މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [2]

“އަހަރެން ކަހަލަ ރީތި މީހަކު ހުވަފެނުންވެސް ހަޑި ކުއްޖަކު ބަލާނެތަ؟” ވަރަށް ވެލާފައި އަހަރެންވެސް އަޔާން އަށް ރައްދުދިނީމެވެ. އެކަހަލަ ގޮތަކަށް މަޖާ އަނގަތެޅުމުގައި ތިއްބާ ގެއަށް އާދެވިއްޖެއެވެ. ރާއްޖެތެރެއާ ބަލާފައި ފެންވަރު ރަނގަޅު ގެއެކެވެ. ގެރާނާފައި ވާގޮތުން ގޯތި ބޮޑުކަމަށް ދައްކައެވެ. ގޯތިތެރޭގެ ހުސް ބައިގައި ގައު އަތުރާފައިވެއެވެ. ހިޔަވަރުގެ ފެންޑާކޮޅެއްވެސް ޖޯލިފަތި ބަހައްޓާފައި ހުއްޓެވެ. އެނތެރެއަށް ވަންނަމުން އައިޝާ ދައްތަ ކޮޓަރި ދެއްކިއެވެ. ބޮޑުނޫނަސް ހިޔަވަރު ވަރެއްގެ ސިޓިންރޫމް ކޮޅަކަށް ނިކުމެވޭ ގޮތަށް ހުރި ކޮޓަރިއެކެވެ. ކޮޓަރި ހުޅުވާލުމާއިއެކު އަހަރުމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް އަނގަހުޅުވާލެވުނީ ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ. އޭރު ރަނާ އާއި ރިޔާ އަހަރެމެންގެ ފަހަތުގައި ޖައްސާފައި ތިބެގެން ހެނީއެވެ.

މުޅި ކޮޓަރި ވަނީ ރަތްފިނިފެން މަލުގެ ފިޔައިން ޖަރީ ކޮށްލައިފައެވެ. ހީވަނީ އަލަތު ކައިވެނީގެ ރެއަށް ހަނީ މޫން އަކަށް ތައްޔާރުކޮށްފައި އޮތް ހެނެވެ. އޭރު އަޔާން އާއި ޒާނިޝް ހިނިގަނޑު މަތަކުރަމުން އެނތެރެއަށް ފޮށިތައް ވައްދަނީއެވެ.

“އައިޝާ ދައްތާ. ހާދަ ވަރަކަށް ރީތިކޮށްލާފަ މިއޮތީ. ” އަހަރެންނަށް ނުހުރެވިގެން އަހައިލީމެވެ.

“އާނ ތި މި ރިޔާޝާ އާއި ރަނާގެ ކަންތައް.ދަރިފުޅުމެން އަންނަންވާއިރަށް ކޮޓަރި ރީތިކޮށްލާށޭ ބުނީމަ ހަދާލި ވަރު ތިއީ. ” އައިޝާ ދައްތަ ހެވިފައި ހުރެގެން ކިޔާލާފައި ނިކުމެގެން ދިޔައީއެވެ. ތިން މީހުން ޝެއަރ ކުރަން ޖެހެނީ ބޮޑު އެއް އެނދެކެވެ. ކުޑަ ދެ އެނދު ޖައްސާފައި ހުރިކަން ބަލާލުމުންވެސް އެނގެއެވެ.

“އެވްރި ނައިޓް އިން މައި ޑްރީމްސް. އައި ސީ ޔޫ. އައި ފީލް ޔޫ. ” އަޔާން ފިނިފެންމާ ފިޔަތައް އަހަރެމެންނާ އި ދިމާލަށް އުކަމުން ލޯ ކުޑަކޮށް މުޅި ގައިގައި އަތް ހާކަމުން ވައްތަރު ތަކެއް ޖައްސަން ފެށިއެވެ. އަހަރެމެންނަކަށް ވެސް ނުތިބެވުނެވެ. ހީނ ހީނފައި ސަކަރާތް ޖެހީއެވެ. އިރުކޮޅަކުން ދޮރުގައި ޓަކި ޖަހާލި އަޑަށް އަހަރެން ދޮރު ހުޅުވާލީމެވެ. އެއީ ރަނާ އެވެ. ރަނާއަކީ އައިޝާ ދައްތަގެ ހަގު އަންހެން ދަރިފުޅެވެ. ސަތާރަ، އަށާރަ ވަރަކަށް އަހަރު ވާނެކަން ޔަގީނެވެ.

“މަންމަ ބުނީ ސައިބޯން އަންނާށޯ. “އިސްދަށަށް ޖަހާލައިގެން ހުރެ މަޑުމަޑުން ތުން ތަޅުވާލުމަށްފަހު ނޭނބުރެވިގެން އުޅެނިކޮށް ފަހަތުން އައި ފިނިފެންމަލެއް ރަނާގައިގައި ޖެހިފައި އަތުތެރެއަށް ވެއްޓުނެވެ. ފަސް އެނބުރި ބަލައިލި އިރު އަޔާން ބޯއަރިކޮށްލާފައި އަތުން ބޮލުގައި ފިރުމާލަނީ ސަޅި ޕޯސްއެއްގައި ހުރެގެންނެވެ.

“ދެޓްސް ފޯރ ޔޫ. ” އަޔާންގެ ޖުމްލަޔާއެކު ރަނާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔަތަން އަހަރެން ދުށީމެވެ. ލަދުރަކި ހިނިތުން ވުމަކާއިއެކު މާހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ދޮރުމަތިން ހިނގައްޖެއެވެ. އޭރު ސިޓިންރޫމް ތެރޭ ތަންކޮޅެއް ބަދިގެއާ ވީ ފަރާތުގައި ދެތިން އަންހެން ކުދިން ތިބެގެން ހީނ ހީނފައި ރަނާ އާއި ދިމާކުރަމުން ދިޔައެވެ. އަހަރެން ދޮރުލައްޕާފައި އަޔާން އަށް ލޯއަޅައި ލީމެވެ. މިހާ އަވަހަށް އައިޝާ ދައްތަގެ ދެކުދިންނަށް މިދެމީހުންގެ ލޯ އަމާޒުވީއެވެ. ދެން މިގެއިން ނެރެ އެއްލާ ލާނެ އިރަކަށް އިންތިޒާރު ކުރަން ވީއެވެ.

އަހަރުމެން ކުޑަކޮށް ފްރެޝް ވެލައިގެން ކާގެއަށް ދިޔައީމެވެ. އޭރު އައިޝާ ދައްތައާއި ރަނާ އަދި ރިޔާ މޭޒުމަތީގައި ތަށިތައް އަތުރަމުން ދިޔައެވެ. ކާގެއަށް ވަތްއިރަށް އަރައިގަތް މީރުވަހުން ބަނޑު ފުރުނު ކަހަލައެވެ. މަސްހުންޏާ ރޮއްޓާ އެއީ އަހަރެންގެ ފޭވްރިޓް ޑިޝް އެވެ.

“ދަރިފުޅުމެން ކަމެއް ބޭނުން ވެއްޖިއްޔާ ރިޔާ ނޫނީ ރަނާ ކައިރީ ބުނެލާ އިނގޭ. ދައްތަ މިދަނީ އެފަރާތަށް” އެހެން ބުނެފައި އައިޝާ ދައްތަ ދިޔައީއެވެ. އެވަގުތު އަހަރެންނަށް ޖެހިގެން ހުރި ގޮނޑީގައި އިން ޒާނިޝް އަތަށް ރޮއްޓެއް ބޮނޑިކޮށްލި ތަން ފެނުނެވެ. އޭރު ލާނެތް ހިނިތުންވުމަކާއެކު ކާމޭޒާ ތަންކޮޅެއް ދުރުގައި ހުރި މޭޒުކައިރީ ޖޯޑުތަކަށް ސައިއަޅަން ހުރި ރިޔާ އަށް ބަލަން ހުއްޓެވެ. އަހަރެންނަށް ބޯ ހޫރުވާލެވުނީ ކުރަން އުޅޭކަމެއް ނަގައިގަނެވުނީމައެވެ. އޭރު މާލަސް ވެއްޖެއެވެ. އަތްދަމާފައި އެއްލި ރޮށި ރިޔާގެ ކަޅުކުލަގަދަ ފަން އިސްތަށިގަނޑުގެ މަތީގައި ފެތުރިފައި އޮތެވެ. އަހަރުމެންނަށް ހިނިގަނޑު ހިފަހައްޓައި ލެވުނީ ހަމަކިރިޔާއެވެ. ރިޔާ ވަގުތުން ކުޑަކޮށް އެނބުރިލާފައި ބަލައިލިއެވެ. ޒާނިޝް ލޮލެއް މަރައިލިމުން ރިޔާއަށްވެސް ވީ ރަނާއަށް ވީކަހަލަގެ ގޮތެކެވެ. އަހަރުމެން ކަމުން ގެންދިޔައީމެވެ. ރިޔާ އަހަރުމެންނަށް ތަށިތައްޓަށް ފެން އަޅަމުން މޭޒު ވަށައިގެން ދިޔައެވެ. އަހަރެންގެ ފަހަތަށް ހުއްޓި ހުރެ ތައްޓަށް ފެން އަޅާލުމަށްފަހު އެޖަގުގެ ބާކީ ހުރިބައި ޒާނިޝް ގެ ބޮލަށް އަޅައިލީ އަހަރެން ބަލަބަލާ ހުއްޓައެވެ. އެހަމަލާ އަންނަކަން ނޭނގުނީ ޒާނިޝް އަށް އެކަންޏެވެ. އަހަރުމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެއާއިއެކު ރިޔާ ފަހަތް ބަލަމުން ދުވެފައި ގޮސް ކާގެއިން ނިކުމެގެން ހިނގައްޖެއެވެ. ރިޔާގެ ކެރޭކަން ފެނިފައި ޒާނިޝް ހުރީ އަނގަ ހުޅުވިފައެވެ. ވަގުތުން ރިޔާ ފަހަތުން ދުއްވައިގަންނަށް ތެދުވި ތަނާ އަހަންމަދުބެ ވަދެގެން އަންނަތަން ފެނުމުން އަނެއްކާވެސް އިށީނީއެވެ.

“ކިހިނެއްވެފަ އެކޮއެ ތިހުރީ. ” ޒާނިޝް ތެމިފައި އިނުމުން އަހައިލިއެވެ. އަހަރެމެންމަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.

“އެއީ މިރަށް ހޫނުކަމުން ހަމަ ފިނިކޮށްލަންވެގެން ބޯ ތެންމާލީ. ” ގަދަކަމުން ހިނިތުންވެލަމުން ޒާނިޝް އަހަންމަދުބެޔަށް ޖަވާބު ދިންއިރު އަހަރުމެންނަށް ތިބެވުނީ ހިނިގަނޑު ފިއްތައިގެންނެވެ.

ހެނދުނުގެ ސައި ނިންމާލެވުނީ އަހަންމަދު ބެއާއިއެއްކޮށް އިރާދަމު މަސްބާނަންދާން މަސްދަތުރެއްވެސް ރޭވި ނިމިގެނެވެ. އެއީ އަހަރެން ދުވަހަކުވެސް ކުރިކަމެއް ނޫނެވެ. ނަމަވެސް މަހެއް ގަނެފިއްޔާ ކަންވާރަށް ދަމާ ގެނެސް ދޯނިތެރެއަށް ލާން އަހަރެންނަށްވެސް އެނގޭނެތާއެވެ. ސައިބޮއެ ނިމިގެން އަހަރެން އަވަހަށް ދޮންބެއަށާއި މަންމަ އަށް ގުޅާފައި ޚަބަރު ދިނީމެވެ. މަންމަވެސް ހުރީ ވަރަށް އަންނަހިތުންނެވެ.

މެންދުރުގެ ކެއުމަށްފަހު އަހަރެމެން ތިބީ ގޭގެ ސިޓިންރޫމް ސޯފާގައި އަރާމުކޮށްލާށެވެ. ސްޓާރ މޫވީސް އިން އަންނަ ވަރުގަދަ އިނގިރޭސި ފިލްމަކަށް ގެއްލިފައި އަޔާން އާއި ޒާނިޝް ތިބިއިރު އަހަރެންގެ ޚިޔާލު ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ހަމަ އެންމެ ފެނިލުމަކާއިއެކު އަހަރެންގެ ހިތުގައި ޖަހަމުންދިޔަ ވިންދުގެ މިސްރާބު ބަދަލުކޮށްލި އަހަރެންގެ ހުވަފެނުގެ ރާނީ ގެ ޚިޔާލުގެ ދުނިޔޭގައެވެ. އެސޫރަ ދެކިލަންއެދި ހިތް ގޮވަމުންދާއިރު އިޖާބަނުދީ އޮތުން ވެފައިއޮތީ ކެތްކުރަންދަތި ވޭނަކަށެވެ. އަހަރެންގެ ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބެއެވެ.

“އިސްތިރިކުރަން ބޭނުން އެއްޗެއް އޮތިއްޔާ ގެނެސްދީ . މިއުޅެނީ އިސްތިރިކުރަން. ” ރަނާގެ އަޑަށް އަހަރުމެން ތިން މީހުންނަށް ބަލައިލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އިސްޖަހާލައިގެން ހުރިއިރުވެސް ހީވަނީ ލަދުން ވިރިވިރި ހުރިހެނެވެ. ރަނާގެ ލަދުރަކި ކަމާއިއެކު ރަނާގެ ރީތިކަން ބަބުޅަމުންދާއިރު ވަރަށް ފުރިހަމައެވެ.

އަހަރެންނާއި ޒާނިޝް އަވަހަށް ކޮޓަރިއަށްވަދެ އިސްތިރިކުރަން ވީ އެއްޗިހި ގެންނަން އަވަސްވެގަތީމެވެ. އަޔާންބެލީ އެވަގުތުގެ ބޭނުން ހިފާލާށެވެ. ދެކޮޅު ބަލާފައި މަޑުމަޑުން ތެދުވެގެން ގޮސް ރަނާއާއި ކައިރިވާންފެށިއެވެ. ރަނާ ހަދާނެގޮތެއް ނޭނގިފައި ހުރިއިރު ހަރަކާތެއް ވެސް ކުރަން ނޭނގިފައި ހުރިހެން ހީވިއެވެ. އަޔާންގެ ކަތި ނަޒަރުން ރަނާގެ ހިތް ފޮތިކުރަން ފެށުމުން ދެލޯމަރާ ތަގުޅިކޮށްލިއެވެ. އަޔާން ކައިރިވެލީ އޭނާގެ ހޫނު ނޭވާ ރަނާގެ މޫނަށް އެޅޭ ވަރަށެވެ. އޭރު އެ ރީތި މޫނުމަތިން ވިދަމުންދިޔަ ދާތިކިތައް ވަރަށް ރަނގަޅަށް ފެންނަސް ހުއްޓެވެ.

“ޔޫ ލުކް ބިއުޓިފުލް. ” ކަންފަތް ދޮށަށް ކައިރިވެލާފައި އަޔާން ސިއްރު ސިއްރުން ބުނެފައި އެނބުރި ކޮޓަރިއަށް ވަނެވެ. ރަނާ ލޯހުޅުވައިލިއިރު ކުރިމަތިން މީހަކު ފެންނާކަށް ނެތެވެ. އަޔާންގެ ކޮންމެ ހަރަކާތެއް ރަނާގެ ޙިއްސުތަކާއި ކުޅެލައެވެ. ރަނާއަށް އިޙްސާސްކުރެވުނީ މީގެކުރިން އިޙްސާސްކުރެވިފައި ނުވާފަދަ ފޮނި މީރު ކަމެކެވެ. އެއާއިއެކު ރަނާގެ ތުންފަތާއި ރަކި ހިނިތުންވުމެއް ކުލެވިގެންދިޔއެވެ.

“އައްދެ. ރަނާ. ހާދަ ހެވިފަ. އަޔާން ގިލި ގިލި ކޮށްޓީތަ. ” އަހަރެން ޖިންސް އަކާއި ޓީޝާޓެއް ދިއްކޯށްލަމުން ދިމާކޮށްލީމެވެ.

“އާން ކިޔާއެއްޗިއްސާ މާބޮޑަށް ނުވާތި ކުޑަކޮށް. ވާނެ. ” ޝަހާދަތް އިނގިލިން ބޮލުގެ އެއްފަރާތަކަށް ވާނޭހެން ބުރެއް އަޅާލަމުން ޒާހިން ދިމާކޮށްލިއެވެ.

“ހޭ ކޮބާ ރިޔާ. ” އެއްޗެއް ހަނދާންވެގެން އަހާހެން އަނެއްކާވެސް ޒާނިޝް ރަނާ ކައިރީ އަހައިލިއެވެ.

“ދޮންތަ އެއްޗިހި ދޮންނަނީ. އިރުކޮޅަކުން އަންނާނެ ދޮންނަ އެއްޗިހި ބަލާ. ” ޒާނިޝްއާއި ދިމާލަށް ބައިދަނޑިއަށް ހެވިފައި ބަލައިގޮތުން ހީވަނީ ޒާނިޝް ބަލާއަންނަ ވާހަކަ ބުނިހެނެވެ. އަޔާން އެއްޗިހި ގެނައުމުން ރަނާ ބާރުބާރަށް ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެއްޖެއެވެ.

“ކަމް އޯން. ތި ދެމީހުން ރޮމޭންސް ކުރާއިރު އަހަރެން ހުންނަން މިޖެހެނީ ޖެލަސް ވެފަ ބަލަން. މައި ގާލް އިޒް ސަމްވެއަރ އައި ޑޯންޓް އިވެން ނޯ. ޕްލީޒް ހެލްޕްމީ އައުޓް. ކިހިނެއްތަ އަހަރެން ހަދަންވީ. ؟” އަހަރެންނަށް އެންމެފަހުން ނުހުރެވިގެން ބުނެލީމެވެ.

“އައި ހެވް އެން އައިޑިއާ. ހިނގާ ކުޑަކޮށް ނިކުމެލާ އެގޭދޮށުން ބުރެއްޖަހާލަން. ފަހަރެއްގަ ފެނިވެސްދާނެއެއްނު. ” ޒާނިޝްގެ ވާހަކައަށް އަހަރެންނަށް ވަރަށް ތާއީދު ކުރެވުނެވެ. އެހެންކަމުން ރަނާ އެއްޗިހި އިސްތިރިކޮށްގެން ގެނައުމުން ފެންވަރާ ރީތިވެލައިގެން އަހަރެމެން ހިނގާލަން ނިކުންނަން ތައްޔާރުވީމެވެ. ވިލުނޫ ކުލައިގެ ޖިންސަކާއި އަތްދިގު ހުދުކުލައިގެ ޓީޝާޓެއް ލައިގެން އަހަރެން ވަރުގެ ކޮޅަށް ނަލަހެދިގެން ނިކުމެވުނީ އައިޝާ ދައްތަ ކުރިމައްޗަށެވެ.

“އައްދެ ސިއާން ހާދަ ވަރަކަށް ރީތިވެލައިގެން. އަނެއްކާ ކޮންތާކަށް ދާން . ” އަހަރެންނަކަށް ބުނާނެއެއްޗެއް ނޭނގުނެވެ. އެހެންކަމުން ވާހަކައެއް ހަދައިލީމެވެ.

“މިއުޅެނީ ހަމަ ރަށުތެރެ ބަލާލަން ކުޑަކޮށް ބުރެއްޖަހާލަންކަމަށް އަހަރުމެން ތިންމީހުން. ”

“ތި ތިންކުދިން އެކަނި ގޮސް އަނެއްކާ އެނބުރި ގެޔަށް އަންނަން އެނގޭނެތަ. ” އައިޝާ ދައްތަ ދިމާކޮށްލިއެވެ.

“އާނ. މިއަށްވުރެ މާ ބޮޑެތި ތަންތާނގަ އުޅެފަ މިއައީ. އެއްފަހަރު ހިނގާލީމަ އެނގޭނެ ދެވަނަފަހަރު ދާން. ހަމަގައިމުވެސް ދިޔަތާކުން އެނބުރި ގެޔަށް އަންނަން އެނގޭނެ. ” އަހަރެން ވަރަށް ޔަޤީން ކަމާއެކު ބުނެލީމެވެ. އެހެންކަމުން އިތުރަށް އައިޝާ ދައްތަ އެއްޗެކޭ ނުބުނެއެވެ. މާގިނައިރެއްނުވެ އަޔާން އާއި ޒާނިޝް އާއި އެއްކޮށް ނިކުތީމެވެ.

އެތައް އިރަކު ހިނގައިގެން އެގެ ހުރިމަގަށް އާދެވުނެވެ. ޒަބަރުޖުދުގެ އެވެ. ތެޅިގަލުން ރާނާފައިވާ ތިރި ވަށާފާރުގެތެރެއިން ގޯތިތެރެ ރީތިކޮށް ފެންނަން ހުއްޓެވެ. ކަށިވެލި ލާފައިވާ ގޯތިތެރޭގައި ހަދާފައިވާ އުނދޯލިގޭތެރޭގައި އެކުއްޖާ އިނެވެ. އަހަރެމެން ތިންމީހުން އެގޭ ދޮރުމައްޗަށް އަރާ ހަމަވިއިރު އެކުއްޖާއަށްވެސް އަހަރުމެންނާ ދިމާލަށް ބަލައިލެވުނެވެ. އެވަގުތު ޖެހިގެން ހުރިގެއިން އަޑުގަދަކޮށް ޖަހަމުންދިޔަލަވަ އެހިނދުކޮޅަށް އިތުރު ދިރުމެއް ގެނުވިއެވެ. ބިއްލޫރިކޮޅެއްފަދަ ސާފު އެ ތޫނު ދެލޯ އަހަރެންގެ ހިތުގެ އެންމެ ހިމަނާރަށް އަސަރު ކުރުވަމުން ދިޔައެވެ.

“އިޝްޤުން މަސްތޭވަނީ

ލޯތްބޭ ހިތް ބޭނުމީ

އައިސްބަލަ ހިތް ނުރޮއްވާ

އައިސްބަލަ ހިތް ނުރޮއްވާ. ”

ކަޅިވެސް ޖަހާނުލައި އަހަރެންނާއި ދިމާލަށް ބަލަންހުރި އެ ޒުވާން ޖިންސުއްލަޠީފް ގެ ހިތުގެ އަޑު އިވިގެންދާކަހަލައެވެ. އަހަރެންނަށް ލޮލުގައި އިން އައިނު ނަގާލެވުނީ އެމަންޒަރު އިތުރަށް ފުރިހަމަކޮށް ބަލައިލުމަށެވެ. ޖެހެމުން އައި ހިތްގައިމު ވައިރޯޅިތައް އަހަރެންގެ އިސްތަށިކޮޅާ ސަމާސާކޮށްލާ މޫނުމައްޗަށް ވިހުރާލި އިސްތަށިތައް ރީތިކޮށްލަމުން އިވެމުންދިޔަ ލަވައިގެ މަސްތީކަމުގެ ތެރެއަށް ހިތްދޫކޮށްލެވުނެވެ.

“ނިކަން ކަލާ ހަނދާންވެޔޭ

ތީ ހުވަފެން ދެކޭ ލޯ

މަގޭ މިހިތް ޒަހަމްވީ

ހަނދުފަދަ މިހިތުގެ ތިޔެ ޔާރާ

ކުރަން ހުވާ ތީމަގޭ

ފުރާނައޭ އަހާށޭ

މިމޭގެ ވިންދަކީ ތިޔޭ

ލޯބިން ފިދާވާނަމޭ. ”

އެލަވައިގެ ޒަރީޢާއިން އަހަރެންގެ ހިތުގެ ޙަލަތު ބަޔާންކުރަމުން ދިޔައީމެވެ. އެހިނދު އެ ލޭފަވެތި މޫނުމައްޗަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އެ ތުންފަތާއި ކުޅެލެވުނު ރަކި ހިނިތުން ވުމާއިއެކު ދުވެފައި ގޭތެރެއަށް ވަދެގެން ދިޔައެވެ. އަހަރެން އެނބުރި ފަހަތް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އިވެމުންދިޔަ ލަވައިގެ މިއުޒިކާ އެއްވަރަށް އަޔާން އާއި ޒާނިޝް ފައިހަމަކޮށް ރޮމޭންޓިކް ސްޓެޕްތަކެއް ޖައްސަމުން ދިޔައެވެ. ނަސީބު ރަނގަޅުކަމުން އެގަޑީގައި އެގޯޅި ގަނޑުގައި އަހަރުމެން ނޫން ބަޔަކު ނުވެސް ނެތެވެ. އަހަރެން ކަޑަވިވަރުން އެދެމީހުން ފަހަތުން ދުއްވައިގަތީމެވެ. އޭރު އެމަންޖެ ގޭގެ އަސްކަނީގައި ހުރި މުޑިއެއްގެ ބިއްދޮށުގައި ފިލާ ހުރެ އަހަރެންނަށް ބަލަމުން ދިޔައެވެ.

އެތައްއިރަކު އެކިމަގުތަކުން ދުވެ މަޖާކޮށް ސަކަރާތް ޖެހުމަށްފަހު އަހަރެމެން ގެޔާއި ދިމާލަށް ދިޔައިރު އިރުއޮއްސެން ކައިރިވަނީއެވެ. މަސްދަތުރު ދިއުން އޮތުމާއިއެކު އަވަސް ހިނގުމެއްގައި ގެޔަށް ވަނީ އަވަހަށް ހެނދުން ބަދަލުކޮށްލާ ތައްޔާރު ވެލާށެވެ. ނަމަވެސް ގެޔަށް ވަދެވުމާއިއެކު ފެނުނު މަންޒަރުން އަހަރެންނާއި އަޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޒާނިޝްއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ޒާނިޝްގެ ހުރިހާ ހެނދުމެ އެހުރީ ގޭ ގޯތިތެރޭ ހުރި ރޯނުގައި ހިއްކަން އަޅާފައެވެ. އެންމެ ކުޑަމިނުން ބޮކްސަރ އެއްހާ ހިސާބުވެސް ދޫކޮށްލާފައި ނެތެވެ. ބޮޑަށް މީހުންނަށް ފެންނާނެހެން ރޯނުގައި ދަތި ޖަހާފައި ޒާނިޝްގެ ތިން ބޮކްސާރ އެއް އޮތެވެ. ޒާނިޝްގެ ދަބަހުގައި އިތުރު އެއްވެސް އެއްޗެއް އޮންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. އަހަރެންނާއި އަޔާންއަށް ފެނުނު މަންޒަރުން ބިނދި ބިނދިފައި ހެވެނީއެވެ. ޒާނިޝް ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ކުޑަކޮށް ހިނިއައި ނަމަވެސް ހިފަހައްޓައިގެންނެވެ. ހިސާބަކަށް ލަދުވެސް ގަނެފައިކަން ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އޭރު ސިޓިންރޫމްތެރޭ ފެންޑާއަށް ނިކުންނަ ދޮރު ކައިރީ ރިޔާ އާއި ރަނާ ފިލާތިބެ ބިނދި ބިނދިފައި ހެނީއެވެ.

“ޒެން އަށް ތި ބެހިލެވުނީ ފިސާރި އަންހެނަކާ. ” އަހަރެން ހިނިގަނޑު ކޮންޓްރޯލް ކޮށްލަމުން ބުނެލީމެވެ.

“ޔޫ. އައި ވިލް ސީޔޫ ލޭޓަރ. ” ރިޔާ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބޮކްސަރ ތައް ހިފައިގެން ކޮޓަރިއަށް ދިޔައެވެ. އަހަރެންނާއި އަޔާންވެސް ދިމާކުރަމުން ފަހަތުން ވަނީމެވެ.

“ލާނެ އެކައްޗެއްވެސް ނެތް. އޯހް. ހައު ކެން އައި ގޯ ފިޝިންގް. ގޯޑް އައި ހޭޓް ހަރ. ” ޒާނިޝް ބޮލުގައި އަތް އަޅައިގެން އިސްތަށިތަކަށް ބާރުކޮށްލަމުން ކުދި ކިޔަމުން ދިޔައެވެ. އަހަރެންނާއި އަޔާން ތިބީ ވީގޮތުން އަދިވެސް ހެވިފައެވެ.

“ކޮބާ މަސްދަތުރުދާން ކިޔާފަ. އަވަސްކުރޭ. އަވަހަށް ދިޔައިއްޔާ އަނދިރިވުމުގެ ކުރިން ރަނގަޅު ތަނެއްގަ ޖެއްސޭނީ. ” އަހަންމަދުބެ އައިސް ދޮރުގައި ތަޅައިގަތުމުން އަހަރެމެން އަވަސް އަވަހަށް އެއްޗިހި ބަދަލުކޮށްލައިގެން ނިކުތީމެވެ. ޒާނިޝް ރޯނުން ތެއް ސޯޓަކާ ޓީޝާޓެއް ލައިގެން އައެވެ. އަހަރެމެން އަހަންމަދުބެ ފަހަތުން ނިކުތްއިރު ގޭގެ ފެންޑާގައި ހުރި ޖޯލިފަތީގައި ރަނާ އާއި ރިޔާ ތިއްބެވެ. އެދެކުދިން ފެނުމާއިއެކު އަހަރެންނަށް ބަލައިލެވުނީ ޒާނިޝް ކޮބައިތޯއެވެ. ޒާނިޝް އެއް ފެންނާކަށް ނެތެވެ. އަހަރެން ހީކުރީ ރިޔާ ހުރުމުން ނިކުންނަން ނުކެރުނީ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އަހަރުމެން ގޭ ދޮރާށިން ނިކުންނަނިކޮށް އަޑުގަދަވެގެން ބަލައިލިއިރު ފާހާނައިގައި ހުރި ބާލިދިއަށް ފުރާފެން އަޅައިގެން އައިސް ޖޯލީގައި އިން ރިޔާގެ ބޮލަށް އޮއްސާލާފައި ޒާނިޝް ދުވެފައި އަންނަނީއެވެ. ހިތުގައި ހުރި ހުރިހާ އުދާހެއް ބޭރުކޮށްލެވުމުން ހެވިދިލިފައި ހުރެގެން އައެވެ. އޭރު ރިޔާ ފުސްމޫނު ހަދައިގެން ބިންމަތީ ދެފައި ތަޅާ ބޮޑާ ހާކަނީއެވެ. އެފަކީރު ގަޔަކު ނުތެމޭ އެންމެ ތަންކޮޅެއްވެސް ނެތެވެ. ކައިރީގައި ރަނާ ހުރެ ހެނީއެވެ. އަހަރެން ބަލައިލިއިރު އަޔާން ކަޅިޖަހައިނުލާ ރަނާއަށް ބަލައިގެން ހުއްޓެވެ.

އަހަރެމެން ދާންޖެހެނީ ބަނދަރަށް ކަމަށްވުމާއެކު ދެވޭނީ ޒަބަރުޖުދުގެ ހުރަސްކޮށްފައެވެ. އެހެންކަމުން އަހަރެން ހުރީ މިފުރުޞަތުގެ ބޭނުން ހިފާލަން ދުރާލާ ތައްޔާރުވެގެންނެވެ. އަހަރެން ގެއިން ނިކުތީ ގަނޑުކޮޅެއް ގައި “ސިއާން. ލޯބިން ކިޔަނީ ޝޯން” މިހެން ލިޔެލައިގެން ޖީބަށް ލައިގެންނެވެ. ދިވެހި ލިޔުން ކިތަންމެ ހަޑިއަކަސް ލިޔުނީ ދިވެހިންނެވެ. އެކަން އަޔާންއަށް އަދި ޒާނިޝް އަކަށްވެސް ނޭނގޭނެއެވެ. އަހަރެމެން އެގެއާއި އަރާ ހަމަވުމުން އަޔާން އާއި ޒާނިޝްވެސް ބަލައިލީ އެކުއްޖާ ފެނޭތޯއެވެ. އުނދޯލި ގޭގައި އުނދޯލި މަތީ ދުފަން އިން އަންހެންމީހާ ފެނުނެވެ. ހީވާގޮތުގައި އެ ދައްތަގެ އުމުރުން މިހާރު ސާޅީސް ފަހަކަށް ވުރެ މަތި ވެދާނެއެވެ. އެވާނީ އެކުއްޖާގެ މަންމައަށެވެ. އަހަރުމެންނާއި ދިމާލަށް ކަޅި ޖަހައިނުލާ އެ ދައްތަ ބަލަމުން ދިޔައެވެ. އޭރު އެގޭގެ އެއްފަރާތު ބިތުގައި އިން ކުޑަދޮރަކުން ބޯދިއްކޮށްގެން ހުރި އެއަންހެން ކުއްޖާ ފެނުނެވެ. އެ ދައްތަ ހުރުމުން އަހަރެންނަކަށް އެ ގަނޑުކޮޅު ދޭކަށް ނުކެރުނެވެ.

ޖީބުން އެ ގަނޑުކޮޅު ނަގާ އެއަންހެން ކުއްޖާއަށް ފެންނާނެހެން ދައްކާލާފައި އަހަރެން ބޮނޑިކޮށްލީމެވެ. އަދި އެ އަންހެން ކުއްޖާއަށް ބަލަމުން ފާރުމަތިން އެ ގޭ ގޯތިތެރެއަށް ވައްޓާލީމެވެ. އެކުއްޖާއަށް ލިބޭނެކަމުގެ އުންމީދުގައެވެ.

-ނުނިމޭ-

5
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

4 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [2]“

  1. އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކުވެސް އާ ޕާޓެއް ކިޔާލަން ލިބޭނެ. ޤަވާއިދުން ވަޑައިގަންނަވާ. 🙂

    0

    0

Leave a Reply

Your email address will not be published.