ހިތާމަ ލޯބީގެ

އިސްކު ( 20 )

” ކަލެއަށް ވިސްނޭގޮތުގައި ކަލެ އާއި ލަންމާއަށް ހަމަލާ ދިނީ އެއްގޮތަކަށްތަ؟ ” އިނާ ސުވާލުކުރި އެވެ.

” އާން. އަހަރެންނަށް އެކަން ގަބޫލުކުރެވުނީ އެހެން …. އެހެންވެ އެވާހަކަތައް ކިޔައިދޭން އަހަރެން ޕޮލިސް ސްޓޭޝަނަށް ދިޔައީ. އަދި އެވާހަކަތައް ކިޔައިދިނީ. ” ސާލިނީ އިތުރަށް ބުނެދިނެވެ.

” ޕޮލިސްސްޓޭޝަނުން ސާލިނީއާ ބައްދަލުވި މީހަ މިތަނުގައި އެބައިންތަ؟ ” އިނާ ސުވާލުކުރަމުން ބަލާލީ އިނިސްޕެކްޓަރ ރީސާމަށެވެ.

” އާން. އެއިނީ އެބޭފުޅާ. އެވާހަކަތައް ކިޔައިދިނުމުން އެބޭފުޅާ ދެފަހަރަކު އަޅުގަނޑުމެން ގެއަށް ވެސް އައި. ” އަތުގެ އިސާރާތުން އިނިސްޕެކްޓަރ ރީސާމް ދައްކަމުން ސާލިނީ ބުންޏެވެ.

” އޭނަ ކީކޭ ބުނީ؟ ” އިނާ އަނެއްކާ ވެސް ސުވާލުކުރި އެވެ.

” އޭނަ އަހަރެން ގާތު ބުނީ ލަންމާގެ މަރާއި މިކަމާއި އެއްވެސް ގުޅުމެއް ނެތޭ. މިއީ އެކަހަލަ ކަމެއް ވެސް ނޫނެ. ” އިނިސްޕެކްޓަރ ރީސާމް އެދުވަހު ސާލިނީއަށް ދިން ޖަވާބު ސާލިނީ ބުންޏެވެ.

ސާލިނީ ބުނި ޖުމްލައާއެކު ކޯޓްތެރެ ހަލަބޮލިވެގެން ދިޔައެވެ. ހިތްހަމަނުޖެހުމާއިއެކު ފުންމައިގެން ކަހަލަ ގޮތަކަށް ރީސާމް ކޮޅަށް ތެދުވި އެވެ.

” އިސްގާޒީ! އެއީ އެއްވެސް ޙަޤީޤަތެއް ނޫން. ” ނުރުހުމާއިއެކު ހަރުއަޑުން ރީސާމް ބުންޏެވެ.

” އިނިސްޕެކްޓަރ ރީސާމް އިށީންނަވާ. ” ރީސާމަށް ބަލާލަމުން އިސްގާޒީ އެންގެވި އެވެ.

” އެމީހުން އެގޮތަށް ކަންތައްކޮށް މިކަންތައް އަނބުރާލުމަށް އެ މަސައްކަތް ކުރަނީ. އެއީ އެއްވެސް ޙަޤީޤަތެއް ނޫން. އެއީ ބޮޑު ރޭވުމެއް. ” އިސްގާޒީއަށް ބަލާންހުރެ އަނެއްކާ ވެސް ރީސާމް ބުންޏެވެ.

” އިނިސްޕެކްޓަރ ރީސާމް! … އިށީންނަވާ …. އިށީންނަވާ. ” ރީސާމަށް ބަލަން އިނދެ އަމުރުވެރިކަމާއިއެކު އިސްގާޒީ ބުންޏެވެ.

ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް. އިސްގާޒީގެ ބުނުމަށް އިޖާބަ ދިނުމުގެގޮތުން ރީސާމް އިށީނެވެ. އޭނާ ހިތްހަމަ ނުޖެހިފައި ހުރިވަރު އޭނާގެ ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުން ދިޔައެވެ.

” އެކަމާއި ބެހޭގޮތުން ވާހަކަދައްކަން ރީސާމަށް ފިރިޞަތުލިބޭނެ …… އިނާ! ކުރިޔަށް ގެންދަވާ. ” ރީސާމަށް ބަލާލަމުން އެހެން ބުނުމަށްފަހު، އިސްގާޒީ ބަލާލީ އިނާ އަށެވެ.

އިނާ އަނެއްކާ ވެސް ސާލިނީ ކައިރިއަށް ޖެހިލަމުން ވާހަކަދައްކަން ފެށިއެވެ.

” ނާއިޒްގެ އަންހެނުން ލަންމާއާ ދުވަހަކު ވެސް ބައްދަލުވިތަ؟ ޖިމާމު ކިޔާ މީހަކު ދަންނަންތަ؟ ” ސާލިނީއަށް ބަލަން ހުރެ އިނާ އަހާލިއެވެ.

” އާން. ކުޅިވަރުއެކުވެންޏަށް ބެޑްމިންޓަން ކުޅެން ގޮސް އުޅެނިކޮށް އެ ދެމީހުންނާއި ވެސް ބައްދަލުވި. ” ސާލިނީ ޖަވާބު ދިނެވެ.

” އޭރު އެތަނުގައި ނަގާ ކިޔަން އުޅެނީ ކާކު؟ ” އިނާ ސުވާލުކުރުން ހުއްޓާނުލައި ކުރިޔަށް ގެންދިޔަ އެވެ.

” ޖިމާމް. ” ކޯޓްތެރެއަށް ނަޒަރު ހިންގާލަމުން މަޑުމައިތިރިކަމާއިއެކު ސާލިނީ ބުނެލި އެވެ.

” އަހަރެންނަށް އެނގިފައިވާގޮތުގައި ކަލެއާ ޖިމާމްގެ މެދުގައި ވަރަށް ޚާއްޞަގުޅުމެއް އޮތް. މިއީ ތެދެއްތަ؟ ” ސާލިނީގެ މޫނަށް ބަލާލަމުން އިނާ ވާހަކަދެއްކި އެވެ.

” އާން. އަހަރެމެން ދެމީހުން މެދުގައި ވަރަށް ޚާއްޞަގުޅުމެއް އޮތް. އެކަމަކު …. އެއީ އޭނާގެ ރޭވުމެއްކަން އެނގުމުން އަހަރެން އޭނާއާ ގުޅުން ކަނޑާލީ. ” ސާލިނީ އެއްބަސްވި އެވެ.

” އެއީ ކޮން ރޭވުމެއް. ” ހައިރާންކަމާއިއެކު އިނާ އެހިއެވެ.

” ޖިމާމް އަހަރެންގާތު ބުނީ ނާއިޒަކީ އަނިޔާވެރި މަކަރުވެރިއެކޭ. ލަންމާ މަރާލި ގޮތަށް އޭނަ އަދި ކަލޭ މަރާލާނެޔޭ. އޭރު އޭނަ މަސައްކަތްކުރީ އަހަރެން މެދުވެރިކޮށް ނާއިޒްގެ ފަރާތުން މަޢުލޫމާތު ހޯދަން. އެކަމު އަހަރެން ބޭނުމެއްނޫން އަހަރެންނާއި ގުޅުންނެތް ކަމެއްގެ ތެރެއަށް ވަދެ އެހެންމީހުންގެ ޒާތީކަންތަކާއި ބެހޭކަށް. އޭނާގެ މަކަރުވެރިކަން އެނގުނު ފަހުން އަހަރެން އެތަނަކަށް ވެސް ނުދަން. ” ނާއިޒަށް ބަލާލުމަށްފަހު ކޯޓުތެރެއަށް ނަޒަރު ހިންގާލަމުން ސާލިނީ ވާހަކަދެއްކި އެވެ.

ސާލިނީގެ ފަރާތުން އިނާ ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށްފަހު ދަޢުލަތުގެ ވަކީލަށް ފުރުޞަތު ދެމުން ގޮސް އިށީންދެ ހަމަޖެހެލިއެވެ. ލިބެމުންދާ ކާމިޔާބުގެ ހިތްހަމަޖެހުން އިނާގެ ކިބައިން ފެންނަމުން ދިޔައެވެ.

ލަންމާގެ މަރުގެ މައްސަލާގައި ދެފަރާތުން ދައްކަން ބޭނުންވާ ވާހަކަތަކާއި ހުށަހަޅަން ބޭނުންވާ ހެކިން ހުށަހަޅައި ނިމުނީ އެތައް ދުވަހެއްގެ މަސައްކަތުން ނެވެ.

ހަތަރު މަހެއްހާ ދުވަހަށް ދިގުދެމިގެންދިޔަ ލަންމާގެ މަރުގެ މައްސަލައިގެ ނިމުން އިއްވާ ދުވަސް ޖެހިއްޖެ އެވެ.

އިސްގާޒީ އައިސް އޭނައަށް ޚާއްޞަ ކުރެވިފައިވާ ގޮނޑީގައި އިށީންދެ ހަމަޖެހެލިއިރު މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ހީވާގޮތުން ކޮންމެ މީހަކު ވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ ޝަރީޢަތުގެ ނިމުން އިއްވާނެ ވަގުތަކަށެވެ.

މިއީ ނާއިޒްއާ  ގުޅިފައިވާ މައްސަލައަކަށް ވާތީ ނާއިޒް ހުރީ އޭނައަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގައި ކޮޅަށެވެ. އޭނާއާ މާދުރުނޫން ހިސާބެއްގައި އޭނާގެ ވަކީލް އިނާ ވެސް ކޮޅަށް ހުއްޓެވެ.

ދަޢުލަތުގެ ވަކީލް ހަސީލް އާއި އިނިސްޕެކްޓަރ ރީސާމް ނުތަނަވަސްކަމާއިއެކު އިސްގާޒީއަށް ބަލަހައްޓައިގެން ތިއްބެވެ.

އިސްގާޒީ ކޯޓްތެރެއަށް ނަޒަރު ހިންގާލުމަށްފަހު ފައިލެއް ހުޅުވާލަމުން ރިޕޯރޓް އިއްވަން ފެށިއެވެ.

” ލިބިފައިވާ ހެކިތަކާއި ދެކެވުނު ވާހަކަތަކާއި ހުށަހެޅުނު ހެކިންގެ ހެކިބަހަށް ބަލައި ހޯދުނު ހޯދުންތަކަށް ބަލާއިރު ބުނެވޭން އޮތީ ނާއިލްއަކީ ކުށްވެރިއެއް ނޫނޭ. އޭނާގެ ބޮލުގައި އަޅުވާފައިވާ އިލްޒާމަކީ އެއްވެސް ޙަޤީޤަތެއްނޫން. ޕޮލިހުންނަށް އަހަރެން ބުނެލަން އޮތީ އަސްލު ކުށްވެރިޔާ ހޯދާށޭ. ލަންމާގެ މަރުގެ މައްސަލަ ނުނިމެޔޭ ….. މިވަގުތުން ފެށިގެން ނާއިލްއަކީ ކުށްވެރިއެއް ނޫން. ” ފައިލަށް ބަލަހައްޓައިގެން އިނދެ އިސްގާޒީ ވާހަކަދެއްކި އެވެ.

ލަންމާ މަރާލީ ނާއިޒް ނޫން ކަމަށް އިސްގާޒީ ބުނުމާއިއެކު ކޯޓްތެރެ އަޑުގަދަވެގެން ދިޔައެވެ. ދޭދޭ މީހުން އަވަސް އަވަހަށް ވާހަކަ ދައްކަމުން ދައްކަމުން ކޯޓުން ނުކުންނަން ފެށިއެވެ. ޝަރީޢަތް ނިމުނުކަން އިޢުލާނުކުރުމާއިއެކު ހަސީލް ވެސް އަވަސް އަވަހަށް ކޯޓުން ނުކުމެއްޖެ އެވެ.

ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ރޮވިފައި ކަހަލަގޮތަކަށް ހުރި ނާއިޒަށް ބަލާލުމަށްފަހު އިނާ ހިނގައިގަތީ ކޯޓުން ނުކުންނާށެވެ. އިނާއަށް ގޮވަމުން އިނާގެ ފަހަތުން ނާއިޒް ވެސް ހިނގައިގަތެވެ.

އިނާގެ ފަހަތުން ނާއިޒް ދިޔަ ނަމަވެސް އޭނައަށް އިނާއާ ހަމައަށް ނުދެވެނީސް ނޫސްވެރިންނާއި ކެމެރާމަނުން އައިސް އޭނާ ވަށާލައި ސުވާލުކުރަން ފެށިއެވެ. އެއާއެކު ފޮޓޯ ވެސް ނަގަން ފެށިއެވެ.

އިނިސްޕެކްޓަރ ރީސާމާއި އިނާ ދިމާވީ ކޯޓްގެ ދޮރޯށި ކައިރިން ނެވެ. އިނާއަށް ގޮވާލަމުން ރީސާމް ވާހަކަ ދައްކަން ފެށިއެވެ.

” އިނާ! ސާލިނީއާ ބެހޭ އެއްވެސް ލިޔުމެއް ޕޮލިސްސްޓޭޝަންގައި ވެސް ނުހުންނާނެ. އިނާ ކިހިނެތް އެކަންތައް ހޯދީ؟ ” ރީސާމް ސުވާލުކުރީ ހައިރާންކަމާއި އެކުއެވެ.

” ދުނިޔޭގެ އެންމެން ކަލެއާ އެއްގޮތެއް ނުވާނެ. މިކަމުގައި ކުރިޔަށް ދިއުމަށް އަހަރެން ކުރަމުންދިޔަ މަސައްކަތަށް އެހީތެރިވި މީހަކު އަހަރެންނަށް އެމަޢުލޫމާތު ދިނީ. ” ލިބުނު ކާމިޔާބަށް ހިނިތުންވެލަމުން އިނާ ވާހަކަދެއްކި އެވެ.

” އިނާ! ތިއީ އަދި ރަނގަޅު ނިންމުމެއް ނޫން. އަހަރެންނަށް ޔަގީން ލަންމާ މަރާލީ ނާއިޒްކަން. އެއީ އޭނަ ވަރަށް ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް. އޭނަ … ” ރީސާމް ދައްކަމުންދިޔަ ވާހަކަތަކަށް އެއްވެސް ސަމާލުކަމެއް ނުދީ އިނާ ހިނގައިގަތެވެ.

” ނާއިޒަކީ ކުށްވެރިއެއް ނޫން ….. ތިއީ ކަލެއަށް ކާމިޔާބު ނުލިބުނީމަ ދައްކާ ވާހަކަ … ދެން ވެސް ބަލި ގަބޫލުކުރަން ދަސްކޮށްބަލަ. ” ނުހަނު އިތުބާރާއި ޔަގީންކަމާއިއެކު ރީސާމަށް ބަލާލަމުން ހުއްޓި އިނާ ވާހަކަ ދެއްކިއެވެ.

އިނާގެ ވާހަކަތަކާއި ގުޅުވައިގެން ރީސާމް ވާހަކަދައްކަމުން ދިޔަ ނަމަވެސް، އެވާހަކަތަކަށް އެއްވެސް ސަމާލުކަމެއްނުދީ އިނާ ގޮސް ޓެކްސީއަކަށް އެރުމުން ރީސާމަށް ޖެހުނީ ވާހަކަތައް ހުއްޓާލާށެވެ.

ލަންމާގެ މަރުގެ މައްސަލާގައި ސައްކުކުރެވި ހައްޔަރުކުރެވުނު އޭނާގެ ފިރިމީހާ ނާއިޒަކީ ލަންމާގެ ގާތިލް ނޫންކަމަށް ކޯޓުން ނިންމުމުން ނޫސްމަޖައްލާތަކާއި އޮންލައިން ނޫސްތަކުގައި ވަރަށް ކުލަގަދަކޮށް އެވާހަކަތައް ޝާއިޢުކުރަމުން ދިޔައެވެ. ތަފާތު ޗެނަލްތަކުން ނާއިޒްގެ ބަސްދީގަތުން ގެނެސްދެމުން ދިޔައެވެ. އެފަދަކޮންމެ ބަސްދީގަތުމެއްގައި އިނާއަށް ޝުކުރުއަދާކޮށް ނާއިޒް ވާހަކަދައްކަމުން ދިޔައިރު އެއިން ބައެއް ބަސްދީގަތުން އިނާ ވެސް ބަލަމުން ދިޔައެވެ.

އިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ނާއިޒާއި ވަކިން އުޅުމަކީ އިނާއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އެތައް ދުވަހަކު އެތައް ގޮތަކަށް ވިސްނުމަށްފަހު އަނެއްކާ ވެސް ނާއިޒާއި ގުޅެން އިނާ ނިންމީ އޭނާގެ އުފަލާއި ހިތްހަމަޖެހުން ގުޅިފައިވަނީ ނާއިޒާއި ކަމަށް އަމިއްލައަށް ގަބޫލުކުރެވި އެހެން ގޮތެއް ނެތްކަމަށް ވިސްނުމުން ނެވެ. އޭނާގެ ކުރިމަގަށްޓަކައި ނާއިޒަކީ ވަރަށް މުހިންމު މީހެއްކަން ޔަގީންވާތީ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ވަގުތެވެ. ނާއިޒާއި ބައްދަލުކުރުމަށް އޭނާގެ ހިތްއެދި ގޮވަމުންދާވަރުން އިނާ އަމިއްލައަށް ނާއިޒްމެން ގެއަށް ދިޔައެވެ.

ނާއިލްމެން ގެއަށް އިނާ ދިޔައިރު، އިނާގެ ނަސީބު ރަނގަޅުކަމުން ގެ ހުރީ ތަޅުނުލަ އެވެ. ދެތިން ފަހަރަކު ނާއިޒަށް ގޮވާލުމަށްފަހު ނާއިޒްގެ ޚަބަރެއް ނުވުމުން އިނާ ގޭތެރެއަށް ވަންނަމުން ވެސް ނާއިޒަށް ގޮވިއެވެ. މިފަހަރު ވެސް ނާއިޒްގެ ޚަބަރެއް ނުވިއެވެ.

ކޮންމެ ވެސް ވަރަކަށް ހައިރާންވެ ސުވާލު އުފެދިފައި ހުރެގެން އިނާ ގޮސް ނާއިޒްގެ ކޮޓަރި ބަލާލިއިރު ނާއިޒް އޮތީ ނިދާފައެވެ. ހީވާގޮތުން އޭނާ އެއޮތީ ހެނދުނު ހޭލާ އުޅެފައި ނިދާފައެވެ.

އިނާ ގޮސް ނާއިޒްގެ މަގަތުން އިށީންދެ ނާއިޒަށް ގޮވާ ހޭލެއްވި އެވެ. އޭނައަށް ނާއިޒާމެދު ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވާކަމަށް ބުނެ މަޢާފަށް އެދުނެވެ. އަދި ކުރިއެކޭ އެއްފަދައިން މިހާރުވެސް އިނާ ހުރީ ނާއިޒްގެ މީހެއްގެ ގޮތުގައި ކަމަށް ވެސް ބުންޏެވެ. އިނާގެ ވާހަކަތަކުގެ ސަބަބުން ނާއިޒަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަ އެވެ. އަވަސް އަވަހަށް ތެދުވެ އިށީންނަމުން އިނާގެގައިގައި ބައްދާލާ ލޯބިކޮށްލިއެވެ.

ނާއިޒާއި އިނާ އެމީހުންގެ ލޯބީގެ އިސްޤީ މިސްތީކަމުގައި ވަގުތުތައް ގުނަމުން ދިޔައިރު ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް އެދެމީހުންކުރެ މީހަކަށް ނޭނގެއެވެ. ދެތިން ދުވަހެއްގެ މެދުކެނޑުމަކަށްފަހު ބައްދަލުވުމުން ދެމީހުން ވެސް ބޭނުންވަނީ ބައްދަލުނުވެ ދިޔަ ދުވަސްތަކު ގެއްލިގެންދިޔަ އުފަލާއި ހިތްހަމަޖެހުން ހޯދަން ކަންނޭންގެ އެވެ.

” ދެން ތެދުވޭ … މިހާރު ހުންނާނީ ނިދިފަ. ” ނާއިޒަށް ބަލާލަމުން އިނާ ބުންޏެވެ.

” އިނާ ބުނިގޮތެއް. ހަމަމިހާރު މިތެދުވަނީ. އަހަރެން ފެންވަރައިގެން އަންނަން ވާއިރަށް މިބެޑްޝީޓް ގެންގޮސް އެހަރަ ކަބަޑަށް ލައިދީބަލަ. ކާން ދާނީ ދެމީހުން އެކުގައިދޯ؟ ” އިނާގެމޫނަށް ބަލަން އޮވެ ނާއިޒް ވާހަކަ ދެއްކިއެވެ. ނާއިޒްގެ އެ ސުވާލުގެ ޖަވާބަކަށް އާންއެކޭ ބުނުމުގެ ގޮތުން އިނާ ބޯ ޖަހާލިއެވެ.

ނާއިޒް ގޮސް ފާޚާނާބަޔަށް ވަނުމުން އިނާ ތެދުވެ ބެޑްޝީޓް ފަށްޖަހާލި އެވެ. އަދި ބެޑްޝީޓް ހިފައިގެން ކަބަޑާއި ދިމާއަށް ދިޔައެވެ.

ބެޑްޝީޓް ހިފައިގެން އިނާ ގޮސް ކަބަޑަށް ލާންވެގެން ކަބަޑު ހުޅުވާލުމާއިއެކު އިނާގެ ލޮލުގައި އަޅައިގަތީ އެ ކަބަޑުތެރޭ ބަހައްޓާފައިހުރި ތާނަ ޓައިޕްރޭޓަރެވެ. އެ ފެނުމާއިއެކު އިނިސްޕެކްޓަރ ނީސާމްގެ ވާހަކަތަކާއި ކާކުކަން ނޭނގޭހެން އޭނައަށް އައި ސިޓީތައް މަތިން ވެސް ހަނދާންވި އެވެ. އިނާގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދި ނުތަނަވަސްކަން ވެރިވާން ފެށިއެވެ.

ކޮންމެ ވެސް ވަރަކަށް ހާސްވެ ނުތަނަވަސްވެފައި ހުރެގެން އިނާ އަވަސް އަވަހަށް ޓައިޕްރޭޓަރ ނެގުމަށްފަހު ބެޑްޝީޓް އެކަބަޑަށް ލިޔެވެ. އަދި ޓައިޕްރޭޓަރ މޭޒުމަތީބަހައްޓައި އެތަނުން ކަރުދާސްގަނޑެއް ލައްވައި ޓައިޕްރޭޓަރ ޓެސްޓްކޮށްލި އެވެ. އަވަސް އަވަހަށް އަކުރުތައް ޓައިޕްކުރަމުން ދިޔަ އިނާއަށް ސީނު ފެނުމާއިއެކު ބިރުން ތުރުތުރުލައިގެން ދިޔައެވެ. މޫނުމައްޗަށް ވެރިވެގެންދިޔަ ހާސްކަން އިތުރުވެގެން ދިޔައިރު ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ.                                 ނުނިމޭ

0
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 20 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އިސްކު ( 20 )“

Leave a Reply

Your email address will not be published.