ހިތާމަ ލޯބީގެ

ލަސްވެއްޖެ ( 2 )

ކުޑަކޮށް ވިސްނާލުމަށްފަހު ހަމްދާން އަނެއްކާ ވެސް އޮށޯތީ ދަތުރުގެ ބައިވެރިން ބައްދަލުވާ ވަގުތަކުން އެކުއްޖާ ފާހަގަ ކުރުމަށް ނިންމައިގެން ނެވެ. އެއަންހެންކުއްޖާ ކޮންމެތާކުން ފެނުނަސް ވަކިކުރަން އެނގޭނެކަން ހަމްދާނަށް ޔަގީންވެ އެވެ.

ވަގުތުތައް ފާއިތުވަމުން އައިސް ހަވީރު ވަގުތުވުމުން ހަވީރުގެ ސަޔަށް ކާގެ ސަރަހައްދަށް މީހުންތައް ޖަމާވާން ފެށިއެވެ. ހަމްދާން ވިސްނައި ސަމާލުވެގެން ހުރީ އޭނާއަށް ޖެއްސުންކުރި އަންހެންކުއްޖާ ފާހަގަކުރާށެވެ. އޭނާ ވަރަށް ފަރުވާ ތެރިކަމާއިއެކު، އެހެނަސް އެހެން އެއްވެސް މީހަކަށް ސައްކު ވެސް ނުވާނެހެން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.

ހެދިކާތައްޓަކާއި ސައިޖޯޑެއް ހިފައިގެން މަގޫގަހެއް ކައިރީ އިށީންދެލައިގެން އިން އަންހެންކުއްޖާ ހަމްދާނަށް ފެނުނީ ކުއްލި އަކަށް ކަހަލަ ގޮތަކަށެވެ. ގަދަރަތް ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްލައިގެން އިން އެއަންހެންކުއްޖާއަކީ ހަމްދާން ނިދަން އޮއްވައި އޭނައަށް އުނދަގޫ ކުރި އަންހެންކުއްޖާކަން ހަމްދާނަށް ޔަގީންވެ އޭނާގެ ގޮތް ހޯދުމުގެ މަސައްކަތް ފެށިއެވެ. ހަމްދާން ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެ އެވެ. އެހެންމީހަކަށް އެކަމާއިބެހޭ އެއްވެސް މަޢުލޫމާތެއް ދޭކަށް އޭނަ ބޭނުމެއް ވެސް ނުވެއެވެ.

އުނިގަސް ކައިރީގައި ހަމްދާން ނިދަން އޮއްވައި އުނދަގޫކުރި އަންހެން ކުއްޖަކީ މާސިތާކަން އެނގުމުން ހަމްދާން ވަރަށް ހައިރާން ވިއެވެ. އެއްފަހަރައި އެތައް ސުވާލެއް ހިތުގައި އުފެދުނެވެ. މާސިތާ ފަދަ ރީތިކަމާއި ފުރިހަމަކަމުގައި އެފަދަ ދެވަނައެއް ނެތް އަންހެން ކުއްޖަކު އޭނާއާ ސަމާސާ ކުރުމުން ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ވެސް ލިބުނެވެ. އޭނަ އެގޮތަށް ކަންތައްކުރީ ކީއްވެގެންކަން ޔަގީން ކުރަން އިތުރަށް ބޭނުން ވެސް ވިއެވެ.

ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ މާސިތާ އެފަދައިން ކަންތައް ކުރީ ކޮން މަޤްޞަދެއްގައިތޯ ބެލުމަށް ވެސް ހަމްދާން ހުރީ ނިންމައިގެން ނެވެ. އެހެން މީހަކަށް ސައްކެއް ވެސް ނުވާނެހެން އެފަދަ ފުރުސަތެއް ލިބޭތޯ ހަމްދާން ބަލަމުން ދިޔައެވެ.

ހަވީރުގެ ސަޔަށްފަހު ދެންއޮތީ ހަވީރުގެ ކުޅިވަރުތަކެވެ. އެއްބަޔަކު ފުޓްބޯޅަ ކުޅެން ތިބިއިރު ވޮލީބޯޅަ ކުޅެން ވެސް ބަޔަކު ތިއްބެވެ. ދިޔަވަރު ހިކުމުގެ ސަބަބުން ފަޅުތެރޭން ހިކިފައިވާ ކުދި ފިނޮޅުތަކަށް ގޮސް ދުވެ މަޖާކުރުމާއި ވެލީގެ ކުޅިވަރު ތަކުގައި ވެސް އެއްބަޔަކު އުޅެމުން ދިޔައެވެ. އިރުއޮއްސޭ މަންޒަރާއި ކުޅިވަރުގެ މަޖާކުރުންތައް ފޮޓޯނެގުމާއިގެން ވެސް ޒުވާނަކު އުޅުނެވެ.

އެންމެން ވެސް ތިބީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. އިރުއޮއްސުމާއިއެކު އެންމެން ވެސް އަވަސްވެގަތީ މަޣުރިބު ނަމާދު ކުރާށެވެ. އިރުއޮއްސުމުން ރަށުތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމާއިއެކު ކޮންމެ ވެސް ވަރެއްގެ ހަމަހިމޭން ކަމެއް ވެސް ވެރިވެގެން ދިޔައެވެ. ވަގުތީގޮތުން ހަރުކޮށްފައިވާ މާކަރީލައިޓްތައް ދިއްލައި ރަށުގެ މުހިންމު ސަރަހައްދުތަކަށް އަލިކުރިއެވެ.

ހަމްދާންމެން އެންމެން ތިބީ ރަށުގެ ދެކުނުފަރާތުގައި ހެދިފައިވާ ސާފް ރީތި ދޮންވެލިގަނޑުމަތީގައި އިށީންދެލައިގެން ވާހަކަދައްކައި ހިޔާލު ބަދަލުކޮށްލާށެވެ. ރަށުގެ އުތުރު ފަރާތަށް އައުމަށް ގުލްފާ މެސެޖް ކުރުމުން ހަމްދާން އެތަނުން ތެދުވެގެން ހިނގައިގަތެވެ.

މިރަށަށް އައިއްސުރެ ފެށިގެން ހަމްދާން އިންތިޒާރު ކުރަމުން ދިޔައީ އޭނާ އާއި ގުލްފާ އެކަނިތިބެ ވާހަކަދައްކާލާނެ ފުރުސަތެއް ލިބޭނެ ވަގުތަކަށެވެ. އެފަދަ ބައްދަލުވުމަކަށް އެންމެ އެކަށީގެންވާ އެއްވަގުތަކީ މިއީކަމުގައި ގަބޫލްކުރާ ހަމްދާންގެ މޫނުމަތިން ފާޅުވީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ހަމްދާން ހިނގަމުން ދިޔައީ ރަށުގެ ހުޅަނގުކޮޅު ވަށާލާފައި ރަށުގެ އުތުރުފަރާތަށް ދާށެވެ.

ހަމްދާން ގޮސް ހުޅަނގުކޮޅު ވަށާލާފައި އުތުރުފަރާތަށް މިސްރާބުޖެހިތާ މާގިނައިރެއް ނުވަނީސް ގުލްފާ ފެނިއްޖެ އެވެ.  ގުލްފާއަށް ހަމްދާން ނުފެންނާތީ އާއި އެހިސާބުން އެދެމީހުން ފިޔަވައި އެހެންމީހަކު ފެންނަންނެތުމުން ހަމްދާން ގަސްދުކުރީ ގުލްފާއާ ލޯބި ކޮށްލާ ށެވެ.

ހަމްދާން ދިޔަގޮތަށް ގޮސް ގުލްފާގެ ފުރަގަހަށް ހުއްޓެމުން ގުލްފާގެގައިގާ ބައްދާލި އެވެ. ހަމްދާނާއި ދިމާއަށް ގުލްފާ ބަލައިލީ ސިއްސައިގެން ގޮސްފަ އެވެ. ހަތަރުކަޅި ހަމަވުމާއިއެކު ދެމީހުންގެ ކިބައިން ވެސް އުފަލާއި ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ.

ގުލްފާ އާއި ހަމްދާން ލޯބީގެ އަހުދުތަކާއި ވައުދުތައްވެ އެކަކު އަނެކަކުގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ހޯދައި އުފަލާއި ހިތްހަމަޖެހުން ދިނުމުގައި ތިރީހަކަށް މިނިޓް ތިއްބެވެ. މިފަދަ ދަތުރެއްގައި މިފަދަ ގޮތަކަށް އެހާގިނައިރު ތިބުމަކީ ރަނގަޅުގޮތަކަށް ނުވާނެކަން ދެމީހުނަށް ވެސް އެނގެއެވެ. އަވަސް އަވަހަށް ދެމީހުން ދެމަގުން މީހުންތަކާއި ދިމާއަށް މިސްރާބުޖެހި އެވެ.

މީހުންތަކާއި ދިމާއަށް ދިއުމަށް ގުލްފާ މިސްރާބުޖެހީ ދުރުމަގުން ނަމަވެސް ހަމްދާން އެތަނަށް އައިއިރު ގުލްފާ ހުރީ އެތަނުގަ އެވެ. ހަމްދާނަށްވުރެ ކުރިން އެތަނަށް އައުމަށްޓަކައި ގުލްފާ ދުވެފައި އައިކަމެއް ހަމްދާނަކަށް ނޭނގެއެވެ. އޭނާއަށްވުރެ ކުރިން ގުލްފާ އައުމުން ލިބުނު ހައިރާންކަމުގެ ސަބަބުން އެކަމާއިބެހޭގޮތުން ސުވާލުކުރަން ބޭނުންވި ނަމަވެސް ހަމްދާނަކަށް ފުރުސަތެއް ނުލިބުނެވެ.

ދަތުރު ނިންމާލުމަށްފަހު ގުލްފާމެން މާލެ އައީ ޖެހިގެން އައި ދުވަހުގެ މެންދުރެއްކަން ހާއިރުއެވެ.

ދަތުރުގެ ކަންތައްތައް ނިންމާލުމަށްފަހު އެމީހަކު އެމީހެއްގެ ގެއާއި ދިމާއަށް މިސްރާބުޖެހި އެވެ. ގުލްފާ އާއި ހަމްދާން ވަކިވީ މިރޭ ބައްދަލުކުރުމަށް އެއްބަސްވެ ތަނާއި ގަޑި ވެސް ހަމަޖައްސައިފަ އެވެ.

ސްޓޭޖްކައިރިން ލާފައި ހެދިގޮނޑުދޮށް ސަރަހައްދަށް ވަދެ، އެތަނުގައިވާ އަށިތަކާއި ދިމާއަށް މިސްރާބުޖެހި ވަގުތު ހަމްދާންގެ ނަޒަރު ހުއްޓުނީ އެވަގުތު މޫދުން އަރައިގެން އައި އަންހެންކުއްޖާއާ ދިމާއަށެވެ. އެއަންހެންކުއްޖާ ވެސް ހުރީ ހަމްދާންއާ ދިމާއަށް ބަލާށެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް އެއީ މާސިތާކަން ހަމްދާނަށް ޔަގީން ވިއެވެ.

މާސިތާއާ ދިމާއަށް ހަމްދާން ބަލަހައްޓައިގެން ހުއްޓައި މާސިތާ ގޮސް އެތަނުގައިވާ ގަސްތަކުގެ އަނެއްފަރާތާއި ނިވާވެއްޖެ އެވެ. އެދިމާއަށް ކަޅިހުއްޓި ހަރަކާތް ހުއްޓިފައި ހުރި ހަމްދާން ސިއްސައިގެން ދިޔައީ ފޯނު ރިންގްވާން ފެށުމުންނެވެ.

ހަމްދާން އަވަސް އަވަހަށް ޖީބުން ފޯނު ނަގައި ބަލާލިއިރު އޭނާއަށް ގުޅަނީ ގުލްފާ އެވެ.

ގުލްފާ އާއި ހަމްދާން ފޯނުން ވާހަކަދައްކާލުމަށްފަހު ގުލްފާ ބުނި ދިމާއަށް ދިއުމަށް ހަމްދާން މިސްރާބު ޖެހިއެވެ. އޭރު ވެސް ހަމްދާންގެ ހިތުގައި ސިފަވަމުން ދަނީ މާސިތާގެ ސޫރަ ކަމަށްވާތީ މާސިތާ ފެނޭތޯ ވެސް ބަލަމުންދިޔަ އެވެ. އެހިސާބުގައި މީހުން ގިނަވެފައި ހަލަބޮލިކަން ވަރަށް ބޮޑެވެ. އެއްބަޔަކު ކުޅެ މަޖާކުރުމާއިގެން އުޅެމުންދިޔައިރު ކަސްރަތުކުރުމާއިގެން އުޅެމުންދިޔަ މީހުން ވެސް މަދެއް ނޫނެވެ.

ގުލްފާ އާއި ހަމްދާން ލޯބީގެ އަހުދުތަކާއި ވައުދުތައްވެ ކުރިމަގަށް ރޭވުންތައް ރާވަމުން ދިޔައީ އެތަނުގައިވާ ހޮޓާތަކުން ހޮޓަލެއްގެ މޭޒެއްކައިރީގައި ތިބެގެންނެވެ. ދެމީހުން ތިބި ގޮތުންނާއި ޢަމަލުތައް ހުރިގޮތުން އެދެމެދުގައިވާ ގުޅުން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

ކޮންމެ ސައުވީސް ގަޑިއިރަކުން ދުވަހެއް މާޒީއާ އެކުވަމުން ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައެވެ.

އޮފީހުގެ ފަރާތުން ރާއްޖެތެރޭގައި ކުރަމުންދާ މަސައްކަތަކަށް ރާއްޖެތެރެއަށްދާ ޓީމުގައި ގުލްފާ ހިމެނުން ވެގެންދިޔައީ އޭނައަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށެވެ. އެފަދަ ދަތުރުތަކުގައި ބައިވެރިވެ ތަފާތުތަޖުރިބާތައް ކުރުމަކީ ގުލްފާ އަބަދުވެސް ކުރާހިތްވާ ކަމެކެވެ. ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ގުލްފާ އަތުކުރި އޮޅާލިއެވެ.

އޮފީހުގެ ފަރާތުން ރާއްޖެތެރޭގައި ކުރާ ތަހުލީލުތަކަށް ރާއްޖެތެރެއަށްދާ ވަފުދާއި އެކުގައި ގުލްފާ ވެސް ރާއްޖެތެރެއަށް ދާންޖެހުން ވެގެންދިޔައީ ގުލްފާ އާއި ހަމްދާނަށް ލިބިގެންދިޔަ ވަރަށްބޮޑު މާޔޫސް ކަމަކަށެވެ. އެހެނަސް އެކަމަކީ، އެކަމުގެ ސަބަބުން ގުލްފާއަށް ކުރިއެރުން ތަކެއް އަންނާނެ ކަމަކަށް ވާތީ އެކަމާއިމެދު ދެމީހުން ވެސް އުފާކުރި އެވެ.

ކިތަންމެ ދުރުގައި ތިބި ނަމަވެސް ވަކިނުވެ އެކުގައިވުމަށް އަހުދުތަކާއި ވައުދުތައްވަމުން ފޯނުން ގުޅުން ކުރިޔަށް ގެންދިއުމަށް މަޝްވަރާތައް ކުރަމުން އެއްމަސް ދުވަހަށް ރާއްޖެތެރެއަށް ގުލްފާ ފުރައިފި އެވެ.

ދުރުގައި އުޅެންޖެހުމުން ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމަކާއި ހިތްދަތި ކަމެއް ކުރިމަތިވި ނަމަވެސް މުސްތަގުބަލަށް  ވިސްނައި ދެމީހުން ވެސް ހިތްހަމަ ޖައްސާލި އެވެ. އަބަދު ވެސް އެކަކު އަނެކަކާއި އެކުގައި ވުމަށް އަނެކާއަށް ހިތްވަރު ދިނެވެ.

ގުލްފާ ފުރައިގެން ދިއުމުން ހަމްދާން ވަރަށްދެރަވެ މާޔޫސް ވިއެވެ. އެކަމުގެ ހިތާމާގައި ކެއިން ބުއިމުން މަހުރޫމްވެފައި ކަހަލަ ގޮތަކަށް އެތައްދުވަހެއް ހޭދަކުރަން ޖެހުނު ވެސް މެއެވެ. ވިސްނާ ވިސްނާ ހަދާނެގޮތް ހުސްވި އެތައް ދުވަހެއް ވެސް އައެވެ. ރާއްޖެތެރޭގައި ގުލްފާމެން ކުރަމުން ދިޔަ މަސައްކަތްތަކުގައި ވަގުތު ހޭދަކުރަން ޖެހޭލެއް ގިނަކަމުން ބޭނުންވަރަކަށް ހަމްދާނާއި ވާހަކަދައްކަން ވަގުތު ހޭދަ ކުރެވޭކަށް ނޯވެއެވެ.

ގުލްފާ ފުރައިގެން ދިއުމުން ލިބުނު ހިތާމައާއި ހިތްދަތިކަމުގައި ވަގުތުތައް ހޭދަކުރަމުން ދިޔަ ހަމްދާނަށް އެކަމުގައި އެންމެ ރަނގަޅުގޮތަކަށް ވިސްނުނީ ކޮޓަރީގައި އޮވެގެން އެކަމާއިމެދު ވިސްނާ ފިކުރުކުރުމުގެ ބަދަލުގައި ބޭރުތެރެއަށް ނުކުމެލައި ކޮންމެ ވެސް ވަރަކަށް ބޭރުގައި ވަގުތު ހޭދަކުރުމެވެ.

އިރާކޮޅުގެ ވަގުތެވެ. ފޫހިފިލުވާލުމަށްޓަކައި ގެއިން ނުކުތް ހަމްދާންގެ މިސްރާބަކަށްވީ ހެދިގޮނޑުދޮށް ސަރަހައްދެވެ. މިފަދަ ވަގުތެއްގައި އެންމެ ހިތްގައިމު ވާނީ އެސަރަހައްދު ކަމުގައި ހަމްދާނަށް ގަބޫލްކުރެވެނުވެ. މިވަގުތު އެންމެ މީހުން ގިނަވެފައި ހަރަކާތްތައް ވެސް އެންމެ ގިނަވާނީ އެސަރަހައްދު ކަމުގައި ވާތީއާ ވެސް އެކުގައެވެ. ހެދިގޮނޑުދޮށުގައިވާ ކުޑަތަކުން ކުޑައެއްކައިރީ ހަދާފައިވާ ސިމެންތި އަށްޓެއްމަތީގައި އިށީނދެލައިގެން އިން ހަމްދާން ސިއްސައިގެން ދިޔައީ އެދިމާ މޫދުން އަރައިގެން އައި މާސިތާ ފެނުމުން ނެވެ. ގަދަރަތްކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްލައިގެން ހުރި މާސިތާ ފެނުމުން ހަމްދާން ކޮންމެ ވެސް ވަރަކަށް ސިހުނެވެ.

ކުއްލިއަކަށް ހަމްދާނަށް ހަނދާންވީ ގުލްފާމެނާއި އެކުގައި ބޮޑުކާށިހުރާއަށް ދިޔަ ދަތުރެވެ. އެދަތުރުގައި ހަމްދާންމެނާއި އެކުގައި މާސިތާ ވެސް ބައިވެރިވި އެވެ.

އެދަތުރު ނިންމާފައި އައީއްސުރެ ހަމްދާނަށް ވިސްނެމުންދިޔަ އެއްކަމަކީ އެރަށުގައި މާސިތާ އޭނާއަށް ކުރިޖެއްސުމާއި ކުރި މަޖަލެވެ. ބައެއް ފަހަރު މާސިތާގެ ފަރާތުން އޭނާއާ މެދުގައި ބެހެއްޓި ގާތްކަމެވެ.

މާސިތާއާ މެދުގައި ވިސްނާއި ފިކުރުކުރަން އިންދައި ހަމްދާނަށް މާސިތާ ގެއްލިއްޖެ އެވެ. މާސިތާ މޫދުން އަރައިގެން އައިސް ގަސްތަކުގެ އަނެއްފަރާތަށް ވަނީ ކަމުގައި ހަމްދާން އަމިއްލައަށް ނިންމިއެވެ.

މާސިތާ އެތަނަށް އައިސް އުޅެނީ ކޮންބަޔަކާއި އެކުގައިތޯ ބެލުމުގެ ސަޢުޤުވެރިކަން ހިތުގައި އުފެދުމުން ހަމްދާން ގޮސް ދުރުދުރުން ގަސްތަކުގެ އަނެއްފަރާތް ބަލާލިއެވެ.

ހަމްދާން ބަލާލިއިރު އެތަނުގައި ދެޖިންސްގެ އެތައްބައިވަރު ޒުވާނުންނެއް ތިއްބެވެ. އޭގެތެރޭގައި މޫދަށް އެރެން އައިސް ތިބި ޒުވާނުންނާއި މޫދުން އަރައިގެން ގެއަށް ދިއުމަށް ތައްޔާރުވަމުންދާ ޒުވާނުން ވެސް ހިމެނެއެވެ.

ދިހަވަރަކަށްމިނިޓް ހަމްދާން ކުރި މަސައްކަތުން ވެސް މާސިތާއެއް ނުފެނުނެވެ. އެހެންކަމުން ހަމްދާނަށް ޔަގީންކުރެވުނީ އޭނާ އެފަރާތަށް އައި ވަގުތު މާސިތާ އެތަނުން ދިޔައީ ކަމެވެ.

މާސިތާއާ މެދުގައި ވިސްނާ ފިކުރުކުރަން އެތައްއިރަކު މަޑުކުރުމަށްފަހު ހަމްދާން ގެއާ ދިމާއަށް މިސްރާބު ޖެހިއިރު އެގާރަ ޖަހަނީ އެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދާވަރަކަށް ހަމްދާނަށް މާސިތާއާ މެދުގައި ވިސްނޭ ވަގުތު ވެސް ގިނަވަމުން ދިޔައެވެ. މާސިތާގެ ސޫރަ ހަމްދާންގެ ހިތުގައިފެވެމުން ބިންވަޅުނެގެމުން ދިޔައެވެ. މާސިތާއާ ބައްދަލުކޮށް ވާހަކަދައްކާލާން ވެސް ބޭނުންވާން ފެށިއެވެ.

ހަމްދާނަށް ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް ހަމްދާން ފިޔަވާ އެހެންމީހަކަށް މިކަމެއް ނޭނގެއެވެ. އެހެންމީހަކަށް އެކަން އެނގޭކަށް އޭނާ ބޭނުމެއް ވެސްނުވެއެވެ.

ހަމްދާނާއި ދުރުގައި އުޅެންޖެހުނު ނަމަވެސް ގުލްފާގެ ހިތުން ހަމްދާންގެ ހަނދާންތައް ފިލާނުދެއެވެ. ރާއްޖެތެރެއަށް ގޮސް އުޅެމުން ދިޔައިރު ވެސް  އަބަދުހެން ގުލްފާއަށް ވިސްނެނީ ހަމްދާނާއި މެދުގައެވެ. ހަމްދާނާއި ބައްދަލުވާނެ ނުވަތަ ވާހަކަ ދައްކާލެވޭނެ ވަގުތަކަށް ގުލްފާ އިންތިޒާރުކުރަމުން ދިޔައެވެ.

ހަމްދާން އޭނާގެ އާދައިގެމަތިން މިރޭ ވެސް ހެދިގޮޑުދޮށް ސަރަހައްދަށް ދިޔައީ މާސިތާ ފެނޭތޯ އެވެ.

މިރޭ ހަމްދާން ނިންމައިގެން ހުރީ މާސިތާ ފެންނައިރަށް އޭނާ ކައިރިއަށް ގޮސް ވާހަކަދައްކާށެވެ. އޭނާއާ އެކުގައި ކިތަންމެ ބައިވަރު މީހުން އައިސް ތިބި ނަމަވެސް އެމީހުނަށް ބަލާކަށް ހަމްދާން ބޭނުމެއް ނުވެއެވެ.  މީހަކާއި ވާހަކަ ދައްކާލާން ބޭނުންވާ ކޮންމެ ފަހަރަކު މީހުނަށް ބެލުމަކީ މުހިންމު ކަމެއްކަމުގައި ވެސް ހަމްދާން ނުދެކެއެވެ. އެހެން ބަލާންވެއްޖެނަމަ އެކަމުގައި ކުރިމަގެއް ނެތްކަން ވެސް އޭނާއައް އެނގެއެވެ.

ހެދިގޮނޑުދޮށް ސަރަހައްދުގައި މަޑުކޮށްލައިގެން މޫދާއި ދިމާއަށް ބަލަންހުރި ހަމްދާން ސިއްސައިގެން ދިޔައީ މޫދުން އަރައިގެން އައި މާސިތާ ފެނުމުންނެވެ. މިރޭ ވެސް މާސިތާ ހުރީ އޭނާ އާންމުކޮށް މޫދަށް އެރެން އަންނައިރު ބޭނުންކުރާ ރަތްކުލައިގެ ޓީޝާޓާއި ކަޅު ކުލައިގެ ސޯޓް ލައިގެންނެވެ.

ހަމްދާނަށް މާސިތާ ފެނުމާއިއެކު މާސިތާއާ ދިމާއަށް މިސްރާބުޖެހިއިރު އެސަރަހައްދުގައި ހެލިފެލިވަމުންދިޔަ އެއްވެސް މީހަކަށް ހަމްދާން ނުބަލައެވެ. ހަލުވި ހިނގުމެއްގައި ހަމްދާން މިސްރާބު ޖަހާފައިވަނީ މާސިތާ އާއި ދިމާއަށް ނަމަވެސް، މާސިތާއަށް އެކަން އެނގޭހެނެއް ހިޔެއް ނުވެއެވެ.

ނުވެސް ވިސްނައި ހުއްޓައި ކުއްލިއަކަށް ކަހަލަގޮތަކަށް ހަމްދާންގެ ކުރިމަތިން މީހަކު ހުރަސް ކުރުމުން، އެމީހާއާ ދިމާއަށް ހަމްދާން ބަލާލި ވަގުތު ހަމްދާންގެ ލޯ ކުރިމަތިން މާސިތާ ގެއްލިއްޖެ އެވެ. އެކަމުގެ ސަބަބުން އެމީހާދެކެ ހަމްދާން ވަރަށްރުޅި އައެވެ.

ހަމްދާން އަވަސް އަވަހަށް ގޮސް އެތަނުގައިވާ ގަސްތަކުގެ ވަށައިގެންނާއި އެތަނުގައި ހަރަކާތްތެރި ވަމުންދިޔަ މީހުންތަކަށް ބަލަން ފެށިއެވެ. އެތައްއިރަކު ހަމްދާން މަސައްކަތްކޮށް ވެސް މާސިތާއެއް ނުފެނުނެވެ. އެހެން ރޭރޭ ފަދައިން މިރޭ ވެސް ހަމްދާނަށް މާސިތާ ގެއްލުނީ އެވެ.

ނުނިމޭ

0
0
މިއީ " ލަސްވެއްޖެ " އަށް ހުށަހަޅާފައިވާ 4 ޕާޓްގެ ތެރެއިން 2 ވަނަ ޕާޓެވެ.

Leave a Reply

Your email address will not be published.