ލޯބީގެ

ކަޅިސް

ފުރަތަމަބައި

ނިއުސާގެ އަލަތުކައިވެންޏާއިއެކު ދިރިއުޅުން މާލެއަށް ބަދަލުކުރި ނަމަވެސް، އޭނާގެ ރަހުމަތްތެރިންނާއި އޮންނަ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިއެކޭ އެއްފަދައިން މިހާރު ވެސް އެބައިމީހުންނަކީ ނިއުސާގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. އޭނާގެ ފިރިމީހާ މާހިދު ފިޔަވާ އެހެންބަޔަކާއިއެކު ނިއުސާ އެންމެގިނައިން ވަގުތު ހޭދަކުރަން ބޭނުންވާ އަދި ހޭދަކުރާ ބަޔަކީ ވެސް އެބައިމީހުންނެވެ. ކޮންމެ ދުވަހެއްގެ އެތައް ވަގުތެއް ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު އެބައިމީހުން އެކުގައި ހޭދަކުރެއެވެ.
ނިއުސާގެ އަލަތުކައިވެންޏާއިއެކު މާލެއަށް ބަދަލުވިތާ މަހެއްހާ ދުވަސް ފަހުން، އޭނާގެ ރަހުމަތްތެރިންގެ ތެރޭގައި ހިމެނޭ ޔާނިހު ވެސް މާލެއަށް ބަދަލުވިއެވެ. ޔާނިހުއަކީ ނިއުސާގެ ރަހުމަތެރިންގެ ތެރެއިން އެމީހަކާއި ނިއުސާ އެންމެގިނައިން ވާހަކަދައްކާއުޅޭ ރަހުމަތްތެރިޔާއެވެ. އެދެމެދުގައިވާ ގާތްގުޅުމުގެ ސަބަބުން ރަށުގެ ބައެއްމީހުން ބުނާގޮތުންނަމަ އެދެމީހުންނަކީ ދެ ލޯބިވެރިންނެވެ. އެހެނަސް އެ ވާހަކަތަކަކަށް އެދެޒުވާނުން އަޅައެއް ނުލައެވެ.
ނިއުސާ އާއި ޔާނިހުއަކީ ދެލޯބިވެރިންކަމަށް ބުނަމުންއައި މީހުންގެ ބުނުންތަކަށް ކޮންމެވެސްވަރެއްގެ ހުއްޓުމެއް ނިއުސާގެ ކައިވެނީގެ ސަބަބުން އައި ނަމަވެސް، ބައެއްމީހުން އަދިވެސް އެވިސްނުން ދޫކޮށްނުލައެވެ. އެވާހަކަތައް ދެއްކުން ހުއްޓައެއް ނުލައެވެ.
މާހިދުގެ ޢާއިލާއަކީ މާލޭގައި ގެދޮރުހުރި އަތްމަތި ތަނަވަސް ޢާއިލާއަކަށް ވާތީ އަތުންފައިން މަސައްކަތެއް ނުކޮށް ދިރިއުޅުން ކުރިޔަށް ގެންދެވެން އޮތްނަމަވެސް، މާހިދުއެކޭ އެއްފަދައިން އޭނާ ވެސް ވަޒީފާއަކަށް ދާން ބޭނުން ކަމުގައި ނިއުސާ ބުނަމުންދިޔަ އެވެ.
ނިއުސާ އެކަނި މާއެކަނި އެގޮތަށް ގޭގައި އިންނަންޖެހެންޏާއި ފޫހިވާނެކަމާއި އެކަނިވެރިކަން އިހުސާސް ކުރެވޭނެކަން މާހިދަށް ވެސް ވިސްނެއެވެ. އެމީހަކަށްޓަކައި އޭނާގެ މުޅިދިރިއުޅުން ގުރުބާން ކުރަން ވެސް ތައްޔާރަށްހުރި ނިއުސާއަށް އެއްވެސް ހިތްދަތިކަމެއް ހިތާމައެއް ލިބުމަކީ އޭނާ ބޭނުންވާގޮތް ކަމަށް ނުވާތީ ނިއުސާއަށް ވަޒީފާއެއް ހޯދުމުގެ މަސައްކަތް ވެސް މާހިދު ކުރަމުން ދިޔައެވެ.
ޔާނިހު މާލެއަށް ބަދަލުވިކަން އެނގުމާއެކު ނިއުސާ އޭނާގެ ފިރިމީހާ މާހިދާއެކު ގޮސް ޔާނިހުއާ ބައްދަލު ކުރިއެވެ. އެދެމީހުން އެކަކު އަނެކަކަށް ތަޢާރަފްކޮށްދީ ދެމަފިރިންގެ ފަރާތުން ޔާނިހުއަށް ކެއުމެއް ވެސް ދިނެވެ. ނިއުސާގެ ގާތްރައްޓެހިންގެ ތެރެއިން އޭނާގެ ކައިވެނީގެ ހަފްލާގައި ބައިވެރިނުވެވުނު ހަމައެކަނި މީހަކީ ޔާނިހުއަށް ވާތީ އޭނާއަށް އެފުރުސަތުދިނުމަށް ނިއުސާ ވަނީ ކުރިން ވެސް ނިންމާފަ އެވެ.
ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައިރު ނިއުސާ އާއި ޔާނިހުގެ މެދުގައިވި ދުވަސްވީ ރަހުމަތްތެރިކަން ކުރިއެކޭ އެއްފަދަ ގުޅުމަކަށް ވެގެން ދިޔައެވެ. މާހިދު އާއި ޔާނިހުގެ މެދުގައި ވެސް ގާތް ރަހުމަތްތެރިކަމެއް އުފެދިގެން ދިޔައެވެ.
ޔާނިހު ވަޒީފާއަދާކުރަމުންދިޔަ އޮފީހުން ނިއުސާއަށް ވަޒީފާ ހަމަޖެހުން ވެގެންދިޔައީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށެވެ. މާލޭގެ މާހައުލަށް މުޅިންއައު ނޫންނަމަވެސް، އަލަށް ވަޒީފާއަކަށްދާއިރު އޭނާއަށް ކަންކަން ބުނެދީ އެހީތެރިވާނެ މީހަކު ހުރުމަކީ ކިހާމުހިންމުކަމެއްކަން އެނގޭނީ އެފަދަމީހަކަށް ކަމުގައި ނިއުސާއަށް އަބަދު ވެސް ގަބޫލުކުރެވެއެވެ. އޭނާއަށް ދިމާވާ ކޮންމެކަމެއްގައި އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދެމުންދާ ޔާނިހު މިކަމުގައި އޭނާއަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އޭނާއަށް ބޮޑެވެ.
ނިއުސާ ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަސް ވެސް ވެގެންދިޔައީ އޭނާ އުންމީދުކުރިފަދަ ދުވަހަކަށް ކަމަށްވުމުން އޭނާ ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.
ނިއުސާގެ އިތުރުން މާހިދުއާ ވެސް އުފެދުނު ގާތްކަމުގެ ސަބަބުން މާހިދުމެން ގެއަށް ވެސް ޔާނިހު އަންނާން ފެށިއެވެ. އެހެން އަންނަ އައުމުގައި ނިއުސާ އާއި ޔާނިހު ވާހަކަދައްކަން ތިބެނީ އެގޭ ގޯތިތެރޭގައި ހުންނަ ގޯލިފަތީގަ އާއި އެގޭގެ ފެންޑާތެރޭގައެވެ. މިފަދަ ބައެއް ބައްދަލުވުންތަކުގައި މާހިދު އެދެމީހުންނާއި ބައިވެރިވެއެވެ. ތިންމީހުން އެކުގައި ކޮފީއަށް ގޮސް ވެސް އުޅެއެވެ. މިހާރު އެ ތިންމީހުންނަކީ ވެސް ވަރަށްގާތް ތިންމީހުނެވެ.
ވަޒީފާއެއް އަދާކުރާނަމަ ބަރާބަރަށް ގަޑިއަށް އޮފީހަށް ދިއުމާއި އޮފީހުން އަންގާ އެންގުންތަކަށް ކިޔަމަން ވުމާއި އޮފީހުން ހަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަންތައްތައް ކަމުގައި މާހިދު އަބަދު ވެސް ގަބޫލުކުރެއެވެ. އޭނާއަށް ލިބެމުންދާ ކާމިޔާބާއި ކުރިއެރުމުގެ އަސްލަކީ އެއީ ކަމަށާއި ވަޒީފާއެއް އަދާކުރާނަމަ އެފަދައިން ކަންތައްކުރަމުން ދިއުމަށް ނިއުސާއަށް މާހިދު ނަސޭހަތްތެރިވެ ހިތްވަރުދެއެވެ.
ވަޒީފާގެ މައިދާނަށް ނުކުތް ފުރަތަމަ ފަހަރު ވެސް ފިރިމީހާގެ ފަރާތުން ލިބެމުންދާ ހިތްވަރާއި ނަސޭހަތުގެ ސަބަބުން ނިއުސާ ހުރީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ. އެންމެ ބަރާބަރަށް ވަޒީފާއަދާކުރަމުންދާ މުއައްޒަފަކަށް ވުމުގެ އުންމީދާއި އަޒުމުގަ ވެސް މެއެވެ.
ކޮންމެދުވަހަކު ވެސް މާހިދު އޮފީހަށް ދަނީ ނިއުސާ ގެންގޮސް އޭނާގެ އޮފީހަށް ލާފައެވެ. އެހެނަސް އޮފީހުގެ މަސައްކަތްތައް ހުންނަގޮތުން ބައެއް ދުވަސް ދުވަހު ނިއުސާ އޮފީސް ނިމޭގަޑީ މާހިދު އޮފީސް މަސައްކަތްތައް ނިމޭގޮތެއް ނުވެއެވެ. އެފަދަ ދުވަސް ދުވަހު ނިއުސާ ގެއަށް ގެންދަން އައުމަކީ މާހިދަށް ވާވަރުގެ ކަމަކަށް ނުވެއެވެ. އެހެންކަމުން އެފަދަ ދުވަސް ދުވަހު ޓެކްސީއެއްގައި ގެއަށް ދިއުމަށް ނިއުސާގާތު މާހިދު ބުނެއެވެ. ފިރިމީހާއަށް ހައްގު މަގާމްދިނުމަށް އަބަދުވެސް އިސްކަންދޭ ނިއުސާ އެކަން ބަލައިގަންނަނީ އުފަލާއި އެކުގައެވެ.
ނިއުސާ ގެއަށް ގެންދިއުމަށް މާހިދަށް ނާދެވެނީ ވަރަށްމަދު ދުވަހެއްގައި ކަމަށްވާތީ އާއި ގެއަށް ދިއުމަކީ ޔާނިހު ވެސް ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ އޭނާ ގެއަށް ދާއިރު ނިއުސާ ގެއަށް ގެންގޮސް ދިނުމަށް ނިއުސާ އާއި ޔާނިހު ވާހަކަދައްކާ އެއްބަސްވިއެވެ. އެފަދައިން ކަންތައް ކޮށްދިނުމަށް ޔާނިހު އެއްބަސްވުމުން މާހިދު ވެސް ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ. ތަކުރާރުކޮށް ޔާނިހަށް ޝުކުރުއަދާކުރި ވެސް އެވެ. ރަހުމަތްތެރިކަން އިތުރަށް ބަދަހިވެގެންދިޔަ ވެސް މެއެވެ.
މާހިދަށް އޮފީހުގެ ފަރާތުން ލިބުނު ކުރުމުއްދަތުގެ ތަމްރީނު ދަތުރެއްގައި ހަތަރު މަސްދުވަހަށް ރާއްޖޭން ބޭރަށް ދާން ފުރުސަތު ލިބުނީ ކުއްލިއަކަށެވެ. އަލަތު ކައިވެނީގެ ކުރީކޮޅު އަންހެނުންނާއި ވަކިން އެހާގިނަދުވަހު ހުންނަން ޖެހުމަކީ މާހިދަށް ކުރިމަތިވި ނުތަނަވަސްކަމަކަށް ވިއެވެ. ވަޒީފާއިން ކަނޑާލައިގެން އަންހެނުން ގޮވައިގެން ދިއުމަށް ވެސް ހިތަށް އެރިއެވެ.
ވަޒީފާއަކަށް ނުކުންނަންފެށިތާ އަދި މަހެއްހާ ދުވަސް ވެފައިވާ ނިއުސާ، އެހާ އަވަހަށް ވަޒީފާއިން ވަކިކޮށްލުމަކީ ރަނގަޅު ކަމެއް ނޫންކަން މާހިދަށް ފަހުން ވިސްނުނެވެ. އެކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކާއި ފަހުން ލިބިދާނެ ގެއްލުމަކާއި މެދުވެސް ވިސްނާ ލެވުނެވެ. ވަޒީފާއަކީ ހޯދަން އުނދަގޫ އަދި ލިބިއްޖެނަމަ ގެއްލެން އެހާ ފަސޭހައެއްޗެއްކަން މިހާރު އެންމެނަށް ވެސް އެނގެއެވެ.
ތަމްރީނުދަތުރުގައި ދިއުމާއިބެހޭގޮތުން މާހިދާއި ނިއުސާ ވާހަކަދައްކާ މަޝްވަރާކުރިއެވެ. މާހިދުގެ ވާހަކަތައް އަޑުއެހެމަށްފަހު ނިއުސާ އެދުނީ މާހިދު އެތަމްރީނުތަކުގައި ބައިވެރިވެ ތަމްރީނު ފުރިހަމަކުރުމަށް ދިއުމަށެވެ. މާހިދަށް ފުރިހަމަކާމިޔާބަށް އަބަދުވެސް އެދޭކަމަށާއި މާހިދަށް ލިބޭ ކޮންމެކާމިޔާބަކީ އޭނާއަށް ލިބޭ ކާމިޔާބެއް ކަމުގައި ނިއުސާ ބުންޏެވެ. އެފަދަ ތަމްރީނެއްގެ މުހިންމުކަމާއި ބޭނުންތެރިކަން ހަނދާން ކޮށްދީ ހިތްވަރާއި ނަސޭހަތްދިނެވެ. ނިއުސާ ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން އެތަމްރީނު ފުރިހަމަކުރުމަށް ރާއްޖޭން ބޭރަށް ދާން މާހިދު ނިންމިއެވެ.
ރޭގަނޑު ދިހައެއް ޖަހާކަން ހާއިރެވެ. ހެދިގޮނޑުދޮށް ސަރަހައްދުގައި ދެފަންގިފިލައަށް ވާގޮތަށް ހަދާފައިވާ ރެސްޓޯރެންޓް ތަކުގެ ތެރެއިން ރެސްޓޯރެންޓެއްގެ މަތީފަންގިފިލާގައިވާ ހުސްބައިގައި މާހިދުމެން ތިންމީހުން ތިބީ ކޮފީއެއް ބޯލާށެވެ. ކޮފީއަށް އިންސާފުކުރަމުން ދިޔައިރު ތިންމީހުންގެ މެދުގައި ކޮންމެވެސް މުހިންމު ވާހަކަތަކެއް ވެސް ދެކެވެމުން ދިޔައެވެ. ތިންމީހުން ވެސް ތިބީ އެވާހަކަތަކަށް ސަމާލުކަން ހުސްކޮށްލައިގެންނެވެ.
މާހިދު ފުރައިގެން ދިޔައިރު، ނިއުސާއަށް އަޅާލާ ރަނގަޅަށް ބެލުމަށް ބުނި ނަމަވެސް، އޭނާގެ މަންމަ އުނޭސާގެ ފަރާތުން ނިއުސާއަކަށް މާބޮޑު އަޅާލުމެއް އެހީތެރިކަމެއް ނުލިބެއެވެ. ކުރިއަކާއި މާބޮޑު ތަފާތެއް ވެސް ނުފެނެއެވެ.
އުނޭސާގެ ފަރާތުން އޭނާއަށް މާބޮޑު ސަމާލުކަމެއް އެހީތެރިކަމެއް އެއްބާރުލުމެއް ނުލިބުނު ނަމަވެސް ކުރިއެކޭ އެއްފަދައިން ނިއުސާއަށް ވަގުތުވާވަރަކުން އުނޭސާއަށް އެހީތެރިވެދީ ގޭތެރޭގައި ކަންކަމުގައި އުޅެމުން ދިޔައެވެ. އުނޭސާއަކީ މަޑުމައިތިރި ބަސްމަދު މީހަކަށްވާތީ އެކަމަކާ ނިއުސާ ނުވިސްނައެވެ.
މާހިދަށް ލިބުނު ތަމްރީނުދަތުރު ފުރިހަމަކުރުމަށްޓަކައި މާހިދު ފުރައިގެން ދިއުމުން ނިއުސާއަށް ވަރަށްބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށިއެވެ. އެކަމާދެރަވެ ހިތާމަ ކުރެވެން ވެސް ފެށިއެވެ. މާހިދާއި ކައިވެނި ކޮށްގެން ނިއުސާ މާލެއަށް ދިރިއުޅުން ބަދަލުކުރީ ވެސް އެމީހަކާއި ނުލައި އޭނާއަށް ނޫޅެވޭނެ އެނާގެ އަލަތު ލޯބިވެރިޔާ އަދި އަލަތު ފިރިމީހާ މާހިދުގާތުގައި އަބަދު ހުރުމަށްޓަކައެވެ. އެހެނަސް ކަންތައް މިދިމާވީ އެގޮތަށް ނޫންކަމުގައި ނިއުސާއަށް ގަބޫލުކުރެވެން ފެށިއެވެ. އެކަނިވެރިކަމާއި މާޔޫސްކަން އިހުސާސް ކުރެވޭ ކޮންމެފަހަރަކު ހިތާހިތާހިތުން މާހިދަށް ސަކުވާ ވެސް ކުރެވެން ފެށިއެވެ.
ދުވަސްތައް މާޒީއާއެކުވަމުން ދާވަރަކަށް ނިއުސާ ވެސް އޮފީހުގެ އެހެން މުއައްޒަފުންނާއި ގުޅުންބަދަހިވެ އޮފީސް މާހައުލަށް ހޭނެމުން ދިޔައެވެ. އެބައިމީހުންނާއެކު ވަގުތު ހޭދަކުރުމާއި އެކުގައި ކޮފީއަށް ގޮސް އުޅުނު ކަހަލަ ބައެއް ހަރަކާތްތަކުގައި ވެސް ބައިވެރިވާން ފެށިއެވެ. އެއާއެކު ނިއުސާގެ ހިތަށް ވެރިވަމުންދިޔަ އެކަނިވެރިކަމަށް ވަރަށްބޮޑު ލުޔެއް ވެސް ލިބިގެން ދިޔައެވެ.
ޔާނިހު އޭނާގެ އާދައިގެމަތިން އޮފީހަށް ދާއިރު ނިއުސާ އޮފީހަށް ގެންދިއުމާއި އޮފީހުން އަންނައިރު ނިއުސާ ގެއަށް ގެނެސް ދިނުމުގެ ދަތުރުތައް ކުރަމުން ދިޔައެވެ. ރަށުގައި އުޅުނު ދުވަސްތައް ފަދައިން ދެމީހުން އެކުގައި ކޮފީއަށާއި ކެއުމަށް ދިއުންފަދަ ބައެއްކަހަލަ ކަންތައްތައް ކުރަމުން ގެންދިޔައެވެ. ދެމީހުން އެކުގައި ހޭދަކުރާ އެފަދަ ކޮންމެވަގުތަކީ ރަށުގައި އެމީހުން އެކުގައި އުޅުނު ދުވަސްތައްފަދަ ހިތްގައިމު އުފާވެރި ދުވަސްތަކެއް ކަމުގައި ދެމީހުން ވެސް ދެކެއެވެ. ދެ މީހުންގެ ކިބައިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމެވެ.
ޔާނިހު އޭނާގެ އާދައިގެމަތިން މިހާރު ވެސް ނިއުސާ ކައިރިއަށް އެގެއަށް ގޮސް އުޅެއެވެ. ނިއުސާއަށް އަމިއްލައަށް ނުކުރެވޭ ބައެއްކަންތައްތައް ކޮށްލަދީ އެހީތެރިވެދީ ވެސް އުޅެއެވެ. އެގޮތުން ބައެއް ފަހަރު ނިއުސާގެ ކޮޓަރިއަށް ވެސް ޔާނިހު ވަދެއުޅެއެވެ.
ނިއުސާއަށްޓަކައި ޔާނިހު ކޮށްދެމުންދިޔަ ދަތުރުތައް، މަންޒަރު ފެންނަމުންދިޔަ ބައެއްމީހުންނަށް ހަޖަމު ކުރަން ދަތި ކަމަކަށް ވެގެންދިޔައެވެ. މީހެއްގެ އަންބަކަށް ވީ ނަމަވެސް ހިލޭ ފިރިހެނަކު އަންހެނަކަށްޓަކައި އެވަރުގެ ކަމެއް ހިލޭ ސާބަހަށް ނުކޮށްދޭނެ ކަމަށް ބުނެ ނިއުސާ އާއި ޔާނިހުގެ މެދުގައި ސިއްރުގުޅުންތަކެއް އޮންނަކަމަށް ވާހަކަ ދެކެވެން ވެސް ފެށިއެވެ. ތުހުމަތުގެ އިނގިލި ދިއްކުރެވެމުން ދިޔައީ ހީކުރިވަރަށްވުރެ ވެސް ގާތުންނެވެ.
ދެމީހުން ދެގައުމެއްގައި ތިބި ނަމަވެސް، މާހިދާއި ނިއުސާގެ މެދުގައިވާ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މާހިދަށް ވަގުތުވާވަރަކުން ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެދެމީހުން ދިޔައީ މުޢާމަލާތް ކުރަމުން ދިރިއުޅުން އުޖާލާކުރުމަށް ރޭވުންތައް ރާވަމުން ކުރެހެންތައް ކުރަހަމުންނެވެ. އެފަދަ ކޮންމެވަގުތެއް ހޭދަވެގެންދަނީ ދެމީހުންނަށް ނުހަނު އުފަލާއި ހިތްހަމަޖެހުން ލިއްބައިދެމުންނެވެ.
އިރުގެ ދައުރުވުމާއެކު ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސުނުއިރު ވެސް މާލޭގެ މަގުތަކުން ފެންނަމުން ދިޔަ ހަލަބޮލިކަމަށް މާބޮޑު ބަދަލެއް ނާދެއެވެ. ދުއްވާތަކެއްޗާއި މީހުން އެމީހުންގެ މަންޒިލްތަކާއިގެން މަގުތަކުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
އޮފީހުގެ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، އޮފީހުގައި ކުރަމުންދިޔަ މަސައްކަތްތަކުގައި އޮފީހުގެ އެހެންވެސް މުއައްޒަފުންނެކޭ އެއްފަދައިން ނިއުސާ އާއި ޔާނިހު ވެސް ބައިވެރިވިއެވެ. ހުރިހާ މުއައްޒަފުން ވެސް މަސައްކަތްކުރަމުން ދިޔައީ ނުހަނު ފޯރިއާ ހިތްވަރާއި އެކުގައެވެ.
ނުނިމޭ

1
0
މިއީ " ކަޅިސް " އަށް ހުށަހަޅާފައިވާ 3 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ކަޅިސް“

Leave a Reply

Your email address will not be published.