށްލާ ހިތްހަމަޖައްސައިދިނެވެ.

ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށް މާދިހަށް ބަލަހައްޓައިގެން ހިލައިގެ ބުދެއް ފަދައިން ހުރުން ފިޔަވާ އެހެންކަމެއް ނިއުސާ ނުކުރެއެވެ. އޭނާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަ އޮހޮރުމަކަށް ހުއްޓުމެއް ވެސް ނާދެއެވެ.

އެތައްދުވަހަކަށްފަހު މާހިދުގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުމުގެ ސަބަބުން ނިއުސާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. މާހިދު ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން ދިރިއުޅުމުގެ އުންމީދު އަނެއްކާ ވެސް އާވާން ފެށިއެވެ. ޙަޤީޤަތް އޮޅުވާލާ އޭނާއާ ޔާނިހުއޭ ކިޔައިގެން ދައްކަމުންދާ ޙަޤީޤަތެއްނެތް ވާހަކަތައް ހާމަކޮށް އެއަނިޔާއާ ވޭނަށް ކުޑަނަމަވެސް ލުޔެއްލިބޭތޯ މަސައްކަތްކުރުމުގެ ހިތްވަރު މާހިދުގެ ސަބަބުން ނިއުސާއަށް ލިބިގެން ދިޔައެވެ.

ދުވަހަކު ވެސް އޭނާގެ ހަނދާނުން ފިލައިގެން ނުދާނެ އެރޭ ނިއުސާގެ ސިކުނޑީގައި މަޑުމަޑުން ކުރެހެމުން ދާން ފެށިއެވެ. ނިއުސާގެ އަނގައިން މާހިދުގެ ކަންފަތްދޮށުގައި އެއަޑު މަޑުމަޑުން ގުގުމަން ފެށިއެވެ.

އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު، ކޮފީއެއް ބޯލައިގެން ނިއުސާ ގެއަށް އައިއިރު ބާރަޖަހަން ކައިރި ވެއްޖެއެވެ. ނިއުސާ ގޯތިތެރެއަށް ވަދެގެން ގެއާއިދިމާއަށް އައިއިރު ގޯތިތެރޭ މާގަސްތައްކައިރިން މީހެއްގެ ހިލަމެއް ވީހެން ހީވި ނަމަވެސް އެކަމަކަށް އަޅައެއް ނުލައެވެ.

ނިއުސާއަށް ގޭތެރެއަށް ވަތްއިރު ގޭތެރޭގައި ރަސްކަން ކުރަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެ ހަމަހިމޭން ކަމާއި ފަޅުކަމަށް އިތުރު ފުރިހަމަކަމެއް ލިބެނީ ފެންޑާތެރޭ ދިއްލާފައިހުރި ރަތްކުލައިގެ ބޮކީގެ ފަނޑުއަލިކަމުގެ ސަބަބުންނެވެ.

ގޭތެރޭގައި ރަސްކަން ކުރަމުންދިޔަ ހަމަހިމޭކަމާއި ފަޅުކަމަށް އަދި ފަނޑުއަލިކަމަށް މާބޮޑު ސަމާލުކަމެއްނުދީ ނިއުސާ ދިޔަގޮތަށް ދިޔައީ ކާގެއަށެވެ.

ގަދަވަޔާއެކު ވިދާގުގުރާ ވާރޭވެހެމުންދިޔަ ވާރޭ ވެހުމަކަށް ހުއްޓުމެއް ނާދެއެވެ. ކަންފަތްބުޑުން ބަޑިއެއް ޖެހިގެން ހީވެގެންދިޔަ ގުގުރީގެ ބާރުއަޑާއެކު ނިއުސާ ދިޔައީ ސިއްސައިގެންނެވެ. ކޮޓަރިއާދިމާއަށް ދުއްވައިގަނެވުނީ ވެސް އެއްވެސް އިހްތިޔާރަކާއި ނުލައެވެ.

އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރުލައްޕަން އުޅުނުވަގުތު ނިއުސާ ދިޔައީ ސިއްސައިގެންނެވެ.

ނިއުސާގެ ފަހަތުން ކޮޓަރިތެރެއަށް ދެމިގަތްމީހާ، ވަރަށް ހުސިޔާރުކަމާއެކު ނިއުސާގެ އަނގަމަތީގައި އަތްއަޅާ އޭނާގެ ބާރުގެ ދަށަށް ނިއުސާ ގެނައީ އެފަދަކަމަކަށް ވިސްނާވެސް ނުލައި ހުއްޓައެވެ. ނިއުސާއަށް އެންމެ ފުރުސަތެއް ވެސް ނުދީ އެމީހާ ކޮޓަރީގެ ދޮރުލައްޕާ ތަޅުލިއެވެ.

ކުއްލިއަކަށް މިދިމާވި ކަންތަކާއެކު ނިއުސާގެ ލޯކުރިމަތީގައި ސިފަވެގެން ދިޔައީ ރޭގެ ހާދިސާއެވެ.

ބިރުން ތުރުތުރުއަޅާ ހާލުގައި ރޮވިރޮވި ހުރި ނިއުސާ ގެންގޮސް އެނދުމައްޗަށް ވައްޓާލަމުން ނިއުސާއާ ދިމާއަށް އެމީހާ ގުދުވި ވަގުތު އެމީހާގެ މޫނު ނިއުސާއަށް ފެނުނެވެ.

ބަނޑުހައިވެ ހާންތިވެފައިވާ ބުޅަލެއް މަސްގަނޑަކާއި ދިމާއަށް ބަލާލާފަދަ ދަހިވެތި ބެލުމަކުން ނިއުސާއާ ދިމާއަށް ބަލަމުން، ސައްތާރު ކޮށްލިހަރަކާތާއިއެކު ނިއުސާގެ ބުރުގާ ބޮލުންނެއްޓިގެން ސައްތާރުގެއަތަށް ދިޔައެވެ. ހަނގުރާމަވެރިއަކު އަމާޒުކޮށްލި ތީރެއް ފަދައިން ނިއުސާގެ ހެދުމުގެކަރުވަޅާއި ދިމާއަށް ސައްތާރުގެ ނަޒަރު އަމާޒު ކޮށްލުމާއެކު ނިއުސާގެ ކަންބޮޑުވުމާއި ހާސްކަން އިތުރުވެގެން ދިޔައެވެ. ރުއިމުގެ އަޑު ބާރުވެގެން ދިޔައިރު ގިސްލުމުގެ އަޑުވެސް ފާޅުވާން ފެށިއެވެ.

ނިއުސާ ރޮމުންދިޔަ ރުއިމަކަށް ކުރަމުންދިޔަ އާދޭހަކަށް، ގަދަހަދަމުންދިޔަ ގަދަހެދުމަކަށް ސައްތާރު ސަމާލުކަމެއް ނުދެއެވެ. އޭނާއަށް ލިބިފައިވާ އާރާއިބާރު ބޭނުންކޮށް ސިކުޑިއަށް ވެރިވެފައިވާ ސައިތާނީ ވަޙްޝީ ކަރުހިއްކުން ފިލުވައި ލެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ.

އޭނާއަކީ މިއަދު ސައްތާރުގެ ދަރިއެއްކަމާއި ސައްތާރުގެ އަންހެނުންނާއި އޭނާގެދަރިފުޅު މާހިދު ހަވާލުކޮށްފައިވާ އަމާނާތެއްކަން ސައްތާރަށް ހަނދާންކޮށްދިނެވެ. އޭނާއަށް އެހެން ނުހެދުމަށްއެދި ފައިސާގެ އަދަދުތައް ކަނޑައަޅަމުން ރޮމުން އާދޭސް ކުރަމުންދިޔަ ނިއުސާގެ އެރުއިމާއި އާދޭހުގެ ސަބަބުން އަދި އޭނާ ހުށަހަޅަމުންދިޔަ ފައިސާގެ އަދަދުތަކުން ވެސް ސައްތާރުގެ އެ ސައިތާނީ ސިކުނޑިއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.

ވެހެމުންދިޔަ ވާރޭ ފަހަރަކަށްވުރެ ފަހަރެއް ބޯކުރަމުންދިޔައިރު ޖަހާލާ ބާރުގުގުރީގެ އަޑާއެކު ކަންފަތްތައް ބީރު ވެގެން ހިނގައިދާނެހެން ހީވި އެތައްފަހަރެއް އައެވެ.

ޖާނުންބޮޑު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ސައްތާރުގެ ކުރިމަތީގައި ނިއުސާއަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާގެ ފުރިހަމަ ބާރުގެދަށަށް ނިއުސާ ގެނެސް އޭނާގެ ވަޙުޝީ ކަރުހިއްކުން ފިލުވާލިއެވެ. އެހެނަސް އެވަރަކުން ވެސް އޭނާއަކަށް ނުފުދުނެވެ. އަބަދުގެ އަބަދަށް ނިއުސާގެ އަނގަ ބަންދުކޮށްލުމަށްޓަކައި އެއްފިޔަވަޅު ކުރިޔަށް އެޅިއެވެ.

ކޮޓަރީގެ ހޮޅިބުރި ދިއްލާލަމުން ފޯނުގެ ލެންސް ނިއުސާއާ ދިމާއަށް ދިއްކޮށްލުމާއެކު، އެންމެ ކުޑަމިނުން އެކަމުން ނަމަވެސް ސަލާމަތްވެވޭތޯ ނިއުސާ ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. އެމަކަރުވެރި އަނިޔާވެރި އިންސާނާ ހުރީ އެކުޑަ ފުރުސަތު ވެސް ނިއުސާއަށް ނުދޭން ނިންމައިގެން ކަހަލައެވެ. އެހެންކަމުން އެކަމުގައި ވެސް އޭނާ ކާމިޔާބު ހޯދި އެވެ.

މުޅިމާލެއަށް ކުރިމަތިވެފައިވާ ކޮޅިގަނޑަށްވުރެ ބާރުގަދަކޮޅިގަނޑެއް ކުރިމަތިވެ ނިއުސާގެ އުންމީދުތަކާއި ހުވަފެންތައް ވިއްސިވިހާލިވެ ވެއްޔާއިމޮޑުވިގެން ދިޔައިރު، ހިރިލާން ވެސް ނުކެރިފައި ރޯލަރޯލާ އެނދުމަތީގައި އޮތުން ފިޔަވާ އެއްވެސް ކަމެއް ނިއުސާއަށް ނުކުރެވުނެވެ.

ނިއުސާދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަންދީގެން ނިއުސާއަށް ހިތްވަރުދިނުމުގައި ހުރި މާހިދު، ކުއްލިއަކަށް ނިއުސާ ދުރަށް ޖައްސާލަމުން ކޮޓަރިން ނުކުތީ ގޭގެ ދޮރުލެއްޕުނު އަޑަށެވެ. ކުއްލިއަކަށް މާހިދު ކޮޓަރިން ނުކުތްގޮތުން ހީވީ އޭނާ އިންތިޒާރުކުރަމުން ދިޔައީ އެވަގުތަށް ހެނެވެ.

ގޭތެރެއަށް ވަދެގެން އައި ސައްތާރަށް މާހިދު ފެނުމާއެކު ސިއްސައިގެން ދިޔައެވެ. އެއްވެސް އިހްތިޔާރަކާނުލައި ކުއްލިއަކަށް ކަހަލަގޮތަކަށް ފަހަތަށް ޖެހެލެވުނު ވެސް މެއެވެ.

” ނުބައިނުލަފާ ސައިތާނު. އަހަރެންގެ މަންމައާ އިނދެގެން އަހަރެންގެ ގޭގައި އުޅެމުން، އަހަރެންގެ މުދަލުން ކައިބޮއި ހަދަމުން، އަހަރެންގެ އަންހެނުންގެ ގަޔަށްއަރައި ފޮޓޯނަގާ ބުލެކްމެއިލްކޮށްގެން ތިޔައުޅެނީ ކަލެއަށް ކޮންއެއްޗެއް މަދުވެގެންތަ؟ ” ރުޅިވެރިކަމާއެކު ހަޅޭލަވައިގަންނަމުން މާހިދު އައިސް ސައްތާރުގެ ކަރުގައި ހިފިތާ މާގިނައިރެއް ނުވަނީސް ފެންޑާތެރެއަށް ވައްޓާލިއެވެ.

ރުޅިއައިސް ރަތްވެ ހެދޭނުހެދޭއެއް ނޭނގޭވަރު ވެފައިހުރި މާހިދު މައިތިރިކުރީ އޭނާގެމަންމަ އުނޭސާއެވެ. މާހިދު ދައްކަމުން ދިޔަ ވާހަކަތައް އުނޭސާއަކަށް ގަބޫލެއް ނުކުރެވުނެވެ. ސައްތާރެކޭ އެއްފަދައިން އުނޭސާ ވެސް ބުނަމުން ދިޔައީ ސައްތާރު ކުށެއްނުކުރާ ކަމަށާއި ނިއުސާ އޮޅުވާލަނީ ކަމަށެވެ. ނިއުސާ އެއުޅެނީ މާހިދުގެ ތަނަވަސްކަމުގެ ބޭނުމުގައި ކަމަށް ވެސް ބުނަމުން ދިޔައެވެ.

އަތްފައި އިސްނުކޮށް ކަންތައްތައް ކުރަންއޮންނަ މަގުން ކަންކުރުމަށް މާހިދަށް އުނޭސާ ނަސޭހަތް ދިނެވެ. އަދި މާހިދުގެ އަތުގައި ހިފާ ސައްތާރާއި ދުރަށް ގެންދިޔައެވެ.

ޕޮލިހުންގެ ބެލުމުގެދަށަށް ސައްތާރު ގެންދަން މަސައްކަތްކުރި ވަގުތު، ހަލާކުކޮށްލަން މަސައްކަތް ކުރަމުން ސައްތާރު އެއްލާލި މެމޮރީކާރޑުން ހުރިހާ ކަމެއް ފަޅާއަރައި ސައްތާރުގެ އަނގަބެދުނެވެ. ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ސައްތާރުގެ ކިބައިން ފެނުނު ހެއްކާއި ސައްތާރު އަމިއްލައަށް ވީ އިއުތިރާފުން، އޭނާގެ ކުށްގަބޫލުކުރެވި މާހިދާއި ނިއުސާގެ ކިބައިން އުނޭސާ މައާފަށް އެދުނެވެ. އަދި އޭނާއަށް ނިއުސާއާމެދު އެހެން ކަންތައް ކުރެވުނީ ސައްތާރު ދައްކަމުންދިޔަ ވާހަކަތައް ގަބޫލުކުރެވުމުން ކަމަށް ބުންޏެވެ.

ޔާނިހުގެ ބޮލުގައި އަޅުވައި އޭނާ ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ އެކުށުން ޔާނިހު ސަލާމަތްކުރަން ނިއުސާ ކުރި މަސައްކަތް ކާމިޔާބުވެ ސައްތާރު ޖަލަށްދާން ޖެހިއްޖެއެވެ. ކުއްލިއަކަށް ޔާނިހު އާއި ނިއުސާ ގުޅުންކަނޑާލީ ކީއްވެގެންކަން ވެސް ހާމަވެގެން ދިޔައީ އެވަގުތުއެވެ. ޔާނިހު ނުކުރާކުށަކަށް އަދަބު ލިބޭކަށް އެހުތުރުނަން ޔާނިހުގެ ބޮލުގައި އެޅޭކަށް ނިއުސާ ބޭނުމެއް ނުވިއެވެ.

= ނިމުނީ =

1
0
މިއީ " ކަޅިސް " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ކަޅިސް“

Leave a Reply

Your email address will not be published.