މަޖާ

އަލީގެ ރިހަތެލި

އެއްދުވަހެއްގެ މެންދުރުގެ ވަގުތެކެވެ. އަލީގެ މަންމަ އިނީ މެންދުރަށް ރިހަކައްކާށެވެ. އަލީއަކީ އާންމުކޮށް މަންމައަށް އަތްގާތްކޮށްދޭން ކައިރީގައި ހުންނަ ކުއްޖެއް ނޫނެވެ. އެހެންކަމުން އަލީއަށް މާބޮޑަށް ކެއްކުމުގެ ކަންތައްތަކެއް ނޭނގެއެވެ. ނަމަވެސް އެދުވަހު މަންމަ ކައްކަން އިނީ އަލީއަށް އެންމެ މީރު ކުޅިރިހައެވެ. އެހެންކަމުން އަލީ މަންމަކައިރީގައި ބަދިގޭގައި އެހީތެރިވެދީ އުޅުނެވެ. ކުއްލިއަކަށް އަލީގެ މަންމަ ތަނަކަށް ދާންޖެހިއްޖެއެވެ. މަންމަ އަލީ ކައިރީގައި ބުންޏެވެ.

” ދަރިފުޅާ.. މަންމަ ބޭރަށް ގޮސްލާފަ އަންނަންދެން މި ރިހަތެލި ބަލާލަދީބަލަ.. ”

އަލީ ހުރީ މަންމައަށް އެހީވެދެވޭތީ ވަރަށް އުފަލުންނެވެ. އެހެންކަމުން އަލީ އަވަހަށް އެއްބަސް ވެއްޖެއެވެ. އަލީ ބޭނުންވީ މަންމައަންނަންވާއިރަށް ވަރަށް މީރުކޮށް ރިހަކައްކާލާފައި ބަހައްޓާށެވެ.

އޭގެ އިރުކޮޅެއްފަހެވެ. ރިހަތެލި ބަލަބަލާހުއްޓާ ކެކެންފަށައިފިއެވެ. ކެކެމުންދިޔަވަރަކަށް ރިހަތެލިން ގަރު އަރަންފަށައިފިއެވެ. އަލީއަށް ހަނދާންވީ މަންމަ ގަރުދިޔަ ކައްކާއިރު ގަރުއެރީމައި ހަދާގޮތެވެ. މަންމަ ބުނެއެވެ. ގަރުނެގީމައި ގަރުދިޔަ ސާފުވެފައި މީރުވާނެއެވެ.

ބަލާކަށް ނުހުރެ އަލީ ބަދިގޭގައި ހުރި ތަށި ހަރުގަނޑުން އުނދުޅިއެއް ނަގައިގެން އައިސް ރިހަތެލިން ގަރު ނަގަން ފަށައިފިއެވެ. އަލީ ހިތަށް އެރިއެވެ. މަންމަ އަންނަންވާއިރަށް ވަރަށް މީރުކޮށް ކުޅިރިހަ ކައްކާލާނަމެވެ.

އޭގެ އިރުކޮޅެއް ފަހެވެ. އަލީގެ މަންމަ އައިއިރު ކަމަކުދާކަށް ނެތެވެ. ރިހަތެލީގެ ފުލުގައި އޮތީ ތިކެކެވެ. މަންމަ ވަރަށް ހައިރާންވެފައި އަލީގާތުގައި އެހިއެވެ.

“ދަރިފުޅާ.. މިރިހަ ތެއްޔަށް މިހިރީ ކިހިނެއްވެފަ..؟”

އަލީ ޖަވާބުދިނެވެ. “މަންމާ ރިހަތެލިން ގަރުއަރާތީ އަޅުގަނޑު ގަރުނެގީ.. ކިތަންމެ ވަރަކަށް ނެގިޔަސް ގަރުހަމަ އަރާވަރަކަށް އަރާ.. އެންމެ ފަހުން ވަރުބަލިވެގެން މިހުއްޓާލީ..”

-ނިމުނީ-

0
0
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

2 ކޮމެންޓް - ލިޔުން: ”އަލީގެ ރިހަތެލި“

    1. ހަހަހަ.. ޝުކުރިއްޔާ ޒީމާ. ޒީމާގެ ސަޕޯޓަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް މިކަމުގަ. 🙂

      0

      0

Leave a Reply

Your email address will not be published.