ހިތާމަ ލޯބީގެ

ލަސްވެއްޖެ ( 3 )

ހަމްދާން އަވަސް އަވަހަށް ގޮސް އެތަނުގައިވާ ގަސްތަކުގެ ވަށައިގެންނާއި އެތަނުގައި ހަރަކާތްތެރި ވަމުންދިޔަ މީހުންތަކަށް ބަލަން ފެށިއެވެ. އެތައްއިރަކު ހަމްދާން މަސައްކަތްކޮށް ވެސް މާސިތާއެއް ނުފެނުނެވެ. އެހެން ރޭރޭ ފަދައިން މިރޭ ވެސް ހަމްދާނަށް މާސިތާ ގެއްލުނީ އެވެ.

މާސިތާ ފެނޭތޯ އެތައްއިރަކު މަސައްކަތްކުރުމަށްފަހު ކާމިޔާބު ނުލިބުމުން ލިބުނު މާޔޫސްކަމުގައި ހަމްދާން މިސްރާބުޖެހީ އެއްގަމާއި ދިމާއަށެވެ. ހަމްދާން ނިންމައިގެންހުރީ ކުރީރޭތައް ފަދައިން ތަނެއްގައި އިށީނދެ މީހާ ހަމައަކަށް އެޅުމުން ގެއަށް ދާށެވެ.

ސިމެންތިން ހަދާފައިވާ ގޮނޑިއެއް ކަހަލަ ތަނެއްގައި އިށީންދެލައިގެން ޚިޔާލެއްގެތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް އިން ހަމްދާން ސިއްސައިގެން ދިޔައީ ކޮންމެ ވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ. ފުންމައިގެން ކަހަލަގޮތަކަށް ކޮޅަށް ތެދުވަމުން ހަމްދާނަށް ފަހަތް ބަލާލެވުނެވެ.

” މާސިތާ ……. ” ކުރިމަތީގައިހުރި މާސިތާ ފެނުމުން އެއްވެސް އިހްތިޔާރަކާއި ނުލައި ހަމްދާނަށް ބުނެވުނެވެ.

” އާން ……. ގުލްފާ ފުރައިގެން ދާއިރަށް އެހެން ބިޓެއް ހޯދަން އައިސްދޯ ތިޔަ އުޅެނީ ؟ ….. ” ހިނިތުންވުމާއި އެކުގައި ހަމްދާނާއި ދިމާއަށް ބަލަން ހުރެ މާސިތާ އަހާލި އެވެ.

” އުނހު …. ވަކި އެހެނެއް ނޫން. ފޫހިވާވަރުން ދެން އައިސްލީ. ކޮންބަޔަކާއެކު މާސިތާ އައިސް ތިޔަ އުޅެނީ ؟ ” މާސިތާއާ އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމުގައި ހަމްދާން އެހިއެވެ.

” ފޫހިވާވަރުން ރައްޓެހިންތަކަކާއިއެކު މޫދަށް އެރެން އައިސް މިއުޅެނީ. މިހެން އައިސް މޫދަށް އެރި ފަތާލާހަދާލީމަ ހާދަ ހިތްގައިމޭ. ” މާސިތާ ވާހަކަދެއްކީ އޭނައާއެކު އައި މީހުން ކޮބައިތޯ ހޯދާލަމުންނެވެ.

” އެހެންތަ ؟ ހިނގާދާން ކޮފީއެއް ބޯލަން. ކޮފީ ބޮއިގެން އައިސް ވެސް މޫދަށް އެރެވިދާނެ އެއްނު. ” އެސަރަހައްދުގައިވާ އޯޕަންއެއާރ ކެފޭތަކާއި ދިމާއަށް އިޝާރަތްކޮށްލަމުން މާސިތާއަށް ހަމްދާން ދަޢުވަތު ދިނެވެ.

” އާން …. ހިނގާ ދާން. މިކަހަލަ ފަހަރަކު ނޫނީ ހަމްދާންގެ އަތުން ކޮފީއެއް ނުލިބޭނެ ވިއްޔަ. ” ހަމްދާން ދެއްކި ދިމާއަށް ހިނގައިގަންނަމުން މާސިތާ ބުންޏެވެ. މާސިތާއާއެކު ހަމްދާން ވެސް އެދިމާއަށް ހިނގައިގަތެވެ.

ހަމްދާން ބޭނުންވި ފަދައިން މާސިތާއާ ވާހަކަ ދައްކާލެވޭގޮތް ވުމުން އޭނަ ހުރީ ވަރަށް ހިތްހަމަޖެހި އުންމީދު އާވާގޮތް ވެފައެވެ.

ކެފޭތެރޭގައި މީހުން ވަރަށް ގިނައެވެ. ލޯބިވެރިންގެ ޖޯޑުތަކާއި އެކުވެރިންގެ ގުރޫޕްތަކާއި ޢާއިލާތައް ވެސް ތިއްބެވެ. ތަފާތު ބާވަތް ބާވަތުގެ ކެއުންތަކާއި ބުއިންތަކަށް މީހުންތައް އިންސާފް ކުރަމުން ދިޔައެވެ. މޭޒުތައް ފުރިފައިވާތީ ހަމްދާންމެން ޖެހުނީ އިރުކޮޅަކު މަޑުކޮށްލާ ށެވެ.

މޭޒެއް ހުސްވުމުން ހަމްދާނާއި މާސިތާ އެތަނުގައި އިށީންދެ ކޮފީއަށް އޯޑަރުދިނެވެ. ކޮފީއަށް އޯޑަރުދިނުމަށްފަހު އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލި ނަމަވެސް ދެން ވެރިވެގެން ދިޔައީ ހަމަހިމޭންކަމާއި މަޑުމައިތިރި ކަމެވެ. އެކަކު ވެސް ވާހަކައެއް ނުދައްކަ އެވެ. ދައްކާނެ ވާހަކައަކާއި މެދުގައި ދެމީހުން ވެސް ވިސްނަނީ ކަންނޭނގެ އެވެ.

އެތައްއިރަކު އެތައްގޮތަކަށް ވިސްނުމަށްފަހު ހަމްދާން ވާހަކަދައްކާން ފެށިއެވެ. ހަމްދާން ވާހަކަދައްކަން ފެށުމުން މާސިތާ ވެސް ވާހަކަ ދައްކަން ފެށިއެވެ. ދެކެވެމުންދިޔަ ވާހަކަތަކުގެތެރޭގައި ދެމީހުންގެ ހަޔާތާއި ގުޅިފައިވާ އެތައް ވާހަކައަކާއި އެހެން ވެސް ބައެއް ވާހަކަ ދެކެވުނެވެ. މާސިތާގެ ވާހަކަތަކުން ހަމްދާނަށް އެންމެބޮޑަށް ފާހަގަކުރެވުނީ މާސިތާގެ ހަޔާތުގައި އަދި އެއްވެސް ފިރިހެނަކު ނުވާކަމާއި މާސިތާ ހުރީ ހުސްހަށިބަޔަށް ކަމެވެ. ހިތްއެދޭކަހަލަ ބައިވެރިއަކަށް އިންތިޒާރުކުރާ ކަމެވެ. ވާހަކަ ދައްކަމުން ދިޔައިރު ހަމްދާންގެ ކަޅި ގިނަވަގުތު އަމާޒުވެފައި ހުރީ މާސިތާގެ މޫނަށް ކަމަށްވާތީ މާސިތާގެ މޫނުން ހަމްދާނަށް އެތައްކަމެއް ފާހަގަކުރެވެމުން ދިޔައެވެ. އެގޮތުން ވެސް ހަމްދާނަށް އެންމެބޮޑަށް ފާހަގަކުރެވުނީ މާސިތާގެ މޫނުމަތީގެ ފުރިހަމަކަމާއި ޗާލުކަމެވެ. މާސިތާއާ ދިމާއަށް ހަމްދާން ބަލަމުންދާކަން މާސިތާއަށް އެނގުނު ނަމަވެސް އޭނާ އެކަމަށް ސަމާލުކަން ނުދިނީ ހަމްދާން އޭނާއާ ދިމާއަށް ބަލަން މާސިތާ ވެސް ބޭނުންވާތީ ކަންނޭންގެ އެވެ.

ގާތްގަނޑަކަށް ސާޅީހަކަށް މިނިޓްގެ ވާހަކަތައް ނިމުނުއިރު މާސިތާ އާއި ހަމްދާން ކޮފީބޮއި ވެސް ނިމިއްޖެ އެވެ. މާސިތާއާ އެކުގައި ހޭދަކުރެވުނު ވަގުތު މަދު ނަމަވެސް އެވަގުތުތަކުގެ ސަބަބުން ހަމްދާނަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. ހަމްދާންގެ ހިތް އެދިގޮވަމުން ދަނީ މާސިތާއާ އެކުގައި އަދިވެސް ވަގުތު ހޭދަކުރުމަށެވެ. އެވާހަކަތައް މާސިތާ ކައިރީ ދައްކާނެ ގޮތަކާއިމެދުގައި ހަމްދާން ވަރަށް ވިސްނި އެވެ.

އަދިވެސް މާސިތާއާ ބައްދަލުކުރަން ބޭނުން ވާހަކަ ހަމްދާން ބުނުމުން މާސިތާ ހިނިތުންވެލި އެވެ. އޭނާގެ މޫނުމަތިން  ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ހަމްދާން ބޭނުންވި ފަދައިން މާސިތާ ވެސް ހަމްދާނާއި ބައްދަލުކުރަން ބޭނުން ކަމަށާއި މާދަމާރޭ ވެސް މިތަނުން ބައްދަލުކުރާގޮތަށް ހަމަޖެއްސުމަށް ހަމްދާންގާތު މާސިތާ ބުންޏެވެ. މާސިތާ ދިން އެފުރުސަތުގެ ސަބަބުން ހަމްދާނަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ. އަވަސް އަވަހަށް މާސިތާއާ ދިމާއަށް ހިނިތުން ވެލަމުން ސުކުރު އަދާކުރިއެވެ. ހަމްދާނެކޭ އެއްފަދައިން މާސިތާގެ މޫނުމަތިން ވެސް ފާޅުވަމުން ދަނީ ހިނިތުންވުމުގެ އަސަރުތަކެވެ.

ހަމްދާން ބޭނުންވީ މާސިތާ ގެންގޮސް އޭނާގެ ގެއަށްލާފައި ހަމްދާން ގެއަށްދާން ނަމަވެސް މާސިތާ ބުނީ ހަމްދާން ގެއަށް ދިއުމަށެވެ. މާސިތާއާ އެކުގައި މޫދަށް އެރެން އައިސް އުޅޭ އޭނާގެ ރައްޓެހިންތައް އެތަނުގައި ތިބޭނެކަމަށާއި މާސިތާ ގެއަށްދާނީ އެމީހުންނާއި އެކުގައި ކަމަށެވެ.

ހަމްދާން އޭނާއާ މެދުގައި ބެހެއްޓި ގާތްކަމަށްޓަކައި ޝުކުރު އަދާކުރުމަށްފަހު ، މާދަމޭރޭ ވެސް ބައްދަލުކުރުމަށް އުންމީދު ކުރާކަން ހާމަކުރަމުން މާސިތާ ހިނގައިގަތުމުން ހަމްދާން ވެސް ހިނގައި ގަތެވެ. އިރުކޮޅުކޮޅުން މާސިތާއަށް ބަލަމުން ހަމްދާން ގޮސް އެސަރަހައްދުން ނުކުންނަމުން ފަހަތް ބަލާލިއިރު މާސިތާ ފެންނާކަށް ނެތެވެ.

ނިދާން އޮތްއިރު ވެސް ހަމްދާނަށް ވިސްނެމުން ދިޔައީ މާސިތާއާ މެދުގަ އެވެ. މާސިތާ އޭނާއާ މެދުގައި ބެހެއްޓި ގާތްކަމާއި ހަމްދާންއެކޭ އެއްފަދައިން އޭނާ ވެސް ހަމްދާނާއި ބައްދަލުކުރަން ބޭނުންކަމަށް ހާމަކުރުމަކީ ވެސް ހަމްދާންގެ ހިތުން ފިލައި ނުދާނޭ ކަމެކެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރުއަރައިފި އެވެ.

އޮފީހުގައި އިންއިރު ވެސް ހަމްދާނަށް ވިސްނެމުން ދިޔައީ ރޭގައި އޭނާއާ މާސިތާ އެކުގައި ހޭދަކުރި ވަގުތުތަކާއި އެދެމެދުގައި ދެކެވުނު ވާހަކަތަކާއި މެދުގައެވެ.

އިރުއޮއްސުމާއިއެކު މާސިތާއާ ބައްދަލުކުރުމަށްޓަކައި ހެދިގޮނޑުދޮށް ސަރަހައްދަށް ހަމްދާން ދިޔައެވެ. މިހާރަކަށް އައިސް ހަމްދާނަށް އެންމެބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބެނީ އެކަމުންކަމަށްވާތީ އޭނާ އެންމެބޮޑު އިސްކަމެއްދެނީ ވެސް އެކަމަށެވެ.

ކުރީރޭ ވެސް ހަމްދާނާއި މާސިތާ ބައްދަލުވި ސަރަހައްދުގައި މަޑުކޮށް ލައިގެން މާސިތާގެ އިންތިޒާރުގައި ހަމްދާން ހުއްޓެވެ. އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރި ވަމުންދިޔަ މީހުން ގިނަކަމުން މީހަކު ފާހަގަ ކުރުމަކީ ވެސް ވަރަށް އުނދަގޫކަމަކަށް ވިއެވެ. ހަމްދާން ނިންމައިގެންހުރީ މާސިތާއަށް އެސަރަހައްދަށް އާދެވުމުން ހަމްދާން ހޯދައިގެން އޭނަ ކައިރިއަށް އަންނާނެ ކަމަށެވެ. އެގޮތުން މާސިތާ ވެސް އެންމެ ފުރަތަމަ އަންނާނީ ރޭގައި އެދެމީހުން ބައްދަލުވިތަނަށް ކަމުގައި ހަމްދާން އަމިއްލައަށް ނިންމިއެވެ.

މާސިތާގެ  އިންތިޒާރު ގައި ހަމްދާން ހުންނަތާ މާގިނައިރެއް ނުވަނީސް ހަމްދާން ގާތަށް މާސިތާ އައިސްފި އެވެ.

ހަމްދާނަށް ހީކުރެވުނު ފަދައިން މާސިތާ ވެސް އެންމެ ފުރަތަމަ ބެލީ ރޭގައި އެދެމީހުން ބައްދަލުވިތަނެވެ. ރެއާއި ހިލާފަށް މިރޭ މާސިތާ ވަކިން ރީއްޗެވެ. އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްލައި މޭކަޕް ކޮށްލާފައިވާއިރު އޭނާގެ ރީތިކަމާއި ފުރިހަމަކަން އިތުރު ވެފައި ވެއެވެ.

މާސިތާ އާއި ހަމްދާން އެތަނުގައި ތިބެގެން ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ރޭގައި ވެސް ތިބި ހާމަހޮޓަލާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ބޭނުންވާތަކެއްޗަށް އޯޑަރު ދިނުމަށްފަހު ދެމީހުން ވެސް ތިބީ ވާހަކަދައްކާށެވެ. އޯޑަރު ދިނުމަށްފަހު ލިބުނު ވަގުތުގައި އެތައް ކަމަކާއި ބެހޭގޮތުން ވާހަކަދައްކައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރި އެވެ.

ގިނައިން ދެކެވުނީ އެދެމީހުންގެ އަމިއްލަ ދިރިއުޅުމާއިބެހޭ ވާހަކަތަކާއި ދިރިއުޅުމާއި ގުޅުންހުރި ވާހަކަތަކެވެ. ދެމީހުން ވެސް އެއްވެސް ކަމެއް ސިއްރު ކުރުމެއްނެތި ކަންކަން ހާމަކުރަމުން ގެންދިޔައެވެ.

ދެގަޑިއެއްހާއިރުގެ ވާހަކަތަކަށްފަހު ރޭގަނޑަށް ކައިގެން ހަމްދާނާއި މާސިތާ މިރޭގެ ބައްދަލުވުން ވެސް ނިންމާލި އެވެ.

އެކުގައި ވަގުތު ހޭދަކުރުމަށް ދެމީހުން ވެސް ބޭނުންވާތީ މިރެ އާއި ރެއެކޭ އެއްފަދައިން މާދަމާރޭ ވެސް ބައްދަލު ކުރުމަށް އެއްބަސްވެ ތަނާއިގަޑި ހަމަޖެއްސި އެވެ. ހަމްދާން ގެއަށް ދާއިރު މާސިތާ ގެންގޮސް ގެއަށްލުމަށް ހަމްދާން ހުށަހެޅި ނަމަވެސް މާސިތާ ބޭނުންވީ އޭނާގެ ރައްޓެހިންނާއި އެކުގައި ގެއަށް ދާށެވެ.

މާސިތާއާ ވާހަކަ ދައްކާލުމަށްފަހު ސަލާންކޮށްލާފައި ގެއަށް ދިއުމަށް ހަމްދާން މިސްރާބު ޖެހުމުން މާސިތާ ހިނގައިގަތީ ހެދިގޮނޑުދޮށް މޫދުސަރަހައްދާއި ދިމާއަށެވެ. މާދަމާރޭ ވެސް މާސިތާއާ ބައްދަލުކުރުމަށް އުންމީދުކުރަމުން އޭނާގެ ގެއަށް ދިއުމަށް ހަމްދާން މިސްރާބުޖެހި އެވެ.

ދުވަސްތައްމާޒީއާ އެކުވަމުން ދާވަރަކަށް މާސިތާ އާއި ހަމްދާންގެ މެދުގައިވާ އެކުވެރިކަން ބަދަހިވަމުން ތަރައްގީވަމުން ގޮސް ދެމީހުން ވެސް ބޭނުންވި ފަދައިން އެގުޅުން ލޯތްބަށް ބަދަލުވެގެން ދިޔައެވެ.

މާސިތާ އާއި ހަމްދާންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަކީ ދެމީހުން ވެސް ނުހަނު ހިތްހަމަޖެހޭ އަދި ގަޔާވާ ގުޅުމަކަށް ވިއެވެ. އެގުޅުން ތަރައްޤީކޮށް ކުރިއެރުވުމަށް މާސިތާ ކުރަމުންދާ މަސައްކަތް އަންގައިދެނީ ހަމްދާން ދެކެ އޭނަ ލޯބިވާވަރާއި އެގުޅުމަށް އޭނަ ސަމާލުކަންދޭ ވަރެވެ.

މާސިތާ އާއި ހަމްދާންގެ މެދުގައި އުފެދި ތަރައްޤީވާންފެށި ލޯބީގެގުޅުމާއިއެކު ގުލްފާ އާއި ހަމްދާންގެ މެދުގައިވާ ލޯބީގެގުޅުން ދުވަހަކަށްވުރެ ދުވަހެއް ދުރުވަމުން ދިޔައެވެ. ހަމްދާނަށް އަންނަމުންދިޔަ ބަދަލުތައް ގުލްފާއަށް ފާހަގަކުރެވެމުން ދާވަރަކަށް އެކަމާއިމެދު ވިސްނޭވަރު ވެސް ގިނަވަމުން ދިޔައެވެ. އެކަމާއި ބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކައި މަސްވަރާކޮށް ޚިޔާލު ބަދަލުކުރަމުން ދިޔައެވެ.

ހަމްދާނާއި އެކުގައި އުފަލާއި ހިތްހަމަޖެހުމާއިއެކު ދުނިޔެ އުމުރު ހޭދަކުރަން ގުލްފާ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ގުލްފާއާ އެކުގައި އުޅޭކަށް ހަމްދާން ބޭނުމެއް ނުވެއެވެ.

ކުރީގައި ގުލްފާދެކެ ހަމްދާން ކިތަންމެ ލޯބިވި ނަމަވެސް މާސިތާ އާއި ހަމްދާން ލޯބީގެގޮތުން ގުޅި މާސިތާގެ ފަރާތުން ހަމްދާނަށް ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ހަމްދާން ހުރީ މާސިތާއަށްޓަކައި ފުރާނަ ދޭން ވެސް ތައްޔާރަށެވެ. އެކަމުން ވެސް އަންގައި ދެނީ ހަމްދާނަށް މާސިތާ މުހިންމުވާވަރާއި ގުލްފާއަށްޓަކައި ހަމްދާންގެ ފަރާތުން ދެން ފުރުސަތެއްނެތް ކަމެވެ.

ގުލްފާ އާއި މާސިތާއަކީ ވަރަށް ތަފާތު ދެޒުވާނުން ނެވެ. ގުލްފާގެ ފަރާތުން ފެންނަމުންދިޔަ މާތްއަހުލާގާއި ރިވެތި އުޅުމަށް ވުރެ ބޮޑަށް ހަމްދާނަށް ކަމުދިޔައީ މާސިތާގެ ފަރާތުން ފެންނަމުންދިޔަ ޔޫރަޕްގެ ޒަމާނީ ގޮތްގަނޑެވެ. ގައިގޯޅިކަމާއި ފުރީކަމެވެ.

ގުލްފާއާ ހިލާފަށް މާސިތާ އަބަދު ވެސް ބޭނުންވަނީ ހަމްދާނާއި އެކުގައި ހޭދަކުރާ ވަގުތުތައް އޭނާއާ ހަމްދާން ފިޔަވާ އެހެން މީހަކަށް ނޭނގޭނެހެން ހޭދަކުރާށެވެ. އެހެން މީހުންގެ ލޯތަކަށް ސިއްރުން ބައްދަލު ކުރާށެވެ.

ދެމީހުން ވެސް ބޭނުންވާފަދައިން އެކަހެރި މިނިވަން މާހައުލް ތަކުގައި ބައްދަލުވުންތައް ބޭއްވެމުންދާތީ ދެމީހުން ވެސް ތިބެނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

މާސިތާ އާއި ހަމްދާންގެ ލޯބީގެގުޅުމަށް ފަނަރަވަރަކަށް ދުވަސްވީރު އެދެމެދުގައިވާ ލޯބީގެ ގުޅުމަކީ ދުވަހަކު ވެސް ވަކިނުވެވޭ ފަދަ ލޯބީގެ ގުޅުމަކަށް ވެއްޖެއެވެ.

މިހާރަށްވުރެ ވެސް ލޯބިވެތި ގައިގޯޅި އުފާވެރި ދުވަސްތަކެއް ހަމްދާނާއި އެކުގައި ހޭދަކުރަން ބޭނުންވާ ކަމަށާއި އެފަދަ ފުރުސަތަކަށް އެދިއެދި ހުރި ވާހަކަ ހަމްދާން ގާތުގައި ތަކުރާރުކޮށް މާސިތާ ބުނަމުން ދިޔައެވެ.

މާސިތާއެކޭ އެއްފަދައިން ހަމްދާން ވެސް ބޭނުން ވަނީ ދުނިޔެއުމުރު މާސިތާއާ އެކުގައި ހޭދަކުރަންކަމަށް ހަމްދާން ބުންޏެވެ. މާސިތާގެ ވާހަކަތަކާއި މެދުގައި ވިސްނަމުންދާ ކަމަށާއި އެކަމާއިމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ.

މާސިތާ އާއި ހަމްދާން އެދެމީހުންގެ އާދައިގެމަތިން ކުރިއެކޭ ވެސް އެއްފަދައިން އެދެމީހުންގެ އިސްޤީ މަސްތީ ލޯބީގެ ބައްދަލު ވުންތައް ބާއްވަމުން ދިޔައެވެ.

ހަމްދާންގެ ބޭބެގެ ކައިވެންޏާއިއެކު ހަމްދާންގެ ޢާއިލާ މާލެއަށް ބަދަލުވިއެވެ. ހަމްދާންގެ ބޭބެ ފާރިސްގެ އަންހެނުން ޒެއިބާ އަކީ މާލޭގައި ގެދޮރުހުރި ތަނަވަސް ޢާއިލާއެއްގެ މެންބަރަކަށް ވުމުން ހަމްދާންގެ މައިންބަފައިން ވަރަށް ހިތްހަމަ ޖެހުނެވެ.

ހަމްދާންގެ މަންމަ އައިސާ، ތަނަވަސްކަމަށްޓަކައި ފެން ބޮވައިގެންފައިވާ ފެން ބޮވައިގަތުމަކީ އޭނާގެ މަންމަގެ ފަރާތުން ހަމްދާނަށް ފާހަގަކުރެވުނު ހަމައެކަނި ނުރަނގަޅު ސިފައެވެ. އެހެން ކޮންމެރޮނގަކުން ބެލިޔަސް އެއީ ނަމޫނާ މައެއްކަމުގައި ހަމްދާން ގަބޫލް ކުރެއެވެ.

ހަމްދާން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭވާހަކަ އޭނާގެ މައިންބަފައިންނާއި ޢާއިލާމެންބަރުން ކައިރީ ބުންޏެވެ. ހަމްދާންގެ ކައިވެންޏަކީ އެއާއިލާގެ ގިނަމީހުން އެދިއެދި ތިބި ކައިވެންޏަކަށް ވާތީ އެންމެން ވެސް އުފަލާއިއެކުގައި އެކަމަށް މަރުހަބާ ކިޔެވެ. ކައިވެނީގެ ކުރިން ޢާއިލާގެ މީހުންނާއި މާސިތާ ބައްދަލުކުރުވަން ޖެހޭނެކަމަށް ވެސް ބައެއް މެންބަރުން ބުނަމުން ދިޔައެވެ.

ޢާއިލާގެ މެންބަރުންގެ އެދުމުގެމަތިން މިހަފްތާ ނިމުމުގެ ކުރިން ކޮންމެ ވެސް ރެއަކު އެގެއަށް މާސިތާ ގެނައުމަށް ހަމްދާން އެއްބަސް ވިއެވެ.

ރޭގަނޑު ދިހައެއްޖަހާކަން ހާއިރެވެ. މާސިތާ އާއި ހަމްދާން އެދެމީހުންގެ އާދައިގެމަތިން ހުޅުމާލެއަށް ގޮސް ބައްދަލުވުން ނިންމާލުމަށްފަހު މާލެއައުމަށް ދަތުރުކުރަމުން ދިޔައެވެ. އޭރު ވެސް އެދެމެދުގައި ސިއްރު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.

ނުނިމޭ

0
0
މިއީ " ލަސްވެއްޖެ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 3 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”ލަސްވެއްޖެ ( 3 )“

Leave a Reply

Your email address will not be published.