ރޭގަނޑު ދިހައެއްޖަހާކަން ހާއިރެވެ. މާސިތާ އާއި ހަމްދާން އެދެމީހުންގެ އާދައިގެމަތިން ހުޅުމާލެއަށް ގޮސް ބައްދަލުވުން ނިންމާލުމަށްފަހު މާލެއައުމަށް ދަތުރުކުރަމުން ދިޔައެވެ. އޭރު ވެސް އެދެމެދުގައި ސިއްރު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.
” އަހަރެންގެ ހުށަހެޅުން ގަބޫލްކޮށް އަހަރެންނާއި ކައިވެނި ކުރަން ހަމްދާން ނިންމީތީ އަހަރެން ވަރަށް އުފާވެ ހިތްހަމަ ޖެހިއްޖެ. ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭންގޭ… ދެން .. ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭ. ” ހަމްދާންއާ ކުރިޔަށްވުރެ ވެސް ބޮޑަށް ގާތްވެލަމުން މާސިތާ ވާހަކަދެއްކި އެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން މާސިތާއަށް ކޮންމެ ވެސް ވަރަކަށް ރޮވޭގޮތް ވެސް ވިއެވެ. އެއްވެސް އިޙްތިޔާރަކާއި ނުލައި ދެލޮލުން ފާއްދާލި ކަރުނައަކީ ވެސް އޭގެ އެއް ހެއްކެވެ.
“ އަހަރެން ވެސް ޝުކުރު އަދާކުރަން. އަދި ބުނަން….. އަހަރެމެން ކައިވެނިކުރުމުގެ ކުރިން އަހަރެން ޢާއިލާމީހުން ގާތަށް މާސިތާ ގެންދަން ޖެހޭނެކަމަށް ޢާއިލާމެންބަރުން ބުނެފި. އެހެންވީމަ އެއްރެއަކުން މާސިތާ ޖެހޭނެ އަހަރެންނާއިއެކު އަހަރެމެންގެއަށް ޖައްސާލާން. އޯކޭދޯ ؟ “ މާސިތާގެ އަތަށް މަޑުމަޑުން ފިތާލަމުން ހަމްދާން ވާހަކަދެއްކިއިރު އޭނާ އިނީ ވަރަށް އުފަލުންކަން އެނގެއެވެ.
” އާން ….. އަހަރެން ހަމަ ތައްޔާރު. އެކަމު އޭގެ ކުރިން ހަމްދާން ޖެހޭނެ އަހަރެން ބައްޕައާ ބައްދަލުކުރަން. އަހަރެންގެ ހުރިހާ ވެސް މީހަކީ އަހަރެންގެ ބައްޕަ. އެކަން ހަމްދާނަށް ވެސް އެނގޭނެ. ” ހަމްދާންގެ މޫނަށް ބަލާލަމުން މާސިތާ ބުންޏެވެ.
” އާން … އަހަރެން ހަމަތައްޔާރު. މާސިތާ ބޭނުންނަމަ ހަމަމިހާރު ވެސް ދާންވީ … އަހަރެންނާއި މާސިތާ އިންނަން މާސިތާގެ ބައްޕަ ގަބޫލްވާނެތަ ؟ ” މާސިތާގެ މޫނަށް ބަލާލަމުން ހަމްދާން ބުންޏެވެ.
” އާން … އަހަރެންގެ އެއްވެސް އުފަލަކަށް ބައްޕަ ހުރަހެއް ނާޅާނެ …. މާލެގޮސް އަހަރެން ބައްޕައާ ބައްދަލުކޮށްފައި ހަމްދާން ގެއަށް ދާނީ. މާދަމާ ރޭ އަހަރެން ދާނަން ހަމްދާންމެން ގެއަށް….. އެގޮތް ރަނގަޅެއްނު. ” މާލެއާ ދިމާއަށް ބަލަމުން މާސިތާ ވާހަކަ ދެއްކިއެވެ.
ހަމްދާނާއި މާސިތާގެ މަޝްވަރާތައް ނިމުނުއިރު ފެރީދޯނި އައިސް މާލޭ ފަޅަށް ވަންނަނީ އެވެ.
ފެރީދޯނިން ފައިބާގެން ހަމްދާނާއި މާސިތާ އެކުގައި ގޮސް ހަމްދާންގެ ސައިކަލަށް އެރިއެވެ. ހަމްދާން ސައިކަލް ދުއްވާލުމާއި އެކު މާސިތާމެން ގެއަށް ދިއުށްޓަކައި ސައިކަލް ދުއްވަންވީ މަގުތައް މާސިތާ ކިޔައިދޭން ފެށިއެވެ. މާސިތާ ކިޔައިދެމުންދިޔަ މަގުތަކުން ހަމްދާން ސައިކަލް ދުއްވަމުން ދިޔައިރު ހަމްދާންގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ފުރަގަހުން ބައްދާލައިގެން ކަހަލަގޮތަކަށް މާސިތާ އިނެވެ.
ދިހަވަރަކަށް މިނިޓްގެ ދުއްވުމަށްފަހު މާސިތާ ބުނި ގެކައިރިއަށް ހަމްދާން މެނަށް އާދެވިއްޖެ އެވެ. އެންމެ މިހާރުގެ ގޮތަށް ހަދާފައިވާ އެގެއަކީ މާސިތާމެން އުޅޭގެ ކަމުގައި ހަމްދާން ނިންމިއެވެ.
އެގެއާ ދިމާއަށް މާސިތާ ހިނގައިގަތުމުން އޭނާގެ ފަހަތުން ހަމްދާން ވެސް ހިނގައިގަތެވެ. ގޯތިތެރެއަށް ވަންނަމުން ވެސް ހަމްދާން ނަޒަރު ހިންގާލީ ގެއާއި ގޯތިތެރެއަށެވެ. އެންމެ މިހާރުގެ ގޮތަށް ހަދާފައިވާ އެގެއާއި ގޯތިތެރޭން ވެސް ފެންނަމުން ދަނީ ތަނަވަސްކަމުގެ ކުލަވަރެވެ.
ގޯތިތެރެއަށް ވަދެ ގޯތީގެ އެއްފަރާތެއްގައި ހައްދާފައިވާ ގަސްތަކާއި ދިމާއަށް ހިނގައިގަންނަމުން މާސިތާ ބަލާލީ ހަމްދާނަށެވެ. މާސިތާ ކޮށްލި ހަރަކާތް ހަމްދާނަށް ވިސްނުނެވެ. މާސިތާގެ ފަހަތުން ހަމްދާން ހިނގައިގަތެވެ.
ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ވެރިވެފައިވާ އެ ގަސްތަކުގެތެރޭން ލާފައި ފަރިތަކަމާއިއެކު މާސިތާ ހިނގަމުން ދިޔައެވެ. ވަރަށް ފަރުވާތެރިކަމާއިއެކު ބިންމައްޗަށާއި މާސިތާގެ ފިޔަވަޅުތަކަށް ބަލަމުން މާސިތާގެ ފަހަތުން ހަމްދާން ވެސް ހިނގަމުން ދިޔައެވެ.
މާސިތާ ގޮސް އެތަނުގައިހުރި ގުދަނެއް ކަހަލަ ތަނެއްގެ ދޮރުހުޅުވާލަމުން ބައްޕާ ކިޔާފައި މަޑުމަޑުން ގޮވާލިއެވެ.
މާސިތާގެ ފަހަތުންދިޔަ ހަމްދާން ވެސް އެތަނުގެ އެތެރެއަށް ބޯދިއްކޮށް ލަމުން އެތެރެއަށްނަޒަރު ހިންގާލިއެވެ. ފަސްވޯޓްގެ ބޮތްކެއް ދިއްލާފައިވާ އެތަނުގެ ދެފަރާތުގައި ދެއެނދު ބަހައްޓާފައިވާއިރު ފަންކާއެއް ނެތެވެ. އިތުރަށް އެތަނުގައި ހުރީ މުޅިން ވެސް ބާ މުދަލެވެ. ފަރުވާތެރިކަމާއިއެކު އެތަނަށް ބެލުމުން އެއީ ގުދަނެއްކަން ހަމްދާނަށް ޔަގީން ވިއެވެ.
އެތަނުގައިވާ ދެއެނދުން އެއްއެނދުގައި އޮށޯވެ މުޅިގައިގާ ބެޑްސީޓް އޮޅައިގެން އެއޮތީ މާސިތާގެ ބައްޕަކަމުގައި ހަމްދާނަށް ގަބޫލް ކުރެވުނެވެ.
އެތަނުގެތެރޭން ފެނުނު މަންޒަރުގެ ސަބަބުން ހަމްދާންގެ ބޮލަށް އުނދަގޫ ވެ އެއްފަހަރާ އެތައް ސުވާލެއް ހިތުގައި އުފެދުނެވެ.
” ބައްޕާ ! ހަމްދާން މިހުރީ ބައްޕައާ ބައްދަލުކުރަން އައިސް. ” ހަމްދާންއާ ދިމާއަށް ބަލާލުމަށްފަހު އެނދާއި ދިމާއަށް ބަލާލަމުން މާސިތާ ވާހަކަދެއްކި އެވެ.
މާސިތާގެ ވާހަކައަށް އޭނާގެ ބައްޕަގެފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ހަމްދާން ކޮންމެވެސް ވަރަކަށް ހައިރާންވި އެވެ.
މާސިތާ ގޮސް އެނދުކައިރިއަށް ހުއްޓި އޭނާގެ ބައްޕައާ ދިމާއަށް ގުދުވެ މޫނަށް ބަލާލިއިރު އޭނާ އޮތީ ނިދާފައެވެ. މާސިތާ އައިސް ހަމްދާން ކައިރިއަށް ހުއްޓެމުން އެވާހަކަ ބުންޏެވެ.
” އެހެންތަ ؟ ދެން އެހެން ފަހަރަކުން އައިސް މާސިތާގެ ބައްޕައާ ވާހަކަދައްކާނީ ދޯ ؟ ” މާސިތާއަށް ބަލާލަމުން ހަމްދާން ބުންޏެވެ.
” އާން … ” ހަމްދާންގެ އަތުގައި ހިފަމުން މާސިތާ ބުނެލިއެވެ.
” މާސިތާގެ ބައްޕަ މުޅިގައިގާ ބެޑްޝީޓް އޮޅައިގެން އެއޮންނަނީ ކީއްވެ؟ ” މަޑުމަޑުން މާސިތާގެ އަތަށް ފިތާލަމުން ހަމްދާން އަހާލި އެވެ.
” އަހަރެންގެ ބައްޕައަކީ ނުކުޅެދޭ މީހެއް. ބައްޕަގެ މުޅިގައިގާ ބެޑްޝީޓް އަޅައި ހަށިގަނޑު ނިވާކޮށްގެން އެއޮންނަނީ އެހެން އިންސާނުންނަށް އެހަށިގަނޑު ބަލަން ނުކުރޭނެތީ. އެހަށިގަނޑު ހަމްދާނަށް ވެސް ދައްކާކަށް އަހަރެން އަދި ހިތްހަމައެއް ނުޖެހޭ. އެހެންވީމަ ހަމްދާން ވެސް އެކަމާއި އަޅާނުލާ. ” ހަމްދާނާއި ގާތްވެލަމުން މާސިތާ ބުންޏެވެ.
” ތި ކައިވެނި ކޮށްފިނަމަ ކަލޭ އަބަދު ވެސް އުޅެން ޖެހޭނީ ތިކަމުން ސަލާމަތް ނުވެވިގެން. ކަލެއަކަށް އުފަލެއް ހިތްހަމަޖެހުމެއް ނުލިބޭނެ. އެއީ ހަމައެކަނި ނުކުޅެދޭ މީހެއްނަމަ މާސިތާ ކީއްވެ ކަލެއަށް އެހަށިގަނޑު ނުދައްކަންވީ ؟ ތިއީ ބޮޑުރޭވުމެއް. އަވަހަށް ސަލާމަތްވޭ. ” ކުއްލިއަކަށް ހަމްދާންގެ ހިތަށް އެރުމާއިއެކު އެވާހަކަތައް ގަބޫލް ވެސް ކުރެވުނެވެ.
” އަހަރެން ދެންދަނީ …. ބައްޕައާ ބައްދަލުކުރާން ފަހުން އަންނާނަން. ” ފެނިގެންދިޔަ މަންޒަރުތަކުންނާއި ހިތަށް ވެރިވި ޝުޢޫރުތަކުގެ ސަބަބުން ހަމްދާން ބޭނުންވީ އަވަހަށް އެތަނުން ދާށެވެ.
” ހަމްދާން ! ހަމަ ….. ދެން ދަނީތަ ؟ މިރޭ މިތަނުގައި ނިދަން ވީނު. ” ހަމްދާނާއި ގާތްވެވޭތޯ މަސައްކަތް ކުރަމުން މާސިތާ ވާހަކަދެއްކި އެވެ. އޭނާ އާއި މާސިތާ އެކަނިވެއްޖެނަމަ އެއީ މާސިތާގެ އާދަ ކަމަށްވާތީ އެކަމަކާއި ހަމްދާން އަޅައެއްނު ނުލައެވެ.
” އުނހު … ތިގޮތް ކަމަކުނުދާނެ. މާސިތާގެ ބައްޕަ ވެސް ހިތްހަމައެއް ނުޖެހޭނެ. ” ހަމްދާން ބޭނުންވަނީ އަވަހަށް އެތަނުން ދާށެވެ.
” ދެން އެހެން ފަހަރަކުން .. ” މާސިތާ ދުރަށް ޖައްސާލަމުން ހަމްދާން ބުންޏެވެ. އަދި އަވަސް އަވަހަށް މާސިތާ އާ ދުރަށް ހިނގައިގަތެވެ.
ހަމްދާންގެ ފަރާތުން ދުވަހަކު ވެސް ފެނިފައިނުވާ އެޢަމަލުތަކުގެ ސަބަބުން މާސިތާ ވަރަށް ދެރަވެ މާޔޫސް ވިއެވެ. އެކަން ހިތަށްއަރައި ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެހެނަސް އެއިން އެއްވެސް ކަމެއް ހަމްދާނަކަށް ނޭނގެއެވެ.
މާސިތާއަށް އެއްވެސް ސަމާލުކަމެއް ނުދީ ހަމްދާން ދިޔަގޮތަށް ހިނގައްޖެ އެވެ.
ސައިކަލްގައި ގެއާ ދިމާއަށް ދަތުރުކުރަމުން ދިޔައިރު ވެސް ހަމްދާނަށް ވިސްނެމުން ދިޔައީ ދެންމެގައި ފެނުނު މަންޒަރުތަކާއި މާސިތާއާ މެދުގައެވެ.
ނިދަން އޮތްއިރު ވެސް ހަމްދާނަށް ވިސްނެމުން ދިޔައީ މާސިތާއާ މެދުގައެވެ. މާސިތާގެ ފަރާތުން ފެނުނު ކަންތައްތަކާއި މެދުގައެވެ. މާސިތާއާ އޭނާގެ ބައްޕަ ދިރިއުޅެމުންދާ ހާލާއި މެދުގައެވެ
އެތައްއިރަކު އެތައް ގޮތަކަށް ވިސްނުމަށްފަހު ހަމްދާން ނިންމީ މާސިތާ އާ ގުޅުން ކަނޑާލުމަށެވެ. މާސިތާއާ ގުޅިގެން ހަމްދާން ބޭނުންވާފަދަ އަދި ހަމްދާންގެ ޢާއިލާ ބޭނުންވާފަދަ އުފާވެރި މުސްތަޤުބަލެއް ނުލިބޭނެކަން ހަމްދާނަށް ޔަގީން ވެއެވެ.
އެތައް ދުވަހަކު އެތައް ގޮތަކަށް ވިސްނުމަށްފަހު މާސިތާއާ އެކުގައި އުޅެވެން ނެތްކަމަށް މާސިތާގާތު ހަމްދާން ބުންޏެވެ. ހަމްދާންގެ އެވާހަކަތަކުގެ ސަބަބުން މާސިތާއަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ. ވަރަށްބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ލިބިގެންދިޔަ އެވެ.
މާސިތާގެ ހަޔާތަށް، މާސިތާ ހަމްދާން ގެނައީ ގުލްފާގެ ރޭވުމުގެ ދަށުން ހަމްދާން ޓެސްޓްކޮށްލަން ނަމަވެސް، ހަމްދާންއާއެކު ހޭދަކުރެވުނު އުފާވެރި ހިތްހަމަޖެހޭ ވަގުތުތަކުގެ ސަބަބުން މާސިތާގެ ނިޔަތް ވަނީ މުޅިން ބަދަލުވެފައެވެ. ހަމްދާނަށް ދެރައެއް ދޭކަށް ހަމްދާނަށް އޮލުވާލާކަށް މާސިތާ މިހާރަކު ބޭނުމެއް ނުވިއެވެ. ގުލްފާ ކޮންމެ އެއްޗެކޭ ބުނި ނަމަވެސް މާސިތާ ބޭނުންވަނީ ހަމްދާނާއިއެކު ދިރިއުޅުން ވޭތުކޮށް އުފާވެރި މުސްތަޤުބަލެއް ބިނާ ކުރާށެވެ. ދިރިއުޅުން އުޖާލާ ކުރާށެވެ.
ހަމްދާން ގާތުގައި މާސިތާ ބުނީ ހަމްދާންގެ އެޢަމަލުގެ ސަބަބުން ވަރަށް ދެރަވެއްޖެ ކަމަށާއި އަދި އޭނާއާ މެދުގައި ހަމްދާން ކަންތައް ކުރިގޮތް ދުވަހަކު ވެސް ހަންދާން ނުނެތޭނެ ކަމަށެވެ. ދުވަހަކު ވެސް ހަމްދާނަށް މަޢާފް ނުކުރާނެ ކަމަށެވެ. އޭނާގެ ފަހަތުން ހަމްދާން އަދި އަންނާނެ ކަމަށާއި އަންނައިރު ވަގުތު އޮންނާނީ ފާއިތުވެފައި ކަމަށެވެ. މާލަސްވެއްޖެ ނަމަ ފުރުސަތު ނުލިބޭނެ ކަމަށެވެ.
ރާއްޖެތެރޭގައި ކުރަންދިޔަ މަސައްކަތް ނިންމާލުމަށްފަހު ގުލްފާ މާލެ އައިއިރު ހަމްދާން ހުރީ މާސިތާއާ ގުޅުންކަނޑާލައި ގުލްފާއާ އަލުން ގުޅިގެން ދިރިއުޅުން އުޖާލާ ކުރުމަށް ނިންމައިގެން ނެވެ. ގުލްފާ އައުން ލަސްވެ ސަކުވާ ކޮށްލަކޮށްލަ އެވެ.
ގުލްފާއާ ބައްދަލުކުރުމަށް ހަމްދާން ދިން ދަޢުވަތު ގުލްފާ ގަބޫލުކުރިއެވެ. ހަމްދާން އެދުނު ފަދައިން އޭނަ ބުނި ގަޑިއަށް އޭނަ ބުނި ރެސްޓޯރެންޓަށް ދިޔައެވެ.
ގުލްފާއާއެކުގައި ރެސްޓޯރެންޓަށް ވަދެގެން އައި މާސިތާ ފެނުމުން ހަމްދާނަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި އެތައްއިރަކު އިނދެވުނެވެ. މާސިތާ އާއި ގުލްފާގެ ފަރާތުން ފެންނަމުންދަނީ ކުރިން ވެސް އެދެ މީހުންގެ މެދުގައިވާ ގާތް ރަހުމަތްތެރި ކަމެވެ.
ރެސްޓޯރެންޓަށް ވަދެގެން އައި ގުލްފާ އާއި މާސިތާ އައިގޮތަށް އައިސް ހަމްދާންއިން މޭޒުކައިރީގައި އިށީނެވެ. އަދި އެކަކު އަނެކަކަށް ބަލާލަމުން ކޮންމެވެސް ވަރަކަށް ހިނިތުންވެލި އެވެ.
ހަމްދާނަށް މާސިތާ ތަޢާރަފް ކޮށްދީ މާސިތާއަށް ހަމްދާން ތަޢާރަފް ކޮށްދެމުން ހަމްދާނަށް މާސިތާ އެނގޭތޯ ގުލްފާ ސުވާލު ކުރިއެވެ. ގުލްފާގެ ސުވާލަށް ޖަވާބުދޭން ހަމްދާން ބޭނުންވި ނަމަވެސް ޖަވާބުދޭކަށް ނުކެރުނެވެ. އެކަމާއި ގުޅޭގޮތުން އެކައްޗެކޭ ވެސް ބުނާކަށް ނުކެރުނެވެ.
ގުލްފާގެ ސުވާލަށް ޖަވާބުދޭން ހަމްދާނަށް ނުކެރޭނެކަމާއި އެސުވާލުގެ ޖަވާބު ގުލްފާއަށް އެނގޭކަމަށް ގުލްފާ ބުންޏެވެ.
ގުލްފާގެ އެޖުމްލައާއެކު ހަމްދާންގެ ހަތަރުއުދަރެސް ފެނުޖެހުނު ކަހަލައެވެ. ބުނާނެއެއްޗެއް ކުރާނެ ހަރަކާތެއް ނޭނގުނެވެ. އެކަމާއިމެދު ވިސްނާލެވުނީ ދެނެވެ.
ހަމްދާނަށް ވިސްނުނު ގޮތުގައި އޭނާއާ ގުޅިގެން މާސިތާ އެއުޅުނީ ގުލްފާ އާއި މާސިތާ ރާވައިގެންނެވެ. އޭނާއާ މާސިތާގެ މެދުގައި ހިނގާދިޔަ ހުރިހާކަމެއް، އެކަމާއި ގުޅުންހުރި ހުރިހާ މަޢުލޫމާތެއް މާސިތާގެ ފަރާތުން ގުލްފާއަށް މިހާރުވާނީ ލިބިފައިކަމަށް ވެސް ހަމްދާނަށް ގަބޫލު ކުރެވުނެވެ.
ހަމްދާން ވިސްނަމުންދާ ކަންތައް ގުލްފާއަށް އެނގޭކަމަށާއި އެކަމާއި ވިސްނަން މާބޮޑަށް ލަސްވެއްޖެކަމަށް ގުލްފާ ބުންޏެވެ. ހަމްދާން އޭނަދެކެ ލޯބިވާވަރާއި އޭނާއާ ގުޅިގެން އުފާވެރި މުސްތަޤުބަލެއް ހޯދަން ބޭނުންވާވަރު އެންމެ ޓެސްޓަކުން އެނގިއްޖެކަމާއި އެޓެސްޓުން ހަމްދާން ފޭލްވެއްޖެ ކަމަށް ވެސް ގުލްފާ ބުންޏެވެ.
އޭނާ ކުރި އެންމެ ޓެސްޓަކުން ފޭލްވި މީހަކާއި ގުޅިގެން އޭނަ ބޭނުންވާފަދަ މުސްތަޤުބަލެއް ނުލިބޭނެކަމުގައި ގުލްފާ ބުންޏެވެ. ހަމްދާނަކީ ކޮން ފެންވަރެއްގެ ކާކުކަމާއި ހަމްދާންގެ ތެދުވެރިކަމާއި ވަފާތެރިކަން ވެސް އެނގިއްޖެކަމަށް ގުލްފާ ބުންޏެވެ.
ގުލްފާގެ ވާހަކަތަކަށް ޖަވާބު ދިނުމުގެގޮތުން ހަމްދާނަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ޙަޤީޤަތް ގަބޫލްކޮށް ކުށަށް އިޢުތިރާފްވެގެން އިނުން ފިޔަވައި އެހެން އެއްވެސް ކަމެއް ވެސް ހަމްދާނަކަށް ނުކުރެވުނުނެވެ.
ހަމްދާނާއި މާސިތާ ބޭނުންނަމަ ގުޅިގެން އުފާވެރި މުސްތަޤުބަލެއް ހޯދުމަށް އެދޭކަމަށް ބުނަމުން ގުލްފާ ކޮޅަށް ތެދުވިއެވެ. އެތަނުން ނުކުންނަން ގުލްފާ ހިނގައިގަތުމުން އޭނާގެ ފަހަތުން މާސިތާ ވެސް ހިނގައިގަތެވެ.
ހަމްދާން މާސިތާއާ ގުޅުންކަނޑާލައި އަނެއްކާ ވެސް ގުލްފާއާ ދިމާއަށް ދިޔައިރު ގުލްފާ ހުރީ ހަމްދާން އާ ގުޅުން ކަނޑާލަން ނިންމައިގެން ނެވެ. ހަމްދާންގެ ޙަޤީޤަތް، ހަމްދާންގެ އަސްލު ސިފަ ގުލްފާ ވަރަށް ރަނގަޅަށް ބަލައިފި އެވެ.
އަނެއްކާ ވެސް ގުލްފާއާ ގުޅިގެން އުފާވެރިހަމަޖެހޭ މުސްތަޤުބަލްއެއް ހޯދަން ބޭނުންކަމަށް ބުނެ ހަމްދާން އާދޭސް ކުރަމުން ދިޔަ ނަމަވެސް އެވާހަކަތައް އަޑުއަހާކަށް ހަމްދާނަށް ފުރުސަތުދޭކަށް ގުލްފާ ބޭނުމެއް ނުވިއެވެ. އިތުރަށް ހަމްދާނާއި ގުޅިގެން އުޅެން ބޭނުން ނޫން ކަމަށާއި ހަމްދާނާއި ވާހަކަދައްކަން ވެސް ބޭނުން ނޫން ކަމަށް ގުލްފާ ބުނަމުން ދިޔައެވެ.
ދެމީދާ ފަހައި ދުވި ބުޅަލަށް ވީވަރުވެ، މާސިތާ އާއި ގުލްފާ ވެސް އަތުން ބީވެ ހަމްދާން އެކަނިވީ އެވެ. އޭނާއަށް ޢަމަލު ކުރެވުނު ގޮތާއިމެދުގައި ވިސްނާލެވި ކުށް ގަބޫލް ކުރެވުނެވެ. އެފަދަ ޢަމަލެއް ދެވަނަފަހަރަށް ނުކުރުމަށް ވެސް ނިންމި އެވެ. އެހެނަސް އޭރު މާބޮޑަށް ލަސްވެއްޖެ އެވެ.
ނިމުނީ
ވަރަށް ރީތި