މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [12]

“ސަމްބޮޑީ. ހެ. ލް. ޕް. ” އަހަރެންނަށް ރޮއެގަނެވުނެވެ. އޭރު އަޔާންމެން އަހަރެން ފެނިފައި ދުވެފައި އަންނަތަން ފެނިއްޖެއެވެ. ޒާނިޝްމެން ފެނިފައި އަހަރެންނަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ޝާޔާއަށް ސީ.ޕީ.އާރު ދެމުން ދިޔައީމެވެ.

“އޯ މައި ގޯޑް. ” ޒާނިޝް އާއި އަޔާން އައިސް ހަމަވުމާއިއެކު ލިބިފައި ވާ ޝޮކާއިއެކު ބުނެލިއެވެ. ކަންތައްތައް ގޯސް ވެފައިވާ ހިސާބު އިޙްސާސް ކުރެވުނީ އެވެ. ރަނާއާއި ރިޔާއަށް އަނގަމަތީގައި އަތް އަޅާލެވުނުގޮތަށް ގުޑިލަންވެސް ނޭނގިފައި ތިއްބެވެ. އަހަރެންނަކަށް އެހެން ކަމަކަށް ވިސްނާނެހާ ހިތްވަރެއް ނުލިބުނެވެ.ދެލޯ ފެންކަޅިވެ މަންޒަރު ފުސް ވުމުން އެސްފިޔަ ޖަހާލާ ކަރުނަތައް ބޭރުކުރަމުން ޝާޔާގެ މެޔަށް ފިތަމުން ދިޔައީމެވެ. ވަކިވަރަކަށް ސީ.ޕީ.އާރު ދީފައި އަނެއްކާވެސް އަނގައަށް ނޭވާ ލައިދޭން އަވަސް ވެގަތީމެވެ. ދެފަހަރު ނޭވާ ލެއްވުމަށްފަހު އަނެއްކާވެސް ތަކުރާރު ކޮށް ސީ.ޕީ.އާރ ދޭން ފެށީމެވެ.

“އަލް ޙަމްދުލިﷲ. ” އަހަރެންނަށް ބުނެވުނީ ޝާޔާގެ މޫނުމަތީގައިވާ ނޫކުލަ ފަނޑުވަމުން ދާން ފެށުމުންނެވެ. ހިތްވަރު އާވެގެން ދިޔައެވެ. އެއާއިއެކު ސީ.ޕީ. އަރ ގެ ރައުންޑް ނިންމާފައި އަނެއްކާވެސް ބްރެތެއް ދޭން ޝާޔާގެ އަނގައިގާ އަނގަ ޖަހާލާ އެތެރެއަށް ފުމެލީމެވެ. އެއާއިއެކު ޝާޔާ ކެއްސައިގަތެވެ. އަހަރެންނަށް ރޮއެގަނެވުނީ އުފަލުން ގޮހެވެ. ޝާޔާގެ ފުރާނަ އަހަރެންގެ އަތުން ސަލާމަތް ވީމައެވެ. މިއަދުން ފެށިގެން ޝާޔާއަކީ ހަމައެކަނި އަހަރެންގެ މިލްކެކެވެ. ޒާނިޝް އާއި އަޔާން ވެސް އަހަރެންނަށް ހިތްވަރުދީ ކޮނޑުގައި ޖަހާލިއެވެ. އަހަރެން ޝާޔާ ބަންޑުން ވާނެހެން އަނބުރާލީމެވެ. ފުއްޕާމެއިން ފެންތައް ނިކުންނަން ފަސޭހަ ވާނެ ހެނެވެ. އެތައް އިރަކު ކެއްސުމަށް ފަހު ޝާޔާ ހަމައަކަށް އެޅިއްޖެއެވެ.

“ޝައިހާ!!!!! އަމް ގޮނަ ކިލްޔޫ. !!”އަހަރެންނަށް ހަޅޭލަވައި ގަނެވުނެވެ. އޭރު އަހަރެންގެ ގައިގާ ތުރުތުރު އަޅަމުން ދިޔައެވެ. މިޔަދު ޝައިހާ އަހަރެންގެ އަތުން މަރުވާނެއެވެ. ދަތްކުނޑި ވިކާލުމަށްފަހު އަހަރެން ތެދުވާން އުޅެލިތަނާ އަހަރެންގެ އަތުގައި ހިފަހައްޓާ ލައިފިއެވެ. އެނބުރި ބަލައިލިއިރު ޝާޔާއެވެ. ވަގުތުން އަހަރެންގެ އެނތެރެހަށީގައި އަނދައަނދާ ހުރި އަލިފާންތައް ނިވިއްޖެއެވެ. ޝާޔާގެ މައުސޫމު މޫނަށް އަހަރެންނަށް ބަލައިލެވުނެވެ.

“ޝާޔާ. އޭނަގެ ކަންތައް މާ މައްޗަށް އެދަނީ. ޝާޔާއަށް މިހާ އަނިޔާދީފަ އޭނައެއް ނުބަހައްޓާނަން ސަލާމަތަކުން. ” އަހަރެންގެ ހިތުގައި ހުރި ހުރިހާ ނަފްރަތެއް އެޖުމްލަތަކަށް ލާފައި އަހަރެން ޝާޔާ ކައިރީގައި އެހެން ބުނީމެވެ. ނަމަވެސް ޝާޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަހަރެން ހައިރާންވިއެވެ. ޝާޔާ އެއްޗެއް ބުނަން އުޅޭހެން ހީވެގެން އަހަރެން ޝާޔާގެ ހަރަކާތްތަކަށް ހުރިހާ ސަމާލުކަމެއް ހުއްޓާލީމެވެ. ޝާޔާ ބުނަން އުޅޭ އެއްޗެއް ދެނެގަތުމަށެވެ.

“ނޫން ޝޯން. ޝައިހާއަށް. އެއްވެސް ގޮތެއް. ނަހަދާތި. އަހަރެން. ޝައިހާ. ދެކެ ވަރަށް. ލޯބިވޭ. އެއީ. އަހަރެންގެ.ކޮއްކޮ. އަހަރެން. ކޮއްކޮއަށް. މާފް ކޮށްފިން.” ޝާޔާގެ އިޝާރާތުން އެހެން ބުނިއިރު ޝާޔާވަނީ ފެނަކަޅިވެ ރޮވޭގޮތް ވެފައެވެ. ޝާޔާގެ ހިތްސާފުކަމާއި އޯގާތެރިކަން ފެނި އަހަރެންގެ ލޮލުން ކަރުނަ އައެވެ. ޒާނިޝް ވެސް އެމަންޒަރު ފެނި ލޮލުން އައި ކަރުނަތައް ފުހެނީއެވެ. ރަނާއާއި ރިޔާވެސް ކުރިއަސަރުން އަޔާން އާއި ޒާނިޝްގެ ގައިގާ ހިފަހައްޓައިގެން ތިބެ ރޮނީއެވެ. އަހަރެންނަކަށް އިތުރަކަށް ބުނެވޭނެ އެއްޗެއް ނެތެވެ. ޝާޔާގެ މާފް ލިބުމުން އަހަރެންނަށް ޖެހޭނީ ޝައިހާ ދޫކޮށްލާށެވެ. ނަމަވެސް އަހަރެންގެ މިހިތުގެ އެތިކޮޅަށް އެޙާލު ޖެއްސި މީހަކަށް އަހަރެންނަކަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ. ޝާޔާގެ އެދުމަށް މިފަހަރު ދޫކޮށްލީއެވެ. ނަމަވެސް ދެވަނަ ފަހަރަކު މިކަހަލަ ގޮތެއް ހަދާ ފަހަރަކީ އަހަރެންގެ އަތުން ޝައިހާގެ ދުވަސް ދާނެ ފަހަރެވެ. އަންހެނަކަށް ވިޔަސްވެހެވެ.

“ހިނގާ އެކޮޅަށް ދަމާ. މިހާރު މީހުން އުޅޭނެ ވީގޮތެއް ނޭނގިގެން. ” ޒާނިޝް އެހެން ބުނުމުން އަހަރެން ޝާޔާ އުފުލައިލީމެވެ. އޭރު ޝާޔާގެ މެޔަށް ތަދުވާތީ އުޅެއެވެ. ސީޕީއާރު ދިނުމުގެ ސަބަބުންނެވެ. ޝާޔާ ގޮވައިގެން މީހުން ތިބި ހިސާބަށް ދެވުމާއިއެކު ވީގޮތެއް ބަލަން މީހުން އެއްވާން ފެށިއެވެ. ނަމަވެސް ޝާޔާގެ އެދުމުގެ މަތިން އެކަމުގައި ޝައިހާގެ ޙިއްސާގެ ވާހަކަ ސިއްރު ކުރުމަށް ނިންމުނެވެ. ބުނަން އޮތީވެސް ކީކޭ ހެއްޔެވެ؟ ޝައިހާ ބުނުމުން ޝާޔާ މޫދަށް އެރި ގެނބުނީއޭ ހެއްޔެވެ؟ ޝައިހާގެ ރޭވުންތެރިކަން ވެސް އެހާ މޮޅެވެ.

“މާތް ކަލާކޯ. ކިހިނެއް ވީ އަނެއްކާ. ” އައިޝާދައްތަ އައިސް އެހިއިރު ވީ ގޮތެއް ނޭނގިފައި އެންމެން އައިސް ވަށާލައިފިއެވެ.

“ދައްތާ. އަހަރެންގެ ދައްތައަށް ކިހިނެއްވީ. ؟ އަހަރެންގެ ފަހަތުން އައިސް އައިސް ހުރި ދައްތަ އަށް ވީގޮތެއް ނޭނގިގެން އަހަރެންވެސް ވަރަށް ހޯދައިފިން. ކަލޭމެން ކީއްކުރީ މަގޭ ދައްތައަށް. ” ޝައިހާ ރޮއިގަނެފައި އައިސް ޝާޔާގެ ގައިގާ އޮޅުލައިގަތެވެ. އަދި އަހަރެންގެ މޫނަށް ވިހަ ނަޒަރަކުން ލޯއަޅައިލާފައި އެއްމިޔަކަނިން ހިނިތުންވެލީ އެހެން މީހަކަށް ނުފެންނާނެހެނެވެ. އަހަރެންގެ ދަތްކުނޑި ވިކާލެވުނު ވަރުން އަނގައިން ލޭރަހަ ލިއެވެ. ލޭ ހޫނުވެ، ނޭވާ އަވަސް ވަމުން ދިޔައެވެ. އަޔާން އަށް އެތަން ފެނި އަހަރެން ގޮވައިގެން ދުރަށް ދިޔައެވެ. ޒާނިޝް ޝާޔާ ގެނބުނުވާހަކަ އެންމެންނަށް ކިޔައިދިނެވެ. އަދި ދޯނީގެ ފަސްޓް އެއިޑް ބޮކްސް ގެނެސް ޝާޔާއަށް ޕެއިން ކިލަރ އެއް ދެވުނެވެ.

“ޑިޑް ޔޫ ސީ ހަވް ދެޓް ބިޗް ވޯޒް ސްމައިލިން އެޓް މީ. ދެޓް ކަންޓް. !!” އަހަރެންނަށް އައިސްފައިވާ ރުޅިން ކިޔޭ ނުކިޔޭ ވެސް ނޭނގޭ ހިސާބަށް ހިނގައްޖެއެވެ. ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައިރު އަޔާން އަހަރެންނަށް ހަމަޖެހުމަށް ނަސޭޙަތް ދެމުން ދިޔައެވެ.

“ވީ ވިލް ޑޫ ސަމްތިން އެބައުޓް ހަރ. ބަޓް ނައު ޔޫ ނީޑް ޓު ރިލެކްސް. އެއްވެސް ޕްރޫފް އެއް ނެތް ދެއްކޭކަށް. ރުޅި އިސްކޮށްގެން ކަންތައްތައް ނިންމަން ހަދައިގެން އަމިއްލަ އަށް މަޅިއެއް ބޮލަށް މަހާލެވިދާނެ. ” އަހަރުމެން ތަންކޮޅެއް ދުރުގައި ބީޗްގައި ތިބެގެން ވާހަކަ ދައްކަމުން ދިޔައިރު އެއްވެފައިވާ މީހުންތަކުގެ ތެރެއިން އަހަރެންނަށް ބެލެނީ ޝާޔާއަށެވެ.

“އާން. އަހަރެން ހާސްވަނީ ޝައިހާ ޝާޔާގެ ދުވަސް ދުއްވާލަން ވިއްދާފަ ހުއްޓަ އެގޭތެރޭގައި ޝާޔާ ނިދާހަދާއިރު ކޮންމެފަދަ ކަމެއްވެސް ޝައިހާ ކޮށްފާނެއެއްނު. ކާއެއްޗަކަށް ޒަހަރު ވެސް ލާފާނެ. ޝީޒް ނޮޓް ސޭފް ދެއަރ. ” އަހަރެންގެ ހަތް ނުތަނަވަސް ވެފައިވާ ވަރުން އަހަރެންނަކަށް ޝާޔާ ޝައިހާ ހުރި ރަށަކުވެސް ބަހައްޓާކަށް އެއްބަހެއް ނުވެވޭނެއެވެ.

“އެކަމަކު ހިއެއްނުވޭ އެހާ ފާޅު ކަން ބޮޑު ގޮތެއްގަ އެކަހަލަ ކަމެއް ކުރާނެހެނެއް ހަމަހޭގަ ހުރެފަކާ. ” އަޔާން ބުނީވެސް ތެދެކެވެ. އެންމެފަހުން އަހަރެންވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތުމާއިއެކު މާތްރަސްކަލާނގެ އަށް ވަކީލް ކޮށްލައިގެން ހުރީއެވެ. އިރާދަފުޅު ކުރެއްވިއްޔާ ޝާޔާއަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ. އެހެން ނޫންނަމަ މިހާ ދުވަހަކު މިހާ ގިނަ ކަންތައް ތަކަކަށްފަހު ސަލާމަތް ނުކުރެއްވީހެވެ. އަހަރެންގެ ހިތަށް ވިސްނުވައިދޭން މަސައްކަތް ކުރީމެވެ.

އެދުވަހުގެ ދަތުރުގެ ބާކީބައި އަހަރެން ހޭދަކޮށްލީ ޝާޔާއާއި އެކީގައެވެ. ޝާޔާކުރެން ވީ ގޮތް އޮޅުންފިލުވީމެވެ. އަދި ޝައިހާގެ ދެއްކުންތެރި ހެޔޮކަމުގެ ފަހަތުގައި ފޮރުވިފައިވާ ނުބައި މަޤްސަދު ވިސްނުވައިދިނީމެވެ. އަދި ޝައިހާގެ އެއްވެސް ވާހަކައަކަށް އިތުބާރު ނުކުރުމަށް އަހަރެން ނަސޭޙަތް ދިނީމެވެ. ޝާޔައާއި އެކީގައި އެތައް ވާހަކައެއް ދެއްކުމުގައި ވަގުތު ހޭދަ ކުރީމެވެ. އަހަރެންގެ މަންމަ އާއި ދޮންބެ އަދި ބައްޕަގެ ފޮޓޯ ދައްކާ އަހަރެންގެ ގޭގެ ފޮޓޯތައް ދައްކާ ޝާޔާއަށް އަހަރެންނާއި ބެހޭގޮތުން ވަރަށް ބައިވަރު ވާހަކަތައް އޮޅުންފިލުވައިދިނީމެވެ. ޝާޔާގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ އަހަރެންގެ ޢާއިލާ ޝާޔާއާއި ޤަބޫލު ނުވެދާނެތީ އެކަމެވެ. އަހަރެންގެ މަންމަ ޝައިހާއާއި ޤަބޫލު ވާހަކަ ބުނުމުން ޝާޔާ ހުރީ ހައިރާން ވެފައެވެ. ޤަބޫލު ވެސް ނުކުރިއެވެ. މަންމަ ވަރަށް އަވަހަށް އަންނާނެ ވާހަކަ ބުނުމުން ޝާޔާ ހުރީ ލަދުންނެވެ. މަންމައާއި ބައްދަލުވާ ދުވަހަކުން އަދި ކިހާވަރެއް ވާނެބާއޭ އަހަރެންގެ ހިތައްއެރިއެވެ.

ޝާޔާއާއި އެކީގައި ލޯބީގެ ފޮނިވަގުތުތައް ފިރުމުންތަކާއި ކުދިކުދި ގޯނާތަކުގައި ދިޔަ ނުދިޔަ ގޮތެއް ނޭނގުނެވެ. އެއިން ކޮންމެ ހިނދުކޮޅަކީ އަހަރެންގެ ހިތުގެ އެންމެ އަޑީގައި ރައްކާކުރެވޭނެ ވަގުތެކެވެ. އެއީ އަހަރެންގެ ޙަޔާތުގެ އެންމެ އަގުބޮޑު ވަގުތުތަކެވެ. ޝާޔާގެ ކޮންމެ ހިނިތުންވުމަކާއި ކޮންމެ ޙަރަކާތެއް އަހަރެންގެ ޙިއްސުތަކާއި ކުޅެލައެވެ. އެފަރި މައުސޫމު މޫނު އަހަރެންގެ ހިތުގައި ކަނޑާނެގީމެވެ. އެހެން ތިއްބާ ފުރާ ގަޑި ޖެހިއްޖެއެވެ. ހަވީރު ކުޅުނު ކުޅިވަރު ތަކުގައިވެސް އަހަރެންނެއް ބައިވެރިއެއް ނުވަމެވެ. އަހަރެންބެލީ ލިބުނު އަގުބޮޑު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ. ޝާޔާއާއި އެކީގައި ވަގުތު ހޭދަކޮށްލާށެވެ. އެއީ ފަސޭހައިން ލިބޭނެ ފުރުޞަތެއް ނޫނެކެވެ. ނަމަވެސް އަޔާން އާއި ޒާނިޝް ރިޔާ އަދި ރަނާ އާއި އެކު އެކި ކުޅިވަރު މަޖާތަކުގައި އެކުގައި ވަގުތު ހޭދަކޮށް އުފާ ކުރަމުން ދިޔައެވެ. ލޯބީގެ ބަހާރު މޫސުން ހުރިހާ ހިތްތަކަކަށް އައިސްފައިވާ ކަހަލައެވެ. ދެގޮތެއް ނުވެ އެމޫސުން އަބަދުގެ އަބަދަށް ދެމިގެން ދާނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

ފުރަން ދޯންޏަށް ހުރިހާ އެއްޗެއް އަރުވައި ނިމިގެން ނައްޓާލެވުނުއިރު ހަވީރު ފަސްގަޑި ބައިވެ ބޮޑުވެއްޖެއެވެ. އިރުއޮއްސުމުގެ ކުރިންނެއް ރަށަކަށް ނުދެވޭނެއެވެ. ދަތުރު ނިމުނު އިރު ދަތުރުގެ ހުރިހާ އެންމެންނަކަށް ހެން އަހަރެންނާއި ޝާޔާގެ ޖޯޑުވަނީ ތަޢާރަފް ވެފައެވެ. އަހަރެން ޝާޔާއާއި އެހާ އެކުގައި ވަގުތު ހޭދަކުރާއިރު މުޅިން ބާކީވެފައި އިންނަން ޖެހުމުން ޝައިހާގެ ހިތުގައި އަނދަމުން ދިޔައީ ކޮންކަހަލަ އަނގުރު އަލިފާނެއް ކަމެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެމެންނާއި ދިމާލަށް ލޯއަޅާލާއިރު އެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. ޝައިހާއަށް ނުލިބުނު އުފަލެއެއް ޝާޔާއަށް ލިބުމުން ޙަސަދަވެރިކަމުގެ އަލިފާނުގައި ޝައިހާ އަނދުމުން ދާކަހަލައެވެ. އަހަރެން މަޑުމަޑުން ޝައިހާގެ ކައިރިޔަށް ޖެހިލީމެވެ.

” ޗޮއް ޗޮއް ޗޮއް. އަޅެ ހާދަ ދެރައޭ. އެހާ ބުރަމަސައްކަތުން ފޭކް ސްމައިލްތަކެއް ކޮށްގެން މާ ދައްތަ ވެގެން ރޭވި ހުރިހާ ރޭވުމެއް ފެނަށް. ވީ އެއްވެސް ކަމެއް ނެތް. ހާދަހާ ދެރައޭ. ” އަހަރެން ހިނިތުންވެލާފައި ދުރުބަލަން އިނދެ ޝައިހާއަށް ބަހުގެ ޙަމަލާތައް ދެމުން ދިޔައިރު ޝައިހާ އެނތެރެއިން އަނދާ އަޅިއަށް ވަނީއެވެ. “ދެން މާ ގިނަދުވަހެއް ނެތް. ކަލޭގެ ކުރިމަތީ ޝާޔާއާއި އިނދެލައިގެން އަހަރުމެންގެ އަމިއްލަ ރިސޯޓްތަކާއި ހޮޓާތަކުގަ. ރާއްޖެއިން ބޭރުގަޔާ އެތަން މިތާނގަ އުފާވެރިކަމާއެކު އުދުހި އުޅޭތަން ފެންނަން ފަށާނެ. ޝާޔާއަށް އޭނަގެ އަލަތު ލޯބިވެރިޔާ ނުލިބޭނެ އެއްވެސް ގޮތެއް ނެތް އިރާދަކުރެއްވިއްޔާ. ޝައިހާ ޖެހޭނީ ތެޅިލަ ތެޅިލާ ހުންނަން. ” ހެވިފައި އިނދެ އަހަރެންގެ ހިތްހަމަޖެހޭވަރަށް ޝައިހާގެ ހިތް ފޮތިފޮތިކޮށް އެނތެރެހައްޓަށް ނުފިލާނެ ފަދަ ޒަހަމްތަކެއް ދީފައި އަހަރެން އެނބުރިއައިސް ޝާޔާގެ ކައިރީގައި އިށީނީމެވެ. އަދި ޝައިހާއަށް ފެންނާނެހެން ޝާޔާގެ ބޮލަށް ދޮނެއް ދިނީމެވެ. އޭރު ޝައިހާ އައިސްފައިވާ ރުޅިން ދުނިޔެއިން މޮޔަނުވެ ހުންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ.

މަޑުމަޑުން ރަތުރަނުން ޖަރީ ކޮށްލި އުޑުމަތި ރަންފިޔާތޮށި ކުލަޔަކަށް ބަދަލުވެ ރަތް ދަނބު ކުލައިގެ އެކިއެކި ކުލަތަކުން ދުނިޔެ އަނދިރި ކުރަމުން ދިޔައެވެ. އެޖާދުވީ މަންޒަރު ބަލަން އަހަރެން ޝާޔާ އާއި ދާދި ގާތުގައި ޝާޔާގެ އަތް އަހަރެންގެ އަތުގެ ތެރޭގައި ފޮރުވައިލައިގެން އިނީމެވެ. އަހަރެންގެ ފޯނުން ޝާޔާއާއި އެކީގައި އެތައް ބައިވަރު ފޮޓޯ ތަކެއް ނަގަމުން ދިޔައީމެވެ. ޝާޔާގެ ކޮންމެ ހަރަކާތެއްހެން އަހަރެން ރައްކާކުރެވޭތޯ ބެލީމެވެ. ޖެހެމުން އައި ވައިރޯޅިތަކުގައި ފިނިކަން އެކުލެވެމުން ދިޔައިރު އެފިނިކަމުގައި ޝާޔާ އަހަރެންނާއި ކައިރިވެލާ އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ޝާޔާއިނީ ޖެހިލުންވެފައެވެ. އަހަރެންނަށް ޝާޔާގެ މޫނު އެފަނޑު އަލިކަމުގެ ތެރެއިން ފެނުނުއިރުވެސް އެމޫނު މަތީގައި ހުރި ލަދުވެތިކަން ހާމަވިއެވެ. އެއާއިއެކު އެގަޑީގައިވެސް ފޮޓޮއެއް ނަގާލީމެވެ. އެއަށްފަހު އަހަރެންވެސް ޝާޔާގެ ކޮނޑުމައްޗަށް އަތް ވައްޓާލާ ގާތްކޮށްލީމެވެ. ޝާޔާއާއި އެހާ ގާތުގައި ވެވުމުން އަހަރެންނަށް އަމިއްލަނަފްސަށް ހިނިތުންވެލެވުނެވެ. އަދި ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނީ ލޯވަރާލަމުންނެވެ. ޝާޔާގާތުގައި އަބަދުމެ ވުމަށް އެދެމުންނެވެ. ދެހިތުން އެތައްހާސް ވަޢުދަކާއި އަހުދުތަކެއް ވަމުންނެވެ. ދެހަށީގައި ވީ ފުރާނަ އެކައްޗަކަށް ހަދަމުންނެވެ. އެލޯބީގައި ނެތިފަނާވެދާންދެން އެކުގައި ވުމަށެވެ.

ރަށަށް ލެފުނުއިރު ހަތެއްޖަހަން ކައިރި ވެއްޖެއެވެ. އަހަރެންގެ އެދުމުގެ މަތިން ޝާޔާ ފުރަތަމަވެސް ގެންދެވުނީ ރަށު ސިއްޙީމަރުކަޒަށެވެ. ޝާޔާއާއި ދޭތެރޭގައި ކަންތައްތައް ވީގޮތް ކިޔައިދިނުމުން ޑޮކަޓަރު ބުނުއްވީ ޝާޔާގެ ނަސީބުގަދަ ވާހަކައެވެ. ކުޑަކޮށްވެސް ލަސްވިނަމަ ޝާޔާ މިދުނިޔެއަކަށް ދެވަނަ ފަހަރަކަށް ނޭވާ ނުލީސްކަމަށެވެ. އަހަރެން މާތްﷲ ޙަޟްރަތަށް ޝުކުރު ދެންނެވީމެވެ. އަހަރެން މެދުވެރިކޮށް ނަމަވެސް ޝާޔާ ސަލާމަތް ކޮށްދެއްވުމުންނެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ޝާޔާ އޮބަޒަރވޭޝަން ގައި ބޭއްވުނެވެ. އަދި މާގިނައިރެއްނުވެ ބަކުރުބެ މެންނަށް އެންގިގެން ގެނެވުނެވެ. އަދި ޝާޔާގެ ޙާލަތު ކިޔައިދެވުނެވެ. ކަންތައް ވީގޮތުން ބަކުރުބެމެން ކުޑަކޮށް ހާސްވެފައި ތިބިހެން ހީވިއެވެ. ދަމަށް ޝާޔާގެ ކައިރީގައި ހައްވާ ދައްތަ މަޑު ކުރިއެވެ. އެއަށްފަހު އަހަރެން ވެސް ދިޔައީ ޒާނިޝް މެންނާއި އެއްކޮށް ގެއަށް ފްރެޝް ވެލާށެވެ. ގެޔަށް ދިއުމަށްފަހު ރަނގަޅަށް ފެންވަރައިލައިގެން ނިކުތީމެވެ. އޭރު ދަތުރު ދިއުމަށްފަހު އައިސް އެއްޗެހިތައް ގޭގެއަށް ލުމަށްފަހު މުޙައްމަދުބެ ވެސް ގެޔަށް ވަދެގެން އާދެއެވެ. އޭރު ރަނާ އާއި ރިޔާ ކޮޓަރީގައި ފެންވަރަން އުޅެނީ ކަންނޭނގެއެވެ. ޒާނިޝް އާއި އަޔާންވެސް ފެންވަރާލައިގެން ނިކުތުމުން ނަމާދަށް ދިޔައީމެވެ. އަންނަންވާއިރަށް އައިޝާދައްތަ ހުރީ ދަތުރުގައި ކެއްކި އެއްޗިހި ކާންހަދާފައެވެ. ކާލައި ނިމިގެން އަހަރެން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. އަހަރެން ފުރަތަމަ ދިޔައީ ރަށުގައި ހުރި މާވިއްކާ ފިހާރަޔަށެވެ. އެތަނުން ރަތްކުލައިގެ ބޮޑު ފިނިފެންމާ ބޮނޑިއެއް ގަނެލައިގެން އަހަރެން މިސްރާބުޖެހީ ސިއްޙީ މަރުކަޒަށެވެ. ދިޔަ މަގުމަތީގައި މަންމަ ގުޅިއެވެ.

“ދަރިފުޅުމެންގެ ދަތުރު ކިހިނެއް. ވަރަށް މަޖާކުރިން ދޯ. މަންމަ ދިއުމުގެ ކުރިން ދަތުރު ގޮސް ނިންމާލައިގެން ދޯ ތިތިބީ. ” މަންމަ ޝަކުވާގެ ރާގަށް ބުނެލިއެވެ. އެއާއިއެކު އަހަރެންނަކަށް މަންމަ ގާތުގައި ދިމާވި ކަންތައްތައް ކިޔައިނުދީއެއް ނުހުރެވުނެވެ. މަންމަ ގާތުގުގައި ދަތުރުގައި ދިމާވި ހުރިހާ ކަމެއް ކިޔައިދީ ނިމުނުއިރު މަންމަ ހުރީ ހަމަ ހައިރާންވެފައެވެ. ޤަބޫލުކުރަންވެސް ދަތިވެފައެވެ.

“ސިއާން. ތިބުނާ ކުއްޖާ އެގޮތަށް މީހުންގެ ތެރެއަށް ދޫކޮށްލާފަ ބެހެއްޓުން ރަނގަޅެއް ނޫން. ޝީ ނީޑްސް ހެލްޕް. މަންމައަށް ބޮޑަށް ހީވަނީ އެއީ ނަފްސާނީ ބައްޔެއްހެން. އެކުއްޖާ ޑޮކްޓަރަކަށްވެސް ނުދައްކާތަ އެގޭ މީހުންނެއް. ” މަންމަ ބުނިއެއްޗަކުން އަހަރެންނަށް އެކަމާއި ދޭތެރޭގައި ވިސްނައިލެވުނެވެ. ރުޅިއައުމުން ކަމަކާނުލާ، ދެފިކުރެއްނެތި މީހެއްގެ ފުރާނަ ދުއްވާލާ ހިސާބަށް ހަމަބުއްދީގައި ހުރި މީހަކު ދާނެހެއްޔެވެ؟ ހަމަރަނގަޅަށް ވެސް އެވާނީ ނަފްސާނީ ބައްޔަކަށެވެ.

“ނޯ މޮމް. އައިޑޯންޓް ނޯ. މިދަނީ ހޮސްޕިޓަލަށް. ގޮސްފަ އަހާލާނަން ހައްވާ ދައްތަކައިރީގަ ވެގެން އުޅޭ ގޮތެއް. ”

“އާނ އެންމެ ރަނގަޅު. ދަރިފުޅާ މާދަން ތިރަށަށް ދާ ބޯޓުން މަންމަ އެބަ ފޮނުވަން އައިޝާދައްތަ މެންނަށް ހަދިޔާ ކޮޅެއް. އައިޝާ ދައްތައާވެސް ގުޅައިފިން. އެ ބަލާ ގޮސްލަދެއްޗޭ ޖެޓީއަށް މެންދުރު. މަންމަ އަށް ތިރަށަށް ދެވުނީމަ ދޭނަން އުފާވެރި ޚަބަރެއްވެސް. ދެން މަންމަ ބާއްވަނީ އިނގޭ. މަންމަގެ ސަލާމް ބުނެދޭތި ހައްވާ ދައްތައަށާ ޝާޔާއަށް އަދި އަޔާން އާއި ޒާނިޝް އަށްވެސް. ގުޑް ނައިޓް. ” މަންމަ އަންނަ ވާހަކައެއް ނުބުނެއެވެ. މަންމަ އަންނާނެ އިރެއްގެ އިންތިޒާރުގައިވެސް އަހަރެންނަށް ހުރެވޭތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް މަންމަގެ އުފާވެރި ޚާބަރު އަހާހިތުން މިހާރު ކެތްމަދުވާން ފަށައިފިއެވެ. އެޚިޔާލު ތަކުގައި ހުއްޓާ އަހަރެންނަށް ހެލްތް ސެންޓަރަށް އާދެވިއްޖެއެވެ. އަހަރެން އަވަސް އަވަހަށް ދިޔައީ އޮބްޒަވޭޝަން ރޫމަށެވެ. އަހަރެންގެ އަތުގައި އޮތް ރަތް ފިނިފެންމާ ބޮނޑި ފުރަގަހަށްލާ ފޮރުވުމަށް ފަހު އެނތެރެއަށް ވަނީމެވެ. އޭރު ހައްވާދައްތަ ޝާޔާކައިރީގައި އިނެވެ. ނަރުސް ކުއްޖެއް އޭރު ޝާޔާ ގަޔަށް އިންޖިކްޝަން ތަކެއް ޖަޖާފައި ނިކުންނަނީއެވެ. އަހަރެން ފެނުމާއިއެކު ޝާޔާގެ މޫނުމަތިން ފެނިގެންދިޔަ އަޖައިބެއްފަދަ ހިނިތުންވުން އަހަރެންގެ ހިތުގެ ހިނގުން ބާރުކޮށްލިއެވެ. ޝާޔާ ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. ލައިގެންހުރި ފިޔާތޮށި ކުލައިގެ ޓޮޕްކޮޅާއި ދޫކޮށްލާފައި ވާ ސިލްކް ކޮޅެއްފަދަ ކަޅު އިސްތަށިކޮޅާއިއެކު ޝާޔާގެ ރީތިކަން ޝާޢިރުންގެ ގަލަންތަކަށް ނުކުޅެދޭވަރުވެއެވެ. އަހަރެން މަޑުފިޔަވަޅު ތަކުގައި ޝާޔާގެ ކައިރިޔަށް ޖެހިލަމުން އަހަރެންގެ މޫނުމައްޗަށް ވެއްޓިފައިވާ ތެތް އިސްތަށިކޮޅު އެއްފަރާތްކޮށްލީމެވެ. އަދި އަތުގައި،ފޮރުވާފައި އޮތް މާބޮނޑި މަޑުމަޑުން ނަގާ ޝާޔާގެ އަތަށް ދިއްކޮށްލީމެވެ.

“ގެޓް ވެލް ސޫން. ” އަހަރެންގެ ދެމިޔަކަނި ކަންފަތް ކައިރިޔަށް ދެމިގަތީ ބޭ އިޚްތިޔާރުގައެވެ. އަހަރެންނަށް ހުރެވުނީ ހިތުގެ އަޑިން ހިނިތުންވެލެވިފައެވެ.

-ނުނިމޭ-

0
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 12 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

Leave a Reply

Your email address will not be published.