ލޯބީގެ

ދަރަކަ ( ނިމުން )

ނިމުން
ކަންތައް ވެގެންދިޔަގޮތް މުއީނާއަށް ރޭކާލީ އަންސާމާއި ޔަޒީދާގެ ކައިވެނީގެ ފަހުންނެވެ. އެއީ ވިކާސެއް ނޫނެވެ. ލޯބީގައި އާވާރާވެ ދިވާނާ ވާވަރު ވެފައިހުރިވަރުން އޭނާއަށް އޭނާގެ ލޯ ކެހިދިނީ އެވެ. އޭނާގެ ނަފްސް އޭނާއަށް އޮޅުވާލީ އެވެ.
ވިކާސް ކަމަށް އޭނާއަށް ހީކުރެވުނު އަންސާމަކީ މިހާރު މީހެއްގެ ފިރިއެކެވެ. މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް އަންސާމަށް ދެރައެއް ދޭކަށް މުއީނާ ބޭނުމެއް ނުވިއެވެ. ހިނގާދިޔަކަމެއް ހިނގާދިޔައީ އޭނާގެ ސަބަބުންނެވެ.
އަންސާމް ދޫކޮށް އޭނާގެ ނިންމުން ބަދަލުކޮށް މުއީނާ އޭނާގެ މީހުންގެ ގާތަށް އަބަދުގެ އަބަދަށް ބަދަލުވި ނަމަވެސް، ކަންތައް ވެގެން ދިޔައީ ހީކުރިގޮތަކަށް ނޫނެވެ. ކައިވެނީގެ ބޭރުން މުއީނާ ބަލިވެއިންކަން އެނގުމާއެކު މައްސަލަ ފެންމަތި ވެއްޖެއެވެ. ޢާއިލާގެ ނަފްރަތާއި ރުޅިވެރިކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. ހިތް ދަތިވެ ހިތް ކުދިކުދި އަމިއްލައަށް މަރުވާން ހިތަށްއެރި އެތައްފަހަރެއް ކުރިމަތިވިއިރު ބައެއް ކަހަލަ އަނިޔާތަކާއި ވެސް ކުރިމަތިލާން ޖެހިއްޖެއެވެ. ހަދާނެގޮތް ހުސްވެ ހަތަރުއުދަރެސް ފެނުޖެހުނުއިރު ހެދޭނުހެދޭއެއް ނޭނގޭ އެތައްފަހަރަކާއި ވެސް ކުރިމަތިވެއްޖެއެވެ.
ޔަޒީދާ ވިއްސުމުގައި ހަރަކާތްތެރިވި ފޫޅުމައި ނިޔާސާ އަކީ އަކްމަލްގެ މަންމައެވެ. އަކްމަލަކީ ޔަޒީދާގެ ލޯތްބަށްޓަކައި ކޮންމެފަދަ ގުރުބާނެއް ވާންޖެހުނަސް އެކަން ކުރަން ތައްޔާރަށް ހުރި ޒުވާނެކެވެ. އެހެނަސް ޔަޒީދާ އާއި ނިޔާސާ ފިޔަވާ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.
ޔަޒީދާގެ ކައިވެންޏާއިއެކު އަކްމަލްގެ އުންމީދުތައް ވިއްސި ވިހާލިވެގެން ދިޔައިރު، ބަދަލު ހިފުމުގެ ހުޅުކޮޅު ރޯވިއެވެ. ލޯބި ނަފްރަތަށް ބަދަލުވެގެންދިޔަ ވަގުތު ބަދަލުހިފުމުގެ ފުރުސަތު ލިބުނީ ނިޔާސާ އަށެވެ.
ކުއްލިއަކަށް ޔަޒީދާގެ ބަނޑުގައި ރިއްސައިގަތީ ދަންވަރުއެވެ. ރަށުގެ ސިއްހީހާލަތު ހުރިގޮތުންނާއި މޫސުމް ގޯސްކަމުން ސިއްހީމަރުކަޒަށް ނުދެވި ހަދާނެގޮތް ހުސްވެފައި ތިބީ މަރިޔަންމަނިކެ އާއި އާދަމްފުޅަށް އެހީވުމަށް ނިޔާސާ އައީ އަމިއްލައަށެވެ. އަންސާމު ވެސް ރަށުގައި ނެތް އެވަގުތު ނިޔާސާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބުން ވެގެންދިޔައީ މަރިޔަންމަނިކެ އާއި އާދަމްފުޅަށް ލިބުނު ވަރަށްބޮޑު ފަސޭހައަކަށެވެ. ބޮޑު ހިތްހަމަޖެހުމަކާއި އުފަލަކަށެވެ.
އެއްވެސް އުނދަގުލެއް ނުރައްކަލެއް ނެތި ފަސޭހަކަމާއެކު ޔަޒީދާ ވިހެއެވެ. ނުހަނު ދޮން ރީތި ލޯބި ލޯބި އެއަންހެންކުއްޖާ ފެނުމާއެކު ނިޔާސާގެ ހިތުގައި ރޯވި ނަފްރަތުގެ އަލިފާންގަނޑު ބޮޑުވެގެންދިޔައެވެ.
ދަރިފުޅަށްޓަކައި މިއަދު ހިމާޔަތެއް ދެވޭނެ ހަމައެކަނި މީހަކު އަންސާމު ކަމުގައި މުއީނާއަށް ގަބޫލުކުރެވުނެވެ. އެހިސާބުން ފެށިގެން އޭނާ މަސައްކަތް ކުރަމުންދިޔައީ އެފުރުސަތު ލިބޭނެ ވަގުތަކަށެވެ. މަގުފެނުނީ ހީކުރިވަރަށްވުރެ ފަސޭހައިން ނަމަވެސް އެއްފަހަރާ ދެހިތާމަ ކުރިމަތިވި އެވެ.
މާބޮޑު އުނދަގުލަކާއި ނުލައި ވިހެއި ނަމަވެސް، އެކަމުގެ ސަބަބުން ތަހައްމަލްކުރަން ޖެހުނު ވޭނުގައި ލޯމަރާލިގޮތަށް ޔަޒީދާ އޮތީއެވެ. ތުއްތުތުއްތު ދަރިފުޅުގެ ރުއިމުގެ އަޑުން ލިބުނު އުފަލާއި ހިތްހަމަޖެހުމުގައި ހިނިތުންވެލެވުނު ނަމަވެސް، ކެތްތެރިކަމާއި ހިތްވަރު އެންމެ އިސްކުރަންވީ ވަގުތަކީ މިއީކަމުގައި އޭނާގެހިތް ބުނަމުންދިޔައެވެ.
ޔަޒީދާގެ މޫނަށް ބަލާލަމުން އެތުއްތުކުއްޖާގެ ނޭފަތުގައި ހިފަހައްޓައި ނިޔާސާ ނޭވާ ހާސްކޮށްލީ ޔަޒީދާއަށް އެމަންޒަރު ނުފެންނާނެކަން ޔަގީން ކުރަމުންނެވެ. މުޅިރަށުން ކަރަންޓް ދިޔައީ ، ލިބުނު ކާމިޔާބަށް ހިނިތުންވެލަމުން އެނދާއި ދިމާއަށް ނިޔާސާ އެނބުރުނު ވަގުތުއެވެ.
އެހީއަކަށް އެދި ނިޔާސާ ގޮވާލިއިރު ކޮޓަރިތެރޭގައި އެހެންކަމެއް ހިނގާކަމުގެ އެއްވެސް ހިލަމެއް ނިޔާސާއަކަށް ނުވެއެވެ. އެހެން ބައެއްގެ އަތްމައްޗަށް ދަރިފުޅު ދޫކޮށްލާފައި ދިޔުމަކީ ފަސޭހަކަމެއްނޫން ނަމަވެސް މިއަދު މުއީނާއަކަށް އެނޫންގޮތެއް ނެތެވެ. މުއީނާ ފިޔަވާ އެދަރިފުޅު ބަލަން މިއަދު ހުރި ހަމައެކަނި މީހަކީ އަންސާމެވެ. އޭނާ އެކަން އެންމެފުރިހަމައަށް ކުރާނެކަމާމެދަކު މުއީނާ ސައްކެއް ނުކުރެއެވެ.
މިވަގުތާއި ދިމާކޮށް މުޅިރަށުން ކަރަންޓް ދިއުން އެއީ ލިބުނު ކާމިޔާބެއްކަމަށް ނިޔާސާއަށް ހީކުރެވުނު ނަމަވެސް ކަންތައްވީ މުޅިއަކުން އެހެނެއް ނޫނެވެ. ނިޔާސާ މަރާލާފައި ބޭއްވި ތުއްތުކުއްޖާ ނަގައިގެން ހީކުރިވަރަށްވުރެ އަވަހަށް އަކްމަލް ދިޔައިރު، މުއީނާ އައިސް އޭނާގެ ދަރިފުޅު އެތަނުގައި ބާއްވައިފިއެވެ.
ހުރިހާކަމެއް ހިނގާދިޔައީ މުއީނާގެ ކުރިމަތީގައި ނަމަވެސް އެކަން ހުއްޓުވޭހާ ފުރުސަތެއް، ވަގުތެއް އޭނަ އަކަށް ނުލިބުނެވެ.
ވިކާސްގެ ގޮތުގައި އޭނާގެ ލޯ އޭނާއަށް ދެއްކި، އޭނާގެ ދަރިފުޅުގެ ބައްޕައަށް އެވަރުގެ އަނިޔާއެއް ދިން ބަޔަކު އުފަލުގައި އުޅުމުގެ ފުރުސަތު ދިނުމަކީ އިންސާފެއް ނޫންކަމުގައި އޭނާގެ ހިތް ބުންޏެވެ. މަރަކަށް މަރެކެވެ. މަރަށް މަރު ހިފަން ޖެހެއެވެ. ބޭނުންވަނީ ވަގުތާއި ހާލަތެވެ.
ކަރަންޓް އައީ ފަސްވަރަކަށް މިނިޓް ފަހުންނެވެ. ހިނިތުންވުމާއެކު އެނދާއި ދިމާއަށް ބަލާލި ނިޔާސާއަށް ލިބުނީ ހައިރާންކަމެވެ.
ޔަޒީދާ ވިހެއި ކުއްޖާ މަރާލެވުނުކަމަށް ނިޔާސާއަށް ގަބޫލުކުރެވުނު ނަމަވެސް، އެކުއްޖާ މަރެއް ނުވެއެވެ. ލޯބިލޯބި ހިނިތުންވުމަކުން ނިޔާސާއަށް ހިނިތުންވެލައިގެން އޮތީ ސާފުކޮށްދޭށޭ ބުނާފަދައަކުން ނެވެ.
ލިބުނު ހައިރާންކަމާއިއެކު ނިޔާސާ ކަންބޮޑުވެ ހާސްވާން ވެސް ފެށިއެވެ. ވިހެއުމުގެ ކަންތައް ނިމިއްޖެކަމަށް ބުނެ އަވަސް އަވަހަށް އެގެއިން ނުކުމެގެން ދިޔައީ އެމީހުން ދައްކަމުންދިޔަ ވާހަކަތަކާއި މޫސުމަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ.
ލިބުނު އަލަތު ދަރިފުޅާއެކު އަންސާމާއި ޔަޒީދާ ހޭދަކުރަމުން ދިޔައީ އުފާވެރި ހަމަޖެހޭ ދުވަސްތަކެކެވެ.
ވެދިޔަ ކަންތަކުގެ ސަބަބުން ހާސްވެ ނުތަނަވަސް ވެފައި ތިބި ނިޔާސާ އާއި އަކްމަލް އެއްވެސް ވަރަކަށް އެވާހަކައެއް ނުދައްކައެވެ. ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައި އަނގަ ހިމޭނުން ލައިގެން ތިބުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި ދެމީހުނަށް ވެސް ގަބޫލުކުރެވުނެވެ.
ކޮފީއެއް ބޯލުމަށްޓަކައި އަކްމަލާއި އޭނާގެ ދެރަހުމަތްތެރިން ކޮފީސޮޕަށް ވަތްފަހުން މިހާރު ގަޑިއެއްގެއިރަށްވުރެ ގިނައިރު ވެއްޖެއެވެ. ކޮފީބޮއިގެން ދުފާލާ ސިނގިރެޓްބޯލާ ވާހަކަދައްކާލަން ތިބީއެވެ. އޭރު އަކުމަލްމެންގެ އިތުރުން އެހެންވެސް ދެތިން މޭޒެއްގައި ކޮފީބުއިމާއި ސިނގިރެޓް ބުއިމާއި ދުފަމުން އަނގަތެޅުމުގައި ޒުވާންގުރޫޕްތަކެއް ތިއްބެވެ.
” އޭތް! މަ މިނައްޓާލަނީ ނިދަން …. ކަލޭމެން ތިޔަތިބޭހެން އެކެއްދޭއް ޖަހަންދެން ހޮޓަލުގަ ތިބެފަ މެންދުރުވާންދެން ނިދާން އޮވެވޭކަށް މަށަކަށް ނެތް. މަ ޖެހޭނެ މާދަމާ ވެސް ހެނދުނުގެ އޮފީހަށް ދާން. ” މޭޒުކައިރިން ތެދުވަމުން ހިނިތުންވުމާއެކު އިނާސް ވާހަކަ ދެއްކިއެވެ. އޭނާ ދެއްކީ ތެދުވާހަކަތަކެއް ނަމަވެސް އެމީހުނާއި ދިމާއަށް އޭނާ އެހެންބުނީ މަޖަލަކަށްކަން އެދެމީހުނަށް ވެސް އެނގެއެވެ.
ކޮފީސޮޕުން ނުކުމެގެން ގެއާދިމާއަށް ހިނގަމުންދިޔަ އަކްމަލް ކުއްލިއަކަށް މަޑުކޮށްލަމުން ފަހަތްބަލާލީ އޭނާގެ ފަހަތުން މީހަކު އަންނަހެން ހީވެގެންނެވެ. އަކްމަލް ހުއްޓުމާއެކު އޭނާގެ ފަހަތުން އިވެމުންދިޔަ ހިނގުމުގެ އަޑުވެސް ހުއްޓުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
ވަގުތަކީ ދަންވަރުގެ ވަގުތުކަމަށްވާތީ ރަށުތެރޭގައި ރަސްކަން ކުރަމުންދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަގެއްމަތިން ހިނގާލާފައިދާ މީހަކު ނުފެންނަތާންގައި ދުއްވާއެއްޗެއް ވެސް ނުފެނެއެވެ.
އިތުރުމީހެއްގެ ފިޔަވަޅުގެ އަޑު އިވޭކަމަށް އޭނާއަށް ހީވިހީވުން އެއީ ކުށްހީއެއްކަމަށް ނިންމައި އަކްމަލް އަނެއްކާ ވެސް ގެއާދިމާއަށް ހިނގައިގަތެވެ. ލޮލަށް ނުފެންނާތީ ގަބޫލުކުރަން ބޭނުންނުވި ނަމަވެސް އޭނާއާއެކު ކޮންމެވެސް އަންހެންކުއްޖަކު ހިނގަމުން އަންނަކަން އަކުމަލަށް ޔަގީންވީ އިވެމުންދިޔަ ހިނގުމުގެ އަޑުންނެވެ. އެއީ އޭނާއަށް ހީވާ ހީވުމެއް ނޫނެވެ. ކުރެވޭ ކުށްހީއެއް ވެސް ނޫނެވެ. އެއީ އަންހެންކުއްޖަކު ހައިހީލް ފައިވާނަކަށް އަރައިގެން ހިނގާ އަޑެވެ.
ކުށްހީތަކަށް ނުހެއްލުމަށާއި އެފަދަ ހީއެއް ވާނަމަ އެނބުރި ފަހަތަށް ނުބެލުމަށް މުސްކުޅިން ބުނަމުންދާ ބުނުން އަކްމަލްގެ ހަނދާނަށް އައެވެ.
ކިތަންމެ ވަރަކަށް ފަހަތުން ހިނގިޔަސް މައްސަލައެއްނެތޭ ، މަށެއް ނުބަލާނަމޭ ބުނާފަދައަކުން މަގުގެކުރިޔަށް ބަލާލަމުން އަކްމަލް ހިނގުން ބާރުކޮށްލިއެވެ. އަކްމަލްގެ ހިނގުން ބާރުކޮށްލުމާއެކު އެހިނގުމުގެ އަޑު ވެސް ބާރުވިއެވެ. އިވެމުންދާ އަޑާއި ފެންނަމުންދާ މަންޒަރުގެ ސަބަބުން އަކްމަލް ބިރުގަންނަން ފެށިއެވެ.
ގެއާއި ހަމައަށް އަކުމަލް ދިޔައީ ދުވެފައި ކަހަލަގޮތަކަށެވެ. ގެއަށް ވަދެވުނުއިރު އޭނާ ހުރީ ވަރުބަލިވެ މާނޭވާލެވޭގޮތް ވެފައެވެ. ގަތްފައިވާ ބިރެއްގެ ސަބަބުން މީހާ ހާސްވެ ދެލޯބޮޑުވެފައިވާއިރު މުޅިހަށިގަނޑު ކޮންމެވެސް ވަރަކަށް ތުރުތުރުއަޅައެވެ. ހަދާނެގޮތަކާއިމެދު ވިސްނާލަން އަކްމަލް މަޑުކުރީ ފެންޑާތެރޭގައެވެ. ގޭތެރޭގައި ރަސްކަން ކުރަމުންދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މަޑުމައިތިރިކަމެވެ.
ހާސްވެ ކަންބޮޑުވެ މާނޭވާ ލެވިފައިހުރި އަކްމަލް ބާރުބާރަށް ލަމުންދިޔަ ނޭވާގެ އަޑުފިޔަވާ އެހެން އެއްވެސް އަޑެއް ނީވެއެވެ.
ކުއްލިއަކަށް ކޮޓަރިތެރޭން އިވުނު ބާރުއަޑާއެކު އަކްމަލް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ބޭރަށްހުރި ކުޑަދޮރުސެޓްގެ ދޮރު ފޮތިތައް އަމިއްލައަށް ކެހިގެން ދިޔައީ އެވަގުތުއެވެ. ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު ކޮޓަރިތެރޭގައި ގުގުމާލި ވަގުތު ވިދާލިތަން ވެސް ބޭރުން ފެނުނެވެ. ވިދާލި ވިދުވަރުގެ ތެރެއިން ފެނުނު ޔަޒީދާއަކީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ. ރަތްކުލައިގެ ޓީސާޓަކާއި ކަޅުކުލައިގެ ސޯޓެއްލައި ބޯ ހާވާލައިގެން ހިތްހަމަ ނުޖެހުމާއެކު އަކްމަލަށް ބަލަންހުރީ ޔަޒީދާގެ ކިބައިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ރުޅިއާއި ނަފްރަތެވެ.
” ކަލޭ ކީއްވެ …… އަހަރެންގެ ކޮއްކޮ މަރާލީ. ” ރުޅިވެރިކަމުން ފުރިގެންވީ އެއަޑުއައީ ކޮޓަރީގެ އެއްކަނާއި ދިމާއިން މަތިންނެވެ. ކޮޓަރީގެ ސީލިންގްގައި ތަތްވެލައިގެންއޮތް ކުޑަކުޑަ އަންދަލާ، އަކްމަލްގެ ލޮލުގައި އަޅައިގަތެވެ. ރުޅި އައިސް ރަތްވެފައިވާ ފަދައަކުން އަކުމަލަށް ބަލަހައްޓައިގެން އޮތްއިރު އަންދަލާގެ ދެލޮލުން އަލިފާންކަނި ވިދާކަހަލައެވެ. ފަންކާގެ އެނބުރުން ބާރުވިއެވެ.
ޖަހާލި ގުގުރީގެ ބާރުއަޑާއެކު ކުޑަދޮރުފަތްތަކުގެ ބިއްލޫރިތައް ފުނޑުފުނޑުވެގެން ފޭބިކަހަލައެވެ. އިވުނު ބާރުއަޑުތަކަށް ކެތްނުކުރެވިގެން ކަންފަތުގައި އަތްއަޅަމުން އެހީއަކަށް އެދި ގޮވާލިވަގުތު ކޮޓަރިން ކަރަންޓް ދިޔައެވެ.
ދުވެފައި ކޮޓަރިން ނުކުތް އަކްމަލް އަޅައިގަތީ ޓީވީ ރެކްގައެވެ.
ނުހަނު އަރާމުގައި ނިދާލާފައިއޮތް ނިޔާސާއަށް ސިއްސައިގެން ގޮސް ހޭލެވުނީ ގޭތެރެއިން އިވުނު ބާރުއަޑުތަކެއްގެ ސަބަބުންނެވެ. އެނދުން ފައިބައިގެން ދުވެފައި އައިސް ފެންޑާއަށް ނުކުތްއިރު އަކްމަލް އޮތީ ޓީވީރެކާއިއެކު ތަޅުންމަތީގައެވެ. ފެނުނު މަންޒަރުން ލިބުނު ހާސްކަމާއި ނުތަނަވަސްކަމާއެކު ނިޔާސާގެ ނިދި ފިލާދިޔައެވެ.
ރޮއިގަންނަމުން ދުވެފައި އައިސް އަކްމަލް ކައިރީ އިށީންދެ ބަލާލިއިރު އަކްމަލް އޮތީ ހޭނެތިފައެވެ. އަކުމަލް ހޭއެރުވުމުގެ މަސައްކަތް ނިޔާސާ ފެށިއިރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުންދިޔަ އެވެ.
ލޯ ހުޅުވާލެވުމާއިއެކު އަކްމަލަށް ފެނުނީ ޔަޒީދާ އެވެ. އޭނާ ކައިރީ އިށީންދެލައިގެން އިން ޔަޒީދާ އޭރު އިނީ ދުރަށް ބަލަހައްޓައިގެން ނެވެ. ލިބުނު ވަގުތު ބޭކާރުކޮށްލާކަށް އަކްމަލް ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވަމުން ޔަޒީދާ ވައްޓާލާ އޭނާގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްލިއެވެ.
ސަލާމަތަށް އެދި ރޮއި އާދޭސްކުރަމުން ދަރިފުޅުގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދިޔަ ނިޔާސާއަށް އެންމެ ފުރުސަތެއް ދޭކަށް ވެސް އަކްމަލް ބޭނުމެއް ނުވިއެވެ. އޭނާގެ މަސައްކަތް އަވަހަށް ނިންމާލުމަށް ކުރެވޭންހުރި ހުރިހާކަމެއް ކުރަމުންދިޔައެވެ. ބޭނުންވަނީ ބަދަލު ހިފާށެވެ. އޭނާއަށް ހިތާމަ އާއި ހިތްދަތިކަންދީ ހާލުގައި ޖެއްސުމަށްފަހު އުފަލުގައި ހީ މަޖާކުރަން އިތުރު ފުރުސަތެއް ނުދޭށެވެ.
ގޭ ދޮރުހުޅުވާލުމާއިއެކު އަކްމަލް ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދޮރާއި ދިމާއަށް ބަލާލިއިރު އެތަނުގައި ހުރީ އޭނާގެ ބައްޕަ އަޖްވަދެވެ.
މަންޒަރު ފެނުނީ ސީދާ އަޖްވަދުގެ ލޮލަށެވެ. ދައްކާނެ ވާހަކައެއް ހަދާނެ އިތުރުދޮގެއް ނޯއްނާނެއެވެ. ނިޔާސާ މަރާލުމުގެ ކުށް އަކްމަލްގެ މައްޗަށް ސާބިތުވިއެވެ.
އަންސާމާއި ޔަޒީދާގެ ދަރިފުޅުކަމަށް ގަބޫލުކޮށް އެމީހުން ބަލަމުންދިޔަ އަންދަލާއަށް ހަތްއަހަރު ފުރުނު ދުވަހު އެކުއްޖާ ގެންދިޔައީ މުއީނާގެ ބައްޕައެވެ. ރަށްމެދަށް ބަލިވެއިނދެ މުއީނާ ވިހަންޖެހުނީ އަންސާމްގެ ސަބަބުން ކަމަށްވާތީ އަންސާމްގެ ކިބައިން ބަދަލުހިފުމަށް އެމީހުން ތިބީ ވަގުތަކަށް ބަލަބަލައެވެ. އަންދަލާ ބަލަން އަންސާމާއި ހަވާލުކުރީ އޭނާއަށް ހިތްދަތިކަމެއް ކުރިމަތިކުރުވަން ނަމަވެސް އެކަމުގައި ކާމިޔާބު ނުލިބުމުން އެންމެފަހުން ކުރަންހުރި ކަންތައް ވެސް ކުރީއެވެ. ދެން އަންސާމަށް އެދަރިފުޅާއި ބައްދަލުކުރެވޭނީ މުއީނާގެ ޢާއިލާއިން އެފުރުސަތު ދީފި ނަމައެވެ.
އަންސާމާއި ޔަޒީދާގެ ދަރިފުޅު ގޮވައިގެން ގޮސް އަކަމަލް ވަޅުލާފައިވާތަން މުއީނާ ބުނެދިނެވެ.
އިވުނު ވާހަކަތަކުގެ ސަބަބުން ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ހިލައިގެ ބުދެއް ފަދައިން އަންސާމް އިނީއެވެ. ދައްކާނެ ވާހަކައެއް ނޭންގުނުތާންގައި ކޮށްލާނެ ހަރަކާތެއް ވެސް އޭނާއަކަށް ނޭނގުނެވެ.
އާ ދުވަހަކަށް އިރުއެރުމާއެކު އަންސާމް ބޭނުންވީ ރޭގައި މުއީނާ ދެއްކި ވާހަކަތަކުގެ ޙަޤީޤަތް އިތުރަށް ބަލާށެވެ. އޭނާ ދެއްކި ވާހަކަ ތަކުގެ ތެރެއިން ގިނަވާހަކަތައް ގަބޫލުކުރެވުނު ނަމަވެސް، މިކަން ޔަގީންކުރަން އޭނާ ބޭނުންވީ ނުހަނު ބޮޑަށެވެ.
ރުކެއް އިންދުމަށްޓަކައި އަންސާމާއި އަދީއު ކޮނުނު ވަޅުގަނޑެއްގެ ތެރެއިން ތުއްތުކުއްޖެއްގެ ކަށިތައް ފެނުން ވެގެންދިޔައީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ހައިރާންކަމަކާއި ކަންބޮޑުވުމަކަށެވެ.
މައްސަލަ ތަހުގީގު ކުރުމާއިގެން ކަމާއިބެހޭ ފަރާތްތަކުން އުޅެމުން ދިޔައިރު، އަންސާމް އޭނާ ބޭނުންވި ފަދައިން އެތަނުން ކަށިކޮޅެއް ހިފައިގެން ރާއްޖޭންބޭރަށް ގޮސް ޓެސްޓްކުރިއެވެ. މުއީނާ ބުނިފަދައިން އެއީ އަންސާމާއި ޔަޒީދާގެ ދަރިފުޅުކަން އަންސާމަށް ޔަގީންވިއެވެ.
އަންދަލާ ހޯދުމަށްޓަކައި އަންސާމް ކުރަމުން އައި ހަރަދުބޮޑު ބުރަ މަސައްކަތްތައް ކުއްލިއަކަށް ހުއްޓާލުމުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެކަމާބެހޭގޮތުން ތަކުރާރުކޮށް ސުވާލުކުރަމުންދިޔަ މީހުން ގިނަވިއެވެ.
އަންދަލާ ދެން ނުފެންނާނެކަމާއި އަންދަލާ ހޯދަން މަސައްކަތް ކުރުމަކީ ބޭކާރުކަމެއްކަން އެނގެނީ އަންސާމަށް އެކަންޏެވެ. އެހެނަސް މިއަދު އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެވާހަކަ ދައްކައިގެން ކުރާނެ ފައިދާއެއް ވެސް ނެތެވެ. އެވާހަކައިގެ ދަރަކަށް ދާން އަންސާމް ބޭނުން ނުވަނީ އެކަމުގެ އަޑީގައި ފޮރުވަންޖެހޭ ސިއްރުތަކެއް ހުރީތީ އެވެ.
ނިމުނީ

0
0
މިއީ " ދަރަކަ " އަށް ހުށަހަޅާފައިވާ 2 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.

2 ކޮމެންޓް - ލިޔުން: ”ދަރަކަ ( ނިމުން )“

Leave a Reply

Your email address will not be published.