މަޖާ ލޯބީގެ

ދީވާނާ ލޯބިން ވެއްޖޭ. . [17]

“ޒެން.. ދެން ކޮންއިރަކު ޒެންގެ ފެމިލީ އިންޓްރޮޑިއުސް ކޮށްދޭނީ.. ތިހެން ހުއްޓަ އާން ރަނާ ގޮވައިގެން ދާއިރުވެސް ޒެންނަށް ހުންނަންޖެހޭނީ ތިހެން ކަންނޭނގެ..” އަހަރެން ޒާނިޝްއާއި ދިމާކޮށްލީމެވެ. ނިދަން އަރައި ތިބިއިރު ޒާނިޝް ނިތްމަތީގައި އަތްބާވައިލައިގެން އޮތްތަން ފެނުމުން ޒާނިޝްގެ ވިސްނުން ހުރި ގޮތެއް ބަލާލަން ބޭނުންވީއެވެ.

“ވެއިޓިން ފޯރ ދަ ރައިޓް ޓައިމް.. ހީވަނީ ވަރަށް އަވަހަށް އެ ވަގުތު އައިސްދާނެހެން ދެން..” ޒާނިޝްގެ ވާހަކަތަކުން އޭނާވެސް އެކަމަށް ތައްޔާރީތަކެއް ވަމުން ދާކަން ހާމަވިއެވެ.

“އާން.. އައި ތިންކް ޔޫ ޝުޑް ޓެލް ޔޯ މޮމް.. މިހާރު ދެފެމެލީވެސް އެހާ ރައްޓެހި ވެފަ މިއޮތީ.. އަނެއްކާ އައިޝާދައްތައާއި އާލިޔާ ދައްތަ ވާހަކަ ދައްކާ އުޅޭ ގޮތުން ހީވަނީ އާން އަށްވުރެ ކުރިން އެމީހުން ގޮތެއް ނިންމަން އުޅޭހެން..” އަޔާންގެ ހިނިތުން ވެފައިވާ މޫނު ފެނުމުން އަހަރެން ދިމާކޮށްލީމެވެ.

“ހެހެހެ.. އަހަރެންވެސް ހަމަ ރަނގަޅު ވަގުތު އައިސް ޖެހެންދެން މި މަޑު ކުރަނީ.. އަހަރެމެންގެ ވާހަކަ ދައްކާއިރު ޝޯން ގެ ކަންތައް ވަކި ދެރައެއް ނޫނެއްނު.. ތި ހަދަން އުޅޭ އެއްޗެއް އަހަރުމެންނަކަށް އަދި ނޭނގޭ.. އެއްކޮޅުން ޝާޔާ ކުރަން އުޅޭހެންވެސް ހީވޭ އަނެއްކޮޅުން ނަޝީ.. ކިހިނެއް ނިންމައިގެން ތިހުރީ ދެން..” އަޔާން އަހަރެން ކުރި ސުވާލު އަނބުރާ އަހަރެންނަށް އަމާޒުކޮށްލި ގޮތުން އަހަރެން ކުޑަކޮށް ހުއްޓުން އެރިއެވެ. އަހަރެންވެސް ނިންމާފައިވާ ގޮތް ކިޔައިދިނީމެވެ. އަޔާން އާއި ޒާނިޝްގެ ޚިޔާލުވެސް ހުރީ ވަރަށް އެއްގޮތަށެވެ.މާދަން މިއޮތީ މާލެ ދާންވީ ދުވަހެވެ. ނަމަވެސް ވާހަކައިގައި ތިބެ ނިދުނުއިރެއްވެސް ނޭނގެއެވެ.

ލޯންޗްގައި ކުޅުދުއްފުއްޓަށް ދިއުމަށް ހަތަރު ޢާއިލާއެއް ދަތުރުކުރަމުން ދިޔައެވެ. އަހަރެންނަށް އިނދެވުނީ ޝާޔާގެ ކުރިމަތީގައިހެނެވެ. ޝާޔާގެ ކައިރީގައި ރަނާއާއި ރިޔާ ތިބިއިރު އަހަރެންގެ ދެފަރާތުގައި އަޔާން އާއި ޒާނިޝް ތިއްބެވެ. މުޙައްމަދުބެއާއި ބަކުރުބެ، އަދި ހައްވާ ދައްތަ އެއްސީޓްގައި ތިބިއިރު އައިޝާދައްތަ އާއި އާލިޔާދައްތަ، އަދި އިޝީވެސް އިނެވެ. ހަމަހިމޭނުން އިން ޝައިހާވެސް މިއަދު އަދި ވަރަށް ބަސްއަހައެވެ.

ހެނދުނުގެ ވަގުތުކަމުން ނިދީގެ އަސަރާއިއެކު މާގިނަ ވާހަކައެއް ނުދައްކާ އަހަރުމެން ތިބިއިރުވެސް އަހަރެންގެ ސިކުނޑީގެ ތެރޭގައި ވަނީ ހައިޖާނެއް އުފެދިފައެވެ. ލޮލުގައި އަޅާފައިވާ ރޭބަން އައިނުގެ ތެރެއިން ފުރޭނިގެން ފެންނަމުންދިޔަ ޝާޔާގެ ލޯބިވެތި މޫނަށް ނަޒަރު ހުއްޓާލެވިފައި ވީއިރު އެންމެ ހިނދުކޮޅަކަށްވެސް އެހެންދިމާލަކަށް ބެލުންވެފައި އޮތީ މަނާކަމަކަށް ކަހަލައެވެ. އެކަމަށް ހިތެއް ނޭދެއެވެ. އަހަރެންނެކޭ އެއްގޮތަށް އަޔާން އާއި ޒާނިޝްވެސް ކުރިމަތީގައި ތިބި ދެކުދިންނަށް ނަޒަރު ހުއްޓާލައިގެން ތިބިއިރު ލޮލުގެ ޢިޝާރާތުން ކުދިކުދި ހަދިޔާ ބަދަލުކުރަމުން ދިޔައެވެ. ޝާޔާގެ މޫނުމަތީގައި އުފާވެރިކަން ރަނިކަން ކުރަމުންދިޔައިރު އަހަރެންގެ ހުއްޓިފައިވާ ނަޒަރުން ޝާޔާގެ މޫނުމަތީގައި ޖަންބު ކުލަވަރެއް ފޭދިފައި ހުއްޓެވެ. އެމައުސޫމުކަން ފެނި އަހަރެންގެ ޙިއްސުތަކާ ކުޅެމުން ދިޔައީ އެއްވެސް ޙަރަކާތެއްގެ ބޭނުމެއް ނެތިއެވެ. ބާރު ދުވެލީގައި ފާންލާފައި އޮތް ކަނޑުން ދަތުރުކޮށްފައި ގޮސް ކުޅުދުއްފުޅީގެ ނެރުން ލޯންޗް ވަނުމާއިއެކު ދުވެލި މަޑުކޮށްލިވަގުތު ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި އިން އަހަރެން ކުޑަކޮށް ސިހުނެވެ. އެތަންފެނި އަޔާން އާއި ޒާނިޝްގެ އަނގަ ދިޔާ ވެގެންދިޔައެވެ.

ލޯންޗް ލެފިއިރު އެއަރޕޯރޓްއަށް ދާން ވޭންއޮތީ ބަލާ އައިހެވެ. ފޮށިތަންމަތި ވޭނަށް އެރުވުމަށްފަހު އެއަރ ޕޯޓަށް ނައްޓާލެވުނެވެ. ބޮޑުރަށުގެ މަގުތަކުގައި ބާރު ސްޕީޑްގައި ދަތުރުކުރި ވޭނަށް އެއަރޕޯރޓާއި ހަމައަށްދެވުނީ ފަނަރަވަރަކަށް މިނެޓުންނެވެ. ޗެކިން ފެށެންވާއިރަށް އަހަރުމެންނަށް އާދެވުނެވެ.

ފްލައިޓަށް އަރާ ޓިކެޓް ތަރުތީބުން އިށީންނަމުން ދިޔައީމެވެ. އަހަރެންނަށް އިނދެވުނީ ޝާޔާގެ ކައިރީގައެވެ. ދެންޖެހިގެން އިން ސީޓްގައި ޒާނިޝް އާއި ރިޔާ އިންއިރު ކުރިމަތީގައި ހުރި ސީޓްގައި އަޔާން އާއި ރަނާ އިނެވެ. ހީވަނީ ގަސްތުގައި ކައިރި ކައިރިން ސީޓް ނަގައިގެން އުޅޭހެނެވެ. ނަސީބުވެސް ހަމަ ރަނގަޅީ ތޯއްޗެކެވެ. އެހެން މީހުން ތަންކޮޅެއް ދުރުގައި ތިބުމުން އަހަރުމެންނަށް ތިބެވުނީ ޢާއިލާގެ އެހެންމީހުންނަށް ނުފެންނަހިސާބުގައި ވަރަށް ޕްރައިވެޓް ކޮށެވެ.

ޝާޔާއާއި އެހާ ކައިރީގައި އިދެވުމުން އަހަރެންގެ ހިތަށް އުފާވެރިކަމެއް ވެރިކުރުވަމުންދިޔައިރު އަޑިއަޑީގައި ފޮރުވިފައި ވާ ހިތްދަތިކަމެއްވެސް އުނދަގޫކުރަމުން ދިޔައެވެ. ފްލައިޓް އެއަރޕޯރޓުން ނައްޓާލުމާއިއެކު ޝާޔާ އަހަރެންގެ އަތުގައި ސިހިފައި ހިފަހައްޓާލިއިރު ޝާޔާ އިނީ ވަރަށް ބިރުގަނެފައިކަން އެނގެއެވެ. އެއީ ޝާޔާ މަތިންދާ ބޯޓަކަށް އެރި ފުރަތަމަ ފަހަރު ކަމުން ޝާޔާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. އަހަރެން މަޑުމަޑުން ޝާޔާގެ ކޮނޑުމަތިން އަތްއެއްލައި ޝާޔާ އަހަރެންނާއި ކައިރިކޮށްލީމެވެ. އަހަރެންގެ ހިމާޔަތް ލިބުމުން ޝާޔާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވާކަހަލައެވެ.

ޝާޔާ އަހަރެންގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު އަހަރެންނަށް ޝާޔާގެ މޫނަށް ބަލަން ހުރެވުނީ ފޫހިކަމެއް ނެތިއެވެ. އެހާ ކައިރިން ޝާޔާގެ މޫނު ފެންނަން ހުރުމުން އަހަރެންގެ ހިތް ބަނޑުން ވަމުންދިޔައީ އުފާވެރި އިޙްސާސްތަކަކުންނެވެ. އަހަރެންގެ ހުރިހާ ޙިއްސުތަކެއް ޝާޔާހޭލައްވައިލަނީ އެއްވެސް އުނދަގުލަކާ ނުލައެވެ. ޝާޔާގެ ޙާލަކީވެސް އެއީއެވެ. އަހަރެންގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް އިރު އަހަރެންގެ ޓީޝާޓް ޝާޔާގެ އަތަށް ބޮނޑިވެފައިވެއެވެ. އެހެން އިންނައިރު ޝާޔާގެ ތުންފަތާއި ކުޅެލާ ރަކި ހިނިތުންވުންމާއި މޫނުމައްޗަށް އަރާ ފައިބަމުން ދާކުލަތަކުން ޝާޔާގެ ހިތުގައިވެސް ފޮނި ރާގެއް ކުޅެވެމުން ދާކަން އެނގެއެވެ. އަހަރެންނާއި އެހާ ކައިރީގައި ވުމުން ޝާޔާގެ ޖިސްމާއި ރޫޙަށް އުފާ ލިބެމުން ދާކަހަލައެވެ. ޝާޔާގެ ހިތުގެ އަޑު އިވޭނެނަމައެވެ. ޒާނިޝްއާއި ރިޔާގެ މޫނުމަތީގައިވެސް ވަނީ މަސްތުކަމެކެވެ. ހުރިހާ ހިތްތަކުގައި ކުޅެވެމުން ދަނީ އެއްރާގެއް ކަހަލައެވެ.

“ލޯބީގެ މަސްތު އިޙްސާސް ކުރުވައިފިޔޭ ޙަޔާތުން

ލޯބީގެ މަސްތު އިޙްސާސް ކުރުވައިފިޔޭ ޙަޔާތުން

ހިތް ޔާރާ ދީފާ ލޯބިން ހިތް ޔާރާދީފާ

ހިތް ޔާރާ ދީފާ ލޯބިން ހިތް ޔާރާދީފާ

އާހުވަފެނީ ދުނިޔެއެއް ދައްކައިފިޔޭ ޙޔާތުން

އާހުވަފެނީ ދުނިޔެއެއް ދައްކައިފިޔޭ ޙަޔާތުން

ހިތް ޔާރާ ދީފާ ލޯބިން ހިތް ޔާރާދީފާ

ހިތް ޔާރާ ދީފާ ލޯބިން ހިތް ޔާރާދީފާ

ކިހިނެއްހޭ ދިރިއުޅޭނީ ލޯތްބާ ނުމެލާ އުފަލުގާ

ކިހިނެއްހޭ ދިރިއުޅޭނީ ލޯތްބާ ނުމެލާ އުފަލުގާ

ފުރިހަމަ ނުވެޔޭ ޙަޔާތެއް އިޝްޤާނުމެލާ މިބިމުގާ

ފުރިހަމަނުވެޔޭ ޙަޔާތެއް އިޝްޤާނުމެލާ މިބިމުގާ

ނޭގޭހޭ ކޮންމެ ދެހިތެއް ގުޅުވައިދޭ ބާރެކޭމީ. .

ދަންނާށޭ.. ޤުދުރަތުން މާތް ދެއްވާ ހަދިޔާ އެކޭމީ

އޯ.. އޯ. ވިންދާއި ހިތުގެ ޖަޒުބާތު ހިލުވައިފިޔޭ ތިލޯބިން

ހިތް ޔާރާ ދީފާ ލޯބިން ހިތް ޔާރާދީފާ

ހިތް ޔާރާ ދީފާ ލޯބިން ހިތް ޔާރާދީފާ ”

ފްލައިޓް އިބްރާހިމް ނާޞިރު އިންޓަރ ނޭޝާނަލް އެއަރޕޯޓަށް ޖެއްސި ވަގުތު ވީ ޝާޔާ އިތުރަށް ބިރުގަންނަ ގޮތްވި ވަގުތަކަށެވެ. އަހަރެންގެ ގައިގާ ހިފަހައްޓާލައިގެން އިންއިރު ޝާޔާގެ މޭގަނޑު އަނގަޔަށް އައިސްފައިވާ ކަހަލައެވެ. ޝާޔާގެ މި ޙަރަކާތްތައް ފެނި އަހަރެންނަށް ޝާޔާގެ ރީތިކަން އިތުރުވިހެންވެސް ހީވިއެވެ.

އެއަރޕޯޓުން ނިކުތްއިރު އެރައިވަލް ކައިރިއަށް އަހަރުމެންގޭ ވޭން އައިސް އޮތެވެ. ގޭގެ ޑްރައިވަރ އަނޫމޯހަންއާއި އެކު ދޮންބެވެސް އައިސް ހުއްޓެވެ.

“ހަހަހަ.. ބްރޯ… ހޯޕް ޔޫ އެންޖޯއިޑް.. ކިހިނެއް ދަތުރު..؟” ދޮންބެ އައިސް އަހަރެންގެ ގައިގާ ބައްދާލަމުން އަހައިލިއެވެ.

“ޕާރފެކްޓް.. ވަރަށް ނައިސް ދަތުރެއް..” އަހަރެންނަށް އެދަތުރަކީ އެތަށް ގޮތަކުން ތާރީޚީ ދަތުރެކެވެ. އެހެންވީއިރު ކަމުދާނެއެއް ނޫންހެއްޔެވެ. އޭރު އަނޫމޯހަން އަހަރުމެންގެނައި ލަގެޖްތައް ވޭނަށް އަރުވަނީއެވެ. އޭރު އަޔާންމެން ބަލާ އެގޭ ކާރު އޮތީ އައިސްފައެވެ. “ހޭ އާން.. ކޯލްމީ ވެން ޔޫ ރީޗް..” އަހަރެން އެހެން ބުނުމުން ބޯޖަހާލާފައި ރަނާއާއި ދިމާލަށް ބަލައިލަމުން ކާރަށް އަރައި ނައްޓާލިއެވެ.

އޭރު ޒާނިޝްވެސް ބަޔަކާއި ވާހަކަ ދައްކަމުން ދިޔައެވެ. “އައިޝާދައްތާ.. މީ އަޅުގަނޑުގެ މަންމަ..، މަންމާ މީ އައިޝާ ދައްތަ އަޅުގަނޑު ހުރިގޭ ދައްތަ..” ޒާނިޝް ފަންސާހަކަށް އަހަރުގެ އަންހެނެއް އައިޝާދައްތައާއި ތަޢާރަފް ކޮށްދިނެވެ. އެއީ ޒާނިޝްގެ މަންމަ ހެއްޔެވެ. ވަރަށް އާދައިގެ ރާއްޖެތެރޭ ވައްތަރުޖަހާ ދައްތައެކެވެ. ލާފައި ހުރި ހައުސްކޯޓުން އިތުރަށް ދުވަސްވެފައި ހުރިކަމަށް ދައްކުވައިދެއެވެ.

“މީތަ ޒާނިޝްގެ މަންމަ.. ކޮންނަމެއް ކިޔަނީ..” އައިޝާދައްތަ ތަޢާރަފް ވެލިއެވެ.

“އާބިދާ.. ޙުސެން ގުޅައިގެން ވަރަށް އައިޝާގެހެޔޮވާހަކަ ދެއްކިއޭ..” އާބިދާ ދައްތަ ހީނލަމުން ސަލާންކޮށްލިއެވެ. ހުސެން އަކީ ޒާނިޝްއަށް މަންމަ ލޯބިން ގޮވާ ގޮތެވެ. އަހަރެންވެސް ތަޢާރަފްވެލީމެވެ. އަދި މަންމަވެސް އިރުކޮލަކު ވާހަކަދައްކާލިއެވެ.

“މީ ރަނާ.. އައިޝާ ދައްތްގެ ހަގު އަންހެން.. ދެން މީ ރިޔާ.. ” ޒާނިޝް އެދެކުދިން ވެސް ތަޢާރަފް ކޮށްދިނެވެ. އެއާއިއެކު އާބިދާ ދައްތަ ރިޔާގެއަތުގައި ހިފާލާ ކައިރިކޮށްލިއެވެ. އަދި ވަރަށް ހިތްހެޔޮކޮށް ވާހަކަ ދައްކާހެދިއެވެ. އެތަންބަލަން ސޮނިވެއްޓިފައި އަހަރެންނާއި ރަނާ ތިބިއިރު އިޝީވެސް ހިނިއައިސްފައި ޝާޔާއާއި އެކު ހުއްޓެވެ.

“ކޮބާ ހިނގާދަމާ ގެއާއި ދިމާލަށް.. ހައްވާދައްތައާއި ބަކުރުބެ ހުންނާނީ އަހަރުމެން ގޭގަ.. ޝައިހާ އާއި ޝާޔާވެސް..” މަންމަ ކިޔައިދެމުން ވޭނަށް އެރިއެވެ. އައިޝާދައްތަމެންވެސް އެރިއެވެ. އަހަރެމެން ނައްޓާލީ ޒާނިޝްއާއި އާބިދާ ދައްތަވެސް ވޭނަށް އަރުވައިގެންނެވެ. އެއީ ބޮޑު ވޭނެއްކަމުން އިތުރަށްވެސް ޖާގައޮތެވެ.

“ޝޯން.. މިރޭވާނެ އަހަރުމެން އެންމެން ޑިނާރ ހަދާލަން ނިކުމެލަން އިނގޭ.. ވަރަށް މަޖާވާނެ..” އިޝީ އަހަރެންގެ ކޮނޑަށް އަތް ވައްޓާލަމުން އެހެން ބުނެފައި ޝާޔާއަށް ނިތްއަރުވައިލިއެވެ. ޝާޔާ ހިނިތުންވެލީ އެންމެރަނގަޅޭ ބުނާކަހަލަ ގޮތަކަށެވެ. އޭރު ރަނާ އާއި ރިޔާވެސް އެކަމާއި ވަރަށް ގަޔާވެފައި ތިއްބެވެ. ވޭން އައިސް ހ.ޕާރލްގޭގެ ދޮރާށި ކުރިމައްޗަށް ހުއްޓުމާއިއެކު ވޭނުގެ ތެރޭގައި ތިބި ހުރިހާ އެންމެންގެ ލޯ ބޮޑުވެގެން ދިޔައެވެ. އަނގަ ހުޅުވި އާގަމަ ވެފައި ތިބީ އެގޭގެ ރީތިކަން ފެނިފައެވެ. ބޮޑު ދަގަނޑު ދޮރާށި ކުރިމަތީގައި ހުއްޓިލިއިރު އެނތެރޭގައި ހައްދާފައިވާ ބަގީޗާގެ ބިއްދަށުން ގަނޑުވަރެއްކަހަލަ ގެ ފެންނަލެއް ވަރަށް ފުރިހަމައެވެ.

“މީތަ ސިއާންބެމެންގެ ގެ…؟” ރަނާ ސުވާލު ކޮށްލީ ފެނަނަމުން ދިޔަ ގެޔަށް ބަލަން އަނގަހުޅިވިފައި ހުރެއެވެ. އެގެ ފެނިފައި ޝާޔާ އަހަރެންނާއި ދިމާލަށް ބަލާފައި އިސްދަށަށް ޖަހައިލީ ޝާޔާމެންގެ ނިކަމެތިކަން މަތިން ހަނދާންވެފައި ކަހަލައެވެ. އަހަރެން ޝާޔާގެ އަތުގައި ހިފާލަމުން ދެފަރާތަށް ބޯހޫރާލީ އެހެން ހީނުކުރާށޭ ބުނުމުގެ ގޮތުންނެވެ. ބަގީޗާތެރެއިން ގުދުގުދުލާފައި ހެދިފައިވާ މަގުން ވޭން ދުއްވާފައި ގޮސް ގޭގެ ޕޯޓިކޯއަށް މަޑުކޮށްލުމާއިއެކު އަނޫމޯހަން ނިކުމެ ދޮރު ހުޅުވައިދިނެވެ. އެއާއިއެކު ގޭގައި ގެންގުޅޭ ސަބުޖު އައިސް ފޮށިތައް އެނތެރެއަށް ވެއްދުމާއި ޙަވާލު ވެއްޖެއެވެ. އަހަރެންގެ ފޮށިހިފައިގެން އަހަރެންވެސް ހިނގައިގަތީ އެތެރެއަށެވެ.

“ސަހަބް.. އަހަރެން ގެންދަނީ..” ސަބުޖު އަހަރެންގެ އަތުގައި އޮތް ފޮށީގައި ހިފާލަމުން ބުނެލިއެވެ.

“ސަބުޖު އެ ފޮށިތައް އެނތެރެއަށް ވައްދާލާ އަހަރެން މީތި ވައްދާލާނަން..” އަހަރެން ހިނިތުންވެލީމެވެ. އަހަރެންނަކީ އަހަރެންގެ މަސައްކަތްތައް ވީހާވެސް ބޮޑަށް އަމިއްލަޔަށް ކުރެވޭތޯ ބަލާ މީހެއްކަމުން އަހަރެންގެ ފޮށި ހިފައިގެން ދިޔައީ އަހަރެންނެވެ.

“ސަބުޖު ކޮބާ ދެކޮޓަރި ތައްޔާރުތަ؟..” މަންމަ އައިޝާދައްތަ މެންނާއިއެކު ސިޓިންރޫމް ސޯފާގައި އިށީންނަމުން އަހައިލިއެވެ.

“ތައްޔާރު މެޑަމް..” ސަބުޖު އެހެން ބުނެފައި ފޮށިތައް އެނތެރެއަށް ގެންދިއުމާއިގެން އުޅުނެވެ. އޭރު ޕުޝްލިޔާ ފިނި ބުއިން ހިފައިގެން އާދެއެވެ. ގޭގައި ގެންގުޅޭތާ ދިހަވަރަކަށް އަހަރުވީއިރު ޕުޝްލިޔާއަކީ އަހަރެންގެ ޢާއިލާގެ މެންބަރެއްގެ ގޮތުގައި ދެކެވޭ މީހެކެވެ. ނޭޕާލްގެ ރައްޔިތެއް ކަމުގައި ވިޔަސް މިހާރު ބޮޑަށް ވައްތަރީ ދިވެއްސަކާއެވެ.

“ހާދަ ބޮޑު ބަދަލެއް އައިސްފިއޭ ދޯ މިހާރު މިގެއަށް.. އޭރު އަހަރުމެން އައިސް އުޅުނުއިރު މިހާ ބޮޑެއްނޫން މިގެއެއް..” ތަބަކުން ޖޫސްތައްޓެއް ނަގަމުން އައިޝާދައްތަ ވާހަކަ ދެއްކިއެވެ.

“އާނ.. ފަހުން މިގޭގެ ޖެހިގެން ހުޅަނގުފަރާތަށް އޮތްގޯތި ގަތީ.. އެމީހުން މިހާރު އުޅެނީ މެލޭގަ.. އެގޯއްޗާއި އެއްކޮށްލާފަ ފަހުން މި ގެ މިއޮތީ ބޮޑުކޮށްލާފަ..” މަންމަ ކިޔައިދިނެވެ. “ސިއާން.. ބަކުރުބެ މެންނަށް ކޮޓަރި ދައްކާލަދޭން ދަރިފުޅު ދާންވީނު.. ބަކުރުބެމެން ތިރީގަ ހުރި ގެސްޓްރޫމަށް ގެންގޮސްދީ..” އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި ބަކުރުބެ މެން ގޮވައިގެން ހިނގައިގަތީމެވެ. ޝައިހާ ގޭތެރޭގައި ހުރިއެއްޗިއްސަށާއި ތަންތަނަށް އާގަމަވެފައި ބަލަމުންދިޔައިރު ހުރީ އަނގަހުޅުވިފައި ބުނާނެ އެއްޗެއް ނޭނގިފައި ކަހަލައެވެ. ޝާޔާ އިސްދަށަށް ޖެހިފައި ހުރިއިރު ބަކުރުބެ އާއި ޙައްވާދައްތަވެސް ހުރީ އެހާ ފެންވަރު ރަނގަޅު ރީތި ގެޔަކަށް އާދެވުމުން ކުޑަކޮށް ބަސްމަދުވެފައެވެ.

“މީކޮޓަރި..” ދޮރުހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް އިޝާރާތްކޮށްލަމުން އަހަރެން ބުނެލީމެވެ. “އެއީ ފާހާނަ..” ފާހާނައަށް އިޝާރާތް ކޮށްލަމުން އަހަރެން އެހެން ބުނިއިރު ޝައިހާ ކޮޓަރި ތެރޭގައި ހުރި ސޯފާގެ މައްޗަށް ވެއްޓިގަނެ ރިމޯޓުން ފާރުގައި ހަރުކޮށްފައި ހުރި 65 އިންޗީގެ ސޮނީ 4k އަލްޓްރާ އެޗްޑީ ޓީވީ ހުޅުވައި ލިއެވެ. “ވާވް.. ދިސް އިޒް ހިއުޖް…” ޝައިހާ ހުރީ ސޮނިވެއްޓިފައެވެ. މިގެއިން ދާ ޚިޔާލެއްވެސް ނުކުރާނެ ތޯއްޗެކެވެ. އޭރު ޝާޔާ ޝައިހާގެ ޙަރަކާތްތަކަށް ބަލަން ހެވިފައި ހުއްޓެވެ.

“މިހާ ފެންވަރު ރަނގަޅު ތަންތާގަ އުޅެފަ ގޮސް ހޯރަފުށި ކަހަލަ ރަށެއްގަ އާދައިގެ ގެއެއްގަ އުޅޭކަށް އުނދަގުލެއް ނޫންތަ..؟” ބަކުރުބެ އެނދުގައި އިށީންނަމުން އަހައިލިއެވެ. “ޞުބުޙާނަﷲ މިހާ މަޑު ގޮދަޑިއެއްގަ ނިދައިގެން މުޅި ބުރަކަށީގަ ރިއްސާވަރުން މާދަމައަކު ނުތެދުވެވޭނެ.. ހިނިގަނޑަކާއެކު ބަކުރުބެ އިތުރުކޮށްލިއެވެ. އޭރު އެނތެރެއަށް ފޮށި ހިފައިގެން ވަދެގެން އައި ސަބުޖު ފެނުމާއިއެކު އަހަރެން ގޮވާލާފައި އެނދަށް ހަރު ގޮދަޑިއެއް ގެނައުމަށް ބުނީމެވެ.

“އަޅުގަނޑަކީ މިކަހަލަ މުއްސަނދި ދިރިއުޅުމަށް ވުރެ ރަށްފުށުގެ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ މީހެއް.. އެހެންވެ ހޯރަފުއްޓަށްވެސް މި ގޮސްލީ.. އެރަށް ވަރަށް ހިތްފަސޭހަ..” އެހެން ބުނެލަމުން އަހަރެންނަށް ލޮލުގެ ކުޑަކޮޅުން ބަލައިލެވުނީ ޝާޔާއަށެވެ. ވަގުތުން އިސްދަށަށް ޖަހައިލި އިރު ޝާޔާގެ މޫނުމަތީގައި ޖަންބު ކުލައެއް ފާއްދާލިއެވެ. ރަކި ހިނިތުންވުމެއް ތުންފަތާ ކުޅެލިއިރު ޝާޔާގެ ލޯބިކަން އިންތިހާއެވެ. އެމަންޒަރު ފެނިފައި ހައްވާދައްތަ ކުޑަކޮށް ހިނިވެސް އައެވެ. އޭރު ޝައިހާ ފަހަރަކު ޗެނަލެއް ބަދަލުކުރަމުން ދެއެވެ.

އަހަރެންގެ ފޯނަށް “ނޯޓިފިކޭޝަން”ތައް އަންނަން ފަށައިފިއެވެ. މާލެއިން ފުރިފަހުން ޑޭޓާ އޮން ކޮށްލީ ދެންމެއަކުއެވެ. އެއާއިއެކު ފޭސްބުކްއާއި ޓްވިޓަރ އަދި ވަޓްސްއެޕްގެ ނޯޓިފިކޭޝަންތައް ފުނިޖެހެން ފެށީއެވެ. ފޯން ނަގައި އަހަރެން މަތިމަތިން ބަލައިލީމެވެ. ލޮލުގައި އަޅައިގަތީ ވަޓްސްއެޕް އިން ނަޝީ ކޮށްފައިވާ މެސެޖެކެވެ. “އައި ނީޑް ޓު ޓެލް ޔޫ ސަމްތިންގް އިމްޕޯރޓެންޓް.. ކޯލް މީ އޭސެޕް” އެވެ. އެއީ މީގެ ދެދުވަހެއް ކުރީގެ މެސެޖެކެވެ. އަހަރެންނަށް އެޚަބަރަކީ ކޮބައިކަން އަންދާޒާ ކޮށްލެވެއެވެ. ނަޝީ ބަނޑުބޮޑު ވާހަކައެވެ. ދެން އިތުރަށް އަހަރެން ނަޝީ އިގްނޯރ ކުރާކަށް ބޭނުމެއް ނޫނެވެ. ނަޝީގެ ބަނޑުގައި ގަރުބަގަނެފައިވަނީ އަހަރެންގެ ލެއެވެ. ލޯބި ނުވިޔަސް، އުޅެން ބޭނުން ނުވިޔަސް، މިހާރު އަހަރެންގެ ދިރިއުޅުމުގެ މަންޒިލް އޮތީ ނަޝީއާއި އެކުގައެވެ. އަހަރެންނަށް ކުރެވުނު ފާފައިގެ ސަބަބުންނެވެ. އެހެން ހިތަށް އެރުމާއިއެކު އަހަރެންގެ ހިތަށް ތަދެއް އިޙްސާސް ކުރެވުނެވެ. ބޭނުންވީ ނަޝީއަށް ގުޅާލާށެވެ.

ވިސްނައިލެވުނުއިރު އަހަރެންނަށް އަދިވެސް ހުރެވުނީ ބަކުރުބެ މެން ކޮޓަރީގައިކަން އެނގުމުން އެތަނުން ނިކުންނަން ތެދުވެލީމެވެ. އެވަގުތު އަހަރެންގެ ކޮންމެ ޙަރަކާތަކަށް ފަރުވާތެރިކަމާއިއެކު ބަލަންއިން ޝާޔާ އަހަރެންނަށް ފެނުނެވެ. އަހަރެންނާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ޝާޔާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަހަރެންނާއި ދޭތެރޭގައެވެ. އަހަރެންގެ ހިތަށްވެސް ވަރަށް އަސަރު ކުރިއެވެ. ނަމަވެސް އިޙްސާސްތައް ދިރުވައިލަމުން ސައިޑް ސޯފާއިން ތެދުވެގެން ކޮޓަރިން ބޭރަށް ނިކުތީމެވެ.

ނަޝީއަށް ޑައިލްކޮށްލަން ފިތާލަން އިނގިއްޔަށް ޙަރަކާތެއް ގެނުވިހިނދު ސްކައިޕް އިން ކޯލެއް އަންނަން ފަށައިފިއެވެ. އެއީ ބައްޕައެވެ. ދުވަސް ތަކަކަށްފަހުގައެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ބައްޕައާއި ވާހަކަދައްކާލެވެން އުޅޭތީއެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ހަމަޔަކަށް އެޅިލީމެވެ.

“ޑޭޑް އައި މިސްޑް ޔޫ..” އަހަރެން ފޯން ނެގުމަށްފަހު ފްރަންޓް ކެމެރާ އަހަރެންގެ މޫނާ ސީދާ ވާނެހެން ސެޓްކޮށްލަމުން ވާހަކަ ދެއްކީމެވެ. ސްކްރީނުން ފެންނަންހުރި ބަލްބޯ ސްޓައިލްގެ ތުނބުޅިކޮޅެއްހުރި ސްމާރޓް ބައްޕަ ފެނުމާއިއެކު އަހަރެންގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ބައެއްފަހަރު ވަރަށް ހަރުކަށި ނަމަވެސް އާންމުގޮތެއްގައި ބައްޕައަކީ މީހުންނާއި ގުޅޭމިޒާޖުގެ ވަރަށް މަޖާ ޝަހުއިއްޔަތެކެވެ.

“ހައްހައްހައް… ދަރިފުޅު ބައްޕައަށް ގުޅާލީކީވެސް ނޫނެއްނު ތިހާ މިސްވިއިރު..” އާދައިގެމަތިން ބައްޕަގެ ޚާއްސަ ހިނިގަނޑު ޖަހައިލިއެވެ. “ބައިދަވޭ ސަން.. އައި ހެވް އަ ވެރީ އިމްޕޯރޓެންޓް ތިންގް ޓު ޑިސްކަސް..” ބައްޕަގެ މޫނުމަތީގައި ސީރިއަސްކަން އެކުލެވިގެން ދިޔައެވެ.

“ޓެލްމީ ޑޭޑް..” އަހަރެންވެސް ގޯތިތެރެއަށް ނިކުމެލާ ބަގީޗާގެ ތެރޭގައި ހަމަޖެހިލަމުން ވާހަކަދެއްކީމެވެ. “ވަޓްސް ދަ މެޓަރ..”

“ދަރިފުޅު ޤަބޫލުކުރަންޖެހޭނެ މައިންބަފައިން ދަރިންނަށް ދުވަހަކުވެސް ދެރައެއްލިބޭކަށް ނޭދޭނެކަން..” ބައްޕަގެ ވާހަކައިގެ މަޢުލޫ ހުރިގޮތުން އަހަރެންގެ ސިކުނޑީގެ ހިސާބެއްގައި ރިއްސާލިއެވެ. “މައިންބަފައިން ވިސްނާނީ ދަރިންނަށާ، ޢާއިލާއަށް ރަނގަޅުގޮތަށް.. ދަރިފުޅަށް ހީވޭތަ ބައްޕަ ދަރިފުޅަށް ގޯސްގޮތަކަށް ނިންމުމެއް ނިންމަފާނެހެން..؟” ބައްޕަގެ ސުވާލުން އަހަރެން އިތުރަށް ހާސް ކޮށްލައިފިއެވެ.

“ނޫން.. ބައްޕަ ކީކޭތޯ ބުނަން ތި އުޅުއްވަނީ..” އަހަރެންނަށް ނުހުރެވިގެން އަހައިލެވުނެވެ.

“އައި ހެވް އެރޭންޖްޑް ޔޯރ މެރިއެޖް..” ބައްޕަގެ އެ ޖުމްލައާއި އެކު އަހަރެންގެ ދުނިޔެހީވީ އެނބުރިގަތް ހެންނެވެ. ބޮލަށް އެނބުރުންއަރާ ގޮތްވެ، ދެލޯ ބޮޑުވެ މީހާ ގަނޑުވިއެވެ. އަތުން ދޫވެގެން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. “ވީވިލް ޑިސްކަސް އެބައުޓް އިޓް ލޭޓަރ.. ދަރިފުޅު މެން މިކޮޅަށް އައީމަ އެކަން އޮތީ.. އެވްރިތިންގް ހެޕަންޑް ސޯ ފާސްޓް.. ދަރިފުޅުގެ މަންމަ ކައިރީވެސް ނުބުނެ މިއުޅެވެނީ.. އައި ވިލް ޓޯކްޓު ޔޫ ލޭޓަރ.. ބާއި ސަން..” އެއްނޭވައިން ހުރިހާ ވާހަކައެއް ދައްކާ ނިންމާލާފައި ބައްޕަގެ ފޯނު ކަނޑާލިއިރުވެސް އަހަރެންނަށް ހުރެވުނީ ހުއްޓުންއަރައިފައެވެ.

-ނުނިމޭ-

0
0
މިއީ " ދީވާނާ ލޯބިން ވެއްޖޭ " އަށް ހުށަހަޅާފައިވާ 29 ޕާޓްގެ ތެރެއިން 17 ވަނަ ޕާޓެވެ.
GuDuMeena
2011 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔުމުގެ ދާޢިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެއް.

3 ކޮމެންޓް - ލިޔުން: ”ދީވާނާ ލޯބިން ވެއްޖޭ. . [17]“

Leave a Reply

Your email address will not be published.