ހިތާމަ ލޯބީގެ

އިސްކު ( 1 )

މާލޭގައިހުރި ގެ ވިއްކާލުމަށްފަހު ލަންމާ އާއި ނާއިޒްގެ ދެމަފިރިން ހުޅުމާލެއިން ބިމެއްގަނެ ގެއަޅައިގެން ހުޅުމާލެއަށް ބަދަލުވީ، މާލޭ ގޭގައި އުޅެމުންދާއިރު ލަންމާއަށް އުނދަގޫތަކެއް ކުރިމަތިވަމުން ދާތީއެވެ. ބައްޕައަށްފަހު މަންމަ މަރުވެ، ދޮންބައްޕަގެ އަނިޔާވެރިކަމާއި މަކަރުވެރިކަން އެގެއެއްގައި ހަރުލާފައިވާ އެގޭގައި ދިރިއުޅޭހައި ހިނދަކު ލަންމާއަށް ހަމަޖެހުމެއް ނުލިބޭނެކަން ނާއިޒްގެ އިތުރުން ލަންމާއަށް ވެސް އެނގެއެވެ. އެކަން ގަބޫލުކުރެވެއެވެ.

ހުޅުމާލޭގައި ދިރިއުޅެން ފެށުމާއިއެކު ހުޅުމާލޭގެ ދެސަރަހައްދަކުން ދެފިހާރަ ކުއްޔަށް ނަގައި ކުންފުންޏެއް ރަޖިސްޓަރކޮށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި އޮފީސް އިމާރާތެއް ވެސް ކުއްޔަށް ނެގިއެވެ.

އެތައް ދުވަހެއްގެ މަސައްކަތުން ފެށުނު ވިޔަފާރިއާއެކު ނާއިޒްގެ ދެމަފިރިންގެ ދިރިއުޅުން ކުރިޔަށްވުރެ ތަނަވަސްވެ މަސައްކަތްތައް އިތުރުވެގެން ދިޔައެވެ. މަސައްކަތްތަކުގައި ނާއިޒް ހަރަކާތްތެރިވަމުން ދިޔައިރު ބައެއް ކަންކަމުގައި ލަންމާގެ އެހީތެރިކަން ނާއިޒަށް ލިބެމުން ދިޔައެވެ.

ނާއިޒްއާއެކު މަސައްކަތްތަކުގައި ބައިވެރިވެއުޅެން ލަންމާ ބޭނުން ނަމަވެސް، ނާއިޒަކަށް އެގޮތް ކަމަކު ނުދެއެވެ. ނާއިޒް ބުނަމުންދަނީ ލަންމާ ލައްވާ އެއްވެސް މަސައްކަތެއް ކުރުވަން ބޭނުން ނުވާކަމަށާއި ހަމަޖެހިލައިގެން އަރާމު ކުރުމަށެވެ. މިއީ ލަންމާގެ ފައިސާ ކަމަށާއި މުއައްޒަފުން ހޯދާފައިވަނީ މަސައްކަތް ކުރުމަށް ކަމަށެވެ.

ރޭގަނޑު ނުވައެއްޖަހާކަން ހާއިރެވެ. ކޮލެޖްދައުރުގެ ރައްޓެހިންތަކަކާއިއެކު ނާއިޒް އިނީ ކޮފީއެއްގަ އެވެ. ތަފާތު މަޢުލޫތަކަށް ވާހަކަ ދައްކާ ހީ ސަކަރާތް ޖަހަމުން ދިޔައިރު އެންމެން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

ނާއިޒްއާއެކު ކޮލެޖްގައި މެގަޒިން ނެރުމުގައި އުޅުނު އެކުވެރިން، އޮންލައިން ނޫހެއް ތައްޔާރުކުރުމަށް ހުށަހެޅި ހުށަހެޅުމަކީ ނާއިޒަށް ވެސް ވަރަށް ކަމުދާ ކަމަކަށް ވިއެވެ. އެމަސައްކަތަކީ އޭނަ ވަރަށް ގަޔާވާ ކަމަކަށް ވާތީ ވަރަށް އަވަހަށް އެކަމަށް އެއްބަސްވިއެވެ.

” އަންހެނުންނާއި ވާހަކަ ދައްކާލާފަ އިސާރާތެއް ކޮށްލާނަން އިނގޭ. ” އެމީހުނަށް ބަލާލަމުން ނާއިޒް ބުންޏެވެ.

” އައްދެ. މިވަރު ކުޑަ ކަމެއްގަ ވެސް އަންހެނުންގެ ހުއްދަ ހޯދަން ޖެހޭތަ؟ ” ހައިރާންކަމާއިއެކު ނާއިޒަށް ބަލާލަމުން ނިފާރު އެހިއެވެ.

” އާން ….. މިކަން ކިތަންމެ ކުޑަޔަސް ފައިސާ ޚަރަދުކުރަން ޖެހޭނެދޯ؟ އެހެންވީމަ އޭނަ ކައިރި އަހާލަން ޖެހޭނެއެއްނު. އޭނާގެ އެއްވެސް މައްސަލައެއް ނޯއްނާނެ. އެކަމަކު މިއީ އޭނާގެ ފައިސާއޭ. ” އެކުވެރިޔާއަށް ވިސްނައިދޭ ފަދައަކުން ނާއިޒް ވާހަކަ ދެއްކިއެވެ.

” އާން. ނާއިޒް ތިބުނީ ރަނގަޅަށް. ނާއިޒްގެ ތިޔަ ވާހަކަތަކަށް މަ ތާއިދުކުރަން. ” ނާއިޒްގެ ވާހަކައާ ގުޅުވައިގެން ސާދިމް ވާހަކަ ދެއްކިއެވެ.

ކޮފީގެކަންތައް ނިންމާލުމަށްފަހު، ދެފިހާރައިގެ ހިސާބުތައް ހަމަޖައްސާލާފައި ނާއިޒް ގެއަށް ދިޔައިރު، އެގާރަގަޑި ބައި ވަނީއެވެ.

ނާއިޒް ގޮސް ގެއަށް ވަތްއިރު އޭނާގެ އިންތިޒާރުގައި ލަންމާ ހޭލާ އިނެވެ. އެކަމުގެ ސަބަބުން ނާއިޒް ކޮންމެ ވެސް ވަރަކަށް ހިތްހަމަ ނުޖެހުނު ނަމަވެސް އެކަމެއް ނުދައްކައެވެ.

ނާއިޒްގެ އެޑިޓަރުކަމުގައި އަޕްލޯޑުކުރެވެން ފެށުނު ވައިލެޓް އޮންލައިން ނޫސް އާންމުން ބަލައިގަތީ ވަރަށް އަވަހަށެވެ. ބޮޑުމުސާރަތައް ދީގެން ގެނައި ނަން މަޝްހޫރު ނޫސްވެރިންނާއި ކުޅަދާނަ ވާހަކަ ލިޔުންތެރިން އެމީހުންގެ ކުޅަދާނަކަން އިތުރަށް ދައްކަމުން ދިޔައީ، ނާއިޒްގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ބަލައި ގަންނަމުން ނެވެ. އެދާއިރާއިން ނާއިޒް ދެކެމުންދާ ކޮންމެ ހުވަފެނެއް ހަޤީޤަތަކަށް ހަދައިދިނުމަށްޓަކައި ވެސް މެއެވެ.

ލަންމާގެ މައިންބަފައިންގެ ތަނަވަސްކަމުން ލަންމާގެ އެހީތެރިކަމާއިއެކު ނަމަވެސް ނާއިޒަށް ހިންދެމިލެވުމުން ނާއިޒަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ލިބެމުންދިޔަ މަޝްހޫރުކަމާއި މަޤުބޫލުކަމުގެ ސަބަބުން މަޑުމަޑުން ލަންމާއާ ދުރުވަމުން ގެއަށް އައުން މަދުވަމުން ދިޔައެވެ. ނާއިޒްއާ ބެހޭގޮތުން ތަފާތު ވާހަކަތައް ފެތުރެން ފެށިއެވެ.

ތަފާތު އަންހެން ކުދިންނާއިއެކު ތަފާތު ރެސްޓޯރެންޓްތަކުންނާއި އެހެން ވެސް ބައެއް ތަންތަނުން އެކަހެރިކޮށް ނާއިޒް ފެންނަމުންދާ ކަމުގައި ލަންމާގެ ރައްޓެހިން ބުނަމުންދިޔަ އެވެ. އެހެނަސް އެވާހަކަތަކާއި ދެކޮޅު ހަދަމުން ނާއިޒް ބުނަމުންދަނީ އެއީ މުޅިން ވެސް ދޮގު ވާހަކަތައް ކަމަށާއި އެދެމަފިރިންގެ ގުޅުމަށް ހަސަދަވެރިވާ ބަޔަކު އެދެމީހުން ދުރުކުރަން ފާޑުފާޑުގެ ވާހަކަތައް ދައްކަނީ ކަމަށެވެ. އަދި އެވާހަކަތައް ގަބޫލު ނުކުރުމަށެވެ. ނާއިޒްގެ ވާހަކަތަކަށް އިތުބާރުކޮށް އެވާހަކަތައް ލަންމާ ގަބޫލު ކުރަމުން ދިޔައީ ނާއިޒް ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނާއި އަދި މިހާތަނަށް އޭނާގެ ލޮލަށް އެފަދަ މަންޒަރެއް ފެނިފައި ނުވާތީ އެވެ.

ތަރިރު ހަނދުގެ ދަޢުރުވުމާއިއެކު ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. އުފަލާއި މަޖަލާއި ހިތްހަމަ ޖެހުމާއިއެކު އެއްބަޔަކު ދުވަސްތައް ހޭދަކުރަމުން ދިޔައިރު، ނިކަމެތި ހާލުގައި ދުވަސްތައް ހޭދަކުރަމުންދާ މީހުން އެނިކަމެތިކަމުން ސަލާމަތްވޭތޯ ކުރަމުންދިޔަ މަސައްކަތްތައް އިތުރު ކުރަމުން ދިޔައެވެ.

މަސައްކަތްތައް ހުންނަ ގޮތުން ކަމަށް ބުނެ، ނާއިޒް ގެއިން ބޭރުގައި ހޭދަކުރަމުންދާ ވަގުތުތަކުގެ ސަބަބުން ލަންމާއަށް ވަރަށްބޮޑު އެކަނިވެރިކަމެއް ކުރިމަތިވަމުން ދިޔައެވެ. އެފަދައިން ކަންތައް ވަމުންދާތީ ލަންމާއަށް ލިބެމުންދިޔަ ހިތާމަތަކާއި ހިތްދަތިކަން އިތުރުވަމުން ދިޔައެވެ. އޭނާގެ މާޒީ ހަނދާން ވާން ވެސް ފެށިއެވެ.

ލިބެމުންދިޔަ ހިތާމަތަކާއި ހިތްދަތިކަމަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯ ވިސްނާ ފިކުރުކުރަމުންދިޔަ ލަންމާއަށް އެންމެ ރަނގަޅު ޚިޔާލެއް ދިނީ އޭނާގެ އެންމެގާތް ރަހުމަތްތެރިޔާ ފާތުންނެވެ. ފާތުންގެ އެޚިޔާލާއެކު އެދެމެދުގައި ދެކެވުނު ވާހަކަތަކުގެ ސަބަބުން ލަންމާއަށް އެޚިޔާލު ވަރަށް ކަމުދިޔައެވެ. އެތައް ފަހަރަކު ފާތުންނަށް ޝުކުރު އަދާކުރި ވެސް މެއެވެ.

ފާތުންގެ އެޚިޔާލާއިއެކު ނާއިޒް ގާތު އެވާހަކަ ދައްކާނެ ގޮތަކާއިމެދު ވިސްނާ ފިކުރުކުރަމުން ވަގުތަކަށް އިންތިޒާރު ކުރަމުން ލަންމާ ދިޔަ ނަމަވެސް ނާއިޒަކަށް އެކަމެއް ނޭނގެއެވެ.

އޮއްސުނު އިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވެގެން ދިޔައިރު ހަމަހިމޭންކަމާއި ފަޅުކަން ވެސް ވެރިވެގެންދިޔަ އެވެ. މަގު ތަކުންނާއި އާންމު މައިދާންތަކުން މީހުން ފެނުން ވެސް މަދުވެގެން ދިޔައެވެ.

ނުވައެއް ޖަހާކަން ހާއިރެވެ. ދީފައިވާ ނަލަ ހަނދުވަރުގެ އަލީގެ ސަބަބުން މުޅިބިން ވަނީ އެކީ އަލިވެ އުޖާލާ ވެފައެވެ.

ހުޅުމާލޭގެ އަތިރިމަތީގައި ހަދާފައިވާ ރެސްޓޯރެންޓްތަކުގެ ތެރެއިން ރެސްޓޯރެންޓެއްގެ މަތީގައި ހަދާފައިވާ އޯޕަންބައިގައި ނާއިޒާއި ލަންމާ ތިބީ ރޭގަނޑަށްކާށެވެ. ލަންމާއާއެކު ނާއިޒް ހޭދަކުރަމުންދާ ވަގުތުތަކުގެ މަދުކަމުން އެދެމެދުގައިވާ ގުޅުން ދުރުވަމުން ދާތީ ލަންމާ އެދުނު އެދުމުގެ މަތިން ދެމަފިރިން އެކުގައި ކެއުމަކަށް އައީ އެވެ.

ހުޅުމާލެއަށް އައިސް ގޮސްވާ އުޅަނދުތަކާއި ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައިވާ ސަފާރީތަކުގައި ދިއްލާފައިވާ ހިތްގައިމު އަލިތަކުގެ ސަބަބުން އެހިސާބު ފެންނަމުންދަނީ ވަރަށް ފުރިހަމަ ކޮށެވެ. ބަލާ ފޫހިނުވާފަދަ އެމަންޒަރުތަކުގެ ސަބަބުން ލަންމާއަށް ލިބިފައިވާ އުފަލާއި ހިތްހަމަ ޖެހުން އިތުރުވަމުން ދިޔައެވެ.

މަސައްކަތް ހުންނަގޮތުން ލަންމާއާއެކު ހޭދަކުރަން ނާއިޒަށް ވަގުތު ނުލިބޭތީ، ލަންމާއަށް ލިބެމުންދާ ހިތާމަޔާ ހިތްދަތިކަމަށް ނިމުމެއް ގެނައުމަށްޓަކައި ދަރިއަކު ހޯދުމަށް ލަންމާ ހުށަހެޅި ހުށަހެޅުން ނާއިޒަށް ވެސް ވަރަށް ކަމުދިޔައެވެ. ލަންމާ ދެއްކިވާހަކަތައް ގަބޫލުކޮށް ލަންމާގެ އެވިސްނުމަށް ތަޢުރީފު ކުރިއެވެ.

ނާއިޒްގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ލަންމާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ކައިވެނިކޮށް ދިރިއުޅުން ތަނަވަސްކޮށް އުޖާލާ ކުރުމަށްޓަކައި މިހޭދަވެގެން ދިޔަ ތިން އަހަރެއްހާ ދުވަހަކީ ދަރިއަކު ނުހޯދާ މަޑުކުރުމަށް އެކަށީގެންވާ ވަގުތެއް ކަމުގައި ދެމީހުނަށް ވެސް ގަބޫލު ކުރެވުނެވެ.

ލަންމާއެކޭ އެއްފަދައިން ނާއިޒް ވެސް ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ކަޅުފޮއި މޫސުމްގެ ރޭތަކުތެރޭން ރެއެކެވެ. ވިދާގުގުރާ ވާރޭ ވެހެންމުން ދިޔައިރު ވައި ވެސް ބާރެވެ. ކުރަމުންދިޔަ ގަދަ ވިއްސާރައިގެ ސަބަބުން މަގެއް މައްޗަށް ނުކުންނާނެ މީހަކު ނުވާތީ މަގުތަކުން ފެންނަމުންދަނީ ފަޅުކަމާއި ހަމަހިމޭން ކަމެވެ. ދުއްވާ އެއްޗެއް ވެސް ފެންނަނީ ހާލަކުން ފަހަރަކު ކަހަލަ ގޮތަކަށެވެ.

ކޮޓަރީގައި ދިއްލާފައިހުރި މަޑުނޫ ކުލައިގެ ނިދާބޮއްކާއި ފާރުގައި ލާފައިވާ ހުދުކުލަ އެކުވުމުން ނިދާބޮކީގެ މަޑުނޫކުލަ އިތުރަށް ފަނޑުވެފައިވާހެން ހީވެއެވެ. ބޮޑު އެނދަކާއި އަލަމާރިއެއްގެ އިތުރުން ޑުރެސިންޓޭބަލަކާއި ކޮންޕިއުޓަރ މޭޒެއް ކޮޓަރީގައި ހުރި ނަމަވެސް ކޮޓަރިއަކީ އާންމު ކޮޓަރިތަކަށްވުރެ ބޮޑު ކޮޓަރިއަކަށް ވާތީ ކޮޓަރި ތެރޭން ފެންނަމުންދަނީ ތަނަވަސްކަމެވެ. ސާފުތާހިރުކަމާއި ތަރުތީބު ކުރުމުގެ ރީތި އާދައެވެ.

ކުރަމުންދާ ގަދަވިއްސާރައިގެ އެއްވެސް ހިލަމެއްނުވާ ލަންމާ އެކަނި މާއެކަނީ އޭނާގެ ކޮޓަރީގައި ނިދާލާފައި އޮތެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރަށް ވަނީ މޫނު ނިވާކޮށްގެން ހުރި މީހެކެވެ. ކަރުންފެށިގެން މަތި އެއްކޮށް ނިވާ ކޮށްފައިވާ އެމީހާއަށް ތަންތަން ފެންނާނެހެން ދެލޮލާއި ދިމާއިން ދެލޯވަޅު ކަނޑާފައި ހުއްޓެވެ. އެއީ ފިރިހެނެއްކަން ޔަގީންވި ނަމަވެސް އެއީ ކާކުކަން އެނގޭވަރެއް ނުވެއެވެ. އެމީހާގެ މޫނެކޭ އެއްގޮތަށް ދެއަތްތިލައަށް ދެ އަންގި ލައްވައި ދެއަތްތިލަ ވެސް ވަނީ ނިވާކޮށްފަ އެވެ.

ކާކުކަން ނޭނގޭނެހެން މޫނާއި ދެއަތްތިލަ ނިވާކޮށްގެން ހުރި މީހާ ލަންމާއާ ދިމާއަށް ދަމުން ޖީބުން ވަޅިއެއް ނެގި ނެގި ނަމަވެސް، ނުހަނު އަރާމުގައި ނިދާލާފައި އޮތް ލަންމާއަކަށް ވާނުވާއެއް ނޭނގެއެވެ.

އެމީހާ ދިޔަގޮތަށް ގޮސް ލަންމާ އޮތް އެނދުކައިރިއަށް ހުއްޓެމުން ވަރަށް ޝައުޤުވެރިކަމާއިއެކު ލަންމާގެ ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ސިއްސައިގެން ގޮސްފައި ކުއްލިއަކަށް ހޭލެވުނު ލަންމާ ލޯ ހުޅުވާލުމާއެކު، ފެނުނީ އެނދުކައިރީ ހުރި މީހާ އެވެ. އަތުން ވަޅިއެއް ހިފައިގެން މޫނާއި ދެއަތްތިލަ ނިވާކޮށްގެން ހުރި އެމީހާ ފެނުމާއިއެކު ލަންމާ ބިރުގަނެއްޖެ އެވެ. ގަތްބިރާއިއެކު ހާސްވެ ކަންބޮޑު ވެސް ވެއްޖެ އެވެ. އެނދުން ފައިބަން މަސައްކަތް ކުރަމުން، ސަލާމަތަށް އެދި ރޮއިގަންނަމުން ހަޅޭލަވައި ގަނެވުނީ ލަންމާގެ އިޙްތިޔާރުން ބޭރުގައެވެ.

ލަންމާގެ ކޮޓަރިއަށް ވަތް މީހާ ހުރީ އެހުރިހާ ކަމަކަށް ވިސްނައިގެން ކަމަށްވާތީ ވަރަށް އަވަހަށް ލަންމާގެ އަނގަމަތީ އަތްއަޅާ އަޑު ބަންދު ކޮށްލި އެވެ. އަދި އޭނާގެ އަތުގައި އޮތް ވަޅި ލަންމާއަށް ދައްކާލަމުން އަނގަ މަޑުންލައިގެން އޮތުމަށް އިސާރާތުން އެންގި އެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާގެ އަތްދަށުން ސަލާމަތްވުމަށް ލަންމާ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ބުނާގޮތަށް ކަންތައް ކުރި ނަމަވެސް އޭނާގެ ފަރާތުން އުފަލެއް ހިތްހަމަ ޖެހުމެއް ނުލިބޭނެކަން ލަންމާއަށް އެނގެއެވެ. އޭނާއަށް ބަލާލުމުން އެކަން ޔަގީންވެއެވެ.

ވަޅިން ބިރުދައްކަމުން ލަންމާ މައިތިރި ކުރަން މަސައްކަތް ކުރަމުންދިޔަ މީހާ ވަރަށް މަސައްކަތުން ލަންމާގެ ދެއަތާއި ދެފައި އެނދާއެކު ބަނދެލި އެވެ. ލަންމާގެ ކިބައިން ފެންނަމުންދަނީ ވަރުބަލިކަމާއި ނާއުންމީދުގެ ކުލަވަރެވެ. އޭނާއަށް އެހެން ނުހަދާ ދޫކޮށްލުމަށް އެދި ރޮއި އާދޭސް ކުރަމުން ދިޔައެވެ.

އެއްވެސް އާރެއް ބާރެއް ނެތް ލަންމާގެ ނިތްކުރީގައި ވަޅި ޖައްސާލުމަށްފަހު މަޑުމަޑުން ތިރިއަށް ގެންނާން ފެށިއެވެ. ސަލާމަތްވުމަށް ޓަކައި އެންމެފަހު ވަގުތު ވެސް މަސައްކަތް ކުރަމުންދިޔަ ލަންމާ ކޮންމެ ވެސް ވަރަކަށް ތެޅުނު ނަމަވެސް އެމީހާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.

ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރަމުން ރޮއި އާދޭސް ކުރަމުންދިޔަ ލަންމާއަށް ބަލާލުމެއް ވެސް ނެތި އެމީހާ އެހުރި ގޮތަށް ހުރެފައި ކުއްލިއަކަށް ލަންމާގެ ބަނޑަށް އެވަޅި ހަރާލިއެވެ. ލަންމާގެ އަނގައިން ނުކުތް ވޭނީ އާހުގެއަޑު ޖައްވުގެ ތެރެއަށް އޮބިގެން ދިޔައިރު ލަންމާގެ އެއްވެސް ހަރަކާތެއް ނެތެވެ. ލަންމާގެ ގައިން ބޭރުވި ލެއިން އޭނާގެ ހެދުމާއިއެކު ބެޑު ޝީޓު ވެސް ރަތްވަމުން ދިޔައެވެ.

ކުރަމުންދިޔަ ގަދަ ވިއްސާރައާއެކު ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރު އެރިއިރު ވިއްސާރައިގެ އަސަރު ފިލާ ދުނިޔެމަތި ސާފު ވެއްޖެއެވެ. އާދުވަހަކަށް އިރުއެރުމާއިއެކު ރަށުތެރޭން ހަލަބޮލިކަން ފެންނާން ފެށިއެވެ.

ނުނިމޭ

2
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 1 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އިސްކު ( 1 )“

  1. ޥ ނާއިލްގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ލަންމާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ކައިވެނިކޮށް ދިރިއުޅުން ތަނަވަސްކޮށް އުޖާލާ ކުރުމަށްޓަކައި މިހޭދަވެގެން ދިޔަ ތިން އަހަރެއްހާ ދުވަހަކީ ދަރިއަކު ނުހޯދާ މަޑުކުރުމަށް އެކަށީގެންވާ ވަގުތެއް ކަމުގައި ދެމީހުނަށް ވެސް ގަބޫލު ކުރެވުނެވެ.
    ލަންމާއެކޭ އެއްފަދައިން ނާއިޒް ވެސް ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ
    . ވަޓް… ދިސްއިޒް ސޯ ވާނުވާ ގަ….އެބައި އިރު ނާއިލް އަނެއްބައި އިރު ނާއިޒް … ޕުލަސް ފަސެހައއިން ކިޔޭކަހަލަ ނަން ބޭނުން ކޮއްބަ.. ލަންމާ އޯ …

    1

    0

Leave a Reply

Your email address will not be published.