ހިތާމަ ލޯބީގެ

އިސްކު ( 5 )

” އޯކޭ … ފަސްގަޑިބައި ވާއިރު އަހަރެން ހުންނާނީ މިތަނުގަ. ” ލަންމާ އާއި ނާއިޒަށް ބަލަންހުރެ އެހެން ބުނުމަށްފަހު އެދެމީހުންނާއި ދުރަށް ފާތުން ހިނގައިގަތެވެ.

ލަންމާ އާއި ނާއިޒް އެކަނިކޮށްފައި ފާތުން ދިއުމުން އެތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ބުނާނެ އެއްޗެއް ނޭނގި އިސްޖެހިފައި ލަންމާ އިންއިރު ދައްކާނެ ވާހަކައެއް ނޭނގިފައި ކަހަލަގޮތަކަށް ދުރަށް ބަލަހައްޓައިގެން ނާއިޒް ވެސް އިނީއެވެ.

” ލަންމާ!……. ” އެތައްއިރެއްގެ ހިމޭންކަމަށްފަހު މަޑުމަޑުން ނާއިޒް ގޮވާލިއެވެ. ނާއިޒްގެ އެގޮވާލުމަށް އާނއެކޭ ބުނާ ފަދައަކުން ބޯޖަހާލުން ފިޔަވާ އެހެންކަމެއް ލަންމާ ނުކުރެއެވެ.

” ލަންމާ ތީ ކޮންކުއްޖެއް ކަމެއް އަހަރެންނަކަށް ނޭނގެ …. އެކަމު. އަހަރެންމީ ކާކުކަން ބުނެދޭނަން. އަހަރެންނަކީ ރާއްޖެތެރޭގެ ޢާއިލާއަކަށް އުފަން ނިކަމެއްޗެއް … އަހަރެން ދުނިޔެއަށް އައިތާ މާގިނަދުވަހެއް ނުވެ އަހަރެންނާއި މަންމަ ދޫކޮށް ބައްޕަ ދިޔައީ. އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވޭ … އަހަރެން މިވަރުވެފައި މިހުރީ މަންމަގެ މަސައްކަތުން. އަހަރެންގެ ބައްޕަ ފެނުނަސް އަހަރެންނަކަށް ނޭނގޭނެ … ކިޔެވުމަށްޓަކައި މާލޭގެ މިއުޅެނީ އަމިއްލަ މަސައްކަތުން ލާރި ހޯދައިގެން. ނަސީބު ރަނގަޅުކަމުން ހުންނަ ގެއަށް ލާރި ދޭކަށް ނުޖެހޭ. ތަންތަނަށް ގޮސް އައިސް ހަދަނީ އެގޭ ބޭބެގެ ސައިކަލްގަ … އަހަރެންނަށް އެނގިފައިވާ ގޮތުން ލަންމާއަކީ މާލޭގެ ގަދަރުވެރި ތަނަވަސް ޢާއިލާއެއްގެ ކުއްޖެއް. ތިކަހަލަ ކުއްޖަކު އިސްވެ އަހަރެންނާއި ބައްދަލުކުރަން އެދުނީތީ އަހަރެން އުފާކުރަން. އެކަމަކު … އަހަރެން ކަހަލަ މީހަކާ ލަންމާ ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމަކަށް ނުވެދާނެ. ” މާޔޫސްކަމާއި ހިތްދަތިކަމާއެކު ނާއިޒް ކިޔައިދިނީ ޙަޤީޤަތެވެ. ނާއިޒްގެ އެވާހަކަތަކުގެ ސަބަބުން ލަންމާ ވެސް ވަރަށް ދެރަވިއެވެ.

ނާއިޒް ވާހަކަދައްކާ ނިމުމުން އަނެއްކާ ވެސް މުޅިތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެވެ.

” ނާއިޒްގެ މަންމަ މިހާރު ކޮބާ؟ ” އެތައް އިރެއްގެ ހަމަހިމޭން ކަމަށްފަހު މަޑުމަޑުން ލަންމާ އަހާލި އެވެ.

” މަންމަ އުޅެނީ ރަށުގަ …. އަހަރެންގެ ބޭނުންތަކަށް ކިރިޔާ ފުދޭވަރަށް ފައިސާ ބެހެއްޓުމަށްފަހު ބާކީބައި މަންމައަށް ފޮނުވަނީ. ” ހިތްދަތިކަމާއިއެކު ހިންދިރުވާލަމުން ނާއިޒް ބުނެލިއެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.

” ނާއިޒާއި ނާއިޒްގެ މަންމަ މާލެއަށް ބަދަލުވާން ވީނު. އަހަރެން މަންމައާ ވާހަކަ ދައްކައިގެން ނާއިލްމެނަށް އަހަރުމެން ގޭގަ އުޅެވޭ ގޮތް ހަދައިދީފާނަން. ” އޭނަ ގާތަށް ނާއިޒް ގެނައުމަށްޓަކައި ލަންމާ ގޮތެއް ހުށަހެޅި އެވެ. ލަންމާ ބޭނުންވަނީ ނާއިޒް ބޭނުންވާ ކަންކަން ކޮށްދީ އޭނަ ހިތްހަމަ ޖައްސައި ދީގެން ނާއިޒް އަމިއްލައަށް އޭނާގެ ހަޔާތަށް އަންނާނެ މަގު ހުޅުވާލާ ށެވެ.

” އަހަރެން މަންމަ ބޭނުމެއްނުވޭ މާލޭގައި ދިރިއުޅޭކަށް …. އަހަރެންނަށް ވެސް މާލެ އާދެވުނީ ކިޔަވަންވީމަ. އެހެން ނޫންނަމަ އަހަރެން ވެސް އުޅެން ޖެހޭނީ ރަށުގަ. މިގޮތް ވަރަށް ރަނގަޅު ވެސް. އެގޭގަ އަހަރެން މިއުޅެނީ އަމިއްލަ ގޭގައި އުޅޭހެން. އެމީހުން ދޫކޮށް މާލޭގެ އެހެންތާކު އުޅެން ދާކަށް އަހަރެން ބޭނުމެއް ވެސް ނޫން. ” ނާއިޒް އޭނާގެ ހިތުގައިވާ ގޮތް ހާމަކުރި އެވެ.

ނާއިޒާއި ލަންމާ ވާހަކަ ދައްކާ މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރަމުން ދިޔައީ ދެމީހުންގެ އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުންނެވެ. އެގޮތުގައި އެދެމީހުން ވާހަކަތަކާއިގެން ކުރިޔަށް ދިޔައިރު އެދެމެދުގައި ގާތް ރަހުމަތްތެރިކަމެއް ވެސް އުފެދެމުން ދިޔައެވެ.

ލަންމާ އާއި ނާއިޒް ވާހަކަ ދައްކަމުން ދަނިކޮށް ފާތުން ބުނި ގަޑި ޖެހުމުން އޭނަ އެތަނަށް އައިސް ފިއެވެ.

އެތައް ދުވަހަކަށްފަހު ނާއިޒާއި ބައްދަލުވުމުން ލަންމާ އުފާވެފައިވާއިރު، ލަންމާ ކަހަލަ އޭނާއަށް ހެޔޮއެދޭ ރަނގަޅު ރަހުމަތްތެރިއެއް ލިބުނީތީ ނާއިޒް ވެސް ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.

ނާއިޒްގެ ހަޔާތުގައި ދިމާވެފައިވާ ހިތްދަތި ދުވަސްތަކުގެ ވާހަކަތައް ކިޔައި ދިނުމުން ލަންމާ ވަރަށް ދެރަވިއެވެ.

ފާތުންނާއި ލަންމާ އަދި ނާއިޒް އިރުކޮޅަކު އެތަނުގައި މަޑުކުރުމަށްފަހު، ލަންމާ އާއި ފާތުން ގެއަށް ދިއުމަށް ހިނގައި ގަތެވެ. ނާއިޒާއި ބައްލުވުމުން ލަންމާއަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ފާތުން ނަކަށް ސިއްރެއް ނުވިއެވެ.

” ވަރަށް އުފަލުންދޯ ތިހުރީ؟ ” ލަންމާއަށް ބަލާލަމުން ފާތުން އެހިއެވެ.

” އާން … އެކަމަކު ކޮންމެ ވެސް ވަރަކަށް. ” ލަންމާ ޖަވާބު ދިނީ މަޑުމަޑުން ނެވެ.

އެމަރުގެ ސަބަބުން މުޅިރަށަށް ހައިރާންކަން ގެނެސްދިން ލަންމާގެ މޫނު ދެކިލުމަށްޓަކައި ރަށުގެ ގިނަބަޔަކު ހޮސްޕިޓަލަށް ޒިޔާރަތް ކުރިއެވެ. އެމަރުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވަނީ ހިތާމައާ ހިތްދަތިކަމުގެ އަސަރުތަކެވެ. މުޅިތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރޭގައި ހިތާމައިގެ ތަސްވީރެއް ފަދައިން ނާއިޒް ހުއްޓެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަމުންދަނީ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ.

ނާއިޒް ޕޮލިހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި ބައްދަލުކޮށްލަން އެދުމުން އޭނާގެ މިހާރުގެ ހާލަތު ބުނެދީ ފަހުން ބައްދަލު ކުރުމަށް އެދުނެވެ.

އަސްރު ނަމާދަށްފަހު ލަންމާ ވަޅުލައިފި އެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހިތާމަ އާއި ހިތްދަތިކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެކަމުގައި ހޯދާންޖެހޭ މަޢުލޫމާތުތައް ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ނާއިޒާއި ވެސް ބައްދަލު ކުރިއެވެ.

” ނާއިޒް! ރޭގަ ނާއިޒްގެ ގޭގަ މިހުރިހާކަމެއް ހިނގާދިޔައިރު ނާއިޒް އުޅުނީ ކޮންތާކު ؟ ” ނާއިޒަށް ބަލާލަމުން ރީސާމް އަހާލިއެވެ.

” އަޅުގަނޑު ނުބުންޏަސް ތިޔަ ބޭކަލުންނަށް ވެސް އެނގިލައްވާނެ އަޅުގަނޑަކީ އަމިއްލަ ދެފިހާރަ ހިންގުމުގެ އިތުރުން އޮންލައިން ނޫހެއް ހިންގާ މީހެއް. އަދި އެ ނޫހުގެ އެޑިޓަރުގެ އިތުރުން ޤަވާއިދުން ރިޕޯޓް ތައްޔާރު ކުރަމުން އަންނަ މީހެއްކަން ވެސް އެނގޭނެ. އަޅުގަނޑަކީ ބިޒީ މީހެއް. ރޭ ވެސް އަޅުގަނޑު އުޅުނީ ވަރަށް އަވަދިނެތި. ފިހާރަތައް ބަންދުކޮށްފައި ދިޔަގޮތަށް ދިޔައީ އޮފީހަށް. ނޫހުގެ ކަންތައް ހަމައަކަށް އަޅުވާލާފައި ގެއަށް އަންނަނިކޮށް މަގުމަތިން ދިމާވި ބަޔަކު އަޅުގަނޑަށް ކޮށްފައިވާ އަނިޔާ ފެންނާން މިހުރީ. އަޅުގަނޑުގެ މޯބައިލް ފޯނާއި ވޮލެޓް ވީ ތަނެއް އަދި ވެސް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު ވާނެ ޕޮލިހަށް ވެސް އެމައްސަލަ ހުށަހަޅާފައި. ” ރީސާމްގެ ސުވާލަށް ޖަވާބުދެމުން ނާއިޒް ވާހަކަ ދެއްކީ އޭނާގެ ނިތްކުރި އާއި އަތުގެ މުލައްދަނޑި ދައްކާލަމުން ނެވެ.

” މިދިޔަ ހުކުރު ދުވަހު ޝާއިޢުކުރި އެބުނާ ރިޕޯޓާއި ކުރެހުން ވެސް ތައްޔާރު ކުރީ ނާއިޒް ދޯ ؟ ” ނާއިޒަށް ބަލާން އިނދެ ރީސާމް ސުވާލު ކުރިއިރު އޭނާގެ ކިބައިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރު ތަކެވެ.

” އާން. އެކަންތައް ކުރީ އަހަރެން. ތިޔަ ބޭކަލުން ކުރާ ކަންތައްތައް އާންމުންނާއި ހަމައަށް ގެނައުމަކީ އަހަރުމެން ކުރާންޖެހޭ ކަމެއް ކަމުގައި އަހަރެން ދެކެން ….. ތިޔަ ބޭކަލުން ތިޔަ ކީއްކުރަނީ ؟ ތިޔަ ބޭކަލުންނަށް އެންމެ ފަހަރަކު ވެސް ވިސްނާ ނުލެވޭ ލަންމާގެ ގާތިލުން ކިހާ ދުރަކަށް ހިނގައިދާނެ ކަމެއް. ” ރީސާމަށް ބަލަން އިނދެ ވާހަކަ ދައްކަމުން ނާއިޒް އެނބުރުނީ އޭނާގެ ވަކީލް ސާހިލްއާ ދިމާއަށެވެ.

” އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ކަލޭ ކީއް ތިޔަ ކުރަނީ ؟ އަހަރެން ނުޖެހޭނެ ދޯ ކަލޭތީ އަހަރެންގެ ވަކީލްކަން ކަލެއަށް ހަނދާން ކޮށްދޭކަށް. ” ސާހިލަށް ބަލާލަމުން ނާއިޒް ބުންޏެވެ.

ނާއިޒާއި ވާހަކަ ދައްކާން ބައިގަޑިއެއް ހާއިރު މަޑުކުރުމަށް ފަހު ޕޮލިހުން ދިޔައީ އެވެ.

ތަފާތު މީޑިޔާތަކުގައި ތަފާތު ގޮތްގޮތަށް ލަންމާގެ މަރުގެ ވާހަކަތައް ޝާއިޢު ކުރަމުން ދިޔައެވެ. ކުދިކުދި ތަފާތުތަކެއް ހުރި ނަމަވެސް މައިގަނޑު ވާހަކަ ދާދި އެއްގޮތެވެ. ޕޮލިހުންގެ މަސައްކަތުގެ އަގު ވަޒަން ނުކުރާ ފަރާތްތަކުން ޕޮލިހުންގެ ގާބިލްކަމާއިމެދު ސުވާލު އުފައްދަމުން ދިޔައިރު އެބޭކަލުންގެ މަސައްކަތް ބަލައިގަންނަ މީޑިޔާތަކުން އެބޭކަލުންގެ މަސައްކަތަށް ތަޢުރީފް ކުރަމުން ހިތްވަރު ދެމުން ދިޔައެވެ.

ނާއިޒްގެ ރައްޓެހިން އަދި އޭނާގެ ވަޒީފާތައް އަދާކުރަމުންދިޔަ ގިނަބަޔަކު ނާއިޒްގެ ގެއަށް އައިސް އޭނާއަށް ހިތްވަރާއި ނަސޭހަތް ދީ އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ލަންމާގެ މަރުގެ މައްސަލަ ބަލަމުން ދިޔައިރު ނާއިޒަށް ބަޔަކު ހަމަލާދީ އޭނާގެ މޯބައިލްފޯނާއި ވޮލެޓް ފޭރިގަތް މައްސަލަ ވެސް ބަލަމުން ދިޔައެވެ. އަދި ލަންމާގެ މަރުގެ މައްސަލަ އެކޭ އެއްފަދައިން ނާއިޒް ހުށަހަޅާފައިވާ މައްސަލަ ބެލުމުގައި ނާއިޒްގެ ފަރާތުން ހޯދާންޖެހޭ މަޢުލޫމާތު ހޯދިއެވެ.

އިރުއޮއްސުމާއިއެކު ރަށުތެރޭން ފެންނަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން އިތުރުވެގެން ދިޔައެވެ. މަގުތަކުން މީހުން ފެނުން މަދުވެފައި ވާއިރު މަގެއް މަތިން ކުއްޖަކު ނުވެސް ފެނެއެވެ. ލޮލުންދެކި އަތުން ހިފުމުގެ ނަސީބު ލިބުނު ލަންމާގެ އަނިޔާވެރި މަރުގެ ސަބަބުން ގިނަބަޔަކަށް ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައެވެ. މައިންބަފައިންނާއި ބެލެނިވެރިން އެބައިމީހުންގެ ދަރިންތައް ހަމަކޮށް ދުރައް ނުދާނެހެން ހިފަހައްޓަމުން ދިޔައެވެ.

ފެންޑާތެރޭ ގޮނޑިސެޓްގައި އޮށޯވެލައިގެން އޮތް ނާއިޒްގެ ޚިޔާލުތައް ގުޅިފައިވަނީ އޭނާގެ މާޒީއާ އެވެ.

ފާތުންނާއި ލަންމާ ވާހަކަދައްކަމުން ދައްކަމުން ފާތުންމެން ގެއާދިމާއަށް ދިޔައިރު ވެސް ލަންމާއަށް އެންމެބޮޑަށް ވިސްނެމުން ދިޔައީ ނާއިލްއާ މެދުގައެވެ. ނާއިޒްގެ ހާލާއި މެދުގައެވެ.

ފާތުންނާއި ލަންމާ ފާތުންމެން ގެއަށް ދިޔައިރު ފާތުންގެ ދޮންބެ ފަރުހާދު ހުރީ އެގޭ ދޮރޯށި ކައިރީގަ އެވެ. ފަރުހާދަށް ފާތުން ފެނުމުން ހިނިތުން ވެލަމުން ކޮންތާކުންތޯ އައީ އަހާލިއެވެ.

ނުހަނު ރީތި އެހާމެ ފުރިހަމަ ލަންމާ ފެނުމާއެކު ނާއިޒްގެ ހިއްސުތައް ގަނޑުވި ކަހަލަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފަ ހުރިއިރު ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރަމުން ދިޔައެވެ. ލަންމާގެ ރީތިކަމާއި ފުރިހަމަކަމަށް ހިތުގެ އެންމެ އަޑިން ތަޢުރީފް ކުރެވެމުން ދިޔައެވެ.

ގެއަށް ފޯނުކޮށް ކާރުފޮނުވަން ބުނެފައި ލަންމާ އާއި ފާތުން މަޑުކުރީ ދޮރޯށި ކައިރީގަ އެވެ.

” ބޭބެ ކިހިނެތްވެފަ މިތާ ތިހުރީ … ” ފަރުހާދަށް ބަލާލަމުން ފާތުން އެހިއެވެ.

” މާބޮޑުކަމެއް ނުވެ … ފޫހިވާވަރުން ނުކުމެލީ. ” ފާތުންގެ ސުވާލަށް ޖަވާބުދެމުން ފަރުހާދު ބަލާލީ ލަންމާއަށް ނަމަވެސް ލަންމާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

” ލަންމާ ބަލާ ކާރު އަންނާތީ އަހަރުމެން ވެސް މި މަޑުކޮށްލީ. ” މަގުގެ ދެކޮޅު ހޯދާލަމުން ފާތުން ބުންޏެވެ.

ލަންމާ ބަލާ ކާރު އައުމުން ފާތުންނާއި ސަލާންކޮށް މާދަމާ ވެސް ބައްދަލުކުރުމަށް ބުނަމުން ލަންމާ ގޮސް ކާރަށް އެރިއެވެ. ކާރު ދުއްވާލި އެވެ.

އިރުއޮއްސުމުން މަގުތަކާއި އާންމު މައިދާންތަކުން މީހުން މަދުވި ނަމަވެސް މާބޮޑު ހަމަހިމޭންކަމެއް ނާދެއެވެ. ދުއްވާ ތަކެއްޗާއި މަގުތަކުން މީހުން މަދުވިހެނެއް ހިޔެއް ނުވެއެވެ.

ނާއިޒް ގެއަށް ގޮސް ލަންމާއާ ބެހޭގޮތުން ވަރަށްގިނައިރު ވަރަށްގިނަ ގޮތްގޮތަށް ވިސްނިއެވެ. ނާއިޒްގެ ހިތުން ލަންމާއަށް ޖާގައެއް ދެވުނު ނަމަވެސް، ލަންމާއާ ބެހޭ އެންމެ މުހިންމު މަޢުލޫމާތުތައް ނާއިޒަކަށް އަދި ނޭނގެއެވެ. ފާތުންނާއި ލަންމާ ދެއްކި ވާހަކަތައް އޭނާ ހަނދާން އެބަހުއްޓެވެ. ފާތުން އެބުނާ ފަދައިން ކަންތައް ހުރި ނަމަވެސް ލަންމާގެ ޢާއިލާއިން އެކަމާ ދެކޮޅު ހަދާނެކަން ނާއިޒަށް ޔަގީން ވެއެވެ. މިދެމެދުގައި އެހާ ބޮޑެތި ތަފާތުތައް ހުރިއިރު ނާއިޒަކީ ލަންމާއާ އެކަށީގެންވާ މީހެއް ނޫންކަން ނާއިޒަށް ވެސް ގަބޫލު ކުރެވެއެވެ.

ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.