ހިތާމަ ލޯބީގެ

އިސްކު ( 10 )

އޮފީހުގެ ހުޅަނގުކޮޅު ހުރި ސިޑިން ފައިބަމުން އައި ޒުވާން ފިރިހެން މީހާއަށް އިނާ ބަލާލި އެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓްލޫނަކާއި ކޯޓެއްލައިގެން ހުރި އެމީހަކީ ނާއިލްކަމަށް އިނާ އަމިއްލައަށް ނިންމިއެވެ.

” މިއީ ނާއިޒް ” އިނާއާ ސަލާންކޮށްލަމުން ނާއިޒް އަމިއްލައަށް ތަޢާރަފްވެލި އެވެ. އަދި އިނާ ގާތު އިށީންނަމުން އިނާގެ މޫނަށް ނަޒަރު ހިންގާލިއެވެ.

އިނާއާ ނާއިޒް އެތަނުގައި ތިބެގެން ވާހަކަ ދައްކާ މަޝްވަރާ ކުރަމުން ދިޔައެވެ. އިނާ ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެމުން ނާއިޒް ބުނަމުން ދިޔައީ އޭނާ ލަންމާދެކެ ލޯބިވާ ވާހަކައާއި އޭނާ ލަންމާ މަރާނުލާ ވާހަކައެވެ. އޭނާ ލަންމާ މަރާލާންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށާއި އޭނާ ބޭނުންނަމަ ލަންމާ ވަރިކޮށް އޭނާގެ ހަޔާތުން ދުރަށް ލެވިދާނެ ވާހަކައެވެ. އަދި އެހާފަސޭހައިން އޭނާއަށް ލަންމާއާ ދުރަށް ދެވޭން އޮތްއިރު އޭނާ ލަންމާ މަރާލާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ލަންމާ މަރުވުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ހިތާމައާއި ހިތްދަތިކަމުގެ އަސަރުތައް ނާއިޒްގެ ފަރާތުން ފެންނަމުން ދިޔައެވެ.

އިނާ އާއި ނާއިޒް ވާހަކަ ދައްކާ މަޝްވަރާކުރާން ގަޑިއެއްގެ ހާއިރު އެތަނުގައި ތިއްބެވެ. ނާއިޒް އެދެމުންދިޔަ އެދުމަށް އިނާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ޔަގީންވާވަރަކަށް ނާއިޒަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.

ނާއިޒާއި ވާހަކަދައްކާން ތިންގަޑި ފަނަރަ ވާންދެން މަޑުކުރުމަށްފަހު އިނާ ދިޔައީ އޭނާގެ ގެއަށެވެ.

ލަންމާގެ މަރުގެ މައްސަލާގައި ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމުގެ މަސައްކަތް ޕޮލިހުން ކުރަމުން ދިޔައިރު ނާއިޒްގެ ފަރާތުން ކޯޓްގައި ޖަވާބުދާރީވުމަށް އިނާ ހަމަޖެހޭތޯ ނާއިޒް މަސައްކަތް ކުރަމުން ދިޔައެވެ.

ހަވީރު ހަތަރުގަޑިބައި ފަހެއް ޖަހާކަން ހާއިރެވެ. އިނާ އާއި ނާއިޒް ވާހަކަދައްކާ މަޝްވަރާކުރަމުން ޕާރކްތެރޭގައި ހިނގަމުން ދިޔައެވެ.

” ކަލޭ ވާހަކަ ދައްކަމުން ބުނީމެއްނު ގޯސް ނޫނިއްޔާއި ކަލެއަށް ވެސް މާ ރީތި ވާނެޔޭ. ކަލެއަށް ވެސް މާ ރީތި ނޫންހޭ. ފޮޅިފައި ހުންނަ މާތައް ފެނިފައި އިންސާނުން ވެސް އުފަލުން ފޮޅޭނެޔޭ. ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއް ފިލާ އުފާވެރިކަން ދެގުނައަށް އިތުރުވާނެޔޭ. ” ގަސްތަކުގައިވާ މައުތަކަށް ނަޒަރު ހިންގާލަމުން މާޒީއަށް އިޝާރާތްކޮށް ނާއިޒް ވާހަކަދެއްކި އެވެ.

” އާން. އަހަރެން އެހެން ބުނިން. އެކަމު އެއީ ފޮތްފޮތުން އަހަރެންނަށް އެނގުނު އެއްޗެއް. އަހަރެންގެ އަމިއްލަ ވިސްނުމެއް ނޫން. އެކަމު މިހާރު އަހަރެންނަށް އެނގިއްޖެ މާ ކިތަންމެ ރީއްޗަސް އެވެސް ހަލާކުވާނެކަން. ” ނާއިޒްގެ ފަހަތުން އަންނަމުން އިނާ ވާހަކަދެއްކި އެވެ.

” އެކަމު. މާ ހަލާކުވުމުގެ ކުރިން އޭގެ މީރު ވަސް އެހެން މީހުންނަށް ފޯރުކޮށްދެއެއްނު …. އިނާ ވެސް ނިކަން މިކަމާ ވިސްނަބަލަ. މާ ފޮޅުން ހުއްޓިއްޖެނަމަ މިތަންތަން މިހާރީއްޗެއް ނުވާނެއެއްނު. ” ނާއިޒް ވާހަކަ ނިންމާލީ އިނާއަށް ބަލާލަމުން ނެވެ.

” ކަލޭ ބުނާން ތިޔަ އުޅެނީ ކީކޭ ؟ ” އިނާ އަހާލި އެވެ.

” ބުނަން މިއުޅެނީ އެއް ހާދިސާއާ ގުޅިގެން ކަލެއަކަށް މަޖުބޫރެއް ނުވާނެޔޭ ކަލޭގެ ހުރިހާ އުފަލަކުން މަޚުރޫމު ވެގެން އުޅޭކަށް. ކަލޭގެ ތިޔަ ނިންމުމުގެ ސަބަބުން އަހަރެމެން ކަހަލަ މީހެއްގެ ދިރިއުޅުމަށް އަސަރު ކޮށްފާނެ. އެމީހުން ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް އަހަރެން ހައްޔަރު ކުރަން. އަހަރެން އަހަރެންގެ އަންހެނުން ނުމަރަން. ” ނާއިޒް ވާހަކަ ދައްކަމުން ދިޔައީ ހިތާމަޔާއި ހިތްދަތިކަމާއިއެކުގަ އެވެ.

” އަހަރެން ކޮން އިރަކު ތިހެން އެހީ ؟ ” ހައިރާންކަމާއިއެކު އިނާ އަހާލިއެވެ.

” އިނާ އެހެން އަހާނީ ވެސް މިކަމުގައި އެހީވާން އިނާ އެއްބަސްވާ ނަމައެއްނު. ” މާޔޫސްކަމާއިއެކު ނާއިޒް ބުނެލިއެވެ.

” މިހާރަކު ނޫން. އެކަމު … އެކަމާއިގެން ކުރިޔަށް ދިއުމުގެ ކުރިން އަހަރެން ހޯދާން ބޭނުންވާ އެތައްކަމެއް އެބަވޭ. މިއިން ކޮންމެ ކަމެއްގެ ތެދާއި ދޮގު ޔަގީންކުރާން ޖެހޭ. ” އިނާ ވާހަކަ ދެއްކިއެވެ. އިނާގެ އެވާހަތަކުން ނާއިޒަށް އެނގިގެން ދިޔައީ އެކަމާއިގެން ކުރިޔަށް ދިއުމުގެ ޝައުޤުވެރިކަން އިނާގެ ކިބާގައި އެބަހުރި ކަމެވެ.

” އިނާ ބޭނުން ކަންތައް ހޯދާ ޔަގީންކުރޭ. އަހަރެންނަށް ޔަގީންކަން އެބައޮތް އިނާ މިކަމުގައި އުޅެފިނަމަ އަހަރެންނަށް ކާމިޔާބު ލިބޭނެކަން. ” ނާއިޒް ވާހަކަ ދެއްކީ ޔަގީންކަމާއި އެކުގައެވެ. މިކަމުގައި ކުރިޔަށްދާން އިނާ ބޭނުންކަން އެނގުމުން ނާއިޒަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.

ނާއިޒާއި އިނާ އެމީހުންގެ ބައްދަލުވުން ނިންމާލުމަށްފަހު ގެއަށް ދިޔައީ އިރުއޮއްސުނު ފަހުންނެވެ.

ވަގުތަކީ ރޭގަނޑުގެ ވަގުތު ކަމަށްވާތީ ރެސްޓޯރެންޓްތެރޭން ފެންނަމުން ދަނީ މަޑުމައިތިރިކަމާއި ހަމަހިމޭން ކަމެވެ. ފަނޑުއަލިކަމެއް ތަނައް ވެރިވެފައިވާއިރު ހިތްގައިމު ދިވެހި މިއުޒިކެއްގެ އަޑު ވެސް މަޑުމަޑުން އިވެމުން ދިޔައެވެ. މީހުން މަދުވެފައި އަޑު މަޑެވެ.

އިނާ އާއި އަތީލް ތިބީ ލުއި ކެއުމަކާއިއެކު ކޮފީ ބޯށެވެ. އެދެމެދުގައި ކޮންމެ ވެސް މުހިންމު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އުފަލާއި ހިތްހަމަ ޖެހުމާއިއެކު ހިނިތުންވެ ތިބެގެން ވާހަކަ ދައްކަމުން އުފާ ކުރަމުން ދިޔަ އަތީލާއި އިނާ އެމީހުންގެ ވާހަކަތައް މެދުކަނޑާލީ އިނިސްޕެކްޓަރ ރީސާމް އެތަނަށް އައުމުން ނެވެ. ރީސާމް އައިސް އެމީހުން ކައިރިއަށް ހުއްޓުމުން އަތީލަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.

” އަހަރެން މީހަކު ހޯދާން މަސައްކަތް ކުރަމުންދަނިކޮށް އެމީހާ ފެނުނީ އަހަރެމެންގޭ ދޮރުމަތިން. އަހަރެންނަށް މިތަނުގައި އިށީނދެވިދާނެތަ ؟ ” އިނާއަށް ބަލާލަމުން ރީސާމް ވާހަކަ ދެއްކިއެވެ.

” ކަލޭ ބޭނުމިއްޔާއި އިށީނދެވިދާނެ. ” ރީސާމަށް ބަލާލަމުން އިނާ ބުނެލިއެވެ.

އިނާ އެހެން ބުނުމުން އަތީލަށް ބަލާލާފައި ހިނިތުންވެލަމުން ރީސާމް އެތަނުގައި އިށީނެވެ.

” އެއް ދުވަސްވަރެއްގައި އަހަރެމެންނާއި ގުޅިގެން ކުއްވެރިން ހައްޔަރު ކުރުމުގައި އިނާ އުޅުނު. އެކަމު މިހާރު އަޑު އިވިއްޖެ އިނާ މަސައްކަތް ކުރަމުން ދަނީ ކުއްވެރިން ސަލާމަތްކުރަން ކަމަށް. ނާއިޒްގެ ކުށެއް ނެތްކަމަށް އޭނާ އެދައްކާ ވާހަކަތައް ގަބޫލުކުރެވޭތަ ؟ ” އަތީލަށް ބަލާލުމަށްފަހު އިނާއަށް ބަލާލަމުން ރީސާމް ވާހަކަ ދެއްކިއެވެ.

” ދޮގެއް ތިއީ. ” ރީސާމް އެހެން ބުނުމާއިއެކު އިނާ ބުންޏެވެ.

” އަހަރެމެން ބުނާގޮތެއް ހަދަންޏާއި އިނާ އެކަމާއިގެން ކުރިޔަށް ދޭ. ވާދަވެރިކަމުގައި ފޯރި ހިފާނީ ވާދަކުރާން އެނގޭ މީހަކާއި ވާދަކުރާން ނުކުމެގެންނު. އަސްލު ހުރިހާ ގޯހެއް ހަދާ މީހަކީ އެއީ. ޙަޤީޤަތް ނޭނގޭހެން ކާމިޔާބު ލިބޭނީ ކާކަށް ކަމެއް ވެސް ނޭނގޭ. އަބީދުގެ ވާހަކަތައް އަޑުއެހީމެއްނު. އަހަރެމެންނާއި އިނާ ގުޅިގެން ކުރި މަސައްކަތުން އޭނާ އޭނާގެ ކުށަށް އެއްބަސް ކުރުވީމެއްނު. އެންމެފަހުން އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވީ ޖަލުގެ ތޭރިތަކުތެރޭ އުޅުމަށްވުރެ އެއްބުރުން މަރުވުން ރަނގަޅު ކަމަށް ފެނިގެން ކަންނޭނގެ. ” އިނާއަށް ކަމެއް ހަނދާންކޮށްދެމުން ރީސާމް ވާހަކަ ދައްކަމުން ދިޔައީ ހިތްހަމަ ޖެހުމާއިއެކު ގައެވެ. އޭނާއަށް ލިބުނު ކާމިޔާބަށް އުފާކުރަމުން ނެވެ.

އިނާއާ ވާހަކަދައްކަން އިރުކޮޅަކު އިނުމަށްފަހު ފޯނެއް އައިސްގެން ރީސާމް އެތަނުން ދުރަށް ދިޔައެވެ.

އިނާ އާއި އަތީލް ވާހަކަ ދައްކަމުން ދައްކަމުން ގޮސް އިށީނީ އިނާމެންގޭ ގޯތިތެރޭގައި ހުރި ޖޯލިފަތީގައެވެ. ރަށުތެރެއަށް ފެތުރިފައިވާ ނަލަހަނދުވަރުގެ އަލިކަން އެހިސާބަށް ވަރަށް ރަނގަޅަށް ފޯރާފައިވެއެވެ. އެހެންކަމުން މުޅިހިސާބުވަނީ އަލިވެފައެވެ.

” އެބުނާ އަބީދުގެ މައްސަލާގައި ސަރުކާރުގެ ފަރާތުން ވަކާލާތު ކުރީ އަހަރެން. ރީސާމްގެ ވާހަކަތަކަށް އިތުބާރުކޮށް އަހަރެން އެކަމާއިގެން ކުރިޔަށް ދިޔައިރު ވެސް، އަބީދުގެ މަންމަ ރޮއި އާދޭސްކޮށް ބުނަމުންދިޔަ އޭނާގެ ދަރިފުޅަކީ ކުއްވެރިއެއް ނޫނޭ. އޭނާ ކުށެއް ނުކުރެޔޭ. އަބީދު ވެސް ބުނަމުން ދިޔައީ އޭނާ އެކަން ނުކުރާކަމަށް. އެކަމަކު ……. ޙަޤީޤަތް އެނގުނުއިރު ވަގުތު ފާއިތު ވެއްޖެ. ރީސާމް ކަންތައް ކުރީ އޭނާގެ އަމިއްލަ އެދުމަށް. އަބީދުގެ ކުށެއް ނެތްކަން އެނގޭނެ ހުރިހާ ލިޔުމެއް އޭނާ ހުރީ ރައްކާ ކޮށްގެން. ” އަތީލަށް ބަލާލަމުން އިނާ ވާހަކަދައްކަމުން ދިޔައިރު އަޑާއި ހަރަކާތުން އަދި މޫނުމަތިން ފާޅުވަމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ. ދެލޮލުގެ ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.

އިނާގެ ހިތާމާގައި ބައިވެރިވެ އޭނާއަށް ހިތްވަރާއި ނަސޭހަތް ދިނުމުގައި އަތީލް ހުއްޓެވެ.

” އަތީލް! މިކަމުގައި ކަލޭގެ އެހީތެރިކަން އަހަރެން ވަރަށް ބޭނުން. ” އަތީލްގެ އަތުގައި ހިފަމުން އިނާ އެދުނެވެ.

” އަހަރެން އަބަދު ވެސް ހުންނާނީ އިނާއާ އެކުގަ. އެކަމަކު. އެއީ އޭނާ ކުރި ކަމަކަށް ވެއްޖެނަމަ ….. ” އިނާއަށް ބަލާން ހުރެ އަތީލް ބުންޏެވެ.

އިނާ އާއި އަތީލް އެކަމުގައި އެތައްއިރަކު އެތައްގޮތަކަށް ވާހަކަދައްކާ މަޝްވަރާ ކުރުމަށްފަހު އިނާ ނިންމީ ނާއިޒްގެ ދިފާޢުގައި މަސައްކަތް ކުރުމަށެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ. ނާއިޒާއި ބައްދަލުކުރުމަށްޓަކައި ނާއިޒްގެ އޮފީހަށް އިނާ އާއި އަތީލް ދިޔައިރު ނާއިޒާއި ހަސަން ނާއިޒްގެ އޮފީހުގައި ތިއްބެވެ.

އިނާ އައުމުން އެމީހުން ތިންމީހުން ވެސް ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ. އިނާއަށް މަރުޙަބާ ކިޔާ އެތަނުގައި އިށީނުމަށް އެދުނެވެ.

ނާއިލްމެން އެދެމުންދިޔަ ފަދައިން ލަންމާގެ މަރުގެ މައްސަލާގައި ނާއިޒްގެ ދިފާޢުގަ މަސައްކަތްކުރަން އިނާ އެއްބަސްވުމުން ނާއިޒްމެން ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ.

އެމައްސަލާގައި ކުރިޔަށްދާނެ ގޮތާއިބެހޭގޮތުން ހަތަރުމީހުން ވާހަކަދައްކަމުން ދިޔައެވެ.

” އަހަރެން މިކަމުގައި ކުރިޔަށް ދަނިކޮށް، ލަންމާ މަރާލި މައްސަލާގައި ކަލޭގެއަތެއް ވާކަށް ޕޮލިހުން ބުނަމުން އެދާ ބުނުން އެއީ ޙަޤީޤަތެއްކަން ފަޅާއަރައިފިނަމަ ނުވަތަ ދޮގެއް ހަދައިފިކަން ހާމަވެއްޖެނަމަ ހަމަވަގުތުން އަހަރެން މިކަން ދޫކޮށްލާނަން. އެގޮތާއި އެއްބަސްތަ ؟ ” ނާއިޒަށް ބަލާލަމުން އިނާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަޑާއި ހަރަކާތުން ފާޅުވަމުން ދިޔައީ ހަރުކަށި ކަމުގެ އަސަރު ތަކެވެ.

” އިނާ! އެކަމަކު އެއީ އިންސާފެއް ނޫނެއްނު. ” އިނާއަށް ބަލާލަމުން ހަސަން ބުންޏެވެ.

” އަހަރެން އެއްބަސް. އަހަރެން ކަލެއަކަށް ދޮގެއް ނުހަދާނަން. ކަމެއް ސިއްރެއް ނުކުރާނަން. ” އިނާއަށް ޔަގީންކަން ދެމުން ނާއިޒް ވާހަކަ ދެއްކިއެވެ.

” އަހަރެން ބޭނުންވާނެ ކަލޭގެ އެޕޮއިންޓްމަންޓް ޑައިރީ. ބެންކް ސްޓޭޓްމަންޓް. ބައްދަލުވުންތަކުގެ ޔައުމިއްޔާ. އެކަން ވާނެތަ ؟ ” ވާހަކަތައް ނިންމާލަމުން އިނާ ސުވާލު ކުރިއެވެ.

” އާން. އަހަރެން ދޭނަން. ” ނާއިޒް ޖަވާބު ދިނެވެ.

” އަދިވެސް އެބައޮތް އެއްވާހަކަ. މިމައްސަލަ ނިމެންދެން ކަލޭ އެޅެން ޖެހޭނީ އެއްވެސް ބައްދަލުވުމަކަށް ނުގޮސް. ކަލެއަކަށް މަޖައްލާގެ މަސައްކަތެއް ނުކުރެވޭނެ. ވަކީލުންނާއި އާންމުންނަށް މިކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިގެން ނުވާނެ. ކަލޭގެ ހުރިހާ ޢަމަލަކުން ދައްކަންވާނެ ލަންމާ މަރުވުމުން ކަލޭ ކުރަމުންދާ ހިތާމަ އާއި ކަލެއަށް ލިބިފައިވާ މާޔޫސްކަން. ” އިނާ ވާހަކަ ދައްކަމުން ދިޔައީ ނާއިޒަށް ބަލާން އިނދެއެވެ.

” ލަންމާ މަރުވުމުން އަހަރެންނަށް ވަމުންދާގޮތް ކަލޭމެންނަކަށް ނުފެނޭތަ ؟ ” މާޔޫސްކަމާއިއެކު އިނާއަށް ބަލާލަމުން ނާއިޒް އެހެން ބުނިއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

” ހަސަން. ކަލޭ ކައިރީ ވެސް އަހަރެން ވާހަކައެއް ބުނަން ބޭނުން. އެއީ މިކަމުގައި އަހަރެން ކަލޭމެން އެއްވެސް މީހެއްގެ އެހީއެއް ބޭނުން ނޫން ވާހަކަ. މިކަމުގައި އަހަރެން ކުރިޔަށް ދާނީ އަހަރެން އެކަނި. އެހީއެއް ބޭނުން ވެއްޖެނަމަ އެހީ ހޯދާނީ އަތީލް ކައިރިން. އަހަރެން މިކަން ކުރާނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ. ” އިނާ ހާމަކުރީ އޭނަ ބޭނުންވާ ގޮތެވެ.

ނުނިމޭ

1
0
މިއީ " އިސްކު " އަށް ހުށަހަޅާފައިވާ 22 ޕާޓްގެ ތެރެއިން 10 ވަނަ ޕާޓެވެ.

1 ކޮމެންޓް: ލިޔުން ”އިސްކު ( 10 )“

Leave a Reply

Your email address will not be published.