ބިރުވެރި ލޯބީގެ

ނިދިތެރޭން ( 5 )

ަލީ އަހްމަދުގެ އިސާރާތަށް ވިސާމް ގޮސް ދޮރުހުޅުވާލިއިރު އެތަނުގައި ހުރީ ނީނާ އެވެ. ނީނާ ފެނުމާއެކު ވިސާމް ސިއްސައިގެން ދިޔަ ނަމަވެސް އަލީ އަހްމަދުގެ ވާހަކަތައް ހަނދާންވުމުން ނީނާއަށް ޖާގަ ދައްކައި، އަތުގެ އިޝާރާތުން އެތެރަށް ވަންނާން ބުންޏެވެ.

ކުރީރޭ ފަދައިން ނީނާ ވަދެގެން އައި ގޮތަށް އައިސް ދުންކިބަ ކައިރީ މަޑުކުރިއެވެ. ދޮރުލައްޕާ ތަޅުލުމަށްފަހު އޭނާގެ ފަހަތުން ކަހަލަގޮތަކަށް ވިސާމް އައިސް އަލީ އަހްމަދު ކައިރީ ކުރިން ވެސް އޭނާއިން ތަނުގައި އިށީނެވެ.

ނީނާއާ ދިމާއަށް ބަލަހައްޓައިގެން ކަހަލަގޮތަކަށް އިން ވިސާމަށް ނީނާގެ ފަރާތުން ފާހަގަވަމުން ދިޔައީ މަޑުމައިތިރިކަމާއި ހަމަހިމޭންކަމެވެ. ހިލައިގެ ބުދެއްފަދައިން އެއްވެސް ހަރަކާތެއް ނެތިފައި ނީނާ ހުއްޓެވެ.

ކުރަމުންދިޔަ ގަދަ ވިއްސާރައާއެކު ވަގުތުތައް ފާއިތުވަމުން އައިސް މެންދަމުން އަލިވެ ތިނެއް ޖަހާން ވީއިރު ވިއްސާރަ އަލިވުމުގެ އަލާމާތްތައް ދައްކާން ފަށައިފިއެވެ. ވައިމަޑުވެ ވާރޭ ތުނިކޮށްލިއިރު ގުގުރާ ވިދުން މުޅިން ހުއްޓިއްޖެއެވެ. އެއާއެކު ހަނދުވަރުގެ އަލިކަން މަޑުމަޑުން ފާޅުވާން ފެށިއެވެ.

އަލީ އަހްމަދު އޭނާގެ ކިޔެވެލި ހުއްޓާލާފައި ކޮޅަށް ތެދުވުމާއެކު ވިސާމް ވެސް ކޮޅަށް ތެދުވެއްޖެއެވެ.

އަލީ އަހްމަދާއި ވިސާމް ވާހަކަތަކެއް ދެއްކުމަށްފަހު ނީނާއާ ދިމާއަށް ވިސާމް އައެވެ. އަލީ އަހްމަދު ބުނި ފަދައިން ވިސާމް އައިސް ނީނާގެ އަތުގައި ހިފައިގެން އޮޑިހަރުގޭން ނުކުންނާން ހިނގައިގަތުމުން ވިސާމާއި އެކުގައި ނީނާ ހިނގައިގަތެވެ.

ނީނާމެން ގެއާއި ދިމާއަށް ނީނާ އާއި ވިސާމް ހިނގަމުން ދިޔައީ އެކުގައި ނަމަވެސް އެކަކު އަނެކަކާއި ވާހަކައެއް ނުދައްކައެވެ. ރަށުތެރޭން ފެންނަމުންދާ ހަމަހިމޭންކަމާއި ފަޅުކަމުގެ ސަބަބުން އެދެމީހުން އެހެން މީހަކަށް ނުފެންނާނެކަން ޔަގީންވާތީ ދެ މީހުން ވެސް ތިބީ ނުހަނު ހިތްހަމަޖެހިފައިކަން ދެމީހުންގެ މޫނުމަތިން ފާޅުވަމުންދާ ކުލަވަރުތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވެއެވެ. ނީނާއާ ވާހަކަދައްކާން ވިސާމް ކިތަންމެ ބޭނުންވި ނަމަވެސް އަލީ އަހްމަދު ބުނެފައިވާ ފަދައިން ކަންތައް ކުރުމަށްޓަކައި ނީނާއާ އަނގައަކުން ނުބުނެއެވެ. މީހަކު ލައްވާ ކަމެއްކުރުވާއިރު އޭނާ ބުނާގޮތް ހެދުމަކީ ކިހާ މުހިންމުކަމެއްކަން ވިސާމަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ނީނާ ގޮވައިގެން ވިސާމް ގޮސް ނީނާމެން ގެކައިރިއަށް މަޑުކުރުމުން، ވިސާމަށް ބަލާލާފައި ހީލަމުން ނީނާ ގޮސް ގޯތިތެރެއަށް ވަނެވެ. ނީނާ ގޯތިތެރެއަށް ވަނުމުން ވިސާމް ވެސް އޭނާގެ ގެއަށް ދިއުމަށް އަވަސްވެގަތެވެ.

ނީނާ ގޮސް ގޯތިތެރެއަށް ވަނުމާއެކު އޭނާގެ ފަހަތުން ގޮސް ކަޅުކުލައިގެ ބުޅަލެއް އެގޯތިތެރެއަށް ވަތް ނަމަވެސް ވިސާމަކަށް އެކަމެއް ނޭނގެއެވެ. ބުޅާ އައިސް ނީނާއާ ހަމަކުރުމާއެކު ނީނާ އަވަސް އަވަހަށް އެދިމާއަށް ބަލާލަމުން ހިނިތުން ވުމާއެކު ބުޅަލާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ބުޅަލުގެ ލޮލުން ފޮނުވާލި އަނގުރުއަލިފާން ފަދަ ރަތްކުލައިގެ އަލި ނީނާގެ ކަޅިއާއި ހަމަވުމާއެކު ވުއްކޮޅެއް ވިރޭފަދައަކުން ނީނާ ވިރިގެން ގޮސް ބިންގަނޑުގެތެރެއަށް ގެއްލިއްޖެއެވެ.

ނީނާމެން ގޯތިތެރެއިން ނުކުމެގެން ބުޅާ މިސްރާބުޖެހީ ގަބުރުސްތާނާއި ދިމާއަށެވެ.

ކުރަމުންދާ މަސައްކަތަށް ލިބެމުންދާ ކާމިޔާބީގެ ސަބަބުން ނުހަނު އުފާވެ ހިތްހަމަޖެހިފައިހުރި ވިސާމް އައިސް ނިދާން އޮށޯތްއިރު ވެސް އަލީ އަހްމަދު ގެއަކަށް ނާދެއެވެ. އޭނާގެ މަސައްކަތް މުޅިން ފުރިހަމަ ނުވާތީ އޭނާ ރޭގައި ވެސް ގެއަށްއައީ ވިސާމަށްވުރެ ލަހުން ކަމަށްވާތީ ވިސާމް އެކަމަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އޮށޯވެ މާގިނަ އިރެއް ނުވަނީސް އޭނާއަށް ނިދިއްޖެއެވެ.

ދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާތީ އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހިތާމައިގެ އަސަރުތަކެވެ.

ވިސާމް އޭނާގެ އާދައިގެމަތިން ނުވައެއް ޖަހާކަންހާއިރު ޝޮޕަށް އައިސް އޭނާގެ މަސައްކަތްތައް ފެށިއެވެ. އަލީ އަހްމަދުއޭނާގެ ރަހުމަތްތެރިޔާގެ މަސައްކަތް ނިންމާލާފައި ކޮންމެ ދުވަހަކު ވެސް އަންނަނީ ޝޮޕަށްކަމަށް ވާތީ މިއަދުވެސް އޭނާ އަންނާނެ ކަން ވިސާމަށް ޔަގީން ވެއެވެ.

ވަގުތުތައް ފާއިތުވަމުން އައިސް އެގާރަ ޖަހާންވީރު ވެސް އަލީ އަހްމަދުގެ ޚަބަރެއް ނުވުމުން، ވިސާމް ކޮފީއަށް ދަމުން އަލީ އަހްމަދަށް ފޯނުކޮށް އެވާހަކަ ބުންޏެވެ. އަދި ކުޑަ އިރުކޮޅެއްގެ ވާހަކަ ތަކަށްފަހު ފޯނު ޖީބަށްލަމުން ކޮފީޝޮޕާއި ދިމާއަށް ހިނގައި ގަތެވެ.

އަލީ އަހްމަދާއި ވިސާމް ބައްދަލުކުރީ ކޮފީޝޮޕުންނެވެ. ރޭގައި ދިމާވި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމާއިގެން ގިނަބަޔަކު އުޅެމުންދާތީ ކޮފީޝޮޕް ވެސް ހުރީ ހުހަށް ކަހަލަ ގޮތަކަށެވެ. ލިބުނު ހުސްކަމުގެ ސަބަބުން ދެމީހުނަށް ވެސް ހިނިތުން ވެލެވުނެވެ.

” ކޮބާ. މިރޭމީ ތިންވަނަރެއެއްނު؟ މިރޭ ކުރީމަ ނިމުނީދޯ؟ ” މޭޒެއް ކައިރީ އިށީންނަމުން ހަމައެކަނި އަލީ އަހްމަދަށް އިވޭވަރަށް ވިސާމް އަހާލިއެވެ.

” އާން. މިރޭ މީ ފަހު ރޭ. މިރޭ ތަފާތު ވެސް ވާނެ. ” އަލީ އަހްމަދު ޖަވާބު ދިނެވެ.

” އަހަރެންނަށް އެކަން ވާނެކަން އަލީ އަހްމަދަށް ޔަގީންދޯ؟ ” ވަރަށް އުންމީދާއެކު އަލީ އަހްމަދަށް ބަލާލަމުން ވިސާމް އަހާލިއެވެ.

އަލީ އަހްމަދާއި ވިސާމް ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލީ އޯޑަރު ނެގުމަށްޓަކައި ވޭޓަރު އައުމުންނެވެ.

” ވިސާމް ދައްކާ ވާހަކަދޯ؟ މިއީ ސަތޭކަ އިންސައްތަ ޔަގީންކަމެއް. ” ވަރަށް ޔަގީންކަމާއެކު އަލީ އަހްމަދު ބުނެލިއެވެ.

އަރައިގެން އައި އިރުން ލިބެމުންދިޔަ ގަދަފަދަ ހޫނުގެ އަސަރުތައް މަޑުމަޑުން ކެނޑެމުން ފިނިކަމަށް ބަދަލުވަމުން ދިޔަ އެވެ. އިރު އެރީއްސުރެ ކަހަލަގޮތަކަށް މަސައްކަތުގައި ހޭބޯ ނާރާ އުޅުނު ރައްޔިތުން ވެސް އެމަސައްކަތްތައް ނިންމާލުމަށްފަހު އެހެނިހެން ކަންކަމާއިގެން ހަރަކާތްތެރި ވަމުން ދިޔައެވެ.

އަލީ އަހްމަދު އޭނާގެ އާދައިގެ މަތިން ނީނާމެން ގެއަށް ގޮސް އޭނާގެ މައިންބަފައިންނާއި ވާހަކަދައްކާން އިނދެފައި ގެއަށް ދާން ނުކުތްއިރު ޖޯލިފަތީގައި ނީނާ އޮތެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަގޮތަކަށް އޮތް ނީނާ ސިއްސައިގެން ދިޔައީ އަލީ އަހްމަދު އޭނާއަށް ގޮވާލުމުންނެވެ.

” ނީނާ! ހާދަބޮޑު ފިކުރަކަށް ގެއްލިފަ އޮތްހެން ހީވެޔޭ … ކަންތައްތައް ރަނގަޅުތަ؟ ” ނީނާއަށް ގޮވާލަމުން އަލީ އަހްމަދު އާދައިގެގޮތަކަށް އަހާލިއެވެ.

” އާން. ބަރާބަރު ” އަލީ އަހްމަދަށް ހީލަމުން ނީނާ ބުންޏެވެ.

ނީނާ އާއި ވާހަކަދައްކާން މަޑުނުކޮށް އަލީ އަހްމަދު ނުކުމެގެން ދިޔަގޮތަށް ދިޔައީއެވެ.

އިރުއޮއްސޭ ވަގުތު ގާތްވަމުން އުދަރެހުން ރަތްވިލާ ދައްކަމުން ދިޔައެވެ. ރަތްވިލާއާއެކު މަޑުރީނދޫ ކުލައާއި އޮރެންޖެކުލަ ފަދަ ރީތިކުލަތަކުން އެމަންޒަރު އިތުރަށް ފުރިހަމަވެފައި ވެއެވެ.

އޮއްސެމުންދިޔަ އިރާއެކު ރަށުތެރެއަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. އަތިރިތަކުގައި ކުޅެ މަޖާ ކުރުމުގައި އުޅުނު ކުޑަކުދިންނާއި އެކުދިންގެ އެހީތެރިން، އުމުރުން ދުވަސްވީ މީހުން ދެމުންދިޔަ ލަފަޔާއި މަޝްވަރާއާއެކު ގެތަކާއި ދިމާއަށް މިސްރާބުޖެހިއެވެ. އިރުއޮއްސޭވަގުތާއި އެވަގުތާއި ގުޅިގެން އަންނަ މަޢުރިބުނަމާދާއި އިޝާނަމާދާ ދެމެދު ކުޑަކުދިން އެފަދަ ތަންތަނުގައި ގެންގުޅުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުކަންދޭ މީހުން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ.

ވިސާމާއި އަލީ އަހްމަދު ރާވާފައިވާފަދައިން ރަށުގެ ހުޅަނގުކޮޅު ތުނޑިއަށް އެދެމީހުން ދިޔައީ އިރު އޮއްސޭން ކައިރިވެ މީހުންތައް ގެތަކާއި ދިމާއަށް މިސްރާބު ޖެހުމުންނެވެ. އޭރު އެސަރަހައްދަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އަމާން އޮމާން ކަމެވެ. ޖެހެމުންދާ ނަލަވައިން ގަސްތަކުގެ ފަތްތައް ހެލިލާ އަޑު ފިޔަވާ އެހެން އެއްވެސް އަޑެއް ނީވެއެވެ.

ތުނޑިމަތި ފެނުމާއެކު އެދެމީހުންނަށް ހިނިތުން ވެލެވުނީ އެދެމީހުން ބޭނުންވާފަދަ މާހައުލެއް ތުނޑިމަތީގައި އޮތުމުންނެވެ.

އޮއްސެމުންދިޔަ އިރު މުޅިން އަޑިޔަށް ނުދަނީސް އަލީ އަހްމަދު އޭނާ ގެނައި ބޮންތިފަންވަތްތައް ރާޅު ފެނުގައި އިންދި އެވެ. އޭރު އެފަންވަތްތަކުގައި ކުދިކުދި އަކުރުތަކަކުން އަރަބިން ކޮންމެވެސް އެއްޗެއް ލިޔެފައިވެއެވެ. އެ މަސައްކަތް ނިންމާލަމުން ވިސާމާއި ދިމާއަށް ބަލާލިއިރު އަލީ އަހްމަދުގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. އުންމީދާއި ޔަގީން  ކަމުގެ ކުލަވަރެވެ.

ވިސާމް ކަންތައް ކުރާންވީ ގޮތް ބުނެދިނުމަށްފަހު އަލީ އަހްމަދު އައިސް ހުއްޓުނީ އެ ފަންވަތްތަކާއި ދިމާއިން އެއްގަމު ކަޅުފަހާއި ދޮންފަސް ގުޅުނު ހިސާބުގައެވެ. ވަރަށް ޝައުޤުވެރިކަމާއެކު ވަށައިގެން ހޯދާލަމުން އަލީ އަހްމަދު އޭނާގެ މަސައްކަތް ފެށިއިރު، އަލީ އަހްމަދު ބުނެފައިވާ ފަދައިން ރަށުގެ އެއްވެސް ދިމާއަކުން އެއްވެސް މީހަކު ތުނޑިއާ ދިމާއަށް އާދޭތޯ ވިސާމް ބަލަމުން ދިޔައެވެ. ކުރަމުންދަނީ އޭނާގެ މަސައްކަތަކަށްވާތީ ވިސާމް އެކަމާއިގެން އުޅެމުންދިޔައީ ވެސް ވަރަށް ހަލުވިކަމާއި ފަރުވާތެރިކަމާ އެކުގައެވެ.

އިރުއޮއްސި އަނދިރިކަން ވެރިވަމުން ދިޔަ ނަމަވެސް އަލީ އަހްމަދު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާގެ ކިޔެވެއްޔާއިގެން ކުރިޔަށް ދިޔައެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ހަތެއް ޖަހާން ވެފައިވަނިކޮށް އަލީ އަހްމަދު އޭނާގެ ކިޔެވެލި މެދުކަނޑާލިއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ ދިޔަގޮތަށް ގޮސް ބޮންތިފަންވަތްތަކުގެ ވަށައިގެން ތިންބުރު ޖެހިއެވެ. ބޮންތި ފަންވަތްތަކުގެ ވަށައިގެން ހިނގަމުން ދިޔައިރު ވެސް އަލީ އަހްމަދުގެ ތުންފަތަށް ހަރަކާތް އަންނަމުންދާތީ، އަންގައިދެނީ އޭނާ ސިއްރު ސިއްރުން ކޮންމެ ވެސް އެއްޗެއް ކިޔަވަމުންދާ ކަމެވެ.

އަލީ އަހްމަދާއި ވިސާމް އެފަންވަތްތަކުން ބައެއް ފަންވަތް އުފުރާލައިގެން ރަށުތެރެއާ ދިމާއަށް މިސްރާބު ޖެހިއިރު މުޅި ހިސާބު ވަނީ އަނދިރިވެ މަގު ހިނގާން އުނދަގޫވާވަރު ވެފައެވެ. އެހެންކަމުން ވިސާމް އަވަސް އަވަހަށް ފޯނުނަގާ ބައްތި ދިއްލައި އޭނާ އާއި އަލީ އަހްމަދަށް ހިނގާން ފަސޭހަވާނެހެން މަގަށް އަލިކުރާން ފެށިއެވެ.

ރަށުތެރެއަށް އެރުވުމާއެކު އަލީ އަހްމަދާއި ވިސާމް އެމީހުން ދިރިއުޅެމުންދާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ކުރަމުންދާ މަސައްކަތަށް ލިބެމުންދާ ކާމިޔާބުގެ ހިތްހަމަޖެހުން ދެމީހުންގެ ކިބައިން ވެސް ފެންނަމުންދިޔަ އެވެ. ބައެއް މަގުތަކުން ކޮންމެވެސް ވަރަކަށް މީހުން ފެނުނު ނަމަވެސް ޒުވާންފުރައިގެ އަންހެން ކުދިންނާއި މެދުއުމުރުގެ އަންހެންވެރިން ތެރޭން ބައެއް މީހުން ތިބީ ކޮންމެވެސް ހިންދީޑުރާމާއެއް ބަލާށެވެ. ދަރިންނަށް ފިލާވަޅު ދަސްކޮށްދިނުމުގައި ހަރަކާތްތެރި ވަމުންދާ އަންހެންވެރިން ވެސް މަދެއް ނޫނެވެ.

ކުރީ ޒަމާނުންސުރެ ފެށިގެން ދިވެހިންގެ ތެރޭން ފެންނަމުންދިޔަ މަޣުރިބު ނަމާދާއި އިޝާނަމާދާ ދެމެދު ގޭގޭގައި ޔާސީން ސޫރަތް ކިޔެވުމުގެ ކަންތައް މިހާރު ފެންނަނީ އެކަމާ ހިތާމަ ކުރާންޖެހޭހާ ވެސް މަދުންނެވެ.

ގެތަކުތެރޭން ފެންނަމުންދިޔަ ހަލަބޮލިކަން ކެނޑެމުން ގަދައަލިތައް ފަނޑުވަމުން ވަގުތު މިސްރާބު ޖަހާފައިވަނީ މެންދަމާއި ދިމާއަށް ކަން އަންގައިދެމުން ދިޔައެވެ. މަގުތަކުން މީހުން މަދުވަމުން ރަށުތެރެއަށް ހަމަހިމޭންކަން އިތުރުކުރަމުން ދިޔައެވެ.

ރަށުތެރޭގައި ރަސްކަން ކުރަމުންދާ ހަމަހިމޭންކަމާއި ފަނޑުހަނދުވަރުގެ އަލިން ހިތްހަމަޖެހުން ހޯދަމުން ގަބުސްތާނާއި ދިމާއަށް ހިނގަމުން ދިޔައިރު ވިސާމާއި އަލީ އަހްމަދު ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

ގަބުރުސްތާނުތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް އަލީ އަހްމަދު މަޑުކުރީ ދާދި މިދާކަށް ދުވަހު މަރުވެގެން ވަޅުލާފައިވާ ހުނައިފާގެ މަހާނަ ކައިރިއަށެވެ. އަލީ އަހްމަދުގެ ފަހަތުން ވަދެގެން ދިޔަ ވިސާމް ޓޯޗްބައްތި ހިފައިގެން އަލީ އަހްމަދުގެ ފަހަތުގައި މަޑުކޮށްގެން ހުއްޓެވެ.

އަލީ އަހްމަދު އޭނާގެ ކިޔެވެލި ހުއްޓާލުމެއްނެތި ކުރިޔަށް ގެންދިޔައެވެ.

ކުއްލިއަކަށް ވިދާލި ވިދުވަރަށްފަހު ޖަހާލި ބާރު ގުގުރީގެ އަޑުން ވިސާމް ދިޔައީ ސިއްސައިގެންނެވެ. މަހާނަތައް މަތީ ހުރި ވެލިތަކާއި ގަސްތަކުގެ ފަތްތައް ވަޔާއި ބުރައިގެން ދިޔައިރު ހީވާނީ ތޫފާނެއްލައިގެން ހެންނެވެ. އެކަމުގެ ސަބަބުން ވިސާމް ކޮންމެ ވެސް ވަރަކަށް ހާސްވެ ޖެހިލުންވާގޮތް ވި ނަމަވެސް އަލީ އަހްމަދުގެ މޫނުމަތިން ފާޅުވަމުންދާ ހަމަޖެހުމުގެ އަސަރުތައް ފެނުމުން ވިސާމް ހަމައަކަށް އެޅޭގޮތް ވިއެވެ. އެހެންވެ އޭނާ ވެސް ކެތްތެރިވެ ހަމަޖެހިގެން ހުއްޓެވެ.

ނުނިމޭ

0
0
މިއީ " ނިދިތެރޭން " އަށް ހުށަހަޅާފައިވާ 15 ޕާޓްގެ ތެރެއިން 5 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ނިދިތެރޭން ( 5 )“

Leave a Reply

Your email address will not be published.